
ޒާޔާ (ސީޒަން 2) – 19

“ކޮންކަމެއް ތީ މަންމާ؟” އިޒްވާގެ އަތުގައި އޮތް ތަށި އަތުލަމުން ރާމިޝް ބުންޏެވެ. “އޭނަ މަންމައަށް ކޮން އުނދަގުލެއް ކުރަނީތަ؟ ދަންވަރު ވަގުތު މީހުނާ ދިމާޔަށް އެއްޗެހި ގޮވަން މީ ކޮންފަދަ ކަމެއް؟ އޭނަ މަންމައަށް ކޮން އުނދަގުލެއް ކުރާތީތަ މަންމަ އޭނައަށް ތިހާ އެއްޗެއްސެއް ތި ގޮވަނީ؟” ޒަމްލާގެ ދިފާއުގައި ރާމިޝް ވާހަކަ ދެއްކުމުން އިޒްވާއަށް ކަމަކު ނުދިޔައެވެ. “ރާމިޝްއަށް އަދިވެސް ރަނގަޅީ އޭނަ؟ މުޑުދާރު އަންހެނެއް.” ޒަމްލާއޭ ބުނެ އޭނާގެ މަންމަ ފަރާތުން ރާމިޝްއަށް އެ އިވުނު ބަސްތަކަކީ އަޑުއަހަން ކުޅަދާނަވި ބަސްތަކަކަށް ނުވިއެވެ. އައި ރުޅީގައި، ރާމިޝްއަށް އޭނާގެ މަންމަގެ މޫނުމަތީ ޖެހުނެވެ. އެއީ އޭނާގެ އިޚްތުޔާރުން ބޭރުގައި ކުރެވުނު ކަމެކެވެ. ރާމިޝް ގާތަށް އެ އައި ގަދަ ރުޅީގެ ފަހަތުގައި ވަނީ ކޮންކަމެއް ހެއްޔެވެ؟ ޒަމްލާއަށް ޓަކައި އެ ހިތުގައިވި ލޯބިބާއެވެ. ނުވަތަ މަންމައަށް ޓަކައި އެ ހިތުގައިވި ރުޅިވެރިކަމާ ނަފްރަތު ހެއްޔެވެ؟
***********
ގަޑިން މެންދަމުން އަލިވެ ތިން ގަޑި ބައިވެއްޖެއެވެ. ރާމިޝް އިނީ ރަސްފަންނުގައި ބަހައްޓާފައި ހުރި ޖޯލިތަކުން ކުރެ ޖޯއްޔެއްގައެވެ. މިރޭ ކުރެވުނު ކަންތަކާމެދު އޭނާ ދެރަވެފައި އިންކަން އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހެކިކޮށްދެއެވެ. ހަނދާން ހުންނަން ފެށީއްސުރެ މިއަދާ ހަމައަށް އޭނާގެ މަންމައަށް އަތް އިސްކޮށްފައެއް ނުވެއެވެ. ރާމިޝް އާއި އިޒްވާއާ ދެމެދު މާާ ބޮޑު ގުޅުމެއް ނެތަސް ރާމިޝް ދުވަހަކުވެސް އެފަދަ ކަމެއް ކޮށްފައެއް ނުވެއެވެ.
ރާމިޝްގެ ޙަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވާނީ ރާއްޖެއިން ބޭރުގައެވެ. ރާމިޝް އުޅުނީ އޭނާގެ ބައްޕަ ގާތުގައެވެ. ރާމިޝްގެ ބައްޕަ، ރިޔާޒަކީ އިންޑިއާގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރު ރިޔާޒް މާލެއަށް ކުރި ދަތުރެއްގައި އިޒްވާއާ ބައްދަލުވިއެވެ. ދެމީހުންވެސް ދެކެ ފަރިތަވެ އެކަކު އަނެކަކު ކައިވެނީގެ ގޮތުން ގުޅުނީ އޭގެ އެއް އަހަރު ފަހުންނެވެ. އެ ދެމަފިރިންނަށް ރާމިޝް ލިބި، އަހަރުތަކެއް ފަހުން ރިޔާޒް ހީނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް އޭނާގެ އަނބިމީހާ ފަރާތުން ފެންނަން ފެށިއެވެ. އެންމެ ފަހުން ދެމަފިރިންގެ ކައިވެނި ރޫޅިގެން ދިޔައީ އިޒްވާ އަރައިގަންނަމުން ދިޔަ ބޮޑެތި ފާފަތަކުގެ ސަބަބުންނެވެ. ރިޔާޒް ސިއްރިއްޔާތުގައި އިޒްވާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެކަން އޭނާއަށް ކާމިޔާބު ނުވުމުން އެންމެ ފަހުން އޭނާ ދޫކޮށްލީއެވެ.
އިޒްވާގެ ފަރާތުން ރާމިޝްއަށް ނޭދެވޭ އަސަރުތައް ކޮށްފާނެކަމުގެ ބިރަށް ރިޔާޒް ރާއްޖެއިން ފުރައިގެން ދިޔައީ ރާމިޝް ގޮވައިގެންނެވެ. ރިޔާޒް އެހެން ކައިވެންޏެއް ކުރީ ރާމިޝްގެ އުމުރުން ދިހަ އަހަރު ފުރުނު ފަހުންނެވެ. ރާމިޝްގެ ދޮންމަންމަ، މިޔާ، އަމިއްލަ ދަރިއެއް ގޮތުގައި ރާމިޝް ބަލައިގަތެވެ. ރާމިޝްގެ ހުރިހާ ކަމެއް ލޯތްބާއެކު ކޮށްދިނެވެ. ރާމިޝްއަށް އެއްވެސް ކަމެއް އުނިވިޔަކަނުދިނެވެ.
އުފާވެރި ދިރިއުޅުމެއް ލިބުމަށްފަހު ވެސް ރިޔާޒް ދޭތެރެއަކުން ރާމިޝް ގޮވައިގެން ރާއްޖެ އަންނަމުން ދިޔައެވެ. އެއީ ދެމައިންގެ ގުޅުން ހީނަރުވާން އެއްގޮތަކަށްވެސް ރިޔާޒް ބޭނުމެއް ނުވީތީއެވެ. ނަމަވެސް އެއްވެސް ކަމެއް ރިޔާޒް ހީކުރި ގޮތަކަށް ނުވިއެވެ. އިޒްވާ، ރިޔާޒަށް ކުރާ ނަފްރަތު ރައްދުކުރަމުން ދިޔައީ ރާމިޝްއަށެވެ. އެހެންވެ ރިޔާޒް ރާމިޝް ގޮވައިގެން އަނބުރާ އިންޑިއާއަށް ދިޔަ ގޮތަށް އެނބުރި ނާދެއެވެ.
ރާމިޝް ފުރާ ފުރިހަމަވެ ޒުވާނަކަށްވުމުން އޭނާ އަމިއްލައަށް އިޒްވާގެ ގާތަށް އައެވެ. އޭރު އިޒްވާގެ ފަރާތުން ކުރިން ފެނުނު ފަދަ ރުޅިވެރިކަމެެއް ނުފެނެއެވެ. ނަމަވެސް މަންމަގެ އަޅާލުން ކުޑަކަން ރާމިޝްއަށް ފާހަގަކުރެވުނެވެ. ދުވަސްކޮޅަކު މަންމަގެ ގޭގައި ހުރުމަށްފަހު އަނެއްކާވެސް ރާމިޝް އެނބުރި އިންޑިއާއަށް ދިޔައީ ކިޔެވުމަށް ޓަކައެވެ. ނަމަވެސް ކިޔެވުމުގައި ހޭދަވީ އެންމެ ތިން މަހެވެ. އެ ފަހުން ރާމިޝް ކިޔެވުން މަތިން ފޫހިވެއްޖެއެވެ. އެހެންކަމުން، ތަޢުލީމު ހާސިލް ކުރަމުން ދިޔަ ޔުނިވަރސިޓީން ކެނޑިގެން އަނބުރާ ރާއްޖެ އައީއެވެ. ރާމިޝްގެ ސިކުނޑިއަށް ވިސްނުނު ގޮތުގައި މައިންބަފައިން އަތުގައި ލާރި ހުރިއްޔާ އޭނާ އެއްގޮތަކަށްވެސް ހާސްވާކަށް ނުޖެހޭނެއެވެ. މާ ގިނަ މަސައްކަތްތަކެއް ނުކުރިކަމުގައި ވިޔަސް އޭނާއަށް ބޭނުންވާ ކަންކަން ފަސޭހައިން ހާސިލުވާނެ މަގުތައް ވާނީ ހުޅުވިފައިކަމަށް އޭނާއަށް ޤަބޫލުކުރެވިފައިވިއެވެ.
ރާއްޖެ ބަދަލުވި ފަހުން ރާމިޝްއަށް ވެސް ފެނުނީ ތަފާތު މަންމައެކެވެ. ކުއްލިއަކަށް މަންމަ ފުލުހަކަށް ވެއްޖެއެވެ. މަންމަ ފެންނަން ފެށީ ކޮމިޝަނަރެއްގެ ގޮތުގައެވެ. ލިބުނު ހައިރާންކަމާ އެއްވަރަށް ރާމިޝް އުފާ ވެސް ވިއެވެ. އެއީ މަންމަގެ ތަނަވަސްކަމުގެ ހިޔަލުގައި ރާމިޝްއަށް އުޅެވޭނެކަމުގެ ޔަޤީންކަން އެ ހިތުގައި ވީތީއެވެ. އެ ދެމެދުގައި މާ ބޮޑު ގުޅުމެއް ނެތްކަމުގައި ވިޔަސް ވެހެވެ.
ނަމަވެސް އޭރާއި މިހާރާ ވަރަށް ތަފާތެވެ. ރާމިޝްގެ ވިސްނުންވެސް ޙާލަތާ އެއްގޮތަށް ބަދަލުވެއްޖެއެވެ. ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ފުހެލުމަށްފަހު ފޯނު ނަގައި ބައްޕަައަށް ގުޅައިލިއެވެ. ރާމިޝް ހީކުރި ގޮތާ ޚިލާފަށް ދެތިން ރިންގަށްފަހު ރިޔާޒް ފޯނު ނަގައިފިއެވެ.
“ދަރިފުޅު ހާދަ ނުވަގުތެއްގަ. އަނެއްކަ ކިހިނެއްވީ؟” ރިޔާޒް ބުނި އަޑު އިވުނެވެ. ވަގުތުކޮޅަކު ހިމޭނުން އިނުމަށްފަހު ރާމިޝް ވާހަކަދައްކަން ފެށިއެވެ. ގޭތެރޭގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ރާމިޝްއަށް އެނގޭ މިންވަރަކުން ކިޔައިދިނެވެ. އަދި މިރޭ އޭނާއަށް މަންމަގެ މޫނުމަތީ ޖެހުނު ވާހަކަ ވެސް ކިޔައިދިނެވެ. ރާމިޝް ހަމައެކަނި ސިއްރުކުރިކަމަކީ ޒަމްލާއަށް ޓަކައި އެ ހިތުގައިވި ކުލުނެވެ.
“ދެރަނުވެ ދަރިފުޅާ! މަންމައަކީ އަމިއްލަ އެދުން ބޮޑު މީހެއް. މަންމަގެ މިކަހަލަ ވާހަކަތައް ބައްޕަ ދަރިފުޅު ގާތުގަ ދައްކާކަށް ވެސް ބޭނުމެއް ނޫން…. ދަރިފުޅު މިހާރު ތިހުރީ ބޮޑުވެފަ. ބައްޕަ އެވަރަށް ކިޔަކިޔާ އޮއްވަ ދަރިފުޅު ރާއްޖެެ ތި ދިޔައީ. ދަރިފުޅު މިކޮޅަށް އަންނަންވީނު.” ރިޔާޒް ބުނި ބަހަކަށް ރާމިޝްއަށް އެއްބަހެއް ނުވެވުނެވެ. ޒަމްލާއާ ދުރުގައި ހުންނަން ރާމިޝް ބޭނުމެއް ނުވެއެވެ. އޭނާ ދިޔަޔަސް ދާން ބޭނުންވަނީ ޒަމްލާ ގޮވައިގެންނެވެ. އެކަމަކު އެއީ ވެސް ފަސޭހައިން ވާނެ ކަމެއް ނޫންތާއެވެ. “މިކޮޅުގަ ހުންނާނީ. އަހަރެން ގޭގަ ނެތިއްޔާ މަންމައަށް ފަހި ފުރުސަތެއް އެ ދެވެނީ. ބައްޕައަށް އެނގޭ ދޯ މަ މި ބުނާ ވާހަކައެއް.” ރާމިޝް ބުންޏެވެ. “އާނ.. އަންހެން ކުއްޖަކަށް ނުހައްގުން އަނިޔާ ލިބިގެން ނުވާނެ. ދަރިފުޅު ކޮންތާކު ތިޔަ ހުރީ؟؟ ގޭގަތަ؟” ރިޔާޒް އެހިއެވެ. ރާމިޝް ބޭރުގައޭ ބުނުމުން އޭނާ ގާތުގައި ގެއަށް ދިޔުމަށް ރިޔާޒް އެދުނެވެ. ބައްޕަ ބުނި ބަސް އަހައިގެން ފޯނު ކަނޑައިލުމަށް ފަހު ރާމިޝް ގެއަށް ދިއުމަށް ޓަކައި ސައިކަލަށް އެރިއެވެ.
**********
“ތޭންކްސް މަލައިކާ. ޔަގީން ދޯ މީގަ ހުރިހާ އެއްޗެއް ހުންނާނެކަން!؟” ޒާޔާ އެހެން އެހުމާއެކު މަލައިކާ ބޯ ޖަހައިލިއެވެ. “ތީގަ ހުންނާނެ، ކްރިމިނަލް ކޯޓް، ސުޕްރީމް ކޯޓް، ޑްރަގް ކޯޓް، ހައި ކޯޓުގެ އަޑުއެހުންތައް. އޭނަ ނުގެންދާ ކޯޓެއް ނެތް.” މަލައިކާ ބުންޏެވެ. “ހުންނާނެ ހުންނާނެ. އިޒްވާއެއްނު. އޭނަ ބުނިހާ ގޮތަކަށް ޖެހޭނެ މުއައްސަސާތަކުން ކަން ކުރަން. އަހަރެން ހިތަށް އަރާ މީ ކީއްކުރަން އުޅޭ އުޅުމެއްބާއޭ.. ރީތިކޮށް އުޅުނީމަ އެހެންމީހުނަށްވެސް ފަސޭހައެއްނު.” ޒާޔާގެ ރާގު ހުރިގޮތުން މަލައިކާއަށް ކުޑަކޮށް ހީނލެވުނެވެ. “ދުނިޔެ ފަހަތުން އަދި ނުދުވެވެނީ އޭނައަށް.” މަލައިކާ ބުނި އެއްޗަކުން ޒާޔާއަށް ވެސް ހެވުނެވެ.
ފަތިސް ނަމާދަށް ބަންގި ގޮވީ ދެމީހުން ވާހަކަ ދައްކަން ތިއްބައެވެ. ޒާޔާއަށް އަލްވަދާޢު ކިޔުމަށް ފަހު މަލައިކާ ކޮޓަރީގެ ފާރުތެރެއިން ފޭދިގެން ހިނގައްޖެއެވެ. އެއާއެކު ކޮޓަރިތެރޭ ހަރުލާފައި ހުރި ފިނިފެންމަލުގެ ތާޒާ މީރު ވަސް މަޑުމަޑުން ކެނޑިއްޖެއެވެ. ޒާޔާވެސް އަވަސްވެގަތީ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު އަދާކުރާށެވެ. މަލައިކާ ގެނެސްދިން ޕެންޑްރައިވް ޒާޔާގެ ކިޔަވާ މޭޒުމަތީ ބޭއްވިއެވެ. އޭނާ ނިންމީ ޒާމިލާ ދެމީހުން ވެގެން މިކަމާ ވާހަކަ ދައްކާށެވެ.
**************
ހެނދުނު ތެދުވި ގޮތަށް އިޒްވާ ދިޔައީ ފެމިލީ ކޯޓަށެވެ. އަދިވެސް އޭނާ އެ މަސައްކަތްކުރަނީ ފަނޑިޔާރު ހައްލާލައިގެން ވިޔަސް ޒާޔާއާއި ލިއަމް ވަރި ކުރެވޭނެ ގޮތެއް ވޭތޯއެވެ. މި ހުރިހާ ދުވަހު އޭނާއަށް އެކަން ކާމިޔާބުވެފައި ނެތީ އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގައިވާ ހާއިމަކީ، އިޚުލާޞްތެރި މީހަކަށް ވެފައި ޙައްޤަށް ލޯބިކުރާ މީހަކަށް ވާތީވެއެވެ.
“އިޒްވާ އަޅުގަނޑަކަށް އެއްބަހެއް ނުވެނޭނެ ތިކަމަަކަށް. އިޒްވާ މި ހުރިހާ ދުވަހު އަޅުގަނޑު ގާތުގަ ދެއްކި ވާހަކަތަކުން އަޅުގަނޑަކަށް ހިއެއް ނުވޭ އެ ދެމަފިރިންނަކީ ވަރިވާން ބޭނުންވެގެން އުޅޭ ބައެއް ހެން ވެސް. އަޅުގަނޑު މި ބުނާހާވެސް އެއްޗަކީ، އެ ދެމަފިރިން ކޯޓަށް ހާޒިރު ކުރާށޭ.” ހާއިމް ބުންޏެވެ. އިޒްވާއާއި ހާއިމް ތިބީ ހާއިމަށް ޚާއްޞަ ކުރެވިފައިވި ކެބިން ތެރޭގައެވެ. “ހާޒިރެއް ނުކުރެވޭނެއްނު. ލިއަމް އެއޮތީ ޖަލުގަ. އަޅުގަނޑާ ތިމާގެ ގޮތުން ގުޅިފަ އޮތް މީހެއް. އޭނަގެ ދަރިފުޅު ވެސް އެ ހުރީ އަހަރެންގެ ބެލުމުގެ ދަަށުގަ. އޭނަގެ އަންހެނުން އެއީ މާލެ ކުޑަކުރަމުން ދުވާ މީހެއް. ދަރިންނަކަށް އަޅާލާ މީހެއް ނޫން. ދެން ކީއްކުރަންތޯއޭ އެ ދެމީހުންގެ ކައިވެނި ދަމަހައްޓަންވީކީއެއް.” އެއްވެސް ޖެހިލުންވުމަކާ ނުލައި އިޒްވާ ދިޔައީ ދޮގު ހަދަމުންނެވެ. “ލިއަމްގެ އަންހެނުންނަކީ ޒާޔާއެއްނު. ޒާޔާ ކުރިން ހުރީ ތި މަގާމުގަ. އޭނަ ފުލުހުންގެ އިދާރާ ބެލެހެއްޓިއިރު އެތާނގެ މީހުންގެ ފަރާތުން ޝަކުވާއެއް އަޅުގަނޑުގެ ކަންފަތަކަށް އިވިފައެއް ނެތް. އިޒްވާ އެ މަގާމަށް އައި ފަހުން އަޅުގަނޑަށް ފާޑުފާޑުގެ ވާހަކަތައް މި އިވެން ފެށީ…. ތިކަމުގަ. އަޅުގަނޑަށް ވަރަށް އެހެންކަހަލަ ވަހެއް ދުވަނީ.” ހާއިމް ވާހަކަ ދައްކަމުން ގޮސް އެންމެ ފަހު ޖުމުލަ ބުނިއިރު އޭނާ އިޒްވާއާއި ދިމާލަށް ބަލަން އިނީ ޝައްކުގެ ނަޒަރަކުންނެވެ. އިޒްވާ އެންމެ ފަހުން އެތަނުން ނުކުމެގެން ދިޔައެވެ. ފަނޑޔާރަކަށް އަދާކުރަން ޖެހޭ އިޚުތިރާމެއް އޮންނަ ކަމެއް އިޒްވާގެ ހަނދާނުގައި ނެތެވެ.
*************
ހާއިމް އެ ބުނީ ތެދެކެވެ. އޭނާއަށް އިޒްވާއާ މެދު ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދެމަފިރިއަކު ދުރުކުރުވަން މިހާވަރަށް މީހަކު އުޅުނު ފަހަރެއް އޭނާގެ މުޅި ‘ކެރިއަރ’ގައި ވެސް ފެނިފައިނުވެއެވެ.
ލިއަމްއަކީ ވެސް ހާއިމް ދަންނަ ޝަޚްޞިއްޔަތެކެވެ. މާ ބޮޑަށް ދެކެފަރިތަ މީހަކު ކަމުގައި ނުވިޔަސް ތުންތުން މަތިން ލިއަމްއަކީ ރަނގަޅު އަޚްލާޤެއްގެ ވެރިފަރާތެއްކަން ހާއިމަށް ވަނީ އެނގިފައެވެ. ލިއަމްއެކޭ އެއްގޮތަށް ޒާޔާއަކީ ވެސް ހާއިމް ދަންނަ ފަރާތެކެވެ. ދެ ފަރާތާ ބައްދަލުވެފައި ނެތަސް އެ ދެ މީހުނަށް ޓަކައި ހާއިމްގެ ހިތުގައި ވަނީ ފުން އިޚުތިރާމަކާ ޤަދަރެއް ދެވިފައެވެ.
**************
ޒާޔާގެ ދިރިއުޅުމުން ލިއަމްގެ ނަން ފުހެލަން އިޒްވާ މަސައްކަތްކުރަމުންދާކަން ޒާޔާއަށް އެނގޭކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. ޒާޔާއަށް އެކަން އެނގުނީ ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ޒާޔާއަށް ގުޅާފައި އެކަން އޭނާގެ ސަމާލުކަމަށް ގެނައުމުންނެވެ.
އާނއެކެވެ! ހާއިމް ވަނީ ފެމެލީ ކޯޓުގެ ރެކޯޑުތައް ބަލައިގެން ޒާޔާގެ ނަންބަރު ހޯދާފައެވެެ. އަދި އިޒްވާ އޭނާ ގާތުގައި ދެއްކިހާ ވާހަކަތަކުގެ ތެދު ދޮގު ބެލުމަށް ޓަކައި އެ ހުރިހާ ވާހަކައެއް ޒާޔާއަށް ގުޅައި އޭނާއާ ޚިއްޞާ ކޮށްފައިވެއެވެ.
ހާއިމްގެ ކޯލު ޒާޔާއަށް ލިބުނީ ޒާޔާގެ ފަރުވާ ކުރިއަަށް ދިޔަ ވަގުތުގައެވެ. ގުޅަނީ ކާކުކަން ބުނުމުން ޝަޒާ ފޯނު ނެގުމަށް އެއްބަސްވީ އެކޮޅުން ގުޅާނީ އާދައިގެ ކަމަކު ނޫންކަން ޝަޒާއަށް ހީވީތީއެވެ. ޒާޔާއާއި ލިއަމް ވަރިކުރުވަން އިޒްވާ މަސައްކަތްކުރާކަން އެނގުމުން ޒާޔާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މަހެއް ކޮށާ ފޮތިފޮތިކޮށްލާހެން އިޒްވާ ކޮށާލަން ޒާޔާ ބޭނުންވެފައިވިއެވެ. ސާފު ހިތެއްގެ ވެރިއެއްކަމަކު ޒާޔާ ދުވަހަކުވެސް އިންސާނެއް ދެކެ މިހާ ރުޅިއައިސްފައި ނުވެއެވެ.
ޒާޔާގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަވަރުތައް ބަލަން ޝަޒާ އިނެވެ. ޝަޒާއަށް ފާހަގަވީ ކަމަކީ، ޒާޔާއަށް އޭނާގެ ޖަޒުބާތުތައް ހިފަހައްޓަން އެނގިފައިވާކަމެވެ. ކަމެއްވާއިރަށް އެކަމާ މެދު ހަދާނެ ގޮތް ހުސްވެ ކަންބޮޑުވެގެން އުޅޭކަމުގެ އެއްވެސް އަސަރެއްް އެ މޫނުމައްޗަކުން ޝަޒާއަކަށް ނުފެނުނެވެ.
“ލާހިކެއް ނޫން އެވަރު ކަމެއް ކުރަން އޭނައަށް.” ފޯނު ބާއްވަމުން ޒާޔާ ބުންޏެވެ. “ތީ ވާން ޖެހޭނެ ގޮތަކީ. މިހާރު ދައްތައަށް އެބަ އެނގޭ ކަންކަމާ ކުރިމަތިލާން. ޔޫ އަރ ރިއަލީ ސްޓްރޯންގް ނައު.” ޝަޒާ ބުންޏެވެ. ޒާޔާ ހިނިތުންވެލީ ގަދަކަމުންނެވެ. މީހަކު ކުރާ ތަޢުރީފަކަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް ޒާޔާގެ ހިތުގައި އުފެދިފައިވި ރުޅިވެރިކަން މާ ގަދައެވެ. އެހެނަސް އޭނާ ކެތްތެރިވިއެވެ. މި ހުރިހާ ކުލަވަރުތަކެއް ޝަޒާ އަށް ގާތުން ފެންނަމުން ދިޔައެވެ.
****************
އެދުވަހު ޒާޔާގެ ދެ ދަރިން ގެއަށް އައުމުން ހާއިމް ދެއްކި ވާހަކަތައް އެ ދެބެއިންނާ ޚިއްޞާ ކުރިއެެވެ. ދެމީހުންވެސް އިޒްވާއަށް ނުރުހުންވިއިރު ޒާމިލްގެ ހިތުގައިވި ރުޅިވެރިކަން ހުރީ މާ މަތީގައެވެ. “ގާތްތިމާގެ މީހުންގެ ފެންވަރު އެބަ ފެނެއެއްނު. އެ އެއްޗ*** ހާދަ ފޯރިއެއް އެބަހުރެއޭ ދޯ އަހަރުންގެ ދިރިއުޅުމަށް… މާ ރަނގަޅު މީހަކަށްވެގެން އެ އިންނަނީ ބޮޑު ގޮނޑީގަ އިށީނދެ!” ޒާމިލްގެ ރާގު ހުރިގޮތުން އޭނާ ރުޅިއައިސްފައި ހުރި ވަރު ހާމަވެއެވެ. ރުޅި ނާންނަންވީ ސަބަބެއް ވެސް ނެތެވެ. ހާހަކަށް ވުރެ ގިނަ ގޮތްގޮތަށް އިޒްވާގެ ފަރާތުން ވަނީ އެ އާއިލާއަށް ގެއްލުންތައް ލިބިފައެވެ. “މަންމަ ކީއްވެ ދެން ތި މަޑުކުރަނީ؟ މަންމައަށް އެބަ އެނގެއެއްނު ޒަމްކޮ ހުރީ އެ މީހެއްގެ ގޭގަކަން. ޒަމްކޮ ގެންނަން އުޅޭ. މަންމަ ނުދަންޏަ އަހަރެން ހިނގައިދާނަން ޒަމްކޮ ބަލާ.” ޒާމިލް ބުންޏެވެ. އޭނާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.
“އުހުނ.. ދަރިފުޅަކަށް އަދި ނޭނގޭނެ އިޒްވާގެ ގޮތެއް. ޒަމްލާ ބަލާ ދާނީ މަންމަ. މަންމައަށް ޔަގީންކަން އެބަ އޮތޭ ޒަމްލާ ހުންނާނީ ސަލާމަތުންކަން.” ޒާމިލް ބުނި ބަހަކަށް ޒާޔާ އެއްބަހެއް ނުވިއެވެ. “އެ ކީއްވެހޭ؟ އެކުއްޖަ އެތާ ހުރިކަން އެނގޭއިރު ދެން ކީއްވެހޭ ނުދެވެންވީ؟” ޒާމިލްގެ އަޑު ބާރުވިއެވެ. މި ނޫނީ ޒާމިލް އޭނާގެ މަންމަ ދެކެ ހިތްހަމަނުޖެހުނު ފަހަރެއް ނާދެއެވެ. ޒާޔާ ދެރަވާ ގޮތް ވިއެވެ. އެކަމަކު އެކަން މޫނުމަތިން ނުދެއްކިއެވެ. “އެހާ ބާރުގަދަ މީހެއް ކައިރިން ޒަމްލާ ހޯދަން އުނދަގުވާނެ ދަރިފުޅާ. މަންމައަށް އެ ބާރު އަނބުރާ ލިބުނީމަ ޒަމް ގެންނަން ފަސޭހަވާނީ. ބައްޕަ ވެސް މިނިވަން ކުރަން ފަސޭހަވާނީ އޭރުން.” ޒާޔާ ކިޔައިދިނެވެ. “ކޮން ގޮތަކަށް ބާރު ލިބޭ ވާހަކައެއް ތި ބުނަނީ؟” ލާއިމް އެހިއެވެ. “ހުރިހާ ކަމެއް އެނގުނީމައޭ މި ބުނަނީ. އާދެބަލަ ދެ ކުދިން. އެއްޗެއް ދައްކަންވެފަ އެބޮތް.”
މިނެޓްތަކެއް ވީއިރު ތިން މައިން ތިބީ ޒާޔާގެ ކޮޓަރީގައެވެ. މަލައިކާ ދިން ޕެންޑްރައިވް ޒާމިލްގެ ލެޕްޓޮޕާ ގުޅާލައިގެން އެ މީހުން ލިއަމްގެ ކޯޓު އަޑުއެހުންތައް ބަލަމުން ދިޔައެވެ. ކޮންމެ ޕީޑީއެފް ފައިލެއްގައި ޣާޒީއާއި ލިއަމް އަދި އިޒްވާގެ ފަރާތުން ހާޒިރުކުރެވިފައިވި ވަކީލުންނާއި ވަކީލާއިންގެ ދެމެދު ދެކެވިފައިވާ ވާހަކަތައް ލިޔެވިފައި ހުއްޓެވެ.
“ﷲ އަކްބަރް!!!! މިވަރު ކަމެއް ނުދެކެން ދުވަހަކުވެސް.” ޒާޔާއަށް އިޚްތިޔާރުން ބޭރުގައި ރޮވެން ފެށުނެވެ. ލާއިމް ޒާޔާގެ ގާތުގައި އިށީނދެ ޒާޔާ ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ފައިލުތައް ކިޔަން އިން ޒާމިލްގެ ކަތުރުކަށިގަނޑަށް ބާރުވަމުން ދިޔައެވެ. އަމިއްލަ އެދުމުން ފޯވެފައިވާ އިންސާނަކު މިހާ ދަށުދަރައަކަށް ވެއްޓިގެން ދިޔައީތީއެވެ.
ނިހާނަށް އެ ކޮޓަރިއަށް އާދެވުނީ ޒާޔާ ރޯން އިންދައެވެ. ވެގެން އުޅޭގޮތް އެހުމުން ލާއިމް ނިހާނަށް ވީ ގޮތް ކިޔައިދޭން ފެށިއެވެ. ނިހާން ވެސް ހުރީ އިވެމުން ދިޔަ ވާހަކަތަކެއްގެ ސަބަބުން ބުނާނެެ ބަހެއް ނޭނގިފައެވެ. އޭނާގެ ޙަޔާތުގައި ދުވަހަކުވެސް މިވަރުގެ ކަމެއް ދެކެފައި ނެތެވެ.
“މަގޭ އަތުގަ އެ އިޒްވާ ޖެހިއްޖެއްޔާ މަރާލާނަން.” އަޑު ކުރެހިފައިވިއެއްކަމަކު ޒާޔާގެ އަޑުގައި ރުޅިވެރިކަމުގެ އަސަރުތައް ވިއެވެ. ފިރިމީހާގެ މައްޗަށް ނުހައްގުން ކުރެވިފައިވާ ދައުވާތައް އެނގުމުން އެ ހިތަށް ކުޅަދާނަ ނުވީއެވެ. އަދި ޒަމްލާގެ ބެލެނިވެރިކަން ހޯދަން އިޒްވާ ކޮށްފައިވާ މަސައްކަތްތަކާ، ހަދާފައި ހުރި ދޮގުތައް ފެނި މައި ލަނގޮޑިއަށް ކެތްކުރަން ދަތިވީއެވެ.
ލިއަމްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހަން އިޒްވާ ނުކުރާކަށް ކަމެއް ނެތެވެ. މަސްތުވާތަކެތި އުފުލާ ވިއްކާފައިވާކަމަށް ލިއަމްއަށް ތުހުމަތުކޮށްފައިވެއެވެ. އަނބިދަރީންނަށް ޚަރަދުނުކުރާކަމަށް ދަޢުވާ ކޮށްފައިވެއެވެ. ސިފައިންގޭގެ ރައުސްމާލުން އަމިއްލަ ބޭނުންތަކަށް ފައިސާ ނަގާފައިވާކަމަށް ދަޢުވާ ކޮށްފައިވާއިރު، ސިފައިންގޭގައި މަސައްކަތް ކުރާ ބައެއް އަންހެންވެރީންނަށް ގޯނާ ކޮށްފައިވާކަމަށް ވެސް ދަޢުވާ ކޮށްފައިވެއެވެ. މި ހުރިހާ ދަޢުވާތަކަށް އެކި ކޯޓު މަރުހަލާ ތަކުގައި ލިއަމް ސާފުބަހުން އިންކާރުކޮށްފައިވާކަމަށް އެ ލިޔުންތަކުން އެ ހުރީ ފެންނާށެވެ. ވަރަށް ގިނަ ފަހަރު މާތްﷲ ގަންދީ ހުވާ ކޮށްފައިވެސް އެބަހުއްޓެވެ. އެހެނަސް، ލިއަމްގެ ބޮލުގައި އެޅިފައި ހުރި ތުހުމަތުތަކުން އޭނާއަށް ސަލާމަތްވެވޭގޮތް ވަނީ ނުވެފައެވެ. އެއީ، ގައިމު ކޮންމެވެސް ސަބަބެއް އެކަމުގެ ފަހަތުގައި އޮތީމާނޫންހެއްޔެވެ؟ ރިޝްވަތު އާއްމުވެފައިވާ މި ޒަމާނުގައި ނުޙައްޤުން މީހަކަށް އަނިޔާއެއް ދިނުމަކީ މާ އުނދަގޫކަމެއް ނޫނެއްނޫންހެެއްޔެވެ؟
“މަގޭ ދަރި ކުރާނެ ކަންތައްތަކެއް ނޫން ތީއެއް.” ނިހާނަށް ބުނެވުނެވެ. ލިއަމް އަކީ ޒާޔާއަށް އެވަރުގެ ބޮޑު ދެރައެއް ދޭނެ މީހެއްކަމަކަށް ނިހާންގެ ހިތް އެއްގޮތަކަށް ވެސް އެއްބަހެއް ނުވެއެވެ. އޭނާއަށް ފެނިފައިވީ އޭނާގެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވި ލިއަމްއެކެވެ. އެ ދަރިންނަށް ޓަކައި އެތައް ގޮތަކުން ޤުރުބާންވަމުން ދިޔަ ލިއަމްއެކެވެ. ޒާޔާއަށް، އަދި އެ ދެމަފިރިންގެ އެއްވެސް ދަރިއަކަށް އެއްވެސް ކަމެއް އުނިނުވާނެހެން ކޮށްދިން ލިއަމްއެކެވެ. ވީއިރު މިވަރުގެ ބޮޑެތި ކަންކަން ލިއަމްގެ ބޮލުގައި އެޅުވެންވީ ސަބަބެއް ނިހާނަކަށް ވިސްނައެއް ނުގަނެވުނެވެ.
“ދޮންބޭ އަހަރުން މިހެން މަޑުން ތިބެގެން ނެތެއްނު ވާކަށް.” ޒާޔާ ގާތުގައި އިން ލާއިމް ބުންޏެވެ. އެވަގުތަކީ ޒާޔާ ރުއިން ހުއްޓާލަން މަސައްކަތް ކުރަމުން ދިޔަ ވަގުތެވެ. ނިހާން ވެސް ޒާޔާ ގާތުގައި ހުރެ ޒާޔާގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ. “މާ ބޮޑަަށް ވެސް ލަސްވެއްޖެ. ކިހިނެތް ވަކި ހެދޭނީ؟” ޒާމިލް ލެޕްޓޮޕް ލައްޕައިލިއެވެ. ޒާމިލް ބޮލުގައި އަތް އެޅި ގޮތުން ހަތަރު އުދަރެސް ފެނު ޖެހިއްޖެހެން ހީވި ކަހަލައެެވެ. ވާނެ ގޮތެއްވެ ނިމިފައި އޮތްއިރު އަރައިގެން މިއުޅޭ ތޫފާނުގައި ދާން ޖެހޭ ރާސްތާ ނުހަނު ދިގެވެ. ގަދަ ވަޔާއި ވިއްސާރައާ ކުރިމަތިލާން ޖެހޭނެއެވެ. މާ ސިންގާ ބޮޑެތި ރާޅުތައް ބިންދާލާނެއެވެ. ނަމަވެސް، ހިތްވަރާއެކު ކުރިއަށް ދިއުން ނޫންގޮތެއް ނެތެވެ.
“މަންމައަށް ހަދަންވީ ގޮތް އެނގެޔެ. އޭނައަކަށް މިފަހަރަކު ސަލާމަތެއް ނުވެވޭނެ. ގެނޭ މަންމަ ފޯނު.” ނޭފަތް އެތެރެއަށް ދަމާލާފައި ޒާޔާ ބުންޏެވެ. ކޯތާފަތުގައި ދެމެމުން ދިޔަ ކަރުނަތައް ވެސް ފުހެލިއެވެ. ‘ރައީސް އަހްމަދު ހުސެއިން.’ ފޯނުގެ ކޮންޓެކްޓް ލިސްޓުގެ ވަކި ހިސާބަކުން ފެނުނު އެ ނަމަށް ފިތާލުމާއެކު ރިންގްވާން ފެށިއެވެ. ފޯނެއް ނުނެގިއެވެ. އިރުކޮޅެއް ނުވެ އެކޮޅުން ގުޅަން ފެށިއެވެ. އެކޮޅުން ސަލާމް ގޮވައިލުމާއެކީ ޒާޔާ ސަލާމް ބަލައިގަތެވެ. މިނެޓްތަކެއް ވަންދެން ދެފަރާތުން ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑައިލިއެވެ.
“ކީކޯ؟” ޒާމިލް އެހިއެވެ. “މާދަމާ ރައީސް އޮފީހަށް އައުމަށް އެދުނީ.” ޒާޔާ ބުންޏެވެ. “ރައީސް އޮފީހަށް ދިޔަޔަސް ވާނެ ފައިދާއެއް އޮންނާނެ؟؟ ތި އިޒްވާއެއް އޮންނާނީ އެ ރައީސެއްގެ ބޮލަށް ވެސް އެރިފަ ރަނގަޅަށް ވިއްޔާ.” ލާއިމް ބުންޏެވެ. މުއައްސަސާއެއްގެ ބޭފުޅެއް ވިޔަސް، ރައީސެއް ވިޔަސް، މިކަހަލަ ކަންކަމުގައި އޭގެން މީހަކަށް އިތުބާރުކުރަން ލާއިމް ބޭނުމެއްނުވިއެވެ. “މަންމަ ހުސެއިން ވަރަށް ރަނގަޅަށް ދަންނަން. ހުސެއިންގެ ވެރިކަމަކު ނޫން މި ހުރިހާ ކަމެއް ހިނގާފަ މިއޮތީއެއް. ބަލަމާ…” ޒާޔާ ބުންޏެވެ. އެތާ ތިބި އެންމެން ވެސް ޒާޔާ ބުނި ބަހަކަށް ބޯ ޖަހައިލިއެވެ. އެހެނަސް، އެއިން އެކެއްގެ ހިތުގައި އެއްވެސް ކަމަކަށް ޔަޤީންކަމެއް ނެތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.