Skip to content
އެސްފިޔަ

ޒާޔާ (ސީޒަން 2) – 20

Listen to this story Audio · 18:41 Powered by Esfiya Voice
0:00 18:41

“ކީކޯ؟” ޒާމިލް އެހިއެވެ. “މާދަމާ ރައީސް އޮފީހަށް އައުމަށް އެދުނީ.” ޒާޔާ ބުންޏެވެ. “ރައީސް އޮފީހަށް ދިޔަޔަސް ވާނެ ފައިދާއެއް އޮންނާނެ؟ ތި އިޒްވާއެއް އޮންނާނީ އެ ރައީސެއްގެ ބޮލަށް ވެސް އެރިފަ ރަނގަޅަށް ވިއްޔާ.” ލާއިމް ބުންޏެވެ. މުއައްސަސާއެއްގެ ބޭފުޅެއް ވިޔަސް، ރައީސެއް ވިޔަސް، މިކަހަލަ ކަންކަމުގައި އޭގެން މީހަކަށް އިތުބާރުކުރަން ލާއިމް ބޭނުމެއް ނުވިއެވެ. “މަންމަ ހުސެއިން ވަރަށް ރަނގަޅަށް ދަންނަން. ހުސައިންގެ ވެރިކަމަކު ނޫން މި ހުރިހާ ކަމެއް ހިނގާފަ މިއޮތީއެއް. ބަލަމާ….” ޒާޔާ ބުންޏެވެ. އެތާ ތިބި އެންމެން ވެސް ޒާޔާ ބުނި ބަހަކަށް ބޯ ޖަހައިލިއެވެ. އެހެނަސް، އެއިން އެކެއްގެ ހިތުގައި އެއްވެސް ކަމަކަށް ޔަޤީންކަމެއް ނެތެވެ.

************

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމައްޗާ މާ ދުރުނޫން ހިސާބެއްގައި ބޮޑު ގަނޑުވަަރެއް ފަދަ ގެއެއް ޒީނަތްތެރިކޮށްފައި ހުރިތަން ފެންނަން ހުއްޓެވެ. ރަތާއި ހުދު ކުލައިން އެ ގެ ފަވާލާފައިވެއެވެ. ގޭގެ ބެލްކަނިތައް އެކި ކުލަކުލައިގެ ކުދި މާ ގަސްތަކުން ފަޅު ފިލުވާލާފައިވެއެވެ.

‘މާޝާ ޕެލެސް’ ގޭގެ ދޮރުމައްޗަށް ކަޅު ކުލައިގެ ކާރެއް މަޑުކޮށްލިއެވެ. ޑްރައިވަރު ނުކުމެ ފަހަތު ސީޓުގެ ދޮރު ހުޅުވާލުމާއެކީ ހުސެއިން ކާރުން ފޭބިއެވެ. ހުސެއިން ފޭބުމާއެކީ މާޝާ ވެސް ކާރުން ފޭބިއެވެ. އެ ދެމަފިރިކަނބަލުންނަށް އިޚްތިރާމް އަދާ ކުރުމަށްފަހު ޑްރައިވަރު، ޔަހްޔާ ކާރު ދުއްވާލީ ގޭގެ ބިއްދޮށް ފަރާތުގައި ހަދާފައި ހުރި ގަރާޖާ ދިމާލަށެވެ.

ގޭގެ ސެކިއުރިޓީ ކަންކަން ބަލަން ހަވާލުކުރެވިފައި ތިބި ދެ ސެކިއުރިޓީ ގާޑުން ގޭގެ މައި ދޮރު ހުޅުވާލުމާއެކު ހުސައިން މާޝާ ގޮވައިގެން އެތެރެއަށް ވަނެވެ. ތަނަވަސް ގްރައުންޑް ފްލޯގެ އެއްފަރާތެއްގައި ރިސެޕްޝަނެއް ހުރިއިރު އެތަނުގައި ދެ މުވައްޒަފަކު ކޮމްޕިއުޓަރު ދޮށުގައި މަސައްކަތް ކުރަން ތިއްބެވެ. އަދި މެދު ސައިޒުގެ އެކިއެކި ޕްލާސްޓިކް ގަސްތައް ގްރައުންޑް ފްލޯގެ ރީތިކަން ނުގެއްލޭނެފަދައަކުން ތަރުތީބުކޮށް ބެހެއްޓިފައިވިއެވެ. ރިސެޕްޝަނުގެ ކައިރީ ކަނާތް ފަރާތުގައި މައްޗަށް އެރޭނެހެން ސިޑި ހުރިއިރު ސިޑި ކައިރީ ލިފްޓް ހަރުކޮށްފައި ހުއްޓެވެ. ލިފްޓާއި މާ ދުރުނޫން ހިސާބެއްގައި ގޭގެ ސެކިއުރިޓީ ކަންކަން ބެލުމަށް ޚާއްޞަކޮށްފައި ހުރި ކުޑަ ކޮޓަރިއެއް ހުއްޓެވެ. އެތަނުގައި ދެ ތިން ގާޑުން މަސައްކަތް ކުރަމުން ދިޔައެވެ.

ހުސައިންގެ އެޕަރޓްމެންޓަށް ދިއުމަށް ޓަކައި ލިފްޓު ކައިރީ ހުރި ބޯޑަށް ފިތައިލިއެވެ. ފަހަތުން ސެކިއުރިޓީ ގާޑަކު އައުމުން މިވަގުތު ނަޔަސް މައްސަލައެއް ނެތްކަމުގައި ބުނެ ގާޑު ފޮނުވައިލިއެވެ. ލިފްޓު ހުޅުވުމާއެކު އޭގެން ފޭބި ޒުވާނުންނަށް ހިތްހެޔޮ ހިނިތުންވުމެއް އެ ދެމަފިރިކަނބަލުން ހަދިޔާކުރަމުން ލިފްޓަށް އެެރިއެވެ.

ގޭގެ އެންމެ މަތީ ފްލޯއަށް އާދެވިއްޖެއެވެ. ދެމަފިރިން ވެސް އެޕާޓްމެންޓަށް ވަދެ ރަނގަޅަށް ހަމަޖެހިލިއެވެ. އެއީ ޖާގައިގެ ގޮތުން ތަނަވަސްވެފައި، އެހާމެ ބޮޑު އެޕަރޓްމެންޓެކެވެ. ސިޓިންގްރޫމާއި ބަދިގެއާއި ކޮޓަރިތަކަށް ދަންދެން ބެލިޔަސް، އޭގެން ކޮންމެ ތަނެއްގައި ހުރި ފަރުނީޗަރުތަކާއި ފަރުމާކުރެވިފައިވި ގޮތް ދައްކުވައިދެނީ މުއްސަނދިކަމުގެ ކުލަވަރުތަކެވެ. އެހާ ވެސް އެތަން ފުރިހަމަވެފައި ހިތްގައިމެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، ހުސައިން ލޯބި ކުރަނީ މިނިވަން، އަމިއްލަ ދިރިއުޅުމަކަށެވެ. އެ އެޕަރޓްމެންޓަށް ބަލައިލިޔަސް އެކަން ފާހަގަވާނެއެވެ. އެހެން ބޮޑެތި އިއްޒަތްތެރީންގެ ދިރިއުޅުމާ ޚިލާފަށް ހުސައިން އާއި މާޝާގެ ދިރިއުޅުމުގެ އެންމެހާ ކަންތައްތަކަށް ނޯކަރުން ހަމަޖައްސާފައެއް ނުވެއެވެ. ކިތަންމެ މުއްސަނދި ވިޔަސް، އެ ދެމަފިރިކަނބަލުން ވެސް އުޅެނީ ހުރިހާ ކަމެއް އަމިއްލައަށް ކޮށްގެން، ފުދިގެންނެވެ.

“މާޝާ.. އަހަންނަށް މާ ގިނަ ވަގުތު ނުވެދާނެ. އޮފީހަށް ދާން ޖެހޭނެ މެންދުރު. އެކިއެކި ކަންކަން ފުނިޖެހިފަ.” ލައިގެން ހުރި ކޯޓު ބާލައި ކަރުގައި އަޅާފައި އޮތް ޓައީ ދޫކޮށްލަމުން ހުސައިންގެ ކޮޓަރީ ހުރި ސޯފާގައި އިށީނެވެ. ހެނދުނު ވަގުތުގައި ވެސް މީހާ ވަރުބަލިވެފައި ހުރިކަމުގެ ކުލަވަރުތައް އެ މޫނުމަތިން ފެންނަން ހުއްޓެވެ. “ކޮންމެ ދުވަހެއްގެ ވެސް އާދައެއްނު. ހެހެހ… ހުސައިން އަބަދުވެސް ހަނދާން ބަހައްޓައްޗެ އަހަރެން ދައްކާ ވާހަކަ.. ކޮންމެވެސް..” މާޝާގެ ވާހަކަ ހުސައިން މެދުކަނޑައިލިއެވެ. “ހަނދާން އެބަ ހުއްޓޭ ލޯބީ.. މާޝާ ކޮންމެ ދުވަހަކު ތި ދޭ ރަނގަޅު ނަސޭހަތްތައް.. އަބަދުވެސް ކަންފަތުގަ ހަރުލާފަ ހުރޭ. އަހަރެން އިރާދަކުރެއްވިއްޔާ ގޯސް މަގަކުން ނުދާނަން. އެތައް ބައެއްގެ ޒިންމާ އަހަރެންގެ ބޮލުގަ އަޅައިގެން މިހުރީ އެ މީހުނަށް ދެރަ ދޭކަށް ނޫން.” ހުސައިން ވާހަކަ ދެއްކިއެވެ. މާޝާ ހިނިތުންވެލިއެވެ.

މާޝާ، ސައި ހަދައި ނިމެންދެން ހުސައިން އޮތީ ސިޓިންގް ރޫމް ސޯފާގައި އަރާމުކޮށްލާށެވެ. ކިތަންމެ ވަރުބަލިވެފައިވިޔަސް ކެއްކުމުގައި މާޝާއަށް އަތްގާތްކޮށްދޭން ހުސައިން ބޭނުންވެފައިވިއެވެ. އެކަމަކު، މާޝާ އެކަމަށް އިންކާރުކޮށް ހުސައިން ގާތުގައި އަރާމުކުރުމަށް ބުނެފައިވިއެވެ.

“ހުސައިން.. ރޭގަ ޒާޔާ ގުޅިއެއްނު.” ބަދިގޭގައި އަވަދިނެތި އުޅުނު މާޝާ ކަމެއް ހަނދާންވި ފަދައަކުން ބުންޏެވެ. “އާނ.. މިއަދު އޭނަ އޮފީހަށް އަންނާނަމޭ ބުނި.” ހުސައިން ބުންޏެވެ. “ތި ދެމީހުން އެކަކު އަނެކެއް ދަންނައިރު ހުސައިން އަށް ނޭނގޭތަ އޭނަ ކުއްލިއަކަށް މަގާމުން ވަކިވި ސަބަބެއް؟” މާޝާ އެހިއެވެ. “ތިކަމުގަ ފުރިހަމަ ޖަވާބެއް އަހަންނަށް ލިބިފައި ނެތް. ތިން ދައުރު ނިމިގެން މި ދިޔައީ. އެކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ވެސް އަހަންނަކަށް ނެތް ފެނިފައެއް.” ހުސައިން ބުންޏެވެ.

ހުސައިން ވެރިކަމަށް ހޮވުނު ދުވަހުން ފެށިގެން އޭނާ އެންމެ ބޮޑަށް ކުރި މަސައްކަތްތަކަކީ ކުރީގައި އޮތް ވެރިކަމުގައި ކަންތައްތައް ހިނގިނުހިނގި ގޮތް ބަލައި ދިރާސާކޮށް އޭނާއަށް ވެދެވެން އޮތް މިންވަރަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ގިނަ ބައެއްގެ ލޯތްބާ، ޤަދަރާ އިޚްތިރާމް އޭނާއަށް ލިބިފައި ވިޔަސް ބައެއް މީހުންގެ ފާޑުކިޔުންތަކާ އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވިއެވެ. އޭގެން އެއްވެސް ކަމަކަށް ނުބަލައި ހުސައިން އުޅުނީ މުޅީންވެސް އޭނާގެ މަޤްޞަދު ހާސިލުކުރެވޭތޯއެވެ.

**********

ހެނދުނުގެ ސައިބޮއެ ނިމިގެން ހުސައިން އަވަސްވެގަތީ އޮފީހަށް ދާން ތައްޔާރުވާށެވެ. ބަދިގެ ސާފުކޮށް ނިމިގެން މާޝާ ސިޓިންގް ރޫމްގައި ހުރި ބޮޑު ސޯފާގައި ޖައްސައިލިއެވެ. ހުސައިން ނުކުންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

ހުސައިން ދިޔަތާ ތިރީސް މިނެޓް ފަހުން މާޝާ ކުރި އިންތިޒާރުގެ ނިމުން އަތުވެއްޖެއެވެ. ހުސައިން ދަމުން ދިޔައީ އޭނާގެ ފުރާނަ ފަދައިން ލޯބިވާ އަންހެނުން ގައިގައި ބައްދާލާ ނިތަށް ބޮސްދީފައެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ.

***********

ގޭތެރޭގެ ހުރިހާ މަސައްކަތެއް ނިންމައިލުމަށްފަހު ޒާޔާ ކޮޓަރިއަށް ވަނެވެ. އެންމެ ފުރަތަމަ ވެސް ތާޒާވެލުމަށް ފަހު މެންދުރު ނަމާދު އަދާކޮށްލިއެވެ. އެއަށްފަހު ރައީސް އޮފީހަށް ދިއުމަށްޓަކައި ތައްޔާރުވާން ފެށިއެވެ.

ގަޔަށް ދޫ، ކަޅުކުލައިގެ ރީތި ދިގު ހެދުމާއެކީ ކަޅު ކުލައިގެ ޝޯލް އަޅައިގެން ހުރިއިރު ޒާޔާ ފެންނަލެއް ވަރަށް ރީއްޗެވެ. ސާޅީހުގެ އަހަރުތައް ގުނަމުން ދިޔަޔަސް، ޒާޔާގެ މޫނުމަތީގެ އޮމާންކަމާއި ތާޒާކަން، އުމުރަށްވުރެ ހަގުކަމަށް ދައްކައެވެ.

***********

ޒާޔާ ގެއިން ބޭރަށް ނުކުތީ މާސްކު އަޅައިގެންނެވެ. އަދިވެސް މީހުންގެ ލޯތަކަށް އޭނާ ފެންނަން ޒާޔާ ބޭނުމެއް ނުވެއެވެ.

ލާއިމަށް ގުޅަން އުޅެފައިވެސް ޒާޔާ ނުގުޅީ ލާއިމް އެއަރޕޯޓުގައި އުޅޭނެތީއެވެ. ޒާމިލްގެ ޑިއުޓީ ވަގުތުގައި ވެސް ޒާމިލަށް ގުޅަން ޒާޔާގެ ހިތް ދެކޮޅު ހެދިއެވެ. އެކަމަކު ޓެކްސީއެއްގައި ވެސް ދާން ބޭނުން ނުވީތީ އެންމެ ފަހުން ޒާމިލަށް ގުޅިއެވެ.

ރައީސް އޮފީސް ހުންނަ އިމާރާތް ކައިރިއަށް ޒާމިލް ސައިކަލު މަޑުކުރުމާއެކި ޒާޔާ ސައިކަލުން ފޭބިއެވެ. މިނެޓްތަކެއް ނުވެ ދެ ސެކިއުރިޓީ ގާޑުން ދޮރުމައްޗަށް ނުކުތެވެ. ޒާމިލް ސައިކަލު ދުއްވާލީ އެ ދެ މީހުން މަންމަ ގޮވައިގެން އެތެރެއަށް ވަނީމައެވެ.

**************

ހުސައިންގެ ކެބިންއަށް ވަނުމަށް ތަން ދެމުން ދެ ސެކިއުރިޓީން ކެބިންގެ ބޭރުގައި މަޑުކުރިއެވެ. އެއީ ތަނަވަސް ބޮޑު ކެބިންއެކެވެ. ކްރީމް ކުލައާއި ހުދުކުލައިން ކެބިންގެ ހަތަރު ފާރު ފަވާލެވިފައިވެއެވެ. އެ ފަރުމާއަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެނީ ސީދަލަށް ހަރުކުރެވިފައިވި ފޮޓޯ ފްރޭމް ތަކުންނެވެ. ކޮންމެ ފްްރޭމެއްގައި ކުރީގައި ވެރިކަން ކުރި އެކިއެކި ބޭފުޅުންގެ ތަސްވީރުތައް ފެންނަން ހުއްޓެވެ. އެ ތަސްވީރުތަކުން ކުރެ އެންމެ ފަހަށް ފެންނަން ހުރި ތަސްވީރަށް ޒާޔާ ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

“މިކޮޅަށް ވަޑައިގަންނަވާ ޒާޔާ. އިށީންނަވާ.” ދިގުކޮށް ވަށްކޮށް ބެހެއްޓިފައިވި މޭޒުގެ ކޮޅުގައި އިން ހުސައިން ބުންޏެވެ. ޒާޔާ ކުޑަކޮށް ސިހުނެވެ. އަދި ނޫންކަމަށް ހަދައި ހިނިތުންވެލަމުން ޒާޔާ ގޮސް ހުސައިން ދެއްކި ގޮނޑީގައި އިށީނެވެ. “އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް އިނގޭތޯ. ކެމެރާ ޖައްސާފަ ވިޔަސް އަޅުގަނޑުމެން ދައްކާ ވާހަކަތައް ސިއްރުވާނެ.” ހުސައިން ޒާޔާއަށް ޔަޤީންކަން ދިނެވެ. އެ ކެބިން ތެރޭ އެއްވެސް ރައްޔިތަކު އޭނާއާ ޚިއްޞާ ކުރާ ވާހަކަތަކަކީ ތިންވަނަ ފަރާތަކަށް އިވޭ ވާހަކަތަކަކަށް ވާން އޭނާ ބޭނުމެއް ނުވެއެވެ. އެއީ ރައްޔިތު މީހާ އޭނާއަށް ކުރާ އިތުބާރު ގެއްލެން ބޭނުން ނުވާތީއެވެ.

ޒާޔާއަށް ވާހަކަ ފަށަންވީ ހިސާބެއްް ނޭނގިފައި އިނދެވުނީއެވެ. އެހެންވެ އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ހުސައިނެވެ. “އަޅުގަނޑު ޒާޔާ ދަންނަން ޒާޔާ ކޮމިޝަނަރަކަށް ވީ ހިސާބުން. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އަޅުގަނޑު އޭރު ހުރީ މަޤާމުގެ ގޮތުން ޒާޔާއަށްވުރެ ދަށުގަ. އަޅުގަނޑު ދަންނަ ޒާޔާއަކީ ތިހެން އިންނަ ޒާޔާއެއް ނޫން އިނގޭތޯ. ކުރުގޮތަކަށް ކަންތައްތައް ވީ ގޮތް އަޅުގަނޑާ ޚިއްސާކޮށްލަދެއްވާ.”

ފުން ނޭވައެއް ދޫކޮށްލުމަށް ފަހު ޒާޔާ ވާހަކަދައްކަން ފެށިއެވެ. މަޤާމު ގެއްލުނު ފަހުން މިއަދާ ހަމައަށް ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ޒާޔާ ކިޔައިދެމުން ދިޔައެވެ. މަލައިކާގެ ވާހަކަ ފިޔަވައެވެ. ޒާޔާ، ވީގޮތް ކިޔައިދެމުން ދިޔަ ވަރަކަށް ހުސައިން ދިޔައީ އޭނާއަށް ފާހަގަކުރެވެމުން ދިޔަ މުހިއްމު ކަންތައްތައް ނޯޓު ކުރަމުންނެވެ. އެއްފަހަރު ނޯޓު ކުރަމުން ދިޔައިއްޔާ އަނެއްފަހަރު އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ އިވެމުން ދިޔަ ވާހަކަތައް ކަނުލައި އަޑުއަހަމުން ދިޔައެވެ.

“ޔާފިއުއަށް ތިހާ ޝައްކު ކުރެވެނީ ކީއްވެެގެންތޯ؟” ހުސައިން އަހައިލިއެވެ. ޔާފިއުއަކީ ހުސައިން ވެރިކަމަށް ހޮވުމުގެ ކުރިން ރާއްޖޭގެ ވެރިކަމާ ހަވާލުވެގެން ހުރި މުއްސަނދި ބޭފުޅެކެވެ. “އެއީ.. އެ ބޭފުޅާގެ ޒައާމަތުގަ ނޫންތޯ މި ހުރިހާ ކަމެއް ހިނގީ. އަޅުގަނޑު އަމިއްލައަށް ފެނިގެން އަޅުގަނޑުގެ މަޤާމް ދޫކޮށްލި ނަމަ އަޅުގަނޑު ނޫޅޭނަން މިހާވަރުން މިކަމަކާއެއް. އެކަމަކު އަޅުގަނޑު އަތުން އެ މަގާމް ބަޔަކު މީހުން ނިގުޅައިގަތީމަ އަޅުގަނޑަކަށް ކަމަކު ނުދޭ.” ޒާޔާ ބުންޏެވެ.

ހުސައިނަށް ޒާޔާގެ ވާހަކަތަކުން އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ އެއްވެސް މީހަކާ ދިމާލަށް ކުޑައިމީސްކޮށް އެންމެ ލަފްޒެއްވެސް ބުނެފައިނުވާ ކަމެވެ. އެއީ ޒާޔާއާ ދޭތެރޭ ނާއިންސާފުން ކަންތައް ކޮށްފައި ހުރި މީހަކު ކަމުގައި ވިޔަސް މެއެވެ. ހުސައިނަށް ޒާޔާގެ އެ ސިފަ ވަރަށް ކަމުދިޔައެވެ. ހުސައިން ހިތަށް އެރިއެވެ. މިހާ ރަނގަޅު މީހަކު އަދާކުރަމުން ދިޔަ ވަޒީފާ ބަޔަކު މީހުން ޖަހައިގަންނަންވީ ސަބަބަކީ ކޮބާބާވައެވެ.

“ޔާފިއުއާ ދޭތެރޭ ޝައްކު ވަންޏާ އަޅުގަނޑު ޔާފިއުގެ ކަންތައްތައް ބަލާލަދޭނަން އިނގޭތޯ. އަޅުގަނޑަށް ވެސް އިވިފަ އޮތީ އޭނައަކީ ނަޒާހަތްތެެރިކަމުގެ އެއްވެސް ސިފައެއް ނެތް މީހެކޭ ކިޔާ އަޑު. އެކަމަކު އަޅުގަނޑު ދުވަހަކުވެސް ބެލި ކަމެއް ނޫން އެއީކީ އަޅުގަނޑުގެ ކުރިން ވެރިކަން ކުރި ބޭބޭފުޅުންގެ ހުރި އުނި ކަމަކާ ގޯސް ކަންތައްތައް ބެލުމަކީ. ދެން، ޒާޔާ ތި ދެއްކެވި ވާހަކަތަކުން އަޅުގަނޑަށް އެބަ އެނގޭ ވަރަށް އުނދަގުލުގަ އުޅެފިކަން. އަނެއްކަ ފިރިމީހާ ވެސް ނުހައްގުން ޖަލުގަ އޮތް ވާހަކަ ތި ވިދާޅުވެލެއްވީ.” ހުސައިން ބުންޏެވެ.

“އަޅުގަނޑު މި އެދޭ ކަންތައްތައް ބަލާލަދިނުމަށް ރައީސްގެ އަރިހުގަ އަޅުގަނޑު މި އެދެނީ. އެހެނިހެން ކަންކަން އަޅުގަނޑަށް ދޫކޮށްލަދެއްވާ.” ޒާޔާ ބުންޏެވެ. “އާދެ. އަޅުގަނޑަށް އިތުބާރު ކުރައްވާ. ފުލް ޔަގީންކަމެއް އަޅުގަނޑަކަށް ނުދެވޭނެ ހުރިހާ މައުލޫމާތެއް ހޯދިދާނެކަމުގެ. އެކަމަކު ޒާޔާއަށް ތި ކުރިމަތިވެފައިވާ ގެއްލުންތައް ފޫބައްދަދޭން އަޅުގަނޑު، ރައްޔިތު މީހާގެ ކަންކަން ބޮލުގައި އެޅިފަ އޮތް މީހެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްދޭނަން އިނގޭތޯ! އިތުރު ކަމެއް ފާހަގަކޮށްލަން ބޭނުންތޯ؟” ޒާޔާ ނޫނެކޭ ބުންޏެވެ. ހުސައިންގެ އިޒުނަ ލިބުމާއެކީ ޒާޔާ ތެދުވެ އޮފީހުން ނުކުންނަން ހިނގައިގަތެވެ.

***********

ދުވަހުގެ އިރު އޮއްސުމާއެކީ، ފަތިހަށް ފަރިވެ ފޮޅުނު މާތައް މިލާ މޯޅިވި ކަހަލައެވެ. އެހެނަސް، އެ މާ ތަކުގެ ތެރޭ ފަރިވެ ފޮޅިފައި އިން ތާޒާ މަލެއް ހިނގަމުން ދިޔައެވެ. އިންސާނެއްގެ ހަމަ ލޮލަށް ނުފެންނާނޭ ފަދައަކުން އެ އަޖައިބުކުރުވަނިވި ބަގީޗާ ތެރޭ މަލައިކާ ހިނގަމުން ދިޔައެވެ.

ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ ވަރަކަށް މަލައިކާގެ ފަން، ދިގު އިސްތަށިގަނޑު ބިންމަތީ ކޭއްތެމުން ދިޔައެވެ. މަލައިކާގެ ތުނި ހަށިގަނޑު ފޮރުވާލެވިފައިވީ ފިނިފެންމަލުގެ ފިޔަތަކުން ޖަރީކޮށްފައިވި ރީތި ދިގު ހެދުމަކުންނެވެ. ހުދުކުލައިން ހުރި ކޮންމެ ފިޔައެއްގެ ކޮޅުގައި މަޑު ފިޔާތޮށިކުލަ ޖެހިފައި ހުއްޓެވެ. މަލައިކާގެ ބުރުސޫރައަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެނީ އޭތީގެ އަތްފައިގައި އަޅުވާފައި ހުރި ގަހަނާތަކުގެ ސަބަބުންނެވެ.

މުޅި ސަރަހައްދު ފިނިފެންމަލުގެ މީރުވަހުން އެއްވަސްކުރަމުން މަލައިކާ އުދުއްސައިގަތެވެ. އެހާ ބާރުމިނުގައި އުދުހެމުން ގޮސް މަލައިކާ ޒާޔާގެ ގޭ ދޮށަށް ތިރިކޮށްފިއެވެ. އަދި ލޯ މަރާލުމާއެކީ އެ މަޚުލޫޤޫ ހުރިތަނަށް ޣައިބުވެއްޖެއެވެ.

************

މަޣްރިބު ނަމާދުގެ ފަހު ސަލާމް ދީ ނިމުމާއެކީހެން ޒާޔާއަށް އޭނާގެ ކޮޓަރިތެރެއިން ފިނިފެންމަލުގެ މީރު ވަސް ދުވަން ފެށިއެވެ. އެ އައީ ކާކުކަން އެނގުމާއެކު އެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުރެހިގެން ދިޔައެވެ.

މުސައްލަ މަތިން ތެދުވެ ފަސް އެނބުރި ބަލައިލިއިރު ފުރިހަމަ ހިނިތުންވުމެއްގައި މަލައިކާ ހުއްޓެވެ. މަލައިކާގެ ދެލޯ ވިދަމުން ދިޔަ ގޮތުން އެ ހިތުގައި އޭނާގެ އެކުވެރިޔާއަށް ޓަކައި އޮތް ލޯތްބާ، އޯގާތެރިކަން ފަހުމުކޮށްދެއެވެ. މަލައިކާ މަޑުމަޑުން ހިނގާލާފައި ގޮސް ޒާޔާގެ ބޮލުގައި ފިރުމައިލިއެވެ. އަދި އެކުވެރިޔާއަށް ޓަކައި ދުޢާ ކުރިއެވެ.

“ޒަމް ކޮބާ؟” ޒާޔާ އަހައިލިއެވެ. މަލައިކާ ފުން ނޭވައެެއް ދޫކޮށްލިއެވެ. “އެކަހަލަ ހާލެއްގަ. ކުރީ ރެއަކު ޒަމްލާ ހޮސްޕިޓަލުގަ އޮތް….” މަލައިކާ އެދުވަހު ވީގޮތް ޒާޔާއަށް ކިޔައިދިނެވެ. ޒާޔާ ވަރަށް ދެރަވިއެވެ. މިހާރު ވެސް ޒަމްލާ ގެންނަން ޒާޔާ ބޭނުމެވެ.

“ޒަމްލާ ގެންނަން ޒާޔާ ބޭނުންވެފަވާ މިންވަރު އަހަންނަށްވުރެ ރަނގަޅަށް އެނގޭނެ އެހެން ދިރޭ މަޚުލޫގެއް މި ދުނިޔެ މަތީ ނުވާނެ. ތީ ޒަމްލާގެ މައިމީހާ ކަމުގަ ވިޔަސް، ޒަމްލާ މިގެއަށް ގެންނަން އުޅެންޏަ ޝަރީއަތުގެ މަރުހަލާއެއް ކަޑައްތު ކުރަން ޖެހޭނެ.” މަލައިކާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އާދައިގެ ރާގެއްގައެވެ. “އެނގޭ ތިކަން. އެ ދެބަފައިން ސަލާމަތްކުރުން.. އެއީ މިހާރު އަހަރެންގެ ފޯކަސް އިން ދިމާލަކީ.” ޒާޔާ ބުންޏެވެ. އޭނާ އިނީ އަޅައިގެން އިން ބުރުގަލާ ކުޅެލަކުޅެލައެވެ. “ވަރަށް މަސައްކަތް އެއީ ޒާޔާ. ވަރަށް ހިތްވަރުކުރަން ވާނެ.” މަލައިކާ ބުންޏެވެ.

“އިޒްވާ ކީއްކުރަނީ މިހާރު؟” ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައަކުން ޒާޔާ އެހިއެވެ. “އަމިއްލަ އެދުމައިގެން އުޅެނީ.. ޒާޔާއަށް އެނގޭތަ! އަހަންނަން އޭނަ ފެނުނަސް މަގޭ ނަފްސު ކޮންޓްރޯލެއް ނުކުރެވޭ. އޭނަ ފެނުނަސް ބޭނުންވަނީ މަގޭ އަތް ހޫރާލާ ގޮތަށް އޭނަ އެއްފަހަރުން މަރާލަން…” މަލައިކާ ފަހު ޖުމުލަ ބުނިއިރު އޭނާގެ ދެލޮލުން އަލިފާނުގެ ހުޅުކޮޅުތައް ފާޅުވެލިއެވެ. އޭގެ އަނެއް ސިކުންތުގައި އެ ހުޅުކޮޅުތައް ގެއްލިއްޖެއެވެ. މަލައިކާގެ ވާހަކަތައް އަޑުއަހަން ޒާޔާ އެ އިން ގޮތަށް އިނެވެ. “އަހަންނަށް ހެދުނު ގޯހެއް ކަންނޭނގެ އެއީ އޭނައާ ބެހުމަކީ. ކުރީ ރޭގަ ހުވަފެނެއް ދެއްކިއިރަށް ޒަމްލާ ދިމާއަށް އެއްޗެހި ގޮވާލައިފި ޒަމްލާ ވެސް އޭނައަށް ސިހުރު ހަދަން ފެށީއޭ ކިޔައިގެން… ޒާޔާ ކިބައިން މާފަށް އެދެން އަހަރެން… އަހަންނާ ހެދި އިޒްވާ ޒަމްލާއާ ދިމާއަށް އެގޮތަށް އެއްޗެހި ކީ…” މަލައިކާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް އޭނާގެ އަޑު އެކީ ކުރެހިގެން ދިޔައެވެ. އަަޑު އައީ ނިކަން ބިރުވެރި ގޮތަކަށެވެ. ނަމަވެސް ޒާޔާގެ ހިތުގައި ބިރުވެރިކަމުގެ ކަންފުޅެއް ވެސް ނެތެވެ. އޭގެ ބަދަލުގައި އެ ހިތުގައިވީ މަލައިކާއަށް ޓަކައި އިންތިހާ ހަމްދަރުދީއެވެ.

“އަހަރެން ހިތް ބުރައެއް ނުކުރަން.. އަހަރެންގެ ހިތަށް ކެތެއް ނުވާނެ އަހަރެންގެ ދަރިއަކާ ދިމާއަށް މީހަކު ބަސްބުނެ ހަދަންޏަ. އަދި އަންހެން ކުއްޖަކު..” ޒާޔާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ޒާޔާ ވާހަކަ ދެއްކިއިރު އެ އަޑުގައި ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް ވިއެވެ. “މަލައިކާ.” ހިމޭން ވަގުތުކޮޅަކަށް ފަހު ޒާޔާ މަލައިކާއަށް ގޮވައިލިއެވެ. އަދި މަލައިކާގެ މޫނަށް ބަލައިލިއެވެ. މަލައިކާ ދެ ބުމަ އަރުވައިލީ ކިހިނެއްވީހޭ އަހާފަދައަކުންނެވެ. “ލިއަމް….” ފިރިމީހާއާމެދު ވިސްނި އެ ހިތަށް ކުރުވާ ގޮތްނޭނގޭ ފުން އަސަރުތައް ބޭރުވީ އެ ދުލުން ނުކުތް ފިރިމީހާގެ ނަމުންނެވެ. މަލައިކާ ހިތަށް އެރިއެވެ. އެކުވެރިޔާ ހާދަ ހިތުގައި ޖެހިފައިވާނެތާއެވެ. އެކަމަކު ކުރިއާ ޚިލާފަށް ޒާޔާ ނަފްސާނީ ގޮތުން ވަރުގަދަ ކަމަށް ދައްކައެވެ. އެއީ ވެސް އެ ނިކަމެތި އިންސާނާއަށް ލެއްވި ރަޙުމަތެއްތާއެވެ.

***********

“ޒާޔާ….” ނިދިފައި އޮތް ލިއަމްގެ ދުލުން ނުކުތީ އެ ނަމެވެ. ދެ މީހުންގެ ދެމެދު ލެވިފައިވި ދަގަނޑުގެ ފާރަކީ ލިއަމްއަށް ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށް ވެއްޖެއެވެ. އެ ފާރު ތަޅާލާ، ޒާޔާ ކައިރިއަށް ދާން ލިއަމް ކެތްމަދުވެފައިވިއެވެ. އެކަމަކު އެކަން ކުރާނެހާ ހިތްވަރު އޭނާގެ ގައިގައި ނެތީއެވެ. މިފަހަކަށް އައިސް ލިއަމް އެންމެ ބޯ ހާސްކުރުވާ ކަމަކަށް ވެފައިވީ އިޒްވާ ގަދަކަމުން އެ ދެމީހުން ދުރުކުރުވަން މަސައްކަތް ކުރާ ކުރުމެވެ. ލިއަމް ދުވަހަކުވެސް ޒާޔާއާ ވަކިވާން ބޭނުން ނުވާކަން އިޒްވާއަށް އެނގޭނެ ނަމައެވެ.

*************

ރޭގަނޑުގެ ހިތްގައިމު ވަގުތު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުރި ކެފޭއެއްގައި ކެއުމަށް އިންސާފުކުރަން އިޒްވާއާއި ރިފާއު އިނެވެ. ކަމުން ދިޔައިރު ވެސް ދެ މީހުން އެކި ކަންކަމާ މަޝްވަރާ ކުރަމުން ދިޔައެވެ.

“އަހަންނަށް ބޮޑަށް ހީވަނީ އެކަހަލަ ކަމެއްހެން ތިއުޅެނީ. ސިހުރެއް ޖެހުނީ ކަމަށް ވާނީ.” ރިފާއު ބުންޏެވެ. ދެ މީހުންގެ އެ ބައްދަލުވުމުގައި އިޒްވާ ވަނީ އޭނާއަށް ދިމާވި އާދަޔާ ޚިލާފު ކަންތައްތަކުގެ ވާހަކަތަައް ކިޔައިދީފައެވެ. އޭނާ ހަނދާން ހުރި ވަރަކުން އެ ހުރިހާ ވާހަކަތަކެއް ކިޔައިދީފައިވެއެވެ.

“އަހަންނަށް އެވަރުގެ ކަމެއް ކުރަން ކެރޭވަރުގެ މީހަކު ހުރެގެން ނުވާނެ. މަށަށް މިހާރު ހުވަފެނެއް ފެނުނަސް ޒާޔާ ޒާޔާ ޒާޔާ.. އެމީހަކު ޒާޔާ ސަލާމަތް ކުރަނީއޯ. ލިއަމް ސަލާމަތްކުރަނީއޯ. ބޯ ހަލާކު. އަދި އެ ޒަމްލާ. އެ ވެސް ނުލަފ… މީހެއް ބުނަން. މާ ތުއިވެގެން އެހެން މީހުނަށް ތިއްތި ދެއްކެން އެ އިންނަނީ… ބޯ ފަޅައިގެން ދޭ އޭނައާ ހެދި. އެއްބައިފަހަރަށް ހިތަށް އަރާ އޭނަގެ ދުވަސް ދުއްވާލަންވީއޭ..” އިޒްވާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަދެއްކުމުގައި އަނެކާއާ ދޭތެރޭ ހަސަދައާއި ނަފްރަތު ނޫން އެހެން އެއްޗެއް ނުވެއެވެ.

“ތިހާ ބޯ ފަޅައިގެން ދަންޏަ ކީއްކުރަން ޒަމްލާ ކަލޭ ކައިރީ ބަހައްޓައިގެން ތިއުޅެނީ؟” ކުއްލިއަކަށް ފަހަތުން މީހަކު ވާހަކަދެއްކުމުން ދެމީހުނަށް އެކީ ފަހަތަށް ބަލައިލެވުނެވެ. އެ ސުވާލު ކުރި މީހަކު ހުރީ އެ މީހުނަށް ފުރަގަސްދީގެންނެވެ. ކެފޭގައި ހުރި ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެންނެވެ. “އޭ. އެހެން މީހުން ދައްކާ ވާހަކައިގެ ދެމެދަށް ވަދެގަތުން އެ ވަރަށް ކަޑަކަމެއް އިނގެ ބްރޯ..” ރިފާއު އެއްވެސް ޖެހިލުންވުމަކާ ނުލައި އެ މީހާއާއި ދިމާއަށް ބުންޏެވެ. “މީހުންގެ އަބުރާ އިއްޒަތާ ކަރާމާތަށް އަރައިގަތުން ތިއަށްވުރެ މާ ބޮޑަށް ވެސް ކަޑަ. މަ ހިއެއް ނުކުރަން ނަރސިސިސްޓިކް ވެގެން ގޮސް މީހަކު ހައްދުން ނައްޓާނެ ކަމަކަށް!” އެ މީހަކު އެހެން ބުނެ އިޒްވާމެނާ ކުރިމަތިވާނެހެން އެނބުރުނެވެ. އެ މީހެއްގެ ސޫރަ ފެނުމާއެކީ އިޒްވާއަށް ކުރެވުނީ މުޅި ދުނިޔެއަށް އޭނާ ފަޟީޙަތް ވެއްޖެކަމުގެ އިހުސާސެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.