
ޒާޔާ (ސީޒަން 2) – 18

އޭތި މަޑުމަޑުން އިޒްވާއާއި ދިމާއަށް ގުދުވެލިއެވެ. އިޒްވާއަށް ހިންދިރުވައިލެވުނެވެ. “ކަލޭ މަރާލަން އަހަރެން މި އައީ.. މަރުވާން ބޭނުންތަ؟” އެއީ އަންހެން އަޑެއް ކަމަކު އެ އަޑު ބަރުވެފައި ބާރެވެ. އިޒްވާއަށް ބިރުން ދެ ފަރާތަށް ބޯ ހޫރުވާލެވުނެވެ. “އެހެންކަމަށް ވަންޏާ އެމީހުނަށް ކަލޭ ތި ކުރާ އަނިޔާ ހުއްޓާލާ!” އަމުރުވެރި ރާގަކަށް އޭތި ބުންޏެވެ. “ކޮންބައެއްތަ؟” އިޒްވާއަށް އެހެން އެހުނު ހިނދު ހީވީ އޭނާގެ މޫނުމަތިން ތަރި ބުރައިގެން ދިޔަހެންނެވެ. އިޒްވާގެ ކޯތާފަތަށް އޭތި ހޫނު އެތިފަހަރެއް ވީއްލައިލީއެވެ. ކޮލުގައި އޭތީގެ ތޫނު ވަކިތައް ވެސް އެހިނދު އެޅިގެން ދިޔައެވެ. “ޖެއްސުމަށް ކަލޭ މަށާ ވާހަކަ ނުދައްކައްޗޭ އިނގެ!!! އަޑުއަހައްޗޭ.. ޒާޔާމެނަށް ކަލޭ ދޭން އުޅޭ އެއްވެސް ހަމަލައެއް ކާމިޔާބެއް ނުވާނެ. ލިއަމް ކަލޭ ކައިރިން ސަލާމަތް ކުރަނީ ވެސް އަހަރެން.. ލިއަމްގެ ދަރިފުޅު ޒަމްލާ ވެސް. އޭނާގެ އަންހެނުން ވެސް.. މަ ސަލާމަތް ނުކުރާނީ ކާކުކަން ބުނަންތަ؟ އެއީ ކަލޭ!!” އޭތި ބުނަންވީ އެއްޗެއް ބުނެ އޭތީގެ އަތަށް މިޔަ ތޫނު ކަނޑި ހެޔޮވަރުކޮށްލިއެވެ. މާ ސިންގާ ކަނޑިއެއް ފެނުމުން އިޒްވާ ބިރުން ނޫނެކޭ ކިޔާ ރޯންފެށިއެވެ.
ނޫނެކޭ ކިޔާ ރޮއެ ހަޅޭއްލަވަން އިންދައި އޭތީގެ އަތް ދަމާލާފައި އިޒްވާގެ ކަރުގައި އެ ކަނޑިން ޖެހިއެވެ. އިޒްވާގެ އަޑު އެކީ ކެނޑި އެ ކަރު ބުރިވެގެން ގޮސް މުޅިތަނަށް ލޭތައް ބުރައިގެން ދިޔައެވެ.
ނިދިފައި އޮތް އިޒްވާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ފެނުނު ހުވަފެނުގެ އަސަރުގަދަކަމުން އޭނާއަށް ހީވީ އެއީ ހަމަ ޙަޤީޤަތުގައި ވެސް ހިނގި ކަމެއް ހެންނެވެ. މީހާ ހުރީ ދާހިތްލާފައެވެ. ކަރުގައި ފިރުމައިލެވުނީ އޭނާގެ ކަރާއި ހަށިގަނޑު ވަކިނުވެ ސަލާމަތުން އިންކަން ޔަޤީންނުވީތީވެއެވެ. އެހާ ވެސް އެ ހުވަފެނުގެ އަސްލުކަން ގަދައެވެ.
މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ކައިރީ ހަރުކޮށްފައި ހުރި ސްވިޗްބޯޑަށް ފިތައިލިއެވެ. އެއާއެކު އެ ކޮޓަރިތެރެ ހުދު އަލިން އަލިވެގެން ދިޔައެވެ. ކޮޓަރި ވަށައިގެން އެކި ތަންތަން އިޒްވާ ބެލިއެވެ. އިޒްވާ ނޫން އިތުރު މީހަކު އެ ހަތަރު ފާރު ތެރޭ އުޅޭކަމުގެ އިޙުސާސެއް އިޒްވާއަށް ކުރެވެނީއެވެ. އެ ނުތަނަވަސް އިޙުސާސާއެކީ މަޑުމަޑުން ހިނގަމުން ގޮސް، އަލަމާރި ކައިރީ ހުރި ބޮޑު ލޯގަނޑު ކުރިމަތީ އިޒްވާ ހުއްޓިލިއެވެ. އެއާއެކު އޭނާގެ ކަރުގައި ދެމިފައި ހުރި ވަކިތައް ފެނި އޭނާގެ ދެ ލޯ ބޮޑުވިއެވެ.
މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ ތަނަވަސްކަމުގެ އަސަރުތަކުން ފޯވެފައި ހުންނަ ކާނާ އާއި ފެން އަރުތެރެއިން ދިރޭއިރު، ޒަހަރުގައި ލާ ފަދަ ވިހަ ރަހައެއް ހުންނަނީ ކީއްވެހެއްޔެވެ؟ އަނެއްކާ އޭނާގެ ދިރިއުޅުމަށް ހަރުފައެއް ވިހަ ލީ ހެއްޔެވެ؟ ހަށިގަނޑުގައި ދިރުމެއް ނެތް މީހަކު ފަދައިން ހިނގާފައި އިޒްވާ ގޮސް އޭނާގެ ބޮޑު އެނދުމަތީ އިށީނެވެ. އެއްދިމާލަކަށް ގެއްލިފައި އިނދެ އިޒްވާއަށް މި ކުރިމަތިވަމުންދާ ކަންތައްތަކާ މެދު ވިސްނެން ފެށުނެވެ. ވިސްނަމުން ދިޔަ ވަރަކަށް އޭނާއަށް ވަކި ކަމެއް ފާހަގަކުރެވުނެވެ. އެއީ އޭނާއަށް ދިމާވި ކޮންމެ އާދަޔާ ޚިލާފު ކަމެއް ޒާޔާއާ ގުޅިފައިވާކަމެވެ. ޒާޔާގެ އާއިލާއާ ގުޅިފައިވާކަމެވެ. މިރޭ ވެސް މި ފެނުނީ އެކަހަލަ ކަމެކެވެ. ހުވަފެނުގައި މުޅިންވެސް ދެއްކީ ޒާޔާއާ ގުޅޭ ވާހަކަތަކެވެ. އެ ފެނުނު ބިރުވެރި ސޫރައާ އޭނާގެ ކަރު ބުރިވެގެންދިޔަގޮތް އޭނާއަށް ސިފަވިއެވެ. އެއާއެކު އޭނާއަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ.
***********
ޒަމްލާ އޮތީ އޭނާގެ ކޮޓަރީގައެވެ. ނުނިދިފައެވެ. އަދިވެސް އެ ހިތް ބިރުގަންނަނީއެވެ. ހިތަށް ސިހުން ގެނުވަނީއެވެ. އެ ހިތް ބިރުގަންނަނީ ދެންމެ ދެންމެ އިޒްވާގެ ހަމަލައެއް އަތުވެދާނެތީއެވެ. ހިތުގައި އުފެދިފައިވި ބިރުވެރިކަމާ އެއްވަރަށް އެ ހިތުގައި ފުންމިން ނޭނގޭ އިހުސާސްތަކެއް ވެސް ކުރިފަޅަމުން ދިޔައެވެ. އެއީ، ލައްކަ ޒަމާންތަކަކަށްފަހު މީހެއްގެ ފަރާތުން އޭނާއަށް އަޅާލުމާ، ލޯބި ލިބުނުހެން ހީވާތީވެއެވެ. ހޮސްޕިޓަލުގައި އޮތްއިރު ރާމިޝް އުޅުނު ގޮތް ޒަމްލާއަށް ކޮންމެވެސް ވަރަކަށް ފެނުނެވެ. ޑޮކްޓަރު، ޒަމްލާ ބަލަން އައުމުން ރާމިޝް އިސްވެ ޒަމްލާ ރަނގަޅުތޯ އަހައެވެ. ޒަމްލާއަށް ވަނީ ކިހިނެތްތޯ އަހައެވެ. ރާމިޝް ޒަމްލާއަށް ބަލަހައްޓައިގެން ހުންނަ ގޮތް ވެސް ޒަމްލާއަށް ފާހަގަކުރެވިފައިވިއެވެ.
ކޮންމެއަކަސް، އެރޭ ޒަމްލާގެ ބަސްނާހާ ހިތާ ސިކުނޑި، އޭނާ ނިދިޔަ ނުދިނެވެ. އަނެއްކާ، ޒަމްލާއަށް އެހެން ‘ހަމަޖެހިލައިގެން’ މާ ގިނައިރުތަކެއް ވަންދެން ނުވެސް އޮވެވުނެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ އެ ދޮރުގައި މީހަކު ބާރަށް ޖަހަން ފެށި އަޑަށެވެ. އިރުކޮޅެއްނުވެ، އިޒްވާ އޭނާއަށް ބާރުބާރަށް ގޮވާ އަޑު އިވެން ފެށިއެވެ.
ޒަމްލާއަށް ހަދާނެ ގޮތް ހުސްވިއެވެ. އަނެއްކާ ރާމިޝް އޭނާއަށް އެހީތެރިވެދިންކަން އިޒްވާއަށް އެނގުނީ ހެއްޔެވެ؟ ޒަމްލާ ބިރުގަންނަން ފެށިއެވެ. ހާސްވެ ކަންބޮޑުވާން ފެށިއެވެ. ފަހަރަކަށްވުރެ ފަހަރެއް އިޒްވާގެ އަޑު ދިޔައީ ބާރުވަމުންނެވެ. ޒަމްލާ އަވަސްއަވަހަށް އޭނާގެ އަތުގައި އަޅާފައި އޮތް ހުދުކުލައިގެ ބޭސްމަލަން ނައްޓާލާފައި އެއްލައިލިއެވެ. އަދި ގޮސް، ދޮރު ހުޅުވިއެވެ.
“ކަލެއަށް ކިހިނެއްތަ ހަދަންވީ އަހަރެން؟ އޭނ..!” ޒަމްލާގެ ގައިގައި އަޅާ ކޮށްޕާލަމުން އިޒްވާ ހަޅޭއްލަވައިގަތެވެ. ޒަމްލާ ފަހަތަށް ދިޔަގޮތަށް ގޮސް ވެއްޓުނު ގޮތަކުން އޭނާގެ ބުރަކަށި ޖެހުނީ އެނދުގެ ފަޑީގައެވެ. އެއާއެކު ބުރަކަށި ޖެހުނު ދިމާލަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އެހެނަސް ޒަމްލާ އެއްވެސް އަޑެއް ލައްވައިނުލިއެވެ. އިސްޖަހައިގެން އިން ގޮތަށް އިނީއެވެ. “ކަލޭގެ އެ ތިބަ މޮޅު މަންމައަކާ ބައްޕައަކާ ހެދި އަހަންނަށް އުޅެން އުނދަގުލޭ… މަށަށް މި ހުރިހާ ކަމެއް މިވަނީވެސް ކަލޭ މިތާ އުޅޭތީކަން އަހަންނަށް އެނގެޔޭ. މަށަށް ޔަގީން މީ ހުސް ކަލޭގެ ކަންތައްކަން. ކަލެއަށް ވެސް އެނގޭ ދޯ މީހުނަށް ސިހުރު ހާހޫރަ ހަދަން. ހުރެބަލަ ކަލެއަށް ވަރުގަދަ ގޮތެއް ހަދައިލާނަން. އަހަންނަށް ބޮޑު އުނދަގުލަކަށް ވެއްޖެއޭ…” ބުއްދި ފިލައިގޮސްފައި ހުރި މީހެއްހެން އިޒްވާ ޒަމްލާއާ ދިމާލަށް އެއްޗެހި ގޮވަމުން ދިޔައެވެ. ހަޑިހުތުރު ބަސްތައް އެކުއްޖާއަށް ރައްދުކުރަމުން ދިޔައެވެ. ޒަމްލާ އިނީ ބިރުން ރޫރޫ އަޅާ ޙާލުގައެވެ. މީގެ ގަޑިއިރުތަކެއް ކުރިން އޭނާގެ ކޮޓަރިތެރެއިން ރާމިޝް ފެނުމުން އޭނާގެ ސިކުނޑި ދައްކުވައިދިން މަންޒަރުތަކަކީ ހަމަ ޙަޤީޤަތެއްތާއެވެ. ޒަމްލާގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ލޮލުތެރެއަށް ކަރުނަތައް ބޮނޑިވަނީއެވެ. އެހެނަސް، ހިފަހައްޓަން އެބަޖެހެއެވެ.
އިޒްވާއެކޭ ލާހޫރޭ މީހެކޭ އެއްވަރެވެ. ގޭތެރޭގެ އެކި ދިމަދިމާލުގައި ހިނގަހިނގާފައި އެންމެ ފަހުން އިޒްވާ އައީ ބަދިގެއިން ބިއްލޫރި ތައްޓެއް ހިފައިގެންނެވެ. ޒަމްލާއާ ދިމާލަށް އެ ތަށި އެއްލަން އަތް ހިއްލައިލި ވަގުތު އޭނާގެ އަތުގައި މީހަކު ހިފަހައްޓައިފިއެވެ. އުއްމީދުނުކޮށް ހުއްޓައި ކުރިމަތިން ރާމިޝް ފެނުމުން އިޒްވާއަށް ސިހުމެއް ލިބުނެވެ. އިޒްވާގެ މި ސިފަތަކަކީ ރާމިޝްއަށް ދައްކަން ބޭނުންވާ ސިފަތަކެއް ނޫނެވެ. އެހެނަސް ، މިރޭ މިއޮތީ ރާމިޝްއަށް ފެނިފައިތާއެވެ.
“ކޮންކަމެއް ތީ މަންމާ؟ އިޒްވާގެ އަތުގައި އޮތް ތަށި އަތުލަމުން ރާމިޝް ބުންޏެވެ. “އޭނަ މަންމައަށް ކޮން އުނދަގުލެއް ކުރަނީތަ؟ ދަންވަރު ވަގުތު މީހުނާ ދިމާޔަށް އެއްޗެހި ގޮވަން މީ ކޮންފަދަ ކަމެއް؟ އޭނަ މަންމައަށް ކޮން އުނދަގުލެއް ކުރާތީތަ މަންމަ އޭނައަށް ތިހާ އެއްޗެއްސެއް ތި ގޮވަނީ؟” ޒަމްލާގެ ދިފާއުގައި ރާމިޝް ވާހަކަ ދެއްކުމުން އިޒްވާއަށް ކަމަކު ނުދިޔައެވެ. “ރާމިޝްއަށް އަދިވެސް ރަނގަޅީ އޭނަ؟ މުޑުދާރު އަންހެނެއް.” ޒަމްލާއޭ ބުނެ އޭނާގެ މަންމަ ފަރާތުން ރާމިޝްއަށް އެ އިވުނު ބަސްތަކަކީ އަޑުއަހަން ކުޅަދާނަވި ބަސްތަކަކަށް ނުވިއެވެ. އައި ރުޅީގައި، ރާމިޝްއަށް އޭނާގެ މަންމަގެ މޫނުމަތީ ޖެހުނެވެ. އެއީ އޭނާގެ އިޚްތިޔާރުން ބޭރުގައި ކުރެވުނު ކަމެކެވެ. ރާމިޝް ގާތަށް އެ އައި ގަދަ ރުޅީގެ ފަހަތުގައިވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ޒަމްލާއަށް ޓަކައި އެ ހިތުގައިވި ލޯބިބާއެވެ. ނުވަތަ މަންމައަށް ޓަކައި އެ ހިތުގައިވި ރުޅިވެރިކަމާ ނަފްރަތު ހެއްޔެވެ؟
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Haadha kurey. Thankolheh episodes avas kolladheeba. V reethi
Thank you very much..
yes varah kurukan engey.. sorry for that. episodes ves kurin submit kuraahaa avahah mhr nukurevey eiy varah undhagukoh midhuvaskolhu midhany..
But i will try my very best to submit the eps soon.
Thank you,☺️