
އާރާ – 7

އެކުވެރިންނާއިއެކު ކުޅުނު ތާސް ކާޑުތަކަށް އޮތް ސަމާލުކަން ގެއްލިއްޖެއެވެ. އެ ޒުވާނާއާ ދިމާލަށް އާރާގެ ކަޅި އެހުރިހާ ވަގުތަކު ހުއްޓިފައި ހުރުމުން އޭނާގެ އެކުވެރިން އަތް ހޫރާލާފައި އޭނާއަށް ދިމާކުރެއެވެ. “ޒައިން؟..ކޮންކަމެއްގައި ތިއުޅެނީ” ލަދުރަކި ވެފާ ހުރެ އާރާ ބުނެލިއެވެ.(ކުރީގެ ޕާޓްއާއި ގުޅޭ)
އާރާ އެހެން ބުނުމުން ޒައިން އާރާ ކައިރީ މަޑުކޮއްލިއެވެ. “ހަދާން ވޭތަ މީ ކާކުކަން؟” އާރާ ސުވާލުކޮށްލިއެވެ. “އާނ އާރާތަ؟” ވަރަށް ހައިރާންވެފައި ހުރެ ޒައިން ބުނެލިއެވެ. “ކޮންކަހަލަ ދަތުރެއްގަ މިރަށައް ތިއައީ؟” އާރާ ސުވާލުކޮށްލިއެވެ. “ޗުއްޓީއަށް މަންމަ ބޭނުންވީ މިރަށައް އަންނަން” ޒައިން ބުނެލިއެވެ. “ދުވަހަކުވެސް އަހަރެން ހީނުކުރަން ޒައިން އާއި ދިމާވާނެކަމަށް” އާރާ އަށް އެހެން ބުނެވުނީ ހައިރާންކަމުގެ ތެރޭގައެވެ. “އޭއި ޒައިން އާދެބަ ކަމެއް ވެގެން މިއުޅެނީ” އިސްތަށިގަޑު ދިގު ކޮށްފައިހުރި ޒުވާން ފިރިހެނަކު ދުވެފައި އެތަނަށް އައިސް ޒައިންގެ ކޮޑުގައި ކޮއްޓާ ލާފައި ވަރަށް ބާރަށް ވާހަކަދެއްކިއެވެ. އެމީހާ އެހެން ބުނުމާއެކު ޒައިން އެމީހާ އާއެކު މަގަށް ނުކުމެ ވަރަށް އަވަސް އަވަހަށް ރަށުތެރެއަށް ހިނގައިގަތެވެ.
ދެއްކި ވާހަކަތަކަށް މެދުކެނޑުމުން އާރާ އަތުގައިވާ ކާޑުތަކަށް ބެލުމަށްފަހު ކާޑެއް ނަގައި ޖަހައިލާފިއެވެ. މާގިނައިރުތަކެއް ނުވެ ރައިނާ އެބުރު ކާމިޔާބުކޮށް އެ ބުރު ނިންމާލިއެވެ. “އަހަރެން އެބަޖެހޭ ހަވީރު ތަނަކަށް ދާން… ހިނގާ ގެޔައް ދަމާ” މާކިން ބުނެލިއެވެ. އެވަގުތު އެންމެން ހިނގާފާ ގެޔަށް މިސްރާބުޖެހިއެވެ. ބޮޑު މަގުން ހިނގާފަ އެންމެން އެއްކޮށް ހިނގާފައި ދިޔައިރު ވަކި ހިސާބަކަށް ދެވުނުތަނާ އާރާ ހަނި ގޯޅިއަކުން އަޅާލިއެވެ. އެއީ އޭނާގެ ގެ ހުންނަ މަގެވެ. ދެންތިބި މީހުން ބޮޑު މަގު ހުރި ސީދަލަށް ދިޔައެވެ.
ގެޔައް ވަދެ އެދުމަތީގައި އާރާ އޮށޯތެވެ، އެ އެއަށްފަހު ފޯނުން ސްކްރޯލް ކުރަމުން ދިޔައެވެ. ވަގުތު ކޮޅަކަށް ފަހު އޭނާ ފޯނު ބާއްވާލިއެވެ. އަދި އެދުމަތި އޮށޯވެ އިނދެ ސީލިންގަށް ބަލައިގެން ހުރެ އޭނާ އަށް ތުނޑިއަށް ގޮސް އުޅުނުއިރު ހިނގި ކަމާމެދު ވިސްނާލެވުނެވެ. އަސްލުކޮށްވެސް އެއީ ޒައިންއެވެ. މިއީ ގަބޫލުކުރަން ދަތި ހުވަފަނެއް ޒާތުގެ ކަމެކެވެ. ހިތާހިތުން އާރާ އަށް ބުނެވުނެވެ. މާޒީގެ ސަފުހާތަކުން އާރާ އަށް ހަދާންތައް އާ ވާން ފަށައިފިއެވެ.
އެއީ ތިން އަހަރު ކުރިއެވެ. އާރާ އޭނާގެ މަންމަ އާއިއެކު މާލެއަށް ދިޔައެވެ. އެއީ ބޮޑުބޭބެގެ ކައިވެނި ހަފްލާއެއް އޮތުމުންނެވެ. އާރާ އޭނާގެ މަންމައާއިއެކު ތިބީ އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެންނެވެ. ހަވީރުގެ ވަގުތެވެ. އާރާ އޭނާގެ މަންމަ އާއި އެކު މާލޭގެ ކާރު ބާރު ބޮޑު މަގުތަކުން ހިނގާފައި ގޮސް ވަނީ ސެންޓު ފިހާރައަކަށެވެ. އަތަރު ހުރި ދިމާލުގައި ހައްވާ ހުރީ ފަހަރަކު ފުޅިއެއް ނަގައި ވަސް ބަލާށެވެ. އަތަރުތައް ހުރީ ފިހާރަ އަށް ވަންނަ ދޮރު ކައިރީގައެވެ. އާރާ ހިނގަމުން ގޮސް ފިހާރާގެ އެންމެ ފަހަތު ފަޅިއަށް ދިޔައީ އޭނާ ކަމުދާ ކަހަލަ ބްރޭންޑެއްގެ ސެންޓުފުޅިއެއް ފެނޭތޯއެވެ. އެތަނުގައި ހުރި ފިޔާތޮށި ކުލައިގެ ސެންޓު ފުޅިއެއް އޭނާ ނަގާލިއެވެ. ސެންޓުގެ ވަސް ބަލައިލުމަށް ބޭނުންކުރާ ކަރުދާސް ނެގުމަށްފަހު އެއަށް ސްޕްރޭކޮށް ވަސް ބަލާލުމަށްފަހު އެ ސެންޓުފުޅި ބަހައްޓަން އުޅުމުގެ ކުރިން ސެންޓު ފުޅި އަތުން ދޫވެއްޖެއެވެ. ކުއްލިގޮތަކަށް އާރާ އަށް ބިރުވެރިކަމެއް ވެރިވިއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފަށާފިއެވެ. އެ ސެންޓު ފުޅި ވެއްޓުމުގެ ކުރިން ވަގުތުން އަތް ދިއްކޮށްލައި އެތާ ކައިރީގައި ހުރި ކުއްޖަކު އެ ސެންޓު ފުޅީގައި ހިފިއެވެ. އާރާ ހައިރާންވެފައި ހުރެ އެކުއްޖާ ދިމާލަށް ބަލައިލިއެވެ. އާރާ އަށް ލަދުން ހުރެ އިސްޖަހާލެވުނެވެ.ސެންޓު ފުޅި ވެއްޓުމުގެ ކުރިން ހިފީ ފުރާވަރުގެ ފިރިހެން ކުއްޖެކެވެ. ކަޅު ގަމީހެއް ލާފައި ހުރި އެކުއްޖާގެ ހަމުގެ ކުލަ ހުރީ އެހާ ކަޅު ނޫން މެދުމިނުގެ މުށި ކުލައަކަށެވެ. ފުދޭވަރަކަށް އެކުއްޖާގެ ބުޅި އިސްތަށިގަނޑު ދިގުކޮށްފައި ހުރިއެވެ. އާރާ ސެންޓުފުޅި ނެގި ވަގުތު އެ ކުއްޖާ ހުރީ ސެންޓުފުޅިތަކެއް އަތުރާށެވެ. ހީވާ ގޮތުންނަމަ އެއީ އެތަނުގައި މަސައްކަތް ކުރާ ކުއްޖެކެވެ. އެ ސެންޓުފުޅި އެކުއްޖާގެ އަތުގައި ޖެހުމަށްފަހު ކުރިން އޭތި ބަހައްޓާފަ ހުރި ތަނުގައި އެ ކުއްޖާ ބެހެއްޓިއެވެ. އެހެން ސެންޓު ފުޅި ތަކާއި ދިމާލަށް އާރާ ނަޒަރު ހިންގާލިއެވެ. ކަމުދާކަހަލަ ސެންޓުފުޅިއެއް ފެނުމުން އޭތި ހިފާގެން އޭނާ ދިޔައީ ކައުންޓަރާ ދިމާލަށެވެ. އާރާ އާއި ހައްވާ ކައުންޓަރު ކައިރީ ހުއްޓުނެވެ. ހައްވާ އެއްވެސް އެއްޗެއް ނުގަނެއެވެ.ކައިވެނި ހަފްލާ އޮތީ އެ ދުވަހުގެ ރޭގަނޑެވެ.
ޖެހިގެން އައި ދުވަހެވެ. އާރާގެ ބޮޑުބޭބެ ބޭނުންވީ އާއިލާ މީހުންނާއެކު ދަތުރު ދިޔުމަށެވެ. އެހެންކަމުން އާއިލާގެ ގިނަ ބަޔަކު ދިޔައީ މާލޭ ފެރީ ޓާމިނަލަށެވެ. އާރާގެ މަންމައާއި ބޮޑުބޭބެގެ އިތުރުން ހައްވާގެ އިތުރު ފިރިހެން ކޮއްކޮ އަކާއި އޭނާގެ އާއިލާވެސް އެމީހުންނާއެކު ވިއެވެ. މާ ގިނައިރުތަކެއް ނުވެ ފެރީ އަތުވެއްޖެއެވެ. ފެރީގައި އާއިލާ އާއެކު އާރާ ފުރީ ކުޑަގިރި އަށެވެ. މިއީ މާލޭގައި ދިރިއުޅޭ އާއިލާ މީހުންނާއި ބައްދަލުވެ އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަން ލިބުނު ފުރުސަތެކެވެ. ކަނޑުމަތިން ނަގަމުން ދިޔަ ބިޔަ ރާޅުތަކާއެކު ފެރީ ދެކޮޅަށް ތެޅެމުން ދެއެވެ. ގިނަ ވަގުތު ތަކެއް ނުވެ ފެރީ ކުޑަގިރިއަށް ކައިރިކޮށްލިއެވެ. ދޮންވެލި ގޮނޑުދޮށުގައި އާރާ އިށީދެގެން އިނީ އޭނާގެ ދެބެންގެ ދެދަރި ސާރާއާއިއެއެކު ރާޒުވާ ކުޅޭށެވެ. ޖެހެމުންދާ ހިތްފަސޭހަ ވައިރޯޅި ތަކާއެކު އެ މާހައުލަކީ ވަރަށް ހިތްގައިމު މާހައުލެކެވެ. ރާޒުވާ ކުޅެ ނިންމުމަށްފަހު ހިތްފަސޭހަ ކޮށްލުމަށްޓަކައި އޭނާ އެ ސަރަހައްދުގައި ހިނގާލިއެވެ.އޭގެ ވަގުތުކޮޅެއް ފަހުން އާއިލާ މީހުން ތިބި ސަރަހައްދާ ދުރަށް އާރާ ހިނގައިގަތެވެ. އޭނާ ހިނގައިގަތީ ފާހަނަ ބަރިއާ ދިމާލަށޭވެ. ފާހަނައިން ނިކުމެ އާއިލާ މީހުން ތިބި ސަރަހައްދައް ހިނގައިގަތް އިރު ކުރިމަތިން ފެނުނު މަންޒަރުން އާރާ ހައިރާން ކުރުވާ ފިއެވެ. އޭނާގެ ކުރިމަތިން އަންނަނީ ފެހި ކުލައިގެ ގަމީހަކާއި ކަޅު ޖިންސެއް ލައިގެން ހުރި ފިރިހެން ކުއްޖެކެވެ. އެއީ ހަމަ އޭގެ ކުރީ ދުވަހު ސެންޓު ފިހާރައިން ދިމާވި ކުއްޖާއެވެ. “ތީ އިއްޔެ ސެންޓު ފިހާރައިން ފެނުނު ކުއްޖާތަ” ހައިރާންވެ ހުރެ އެ ކުއްޖާ އަހާލިއެވެ. އެ ކުއްޖާ ވާހަކަ ދެއްކުމުން އާރާ އެ ކުއްޖާ ކައިރީ މަޑުކޮށްލިއެވެ. “ޔެސް ޔޫ އެގެއިން؟… މިއީ ހާދަ ބޮޑު އިއްތިފާގެކޭ އަނެއްކާ ޔޫ އާ ދިމާވުން” އާރާ އަށް ބުނެވުނެވެ. ” ޔޫ އުޅެނީ މާލޭގަތަ؟” އެ ކުއްޖާ އަހާލިއެވެ. “ނޫން… މާލެ އައީ ބޮޑުބޭބެގެ ވެޑިން އަށް” އާރާ ބުނުލިއެވެ. “ބައި ދަވޭ މައި ނޭމް އިޒް ޒައިން” ޒައިން ތާރަފްވެލިއެވެ. “އައި އޭމް އާރާ” އާރާ ވެސް ތާރަފްވެލިއެވެ. “އާރާ ކީއްވެ ސެންޓު ފިހާރާގައި ހުރި ގަޑީގައި ވާަހަކަ ނުދެއްކީ” ޒައިން އަހާލިއެވެ. “ސެންޓުފުޅި ވެސް ކިރިޔާ ދޯ ނުވެއްޓުނީ އަހަރެން ހުރީ ވަރަށް ލަދުން” އިސްޖަހާލާގެން ހުރެ އާރާ އަށް ބުނެވުނެވެ. “ތިވަރަށް ބިރު ގަންނާކަށް ނުވާނެ އެއީ އެއީ އެއްވެސް މައްސަލައެއް ނޫނޭ އެވަރު ކަމެއް ވެެދާނެ ދޯ” ޒައިން ބުނެލިއެވެ. “ފެރީ ޓާމިނަލް އެތެރެއިން ވެސް ފެނުނު އާރާ އަހަރެން ހުރީ ހަމަ އާރާ ފަހަތުގަ… އެތަނުގަ ހުރިއިރުވެސް ހާދަ މަޑުން އާރާ ހުރީ އާއިލާ މީހުން ތިބި އިރުވެސް ވާހަކައެއްވެސް ނުދައްކާ..އަނެއްކާ ކަމެއް ދިމާވީތަ” ޒައިން ބުނެލިއެވެ. “ނޫން ކަމެއް ދިމާ ވީކީ ނޫން” އާރާ ބުނެލިއެވެ. “ޔަގީންތަ؟” ކަންބޮޑުވެފައިވާ ރާގަކަށް ޒައިން އަހާލިއެވެ. “އާނ… ބުނަންތަ ވާހަކައެއް ބުއްދިވެރިން ވާހަކަ ދައްކާނީ ވާހަކަ ދައްކަންޖެހިގެން މުހިންމު ދަނޑިވަޅުތަކުގައި އެމީހުން ބޭކާރު ވާހަކައެއް ނުދައްކާނެ” އާރާ ބުނެލިއެވެ. “އެހެންވީމާ ތިބުނަނީ އަހަރެންނާއި ވާހަދެއްކުން މުހިންމުކަމަށްތަ” ވިސްނާލުމަށްފަހު ޒައިން ބުނެލިއެވެ. އާރާ ލަދުން އިސްޖަހާލިއެވެ. “ނޭނގެ” އާރާ ބުނެލިއެވެ. “އަހަރެން ދެން ދަނީއޭ މިހާރު އަހަރެން ގެއްލިގެން އުޅޭނެ ކަންނޭގެ” އާރާ ބުނެލިއެވެ. “އެންމެ ރަނގަޅު” ޒައިން ބުނެލިއެވެ. އާރާ އެނބުރި އޭނާގެ އާއިލާ މީހުން ތިބި ސަރަހަށްދަށް ހިނގައިގަތެވެ.
އިރު ގެ ރަން ދޯދިތައް ފަނޑުވަމުން ގޮސް އަދިރިކަން ވެރިވަނީއެވެ. އެންމެން އެކީ މޫދަށް އެރި އުޅުމަށްފަހު އާއިލީ އެ ދަތުރު ނިންމާލާ މާލެ ދެވިއްޖެއެވެ. އާރާ ރަށައް ދިޔުމަށް ހަމަޖެހިފަ އޮތީ ޖެހިގެން އޮތް ދުވަހުގެ ރޭގަނޑަށެވެ. ފެރީ މާލެއަށް ކައިރި ކުރުމަށްފަހު އާރާ އޭނާގެ މަންމަ އާއި އެކު އެޕާޓްމެންޓައް ދިޔައީ ފައިމަގުގައެވެ. އެޕާޓްމަންޓެއް ވަދުނު ގޮތަށް އޭނާ ވަނީ ކޮޓަރިއަށެވެ. އާއިލާއާއެކު މޫދުގައި ގިނަ ވަގުތު އުޅެ ސަކަރާތްޖެހުމުގައި އުޅުމުން އާރާ އަށް ވަރުބަލިކަން އިހުސާސް ކުރެވެއެވެ. އެ ކޮޓަރީގައި ޓިވީއެއް ހުއްޓެވެ. އާރާ ފެންވަރައި ރީތި ވެގެން އެދުމަތީގައި އޮށޯވެ އޮތީ ޓީވީއިން ޑްރާމާއެއް އަޅުވައިގެންނެވެ. ވަގުތުކޮޅަކަށްފަހު އޭނާ ފުން ހިޔާލުތަކެއްގެ ތެރޭގައި އޮވެވުނެވެ. ޒައިންގެ ހިނިތުންވުން އާރާ ސިފަވިއެވެ. އެކުއްޖާގެ ބަސްތައް އާރާގެ ކަންފަތަށް އެވަގުތު ވެސް އިވޭ ފަދައެވެ. ލޯބީގެ ރާޅުތައް ހިތުގައި ބިންވަޅު ނެގި ޒައިން އަށްޓަކައި ހިތުގައި އިހުސާސުތައް އުފެދެން ފެށީއެވެ. ޒައިން އާއި ދިމާވިތާ އަދި މާ ގިނަ ދުވަހެއް ވެސް ނުވެއެވެ. ނަމަވެސް ހިތް ދަމާ ގަންނަ ފަދަ ސިފަ ތަކެއް ޒައިން އަށް ލިބިފައިވުމާއެކު އާރާ އަށް އޭނާ ވަރަށް ކަމުދެއެވެ. އާރާ ބޭނުންވީ ފުރުމުގެ ކުރިން ޒައިން އާއި ބައްދަލުކުރާށެވެ. އޭނާ ވިސްނާލިއެވެ. އަދި ހިތައްއެރިއެވެ. މާދަމާ އެ ސެންޓު ފިހާރަ އަށް ދާނީއެވެ. ޒައިން އާއި ބައްދަލުކުރުމުގެ ނިޔަތުގައެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އެވަގުތު އާރާގެ ދެބެންގެ ދަރި ސާރާ އެގޭގައި ހުއްޓެވެ.”ސާރާ…ހިނގާބަ އަހަރެންނާއެކު ސެންޓު ފިހާރައަކަށް ދާން” އާރާ ބުނެލިއެވެ. “މިތާ ކައިރީގަ ނެތް ސެންޓު ފިހާރައެއް އެހެން ނޫނަސް އަހަރެންނަށް އެހާ ދުރަށް ނުހިނގޭނެ” ސާރާ ބުނެލިއެވެ.”ސާރާ ޕްލީޒް…މިއަދު އަހަރެން ފުރަނީ ދެން އެ ފިހާރަ އަކަށް ނުދެވޭނެ އެހެން ދުވަހަކު” އާރާ އާދޭސްކުރިއެވެ. މިއާއެކު އެންމެ ފަހު ވަގުތު ސާރާ ދިޔުމަށް އެއްބަސްވިއެވެ. ސައިކަލުތަކުން ތޮށްޖެހިފައިވާ މާލޭގެ މަގުތަކުން ހިނގާފައި ގޮސް އެ ފިހާރާގެ ދޮރު ކުރިމަތީގައި ސާރާ އާއިއެކު އާރާ ހުއްޓުނެވެ. ކަން ދިމާވީ އާރާ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. “މަރާމާތުކުރުމަށް ބަންދުކުރެވިފައި” މިހެން ލިޔެފައިވާ ކަރުދާސް ގަނޑެއް ފިހާރާގެ ދޮރު މަތީގައި ހިއްޕާފައި ހުއްޓެވެ. އާރާގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެ މާޔޫސްވާން ފަށާފިއެވެ. އޭނާގެ އުންމީދުތައް ފެނަށް ހިނގައްޖެއެވެ. ޒައިން އާއި ބައްދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
“އާރާ” “އާރާ” ފުން ހިޔާލުތަކުގައި ގެނބެމުން ދިޔައިރު އާރާގެ ކަންފަތުގައި ހައްވާގެ އަޑު ޖެހުނުހެން ހީވީ ތަކުރާރުކޮށް ބާރަށް ގޮވުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.