Skip to content
އެސްފިޔަ

އާރާ – 6

Listen to this story Audio · 8:55 Powered by Esfiya Voice
0:00 8:55

ކަނޑު އޮތީ ވަރަށް މަޑުކޮށެވެ. ބްރީޒް 5 ބޯޓް މީމު އަތޮޅު މުލީގެ ފަޅުތެރެއަށް ވަންނަނީއެވެ. (ކުރީގެ ޕާޓް އާއި ގުޅޭ)

*****

ބޯޓު ޖެޓީއަށް ކައިރިކޮށްފިއެވެ. ބޯޓު އެތެރޭގައި ޝަމްހީދު މަޑުކުރިއިރު ޝިމާލް އާއި ޝައްފާން އާއިއެކު ނައިލް ހިނގައިގަތީ ރަށު ތެރެއަށެވެ. ހުދު ދޮންވެލީގެ މަގުތަކުން ހިނގާފާ އެމީހުން މިސްރާބުޖެހީ ރެސްޓޯރެންޓަކަށެވެ. ނަމަވެސް މަގުގެ ވަކި ހިސާބަކަށް ދެވުނު ތަނާ އެމީހުން ކުރިމަތިން އައީ ކަޅު  ކުލައިގެ މާސްކު އަޅައިގެން ތިބި ބަޔެކެވެ. އެމީހުން ވަނީ ކަޅު ހުޑީ ތަކެއް ލައިގެން ބޯ ނިވާކޮށްގެންނެވެ. އެތާ އޭގެ ހަމީހުން ތިއްބެވެ. ނައިލް ލޮލުގައި އަޅައިގަތީ  އެމީހުން އަތުގައި ހުރި ފިސްތޯލް ތަކެވެ. އެވަގުތު އެފިސްތޯލުތައް ނައިލް މެންނާއި ދިމާލަށް އަމާޒުކޮށްލާފިއެވެ.  “އޭއި ތީ ކޮން ބައެއް” ޝިމާލް ބިރުންހުރެ ހަޅޭލަވައިގަތެވެ. ނަމަވެސް އެމީހުން ވާހަކައެއް ނުދައްކައެވެ. ނައިލް އާއި ޝާއްފާން ވެސް ހައިރާންވެ ގޮތްހުސްވެފައި ތިއްބެވެ. އެމީހުން އަތުގައި ހަތިޔާރު ހުރުމުން ނައިލްމެންނަށް ގުޑާލާންވެސް ނުކެރި އެތާ މަޑުކޮށްގެން ތިބީއެވެ. އެވަގުތު މާސްކު އަޅާގެން ހުރި އެއް މީހަކު އެތާ ހުރި ފަޅު ގޯއްޗަކަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. އެތަނުގައި ވަނީ ސިމެންތި ޖަހާ ނަމަވެސް ކުލަ ނުލާ ހުރި ވަށާ ފާރެއް ރާނާފައެވެ. އެ ގޯއްޗައް ވަދެވޭ ގޮތަށް ދޮރެއް ހުރިއިރު ދޮރުގައި ހުރީ ތަޅުނުލައެވެ. އިތުރު ގޮތެއް ނެތި ނައިލް މެން އެމީހުންނާއިއެކު އެ ފަޅު ގޯއްޗައް ހިނގައިގަތެވެ. ހަތިޔާރު ހިފައިގެން ތިބި އެމީހުން ބުނާ ގޮތައް އަމަލު ނުކޮށްފިނަމަ ފަހަރެއްގައި އެވަގުތު ވެސް ނައިލްމެންނަށް ހަމަލާދީފާނެތީއެވެ. ބޯ ޖަންގައްޔެއް ފަދައިން ދޮންކެޔޮ ގަހާއި ރުކާއި ތަފާތު އެކި ގަސްތަކުން ފުރިފައިވާ އެ ތަނުން ހިނގާފާ ދިޔައިރު. ހަދަން ފަށާފައިވާ ނަމަވެސް ނުނިމި ހުރި އިމާރާތެއް ހުއްޓެވެ. އެމީހުން ނައިލް މެން ގެންދިޔައީ އެ އިމާރާތްތެރެއަށެވެ. އެވަގުތު އެ އިމާރާތް އެތެރޭގައި ހަމުގެ ކުލަ ކަޅު އިސްކޮޅުން ދިގު މީހަކު ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އެމީހާގެ ލައިގެން ހުރީ ރަތް ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖިންސެކެވެ. އެމީހާގެ އިސްތަށިގަނޑު ވަނީ ތުނިކޮށް ކޮށާފައެވެ. ” ކަލޭ ތީކާކު އަހަރެމެން މިތަނަށް ތިގެނައީ ކޮން ސަބަބަކާހުރެ…އަހަރެމެން ދޫކޮށްލާ” ބިރުންހުރެ ޝައްފާން ބުނެލިއެވެ. އެވަގުތު އެމީހާ ވަރަށް ބާރަށް ހިނިގަނޑެއް ޖަހާލިއެވެ.” ކަލޭ ތީ ކާކު އޭ؟ ތީ ކަލޭގެ ލެވެލެއް ނޫނޭ ޝައްފާން….ކަލޭ ހަމައެކަނި  ޑްރަގް ޑީލްތަކެއް ހަދާތީ މި ފާޑަށް ވާހަކަ ދެއްކޭނެކަމަށް ހީކުރީތަ” ވަރަށް ބާރު ހަރުކަށި އަޑަކުން އެމީހާ ވާހަކަ ދެއްކިއެވެ. “އަހަރެމެން މިތަނުން ދޫކޮށްލާ އަހަރެމެން އެއްވެސް ކުށެއްނުކުރަން” ނުތަނަވަސްވެފައިވާ ރާގަކަށް ނައިލް ބުނެލިއެވެ. “އަހަރެނަށް ކިޔަނީ މާލިކް…ކަލޭމެންނަށް މި ޑިމާންޑުކުރަނީ 10000ރުފިޔާ ދޭން…އަހަރެންނާއި ސަމާސާކުރަން ނަހަދާތި” ވަރަށް ބާރު އަޑަކުން މާލިކް ބުނެލިއެވެ.

ބޯޓު އެތެރޭގައި ޝަމްހީދު އެކަނި އިންނަން ޖެހުމުން ހުރީ ފޫހިވެފައެވެ.ބޯޓުގައި ދެންތިބި މީހުން ވީހިސާބެއް ބެލުމަށް ގުޅުމުން ފޯނެއް ނުނަގައެވެ. ޝަމްހީދު އެކަނިމާއެކަނި  ހިނގައިގަތީ ރަށު ތެރެ ބަލައިލާށެވެ. މަގުން ވަކި ހިސާބަކަށް ދެވުނު ތަނާ އޭނާ ކަންފަތުގައި ޖެހުނީ މީހަކު ބާރަށް ހަޅޭލަވާގަތް އަޑެވެ. ހީވާ ގޮތުންނަމަ އެއީ ޝިމާލްގެ އަޑެވެ. އެ އަޑު އަންނަނީ އެތާ ހުރި ފަޅު ގޯތި ތެރެއިންނެވެ. އެފަޅު ގޯއްޗަށް ވަންނަ ދޮރު ކައިރިއަށް އޭނާ ހިނގައިގަތެވެ. އެވަގުތު ކަޅު މާސްކެއް އަޅާގެން ހުރި މީހަކު އެ ދޮރުން ނިކުމެ ގޮސް މަގުމަތީގައި މަޑުކޮށްގެން ހުއްޓެވެ. އެވަގުތު އޭނާގެ ލޮލުގެ އަޅާގަތީ އެ މީހާ އަތުގައި އޮތް ފިސްތޯލެވެ. އެ ފިސްތޯލު ފެނުމާއިއެކު އޭނާ ހައިރާންވިއެވެ. ޝަމްހީދު އެ ތަނަށް ނުވަދެ ހުރި ސީދަލަށް އެމަގުން ދިޔައީއެވެ. ނަމަވެސް މަގުގެ ވަކި ހިސާބަކަށް ދެވުނުތަނާ އޭނާ ފިކުރުބޮޑުވެ ބޯ އަބުރާލައި ފަހަތައް ބަލައިލިއެވެ. އެވަގުތު މާސްކު އަޅާގެންހުރި މީހާ ފެންނާކަށް ނެތެވެ. އޭނާ އެބުރި އަލުން އެ ފަޅު ގޯއްޗާއި ދިމާލަށް ދިޔައެވެ. އޭނާ އެތާ ކައިރީ މަޑުކޮށްލުމަށްފަހު ވިސްނާލިއެވެ. އެވަގުތު މަގުގެ އެއްފަރާތުގައި ޖޯއްޔެއް ހުއްޓެވެ. ޝަމްހީދު އެ ޖޯލި ނަގައި އެ ފަޅު ގޯތީގެ ވަށާފާރު ކުރިމަތީ ބެހެއްޓިއެވެ. އަދި އެ ޖޯލި މައްޗައް ކޮޅަށް އަރާ އެ ފަޅު ގޯތި ތެރެއަށް ބަލައިލިއެވެ. އެ ވަގުތު އޭނާ އަށް ފެނުނީ ހައިރާންކުރަނިވި މަންޒަރެކެވެ. އެ ގޯތި އެތެރޭގައި ނައިލް ޝިމާލް އާއި ޝައްފާން ބާއްތިބާފައި ހުއްޓެވެ. އެމީހުން ތިބީ އަތް ފައި ބަނދެފައެވެ. އަދި  އެމީހުން ކައިރީގައި ކަޅު މާސްކު އަޅައި ފިސްތޯލު ހިފައިގެން ހަވަރަކަށް މީހުން ތިއްބެވެ.މީ އަނެއްކާ ހުވަފެނެއްބާއެވެ. ހިތާހިތުން ޝަމްހީދަށް ބުނެވުނެވެ. އޭނާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދުނެވެ. އޭނާ އަވަސް އަވަހަށް އެތަނާ ދުރަށް ހިނގައިގަތެވެ.

ޝަމްހީދުއަށް މަގުން ހިނގަމުން ގޮސް ގޮޑުދޮށާއި ހިސާބަށް ދެވިއްޖެއެވެ. އެތަނުގައި ހުރި ޖޯލިފައްޗެއްގައި ޝަމްހީދުއަށް އިނދެވުނެވެ. އޭނާ އަށް ހުރެވުނީ ފުން ވިސްނުމެއްގެ ތެރޭގައެވެ.އެއީ ކޮންބައެއް ބާއެވެ. އެކަހަލަ ބަޔަކު މަގޭ އެކުވެރިން ރަހީނުކުރާނީ ކޮން ސަބަބަކާހުރެ ބާއެވެ. އެމީހުން ސަލާމަތް ކުރަން ދާނީ ބާއެވެ. އެމީހުން ކައިރިއަށް ގޮއްސިއްޔާ ފުރާނައަށް ނުރައްކާވާނެއެވެ. މިކަމާމެދު ކުރެވޭނެ އެއްކަމެއްވެސް ނެތް ކަމަށް ނިންމާނީހެއްޔެވެ. ހަތިޔާރާއެކު ތިބި ނުރައްކާތެރި ބަޔަކާ ދޭތެރޭ ކުރެވޭނީ ކޮން ކަމެއް ބާއެވެ. ޕޮލިހަށް ގުޅާނީހެއްޔެވެ. ނަމަވެސް ޕޮލިހުންނަކީ އޭނާ އިތުބާރުކުރާ ބައެއް ނޫނެވެ. ހާސްކަން ވެރިވެފައިވާ ޝަމްހީދުއަށް ހިތާހިތުން ބުނެވުނެވެ.

“އޭއި ޝަމްހީދު މިތާ ކީއްކުރަނީ” ޝަމްހީދު ކަންފަތުގައި އެ އަޑު ޖެހުމާއެކު ބޯ އަބުރާލައި ފަހަތް ބަލައިލިއެވެ. އެވަގުތު ރޮގު ޖެހި ގަމީހަކާއި ގަދަ ނޫ ޖިންސެއް ލައިގެން ހުރި ފިރިހެނެއް އެ ޖޯއްޔާއި ދިމާލަށް އަންނަނީއެވެ. “ޝިފާޒް މިތާ ކީއްކުރަނީ” ހައިރާންވެހުރެ ޝަމްހީދު އަހައިލިއެވެ. ޝިފާޒް އަކީ ޝަމްހީދުގެ ވަރަށް ދުވަސްވީ އެކުވެރިއެކެވެ. ޝިފާޒް އާއިއެކު އޭނާގެ ދެ އެކުވެރިއެއް ވެސް އޭނާ އާއިއެކު ހުއްޓެވެ.  ޝަމްހީދުއަށް ޝިފާޒްއާ ދިމާނުވާތާ ޒަމާންތަކެއް ވެއްޖެފަދައެވެ. އެއީ ޝިފާޒްގެ ދިރިއުޅުން މާލެއަށް ބަދަލުކުރުމުގެ ސަބަބުންނެވެ. “އަހަރެން މިކޮޅުގަ މިއުޅެނީ ގެސްޓް ހައުސް ވިޔަފާރިއެއް މިރަށުގައި ހިންގަން…މިހާރު ހަދަމުންދާ އިމާރާތް ގާތްގަޑަކަށް ނިމެނީ އެހެންވެ އެތަން ބަލައިލަން މިރަށައް މި ދަތުރުކުރީ” ޝިފާޒް ބުނެލިއެވެ. “ކަލޭ ކީއްވެ މިރަށުގައި” ޝިފާޒް ސުވާލުކޮށްލިއެވެ. “މިއީ ހަމަ އެކުވެރިންނާއެކު މަޖާ ކޮށްލަން ދަތުރެއް އަޅައިލީ” އަސްލު ހަގީގަތް ހާމަކުރުމުގެ ބަދަލުގައި ޝަމްހީދު ދޮގު ހާދާލާފައި ބުނެލިއެވެ. “ކީއްވެ މިތާ އެކަނި… ހިނގާ އަހަރެމެންނާއެކު ކޮފީއަކަށް ދާން” ޝިފާޒް ބުނެލިއެވެ. ރެސްޓޯރެންޓާ ދިމާލަށް އެމީހުން ހިނގައިގަތެވެ. މިއަދު ހިނގި ކަންތަކުގެ ވާހަކަ ޝިފާޒް ގާތު ބުނާނީ ބާއެވެ. ނަމަވެސް މާސްކު އަޅާގެން ތިބި ބަޔަކު ހަތިޔާރާއެކު ތިއްބޭ ބުނުމުން ގަބޫލުކުރާނީ ކާކުހެއްޔެވެ. ހިތާހިތުން ޝަމްހީދަށް ބުނެވުނެވެ.

“ޝިފާޒް މިއުޅެނީ ބޮޑު ކަމެއް ޖެހިގެންނޭ” އެހުރިހާ ވިސްނުންތަކާއެކު ނަމަވެސް އެވާހަކަ ޝަމްހީދުގެ ދުލުން ބުނެވުނީއެވެ. “އެއީ ކޮން ކަމެއް އަނެއްކާ” ޝިފާޒް އަހާލިއެވެ. ކޮންމެވެސް ބަޔަކު އަހަރެންގެ އެކުވެރިން ރަހީނުކޮށްފި” ޝަމްހީދު ބުނެލިއެވެ. ޝިފާޒް ހައިރާންވިއެވެ. “އަސްލުތަ ކޮން އިރަކު…ކިހިނެއް ކަލެއަށް އިނގުނީ؟” ޝިފާޒް އަހާލިއެވެ. “މި ރަށުގައި ބޮޑު ނުރައްކަލެއް އެބައޮތް މާލިކް ކިޔާ ވަރަށް ނުރައްކާތެރި މީހެއް އެބައުޅޭ…އޭނާ އަކީ ތި ބުނި ގޮތައް މީހުން ރަހީނުކޮށް ވައްކަންކޮށް އަދި އެތަކެއް ޖަރީމާއެއް ހިންގާ މީހެއް… ތި ވާނީ އޭނާ ކަމަށް…އަހަރެމެންނަށް އަބަދުވެސް އަޑު އިވެނީ އޭނަ ތިކަހަލަ ކަމެއްކޮށްގެން އުޅެ ވާހަކަ” ސީރިއަސް ކަމާއެކު ޝިފާޒް ބުނެލިއެވެ. ” އަހަރެންނަށް އެމީހުން ފެނުނީ އެތާ ހުރި ފަޅު ގޯއްޗަކުން އެކަކު ހަޅޭލަވާ އަޑުއިވުމުން އަހަރެން ފާރުމަތިން ބަލައިލިން. އެމީހުން ތިބީ އެތަނުގައި އަތް ފައި ބަނދެފައި އަދި ކަޅު މާސްކެއް އަޅާގެން ތިބި ބައެއް އެތާ ތިބީ އެމީހުން އަތުގައި ބަޑިވެސްހުރި” ޝަމްހީދު ވީގޮތް ކިޔައިދިނެވެ. “އެހެންވީމާ އަހަރެންނަށް އެނގިއްޖެ ހަދަން ވީގޮތް… ހިނގާ އަހަރެން އުޅޭ ގެޔަށް” ޝިފާޒް ބުނެލިއެވެ. ޝިފާޒް އުޅޭ ގެ އަށް އެންމެން އާދެވުމާއެކު ޝިފާޒް އޭނާގެ ކޮޓަރީގައިހުރި އަލަމާރިން ވަކަރުން ހަދާފަހުރި ބޮޑު ފޮށްޓެއް ނަގާލިއެވެ. އެ ފޮށި ހުޅުވުމާއިއެކު ޝަމްހީދުއަށް ކުއްލި ހައިރާންކަމެއް އަތުވެއްޖެއެވެ.

ރީތި ދޮންވެލި ތުނޑި ސަރަހައްދުގައި އާރާ އިނީ ރުށް ގަސްތައް ހުރި ފަޅީގައެވެ. އޭނާގެ އެކުވެރިންނާއެކު ވާދަވެރި ތާސް ގަނޑެއް ކުޅޭށެވެ. “އޭއި މަކަރު ނަހަދާ” މާކިންގެ މޫނަށް ބަލާލުމަށްފަހު ރައިނާ ބުނެލިއެވެ. އެވަގުތު އެތާ ކައިރިއަށް ކަޅު ކުލައިގެ ކާރެއް އައިސް މަޑުކޮށްލިއެވެ. އާރާ ގެ ލޮލުގައި އަޅައިގަތީ އެ ކާރުގެ ފަހަތު ސީޓުން ނުކުތް ޒުވާން ފިރިހެނެކެވެ. ގަދަ ނޫކުލައިގެ ގަމީހެއްލާގެން ހުރި އެ ޒުވާނާ އަށް ފިރިހެންވަންތަކަމުގެ އެތަށް ސިފައެއް ލިބިގެންވެއެވެ. އެޒުވާނާ އާރާގެ ހިތް ކަތިލަމުން ގެންދިޔައެވެ. އެކުވެރިންނާއިއެކު ކުޅުނު ތާސް ކާޑުތަކަށް އޮތް ހުރިހާ ސަމާލުކަމެއް ގެއްލިއްޖެއެވެ. އެ ޒުވާނާއާ ދިމާލަށް އާރާގެ ކަޅި އެހުރިހާ ވަގުތަކު ހުއްޓިފައި ހުރުމުން އޭނާގެ އެކުވެރިން އަތް ހޫރާލާ އޭނާއަށް ދިމާކުރެއެވެ. “ޒައިން؟…ކޮންކަމެއްގަ ތިއުޅެނީ” ލަދުރަކިވެފާ ހުރެ އާރާ ބުނެލިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.