
ގާތުގާ…. – 60

ދިމާވި ކުޑަ މައްސަލައަކާއި ގުޅިގެން ވާހަކަ ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން…
*****
ޖީބަށް އަތް ކޮށްޕައިލަމުން އަހަރެން ފޯނުނެގީމެވެ. އަތުގައި މަޑު ތުރުތުރެއް އުފެދިފައިވީ ކަންވެސް އަހަރެންނަށް އެނގުނީ އެވަގުތުއެވެ. ތުރުތުރު އަޅާ އިނގިލި ތަކުން ނަންބަރަކަށް ޑައިލް ކޮށްލަމުން އަހަރެން ފޯނު ގެނެސް ކަންފަތުގައި ޖައްސައިލީމެވެ. އަތުގެ ނުފުށުން މޫނު ފުހެލަލަމުން ނޭފަތް އެތެރެއަށް ދަމައިލެވުނެވެ.
” ހެލޯ…..” ތިންވަނަ ރިންގާއި އެކުގައި ބައްޕަ ފޯނު ނެގިއެވެ.
*******
ބައްޕަގެ އަޑުގައި ކޮންމެވެސް ވަރަކަށް ހާސްކަމާއި ހައިރާންކަން އެކުލެވިގެން ވިއެވެ. ވާނީވެސް އެހެނެވެ. މިފަދަ ގަޑިއެއްގައި އަދި އަމުދުން އަހަރެން، ބައްޕައަށް ގުޅުން އެއީ ނާދިރު ކަމެކެވެ. ނަމަވެސް ބައްޕައަށް ޖަވާބު ދިނުމުގެ ބަދަލުގައި ފަސްއެނބުރި އަހަރެން ނިދީގެ އަރާމު ކަމަށް ގެނބިފައި އޮތް އަހަރެންގެ އަނބިމީހާއަށް ބަލައިލީމެވެ. މީގެ ކުޑައިރުކޮޅެއް ކުރީގެ ކަންތައްތައް އަނެއްކާވެސް ހަނދާން ވުމުން ހިތްދަތިވެގެން އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެހެން ހީވިއެވެ.
” ހެލޯ….. ނަވީން….” ބައްޕަގެ ގޮވައިލުމަށް އަހަރެންނަށް ދެންވެސް ޖަވާބެއް ނުދެވުނެވެ. ހަޤީޤަތުގައި ބުނަންޔާ ހިތްވަރެއްވެސް ނެތީ ކަންނޭނގެއެވެ. މިހާ ހިތްބަލި މީހަކަށް އަހަރެން ވީ ކޮން އިރަކު ހެއްޔެވެ؟ އަހަރެން މިހައި ހިތްވަރު ދެރަވީ ކޮންއިރަކު ހެއްޔެވެ؟ ލޯތްބަކީ ހަމަ މީހާ އެހައިވެސް ބަލިކަށި ކޮށްލާ އެއްޗަކީ ހެއްޔެވެ؟
” ނަވީން…… ކިހިނެތްވީ؟ ” ދެންވެސް އަހަރެންނަށް ހުރެވުނީއެވެ. ވީ ކީއްކަން އަހަރެން ބުނެދޭނީ ކިހިނެތް ހެއްޔެވެ؟ ހަޤީޤަތަށް ބުނަންޏާ ބައްޕައަށް އަހަރެންނަށް މިގުޅުނީ ކީއްވެގެން ކަންވެސް އަހަރެންނަށް މިހާރު ނޭނގެއެވެ. ސިކުނޑި ހާސްވެގެން އެދިޔަ ވަގުތު އަހަރެންނަށް ބައްޕައަށް ގުޅުނީއެވެ. ކޮންމެވެސް ގޮތަކުން ބައްޕަގެ ފަރާތުން އެހީތެރިކަމެއް ލިބިދާނެ ކަމަށް ހެއްޔެވެ؟ ނުވަތަ އަހަރެންގެ ހާލަތު ހަމައެކަނި ވިސްނޭނީ ބައްޕައަށް އެކަނި ކަމުގައި ވީމަ ހެއްޔެވެ؟ ނުވަތަ މީގެ އަހަރުތަކެއް ކުރިންވެސް ވީ ކަންތައްތަކުގައި ހުރި މީހަކީ ހަމައެކަނި ބައްޕައަށް ވީމަ ހެއްޔެވެ؟ ނުވަތަ ބައްޕަގެ އެހީތެރި ކަމެއް ބޭނުން ވެގެން ހެއްޔެވެ؟
ދެމީހުންގެ ދެމެދަށް ހަމަހިމޭން ކަމެއް ވެރިވެގެން ދިޔައެވެ. ފޯނު ކަނޑައި ނުލައި ބައްޕަ ހުއްޓެވެ. ކަމެއް ގޯސް ވެއްޖެ ކަން ދެނެގަނެ އަހަރެންނަށް ވަގުތު ދިނެވެ.
” ނަވީން…..” އިރުކޮޅެއްފަހުން ބައްޕަ މަޑުމަޑުން ގޮވައިލިއެވެ. އެއަޑުގައި އިންތިހާ ސީރިއަސް ކަންވިއެވެ.
” ޒާނާއަށް ކިހިނެތްވީ…؟” ބައްޕަގެ ހިތް ކިހައި ސީދާ ހެއްޔެވެ؟ އެވަރު ބައްޕަގެ ވިސްނުން ތޫނު ސިކުނޑިއަށް ދެނެގަނެފިއެވެ. އަހަރެންގެ ހިތުގައިވީ ވާހަކަތައް ދުލާހަމައަށް ގެންނަން ފަސޭހަވި ކަމަކަށް ބައްޕަގެ އެ ހުޝިޔާރުކަން ވިއެވެ. ލިބުނު އިންތިހާ ފަސޭހަ ކަމަކަށް އެކަން ވިއެވެ.
ފުން ނޭވާއެއް އަހަރެންނަށް ދޫކޮށްލެވުނެވެ. ބުނަން ހުރި ވާހަކަތައް ބޮޑުކަމުންނެވެ. ފަށާނެ ކޮޅެއް އަދި އަމުދުން ނޭނގުނީ އެވެ. އެހެން ނޫނަސް ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު މިކަހަލަ ކަމެއްގައި ބައްޕައަށް ގުޅަން ވެދާނެ ކަމާއިމެދުގައި އަހަރެންގެ ހިތް ސުވާލު އުފައްދަން ފެށިއެވެ. ނުވަތަ ބައްޕަގެ އެހީ އަކަށް އަހަރެން ބޭނުން ވޭ ހެއްޔެވެ؟ އެ ސުވާލު ހިތުގައި އުފެދުމާއި އެކުގައި ހިތުން އެ ސުވާލުގެ ޖަވާބުވެސް ދިނެވެ. ނަމަވެސް އެހެން ސުވާލެއްވެސް އަހަރެންގެ ހިތުގައި ވިކިއެވެ. ބައްޕައަށް އަހަރެން މި ގުޅީ ކީއްވެ ހެއްޔެވެ؟ ހިސާބެއްގެ ލަދުވެތިކަމެއްވެސް ހިތުގައި ދުވެލިއެވެ. މިހައި ބޮޑު ފިނޑިއަކަށް އަހަރެންވީ ކީއްވެ ހެއްޔެވެ؟ ޖަޒުބާތުގައި ޖެހި ކުރެވޭ ނުކުރެވޭ ކަމެއް އަހަރެންނަށް ނޭނގެންފެށީ ކޮންއިރަކު ހެއްޔެވެ؟
” ނަވީން…..” ބައްޕަ އަނެއްކައިވެސް އަހަރެންގެ ޖަވާބަކަށް އެދި ގޮވައިލިއެވެ.
މިފަދަ ދަން ގަޑިއެއްގައި އަހަރެންނަށް ބައްޕައަށް އުނދަގޫ ކުރެވިއްޖެއެވެ. ވެފައި ހުރި ހިތްދަތިކަމުގައި ބައްޕައަށް ގުޅުނު ކަމުގައި ވިޔަސް އިތުރު އުނދަގުލެއް ބައްޕައަށް ނުޖައްސައި ފޯނު ބޭއްވުމަށް އަހަރެންގެ ސިކުނޑި ގޮވައިލިއެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެ ނޫން ހެއްޔޭ އަހަރެންގެ ހިތް ބުނެލިއެވެ.
އިތުރު ބަހެއް ބުނުމަކާއި ނުލައި އަހަރެން ފޯނު ކަނޑައިލީމެވެ. ދެން، މާ ސިންގާ ކަނޑަށް ނަޒަރު ހުއްޓައިލަމުން އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. ޖެހެމުން ދިޔަ ތެތްފިނި ރޯޅިތަކުގެ އެހީގައި އަހަރެންގެ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރީމެވެ.
ތަޤުދީރު އަނެއްކައިވެސް އަހަރެން ގެނެސް މި ބެހެއްޓީ ކޮންފަދަ ކަންތައްގަނޑެއްގެ ތެރޭގައި ހެއްޔެވެ؟ މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ މިއީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟ ޒާނާއަށް އެ ހިތްދަތިކަން ހައްޤު ހެއްޔެވެ؟ ޒާނާއަށް އެހައި ބޮޑު އަނިޔާއަކާއި ކުރިމަތިލާން އެ ޖެހުނީ އެ އަންހެން ކުއްޖާގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ މިކަމުގައި ކުށްވެރިއަކީ އަހަރެން ކަމުގައި އަމިއްލަ ނަފްސު ބުނަމުން ދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށިއެވެ.
ހިޔާލުގެ ތެރެއަށް ގެނބެމުން ދަނިކޮށް އަނެއްކައިވެސް ހަމަބިމަށް އަހަރެންނަށް އާދެވުނީ ރިންގްވާންފެށި ފޯނުގެ އަޑުންނެވެ. ގުޅަމުން ދިޔަ ބައްޕަ ފެނުމުން އަހަރެން ވިސްނާލީމެވެ. ކަމެއް ވެއްޖެކަން އެނގޭނެ މިންވަރަށް ބައްޕައަށް މިހާރު ވާނީ އެ ކަމެއްވެސް އެނގި ސާފު ވެފައެވެ. ދެ ފިކުރެއްގައި ހުއްޓައި ފޯނު ކެނޑިއްޖެ އެވެ. ދެން އައީ މެސެޖެކެވެ. ފޯނު ނެގުމަށް ބުނެފައެވެ. އެއާއި އެކުގައި އަނެއްކައިވެސް ފޯނު ރިންގުވާން ފެށިއެވެ. ހަމަޖެހިލަމުން އަހަރެން ފޯނު ނެގީ ބައްޕަ ބޭނުން ވެއްޖެއްޔާ މި ޔޮޓްއަށް އަންނަންވެސް ބައްޕަ ފަސް ނުޖެހޭނެކަން އެނގޭތީއެވެ.
” ފޯނު ކަނޑައިލުމަކުން ތި ވެގެން އުޅޭ ކަމަކާއި ދުރަކަށް ނުދެވޭނެ… މައްސަލަ ހައްލެއްވެސް ނުވާނެ…” ބައްޕަގެ އަޑުގައި ސީރިއަސްކަން ވިއެވެ.
” އޮޅިގެން ގުޅުނީ….” ހިޔާލު ބަދަލު ވެފައި ވީތީ އަހަރެން ބުނެލީމެވެ.
” މައްސަލައެއް ނެތް… ނަވީން ބުނަން ބޭނުން ނޫނިއްޔާ ނުބުންޏަސް މައްސަލައެއް ނެތް… އެކަމަކު ކައިވެނީގެ ފުރަތަމަ ރޭ މިފަދަ ގަޑިއެއްގަ އަމިއްލަ ބައްޕައަކަށް ނަވީން ނުގުޅާނެ ކަމެއް ނުވެއެއް… އެވަރު ބައްޕައަށް އެނގޭ….” ބައްޕަ ބުނެލިއެވެ.
” ފަހަރެއްގަ ވެދާނެ ބޮޑު ކަމަކީ ކަމަށް… ބުނަން އުނދަގުލީ ކަމަށް… އެކަމަކު ނަވީންއަކަށް ބައްޕައާއި ދައްކަން ނުކެރޭ ވަރުގެ ވާހަކައެއް ނޯއްނާނެ… އެވަރުވެސް ބައްޕައަށް ޔަޤީން… ” ބައްޕަގެ އަޑުގައި ސާބިތުކަން ވިއެވެ. އަމިއްލަ ނަފްސަށް އޮތް ޔަޤީންކަމާއި އިތުބާރު ވިއެވެ.
” ބައްޕަވެސް ތިއީ މިހައި ލަސް ވަންދެން ނުނިދައި އިންނަ މީހެއް ނޫން…… ” އަހަރެންވެސް ގޮތް ދޫނުކުރަންވެގެން އަހަރެންނަށް ވެސް އެނގޭ މިންވަރަކުން ވާހަކަ ދެއްކީމެވެ. އަސްލު މަޢުލޫއަށް ދާން ބޭނުން ނުވީއެވެ. އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަހަރެންގެ ހިތުގެ ހައިޖާނަށް ލުއިކަމެއް ލިބުނުހެން ހީވިއެވެ. އެހިނދު ހިނދުކޮޅަކަށް ބައްޕަ ހަމަހިމޭން ވިއެވެ. ބުނެވުނީ ތެދު ވަހަކައެއްކަން އެވަރުން އަހަރެންނަށް ކަށަވަރުވިއެވެ.
” އަހަރެންނަކަށް އަހަރެންގެ ދަރިފުޅެއް ނޯޅޭނެ… މައްސަލައެއް ނެތް ބުނަން ބޭނުން ނެތިއްޔާ… އެކަމަކު މާހިންވެސް ހުއްޓަ އާކިފްވެސް ހުއްޓަ ސީދާ ބައްޕައަށް ގުޅާނީ ވަރަށް ގޯސްވީމަ. މީގެ ހަތް އަހަރު ކުރި ބައްޕަ ހަނދާނެއް ނުނެތޭ އަދި ދަރިފުޅާ… މައްސަލައެއް ނެތް ދެން… ދަރިފުޅު ބޭނުންވީމަ ބައްޕަ ގާތުގަ ބުނަންވީ… ބައްޕައަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ބައްޕަ ކޮށްދޭނަން…. ” ބައްޕަ ބުނެލިއެވެ. އަހަރެންނަށް ލޯ މަރައިލެވުނެވެ. ވިސްނައިލީމެވެ.
” ބައްޕަވެސް ވަރަށް ބޮޑު ކަމަކާއި ފިކުރު ނުކުރާނަމަ މިގަޑީގަ ހޭލައެއް ނީންނާނެ… ” ޔަޤީން ކަމާއި އެކުގައި އަހަރެން ބުނީމެވެ.
” އާން ތިއީ ތެދެއް.. އެކަމަކު މިހާރު މުހިންމީ ނަވީންގެ ކަންތައް… ” ބައްޕަ ބުނެލިއެވެ. ހިނދުކޮޅަކަށް ހިމޭންކަމެއް ދެމެދަށް ވެރިވެގެން ދިޔައެވެ. ދެމިހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެ ތިބީމެވެ. ބައްޕަ އަހަރެންނަށް އަހަރެން ބޭނުންވާ ވަގުތު ދިނެވެ. އަހަރެން ވިސްނީމެވެ.
” ބައްޕާ……” އެންމެ ފަހުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
” ބައްޕާ… ޒާނާ ރަނގަޅެއް ނޫން….” އަހަރެން ހިން ދިރުވައިލަމުން ބުނެލީމެވެ.
” ތިކަން އެނގެޔޭ ބައްޕައަށް … އެކަމަކު ނޭނގިގެން މިއުޅެނީ ވީ ގޮތެއް….” ބައްޕަ ބުނެލިއެވެ. ބައްޕަގެ އަޑުގައިވި ސާބިތުކަމުން ކޮންމެވެސް ގޮތަކުން އަހަރެންނަށް ހިތްވަރެއް ލިބިގެން ދިޔައެވެ. ބައްޕައަށް ބޭއިހުތިޔާރުގައި ވިޔަސް ގުޅުނުކަން އެއީ އަހަރެންނަށް ކުރެވުނު ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި އަހަރެންނަށް ދެކެވުނެވެ.
މޭގައި އަތް އަޅާލާފައި ޒާނާގެ ފަރާތުން އެނގުނު ކަންކަން އަހަރެން ބައްޕައަށް ކިޔައިދިނީމެވެ. ރުހާމްގެ ކަންކަން މައްޗަށް ގޮސްފައިވާ މިންވަރާއި އެކަމުގެ ސަބަބުން ޒާނާއަށް ކޮށްފައިވީ އަސަރުތައް އަދި އަހަރެންގެ ލޮލުގެ ކުރިމައްޗަށް މިރޭ ފެނުނު ކަންކަން އަހަރެން ބައްޕައަށް އަލިފުން ޔާއަށް ކިޔައިދިނީމެވެ.
” ހޫމްމްމްމް… އެހެންވީމަ ތި ރުހާމެއް ތިއީ ކަރުގަ ޖެހިފައި އިން ވަރުގަދަ ކައްޓެއް ތާ ދޯ….” އަހަރެންގެ ވާހަކަތައް ކަނުލައި އަޑުއަހަން އިނދެފައި ބައްޕަ ބުނެލިއެވެ.
” ވީގޮތް މިހާރު ސާފުވެއްޖެ… އެހެންވީމާ…” ބައްޕަގެ ޖުމްލަ ފުރިހަމަ ކުރުމުގެ ފުރުސަތު ނުދީ އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
” ބައްޕާ… އަހަރެން ޒާނާއަށް ވައުދުވެފައި އޮންނާނީ އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށް… ކޮންމެ މީހަކަށްވެސް ދޭނީ އެމީހަކަށް ހައްގު އަދަބެއް ކަމަށް… އަދި އަހަރެން ބޭނުމެއް ނޫން ރުހާމް ހަމަޖެހިގެން އުޅުން ދޭކަށް… އަހަރެން ބޭނުން މިފަހަރު އެންމެންނަށް ރުހާމްއަކީ ކޮންކަހަލަ މީހެއްކަން ހެއްކާއި އެކުގައި އަންގަން… ބަދުނާމު ކޮށްލަން….” ހިތުގައި ރުހާމްއަށް އޮތް ރުޅިވެރި ކަމާއިއެކުގައި އަހަރެން ބުނީމެވެ. އަހަރެންގެ ޖުމްލައިން ބައްޕަ ހަމަހިމޭން ވިއެވެ. އަހަރެން އެދުނު ގޮތާއި ބައްޕަގަޔާއި ނުވީ ހެއްޔެވެ؟ ހިތްހަމަ ނުޖެހުނީ ހެއްޔެވެ؟ ނަމަވެސް ހައިރާންކަން ދެން ލިބިގެން ދިޔައީ އަހަރެންނަށެވެ.
” ހަމަ ދަރިފުޅު މަންމަ… ” ކޮންމެވެސް ވަރަކަށް ބައްޕަގެ އަޑުގައި މަޑުމޮޅި ކަމެއް ވިއެވެ.
” ދަރިފުޅު މަންމަ ނަމަވެސް އެދުނީ ހީ އެހެން ހަމަ….” ބައްޕަ ބުނެލިއެވެ. އަހަރެންނަށް އިސް ޖަހައި ލެވުނީ ބައްޕަގެ ހިތަށް ކުރާނެ އަސަރު ތަސައްވަރު ކޮށްލެވުމުންނެވެ.
” މައްސަލައެއް ނެތް… ހިނގާ ޤާނޫނުގެ ތެރެއިން ތި ރުހާމެއް ފައްސާލަމާ ދޯ…” ބައްޕަ ބުނެލިއެވެ.
” ބައްޕާ… ބައްޕަ އެނގެން ބޭނުންވީމަ މި ކިޔައިދިނީ … އަހަރެން މިކަން ކުރާނަން…” އަހަރެން ބުނީމެވެ. ބައްޕައާއި ވާހަކަ ދައްކައިލެވުމުން ކޮންމެވެސް ވަރަކަށް މީހާ ހަމައަކަށް އެޅިފައިވީތީ އަހަރެންނަށް ކަންކަން ކުރަންވީ ގޮތްވެސް ވަނީ ވިސްނެން ފަށާފައެވެ.
” މައްސަލައެއްނެތް…. ދަރިފުޅު ބޭނުން ގޮތެއް … އެކަމަކު ކަމެއް ބޭނުން ވެއްޖެއްޔާ ބުނެލާ ބައްޕަގެ ގާތުގައި….” ބައްޕަ ބުނެލިއެވެ.
” އޯކޭ…. ބައްޕާ…. ތެންކިއު…..” އަހަރެން ޝުކުރު އަދާ ކުރީމެވެ. މަޑުމަޑުން ބައްޕަ ހީލި އަޑު އަހަރެންނަށް އިވުނެވެ.
” އެއީ އެއްވެސް ކަމެއް ނޫން….” ބައްޕަ ބުނެލިއެވެ.
” ޒާނާ ކިހިނެތް؟” ބައްޕަ އަހައިލިއެވެ.
” ނިދިފަ…” އަހަރެން ކުރު ޖަވާބެއް ދިނީމެވެ.
” ނަވީން… ބައްޕައަށް ފެނޭ ޒާނާ ތެރަޕިސްޓަކަށް ދައްކައިލާން…” ބައްޕަ ދިން ހިޔާލު އަހަރެންނަށް ކަމުދިޔައެވެ. ނަމަވެސް ޒާނާގެ ގާތުގައި އަހާފައި ނޫނީ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.
” އާން… ޒާނާ ހަމަޖެހުނީމަ ޒާނާއާއި ތިވާހަކަ ދައްކާލާނަން…” އަހަރެން ކުރު ޖަވާބެއް ދީފައި ނިންމައިލީއެވެ.
ފުން ނިދީގެ ތެރެއަށް ގެނބިފައި އޮތް ޒާނާގެ މަގަތުގައި އިށީނދެލަމުން އަހަރެން ފޯނު ނަގައި މެސެޖެއް ލިޔެލަމުން ފޮނުވައިލީމެވެ. އެ ރީތި މޫނަށް ބަލަން އިނދެ އެ ރިހި ހަނދުވަރުގެ އަލީގައި އަހަރެން އަމިއްލަ ނަފްސަށް ވައުދެއް ވީމެވެ. ޒާނާއަށް ލިބިފައިވީ ކޮންމެ އަނިޔާއަކަށް އަހަރެން ޒާނާއަށް، ޒާނާ ރުހޭ ގޮތަށް އިންސާފު ހޯދައި ދޭނަމެވެ. އެއީ އަހަރެން ޒާނާއަށްޓަކައި އަދާ ކޮށްދޭން ޖެހޭ ހައްގެއް ކަމުގައި ދެކުނީމެވެ.
އެނދުގައި އޮށޯވެލަމުން އަހަރެން ޒާނާއާއި ވީ ފަރާތަށް އެނބުރިލީމެވެ. އެ މޫނަށް ބަލައިލަމުން އަހަރެން އެ ސޫރަ އަދިވެސް އެއްފަހަރު ހިތުދަސް ކުރީމެވެ. ކޮންމެ މީހަކުވެސް ހިތް މަޑުފުށް ކޮޅަކަށް ހަދައިލާނެ ފަދަ މައުސޫމުކަމެއް އަދި ހިތްހެޔޮ ކަމެއް އެ މޫނުމަތީގައި ވިއެވެ. އެ ރީތިކަމުގެ ޖާދޫގައި ޖެހި ރުހާމް އެ މައުސޫމު އަންހެން ކުއްޖާއަށް އޯގާވެރި ނުވީ ކީއްވެ ހެއްޔެވެ؟ ރީތި ފުރިހަމަ އަންބެއް ލިބިފައި ހުރެމެ އެ އަނބިމީހާގެ އަގުވަޒަން ނުކުރިތާނގައި އެ އަނބިމީހާއަށް ވެފައިވީވެސް އަނިޔާވެރިއެވެ. ރުހާމްއަކީ ކޮންފަދަ ބަދުނަސީބުވެރިއެއް ހެއްޔެވެ؟ އަގުބޮޑު ޖަވާހިރެއް ރުހާމްއަށް ވަކިކުރަން ނޭނގުނެވެ.
ބާލީސް މަތީގައި ބޭއްވިފައިވީ ޒާނާގެ އަތްތިލައިގައި އަހަރެން ހިފައިލީމެވެ. މަޑުމަޑުން ގެނެސް އެ އަތްތިލައިގައި އަހަރެން ބޮސްދިނީމެވެ. ކުރިއަށް އޮތީ ބޮޑު ދުވަހެކެވެ. އެހެން ކަމުން ކުޑަ ވަގުތުކޮޅަކު ނިދައިލުމަށްޓަކައި އަހަރެންވެސް ލޯ މަރައިލީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
mee varah reethi vaahakaeh, konme baehves kiyaa nimey iru hithah araa haadha kurey, aneh bayah varah inthizaaru kurevey. e Ruham salaamaiy viyanudheythi Naveen..
Thankiu ingey hama thidhey support ah. 🤍 Bxy koh ulhen jehey thee hama dhiguko nuliyeveny.. 🥺