އެހީގެއަގު
އަށްވަނަބައި
ކުއްލިއަކަށް އިނާ ހަޅޭލަވައިގަތް އަޑަށް އަތީލް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އަތީލް ބަލާލިއިރު އިނާ
މޭޒުމަތީގައި ބޯއަޅައިގެން އޮވެފައި ތެދުވަނީއެވެ.
” ހިހި ….. ކުޑަކޮށް ނިދުނީ. ” އަތީލަށް ބަލާލަމުން އިނާ ބުންޏެވެ.
އަތީލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު އިނާ އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ.
އެގޮތުން މިއަދު ވެސް އިނާ އާއި ނާއިލް ތިބީ ނާއިލްގެ ގޭގައެވެ.
” ކަލެ އާއި ލަންމާގެ މެދުގައި އެގޮތަށް ގުޅުން އޮތްކަމަށް ވަންޏާއި ކަލޭ އެކަމާމެދު ވިސްނާނެއެއްނު. ” ނާއިލަށް
ބަލާލަމުން އިނާ ބުންޏެވެ.
” އަހަރެންގެ ހަޔާތަށް މިހާތަނަށް ގެނައި ހަމައެކަނި އަންހެން މީހާ އެއީ. އަހަރެން އެހެން އަންހެނަކާއި ދިމާއަށް
ހަތަރުކަޅި ހަމަކޮށް ބަލާ ވެސް ނުލަން. ” ލަންމާ ދެކެ ނާއިލް ވާ ލޯބި އިނާއަށް އަންގައިދޭން ނާއިލް މަސައްކަތް ކުރިއެވެ.
” އެހެންވީރު ކަލޭގެ ވިސްނުން ހުރިގޮތަށްތަ ލަންމާގެ ވިސްނުން ހުރީ ؟ މިބުނީ ކަލެއެކޭ އެއްގޮތަށް އެހެން މީހަކާއި
ގުޅުމެއް ނުބާއްވާތަ ؟ ” އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން އިނާ ސުވާލުކުރިއެވެ.
” އަހަރެންނަށް އެނގުމަކުން އެކަހަލަކަމެއް އޭނާ ނުކުރޭ. ” އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނާއިލް
ބުނެލިއެވެ.
” އެ ކީއްވެ ؟ ” ކުއްލިއަކަށް ނާއިލަށް ބަލާލަމުން އިނާ އެހިއެވެ.
” އެއީ އެކަހަލަ ކަމެއް އޭނާގެ ފަރާތުން ނުފެންނާތީ. އަދި އެކަހަލަ އަޑެއް ނީވޭތީ. ” އިނާއަށް ބަލާލަމުން ނާއިލް
ޖަވާބު ދިނެވެ.
” އެހެންވީރު ކަލޭ އޭނާއަށް އައްޑިހަ އިންސައްތަ ވެސް އިތުބާރު ނުކުރޭ. ” ސީދާ ނާއިލްގެ މޫނަށް ބަލާލަމުން އިނާ
ބުންޏެވެ.
” އަހަރެންނަށް އިތުބާރު ނުކުރަނީ ކަލޭ. އެހެންވެ އެއްނު ތިހާ ގިނަ ސުވާލު ތިޔަ ކުރަނީ. ކަލެއަށް ހީވަނީތަ އަހަރެން
ދޮގު ހަދައިގެން ވާހަކަ ދައްކަނީއޭ. ޝަކުވާ ކުރަނީއޭ. ކަލޭ ވެސް ހީކުރަނީތަ އަހަރެން އަހަރެންގެ އަންހެނުން މަރާލީ ކަމަށް. އަހަރެންނާއި ވާހަކަ ދައްކައިގެން ޙަޤީޤަތް ހޯދާން ބޭނުންވެގެންތަ ތިޔައުޅެނީ ؟ ” ހިތްހަމަ ނުޖެހުމާއެކު އިނާއަށް ބަލާން އިނދެ ނާއިލް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑާއި ހަރަކާތުން ވެސް އެކަން ފާޅުވަމުން ދިޔައެވެ.
” އެހެންނެއް ނޫން. އަހަރެން ހަމަ އަހާލީ. ” ހަމަޖެހޭގޮތް ދައްކާލަމުން އިނާ ބުންޏެވެ. އަދި މަޑުމަޑުން ތެދުވެގެން
ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.
” ދެން. ނާހާ. އަހަރެންގެ ލޮލަށް ބަލާ. އޭރުން ކަލެއަށް އެނގޭނެ. ” ފަހަތުން އައިސް އިނާގެ އަތުގައި ހިފާ އޭނާއާ
ގާތަށް ދަމާލަމުން ނާއިލް ބުންޏެވެ. އެފަދަ ކަމަކާމެދު ނުވެސް ވިސްނާހުރި އިނާ ވިއްސައިގެން ކަހަލަ ގޮތަކަށް ގޮސް ނާއިލްގެ ގައިގަ ޖެހުނެވެ.
” އަހަރެންގެ އަތަށް ތަދުވަނީ. ” އަވަސް އަވަހަށް އިނާ ބުންޏެވެ. އެއާއެކުހެން އިނާގެ ގައިން ނާއިލް ދޫކޮށްލިއެވެ.
ތަރިރުހަނދުގެ ދައުރުވުމާއެކު ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. އިނާ އާއި ނާއިލްގެ ބައްދަލުވުންތައް އިތުރު
ވަމުން ދާވަރަކަށް އެދެމެދުގައިވާ ގުޅުން ވެސް ބަދަހިވަމުން ތަރައްޤީވަމުން ދިޔައެވެ. އެކަކުގެހިތުން އަނެކަކަށް ޖާގަ ދެވޭން ފެށި އެވެ. ހަމައެހެންމެ ބައްދަލު ކުރެވޭވަރު މަދުވެއްޖެނަމަ ހިތްހަމަ ނުޖެހުން އުފެދޭން ފެށިއެވެ.
އިނާ އާއި ނާއިލްގެ ބައްދަލުވުން ނިމޭގަޑިއަށް އޭނާ ބަލާއައުމަށް އިނާ ބުނެފައިވާތީ ނާއިލްމެން ގެއަށް އަތީލް އައީ
އޭނާގެ ކާރުގައެވެ. އަތީލް އައިސް ނާއިލްމެންގޭ ދޮރުގައި ޓަކިޖަހާލުމާއެކު އިނާ އައިސް ދޮރު ހުޅުވާލިއެވެ. އަތީލަށް ހިނިތުން ވަމުން އިނާ ނުކުތް ނަމަވެސް ހަމަ އެސިކުންތުގައި ކަހަލަ ގޮތަކަށް އަނެއްކާ ވެސް ގޭތެރެއަށް ދެމިގަތެވެ.
އިނާގެ އަތްދަބަސް ހިފައިގެން އައި ނާއިލް އިނާގެ އަތަށް އަތްދަބަސް ދެމުން އެކަކު އަނެކަކަށް ބަލާލާ ހިނިތުންވެލި
މަންޒަރު ފެނުމާއެކު އަތީލަށް ކޮންމެވެސް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔަ ނަމަވެސް އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.
އިނާ އާއި އަތީލް ކާރުގައި ދަތުރުކުރަމުން ދިޔައިރު އިނާ އިނީ ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. މޫނު
މަތިން ފާޅުވަމުން ދަނީ ނުތަނަވަސްކަމުގެ ކުލަވަރެވެ.
އިނާގެ މޫނަށް އަރާ ފައިބަމުންދާ ކުލަތައް ބެލުމުގައި އަތީލް ކެތްތެރިވެ އިނެވެ.
އިނާއާ ދިމާއަށް އަތީލް ބަލާކަން ފާހަގަކުރެވުމުން އަތީލަށް ބަލާލަމުން އިނާ ހިނިތުންވެލީ އޭނާގެ މޫނުމަތިން ފާޅުވަމުންދާ
ނުތަނަވަސްކަން ފޮރުވާށެވެ.
އިނާ އާއި ނާއިލްގެ މެދުގައި އުފެދުނު ގުޅުން ތަރައްޤީވެ ކުރިއަރައިގެން ދިޔައީ ހީކުރިވަރަށްވުރެ އަވަހަށެވެ. ދެމީހުން
އެކުގައި ރެސްޓޯރެންޓްތަކަށް ދިއުމާއި ރޭގަނޑުގަޑީ ސައިކަލް ދުއްވާލާން ނުކުތުން އާންމުވާން ފެށިއެވެ.
ނާއިލްގެ ފަރާތުން އިނާއަށް ލިބެމުންދާ މަޢުލޫމާތުގެ ތެދާއި ދޮގު ޔަގީންކޮށް އަދި އިތުރަށް މަޢުލޫމާތު ހޯދާން ބޭނުން
ވާތީ ނާއިލްގެ އޮންލައިން ނޫހުގެ އިދާރާއަށް ވެސް އިނާ ދިޔައެވެ. އެތަނުން އޭނާއާ ބައްދަލުކުރީ އަދުހަމް އެވެ. އެތަނަކީ ވެސް ނާއިލްގެ އޮފީސް ފަދައިން ކޮންމެ މުއައްޒަފަކަށް ވަކިމޭޒަކާ ކޮންޕިއުޓަރެއް ހަމަޖައްސައި ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ނުހަނު ހިތްގައިމު އޮފީހެކެވެ. މުހިންމު ލިޔުންތަކާއި އެހެނިހެން ވެސް މުހިންމުތަކެތި ރައްކާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ބޮޑު ކަބަޑުސެޓް އިނާއަށް ވަރަށް މުހިންމު ވިއެވެ.
” ވަޅި ފެނުނީ ނާއިލްގެ ކަބަޑުންކަން ކަލެއަށް ޔަގީންތަ ؟ ” އަދުހަމަށް ބަލާލަމުން އިނާ އެހިއެވެ.
” ތިޔަ ސުވާލަށްޓަކައި އަހަރެން ކިހާ ވަގުތެއް ދީފިން …. ދެން ކިތަންމެ ވަރަކަށް އެހިޔަސް ބުނެވޭނީ ހަމަ އެހެން.
އޭނާ އަކީ އަހަރެންގެ ދުސްމިނެއް ނޫން. ބޮހަކަށްވުރެ ބޮޑަށް އޭނާ އަހަރެންނަށް ކަމުދަނީ ރައްޓެއްސަކަށް. ވާހަކައެއް ހިއްސާ ކޮށްލާން އޭނާއަކީ ވަރަށް ރަނގަޅު މީހެއް. ލަންމާ މަރާލީ އޭނާ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު އެވަޅި ފެނުނީ އޭނާ ބޭނުންކުރާ ކަބަޑުން. ” އިނާއަށް ބަލާންހުރެ ވާހަކަދައްކަމުން ދިޔަ އަދުހަމް ހާމަކުރީ ޙަޤީޤަތެވެ.
މާލޭގައި ދިރިއުޅެމުންދާ އޭނާގެ ރައްޓެއްސަކަށް ހަދިޔާއެއް ފޮނުވުމަށްޓަކައި މާލެދާ ދޯންޏަށް އެފޮށިގަނޑުލާން އިނާ
އާއި އަތީލް ދިޔައީ އިނާމެން ގެއިން ރޭގަނޑަށް ކައިގެންނެވެ. އަތީލްމެން އެތަނަށް ދިޔައިރު މާލެ ގެންދިއުމަށްޓަކައި ކުރުނބާ އާއި ދޮންކެޔޮ އަދި ޑަބިޔާތަކާއި ފޮށިގަނޑު ފަދަތަކެތި ދޯންޏަށް އެރުވުމާއިގެން ބައެއް މީހުން އުޅެމުން ދިޔައެވެ.
ދޯންޏަށް ފޮށިގަނޑު އެރުވުމަށްފަހު އިނާ އާއި އަތީލް އެތަނުގައި މަޑުކޮށްލީ ޖެހެމުންދިޔަ ހިތްގައިމު ވަޔާއި ދީފައިވާ
ނަލަހަނދުވަރުގެ ސަބަބުންނެވެ.
” އިނިސްޕެކްޓަރ ނީސާމް ނާއިލާއި ދެކޮޅަށް ބަޔާން ތައްޔާރުކޮށްފި. ” ބަނދަރު ސަރަހައްދުގައި ތައްޔާރުކޮށްފައިވާ
ސިމެންތި ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނަމުން އަތީލް ބުންޏެވެ.
” ބަޔާން ތައްޔާރުކުރީ އޮފީހުން ފެނުނު ވަޅިއާ ބެހޭގޮތުންތަ ؟ ނީސާމް އަކީ ސަރުކާރުގެ ކަރުދާސް ބޭކާރުގޮތުގައި
ހޭދަކުރާން ވަރަށް ޝައުޤުވެރިވާ މީހެއް. އެކަމާ އަޅާނުލާ. އޭނާއާ މެދު ކަންތައް ކުރާނެގޮތް އަހަރެންނަށް އެނގޭ. ” އަތީލް ގާތު އިށީންނަމުން އިނާ ވާހަކަ ދެއްކިއެވެ.
” އިނާ ތިޔަ ވިސްނާހާ ފަސޭހައެއް ނޫން ތިކަމެއް. ނީސާމަށް ވެސް އެނގޭ އެމީހާއަކީ ބޯހަމަޖެހޭ މީހެއް ނޫންކަން.
އެހެންވެ އޭނާ މޮޅު ރޭވުމަކުން އެކަން ކުރީ. ” އިނާއަށް ބަލާލަމުން އަތީލް ވާހަކަ ދެއްކިއެވެ.
” އެމީހުން ކީއްކުރަނީ ؟ ” ހައިރާންކަމާއެކު އިނާ އަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


