ފޯނުން ގުޅަައިގެން ވާހަކަ ދެއްކިއިރު ޒިބާން ދެއްކި ވާހަކަ ހަނދާންވުމުން މަންޝާއަށް ކަމެއް ރޭކާލިއެވެ. ނަމަވެސް ދެމީހަކު ބުނާ ވާހަކައެއް އެހާ ބޮޑަށް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަޒީމާ ކައިވެނިކޮށްގެން އުޅޭތާ ހަތްއަހަރު ވީފަހުން ފުރަތަމަ ފެނިލުމުންވެސް ކަމުދިޔަ ވާހަކަ ބުނަންވީ މިއަދު ހެއްޔެވެ. ނޫނީ އަޒީމަށް ކަމެއް އެނގުނީ ހެއްޔެވެ. ޒިބާން ގުޅާ ކަމާ ޒިބާނާ މަންޝާ ވާހަކަ ދެއްކިކަން އަޒީމަށް އެނގުނީ ހެއްޔެވެ. އެކަަން އަންގާލަން ފަހަރުގައި އެހެން ބުނީ ކަންނޭނގެއެވެ.
އެހެންވެއްޖިއްޔާ އަޒީމް ރުޅިނައީ ކީއްވެ ހެއްޔެވެ. މަންޝާގެ ހިތަށާއި ސިކުނޑިއަށް އުނދަގޫ ވިއެވެ. އޭނާގެ ފިރިމީހާއަށް އޮޅުވާލައިގެން ކަމެއް ކުރެވޭހެން އޭނާއަށް ހީކުރެވެމުން ދިޔައެވެ. މަންޝާ އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އޭނާ އެހުރިހާ ވާހަކައެއް އަޒީމަށް ކިޔައިދޭން ބޭނުންވިއެވެ.
*** *** *** *** *** ***
ގަދައަށް ނިދާފައި އޮތް އަޒީމް ލޯހުޅުވާލީ މޯޅިއަކަށް ދެމެމުންނެވެ. ވެފައި ހުރި ވަރުބަލިން އެނދުގައި އެ އޮތްގޮތަށް އޮވެ ނިދުނީއެވެ. އަޒީމް ލޯ ހުޅުވާލި އިރު މުޅި ކޮޓަރީގައި ވަނީ އަނދިރި ކަމެވެ. އަޒީމަށް ބަލާލެވުނީ ސައިޑް ޓޭބަލް މަތީ ބެހެއްޓި އުއްބައްތިއަށެވެ. އެ އުއްބައްތިވަނީ ނިވިފައެވެ. ބާލީހުގައި އެއްއަތުން ބައްދާލަމުން ބެލްކަންޏާ ވީ ފަރާތަށް އަޒީމް އެނބުރިލީ ގައިމަތީ އޮތް ރަޖާގަނޑު ރަނގަޅު ކޮށްލަމުންނެވެ. ސިހިފައި އަޒީމަށް ބަލާލެވުނީ ކުރިމަތީ ބޯ ހާވާލައިގެން މަންޝާ އިން ގޮތް ފެނުމުންނެވެ. “މަންޝާ….” އަޒީމް ދެލޯ ހަނިކޮށްލަމުން މަންޝާއާ ދިމާލަށް ބަލާލިއެވެ.
ނޭފަތް ދަމާލަމުން މަންޝާ ހޫން އަޅުވާލިއެވެ. މަންޝާ ރޮނީކަން އަޒީމަށް އެނގުނެވެ. އެހެންކަމުން އަވަހަށް ތެދުވިއެވެ. އެނދުމަތީގައި އޮތް އަޒީމްގެ ބޮކްސާ ނަގާ ލުމަށްފަހު މަންޝާ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. މަންޝާ އިނީ ޓީޝާޓަކާ ޝޯޓު ބުރިއެއް ލައިގެންނެވެ. ފެންވަރައިގެން ނުކުތުމުގެ ސަބަބުން މަންޝާގެ ނިއުޅުވާލާފައިވާ އިސްތަށިގަނޑު ވަނީ ތެތްކޮށެވެ.
މަންޝާ ދެފައި ވަށްގެން އިނީ ކުރިޔަށާ ފަހަތަށް އޭނާގެ ހަށިގަނޑު ހެއްލާލަ ހެއްލާލައެވެ. އަޒީމް ދެވަނަ ފަހަރަށް މަންޝާއަށް ގޮވާލަމުން ކިހިނެއް ތޯވީ ސުވާލުކޮށްލިއެވެ. މަންޝާ ހިމޭންވެލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި އަޒީމްގެ އަަތުގައި ހިފަހައްޓަމުން ވާހަކަ ދައްކަން ފެށީ އަޒީމްގެ މޫނަށް ބަލަން އިނދެއެވެ. “ޒީމް… ދެންމެ ނިންމާލަމުން ބުނީމެއްނު…. މަން އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަޒީމަށް ވަރަށް ކަމުދިޔަ ވާހަކަ…”
އަޒީމް އިނީ މަންޝާ ދައްކަމުންދިޔަ ވާހަކަ ކަނުލާ އަޑު އަހާށެވެ. “ކީކޭ… ތިހެން ބުނެވުނުތަ؟…” މަންޝާއާ ދެއްކި ވާހަކަ ހަނދާން ކުރަން އަޒީމް މަސައްކަތް ކުރިއެވެ. ނަމަވެސް އެހެން ބުނެވުނުކަން ޚުދު އަޒީމަކަށްވެސް ނޭނގުނެވެ. އެންމެ ފަހުން އަޒީމް ފުން ނަޒަރަކުން މަންޝާއަށް ބަލާލިއެވެ. މަންޝާ އިނީ ކަޅި ޖަހާނުލާ އަޒީމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
“ހޫމް… ދެން ކޮންމެ ގޮތެއްވިޔަސް އެހެން ބުނުމަކީ ގޯހެއްތަ؟… އަޒީމަށް އެންމެ ފުރަތަމަ މަންޝާ ފެނުނު ދުވަހުން ފެށިގެންވެސް މަންޝާ ކަމުދިޔަ… ވާރެއާ ތެމިގެން ހުންނައިރު ވަކިން މަންޝާ ރީތިކަމަށް ދައްކާ… ނުލާހިކު ލޯބި…” މަންޝާގެ ކޮލުގައި ހިފަމުން އަޒީމް މިހެން ބުނީ ޖަވާބެއްގެ އިންތިޒާރުގައި މަންޝާ އިންކަން އެނގުމުންނެވެ.
“ޔަގީންތަ؟… މީހަކު ބުނެގެން ބުނި އެއްޗެއް ނޫންދޯ އެއީކީ…” މަންޝާ ޔަގީން ކޮށްލަން ދެވަނަ ސުވާލެއް ކުރިއެވެ.
“ކިހިނެއްވީ މަންޝާ ތިހެން ތި އެހީ؟.. މީހަކު ބުނެގެންހޭ….” މިފަހަރު މަންޝާ ކުރި ސުވާލުން އަޒީމްގެ ހިތުގައި ސުވާލުތަކެއް ފެންމަތިވިއެވެ.
“އަސްލު ވީ ގޮތަކީ… ހަފްތާއެއްހާ ދުވަސްވެއްޖެ… ޒުހާ ވިހައިގެން ހޮސްޕިޓަލުގައި އޮއްވާ އަހަރެން ޒުހާއަށް ގޮވާލަން ދިޔަ ދުވަހު ހޮސްޕިޓަލުން ދިމާވި ފިރިހެން ކުއްޖެއް…. އޭނަ ވަރަށް ގިނަ ތަންތަނުން ފެނޭ… ދިމާވޭ… ދެން އެއްރޭ މުޅި މާލެއިން ކަރަންޓު ދިޔަ ރެއެއްގަ އަހަރެން ހޫނުވާތީ ބޭރަށް ނުކުތީ… އެދުވަހުވެސް ދިމާވި… ވަރަށް ވާހަކަ ދެއްކި… ބުނި ބިސްބުރުގަ އަންހެން ކުއްޖެއް އެކަނި ހުންނާކަށް ނުވާނޯ… ވަރަށް ޕާޓެން އުޅޭނޯ… ދެން މިގޭ ކައިރިންވެސް ވަރަށް ފެނޭ… އެހެންގޮސް އެއްދުވަހު އޭނަ އަހަރެން ފޯނަށް ގުޅީ… އަހަރެން އެހިން ކިހިނެއްހޭ ނަންބަރު ހޯދީ… އޭނަ ބުނި ނަންބަރު ހޯދަން އުޅޭ މީހަކަށް ލިބޭނެއް ނޫންހޭ… ދެން އަހަރެން ބުނިން ނުގުޅާށޭ، އަހަރެން އުޅެނީ މީހަކާ އިނދެގެންނޭ… ދެން އޭނަ ބުނީ… އޭނައަށް މަންޝާ ވަރަށް ރީއްޗޯ.. ފުރަތަމަ ފެނިލުމުންވެސް މަންޝާ ވަރަށް ކަމުގޮއްސިއޯ.. މަންޝާ މެރީޑްކަންވެސް އެނގެޔޯ… ދެން މަންޝާ ބޭނުން ނުވާތީ ފޯނު ބާއްވަނީޔޯ.. ސޮރީވެސް ބުނި ޑިސްޓަރބް ކުރެވުނީތީ…”
ކަންތައް ދިމާވިގޮތް މަންޝާ އެއް ފައްޗަކަށް ކިޔައިދީ ނިމުމުން އަޒީމް އެނދުމަތިން ތެދުވެ ހެދުންއަޅުވާ ހަރުމަތީ އޮތް ޝޯޓު ބުރި ނަގާ ލިއެވެ. “އޭނަ އެ ބުނީކީވެސް ދޮގެއް ނޫން… ބިސްބުރުގައި ހުންނަން ހެޔޮވެސް ނުވާނެ.. އެހިސާބުގަ އަބަދު އެ އުޅެނީ ޕާޓޭން ގްރޫޕް ހަދާފަ… ބިސްބުރަށް ދާ އަންހެން ކުއްޖަކާ ދޭތެރޭވެސް މީހުން ދެކޭނީ ވަރަށް ކަޑަކޮށް… ދެން ފަހުން އޭނަ ނުގުޅާތަ…” އަޒީމް އައިސް މަންޝާ ކައިރީ އިށީންނަމުން އަހާލިއެވެ.
“އާން ނުގުޅާ…. މިއަދު މެންދުރަަށް ކައްކަން އެއްޗިހި ގަންނަން ފިހާރައަށް ދިޔައިރު އޭނަޔާ ދިމާވި… އެކަމު އޭނަ ބަލާވެސް ނުލާ… ފެންނަަކަމަށްވެސް ނުހަދާ…” މަންޝާއަށް އެންމެ ފަހުން ޒިބާން ފެނުނު ވާހަކަވެސް އަޒީމް ގާތުގައި ބުންޏެވެ. މަންޝާ އެއްވެސް ކަމެއް އަޒީމަށް އޮޅުވާލަން ބޭނުން ނުވާތީއެވެ.
“އެހެންތަ… އެހެންވެއްޖިއްޔާ ދެން އޭނަ އުނދަގުލެއް ނުކުރާނެ ކަންނޭނގެ… ދެން މަންޝާވެސްދޯ.. މީގެ ފަހުން ބިސްބުރަށް ނުދާތި… ދެން ތިބުނާ ސޮރެއް ގުޅައިގެން ނޫނީ މަގުމަތިން ފެނިގެންވިޔަސް މަންޝާއަށް އުނދަގުލެއް ކޮށްފިއްޔާ އަހަރެން ކައިރީ ބުނާތި…” އަޒީމް ހިން ދެމިލަމުން ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.
“ހެއި ރުޅި އައީތަ؟…” މަންޝާއަށް އެހެން ބުނެވުނީ ވަރަށް މަޑުންނެވެ.
“ނޫން… ރުޅިއެއް ނާދޭ…. އެކަމަކު ވަރަށް ޖޭ ވެއްޖެ… ހެހެހެ… ހިނގާ ކާން… ވަރަށް ބަނޑުހައި….” މަންޝާ ގާތު ކާންދާން އަޒީމް އެދުނެވެ. މަންޝާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. “އަހަރެން ނުކާނަން އިނގޭ… ޒީމް ބަނޑުހައި ނުވާ ވަރެއްތަ… ޒީމް ހީވީ ތަނެއް ނޮޅާލަން އުޅުނު ހެންވިއްޔަ…”
މަންޝާ ދޮރާ ދިމާލަށް ދަމުން ބުނި ޖުމްލައިން އަޒީމް ހުއްޓުން އެރިއެވެ. ނަމަވެސް މަންޝާ ފަހަތުން ދޮރުން ބޭރަށް ނުކުންނަމުން އަޒީމް ވާހަކަ ދެއްކިއެވެ. “ދެން އެހާ ވަރު ވާނެތާ ދޯ… ކޮން ދުވަހެއް މިހެން ދުރުދުރުން އުޅޭތާ… އެކަމު ނިދި އައިސްފަ ހުރިވަރުން ދެންމެވީކަމެއް ހަނދާން ވާ ވަރެއް ނޫން… ކައިގެން ދެވަނަ ބުރަކަށް ދަމާ… މިފަހަރު ކާކުތޯ މޮޅުވަނީ ބަލަން… ދެންމެ އެދިޔައީ ވާރމް އަޕްއެކޭ…” އަޒީމް ކާމޭޒު ދޮށަށް ގޮސް ހުއްޓެމުން މަންޝާގެ ބަނޑުގައި ކޮއްޓާލިއެވެ.
“ދެވަނަ ބުރޭ….” މަންޝާ ދެލޯ ބޮޑުކޮށްލަމުން އެހެން ބުނެލި އިރު ތުންފަތް މައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.
*** *** *** *** *** ***
ހަފްތާއެއް ވީ އިރު ހަސަނުގެ ހުންގަނޑު މަޑުވަމުން ދިޔައެވެ. ސިޑިން ވެއްޓިގެން ފައިގެ ކުޑަހުޅުމަތިން ދުޅަވެ ނޫފައިގެންފައިވާ ތަންތަން މުޅިންހެން ރަނގަޅުވެ ކޮރުނުޖަހާ ހިނގާބިނގާވެ އުޅެވޭ ވަރު ވެއްޖެއެވެ. ބުރަކަށީގައި ވާ ފާރުގަނޑުވެސް ވަނީ މުޅިންހެން ރަނގަޅުވެފައެވެ.
ހެނދުނު ސައިބޯން ހަސަނު އިނީ ބަދިގޭ މޭޒު ދޮށުގައެވެ. ސައިބޮއި ނިމިގެން ހަސަނު ހެދުން ބަދަލުކޮށްލީ މާރުކޭޓަށް މަސައްކަތަށް ނުކުންނާށެވެ. ގޭ މައި ދޮރުން ނުކުމެ ނުކުމެ ހުއްޓާ މުނީރާ ހަސަނަށް ގޮވާލުމުން މަޑު ޖެހިލިއެވެ. “ކިހިނެއްވީ މުނީރާ… މިހާރުވެސް މާ ލަސްވެއްޖެ… ފިހާރައަށް ދާންތަ ތި ގޮވަނީ…” ދޮރުކައިރީ މަޑުކޮށްގެން ހުރި ހަސަނު ބަދިގެ ތެރެއިން ނުކުތް މުނީރާއަށް އަޑު އިވޭ ވަރަށް ވާހަކަ ދެއްކީ އަޑަށް ބާރުލަމުންނެވެ.
“ހޫން ބޭސްކައިގެން ދާށޭ ބުނަން މި އައީ…” ފެންފުޅިއަކާއި އެކީ ހަސަނު އަތަށް ދެގުޅަ ބޭސް ދިއްކޮށްލަމުން މުނީރާ ބުންޏެވެ.
އެއްފަހަރާ ދެގުޅަ ބޭސް އަނގަޔަށްލުމަށްފަހު ފެންފުޅިން ފެންފޮދަކާއި އެކީ ބޭސްގުޅަ ދިރުވާލިއެވެ. ހަސަނު އަނެއްކާވެސް އަވަސްވެގަތީ ބޭރަށް ނުކުންނާށެވެ.
“ސާބަހޭ… އަދި މަޑުކޮށްބަަލަ…” މުނީރާ ހަސަނަށް ބޭސް ކާޑު ދިއްކޮށްލިއެވެ. “މީގެން އެއްގުޅަ ކާތި މެންދުރު ކެއުމަށްފަހު… ދެން ބަލައިގެން އުޅޭތި..” މުނީރާ ދިއްކުރި ބޭސްކާޑު ފަޓުލޫނުގެ ޖީބަށް ލަމުން ހަސަނު ބޭރަށް ނުކުތެވެ. ހަފްތާއެއް ވަންދެން ބަލިވެގެން ގޭގައި މަޑުކުރަން ޖެހުމުން ހަސަނަށް އެކަންވީ ބޮޑު ވޭނަކަށެވެ.
މާރުކޭޓު ގޮޅިއަށް ދިޔަ އިރު އަފްރާހް އިނީ ހަމަޖެހިލައިގެން ގޮނޑިއެއްގައި ދުފާލަ ދުފާލައެވެ. ހަސަނު އައިސް ވަނުމުން އޭނާ ގޮނޑިން ތެދުވިއެވެ. ބިންމަތީ ހުރި ފޮށިގަނޑުތަކެއް ނަގާ މޭޒުމައްޗަށް ނަގަން ހަސަން ގުދުވެލިއެވެ. އެއީ މޭވާތަކެއް އަޅާ ބަރުކޮށްފައިވާ ފޮށިގަނޑެކެވެ. ފޮށިގަނޑުގައި ހިފާ އުފުއްލާލި އިރު ހަސަނުގެ ބުރަކައްޓަށް ތޫނު ތަދެއް ވިއެވެ. އެހެންކަމުން އަފްރާހް އެ ފޮށިގަނޑު ނަގައިދިނެވެ. ހަސަނު ގޮނޑީގައި އިށީނީ އުނަގަނޑުގައި އަތް ވިއްދާ ލަމުންނެވެ.
ހަފްތާއެއް ވީއިރުވެސް އަދިވެސް އުނަގަނޑަށް ތޫނު ތަދު އަރަމުން ދިޔައެވެ. އަފްރާހަށް އެކަން އެނގުމުން ދިވެހި ބޭސްކުރަން ހަސަނަށް ނަސޭހަތް ދިނެވެ. ކަށިތަކުގައި ލާ ރެނދާ އެފަދަ ތަދުތައް އެންމެ ފަސޭހައިން ނައްތާލެވޭނީ ދިވެހި ބޭސްކޮށްގެންކަމަށް ބުނުމުން އެކަމަށް ކުޅަދާނަ މީހަކު ހޯދަން ހަސަނު ބޭނުންވިއެވެ.
*** *** *** *** *** ***
މިހަފްތާ އަޒީމްގެ ދާންޖެހެނީ ހެނދުނު ޑިއުޓީއަށެވެ. އަޒީމް ޑިއުޓީއަށް ފޮނުވާލުމަށްފަހު ގޭތެރޭގެ މަސައްކަތްތައް މަންޝާ ނިންމާލިއެވެ. އަދި ފެންވަރައިގެން އައިސް ސޯފާގައި ޖައްސާލައިގެން އިނީ ލެޕްޓޮޕް ހިފައިގެންނެވެ. އިންޓަރނެޓް މެދުވެރިކޮށް އެކި ކަހަލަ ލިޔެކިޔުންތައް ކިޔުމަކީ މަންޝާ ފޫހީވާ ވަގުތުތަކުގައި ކުރާ ކަމެކެވެ.
މިހެން ސޯފާގައި އިންނަތާ އިރުކޮޅެއް ވެއްޖެއެވެ. މަންޝާގެ ކަންފަަތުގައި ޖެހުނީ އެގޭ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑެވެ. ސޯފާ ކުރިމަތީ ހުރި މޭޒުމަތީ ލެޕްޓޮޕް ބެހެއްޓުމަށްފަހު ގޭގެ ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރި މީހާ ފެނުމުން އުފަލުން މަންޝާގެ އަނގަ ތަންމިނަށް ހުޅުވުނެވެ.
“ޒުހާ.. އެކަނިތަ؟.. ކޮބާ ދަރިންކޮޅު… އާދޭ އެތެރެއަށް…” ދޮރު އެއްކޮށް ހުޅުވާލަމުން ޒުހާ ގާތު އެތެރެއަށް ވަނުމަށް މަންޝާ އެދުނެވެ.
ޒުހާ އެތެރެއަށް ވަދެ މުޅި ގޭތެރެއަށް ނަޒަރު ހިންގާލައެވެ. “ހާދަ ސަޅިއޭ.. ދަރިން ނުހުންނާތީ އެއްގޮތަކުން ފަސޭހާވާނެ.. ބަލާބަލަ ގޭތެރެ ރީތިކަން… އަހަރެން އަބަދު އުޅެން ޖެހޭނީ ޒައިކް ގެން ގުޅޭ ކުޅޭ އެއްޗިހި ރީތި ކޮށްކޮށް…. މިހާރު މުޅި ފާރުގަ ކުރެހުން އޭނަގެ ކަމަކީ…. ޒަފްރީން އެބަ އޮތް ނިދާފަ… މަންމަ ގޭގަ ބަހަައްޓާފަ ޒައިކް ސްކޫލަށް ލާފަ މިއައީ…. ހިތަށް އެރީ މިގެއަށް ޖައްސާލަންވީއޭ… ކޮބާ އަޒީމް؟…”
މަންޝާއާ އެކީ ޒުހާ ގޮސް ސޯފާގައި އިށީނެވެ. “އާ މިހަފްތާ ހެނދުނު ޑިއުޓީ… އެހެންވެ އެކަަނި ވީމަ ފޫހިވެފަ މީނީ… ދެން ލެޕްޓޮޕްއިން ކޮންމެވެސް އެއްޗެއް ކިޔާލަނީ…. ކޮބާ ނަވާފް؟ ހުރިހާ ކަމެއް ރަނގަޅުތަ؟… މިހަފްތާ ކުޑަކޮށް ވަރުބަލިވާ ކަހަލަ ގޮތެއްވާތީ މިއުޅެނީ…. އެހެންވެ ތިގެއަށް ޖައްސާނުލެވުނީވެސް…”
މަންޝާ ވަރުބަލިވާ ވާހަކަ ބުނުމުން ޒުހާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުން ވުމެކެވެ. “ނަވާފްވެސް ވީ ޑިއުޓީގަ… ކީކޭ މަން ވަރުބަލިވަނީއޭ….”
“ސާބަސް ޒުހާއަށް… ވަރުބަލިވީމަ ކޮންމެހެން ނުޖެހޭ ބަނޑުބޮޑުވާކަށް… އިތުރު އެއްވެސް އެހެންކަމެއް ވާނަމަތާ ޓެސްޓް ހަދަން ދާނީ… މަށަށް ޔަގީން އެހާ ފަސޭހައިން އަހަަރެން ޕްރެގެއް ނުވާނެކަަން…” މަންޝާ މިހެން ބުނުމުން ޒުހާ ހިތްހަމަނުޖެހުނެވެ.
“މަންޝާ… ތިގޮތަށް ބުނަން ހެޔޮވެސް ނުވާނެ… ކިހިނެއް އެނގެނީ ހަމަ ޕްރެގް ވެދާނެދޯ!… މާތް ﷲ ކޮންމެކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ… އަހަރެމެން ކޮންމެ ކަމަކު ބޭނުންވިޔަސް އެފަރާތަށް އެކަމަކަށް އެދި ދެންނެވުން އެއީ ރަނގަޅު ގޮތަކީ… ނަމާދުކޮށް ދުއާކުރުން އެއީ އެންމެ މުހިއްމު ކަމަކީ….” މަންޝާއަށް ވިސްނަައި ދެވޭތޯ ޒުހާ މަސައްކަތްކުރިއެވެ.
ސޯފާއިން ތެދުވެގެން ޒުހާ ދިޔައީ ބަދިގެއާ ދިމާލަށެވެ. އައިސް-އަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު ބިއްލޫރި ތައްޓެއް ނަގާ ފެންފޮދެއް އެޅީ ޒުހާ ކަރު ހިއްކާފައި ހުރުމުންނެވެ. އޭރު ސޯފާއިން މަންޝާ ތެދުވެގެން ގޮސް މަންމަ ފޮނުވި ހަދިޔާ ދަޅުތަކުން އެތިކޮޅެއް ތައްޓަކަށް އަޅާއިގެން އައިސް ސޯފާގައި އިށީންނަމުން ޒުހާއާ ވާހަކަ ދެއްކިއެވެ.
“ހޫން ދެން ތިވާހަކަ ބާއްވާ… އަހަރެން އެބައޮތް ވަރަށް މުހިއްމު ވާހަކައެއް ދައްކަން ވެފަ… އަސްލު އެއްވެސް މީހަކު ކައިރީ ނުބުނައްޗޭ… މީ ވަރަށް ބޮޑު ސިއްރެއް… އަހަރެން މިވާހަކަ އަޒީމަށް ކިޔައި ދީފިން….. އެކަމަކު އަސްލު އަހަރެންގެ އިހްސާސްތައް ހާމައެއް ނުކުރަން…. މި ވެގެން އުޅޭ ގޮތަކީ ޒުހާ ހޮސްޕިޓަލްގަ އޮއްވާ ހޮސްޕިޓަލަށް ދިޔަ ދުވަހު ވަރަށް ހޮޓް ސޮރަކާ ދިމާވީ….”
ފެންފޮދު އަރުތެރެއިން ނުދިރި ޒުހާ ކޮށިއަރާ ގޮތްވިއެވެ. ކެއްސަމުން ކެއްސަމުން މަންޝާއާ ހަމައަށް ޒުހާ އައީ ދެލޯ ބޮޑުކޮށްގެންނެވެ. ޒުހާގެ ބުރަކަށީގައި ދެތިން ފަހަރަކު މަންޝާ ޖަހާލިއެވެ. ހަމައަށް ނޭވާ ލެވުމުން ޒުހާ ވާހަކަ ދެއްކިއެވެ. “އޭނ!… ކީކޭ؟.. ހޮޓް ބިޓެކޭ!!!…” މޭޒުމަތީ ހުރި ޓިޝޫ ފޮށިން ދެތިން ޓީޝު ނަގާ މޫނު ފޮހެލަމުން ސޯފާގައި ޒުހާ ހަމަޖެހިލިއެވެ.
ޒިބާންއާ ދިމާވިގޮތާއި، ޒިބާޏްގެ ސިފައާ އޭނަގެ ރީތިކަމާއި، އެމީހުން ބައްދަލުވެގެން ދެކެވުނު ވާހަކައާއި، މަންޝާގެ ފޯނަށް ޒިބާން ގުޅިކަމާއި، މަންޝާ އެކަމަށް އިންކާރު ކުރި ހިސާބުން ޒިބާންގެ ޚަބަރެއް ނުވާ ވާހަކައާއި، ފިހާރައިން ދިމާވުމުން ޒިބާން އަޅާނުލި ވާހަކަ ވަރަށް ތަފްސީލްކޮށް ޒުހާއަށް މަންޝާ ކިޔައިދިނެވެ.
“އެހެންތަ.. ހަމަ އެހާ ސަޅިބިޓެއްތަ؟ ދެން އަޒީމަށް ތިވާހަކަ ކިޔައި ދިނީމަޔޯ…. އޭނަ ކީކޯ ބުނީ!!..” ތަށިން ކުދި ގުޅަކޮޅެއް އަތައްލައިގެން ހުރެ އޭގެން ގުޅައެއް ކޮލުތެރެއަށް ލަމުން ޒުހާ ވާހަކަ ދެއްކިއެވެ.
“އަހަރެން ނުކިޔައިދެން އޭނަ ހުރި ސިފައެއް… އޭނަަ އަހަރެންނަށް ރީތި ވާހަކަވެސް ނުބުނަން… އެވަރުންވެސް އަޒީމް ހުރީ ވަރަށް ޖޭވެފަ.. އެކަމަކު ބުނި ފަހުން ގުޅައިގެން އުނދަގޫ ކުރަންޏާ އަޒީމް ގާތުގަ ބުނައްޗޯ… ބަޓް ހީޒް ސޯ ހެންޑްސަމް…” މަންޝާ އަނގަޔަށް ވައްތަރެއް ޖައްސަމުން ދައްކަމުން ދިޔަ ވާހަކައަށް ބަލަން ހުރި ޒުހާ އިނީ އަޖައިބުވެފައެވެ.
“އެހެންވިއްޔާ މަންޝާއަށް ތިހުރީ ހާދަ ވަރެއް ވެފައޭ ދޯ…” އެއް ބުމަ ހިއްލާލަމުން އަނގަ އެއް އަރިއަށް ޗޭކޮށްލަމުން ޒުހާ މިހެން ބުނީ މަންޝާއަށް އައިސްފައިވާ ބަދަލު ފެންނަން ފެށުމުންނެވެ.
“ނޭނގެ އަސްލުވެސް އަބަދުވެސް ހިތަށްއަރާ އޭނާއާ ދިމާވާނެ ނަމައޭ… އައިނޯ އައިމް މެރީޑް ކަންވެސް… އެކަމަކު އޭޒްއަ ފްރެންޑް އޭނައާ ވާހަކަ ދައްކަން ބޭނުން… އަހަރެންނަކަށް ނޭނގޭ އޭނައާ ދިމާވީމަ އަހަރެންނަށް އެވާ ގޮތް ބުނެދޭކަށްވެސް…” މަންޝާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ޒުހާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒުހާގެ ހިތަށް އަރަމުން ދިޔައެވެ. މަންޝާއަށް މިހާ ބޮޑު ބަދަލެއް އަންނަންވީ ކީއްވެ ހެއްޔެވެ. މަންޝާއަކީ ދުވަހަކުވެސް ފިރިހެން ރަހްމަތްތެރިން ގެންގުޅުނު ކުއްޖެއް ނޫނެވެ. އެކަމު މިހާރު މިހެން ވިސްނަންވީ ސަބަބެއް ޒުހާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
“އެކަމަކު.. އައި ޑޯންޓް ތިންކް އިޓްސް އަ ގުޑް އައިޑިއަރ… މަންޝާގެ ހިތަށް ތިވާ ގޮތްތަކުން އެންމެ ރަނގަޅު ގޮތަކީ ތި ޒިބާނަކާ ވީހާވެސް ދުރުދުރުން އުޅުން… އެހެން ނޫނީ ގޯސް ކަމެއް ނުހިނގިޔަސް އެނގިހުރެ ޒިބާނާ ރަހްމަތްތެރިކަން ބޭއްވުމަކީވެސް ފާޑެއްގެ ބޭވަފާތެރިކަމެއް ދޯ…. އައި ޑޯންޓް ނޯ… މި ބުނީ އަހަރެންނަށް ފެންނަ ގޮތް… މަންއަށް އިނގޭނީ މަން ހަދާނެ ގޮތެއް… އަހަރެން ވަކި ސައިޑެއް ނަގަނީކީ ނޫން.. ލައިފެއް ފަށައިގެން އުޅޭތީ އަހަރެން މިހެން މިބުނީ… ދިރިއުޅުމެއް ސަލާމަތްކުރަންޏާ އެ ދިރިއުޅުމެއް ހަލާކުކޮށްލާނެހެން ހީވާ ހަތިޔާރުތަކާ ކައިރި ނުވުން އެންމެ ބުއްދިވެރި ވާނީ….” ޒުހާގެ ވާހަކަ މެދުކަނޑާލީ މަންޝާގެ ފޯނު ރިންގްވާން ފެށުމުންނެވެ.
މަޑުކޮށްލުމަށް އަތުން އިޝާރާތްކުރަމުން މަންޝާ އެ ފޯނަށް ޖަވާބު ދިނެވެ. “މަންމާ…. ކިހިނެއްތަ؟…” އެކޮޅުން އެގުޅީ މަންޝާގެ މަންމަ މަދީހާއެވެ. މަންމައާ ވާހަކަ ދައްކަމުން މަންޝާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ޒުހާ ގުޅައަކު ފުލު ގުޅައެއް ކާލަ ކާލަ އިނީ މަންޝާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޒުހާއަށް ސިހުމެއް ލިބުނީ ބޭރު ދޮރު ހުޅުވުނު އަޑަށެވެ.
“އަހަން ޒުހާތަ؟ ކޮބާ ކުދިންކޮޅު… ނަވާފް އެދިޔައީ ގެއަށް…” ގޭތެރެއަށް ވަންނަމުން އަރައިގެން ހުރި ބޫޓު ބާލާފަ ހަރުމަތީ ބަހައްޓަމުން އަޒީމް ވާހަކަ ދެއްކީ ޒުހާ ފެނުމުންނެވެ.
“އާން މިގެއަށް މިއައީ ޒައިކް ސްކޫލަށް ލާފަ…” އަޒީމް އެތެރެއަށް ވަނުމުން ޒުހާ އަތުގައި އޮތް ފޯނުން ގަޑިއަށް ބަލާލިއެވެ. “މިހާރު އެ ސޮރު ނިމޭނެ… ދެން ދަނީ އިނގޭ… މަންޝާ… އަހަރެމެން ގެއަށް އަންނައްޗޭ… ވަރަށް ބޮޑު ވާހަކައެއް އެބައޮތް… ދެން ދަނީ އިނގޭ…” ޒުހާ އަަވަހަށް ސޯފާއިން ތެދުވެ ބޭރަށް ނުކުތުމަށް ހިނގައިގަތީ ޒައިކް ނިމެންވާއިރަށް ސްކޫލް ދޮށަށް ދިޔުމަށެވެ. ކޮޓަރީގަ ހުރި މަންޝާއަށް އަޑު އިވޭވަރަށް އެގެއަށް އަންނައްޗޭ ބުނަމުންނެވެ.
އަޒީމް ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. އޭރު މަންޝާ ފޯނުގައި އިނދެގެން ދައްކަމުން ދިޔަ ވާހަކަ އަޒީމަށް އަޑު އިވުނެވެ. މަންޝާ ހުރީ ބެލްކަނި ކައިރީގައެވެ. މަންޝާ އެހެންހުއްޓާ އެގެއިން ޒުހާ ނިކުމެގެން ދިޔަ ތަން ފެނުނެވެ. އަޑަށް ބާރުލާ ޒުހާއަށް ގޮވާލުމުން ޒުހާ ބެލްކަންޏާ ދިމާލަށް ބަލާލިއެވެ. އަދި މަންޝާ ފެނުމުން ދަނީއޭ ބުނަމުން އަތް ހަނާ އަޅާލިއެވެ. މަންޝާވެސް ޒުހާއަށް އަތް ހަނާ އަޅާލުމަށްފަހު ކޮޓަރިތެރެއަށް ވަނެވެ. އޭރު ފާޚާނާއިން އަޒީމް ހެދުން ބަދަލުކޮށްގެން ނުކުތެވެ. މަންޝާގެ ފޯނު ބެޓެރި ލޯވާތީ އަވަހަށް ޗާޖަރަށް ގުޅާލިއެވެ.
“މަންމަދޯ ގުޅައިގެން ހުރީ…. ކީކޯ ބުނީ…” އަޒީމް އައިސް މަންޝާގެ ނިތްކުރިއަށް ބޮސްދެމުން ވާހަކަ ދެއްކިއެވެ. އަޒީމްގެ މޭމަތީގައި ހުރި އިސްތަށިތަކާ ކުޅެމުން މަންޝާ ވާހަކަ ދެއްކިއެވެ. “މަންމަ ބުނީ އީދަށް ރަށަށް ނާންނަންހޯ… މިހަފްތާ ބުރާސްފަތީގަ އޮންނަ ފެރީއިން ޓިކެޓް ނަގާށޯ… އީދަށް ވީމަ މިހާރު ޓިކެޓް ނަގައިގެން ނޫނީ ޓިކެޓެއް ނުލިބޭނެޔޯ…”
“އެހެންތަ… އެހެންވިއްޔާ ކައިގެން ތިދިމާލަށްދޯ ދާންވީ… އަހަރެންނަށް މިދުވަސްކޮޅު ޗުއްޓީއެއް ނުލިބޭނެ.. އަހަރެން މިފަހަރު މަޑުކުރާނަން… މަންޝާ ދޭ.. އޯކޭތަ… އެހެންނޫނީ މަންމަ ދެރަވާނެ…” އަޒީމް ވާހަކަދައްކަމުން މަންޝާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
“އަޅެ… ދެން މަން އެކަނިތަ ދާންވީ… އޯކޭ… ބަޓް ނެކްސްޓް ޓައިމް އަޒީމް ދާންވާނެ.. ނޯ އެކްސްކިއުޒް…” އަޒީމްގެ މޭމަތިން އިސްތަށިކޮޅެއްގައި ހިފާ މަންޝާ ދަމާލިއެވެ.
“އައްދޯއި ކަމަނާ… އޯކޭ އައި ޕްރޮމިސް… ދެން ފަހަރަކުން ދާނަން… ވަރަށް ބަނޑުހައި… ކޯއްޗެއް ކާން ހުރީ؟…” އަޒީމް ކާން ދާން ބޭނުންވެގެން އަހާލީ މޭމަތިން މަންޝާ އިސްތައްޓައް ދަމާލިތަނުގައި ފިރުމަމުންނެވެ.
ކައިނިމިގެން އަޒީމް އަވަސް ވެގަތީ ދޯނި އޮންނަ ދިމާލަށް ދާށެވެ. ދޯނީގެ ނަން މަންޝާ ބުނެދިނުމުން އަޒީމް އެންމެ ރަނގަޅު ކަމަށް ބުނެ ރީތިވެގެން ނުކުތެވެ. ސައިކަލަށް އަރައިގެން ދޯނި އޮތް ދިމާލަށް ދިޔައެވެ. ޖެޓީ ކައިރިން ފެނުނު ޒޯނަށް ސައިކަލު ޖަހާލުމަށްފަހު މާރުކޭޓާ ކައިރިން ދޯނިތައް އެހެލާފަ އޮތް ދިމާލަށް ގާތްވަމުން ދިޔަ ވަގުތު އަޒީމްގެ ކޮނޑުގައި މީހަކު ހިފާލުމުން އަޒީމް އެދިމާލަށް ބަލާލިއެވެ. އެއީ ހަސަންބެއެވެ. “އަހާ… އަޒީމް މިތާ ކޮންކަމެއް؟..” ހަސަންބެ ވާހަކަދެއްކީ އަނގައިގަ ހުރި ހުރިހާ ދަތެއް ސޭލް އަޅުވަމުންނެވެ.
“މިއައީ… ރަށަށް ދާން މަންޝާ ބުނެގެން ޓިކެޓް ނަގަން… އަޅެ މަންޝާ ބުނި ދޯނީގެ ނަން ހަނދާން ނެތިގެން މިއުޅެނީ؟…” އަޒީމް ހުރީ ހަދާނެގޮތް ހުސްވެފައެވެ. ޖީބުން ފޯނު ނަގާ މަންޝާއަށް ގުޅަަން މަސައްކަތް ކުރި ނަމަވެސް ފޯނަކަށް މަންޝާ ޖަވާބެއް ނުދިނެވެ.
“އެހެންތަ… ހަސަންބެވެސް މިއައީ ތިކަމުގަ.. އީދަށް ކުދިވެރިން ގޮވައިގެން ރަށަށް ގޮސްލަންވެގެން… ހިނގާ ބޭބެއާ އެކީ…” ހަސަންބެގެ ފަހަތުން އަޒީމް އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. އެތަނުން ފެނުނު ދޯންޏެއްގައި ތިބި މީހުންނާ ވާހަކަ ދައްކާލަމުން ހަސަންބެ ޓިކެޓް ނަގަން އައިކަމަށް ބުނުމުން އެތަނުން މީހަކު ފޮތަކާ ގަލަމަކާ ހިފައިގެން އައެވެ.
އަޒީމް ނަގަނީ އެންމެ ޓިކެޓެއް ކަމުން ހަސަންބެ ހިސާބަކަށް ހައިރާންވިއެވެ. ހަސަންބެ ބަލަންހުރި ގޮތުން މި ދަތުރުގައި ނުދެވޭނެ ވާހަކަ އަޒީމް ބުންޏެވެ. ޓިކެޓް ނަގުމުގައި ހަސަންބެގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުމުން އެކަމާ އަޒީމް ޝުކުރު އަދާކުރިއެވެ. އަދި އެއަށްފަހު ގެއަށް ދިޔުމަށް އަވަސް ވެގަތެވެ.
*** *** *** *** *** ***
ފޫހިވާތީ ބޭރަށް ދާން މަންޝާ ހިތަށް އެރިއެވެ. އަޒީމް އައުމުން ދެމީހުން އެކީގައި ބާޒާރަށް ގޮސްލަން ނިންމިއެވެ. ރީތިވެގެން ކޮޓަރިތެރޭ ހުރުމަށްފަހު މަންޝާ ބެލްކަންޏަށް ނުކުތީ އަޒީމް ނައިސް ލަސް ވުމުންނެވެ. މަގުގެ ދެފަރާތުން ދުއްވަމުން ދިޔަ ދުއްވާ އެއްޗިއްސަށް ބަލަން ހުރެވުނެވެ. މަންޝާމެން ގޭ މަގަށް އަޅާލާ ކޮންމެ ސައިކަލަށް ބަލާލެވެނީ އެ އަންނަނީ އަޒީމްހެން ހީވުމުންނެވެ.
އިންތިޒާރުގައި މާގިނަ އިރަކު ހުންނާކަށް ނުޖެހުނެވެ. އަޒީމްގެ ސައިކަަލް އައިސް މަންޝާމެންގޭ ދޮރު ކުރިމަތީ ޒޯނަށް މަޑުކޮށްލިއެވެ. އަޒީމް ގެއަށް ވަންނަންދެން އެ ދިމާލަށް ބަލަން ހުރެވުނެވެ. އަދި އަޒީމް ދޮރުން އެތެރެއަށް ވަނުމުން މަންޝާ ކޮޓަރި ތެރެއަށް ވަނުމަށް އެނބުރިލީ ވަގުތު މާ ވަރަކަށް މީހަކު ބަލާހެން ހީވެގެން ފަސް އެނބުރި ބެލްކަނިން ބޭރަށް ބަލާލެވުނެވެ. މަންޝާއަށް ލިބުނު ސިހުމާއި އެކު ހިތްގަނޑު ބޭރަށް ނުނިކުތީ ހަމަކިރިއާއެވެ. މަގުގެ އެއްފަރާތެއްގައި ހުއްޓިގެން މަންޝާއާ ދިމާލަށް ބަލަން މިހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޒިބާނެވެ.
ކަޅިޖަހާ ނުލާ ޒިބާނާ ދިމާލަށް ބެލެމުން ދެވުނެވެ. ހަފްތާއެއް ފަހުން ޒިބާން ފެނުމުން މަންޝާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ. ޒިބާން އަތް ހަނާ އަޅާލިއެވެ. މަންޝާއަށް އުފަލުން ތެޅިގަނެވުނެވެ. މަންޝާއަށް ކުރަމުން ދިޔައީ އާދަޔާޚިލާފް އިހްސާސްތަކެކެވެ. ކަންތައްވީ މަންޝާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. މަންޝާ ހީކުރީ ދެން ޒިބާން މަންޝާއާ ބައްދަލުކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. މަންޝާވެސް އަތް ހަނާ އަޅަން އަތް އުފުލާލިއެވެ. ލަދުރަކި ހިނިތުންވުމަކާއި އެކީގައެވެ.
ނަމަވެސް ހަމައެވަގުތު މަންޝާއަށް ސިހުމެއް ލިބުނީ މަންޝާގެ ކޮނޑުގައި މީހަކު ހިފާލުމުންނެވެ. ސިހިފައި ފަހަތަށް ބަލާލެވުނީ އެއީ ކާކުބާއޭ ހިތަށް އެރުމުންނެވެ. ފަހަތުގައި ހުރީ އަޒީމެވެ. ދެލޯ ބޮޑުކޮށްގެން ހުރި މަންޝާގެ އަތަށް އަޒީމް ދޯނިން ނެގި ޓިކެޓް ދިއްކޮށްލިއެވެ. އެހިސާބުން އަޒީމް އައިކަން އެނގިގެން ކޮޓަރިއަށް ވަންނަން އުޅުނުމަތިން މަންޝާ ހަނދާންވިއެވެ. އެވީ ކުޑަ ވަގުތުކޮޅު ތެރޭގައި މަންޝާ ކުރަން އުޅުނު ކަންތައް ޒިބާން ފެނުމުން ހަނދާނުން ކައްސާލީހެއްޔެވެ. މަންޝާ ޓިކެޓްގައި ހިފިގޮތަށް އެކަމާ ވިސްނަން މަޑުކޮށްލެވުނެވެ.
އަޒީމް ބެލްކަނިން ބޭރަށް ބަލާލިއެވެ. ޖެހިލުންވެހުރެ މަންޝާވެސް ބޭރު ބަލާލިއެވެ. ޒިބާން ހުރި ދިމާލަށް ބަލާލީ މޭގައި އެއް އަތް އަޅައިގެން ހުރެއެވެ.
(ނުނިމޭ)
13 Comments!
Comments are closed.
Yey mii first..balabalaa indhaa thi up kurii..
Oh salhi ye mi part ves
v v v v salhi.
haadha hiyy hutteyy kahala kanthah thakey mivanee…. iguess miulhey hasanbe manshaa aa rashunves dhimaa kuraanekan…dn zibaan ves dhaanethaa manshaa dhaa thanakah….?? ninmaali hisaabu v reethi…waiting….☺
V salhii mibaives.n zibaan i love yuh?
Alhey…. Mi episode kiyaafa I missed my best friend… She used to advice me like Zuha…. I like thus part very much….
Mi part ves v intresting v nice story eh waiting for next
Mi vaahaka haadha habeyheyy ??
Cant wait for next part ???
I guess Mansha fahathun zibaan rashah dhaane and e 2 meehunge relation kuriah dhanee.. noony ekolhuga huhta mansha preg kan engeyny ooh…. v nice
Thanks mibai dhigukoh genesdhinythy…. lov da story.. next part avahah up kurachchey…
Heenukuraa goiy goiy shaz Ge vaahaka thakuga vaaneee…
Aharen hithah araa nimmaalaa iru kihaa bodukanthah gandeh vaane baaey…. Just curios…. Kandufen was superb… Manshaves ehaa reethivaane dhw… Adhi varah furihama…. Love ur descriptions….. Great work… I wish I cud get ur stories as a book… I want it in my story collection.
Wow yu have a collection ??
thibuni rangalhu vaahaka eh dhivehi story shelf ah laan shax ge vaahakathah shama ves varah beynun….ur an inspiration <3..even i love writing stories and ur r my inspiration already <3<3<3