Skip to content
އެސްފިޔަ

މަންޝާ (ސަތާރަވަނަ ބައި)

ޕާރުސަލް ބޭރުގައި ލިޔެފައިވާ ނޯޓުކޮޅު ކިޔާލުމަށްފަހު ނަވާފާ ދިމާލަށް މަންޝާ ބަލާލިއެވެ. “ޒަފްރީން… މާޝާﷲ… ވަރަށް ލޯބި ނަމެއް….”

“އާން މި ހިފައިގެން ނާދެވިގެން މިއުޅުނީ….. ބައިވަރު ގޭތަކަށް ގޮއްސަ މިގެއަށް އެންމެ ފަހުން މިއައީ… މަންޝާއަށް އެވަރަށް ގުޅީ ގޭ ބޭރަށް ނުކުމެބަލާށޭ ބުނަންވެގެން….” މަންޝާއަށް ގުޅި ސަބަބު ނަވާފް ހާމަކުރިއެވެ.

“އަޅެ ސޮރީ…. އަހަރެންނަށް ނިދުނީ… ނޭނގެ… މިހާރު ވަރަށް ގިނައިން މަންގެ ފޯނަށް އެހެންވޭ… ފޯނު އެކްސަޕަޔަރ ވަނީ ތޯއްޗެއް… ވަރަށް ބޯކޮށް ވާރޭ ވެހުނު ދޯ….” މަންޝާ ކޮޓަރިއަށް ގޮސް ފޯނު ހިފައިގެން އައިސް ހުރެ ނަވާފާ ވާހަކަ ދެއްކީ ފޯނަށް ބަލަހައްޓައިގެން ހުރެއެވެ.

“ވާރޭ އޭ…. ނޫން އަހަރެން މިއުޅެނީ އިރު އޮއްސުނު ފަހުން ސައިކުގަ… 9 ޖަހަންވާ އިރަށް ކިތައްތަނަށް ދުއްވިން… މި މާލެއަކަށް ވާރޭއެއް ނުވެހޭ… ކޮންއިރަކު ވެހުނު ވާރޭއެއްގެ ވާހަކަ ތި ދައްކަނީ….” ނަވާފްގެ ޖަވާބުން މަންޝާއަށް ލިބުނީ ހައިރާން ކަމެކެވެ.

އަނގަޔަށް ވައްތަރެއް ޖައްސައިގެން ހުރެ މަންޝާ ވިސްނަމުން ދިޔައެވެ. ފެންފުޅި ބޯލާ ހުސްކޮށްލުމަށްފަހު ނަވާފް ތެދުވީ އެގެއިން ނުކުންނާށެވެ. “ހެއި ދެން ދަނީ އިނގޭ…. ޒުހާ އިންނާނެ މިހާރު ލަސްވެފަ…. ބާއި….”

ނަވާފް ގެއިން ބޭރަށް ނުކުމެ ސިޑިން ފައިބައިގެން ދިޔުމުން މަންޝާ ބޭރު ބަލާލިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއަކާއި އެކީ ކާނިގަހުގައި ހަރުލާފައި ހުރި ފެންތިކިތައް މަންޝާގެ ހަށިގަނޑުގައި އައިސް ބީހުނެވެ. ދޮރު ލައްޕާލުމަށްފަހު މަންޝާ ގޮސް ނުކުތީ ބެލްކަންޏަށެވެ. ބެލްކަނި މަތީގައި އަދިވެސް ފެން ހެދިފައި އެބަހުއްޓެވެ. ބެލްކަނި ދޮރުގައިވެސް ފެން ޖެހިފައި ހުރި ތަންތަން ފެންނަން ހުއްޓެވެ. އެހެންވީމަ އެވާނީ މިފަހަރު ނަވާފް ސަމާސާ ކޮށްލީ ކަމަށެވެ. މިރޭ ވާރޭ ވެހުނުކަން މަންޝާއަށް ޔަގީނެވެ.

ނަވާފް ގެނައި ޕާރުސަލް ހުޅުވާލިއިރު އެ ޕާރުސަލުގައި ހުރީ ބޮނޑިބަތާ ބަކަރިމަހެވެ. އެއީ މަންޝާއަށް ވަރަށް މީރު ކެއުމެކެވެ. އެހެންކަމުން މަންޝާ ސަމުސަލެއް ނަގާ އެއިން އެތިކޮޅެއް ރަހަބަލާލިއެވެ. މީރުކަމުން މަންޝާއަށް ހިނދުކޮޅަކަށް ދެލޯ މަރާލައިގެން ހުރެވުނެވެ. “ޔަގީން މީ ޒުހާގެ މަންމަ ކައްކާފަ ހުރި ބޮނޑިބަތް…” މަންޝާއަށް އެހެން ބުނެވުނީ ކުރިންވެސް ޒުހާގެ މަންމަ ކައްކާ ބޮނޑިބަތް ކެވިފައި ހުރުމުންނެވެ.

ފޯނުން ޒުހާ ގެ ނަންބަރަށް ގުޅާލިއެވެ. ޒުހާ ފޯނު ނެގުމުން ޕާރުސަލް ލިބުނު ވާހަކަ ބުންޏެވެ. “ޒުހާގެ މަންމަ ދޯ ބޮނޑިބަތް ކެއްކީ… ވަރަށް މީރު… އެހެންވެ މި ގުޅާލީ…”

“އާން މަންމަ ބޮނޑިބަތް ކެއްކީ.. އެކަމަކު ބަކަރި މަސް ހެދީ ތަނަކުން… އަޤީޤާ ކަތިލައިދޭ ތަނަކުން…” ފޯނުން ޒުހާ ވާހަކަ ދައްކަމުން ދިޔަ އިރު ފަހަތުން ޒަފްރީން ކުކުރަމުން ދިޔަ އަޑު އިވުނެވެ.

“ކިހިނެއްވީ… އެމަންޖެއަށް ރޮވެނީ… ވަރަށް ލޯބި ނަން…” މަންޝާ ވާހަކަ ދައްކަމުން އަނގަޔަށް ބޮނޑިބަތް ސަމުސަލެއް ލިއެވެ.

“މިއުޅެނީ އެމަންޖެ ކުޑަކޮށް ހުން އައިސްގެން…. އެހެންވެ އެ ރޮވެނީ… ޒައިކްވެސް ހުން އައިސްގެން މި އުޅެނީ….” ޒަފްރީން އާ ޒައިކް ބަލިވެ އުޅޭ ވާހަކަ ޒުހާ ބުނުމުން މަންޝާ ވަރަށް ދެރަވިއެވެ.

“އަޅެ އެކަމަކު މިއަދު އަހަރެން ތިގޭގަ އިން އިރު އެ މަންޖެ ނުލާހިކު ރަނގަޅު ދޯ…” މަންޝާއަށް ގަބޫލު ނުކުރެވިގެން އަހާލިއެވެ.

“އާން ނަވާފް އައިމަ މިއުޅެނީ ހޮސްޕިޓަލަށް ދާން… ދެން ބޭއްވީ އިނގޭ…” ޒުހާ ފޯނު ކަނޑާލިއެވެ. ދޮންނަ މެޝިނަށް އަޅާފައިވާ އަޒީމްގެ ޔުނީފޯމްތައް ދޮވެ ނިންމާލަން މަންޝާ ދިޔައީ ފާޚާނާއަށެވެ.

*** *** *** *** *** ***

ޖެހިގެން އައި ދުވަހަށް އިރު އަރައިފިއެވެ. ޑިއުޓީއިން އައިގޮތަށް އަޒީމް އަވަހަށް އޮށޯތީ ވެފައި ހުރި ވަރުބަލިންނެވެ. ގެއަށް އައި އިރު މަންޝާ އޮތީ ގަދައަށް ނިދާފައި ކަމުން އަޒީމް މަންޝާއަށް އުނދަގޫ ނުކޮށް ނިދީއެވެ. މަންޝާއަށް ނިދިފައި އޮވެ ހޭލެވުނީ އާދަޔާ ޚިލާފް އިހްސާސްތަކެއް ކުރެވޭތީއެވެ. ހޭލެވުމާއި އެކީ އަވަހަށް ފާޚާނާއަށް ދިޔައެވެ. މަންޝާއަށް ހީވީ އޭނާ ޕީރިއަޑް ވީހެންނެވެ. ނަމަވެސް ޕީރިއަޑް ވީކީ ނޫނެވެ. ލޭގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ނަމަވެސް ފެންކުލައިގަ ހުރި އެއްޗެއް އައިސް ލައިގެން ހުރި އެއްޗިހި ވަނީ މުޅިންހެން ތެމިފައެވެ. ވަސް ބެލުމުންވެސް އެއިން އެއްވެސް ވަހެއް ނުދުވުމުން މަންޝާގެ ހިތުގައި އެތަައް ސުވާލުތަކެއް އުފެދުނެވެ.

ގައި ދޮވެލައިގެން މަންޝާ ފާޚާނާއިން ނުކުތެވެ. އޭރު އެނދުގައި ގަދައަށް ނިދާފައި އޮތް އަޒީމް ފެނުމުން މަންޝާއަށް ހެވުނެވެ. ކުޑަ ކުއްޖެއްހެން ކުރުވެގެން ބާލީހެއްގައި ބައްދާލައިގެން އަޒީމް ނިދަން އޮތް ގޮތް ފެނުމުންނެވެ. މަންޝާ ސައިބޮއިގެން އަވަސްވެގަތީ އަޒީމްގެ ޔުނީފޯމްތައް އިސްތިރިކުރުމަށެވެ. އެއަށްފަހު އަޒީމް ހޭލަންވާއިރަށް ހާއްޞަ ކެއުމެއް ތައްޔާރު ކުރުމަށް މަންޝާ ބަދިގެއަށް ވަނެވެ. ނަމަވެސް ގޭގައި ބައެއް ސާމާނުތައް މަދުވާތީ މަންޝާއަށް ޖެހުނީ ރީތިވެގެން ފިހާރައަށް ދާށެވެ.

ރީތިވެގެން ގެއިން ނުކުތް ގޮތަށް މަންޝާ ގޮސް ވަނީ ގެ ކައިރީގައި ހުރި ފިހާރައަށެވެ. ފިހާރައިން ގެއަށް ބޭނުންވާ ސާމާނުތައް ނަގައިގެން ކައުންޓަރ ދޮށަށް ދިޔައެވެ. ފައިސާ ދައްކަން މަޑުކޮށްގެން ހުއްޓާ އެ ފިހާރައަށް ޒިބާން ވަނެވެ. ޒިބާން ފިހާރައަށް ވަދެ އެތެރެއަށް ދިޔަ ދިމާލަށް މަންޝާއަށް ބަލަން ހުރެވުނެވެ. ޒިބާނަށް މަންޝާ ނުފެނުނީ ކީއްވެ ހެއްޔެވެ. މަންޝާ ކުރިމަތިން ހުރަސްކޮށް ކުރިއަށް ދިޔަ އިރު މަންޝާ އެއީ އެތާ ހުރި މީހެއްކަންވެސް ޒިބާން ނުހެދީތީ އެކަމާ މަންޝާ ދެރަވިއެވެ.

މަންޝާ ފިހާރައިން ނުކުމެ މަގުގެ އެއްފަރާތެއްގައި މަޑުކޮށްލީ ޒިބާން ނުކުންނާނެ ވަގުތަކަށެވެ. މާ ގިނަ އިރެއް ނުވެ ޒިބާން ބޭރަށް ނުކުތީ “މައި-ބޭބީ” ބޮޑު ނެޕީ ބޮނޑިއެއް ގަނެގެންނެވެ. ފިހާރައިން ނުކުމެ ޕާކިން ޒޯނުގައިވާ ސައިކަލަށް އަރަން ދިޔަ އިރުވެސް ފިހާރަ ކައިރީ ހުރި މަންޝާއާ ދިމާލަށް އޭނާ ބަލާވެސް ނުލައެވެ. މަންޝާ އަތް ހަނާ އަޅަމުން ޒިބާނަށް ގޮވާ ލިއެވެ. ނަމަވެސް ބަލާލުމެއް ނެތި އޭނާ ސައިކަލަށް އަރާ ސްޓަރޓްކޮށްލިއެވެ.

ޒިބާންގެ މި ހަރަކާތުން މަންޝާ ހިތުގައި ޖެހުނެވެ. މަންޝާ ފެންނަކަމަށްވެސް ނުހަދާ އޭނާ އެތަނުން އެ ދިޔައީއެވެ. “އެއީ ހާދަ ފޮނި މީހެކޭ…” މަންޝާގެ ހިތަށް އެރިއެވެ. އެވަގުތު ޒިބާން އެ ފިހާރައިން ގަނެގެން ނުކުތް ނެޕީބޮނޑިއާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. އަނެއްކާ ޒިބާންއަކީ މީހަކާ އިނދެގެން ދަރިއަކު ހުރި މީހަކީ ހެއްޔެވެ. މަންޝާ ފަހަތުން ޒިބާން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. އޭނާގެ އަމިއްލަ އުފާވެރި ދިރިއުޅުމެއް އޮތް އިރު މަންޝާ ފަހަތުން އެހެން އަންނަން ޖެހޭ ބޭނުމެއް އެބައޮތްހެއްޔެވެ. ނޫނީ ޒިބާނަކީ ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ފަހަތުން އުޅޭ ކަހަލަ ފިރިހެނަކީ ހެއްޔެވެ.  މަންޝާގެ ހިތުގައި އެތައް ސުވާލުތަކެއް އުތުރި އަރަމުން ދިޔައެވެ. ޒިބާން ކަންތައް ކުރިގޮތުން މަންޝާ ވަރަށް ދެރަވިއެވެ. މަޑުމަޑުން ގެއާ ދިމާލަށް ހިިނގައިގަތީ މެންދުރު ނަމާދަށް ބަންގި ގޮވަން ފެށި އަޑު ކަންފަތުގައި ޖެހުމުންނެވެ.

*** *** *** *** *** ***

މެންދުރުގެ ކެއުމަށްފަހު ޟިރާރު އަލިބެއަށް ގުޅައިގެން ގެއަށް ގެނައެވެ. މިއަދު ހޮސްޕިޓަލަށް ދިޔުމަށް އެމީހުންވާން ޖެހޭ ތައްޔާރީތައް ވުމަށެވެ. ތިން މީހުންނަށް އަލިބެ ތަވީދު ތަކެއް ލިޔެދިނުމަށްފަހު އެ ތަވީދު އަޅައިގެން އުޅުމަށް އިރުޝާދު ދިނެވެ. އޭރުން އެ ޖިންނިއަށް އެމީހުންނާ  ގާތްވެ ގޯނާ ކުރަން ނުކުޅެދޭނެއެވެ. ހަވީރުގެ ވަގުތުކަމުން ރިޔާޒްމެން ދިޔައީ ހޮސްޕިޓަލަށެވެ. އައި.ސީ.ޔޫއަށް މީހުން ވައްދާ ގަޑި ކައިރިވަމުން ދާތީއެވެ. ވަގުތު ޖެހުމުން އެންމެ ފުރަތަމަ އެތެރެއަށްވަނީ ރިޔާޒެވެ. އެއަށްފަހު ވަނީ ޟިރާރެވެ. ދެން މީރާ އެވެ.

އެންމެން އައިމިނައާ ބައްދަލު ކުރުމަށްފަހު ބޭރުގައި މަޑުކޮށްލީ އަލިބެ ތައްޔާރުވެލަން ދެނެވެ. އައި.ސީ.ޔޫ ތެރެއަށް އަލިބެ ވަނުމުން ރިޔާޒްމެން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އައިމިނައަށް ވެދާނެ ގޮތަކާއި މެދު ކަންބޮޑުވެފައެވެ. ދިހަވަރަކަށް މިނެޓަށްފަހު އަލިބެ އައިސީޔޫ ތެރެއިން ނުކުތެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. އަލިބެގެ މޫނު މައްޗަށް އަރާފައިވާ ކުލަވަރު ފެނުމުން ރިޔާޒަށް ކެތްނުކުރެވިގެން އަހާލިއެވެ. “ކޮބާ؟.. ކިހިނެއްވީ… އަލިބޭ… މަންމަަ ރަނގަޅުތަ؟…”

“އާން…. އަހަރެން ކިޔަވަން ފެށީ… ދެން ކިޔަވާފަ އާމިނަގެ ނިތްކުރިއަށް ފުމެލިން… ދެން ކުއްލިއަކަށް އާމިނަ ދެލޯ ހުޅުވާލި… އެއަށްފަހު ވާހަކަ ދައްކަން މަސައްކަަތް ކުރި… ނަމަވެސް ބަހެއް ނުބުނެވެނީސް އާމިނަގެ ހަށިގަނޑަށް ފާޑެއްގެ ތުރުތުރެއް އަޅަން ފެށީ… އެހިސާބުން ޑޮކްޓަރުން އަހަަރެން ބޭރަށް ނެރުނީ… މީ އެ ނުލަފާ ޝައިޠާނާގެ ކަންތައް…” އަލިބެ ވާހަކަ ދައްކަމުން ދިޔަ އިރު އަލިބެގެ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ.

*** *** *** *** *** ***

މިއަދު މެންދުރު ކެއުމަށް މަސްބަތާ ރިހާކުރާ ތައްޔާރުކުރުމަށްފަހު މަންޝާ އޮތީ ވާހަކަފޮތެއް ކިޔާށެވެ. ސިޓިންގް ރޫމް ސޯފާ މަތީ އަތްގަނޑުމައްޗަށް ފައި ނަގައިގެން އަނެއް އަތްގަނޑުމަތީ ބޯ އަޅާއިގެން އޮތީ އިނގިރޭސި ވާހަކަ ފޮތެއް ހިފައިގެންނެެވެ. އެއީ މަންޝާއަށް އެންމެ ކަމުދާ ޒާތުގެ ލޯބީގެ ވާހަކައެކެވެ. ވާހަކަ ކިޔަމުން ދިޔަ އިރު މަންޝާއަށް އެ ވަހާކައިގައި އުޅޭ ޒުވާނާ ސިފަ ކުރެވުމުން ދިޔައީ ޒިބާންގެ ގޮތުގައެވެ. އަދި އޭނާގެ ލޯބީގައި ދީވާނާ ވެފައިވާ ޖޫލިއަޓް ސިފަކުރެވެމުން ދިޔައީ މަންޝާގެ ގޮތުގައެވެ. ވާހަކަ ފޮތުން ހައެއްކަ ޞަފްޙާ ކިޔާލުމަށްފަަހު މަންޝާ އެ ވާހަކަ ފޮތް ލައްޕާލިއެވެ. މަންޝާއަށް އިތުރަށް އެވާހަކަ ކިޔޭ ގޮތެއް ނުވިއެވެ. ކޮންމެ ހިސާބަކުުން ޒިބާންގެ ހަނދާންތައް އާވުން ނޫން ކަމެއް ނުވެއެވެ.

މަންޝާގެ ސިކުނޑީގައި އެޚިޔާލުތައް މަސްހުނި ވާންވީ ސަބަބެއް ނޭނގުނެވެ. މަންޝާގެ ހިތުން ޒިބާނަށް ހާއްސަ މަގާމެއް ދެވުން އެއީ ކުށެކެވެ. ލޯބިވާ ފިރިއަކު އެބަހުއްޓެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. ނަމަވެސް މަންޝާ މިގޮތަށް ނުދަންނަ ހިލޭ ފިރިހެނަކާ ގާތް ވިސްނުމަކުން ވިސްނެންވީ ކީއްވެ ހެއްޔެވެ. މަންޝާ ބޭނުންވީ އެ ޚިޔާލުތަކުން ދުރަށް ދާށެވެ. ސޯފާގައި އެކަންތަކާ ދޭތެރޭ ވިސްނަން އޮވެވުނީ ކިހާ އިރަކު ކަންވެސް މަންޝާއަކަށް ނޭނގުނެވެ. ކުއްލިއަކަށް ސިހިގެން ދިޔައީ މަންޝާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ.

ސޯފާއިން ފުންމައިގެން ތެދުވެ މަންޝާ ފަހަތް ބަލާލިއެވެ. “އަޒީމް… ހިނގާ ކާން….” ހަމަޖެހިލަން މަސައްކަތް ކުރަމުން މަންޝާ އެދުނީ ކާން އައުމަށެވެ. މޭޒުމަތީގައި ހުރި ތަށިތަކަށް އިޝާރާތްކުރަމުން މަންޝާ ތެދުވީ މޭޒު ދޮށަށް ދިޔުމަށެވެ. އެވަގުތު ފާރުގައި ހުރި ގަޑިއަށް ކަޅި ހިންގާލެވުނެވެ.

“އަސްތާ އެއޮއް ހައެއް ޖެހީ…. ހާދަ ލަސްވެއްޖޭ… ޑިއުޓީއަށް ދާން ގަޑިވެސް ޖެހޭނެ… އަވަހަށް އާދޭ ކާން…” މަންޝާ ހަލުވިކަމާއި އެކު އައިސް މޭޒުމަތީ ހުރި ތަށިތަކުގެ މަތި ނެގުމަށްފަހު އަޒީމަށް ކާން އަޅާ ދިނެވެ.

މޭޒު ދޮށުގައި އަވަސް އަރުވާލާފަ މަންޝާ އުޅޭ ގޮތް ފެނިފައި އަޒީމްގާތަށް ހިނި އަންނަަގޮތްވިއެވެ. މަޑުމަޑުން މަންޝާ ގާތަށް ޖެހިލުމަށްފަހު ފަހަތުން މަންޝާގެ އުންގަނޑުގައި ހިފާ ބައްދާލިއެވެ. މަންޝާ ހިމޭނުން މަޑުޖެހިލައިގެން ހުއްޓެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ ހުރި މަސްބަތް ތައްޓެވެ.

“އޯހް… މަސްބަތްތަ؟… މަން ހާދަ ރަނގަޅޭ… ހުވަފެނުގަވެސް ފެނުނީ މަސްބަތް ކާން އުޅުނުތަން…” އަޒީމް އަވަހަށް ގޮނޑީގައި އިށީނީ މަސްބަތްތަށިން ދުވަމުން ދިޔަ މީރު ވަހުން ކުޅުދިޔާ ވުމުންނެވެ. މަންޝާވެސް އަޒީމްގެ މަގަތުން އިށީނދެ ކާންފެށިއެވެ. ދެމީހުން ކައި ނިމުމުން ދޮންނަންޖެހޭ ތަށިތައް ސިންކުތެރެއަށް ލުމަށްފަހު މަންޝާއާ އަޒީމް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމާއި އެކު އަޒީމް އެނދު މައްޗަށް ވެއްޓިގަތެވެ.

“ހެއި ޑިއުޓީއަށް ނުދާ ދުވަހަކީތަ؟ އަވަހަށްދޭ ތައްޔާރުވާން….” އަޒީމްގެ އަތުގަ ހިފަމުން މަންޝާ އޭނާ ތެދުކުރަން މަސައްކަތް ކުރިއެވެ. އަޒީމް ވަރަށް ހުށިޔާރެވެ. ތެދުވަން އުޅޭކަމަށް ހެދުމަށްފަހު މަންޝާގެ އަތުގައި ހިފާ އަޒީމްގެ ގަޔާ ދިމާލަށް ދަމައިގަތެވެ. އެކަހަލަ ދަނޑިވަޅަކަށް ނުބަލާ ހުރުމުން މަންޝާ އަޒީމްގެ ގައި މަައްޗަށް ވެއްޓުނެވެ.

“ދެން އަޒީމް…. ޑިއުޓީއަށް ދާން ޖެހޭ އިރު….” މަންޝާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަޒީމްގެ ހަރަކާތް ހުރި ގޮތުންނެވެ. ދެމީހުންގެ ދެމެދުން ވައި ރޯޅިއަކަށްވެސް ދަތުރު ނުކުރެވޭނެހާ އެ ދެމީހުންނަށް ވަނީ ގާތްވެވިފައެވެ. ލަދުން މަންޝާ ދުރަށް ޖެހިލީ ތުންފަތުގައި އަތުގެ އިނގިލިތައް ޖައްސަމުންނެވެ. އެވަގުތު އިވެން ފެށި އަޑުން ދެމީހުންނަށްވެސް އެއްފަހަރާ ބަލާލެވުނީ ބެލްކަންޏާ ދިމާލަށެވެ.

ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށީއެވެ. އަޒީމް ތެދުވެގެން ބެލްކަންޏާ ދިމާލަށް ދަމުން މިއަދު ޑިއުޓީއަށް ދާން ނުޖެހޭ ވާހަކަ ބުންޏެވެ. އަޒީމްގެ ފަހަތުން މަންޝާވެސް އެނދުން ފޭބިއެވެ. އަދި ވަރަށް އަވަހަށް އެބަ އަންނަމޭ ބުނަމުން މަންޝާގޮސް ވަނީ ފާޚާނާއަށެވެ. އަޒީމްގޮސް ބެލްކަނި ކައިރީ މަޑުކޮށްލިއެވެ. ވެހެމުން ދިޔަ ވާރޭން ކޮޓަރި ތެރެއަށް ވިއްސަމުން ދިޔަ ފެންތިކިތައް އަޒީމްގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ބެލްކަނި ދޮރު ކަހާލިއެވެ. އެއަށްފަހު ބެލްކަނި ބިއްލޫރިގަނޑުގެ މެދެއްހާ ހިސާބުގައިވާ އަތްތިލައިގެ ނިޝާން ފެނުމުން އެތަނުގައި މަޑުމަޑުން އަތް ވިއްދާލިއެވެ. އަޒީމްގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ދެލޯ މަރާލައިގެން ހުރެ އަޒީމް ކަމެއް މަތިން ހަނދާންކުރަމުން ދިޔަކަން އޭނާގެ މޫނުމަތިން އެނގުނެވެ.

*** *** *** *** *** *** ***

ދުވާލު ހަތަރުދަމު ހަސަނު އޮތީ ގޭގައެވެ. މަސައްކަތު ނުގޮސް އެހެން އޮތުމުން ހަސަނާ އެކީ މާރުކޭޓު ގޮޅީގައި މަސައްކަތްކުރާ އަފްރާހް އެގެއަށް އައީ ހަސަނަށް ވެފައި އޮތް ގޮތެއް ބަލާށެވެެ. އަފްރާހް ގެއަށް އައުމުން މުނީރާ އޭނާ ގެއަށް ވައްދާ ވަރަށް ރަނގަޅަށް މެހެމާން ދާރީ އަދާކުރިއެވެ. އަދި ހަސަނު ބަލިވެ އުޅޭ ކަމަށާ، މިވަގުތު އޮތީ ނިދިފައިކަމަށް ބުންޏެވެ.

ސައިބޮއި ނިމުމުން އަފްރާހް އެގެއިން ނުކުމެގެން ދިޔައީ ވާނުވާ އޭނާއަށް އަންގާލަން އެދެމުންނެވެ. އަފްރާހް ދިޔުމުން މުނީރާ ކޮޓަރިއަށް ދިޔައީ އިރު އޮއްސި މަޣްރިބް ނަމާދަށް ގޮވަން އުޅޭތީ ނަމާދުކުރާށެވެ. ކޮޓަރިއަށް ވަދެ މުނީރާ ބުރުގާ ބޭލުމަށްފަހު ފާޚާނާއަށް ވަންނަން ދިޔަ ވަގުތު އެނދުގައި އޮތް ހަސަނާ ދިމާލަށް ބަލާލެވުނީ ހަސަނު ކުކުރާ އަޑު މުނީރާގެ ކަންފަތުގައި ޖެހުމުންނެވެ.

ހަސަނު ނިދާފައި އޮތީ މީހާ ކުރުގެޅިގެންނެވެ. މުނީރާ އެދުކައިރިއަށް ދިޔައިރު ހަސަނު ތުރުތުރު އަޅަމުން ދިޔަކަން ފާހަގަވިއެވެ. އެހެންކަމުން ހަސަނުގެ ނިތްކުރީގައި މުނީރާގެ އަތުގެ ކަޅުހަން ޖައްސާލިއެވެ. ކަމަކުދާކަށްނެތެވެ. ހަސަނު ހުމާ ފިހެނީއެވެ. މުނީރާ އަވަހަށް ހަސަނަށް ގޮވިއެވެ. އަދި އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށް އަވަސް ވެގަތެވެ. ހަސަނު ގައިގާ ކޮޅަށް ހުންނާނެ ވަރުވެސް ނެތެވެ. ހީވަނީ ކަށިތައް ތޮރުފަމުން ދާހެންނެވެ. ހަސަނުގެ ހަށިގަނޑުގައި އަޅަމުންދިޔަ ތޫނު ތަދަށް ކެތް ނުކުރެވޭ ވަރުފައެވެ. އައި.ޖީ.އެމް.އެޗް އަށް ހަސަނު ގެންދިޔުމުން އެމީހުން އަވަސްފަރުވާދޭ ކޮޓަރީގައި ހަސަނު ބޭއްވިއެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އަވަސްވެގަތެވެ.

ކުރީ ދުވަހު ހަސަނު ޑޮކްޓަަރަށް ދެއްކުމުން ދީފައިވާ ބޭސް ސިޓީއާއި އެކްސްރޭ ރިޕޯޓްތައް މުނީރާ ޑޮކްޓަރަށް ދައްކާލިއެވެ. ރިޕޯޓްތައް ބަލާލުމަށްފަހު ޑޮކްޓަރ ބޭނުންވީ ހަސަނުގެ ބުރަކަށީގައި ފިހިފައޭ ބުނާ ޒާތަކަށް ހުރި ތަން ބަލާށެވެ. ލައިގެން ހުރި ޓީޝާޓް އަރުވާލަމުން ހަސަނު އެތަން ދައްކާލީ އެއް އަރިއަކަށް އެނބުރިލަމުންނެވެ. އާންމު ބަލީގެ ހާއްޞަ ޑޮކްޓަރ އަވަހަށް ބޭނުންވީ ހަމުގެ ހާއްޞަ މީހަކަށް އެތަން ދައްކާށެވެ. އެވަގުތު ޑިއުޓީގައި ހުރި ހަމުގެ ހާއްޞަ މީހަކު އެމަރޖެސީ ރޫމަށް ގެނައެވެ. އޭނަ އެތަން ބަލާ ހެދި އެވެ. އަދި އެ ޑޮކްޓަރު ބޭނުންވީ ލޭގެ ރިޕޯޓް ތަކެއް ހެދުމަށެވެ.

އެތައް ޓެސްޓުތަކެއް ހެދުމުންވެސް އެއްވެސް ޓެސްޓަކުން ނުބައެއް އުޅޭ ކަމަކަށް ނުދައްކައެވެ. އެހެންކަމުން ޑޮކްޓަރ ލަފާކުރީ މައި ބަނދައިގައި ރެނދެއްލާ ފައި ހުރުމުން ހުން އަންނަނީ ކަމަށެވެ. ހުން މަޑުކުރަން އިންޖެކްޝަނެއް ޖެހުމަށްފަހު ހަސަނު ގެއަށް ފޮނުވާލިއެވެ. އަދި ފިހިފައިވާ ތަނުގައި އުނގުޅަން އިތުރު ބޭސްތަކެއް ހަމުގެ ހާއްޞަ ޑޮކްޓަރ ލިޔެދިނެވެ.

*** *** *** *** *** ***

މަންޝާ ފާޚާނާއިން ނުކުތް އިރު ކޮޓަރި ތެރޭން ފެންނަމުން ދިޔައީ އަނދިރިކަމެވެ. މަންޝާ ފާޚާނާއިން ނުކުތީ ގައި ދޮވެލައިގެން ތާޒާ ވެލައިގެންނެވެ. ތުވާލި އޮޅައިގެން ހުރެ މަންޝާ ނުކުމެ ރަނގަޅަށް ކޮޓަރި ތެރެއަށް ބަލާލިއެވެ. އަޒީމް ފެންނަން ނެތުމުން މަންޝާ ފަސްޖެހޭ ގޮތް ވިއެވެ. ކޮޓަރީގެ އެއްވެސް އަލިކަމެއް ނެތުމުންނާ އެކީގައެވެ. ބޮކި ދިއްލަަން ކޮޓަރި ދޮރުކައިރީ ހުރި ސްވިޗްތަކާ ދިމާލަށް ދިޔައެވެ. ބޮކި ނުދިއްލެނީސް ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު އެތެރެއަަށް ވަނީ އަޒީމެވެ. އަޒީމްގެ އަތުގައި ރޯކޮއްފަހުރި ދެ އުއްބައްތި އޮތެވެ. އަޒީމް އެތެރެއަށް ވަންނަން ތަން ދައްކާލަމުން މަންޝާ ދުރަށް ޖެހިލީ ތުވާއްޔާ އެކީ މޭމަތީގައި ހިފަހައްޓަމުންނެވެ. އެ އުއްބައްތި ހިފައިގެން އައިސް ސައިޑް ޓޭބަލްމަތީ އަޒީމް ބެހެއްޓިއެވެ. އޭރު އަޒީމްގެ ލައިގެން ހުރި ޓީޝާޓްވަނީ ބާލާފައެވެ. އަޒީމްގެ ގައިގައި ފެންތިކިތިކީގެ އަސަރު ފެންނަން ހުއްޓެވެ. ކަސްރަތީ ހަށިގަނޑު ފެނުމުން މަންޝާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.

އުއްބައްތީގެ އަލިން މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ބެލްކަނީގެ ދޮރުވަނީ ކަހާލާފައެވެ. ނަމަވެސް ދޮރުފޮތި ހުރީ ނުކަހައެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މުޅި ކޮޓަރީގައި އެއް އަޑެއްހެން ހިއްޕާލާފައިވަނީ ވާރޭ ވެހެމުން ދާ އަޑެވެ. ބެލްކަނިން ފެންނަމުން ދިޔަ ވާރޭ ވޭހޭ މަންޒަރަށް ބަލަންހުރި މަންޝާއަށް ސިހުމެއް ލިބުނީ އަޒީމް އޭނާގެ އުނަގަނޑުގައި ހިފާ އަޒީމްގެ ގަޔާ ގާތްކޮށްލުމުންވެ. މަންޝާ އިސްއުފުލާލީ ހިނިތުންވަމުންނެވެ. ތުވާލިން އަތް ދޫކޮށްލުމަށްފަހު މަންޝާ އަޒީމްގެ ހަށިގަނޑުގައި ބައްދާލިއެވެ. އެވަގުތު މަންޝާގެ ފައި ބުޑަށް އޭނާގެ ގައިވަށާ އޮޅާފައިވާ ތުވާލި ވެއްޓުނެވެ. އަޒީމްގެ ހަށިގަނޑުން ވަމުން ދިޔަ ހޫނުން މަންޝާއަށް އިހްސާސް ކުރެވުނީ އަރާމްކަމެވެ.

އަޒީމް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެނދުމައްޗަށް ވެއްޓިގަތީ މަންޝާއާ އެކީގައެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަޒީމްގެ ބަލާލުމުން އޭނާގެ ބޭނުން މަންޝާއަށް ނަގައިގަނެވުނެވެ. ދެމީހުންގެ މިލޯބީގެ ވަގުތަކީ އެ ދެމަފިރިންނަށް އެތައް ދުވަހަކަށް ފަަހު ލިބުނު ވަގުތެކެވެ. ބިޒީކޮށް އަބަދު މަސައްކަތުގައި އުޅެން ޖެހުމުން ދެމަފިރިންނަށް މިފަދަ ވަގުތެއް ހުސްކޮށް ނުލިބި ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އަޒީމްގެ ބީހުންތަކަށް މަންޝާއަށް ލެނބެމުން ދެވުނެވެ. އެ ދަނޑިވަޅަކީ ދެމީހުން ހަތަރުކަޅި ބައްދަލުވެގެން ދިޔަވަގުތެވެ. މަންޝާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތިކި ފެނިފައި އަޒީމް މަޑު ޖެހުނެވެ.

“އަހަރެން ބޭބީ އެއް ބޭނުން…. އަހަރެން…” މަންޝާގެ ދުލުން ނުކުތް ޖުމްލަ މެދު ކެނޑުނީ އަޒީމްގެ ޝަހާދަތް އިނގިލި އައިސް މަންޝާގެ ތުންފަތުގައި ޖެހުމުންނެވެ. މަންޝާގެ ހަށިގަނޑުގައި އަޒީމް ބާރަށް ބައްދާލިއެވެ. ދެމީހުންވަނީ ދާހިތްލާ ފޯވެފައެވެ. ނޭވާ ކުރުވެފައެވެ. ވެފައި ހުރި ވަރުބަލިން ދެމީހުންނަށް އެނދުގައި އެހެން އޮވެވުނެވެ.

“މަންޝާ….. ފުރަތަމަ ފެނިލުމުންވެސް އަހަންނަށް މަންޝާ ވަރަށް ކަމުގޮއްސި….. އައި ލަވް ޔޫ…” އަޒީމް މިހެން ބުމުމަށްފަހު އަނެއް ފަރާތަށް އެނބުރި އޮށޯވެލިއެވެ. މަންޝާގެ ކަންފަތުގައި އެ ޖެހުނު ޖުމްލައިން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ސީލިންގާ ދިމަލަށް ބަލަން އޮވެވުނެވެ.

އެއީ ހަމަ އެ ދުވަހު ފެނުނު ހުވަފެނުގައި ޒިބާންގެ ދުލުން ބޭރު ކުރި ޖުމްލައެވެ. ޒިބާން ބުނި ބަހެވެ. ބެލްކަނީގައި ހުރެފައި މަންޝާގެ ހަށިގަނޑާ ގާތްވަމުން ބުނި ތަންކޮޅެކެވެ. އިތުރުވަނީ ލޯބިވާ ވާހަކައެވެ. ވާހަކަ ދެއްކުމުގެ ރާގުވެސް އެ ހުރީ ހަމަ އެހެންނެވެ. އެހެންވާނީވެސް ކިހިނެއް ހެއްޔެވެ. އަޒީމަށް އެހެންބުނަން އެ ގޮތަށް އެނގުނީ ކިހިނެއް ހެއްޔެވެ. މަންޝާ އަޒީމާ ދިމާލަށް އެނބުރުނެވެ. އޭރު އަޒީމަށް އޮތީ ނިދިފައެވެ. ހޫނުވެފައިވުުުމުން ފިނިކޮށްލަން ބޭނުންވާތީ މަންޝާ އޭސީ ޖައްސާލީ ހެޑްބޯޑު މަތީގައި އޮތް އޭސީ ރިމޯޓުންނެވެ. އަދި އެއަށް ފަހު ފާޚާނާއަށް ވަނީ ގައިދޮވެ ރީތިވާށެވެ.

މާގަނޑު ދަށުގައި ހުރި އިރު މަންޝާގެ ބޮލުގައި އެނބުރެމުން ދިޔައީ އަޒީމް ބުނި ޖުމްލައެވެ. މަންޝާ ވަރަށް ރަނގަޅަށް ހަނދާންކުރިއެވެ. ޒިބާންއާ ދިމާވެގެން ދެކެވުނު ހުރިހާ ވާހަކައެއް ފިލްމެއްހެން ސިފަވަމުން ދިޔައެވެ.

“އޯކޭ.. އެކަމަކު އަހަރެންނަށް މަންޝާ ވަރަށް ރީތި… ފުރަތަމަ ފެނިލުމުންވެސް މަންޝާ ވަރަށް ކަމުގޮއްސި… އަހަރެންނަށް އެނގޭ މަންޝާ މެރީޑްކަންވެސް… ދެން އެކަމަކު މަންޝާ ބޭނުމެއް ނޫން ވިއްޔާ… އެހެންވީ އިރު ދެން ބޭއްވީ.. ސޮރީ ޑިސްޓަރބް ކުރެވުނީތީ…”

ފޯނުން ގުޅަައިގެން ވާހަކަ ދެއްކިއިރު ޒިބާން ދެއްކި ވާހަކަ ހަނދާންވުމުން މަންޝާއަށް ކަމެއް ރޭކާލިއެވެ. ނަމަވެސް ދެމީހަކު ބުނާ ވާހަކައެއް އެހާ ބޮޑަށް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަޒީމާ ކައިވެނިކޮށްގެން އުޅޭތާ ހަތްއަހަރު ވީފަހުން ފުރަތަމަ ފެނިލުމުންވެސް ކަމުދިޔަ ވާހަކަ ބުނަންވީ މިއަދު ހެއްޔެވެ. ނޫނީ އަޒީމަށް ކަމެއް އެނގުނީ ހެއްޔެވެ. ޒިބާން ގުޅާ ކަމާ ޒިބާނާ މަންޝާ ވާހަކަ ދެއްކިކަން އަޒީމަށް އެނގުނީ ހެއްޔެވެ. އެކަަން އަންގާލަން ފަހަރުގައި އެހެން ބުނީ ކަންނޭނގެއެވެ.

އެހެންވެއްޖިއްޔާ އަޒީމް ރުޅިނައީ ކީއްވެ ހެއްޔެވެ. މަންޝާގެ ހިތަށާއި ސިކުނޑިއަށް އުނދަގޫ ވިއެވެ. އޭނާގެ ފިރިމީހާއަށް އޮޅުވާލައިގެން ކަމެއް ކުރެވޭހެން އޭނާއަށް ހީކުރެވެމުން ދިޔައެވެ. މަންޝާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އޭނާ އެހުރިހާ ވާހަކައެއް އަޒީމަށް ކިޔައިދޭން ބޭނުންވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (31)

  1. Masw

    Hadha salhi eyyy waiting waiting

    1. Shax Lyn
      Masw

      thanks 🙂

  2. yanaa

    Dhen vaanee kihineh baa??
    waiting…waiting…

    1. Shax Lyn
      yanaa

      Thanks Yanaa 🙂

  3. Same

    Mi part v reethi. Next part thankolheh avahah up kollachchey…..

    1. Shax Lyn
      Same

      Thanks Same… mi dhuvaskolhuge gothun weekly twice upload kureveyneee… but after two weeks Ill try to upload three episodes per week inge…. ill try 🙂

  4. ken?

    this part is quite short…?? m i guess dats zibaan hen azeem ge sifaiga…n shop theren efenunu meehakee ves zibaan emeeheige sifa jehunu aslu meehaa ehenveema eyna ah mansha recognise nuvee…so i guess this time she ll get preg but dats for de jinni….. ommmmmmggggg….wats gonna hapn…man aa hedhi zuhaage baby kolhuthah ves balivefa ???
    feeling curious n next part dhigukoh genesdheveythw balaathi ingey shax???❤?✌

    1. Masw
      ken?

      Aan mashah ves heevanee ehen henvaanee

    2. Shax Lyn
      ken?

      Hi Ken… Short hen heevanee maybe font kudakoh hureema kanneynge….thank u so much for showing so much interest to his story…. yes I will try to make it longer… 🙂 keep waiting

  5. Someone

    Ah, finally got to read tha part i was waiting for so long.. ?
    Its beautiful.. Keep it up shaz..
    Lurv ur stories. ?

    1. Shax Lyn
      Someone

      Thanks Someone…

  6. jiya jee naji

    V v v furihama.. v v kiyaahithun shazge vaahaka kiyanee…

    1. Shax Lyn
      jiya jee naji

      Thanks naji 🙂 <3

  7. jiya jee naji

    V v v furihama.. v v kiyaahithun shazge vaahaka kiyanee…

  8. Siha

    Ahaaa haadha romantic ey mi episode…. I like it. .. vr reethi sifakurun thah.

    1. Shax Lyn
      Siha

      thanks Siha…. 🙂

  9. choppi

    Hahaaa hasanbe manshr ah gotheii hadhan dhn nivisnrne thr dhw…
    Vaahaka hama habeyxx

    1. Shax Lyn
      choppi

      hehehe ya dhw…. thanks Choppi

  10. Yooly

    Mi mansha mee namadh ves kuraa meeheh noontha. Mi story ga mansha namaadhu kuri vaahaka eh nei. Dhari eh nulibigen ulhey iru ves Allah handhuma kollaafa dua eh kollan neyge. Azeem ge kamaky duty in aissa anekka duty ah dhandhen nidhun..
    Story varah reethi. But i dont like mansha n azeem ge character.
    Kandu fen nimun fahun adhi mi site ah vany mi. Shaz ge stry eh inyma ehburun kiyaaly mi. Good work.

    1. Zully
      Yooly

      Namaadhu nukoh Ehen uoheytyee dhw mansha fahathu jinni alahai gannaaneeves… And mansha Ge mom aa gulhun kendifa hunnathaa ehaa dhuvas veema mansha ah naseyhaiy dheyne Meeheh netheema mansha namaadhu nukuranee kamahves vedhaane….

    2. Shax Lyn
      Yooly

      Thanks Yooly and Zully 🙂 <3 hope u liked it….

  11. Anaa

    Vaahaka bodah mihaaru sifa vany hindi drama akaa. Eygaves dhigu kuran vegen eki haasaru dhamaafa ninmaalaany dhen anna episode ehgga vaane gotheh balan kiyaalaa gothah.
    Mi baigeves medhuthere hama varah foohi. Azeemge character ves varah foohi “night duty in ais nidhun kamamy”.

    1. Shax Lyn
      Anaa

      sorry Anaa… if u felt that it was boring…. but aslu eiki beykaru vaahakaeh noon.. komme baehves ei shaz dhekey gothuga varah muhimmu baeh…. anyways thanks for reading… 🙂

  12. Mohammed

    Vvv reethi, I like it.

    1. Shax Lyn
      Mohammed

      thanks 🙂

  13. mary

    Story varah ROM… N nice….. ????

  14. shibko

    nyc.waiting fr d nxt prt.

  15. Xibaan ge gurl?

    Alhey next part kiyaahithun nuhurewey avahah up kohdhiibaaaaa..

  16. unkown

    ey kobaaa wednesday ge episode

  17. unkown

    site mi balaaalanyves mi story upvefa indheythoa. seeing no updates brings a huge disappointment.

  18. Shax Lyn

    vaahka upload kuranee Monday and Thursdayga… adhi laheh nuvey dhw.. its Thursday dhw… 🙂

Comments are closed.