ލޯބިން ބުނާތީ 47
ތިންދުވަސް ފަހުން ޑޮކްޓަރު ބަލާފައި ލިއާ ހޮސްޕިޓަލުން ދޫކޮށްލީ ހާލު ރަނގަޅުވުމުންނެވެ. ބޮލުގައި އޮޅާފައި އިހު އޮތް ބޮޑު ބެންޑޭޖުގަނޑުގެ ބަދަލުގައި މިހާރު ވަނީ އާދައިގެ ބޭސްގަނޑެއް އަޅާފައެވެ. މި ތިން ދުވަހު ރިހާން ގުޅައިގެން ވާހަކަ ދެއްކި ނަމަވެސް ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ނަމަވެސް ލިއާގެ ހިތް ބުނަމުން ދިޔައީ ހޮސްޕިޓަލުގައި ހިނގި ކަންތަކަށްފަހު ކޮންމެވެސް ގޮތަކުން ރިހާންގެ ބަދަލުހިފުން އަންނާނެކަމުގައެވެ.
ގެއަށް ދޫކޮށްލިތާ ޖެހިގެން އައި ދުވަހު ލިއާ ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. މިހާރުވެސް އޭނާއަށް މާ ގިނަ ދުވަސް ގެއްލިއްޖެއެވެ. ކައިރާ އާއި އިޝާން ހުރިހާ ފިލާވަޅެއްގެ ނޯޓްސް ނަގައިދީފަ ހުރިކަން ނަސީބެކެވެ. ޝަރީފާ ހުރެގެން ކުދި ކިޔަމުންދިޔައީ ގެއަށް ދޫކޮށްލިތާ މާ ދުވަހެއް ނުވަނީސް ލިއާ ސްކޫލަށް ދާން އުޅޭތީއެވެ. އޭނާއަށްވެސް ލިއާ ތައުލީމާއިގެން އުޅޭ ވަރު އެނގެއެވެ.
ސްކޫލަށް ވަދެވުނު ހިނދު ލިއާގެ އަތްފައި ފިނިވެއްޖެއެވެ. ބޭނުންނުވިޔަސް އެ ދުވަހުގެ ހަނދާންތައް ލޯ ކުރިމަތީ ވަށާލައިފިއެވެ. ފިޔަވަޅުތައް މަޑުޖެހުނު ހިނދު އޭނާއަށް ލޯ މަރާ ފިއްތާލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަމަޖެހިލާށޭ ބުނެ އަމިއްލަ ނަފްސަށް ވިސްނައިދެން މަސައްކަތްކުރިއެވެ. މާ ދުވަހެއް ނުވިޔަސް އޭނާއަށް އެ މާހައުލުން އިހުސާސްކުރެވުނީ ބީރައްޓެހިކަމެވެ.
ސިޑިން އަރައިގެން ކްލާހަށް ދިޔަ މަގުމަތީ ގިނަކުދިންގެ ބެލުންތައް ލިއާއާއި އަމާޒުވެފައި ހުރިކަން ފާހަގަވިއެވެ. މި ކަންކަމާހުރެ ލިއާގެ އަތްފައި ވަނީ ފިނިވެފައެވެ. އޭނާއަށް ހައިރާންކަން ލިބުނު ކަމަކަށްވީ މީގެ ކުރިން ދުވަހަކުވެސް އަނގައިން ނުބުނާ ކުދިންވެސް މިއަދު ބަދަލުކޮށްލި ލުއި ހިނިތުންވުންތަކެވެ.
“ލިއާ ހާލު ކިހިނެއް…؟”
“ވީ އަރ ސޯ ގްލެޑް ޔޫ އަރ ބެކް…!”
“ޓޭކް ކެއަރ އޮފް ޔުއަރ ސެލްޕް…”
ހައިރާންވެފައި ހުރެވެސް ލިއާ އެކުދިންގެ ވާހަކަތަކަށް ރައްދު ދިނީ ހިތްހެޔޮކަމާއެކުއެވެ. މީހުން ބުނަނީ ރަނގަޅަށެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށެވެ. ލިއާއަށް ދިމާވި ހާދިސާގެ ސަބަބުން ގިނަ ބައެއްގެ ހިތްހެޔޮކަން ލިއާއަށް ހާސިލުވެއްޖެއެވެ. އޭއޭއެޗްއީ އަށް އައީއްސުރެ މިހާ ހިތްހަމަ ޖެހުނު ވަގުތުކޮޅެއް އައިކަމެއް ނޭނގެއެވެ. ލިއާގެ ތުންފަތްމަތީވި ލުއި ހިނިތުންވުން އެކަމަށް ހެކިދެއެވެ.
ކްލާސްރޫމާއި އަރާ ހަމަވިއިރަށް ލިއާ ހުއްޓުން އެރިއެވެ. ދޮރު ކައިރީގައި ދެއަތް ދެއަތާ ފިއްތަމުން އެހުރީ އިފާއެވެ. އެ މޫނުމަތީގައި ރޫހެއް ނެތެވެ. މީގެ ކުރިން ލިއާ ފެނުމުން އެ މޫނުމަތިން ފާޅުވާ ނުލަފާ ހިނިތުންވުމާއި މަލާމާތުގެ އަސަރެއް މިއަދަކު ނެތެވެ. ބަދަލުގައި އެ މޫނުމަތިން ފެންނަނީ ކުށްވެރިކަމުގެ އަސަރެވެ. ލިއާގެ ދެލޯ ބޭއިހްތިޔާރުގައި ހޯދާލީ އަލީޝާއެވެ. އަލީޝާ ސްކޫލުން ވަކިވެފައި ވާކަން އެނގުނަސް ހިތުގައިވި ބިރެއްގެ ސަބަބުން އެގޮތަށް އަމަލު ކުރެވުނީއެވެ.
“ލިއާ…” އެއްޗެއް ބުނަން ނުކެރި ލިއާ ކްލާހަށް ވަންނަން ހިނގައިގަތުމުން އިފާ މަޑުމަޑުން ގޮވާލިއެވެ. ލިއާ މަޑުޖެހިލުމާއެކު އިފާއަށް ބަލާލިއެވެ. އޭރު އިސްޖަހައިގެން ހުރެ އިފާ މަޑުމަޑުން ލިއާ ގާތަށް އައީއެވެ. މި މަންޒަރު ބަލަން ތިބި ބައެއް ކުދިން އެކަކު އަނެކަކުގެ ކަންފަތް ކައިރި ސިއްރު ކިޔަމުން ދިޔައެވެ.
“އަހަރެން ބޭނުން މާފަށް އެދެން…” ލިއާ ހައިރާންކޮށްލާފައި އިފާ މަޑުމަޑުން ބުނެލިއެވެ. ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިފާގެ މޫނުމަތިން ކުރެވުނު ކަންތަކާ ދެރަވެފައި ވާކަމުގެ އަސަރު ފެނެއެވެ.
“އެނގޭ މާފަށް އެދުމަކުން ހިނގައިދިޔަ ކަންތައް ނުވާ ކަމަކަށް ނުހެދޭނެކަން…ބަޓް އައި ފީލް ރިއަލީ ގިލްޓީ…އަހަރެން އެކަމުގެ ތެރެއަށް ނުވަދެވުނު ނަމައޭ މިހާރު ހިތަށް އަރާ…ލިއާއާއި މެދު އެގޮތަށް ކަންތައް ކުރުމުގެ އެއްވެސް ހައްގެއް އަހަރެމެންނަކަށް ނެތް…އަހަރެންވެސް ހިއެއް ނުކުރަން އެހިސާބަށް ކަންތައް ގޮސްފާނޭ…މިހެން ބުންޏަސް އެންމެ ފުރަތަމަ ލިއާ އެތަނަށް ވައްދަން އަލީޝާއަށް އަހަރެން ހެލްޕް ވެގެންވެސް ނުވާނެ…މިކަމާ ހުރެ މިހާރު އަހަންނަށް ހަމަޖެހުމެއް ނުލިބޭ…ރަނގަޅަކަށް ނުއެއް ނިދޭ…އަބަދު އެކަމާ ވިސްނެނީ…ބޭނުންވި ލިއާ ހޮސްޕިޓަލުގައި އޮތް އިރު ވިޒިޓް ކޮށްލަންވެސް…އެކަމަކު ނުކެރުނީ…އަމް……މީ… ކައިލް ވޯރންޑް މީ ޓު ސްޓޭ އަވޭ ފްރޮމް ޔޫ…އެހެންވިޔަސް ހިތަށް ކެތް ނުވެގެން މާފަށް އެދެން މިއައީ…” އިފާ ދެންމެ ދެންމެ ރޮއިގަނެފާނެ ކަހަލައެވެ. ލިއާގެ މަޑު ކަފަކޮޅެއްފަދަ ހިތަށް އިފާގެ ވާހަކައިން އަސަރުކުރިއެވެ. އޭރު ވަށައިގެން ތިބި އެހެން ކުދިންވެސް އިންތިޒާރު ކުރަމުން ދިޔައީ ލިއާ ދޭނެ ޖަވާބަކަށެވެ.
ލިއާ ޖަވާބު ދިނުމުގެ ކުރިން ފުން ނަޒަރަކުން އިފާއަށް ބަލާލެވުނެވެ. މިއީ ކުރިން އޭނާއާއި ގަނާކޮށް ރަހުމު ކުޑަ ބަސްތަކުން މުހާތަބުކުރި ފަރާތެއްކަން ގަބޫލުކުރަން ދަތިވާހާ ބޮޑަށް އިފާގެ މިޒާޖު ވަނީ ބަދަލުވެފައެވެ. ލިއާއަށް މަލާމަތްކޮށް ހީހެދި އިފާގެ އެ ސިފަ އެއްވެސް ގޮތަކަށް ފެންނާކަށް ނެތެވެ.
“އަހަރެން މާފުކޮށްފިން…” އެންމެން ހައިރާންކޮށްލާފައި ލިއާގެ އަޑު އިވުނެވެ. އިފާވެސް ސިހިގެން ދިޔަ ގޮތުން ލިއާގެ އެ ޖަވާބަށް ތައްޔާރުވެފައި ނެތްކަން ހާމަވެއެވެ. ބައެއް ކުދިންގެ ހައިރާނުން ފުރިފައިވި އަޑާއި އެކު ޗުކުޗުކު ލެއްވުމުގެ އަޑު އިވުނެވެ. ލިއާހުރީ އެ އެންމެންގެ ސަމާލުކަން ލިބިފައި ހުރުމުން އުނދަގޫވެފައެވެ.
“ރިއަލީ…؟” އިފާ ގަބޫލުކުރަން ދަތިވެފައި ހުރެ އެހިއެވެ.
“ހމމ…އައި ޑޯންޓް ވޯންޓް ޓު ހޯލްޑް އޮން ޓު ވަޓް ހެޕެންޑް…” ލިއާ ހިތްހެޔޮކަމާއެކު ބުނެލިއެވެ.
“ތެންކްޔޫ…” އިފާ އިސްޖަހާލިއިރު ހިތަށް ފިނިކަމެއް ލިބިގެން ހިނގައްޖެއެވެ. ފަހަތުގައި ތިބި ބައެއް ކުދިންގެ ތައުރީފުގެ ބަސްތައް ލިއާއަށް އިވުނެވެ. އިފާއަށް ހިތްހެޔޮ ހިނިތުންވުމެއް ދީފައި ލިއާ ކްލާހަށް ވަންނަން ހިނގައިގަތެވެ.
ޑެސްކާއި ހަމަޔަށް ނުދެވެނީސް ފަހަތުން އައި މީހަކު ލިއާގެ ގައިގައި ފުރަގަހުން އޮޅުލައިގަނެފިއެވެ. ލިއާ ސިހިގެން ދިޔަވަރުން ހަޅޭއްލަވައިގަނެވުނެވެ. އެ އަޑަށް ކްލާހުގެ ހުރިހާ ކުދިންގެ ސަމާލުކަން ލިބުމުން ލިއާ ލަދުން ހަލާކުވާވަރުވިއެވެ. ލިއާ ބަލާލިއިރު ފަހަތުގައި ބައްތިރީސް ދަތް ދައްކާލައިގެން ހުރީ ކައިރާއެވެ. އޭރުވެސް ކައިރާ ނޫން މީހަކަށް ނުވާނެކަން ލިއާއަށް އެނގެއެވެ.
“ތަޅައިގަނެފާނަން އިނގޭ…!” ލިއާ ރުޅިއަންނަ ގޮތް ދައްކާލަމުން ބުނެލީ ކައިރާއަށް އަޑު އިވޭވަރަށެވެ. ކައިރާ އެކަމަށް ސަމާލުކަން ނުދީ ލިއާގެ ކޮނޑަށް އަތް ވައްޓާލިއެވެ.
“ދެޓް ވޯޒް އަންއެކްސްޕެކްޓެޑް…” ކައިރާ ބުނެލީ އިފާއަށް އިޝާރަތްކޮށެވެ.
“ކީއްވީ…؟ އަހަންނަކީ އެހާ ހިތްހަރު މީހެއް ނޫނޭ…އެހެންނޫނަސް ޕީޕަލް ކެން ޗޭންޖް ދޯ…” ލިއާ ގޮނޑި ދަމާލަމުން އިށީނެވެ. އޭނާގެ ލޯ ކްލާސްތެރެ ހޯދާލީ ވަކި ހާއްސަ ފަރާތެއް ދެކިލުމުގެ ބޭނުމުގައެވެ.
ލިއާގެ ޖަވާބު އިވިފައި ކައިރާ ޗަސްޖަހާލިއެވެ. “ޔޫ އަރ ޓޫ ކައިންޑް…ތީ އޭ މައްސަލައަކީ…އަހަރެންނަމަ އެވަރު ކަމަކަށް އެހާ ފަސޭހައިން މާފެއް ނުދޭނަން…ނަސީބެއް އެ ރަންނަމާރި މި ސްކޫލުން ކަނޑާލިކަން…ބަލާބަލަ ދެން އެ އިން ތުން ދިގު މާކަނާ…އަދި މިދިމާލަށް އެބަ ބަލައޭ…!” ކައިރާ ވާހަކަ ދައްކަމުން އިޝާރަތްކުރީ ގޮނޑިބަރީގައި އިން މީޝާއަށެވެ. ކައިރާގެ ވާހަކަ އިވި ހެވުނު ނަމަވެސް ލިއާ ކައިރާގެ ފައިގައި ޖަހާލިއެވެ. މީހުންނަށް ވަނަން ނުކިޔާށޭ ލިއާ ބުނެލިއެވެ.
ލިއާއަށް ބަލަން އިންއިރު މީޝާގެ މޫނުމަތިން ފެންނަނީ ހިމޭންކަމެވެ. ކުރިން އެހުންނަ ފޯރި ނެތަސް ލިއާ ބަލާލުމާއެކު މޫނު ހަދާލާފައި އިސްޖަހާލައިފިއެވެ. ކުރެވުނު ކަންތަކާ ކުށްވެރިކަން އިހުސާސްކުރެވިފައި ވާކަމެއް ނޭނގެއެވެ. އިފާއާއި ހިލާފަށް މީޝާއަކީ އަލީޝާ ފަދައިން ބޮޑާކަން އިންތިހާ ދަރަޖައަށް ވާ ޒުވާނެކެވެ. ނަމަވެސް އޭނާވެސް ގަބޫލުކުރާ ގޮތުގައި މިފަހަރު އެމީހުންގެ އަމަލުތައް ހައްދުން ނައްޓައިފިއެވެ. އެހެންނަމަވެސް މާފަށް އެދޭވަރަށްވުރެ ނަފްސުގެ ފަހުރުވެރިކަން ބޮޑީ ކަންނޭނގެއެވެ.
ލިއާ އާއި ކައިރާ ވާހަކައިގައި ތިއްބާ ކައިލް އާއި އިޝާން ވަދެގެން އައީ އެކުއެކީގައެވެ. ލިއާއަށް ކައިލްއަށް ނަޒަރު ހުއްޓާލެވުނުއިރު ދެޒުވާނުންގެ ހަތަރުކަޅި ހަމަވެއްޖެއެވެ. ކައިލްގެ ހިތުގައި ރިއްސާލީ ލިއާގެ ރީތި ދިގު ރާޅުބާނި އިސްތަށިގަނޑު ކޮށާލާފައި ވުމުންނެވެ. ބޭސްއަޅަން ޖެހޭތީ ޑޮކްޓަރުން ވަނީ ލިއާގެ ބޮލުގެ އިސްތަށިގަނޑުން ތަންކޮޅެއް ބާލާފައެވެ. އެކި އިސްތަށި އެކި ވަރަށް ހުރުމުން އިސްތަށިގަނޑު ކޮށާލަން ހިޔާލު ދިނީ ކައިރާއެވެ. އެއީ ލިއާ ހޮސްޕިޓަލުގައި އޮތް ދެވަނަ ދުވަހެވެ. ޝައުރާ އާއި ޝަމްނާވެސް ތިބި ވަގުތެއް ކަމުން އެ ދެމީހުންވެސް ކައިރާގެ ހިޔާލަށް ތާއީދުކުރިއެވެ. ބޮލުގައި ބޭސް އަޅާފައި ހުރުމުން ލިއާއަށް ފުނާއަޅާ ކަންތައް ކުރަންވެސް ފަސޭހަވާނީ އިސްތަށިގަނޑު ކޮށާލުމުންނޭ ޝަމްނާ ބުނެލިއެވެ. ކިތައްމެ ދެރަވި ނަމަވެސް ލިއާ އެއްބަސްވިއެވެ. ކުރިން އުނަގަނޑަށްވުރެ ތިރިއަށް ހުރި އިސްތަށިގަނޑު މިހާރު ހުރީ ކިރިޔާ ކޮނޑާ ހަމައަށެވެ.
ކައިލް ވަނުމާއެކު އާދައިގެ މަތިން ހުރިހާ އަންހެންކުދިންގެ ސަމާލުކަން ލިބިއްޖެއެވެ. އިސްތަށިގަނޑުގައި ޖައްސާލާފައިވާ ކަޅުކުލަ ފަނޑުވެ އެ އިސްތަށިގަނޑުގައި ހުންނަ ގުދުރަތީ މުށިކުލަ ފާޅުވާން ހުރުމުން ކައިލް ފެންނަނީ ރާއްޖެއިން ބޭރު ޒުވާނެއް ފަދައިންނެވެ. އެ ހަށިގަނޑުގައި ރާއްޖޭގެ ލޭ ހިނގިކަމުގައިވިޔަސް ސިފައަށް ބަލާފައި އެކަމެއް ފާހަގަ ނުވެއެވެ. ‘ފުލް އެމެރިކަން’ އެއް ފަދައެވެ.
ޓީޗަރު އަންނަން ވަގުތުކޮޅެއް އޮތުމުން ލިއާ އިނީ ފޯނު ނަގައިގެން ކުޅޭށެވެ. އެހެން އިންދާ ކައިލްގެ މެސެޖެއް ލިބުނެވެ. ލިއާ ބަލާލިއިރު ކައިލް ލުއި ހިނިތުންވުމެއް ދިނެވެ. ނަމަވެސް ހިނދުކޮޅަކަށެވެ.
“ހައު ޔޫ ފީލިންގް…؟” ކައިލް ކޮށްފައި އިން މެސެޖަށް ލިއާ ރަނގަޅޭ ބުނެ ރިޕްލައި ކުރިއެވެ. އޭރުވެސް ކައިލްގެ އެ ލުއި ހިނިތުންވުން ސިކުނޑިން ފިލައިގެން ނުދެއެވެ.
ޒޭޑެން ކްލާހަށް ވަދެފައި ލިއާ ފެނުމާއެކު ފުޅާ ހިނިތުންވުމެއް ދިނެވެ. ކްލާހުގެ ފަރާތުން ލިއާއަށް ޒޭޑެން މަރުހަބާ ކިޔެވެ. ލިއާ އިނީ އެންމެންގެ ސަމާލުކަން ލިބުމުން ލަދުން ހަލާކުވާވަރުވެ، އުނދަގޫވެފައެވެ. މާ ގިނައިރެއް ނުވެ ޒޭޑެންވެސް ފިލާވަޅައިގެން ކުރިޔަށްދިޔައެވެ.
ކްލާހުގެ ވަގުތުތައް ނިމުމުން ލިއާ ހައިރާންވީ ގެއަށް ދިއުމުގެ ބަދަލުގައި ކްލާހުގެ ހުރިހާ ކުދިން ކްލާސްރޫމްތައް ހުރި އިމާރާތުގެ ބިއްދަށުގައި އޮންނަ ހުސްބިމަށް މިސްރާބު ޖެހުމުންނެވެ. ލިއާ ދިޔައީ ކައިރާގެ ފަހަތުންނެވެ. ކައިރާ ވާހަކައެއްގައި ހުރެގެން ދިޔައީ ލައިބްރަރީއަށެވެ. ލިއާ ހައިރާންވީ އެވަގުތު ތަފާތު ޔުނީފޯމްތަކުގައި ތިބި ބައެއް ކުދިން ލައިބްރަރީގައި ތިބުމުންނެވެ. ގިނަ އަދަދެއްގެ ކުދިން ފެނުމުން އޭނާ ފިނިވާގޮތްވިއެވެ.
“މީ ކޮންކަމެއް…؟” އިށީންނަމުން ކައިރާ ގާތު ލިއާ އެހިއެވެ.
“އޯ…ލިއާއަކަށް އަދި ނޭނގޭ ދޯ…ތަންކޮޅެއް ކުރިން ކިޔާފަ އޭނު އޮތީ ސްކޫލްތަކުގެ މެދުގައި ފެޓްސެލް މުބާރާތެއް ބާއްވާ ވާހަކަ…އޭރު އަސްލު ލިއާއަށް އެޓޭކް ކުރި ދުވަހު ނޫން އަނެއް ދުވަހު ބާއްވާ ގޮތަށް ޑޭޓް އިނީ…އެކަމަކު ލިއާއަށް ދިމާވި ކަންތަކާހުރެ މީޑިއާގެވެސް ޕްރެޝަރާ ހުރެ އެކަން ލަސްކޮށްލެވިފައި ވަނީ…ޕްލަސް ވީ ކާންޓް ޕްލޭ ވިތައުޓް އަވަރ ކެޕްޓަން ދޯ…އޭރު ކައިލްއަށް ވަރަށް އެފެކްޓް ވެފަ ހުރީ…ބަޓް އަންކަލް ސްކޫލް މެނޭޖެމެންޓަށް ޕްރެޝަރ ކޮށްގެން އަލުން މުބާރަތް ބާއްވާ ގޮތަށް ހަމަޖެހުނީ…އައި މީން، ކައިލްގެ ޑޭޑް ޕްރެޝަރ ކުރީ…އާފްޓަރ އޯލް ހީ އިޒް ވަން އޮފް ދަ އޯނަރ ހިއަރ…” ކައިރާ އޮޅުންފިލުވަދިނެވެ.
“އޮފްކޯޒް ހީ ޑިޑް…” ލިއާއަށް ހިތާ ހިތާ ބުނެވުނެވެ. ފުން ވިސްނުމަކަށް ގެއްލި އިނދެ ލިއާ ބަލަމުން ދިޔައީ ތަފާތު ޔުނީފޯމްތަކުގައި ތިބި ކުދިންނަށެވެ.
އެކި ވާހަކައިގަ ތިބެ ގަޑި ބަލަމުން ކައިރާ ތެދުވިއެވެ. ލިއާގެ އަތުގައި ހިފައިގެން އޭނާ މިސްރާބު ޖެހީ ކުޅެން ހަމަޖެހިފައިވާ ދިމާލަށެވެ. ހަވީރު އަތަށް އަޅަމުންދިޔަ ވަގުތުކަމުން އަވި ފަނޑުކޮށްލާފައިވެއެވެ. އުސް އިމާރާތުގެ ސަބަބުން ދަނޑުގެ ބޮޑު ބަޔަކަށް ހިޔާ އެޅިފައިވެއެވެ. ވައިރޯޅިތަކުގެ ހިލަމެއް ނެތުމުން އުދާސްކަމެއް ހުއްޓެވެ. އެކަމުގެ ސަބަބުން އިށީނދެ ތިބި އޭއޭއެޗްއީގެ ގިނަ ކުދިން ތިބީ ޖެކެޓު ބާލައިގެންނެވެ. ހިނގަމުންދިޔައިރު ދުރުދުރުން ލިއާއަށް ކުޅެން ހަމަޖެހިފައިވާ ދެ ޓީމް ދަނޑުގައި ސަފަކަށް އެތުރިގެން ތިބި މަންޒަރު ފެނުނެވެ. އެވަގުތު ލިއާގެ ދެލޯ ހޯދާލީ އެންމެ ފަރާތެކެވެ. އެ ހުރިހާ ޒުވާނުންގެ ތެރެއިންވެސް ލިއާއަށް ނޫކުލައިގެ ޖާޒީގައި ހުރި ކައިލް ފާހަގަވެއްޖެއެވެ.
ލައިގެން ހުރި ޖާޒީއިންވެސް ކައިލްގެ ބައިމަތިފުޅާ ހަށިގަނޑު ފާޅުވާން ހުއްޓެވެ. މުލައްދަނޑީގައި އޮތް ބޭންޑުން ޓީމްގެ ކެޕްޓަންކަން ހާމަކޮށްދެއެވެ. އެ ފިރިހެންވަންތަކަމުން ދެން ތިބި ޒުވާނުންގެ ވިދުން ފަނޑުކޮށްލާ ކަހަލައެވެ. ކައިލްގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ކުޅެވެން އުޅޭ މެޗަށް ކައިލްގެ މުޅި ސަމާލުކަން ދެވިފައިވެއެވެ. އެ ނޫކުލައިގެ ޖާރޒީގައި ނުރައްކާތެރި ދަރަޖައަކަށް ކައިލް ފުރިހަމައެވެ.
ކައިލް ފެނި ނޭވާ ހިފާއްޓާލައިގެން ހުރެވުނުކަން ލިއާއަށް އެނގުނީ ކައިރާ ލިއާގެ އަތަށް ދަމާލުމާއެކު އިށީންނާނެ ތަނަކަށް އިޝާރަތްކޮށްލުމުންނެވެ. ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ލިއާ ކައިރާ ފަހަތުން ދިޔައެވެ. އޭރު އެކި ގޮނޑިތަކުގައި އޭއޭއެޗްއީގެ ދަރިވަރުންނާއި އިދިކޮޅު ޓީމްގެ ސަޕޯޓަރުން ތިއްބެވެ.
“އޯ މައި ގޯޑް…އެއީ ކާކުތަ…؟”
“ހީ އިޒް ދަ ކެޕްޓަން އޮފް އޭއޭއެޗްއީ ޓީމް…”
“ހީ އިޒް ރިޑިކިއުލެސްލީ ހޭންޑްސަމް…”
“ދޯޒް ބްލޫ އައިސް…”
“ހީ ލުކް ލައިކް ހީ ޖަސްޓް ވޯކްޑް ސްޓްރެއިޓް އައުޓް އޮފް އަ ޑްރާމާ…”
އިދިކޮޅު ސްކޫލުގެ ސަޕޯޓަރުންގެ ތެރެއިން ބައެއް އަންހެންކުދިން ކިޔަމުން ދިޔަ އެއްޗެހި އަޑު އިވި ލިއާ އާއި ކައިރާއަށް އެކަކު އަނެކަކަށް ބަލާލެވިއްޖެއެވެ. ކައިރާ ނުލަފާ ހިންޏެއް އައި އިރު ލިއާއަށް ބޭއިހްތިޔާރުގައި ބަލާލެވުނީ ކައިލްއަށެވެ. އެ ފިރިހެންވަންތަކަމާއި ރީތިކަން އެހެން ބަޔަކަށްވެސް ފާހަގަވެއްޖެކަން އެނގުމުން ފުރަތަމަ ފަހަރަށް ހިތަށް އުނދަގޫ ވެއްޖެއެވެ. ލިއާ އަވަސްއަވަހަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. މިވަރަށް ހިތަށް ދަތި މިވަނީ ކީއްވެހެއްޔެވެ؟ އޭނާ ލޯބިވަނީ މުޅިން އެހެން މީހެއްދެކެއެވެ.
މެޗު ފެށުމުގެ ކުރިން ޕްރިންސިޕަލްގެ ވާހަކަ ދެއްކުން އޮތީތީ އޭރުވެސް ބައެއް ކުދިން ތިބީ އަމިއްލަ ވާހަކަތަކުގައެވެ. ކައިރާ އާއި ލިއާއަށް އިށީން ދިމާލުން ކުރިމަތީގައި އިދިކޮޅު ސްކޫލްގެ ދެއަންހެންކުދިން ތިއްބެވެ. އެއްކުއްޖަކު އިނީ ޓިކްޓޮކުން އޭއައި ޑްރާމާ ބަލާށެވެ. ލިއާމެން ބަލަން ތިއްބާ އޭނާއާއި ޖެހިގެން އިން ކުއްޖާ ދަނޑަށް ނަޒަރެއް ދީފައި ހީގަންނަމުން އެކުއްޖާގެ ކޮނޑުގައި ޖަހާލިއެވެ. އޭރު އެކުއްޖާ ބަލަމުން ދިޔަ ޑްރާމާގައި ދައްކަމުން ދިޔައީ އޭއައި އިން އުފައްދާފައިވާ ފިރިހެންވަންތަ ޒުވާނެކެވެ.
“ގާލް…ވައި އާރ ޔޫ ވޮޗިން އޭއައި ގައިޒް ވެން ކައިލް އެގްޒިސްޓް…؟” އެކުއްޖާ ލާނެއް ގޮތަކަށް ބުނެލުމުން ފޯނު ބަލަން އިން ކުއްޖާ އަވަސްއަވަހަށް ފޯނު ތިރިކޮށްލުމާއެކު ދަނޑަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ނަޒަރު ކައިލްއާއި އަމާޒުވެ އިތުރު ދިމާލަކަށް ނުބެލުނެވެ. ގާތުގައި އިން ކުއްޖާވެސް ޑްރެމެޓިކް ގޮތަކަށް މޭގައި އަތް އަޅަމުން ހީގަތެވެ.
“އެނގޭތަ…؟ އަހަރެން ބުނީމޭނު އޭއޭއެޗްއީ ގަ އުޅެޔޭ ފްރެންޑެއް…އޭނާ ވަރަށް ގިނައިން ދައްކާނެ ކައިލްގެ ވާހަކަ…ދެޓްސް ހައު އައި ނިއު ހިޒް ނޭމް…ދެން އިންސްޓަގްރާމް ހާވާލިއިރަށް ވަރަށް ހާލުން އައިޑީވެސް ފެނިއްޖެ…ފޮޓޯތައް ފެނިފަވެސް ކިރިޔާ މޮޔަ ނުވީ…މިއަދު އަދި ހަމަ ލޮލަށް ފެނުނީމަ ހީވަނީ އަނބުރައިގަނެފާނެހެން…ހުވާ މިބުނި…!” އެކުއްޖާ ވާހަކަ ދެއްކިއެވެ.
މިހުރިހާ ވާހަކައެއް އަޑުއަހަން އިން ކައިރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ލިއާ އަވަސްއަވަހަށް ކަންބޮޑުވެފައި ކައިރާގެ އަތުގައި ހިފާ ތަޅުވައިގަތީ ބައެއް ކުދިންގެ ސަމާލުކަން އެމީހުންނަށް ހުއްޓުމުންނެވެ. އޭރު ކުރިމަތީ ހުރި ދެކުދިންވެސް ފަހަތަށް އެނބުރި ކައިރާއަށް ބަލާލައިފިއެވެ.
“ވަޓް…؟” އެތަނުން އެއްކުއްޖަކު ލޯ އަޅައިގެން ހުރެ ބުނެލިއެވެ.
“ޔޫ ވަރ ރައިޓް…ޔޫ ޑޯންޓް ނީޑް އޭއައި…” ކައިރާ ހިނިގަނޑު މަތަކުރަމުން ޑްރެމެޓިކް ގޮތަކަށް މޭގައި އަތް އަޅާލިއެވެ. “ޔޫ އަރ ލުކިން އެޓް ވަން…” ކައިރާ އިޝާރަތްކޮށްލީ ކައިލްއަށެވެ. ކައިރާގެ ވާހަކަ އަހާފައި އެ ދެކުދިން އެކަކު އަނެކަކަށް ބަލާފައި ހޭންފެށިއެވެ.
“އެކްޗުއަލީ……،” ކައިރާ ބޯކަހައިލިއެވެ. “ހީ އިޒް ދަ އޭއައި…!” ކައިރާ ބުނެލި ވާހަކައިން އެ ދެކުދިންގެ ހުނުން ވީ އިތުރެވެ.
ލިއާ އިނީ ހިމޭންވެފައެވެ. މި މުޅި މާހައުލުގައިވެސް ކައިލްއަށް ހިތް ނުކިޔާ މީހަކު ނެތްކަމެއް ނޭނގެއެވެ. އެހެންވިޔަސް އޭނާގެ ހިތް ނުތަނަވަސްމިވަނީ ކީއްވެހެއްޔެވެ؟ ފުރުސަތު ލިބިފައި އޮވެވެސް އެ ފުރުސަތު ދޫކޮށްލީ އަމިއްލައަކަށް ނޫންހެއްޔެވެ؟
އޭނާއާއި ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކުގެ ހިލަމެއް ނުވާ ހާލު ކައިލް ދަނޑުގައި ކުޅެން ފެށުމަށް ތައްޔާރުވަމުންދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ކައިލްގެ ނަޒަރު ސަޕޯޓަރުން ތިބޭ ދިމާލަށް އަމާޒުވިއެވެ. އެ އެންމެންގެ ތެރެއިންވެސް ކައިލްއަށް އޭނާގެ ހިތް އެދޭ ފަރާތް ފާހަގަވެއްޖެއެވެ. އިރުކޮޅަކަށް ލިއާ އާއި ކައިލްގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ލިއާގެ އަތްފައި ފިނިވެގެން އައެވެ. އިރުގެ އަލި ކައިލްގެ ނޫކުލައިގެ ލޮލަށް އެޅިފައިވާއިރު އެހާ ދުރުންވެސް އެ ލޮލުގެ ތޫނުކަމުން ލިއާގެ ހިތަށް އެނގުންވެލައިފިއެވެ. ކައިލް އެނބުރި، ޓީމް ކުދިންނާ މަޝްވަރާ ކުރަން ފެށުމުން ލިއާ އަވަސްއަވަހަށް އަތުގައި އޮތް ޓިޝޫއިން ނިތްކުރިމަތިން ހިއްލާލާފައިވާ ދާތިކިތައް ފޮހެލައިފިއެވެ. އޭނާ ލޯބި ނުވާއިރުވެސް ކައިލް އެހިތަށް މި ޖައްސަނީ ކޮންފަދަ ސިހުރެއް ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




vvv salhi
Thank you ☺️💗
Awwwnnnnn….
They are so cute….
Dhen avahah reehaan and Lia break up kohllaafa Kyle and Lia gulhuvaa😭😭
Anyways… My part ves varah reethi…
Waiting for the next one…
🫶🏻🫶🏻🫶🏻
omgg lia falling for kyle and ofc Kyle ge jaadhoo ga nujeheynee kaaku 😭
already waiting for next part 💗
Thun dhigu Maakanaa 🤣🤣😭😭🤣😭🤣🤣 Huvaa kaira mee majaa meeheh 😭🤣