Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 45

Itxlevender
Itxlevender Level 310 Stories100 Comments100 Login
September 11, 2026 7 Mins Read
7 Comments

މަޑު ފިރިހެންވަންތަ ހިނގުމެއްގައި ކައިލް ދިޔައިރު ފެންނަނީ ހަމަހިމޭންކޮށެވެ. ހޮސްޕިޓަލުގައި ވީހާ ބައެއްގެ ނަޒަރު ކައިލްއަށް އަމާޒުވަމުން ދިޔައީ ހޮސްޕިޓަލަށް ހޮލީވުޑް ސްޓާރެއް ޒިޔާރަތްކޮށްގެން ބަލަމުން ދާ ފަދައަކުންނެވެ. ކައިލްގެ ހިޔާލުތައް ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެ އަތުގައިވި ބޮކޭއަށް ގިނަ އަންހެންކުދިން ބަލަމުން ދިޔައީ ދަހިވެތިކަމާއެކުއެވެ. ކޮންމެ ކުއްޖެއްވެސް އެދެމުން ދިޔައީ އޭގެ ހައްގުވެރިޔާއަށް ވުމަށެވެ. ލައިގެން ހުރި އަތްދިގު ގަމީހުގެ އަތުކުރި އޮޅާލަފައި ހުރި ގޮތުން ފެންނަލެއް ފިރިހެންވަންތަކަމުން ބައެއް އަންހެންކުދިން ތިބީ އާގަމަވެފައެވެ. ކައިލް ގޮސް ލޯމަތިން ގެއްލެންދެން އެންމެންވެސް ކަޅި ޖަހާލުމެއް ނެތި ބެލިއެވެ.

ހޮސްޕިޓަލުން ނިކުމެވުމާއެކު ކައިލް ފުން ނޭވާއެއް ދޫކޮށްލަން މަސައްކަތްކުރިއެވެ. އެހެނަސް އަދިވެސް ހީވަނީ މޭފިތިފައިވާހެންނެވެ. ލިއާގާތަށް ދިއުމަށް އެދި ހިތް ތެޅިފޮޅެނީއެވެ. ނަމަވެސް އެ ހިތްވަރެއް ނުކުރެވުނެވެ. ޖެހިލި ފިނި ވައިރޯޅިން ކައިލްގެ ފަން އިސްތަށިކޮޅު ހަލުވާލިއިރު އެ ވައިރޯޅިއަށްވެސް ކައިލްގެ ހިތަށް ފިނިކަމެއް ގެނެސްދިނުމަށް ނުކުޅެދުނެވެ. އަމާޒުވަމުންދިޔަ ނަޒަރުތަކަށް ސަމާލުކަމެއް ނުދީ ކައިލް ކުރިޔަށް ހިނގައިގަތެވެ.

“ކައިލް…” ކުރިމަތިން އިވުނު އަޑަކުން ކައިލްއަށް އިސްއުފުލާލެވުނެވެ. އޭރު ކައިރާއާއި އިޝާން އާދެއެވެ.

ކައިރާ އައިސް ކައިލްގެ ކުރިމައްޗަށް ހުއްޓުނެވެ. އެ ފިރިހެންވަންތަ މޫނުމަތީގައިވި ފިނިކަމާއެކުވެސް ކައިރާއަށް އެ ލޮލުން ވަރުބަލިކަން ފެނުނެވެ. ބަޔާންކުރަން ނޭނގޭ އިހުސާސެއްގައި ކައިލްގެ ނަފްސު ބަނދެވިފައިވާކަހަލައެވެ. އެ ދެމީހުންގެ ނަޒަރުވެސް ހުއްޓުނީ ކައިލްގެ އަތުގައިވި ބޮކޭއަށެވެ. އެވަގުތު ސުވާލުތަކުން އެ ސިކުނޑިތައް ފުރިގެން އައެވެ.

“ލިއާ ގާތަށް ވަދެފަތަ ތި އައީ…؟ ކިހިނެއް ވެފަ ތިހުރީ…؟ ލިއާ ނުހިފީތަ ބޮކޭގަ…؟” ކައިރާ ސުވާލަކަށްފަހު ސުވާލެއް ކުރިއެވެ. އެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

“އާރ ޔޫ އޯކޭ މޭން…؟” އިޝާން ކައިރިވެފައި ކައިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ކައިލް އަތުގައިވި ބޮކޭއަށް ބަލާލިއެވެ. އޭނާ ޖަވާބެއް ދޭކަށް ގަސްތުނުކުރިއެވެ. އެހެން ހުރެފައި ކައިރާއަށް ބޮކޭ ދިއްކޮށްލައިފިއެވެ.

“ގިވް ދިސް ޓު ހާރ…!” ކައިރާ އޭގައި ހިފުމާއެކު ކައިލް ހިނގައިގަތެވެ.

ކައިރާ އެއްފަހަރު އަތުގައި އޮތް ބޮކޭއަށް އަނެއްފަހަރު ފަސްދެމުންދިޔަ ކައިލްއަށް ބަލާލިއެވެ. އޭނާއަށް މަޑުމަޑުން ކައިލްގެ ނަން ކިޔާލެވުނެވެ. ކައިލް ފޮރުވަން މަސައްކަތްކުރަމުންދަނީ ކޮންފަދަ ހިތާމައެއް ކަމެއް ނޭނގެއެވެ. ކައިރާގެ ހިތުގައި ކައިލްއާއި މެދު ކަންބޮޑުވުން ވިއެވެ. ލޯމަތިން ކައިލް ގެއްލެންދެން ކައިރާއާއި އިޝާންއަށް ބަލަން ތިބެވުނެވެ. ކައިލް ދިޔަ ގޮތުން ކައިރާގެ ހިތަށް އަސަރުކުރިއެވެ.

“ކައިލް ކީއްވެބާ ލިއާއަށް މި ނުދިނީ…” ބޮކޭއަށް ބަލަން ހުރެ ކައިރާއަށް ބުނެވުނެވެ. އޭގައިވި ތާޒާ މާތަކުގައި ކައިރާއަށް އަތް ހިންގާލެވުނެވެ. އޭނާއަށް ފާހަގަވީ އެ ބޮކޭ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމެވެ.

“ކިހިނެއް އެނގޭނީ…؟ ސަމްތިން ޑެފިނެޓްލީ ހެޕެންޑް…ހިނގާ ވަންނަމާ…” ކައިރާގެ ކޮނޑުގައި އަތް ވަށާލަމުން އިޝާން ހިނގައިގަތެވެ.

ވަގުތުގެ ގޮތުން ވާޑާއި ދިމާލުގައި މީހުން މަދެވެ. ހިތް އަވަސްވެފައި ހުރެ ކައިރާ ހިނގަމުންދިޔައީ ބާރަށެވެ. ކައިރާއާއި އެއްވަރަކަށްހުރެ އިޝާން ހިނގާލާފައި އައެވެ. ވޯޑްގެ ދޮރާއި އަރާ ހަމަވުމާއެކު ކައިރާ ދޮރުގެ ބިއްލޫރިގަނޑުން އެތެރެ ބަލާލިއެވެ. އޭރު އިޝާން ހުރީ ކައިރާގެ ފަހަތުގައެވެ. ދެމީހުންނަށްވެސް ފެނުނީ ލިއާއަށް ފެންތައްޓެއް ދޭން ރިހާން މަސައްކަތްކުރަމުން ދިޔަ މަންޒަރެވެ.

“ހުހް…މީ ދޯ މި ވީ ގޮތަކީ…” ކައިރާ ފޫހިކަމާއެކު ބުނެލީ އިޝާންއަށް އަޑުއިވޭވަރަށެވެ. ރިހާން ލިއާ ގާތު އިން މަންޒަރު ފެނި ކައިލްގެ ހިތަށް ދަތިވީކަން ގައިމެވެ. ކައިލްގެ މޫނުމަތީގައި މީގެ އިރުކޮޅެއް ކުރިން ހުރި ކުލަވަރުތަކުގެ ފަހަތުގައިވާ ސަބަބު އެ ދެޒުވާނުންނަށް ނަގައިގަނެވިއްޖެއެވެ. ވޯޑްގެ ތެރެއަށް ވަނުމުގެ ކުރިން ކައިރާ މަސައްކަތް ކުރީ ހަމަޖެހިލުމަށެވެ. އެހެނަސް ރިހާން ފެނިފައި އޭނާ ވީ އަމަށަކު ފޫއްސެއް ނޫނެވެ.

ލިއާއަށް ބަލާލެވުނީ ބަޔަކު އަންނަ އަޑު އިވުމުންނެވެ. ކައިރިވަމުން އައި ކައިރާއާއި އިޝާން ފެނި ލިއާގެ މޫނުމަތި އުޖާލާވެއްޖެއެވެ. ތުންފަތުގައި ހިނިތުންވުމެއް ދުވެލިއިރު އެ ހިނިތުންވުން ބަލަން ރިހާނަށް ހުރެވުނީ ލޯ ހަނިކޮށްލައިގެންނެވެ.

“ހައި ލިއާ…” ކައިރާ އައިސް ލިއާ ގައިގަ ދެންމެދެންމެ އޮޅުލައިގަތްފާނެ ކަހަލައެވެ. ނަމަވެސް އޭނާ ލިއާގެ ގައިގަ ބައްދާލީ ފަރުވާތެރިކަމާއެކުއެވެ.

“ލިއާ…ކިހިނެއްތަ މިހާރު…؟” އިޝާން އައިސް ކައިރާގެ ގާތަށް ހުއްޓުނު އިރު ރިހާނަށް ފިނި ނަޒަރެއް ދިނެވެ.

“ކުރިޔަށްވުރެ ރަނގަޅު…” ލިއާ ވާހަކަ ދެއްކީ މަޑުންނެވެ. ކައިރާ އޭނާ އަތުގައި އޮތް ބޮކޭ ލިއާއަށް ދިއްކޮށްލަމުން ލޮލުގެ ހިމަކޮޅުން ރިހާނަށް ބަލާލިއެވެ. މާހައުލުގައިވި ނުތަނަވަސްކަން ލިއާއަށް އިހުސާސްވިއެވެ. ބޭރުފުށުން ހިނިތުންވެލައިގެން ހުރެ އޭނާ ރިހާނަށް ބަލާލިއެވެ. އެ ބަލާލުމުން ލިއާއަށް ކައިރާމެންނާއެކު އެކަނި ވަގުތުކޮޅެއް ދޭށޭ ބުނާކަހަލައެވެ.

ރިހާނަށް ލިއާގެ އެ ބެލުމުން އަންގައިދެން އުޅޭ ކަންތައް ފަހުމްވިއެވެ. ނަމަވެސް އޭނާ ހަރަކާތެއް ނުކޮށްލިއެވެ. ރިހާނަށް އެ ތިންމީހުންގެ މެދުގައި ދެން ދެކެވޭނީ ކާކުގެ ވާހަކައެއްކަން އެނގެއެވެ. ކައިލްގެ ވާހަކައެވެ. އެކަމުގެ ސަބަބުން މިވަގުތު ލިއާ ގާތުން ދުރަށް ދާކަށް ރިހާން ބޭނުމެއް ނުވެއެވެ. ހިނދުކޮޅަކަށްވެސް ލިއާގެ ސިކުނޑީގައި ކައިލްގެ ހިޔާލު އުފެދޭކަށް ރިހާން ނޭދެއެވެ.

ހަމައެއާއެކު ރިހާނަށް އުނދަގޫކުރަމުން ދިޔައީ ލިއާގެ އަތުތެރެއަށް ކައިރާ ލައިދިން މާބޮނޑިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ހަވަނަ ހިއްސު ބުނަމުން ދިޔައީ އެއީ ކައިރާ އަދި އިޝާންގެ ފަރާތުން ދިން ހަދިޔާއެއް ނޫންކަމުގައެވެ. އެ މާބޮނޑިއަށް ބަލަން ރިހާނަށް ހުރެވުނީ ލޯ ހަނިކޮށްލައިގެންނެވެ.

“ރެން…” ލިއާ އެންމެފަހުން ގޮވާލިއެވެ. ރިހާން ބަލާލީ ލިއާ އެ ގޮވާލި ބޭނުން އެނގޭފަދަ ގޮތަކަށެވެ. އެ ބެލުމުން، މިވަގުތު އޭނާ އެތަނުން ފޮނުވާނުލާށޭ ބުނާކަހަލައެވެ.

“ކެން ޔޫ ގިވް އަސް ސަމް ޓައިމް…؟’ ލިއާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އެހެނަސް ރިހާން ބޭނުންވީ ވަގުތުން އިންކާރުކުރާށެވެ. ނަމަވެސް މާހައުލަށް ނުތަނަވަސްކަމެއް ނުގެނެސް އެކަން ކުރާނެ ގޮތެއް ރިހާނަކަށް ނުވިސްނުނެވެ. އެވަގުތު ދަތްތަކަށް ބާރުކޮށްލިކަން ހާމަވެގެން އައީ ރިހާންގެ ކޯކަށިގަނޑަށް އައި ބަދަލުންނެވެ.

“އޯކޭ…” އެއްބަސް ނުވާނެހެން ހީވާ ވަގުތުކޮޅަށްފަހު ރިހާން ބުނެލިއެވެ. ލިއާއަށް ބަލަހައްޓައިގެން އޮވެވުނެވެ. ވޯޑްގެ ދޮރުން ނިކުންނަން ދަމުން ރިހާން އަދިވެސް އެއްފަހަރު ލިއާއަށް ބަލާލިއެވެ. އެ މޫނުގައިވަނީ ނުރުހުމެވެ. ކައިރާ އާއި އިޝާންއަށް މިކަންތައް ފާހަގަވިޔަސް ނޭނގޭ ކަމަށް ހަދައިގެން ތިއްބެވެ. ނިކުތުމުގެ ކުރިން ކައިރާއާއި އިޝާންއަށް ރިހާން ދިން އިންޒާރުގެ ނަޒަރުވެސް އެ ތިން ޒުވާނުންނަށް ފާހަގަވިއެވެ.

“އަގްހް…ފައިނަލީ…!” ރިހާން ނިކުތުމުން ކައިރާ ހިތްހަމަޖުހުމުގެ ނޭވާއެއް ދޫކޮށްލަމުން ލިއާގެ އުނަގަނޑާއި ކައިރިން އެނދުގައި އިށީނެވެ. އިޝާންވެސް ގޮނޑި ކައިރިކޮށްލުމާއެކު އިށީނެވެ. ލިއާ ހަމައެކަނި ލުއި ހިނިތުންވުމެއް ދިނީއެވެ.

ކައިރާ ފެށީ ސްކޫލްގައި ހިނގި ކަންތަކުގެ ހާދިސާތަކުގެ ވާހަކައެވެ. ލިއާއާއި ދޭތެރޭ އޭނާ ކަންބޮޑުވި ވަރު ފާޅުކުރިއެވެ. ޕޮލިހުންގް ޕްރެޝަރާ ހެދި ސޯޝިއަލް މީޑިއަގައި ދައުރުވަމުންދިޔަ އެކަމުގެ ގިނަ ވީޑިއޯތަކެއް މިހާރު ފޮހެލައިފިކަމަށް ކައިރާ ބުނެލިއެވެ. އަދި ފޯރީގައި ބުނެލީ އަލީޝާމެން ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރީ ކަމުގައެވެ. އެ ހުރިހާ ވާހަކަތަކުގެ ތެރެއިންވެސް ލިއާގެ ސަމާލުކަން އަތުލައިގަތީ އޭނާ ހޭހުސްވެފައި އޮތް ވަގުތު ކައިލްގެ އަމަލުތައް ހުރި ގޮތުގެ ވާހަކަ ކައިރާ ދެއްކުމުންނެވެ. ހިތަށް ފިނިވެގެން އައެވެ.

“ދެން އަލީޝާ ސަސްޕެންޑް ކުރީމަ އަލީޝާގެ ބައްޕަ ރަށަށް އައިސް ސްކޫލުން ކަނޑާލައިގެން މާލެ ގެންދިޔައީމަ ކަމުދޭތަ…؟ ހާދަ ދެރައޭ ދޯ…ފަހު އެގްޒާމް މިއޮތީ ބޯމަތީ…” ކައިލްގެ ހިޔާލުތަކުން ހިތް ފުރިގެން ބަންޑުންވަމުން ދިޔަނަމަވެސް ލިއާއަށް ދެއްކުނީ އެހެން ވާހަކައެކެވެ. ލިއާގެ އެ ވާހަކަ އިވިފައި ކައިރާ އަނގަ ހަދާލި ގޮތުން ހީވީ ހިތި ބޭހެއް ބޮވުނު ހެންނެވެ. އިޝާންއަށްވެސް ލިއާއަށް ބަލާލެވުނީ ގަބޫލު ނުކުރެވިފައެވެ.

“ސީރިއަސްލީ ލިއާ…؟ ހިތްހެޔޮ ވުމުގައިވެސް ހައްދެއް އޮންނަންވާނެ…ބަލާބަލަ އޭނާގެ ސަބަބުން މިއަދު ލިއާ އޮތް ހާލު…އަދިވެސް އޭނާއާއި ދޭތެރޭތަ ތި ކަންބޮޑުވަނީ…؟ އަލީޝާގެ ބައްޕަ އެ ހެދީ ހަމަ ރަނގަޅަށް…އަދި އަހަރެން މިހުރީ ބައްޕަމެންނަށް ޕްރެޝަރ ކޮށްގެން ނަމަވެސް އެ ވިޗް ސްކޫލުން ކަނޑާލަން ނިންމައިގެން…ދެން މަޖިލިސް މެންބަރެއްގެ ދަރިއަކު އެ ދަރަޖައަށް ދިޔައިމަ ވަރަށް ހަޑި ދޯ…ނަސީބެއް ލަދުން ސަލާމަތްވާންވެސް އަލީޝާ ސްކޫލުން ކަނޑާލައިގެން މާލެއަށް ޗޭންޖްކުރިކަން…” ކައިރާ މޫނު ހަދައިގެން އިނދެ ވާހަކަދެއްކިއެވެ. ކައިރާ ހިތްހަމަ ނުޖެހުނުކަން އެނގި ލިއާ އަވަހަށް މައުލޫ ބަދަލުކޮށްލަން އުޅުނެވެ.

“ހާދަ ރީތި މާތަކެކޭ…!” ލިއާ ލޯބިން އަތުތެރޭ އޮތް މާތަކުގައި ފިރުމާލިއެވެ. އޭނާއަށް އެ މާބޮނޑި ވަރަށް ކަމުގޮސްފިއެވެ. ހުދާއި ފިޔާތޮށިކުލަ އެކުލެވޭ ގިނަ މާތަކުން ތައްޔާރުކޮށްފައިވާ އެ މާބޮޑިން ދުވަމުންދިޔައީ ހިތްފުރިގެންދާހާ މީރު ވަހަކެވެ. ހުރިހާ މަލެއްވެސް ހުރީ އޭގެ އެންމެ ތާޒާކަން މަތީގައެވެ.

“އިޓްސް ބިއުޓިފުލް…ތެންކްޔޫ…” ކައިރާ އާއި އިޝާންއަށް ބަލާލާފައި ލިއާ ބުނެލިއެވެ. ކައިރާއާއި އިޝާންއަށް ހިމޭންކަމާއެކު އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލެވުނެވެ. ލިއާއަށް އެކަން ފާހަގަ ނުވީ މާބޮނޑިއަށް ސަމާލުކަން ދެވިފައި ވުމުންނެވެ.

“ދޭ އަރ ނޮޓް ފްރޮމް އަސް…” އިޝާން ވާހަކަ ދެއްކި އަޑަށް ލިއާއަށް އިސްއުފުލާލެވުނެވެ. މާތަކުގައި ފިރުމަމުންދިޔަ އިނގިލިތަކަށްވެސް ހުއްޓުމެއް އައެވެ. ހިނދުކޮޅަކަށް ސިކުނޑި މަޑުޖެހިގެން އައީ ތޮއްޖެހުނު ހިޔާލުތައް ގިނަކަމުންނެވެ. އޭނާއަށް ފަހަރަކު މީހެއްގެ މޫނަށް ބެލެމުން ދިޔައެވެ.

“ދެން…ހޫ…؟” ލިއާ މަޑުމަޑުން އަހާލިއިރު ހަތަރެސްފައި ފިނިވެއްޖެއެވެ. އޭރު އޭނާގެ ހިތާއި ސިކުނޑިން ގޮވަމުން ދިޔައީ ހަމަ އެންމެ ނަމެކެވެ.

“ލިއާއަކަށް ނޭނގޭތަ…؟” ކައިރާ އެހިއެވެ. އެ ސުވާލާއެކު ލިއާގެ ހިތުގެ ތެޅުން އަވަސްވިއެވެ.

“ކޮންކަމެއްތަ…؟” ހިތް އަވަސްވެފައި ހުރެ ލިއާއަށް އެހުނެވެ.

“ކައިލް މިތަނަށް އައިސްފައި އެ ދިޔައީ…” ޖަވާބު ދިނީ އިޝާނެވެ. ލިއާ ހުއްޓުން އެރިއެވެ. ކުރިންވެސް ރިހުން އުފެދިފައިވި ބޮލުގެ ރިހުން ގަދަވެގެން އައިހެން ހީވީ ސިކުނޑިއަށް ފުނިޖެހިގެން އައި ހިޔާލުތަކުންނެވެ.

“އަހަރެމެން ވަންނަން އައި އިރު ކައިލް ނިކުމެގެން ދަނީ…އޭރު ކައިލް ހުރީ މި ބުކޭ ހިފައިގެން…” ކައިރާ ވާހަކަ ދެއްކިއެވެ. ލިއާގެ މޫނުމަތީގައިވި ކުލަވަރުތަކަށް ކައިރާ ފަރުވާތެރިކަމާއެކު ބެލިއެވެ.

“ހީ… ވިޒިޓެޑް…؟” ލިއާއަށް އެހުނީ ހިމޭންކަމާއެކުއެވެ. ކައިރާ ބޯ ޖަހައިލިއެވެ.

އަތުގައިވި ބޮކޭއަށް މިފަހަރު ލިއާއަށް ބަލާލެވުނީ ތަފާތުކަމާއެކުއެވެ. ލިއާގެ ހިތާއި ކުޅެލީ އެ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމެވެ. އެ މާބޮޑިންވެސް ކައިލްގެ އަޅާލުމާއި އޯގާތެރިކަން އިހުސާސްކޮށްދިން ކަހަލައެވެ. ލިއާގެ ހިތަށް ބަރުކަން އިހުސާސްވިއެވެ.

“ދެން ކައިލް ކީއްވެ މިތަނުގެ ތެރެއަށް ނައީ…؟” ހިތުގައި އުފެދުނު ސުވާލު ލިއާ ކޮށްލިއެވެ.

“އެޕާރެންޓްލީ ޔޫ ވަރ ބިޒީ ވިތް ޔުއަރ ބޯއިފްރެންޑް…!” ކައިރާ ޖެއްސުމުގެ ރާގަކަށް އެހެން ބުނެލީ ލިއާގެ ހިތުގައި ޖެއްސުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް ކައިރާގެ ޖުމްލަ އަހާފައި ލިއާގެ މޫނު މިލައިގެން ދިޔައިރު ހިތަށް ތަދުވެއްޖެއެވެ. އޭނާއަށް ހުރިހާ ކަމެއް ނަގައިގަނެވިއްޖެއެވެ. އެހެންވީމަ ކައިލް މިތަނަށް އައީތާއެވެ. ލިއާ އާއި ރިހާން އެކުގައި ކައިލްއަށް ފެނުނީކަން ލިއާއަށް ޔަގީންވިއެވެ. ލިއާއަށް ލޯ މަރާލެވުނީ އެވަގުތު ކައިލްގެ އިހުސާސްތައް ހުންނާނެ ގޮތް އޭނާއަށް ނަގައިގަނެވުމުންނެވެ. އެތަނުގެ ތެރެއަށް ނުވަދެ ކައިލް އެ ދާންޖެހުނީ ލިއާގެ ސަބަބުން ހިތަށް ލިބުނު ދަތިކަމާ އެކުގައޭ ލިއާގެ ހިތަށް އެރިއެވެ.

“ލިއާ…” ކައިރާ ކަންބޮޑުވުމާއެކު ގޮވާލިއެވެ. އޭނާއަށް ލިއާގެ އަތުގައި ހިފާލެވުނެވެ. ލިއާ ޖަވާބެއް ނުދިނެވެ. އޭނާއަށް އަނެއްކާވެސް ބަލާލެވުނީ އަތުގައިވި މާބޮނޑިއަށެވެ.

“ކައިލް…” ލިއާގެ ހިތުން އަޑު އައެވެ. ހޭއެރިފަހުން ފުރަތަމަ ފަހަރަށް ވަކި ފަރާތެއް ދުށުމަށް އެދި ހިތް ކެތްތެރިކަމެއް ނެތި އެދުނު ވަގުތަކީ އެއީއެވެ. އޭނާ ކައިލް ގާތު ބައިވަރު ވާހަކަ ދައްކަން ބޭނުންވިއެވެ. މިވަގުތު ކައިލް އޭނާ ގާތުގައި ހުރުމަށް އެދެވުނެވެ.

“އައެމް އޯކޭ…” ހިތް ގެނބިގެން ދާހެން ހީވަމުންދިޔައިރުވެސް ފުން ނޭވާއެއް ދޫކޮށްލަމުން ލިއާ ބުނެލިއެވެ. އޭނާ މާބޮނޑި ކަބަޑުމަތީ ބޭއްވިއެވެ. އެވަގުތު ޝައުރާވެސް އެތަނަށް އައެވެ.

“އަހަރެމެން އެބަ އަންނަން ލިއާއަށް އެއްޗެއް ގަނެގެން…” އިޝާން ތެދުވިއެވެ. ކައިރާ ލިއާގެ އަތުގައި ހިފާލުމާއެކު ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެ ހިނގައިގަތެވެ. ލިއާގެ އެދުމުގެ މަތިން ޝައުރާ ލިއާގެ ފޯނު ލިއާ އަތަށް ދީފައި ގޮނޑީގައި އިށީނެވެ.

ލިއާ އިންސްޓަގްރާމް ހާވަން ފެށިއެވެ. ކައިލް އޮންލައިންގަ އިންތަން ފެނުމުން ހިތް ފިނިވެގެން އައެވެ. ކުޑަކޮށް ފަސްޖެހިފައި ހުރެ އޭނާ ކައިލްގެ ޕްރޮފައިލް ހާވަން ފެށިއެވެ. އޭނާއާއި އެކު ހުރި ފޮޓޯގަނޑު ފެނުމުން ހިތަށް ބަރުކަން އިހުސާސްވިއެވެ.

ދުވަސްގަނޑެއް ފަހުން ލިއާ އިސްވެ ކައިލްއަށް މެސެޖު ކުރިއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ.

“ގޮވާލާކަށްވެސް ނާންނާނަންތަ…؟” ވަގުތު ބޭކާރު ކުރުމެއް ނެތި ލިއާ ފުރަތަމަވެސް އެހީ އެހެންނެވެ. ކައިލް ދެކޭ ހިތުން ހިތް ތެޅިފޮޅެނީއެވެ. ކައިލްގެ ރިޕްލައި އައީ ކައިލް އެ މެސެޖު ބެލިތާ އިރުކޮޅެއް ފަހުންނެވެ.

“ޑޫ ޔޫ ވޯންޓް މީ ޓު…؟” ކައިލްގެ މެސެޖު ކިޔާފައި ލިއާގެ ނަފްސަށް އުނދަގޫ ކަމެއް ވެރިވިއެވެ. އެ މެސެޖުން އޭނާއަށް އިހުސާސްވީ ހަރުކަށިކަމެވެ. އިރުކޮޅެއް ވަންދެން ސީލިންގުގައި އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެން ލިއާ އޮތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝައުރާ އިނދެގެން ދައްކަމުންދިޔަ ވާހަކަތަކަށް ލިއާއަށް ސަމާލުކަމެއް ނުދެވުނެވެ.

“ކައިލް ބޭނުން ނުވަންޏާ ނަޔަސް އޯކޭ…” ހިތަށް ދަތިކަން ލިބިފައި ހުރެ ލިއާއަށް އެ މެސެޖު ފޮނުވާލެވުނުއިރު ތުންފަތް ފިއްތާލެވިއްޖެއެވެ. ކައިލް މެސެޖު ސީންކުރިއެވެ. އޭގެ އެތައް އިރެއް ވީއިރުވެސް ކައިލް މެސެޖު ޓައިޕް ކުރާކަމަކަށް ނުދެއްކިއެވެ. ލިއާގެ ހިތަށް ވެރިވި އުނދަގޫ ކަމާއެކު ފޯނު އެނދުގައި ބާއްވާލެވުނެވެ.

އޭނާއަށް އެ ވީގޮތެއް ނޭނގުނެވެ. ރިހާން ލިއާ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކީ މީގެ އިރުކޮޅެއް ކުރިންނެވެ. އެވަގުތު އޭނާއަށް އެ ކުރުވި އުފާވެރި އިހުސާސްތަކުގެ އަސަރު މިހާރު ހުރިހެންނެއް ހިއެއް ނުވެއެވެ. އޭގެ ބަދަލުގައި ހިތް ފުރިފައިވަނީ ކައިލްގެ ހިޔާލުތަކުންނެވެ.

“މަންމަ ގާތު އަހަރެން ބުނިން މިރޭ އަހަރެން މަޑުކުރާނަމޭ…ނަސީބަކުން އެއްބަސް ވެއްޖެ…” ޝައުރާ ދެއްކި ވާހަކައަށް ލިއާ ޖަވާބު ދިނީ ހަމައެކަނި ބޯ ޖަހާލުމަކުންނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކޮޑަދޮރަށެވެ.

އިޝާން އާއި ކައިރާ ވަދެގެން އައި އިރު އިޝާންގެ އަތުގައި ބޮޑު ކޮތަޅެއް އޮތެވެ. އޭގައި ހުރީ ތާޒާ މޭވާއާއި އެކި ވައްތަރުގެ ޖޫސް ޕެކެޓްތަކުގެ އިތުރުން އެކި ވައްތަރުގެ ޗޮކުލެޓެވެ. ލިއާއަށް ޖެހުނީ ގަދަކަމުން ހިނިތުންވެލާށެވެ. ޝައުރާ ކޮތަޅުގައި ހިފުމުން އިޝާން އާއި ކައިރާއަށް ލިއާ ޝުކުރު އަދާކުރިއެވެ. ދަންވާން ފެށުމުން ދެ ޒުވާނުންވެސް ދިޔައީ މާދަމާގެ ވަގުތެއްގައި އަންނާނެ ކަމަށް ބުނެފައެވެ.

ލިއާ ގާތު އަހައިގެން ޗޮކުލެޓެއް ނަގައިގެން ކާން ޝައުރާ އިނީ ފޯނުން ސީރީޒެއް އަޅުވައިގެންނެވެ. ލިއާ އޮތީ ސީލިންގަށް މޫނު ސީދާވާހެން ދެލޯ މަރާލައިގެންނެވެ. އޮތްގޮތުން ހީވަނީ ނިދާފައި ވާހެންނެވެ. ލިއާގެ ދެއަތް ލުއި ގޮތަކަށް ބަނޑުމަތީ ބާއްވާލާފައި ވެއެވެ. އެހެން އޮތް އިރު ކިތައްމެ ފަހަރަކު ފޯނު ނަގާ ކައިލްއަށް މެސެޖު ކުރަން ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އެ ހިތްވަރެއް ނުކުރެވުނެވެ.

ހިޔާލުތަކުން ސިކުނޑި ފުރި ބާރުވެގެން ނިދެމުން ދަނިކޮށް ލިއާއަށް އިވުނީ ތަޅުމުގައި ގޮނޑި ހޭކިލި އަޑާއެކު ޝައުރާ ފުންމައިގެން ތެދުވި އަޑެވެ. ލިއާއަށް މަޑުމަޑުން ދެލޯ ހުޅުވާލެވުނީ ވަރުބަލި ކަމާއެކުއެވެ. ހަމައެހާ އަވަހަށް ކުއްލިއަކަށް ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. އޭނާ އޮތް އެނދާއި ދިމާލުގައި ކުރިމަތީގައި ދެޖީބަށް އަތް ޖަހާލައިގެން އެ ހުރީ ކައިލްއެވެ. އެ މޫނުމަތީގައި ވަނީ ފިނިކަމެވެ. އެއްވެސް އަސަރެއް އެ މޫނުން ފާޅުނުވެއެވެ. ޝައުރާ ހުރީ އާގަމަވެފައި ކައިލްއަށް ބަލާށެވެ. ކަޅު ގަމީހަކާއި ސޯޓެއްގައި ހުރިއިރު މި ދަންވަރު ކައިލް ފެންނަލެއް ފުރިހަމަކަމުން ވެމްޕަޔަރެއް ކަމަށް ޝައުރާއަށް ހީކުރެވުނެވެ. ކައިލްގެ މިޒާޖުގައިވި ސީރިއަސްކަން އެ ފިރިހެންވަންތަކަން އިތުރުކުރުވައެވެ. ލިއާއަށްވެސް އެސްފިޔަ ޖަހާލެވުނީ މިއީ ފެންނަ ހުވަފެނެއް ނޫންކަން ޔަގީންކުރުމަށެވެ. އޭރު އެ ހަތަރެސްފައި ފިނިވެއްޖެއެވެ. މާހައުލުގައި ހިފާލާފައިފާ ފިރިހެންވަންތަ ސެންޓް ވަހުން އެކަނިވެސް ލިއާއަށް އެއީ ކަައިލްކަން ޔަގީންވެއްޖެއެވެ.

“ކަ…އިލް…!” ލިއާއަށް މަޑުމަޑުން ގޮވާލެވުނެވެ. ކައިލް އެއްވެސް އަސަރެއް ނެތި މަޑުމަޑުން ބޯ ޖަހާލުމާއެކު އައިސް ލިއާގެ ގާތަށް ހުއްޓުނެވެ. އެ ހުރިހާ އިރު ލިއާއަށް އޮވެވުނީ ނޭވާ ހިފާއްޓާލައިގެން ކައިލްއަށް ބަލާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ނޭދެން ވަކިވާކަށް 38 ވަނަ ބައި

Previews
September 10, 2026

ނޭދެން ވަކިވާކަށް 38 ވަނަ ބައި

7 Comments!

  1. Anonymous says:
    September 11, 2026 at 10:50 am

    MI PART VES VARAH RETHI
    KEEPIT UP🙂
    WHN NXT?
    I AM SO CURIOUS TO SEE WHAT HAPPEN NXT

  2. 🍇Aii_99🍇 says:
    September 11, 2026 at 11:23 am

    Maasha allah.🍇
    Mi prt vs vrh reethi MA. 🍇
    Omg kail🍇.
    I think reehaan is good🍇.
    N akeel is bad dhww???🍇
    Leah ge reaction when kai said kail came to visit her🍇
    Anyways, whn nxt????? 🍇
    Lysm n tc 🍇

  3. Anonymous says:
    September 11, 2026 at 1:04 pm

    I thought u were dead or something ehaa gina dhuvas Vma 😇

    1. Maher says:
      September 11, 2026 at 2:47 pm

      Don’t you think this is rude

  4. eviee says:
    September 11, 2026 at 1:09 pm

    omg girl finallyy we were so worried about you hope all is good
    but everything aside this part was also great so curious abt next part keep it up 💗💗

  5. Ithoo says:
    September 11, 2026 at 1:50 pm

    Finallyyyyyy… Varah wait kohfin up vaane dhuvahakah.. 🥹.. so happy new part eh kiyaalan libuneema.. thanxx dearrr 🥹❤️

  6. Yarah says:
    September 11, 2026 at 2:50 pm

    Omggggg kyles serious looks gave me chills 🥶 like you said he looks more attractive with his serious looks I loooooooooove hiiiiiiiiimmmmmmmmm my biggest crush nowadays istg 😭😭❤️😘😍🔥
    Btw kyle I’m 19 too..so close to leah i guess 😅

Comments are closed.

Next Episodeލޯބިން ބުނާތީ 5←


All Right Reserved!