Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 44

Itxlevender
Itxlevender Level 310 Stories100 Comments100 Login
August 22, 2026 6 Mins Read
8 Comments

ރެއިން ޝަވަރ ދަށުގައި އޮހެމުން ދިޔަ ފެންތަކުތެރޭ ކައިލް ހުރިއިރު ފާރުގައި އެއް އަތް ވިއްދާލައިގެން އިސްޖަހާލެވިފައިވެއެވެ. ބައްޕަ ދެއްކި ވާހަކަތަކާ މެދު ފިކުރުކުރެވެމުން ދިޔައިރު އަނެއްކޮޅުން ލިއާއާއި މެދުވެސް ވިސްނެމުންދިޔައެވެ. ބޮލަށް އޮހެމުން ދިޔަ ފެންތަށް ކައިލްގެ ފިރިހެންވަންތަ ހަށިގަނޑުގައި ބީހިލާފައި ފިރުކެމުން ތިރިއަށް ފައިބެގެން އެ ފައިތިލަދަށުގައި ކޯރު ހައްދަމުންދިޔައީ އެ ހަށިގަނޑުގައި ބީހިލެވުމުގެ ފަހުރާއެކުއެވެ. ކައިލްއަށް ތެމިފައިވާ އިސްތަށިގަނޑުގައި ފަހަތަށް ވާ ގޮތަށް އަތުން ފުނާ އަޅާލެވުނެވެ. ފާހަނައިގެ ދޮރުގައި އާލިކް ޓަކީ ޖަހާލި އަޑު އިވުނީ ދެނެވެ.

އުނުގައި ތުވާލި އޮޅައިގެން ގޮސް ކައިލްއަށް ފާހަނައިގެ ލޯގަނޑު ކުރިމަތީ ހުއްޓެވުނެވެ. ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލަން ކައިލްއަށް ހުރެވުނީ ހިމޭންވެފައެވެ. އެ ސޫރައިން އުނިކަމެއް ފެނޭތޯ ހޯދާކަހަލައެވެ. ބޭނުން ނުވިޔަސް އޭނާއާއި ރިހާންއާ އަޅާކިޔުނެވެ. އޭނާގެ ކިބައިގައި ނެތީ ލިއާ ގަޔާނުވާފަދަ ކޮން ސިފައެއްބާއޭ ހިތަށް އެރުމުން ހިތަށް ދަތިވެގެން އައެވެ. ލިއާ އޭނާގެ ހައްގަކަށް ވީނަމައެވެ. އޭރުން ހާދަ ލޯބިން ގެންގުޅުނީހެވެ.

އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއިރު ލިއާއަށް އެނދު ކައިރި ހުރި ޝަރީފާއާއި ޝަރީފް ފެނުނީ ފަނޑު ގޮތަކަށެވެ. ބޮލުގައި ގަދަ ރިހުމެއް ހުއްޓެވެ. ޝަރީފާ އާއި ޝަރީފް ވާހަކައެއްގައި ހުރުމުން ލިއާ ލޯ ހުޅުވާލި މަންޒަރެއް ނުފެނެއެވެ.

”ބަ…އްޕާ…“ ލިއާއަށް ގޮވާލެވުނެވެ. ސިހިގެން އައި ޝަރީފާއި އެކު ޝަރީފާވެސް އަވަހަށް އެނދު ކައިރިއަށް ޖެހިލިއެވެ.

“މިހާރު ކިހިނެއް ދަރިފުޅާ…އެއްވެސް އުނދަގުލެއް ވޭތަ…؟” ޝަރީފް ވަރަށް ބަލައިގެން ލިއާގެ ބޮލުގައި ފިރުމާލިއެވެ. ޝަރީފާ ހުރީ ލިއާގެ އަތްމަތީ އަތް ބާއްވާލައިގެންނެވެ.

“ވަރަށް ބޮލަށް ތަދުވޭ…” ލިއާއަށް ލޯމަރާ ފިއްތާލެވުނެވެ. ކަންތައް ހިނގައިދިޔަގޮތް ހަނދާންކުރަން ލިއާ މަސައްކަތްކުރިއެވެ. ހީވަނީ މަންޒަރުތައް ފުސްވެފައި ވާހެނެވެ. އަލީޝާއާއި ދެމީހުން ދެމެދު އުފެދުނު އަރާރުންގަނޑު ހަނދާންވިއެވެ. ޑެސްކު ވެއްޓި އޭނާގެ ބޮލުގައި ޖެހުނު މަންޒަރު ސިފަވި ވަގުތު ސިހުމެއް ލިބިގެންއައެވެ. ޝަރީފަށް މިކަން ފާހަގަވިއެވެ

“މީ ކިހިނެއް ވީ ކަމެއްތަ ލިއާ…؟” ކެތްތެރިކަން ކުޑަވެފައި ހުރެ ޝަރީފާ އެހިއެވެ. ޝަރީފް ޝަރީފާއަށް ބަލާލިއެވެ. އަދި އިޝާރާތުން އިހަށް އެ ސުވާލު ނުކުރުމަށް އެދުނެވެ. ހުދު އޭނާވެސް އެ ސުވާލުގެ ޖަވާބު ބޭނުންވެއެވެ. ނަމަވެސް އިހަށް ލިއާއަށް ވަގުތުކޮޅެއް ދިނުން މުހިއްމެވެ.

ކައިލް ފެންވަރައިގެން ނިކުމެ އުނުގައިވި ތުވާއްޔާއިއެކު އެނދަށް ވެއްޓިގަނެގެން އޮތެވެ. އެ ފިރިހެންވަންތަ އެއިޓްޕެކް ހަށިގަނޑުވަނީ ހާމަޔަށެވެ. އެ ހަށިގަނޑުގެ ފުރިހަމަކަމާއި ފިރިހެންވަންތަކަމުން އެ މޭގައި ބޯއަޅާލަން ނޭދޭނެ އަންހެންކުއްޖަކު ނުވާނެއެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު ކަރާއި ދިމާލުން ބޭރަށް ފާޅުވާން އިން ލަގޮނޑި އިރުއިރުކޮޅާ ހަރަކާތްކޮށްލަނީ ކައިލް ހިންދިރުވާލާ ވަގުތުއެވެ. އެގޮތުގައި އިންނަތާ އިރުކޮޅެއް ފަހުން އާލިކް ގޮވާލައިފިއެވެ.

“ކެލް ދެން ތެދުވޭ…ހޮސްޕިޓަލަށް ދަންޏާ އެއްޗެއް ކައިގެން ދާންވީނު…؟” އާލިކް ސޯފާއިން ތެދުވެގެން އައިސް ކައިލް ގާތަށް ހުއްޓުނެވެ. ކައިލްގެ ކިބައިން ފެންނަނީ ހިމޭންކަމެވެ.

“ކަމޯން ދެން…ބީ އަ މޭން ބްރޯ…!” އާލިކް ކައިލްގެ އަތުގައި ހިފާ ނެގިއެވެ. އާލިކްގެ އަތުގެ ނާރުތައް ފުއްޕާލިގޮތުން އޭނާ ކައިލް އެ ނެގީ ގައިހުރި ބާރަކާއެކުކަން ހާމަވެއެވެ. އެނދުގައި އިށީނދެގެން އިން ކައިލް އާއި ދިމާލަށް އާލިކް ސޯޓު އެއްލިއެވެ. ބޮލުގައި އެޅުނު ސޯޓު ނަގާ ތެދުވަމުން ބަހެއް ބުނުމެއް ނެތި ކައިލް ގޮސް ވޯޑްރޯބް ތެރެއަށް ވަނެވެ.

ސީލިންގަށް ނަޒަރު ހުއްޓާލައިގެން ލިއާއޮތްއިރު ގާތުގައި އިން ޝައުރާ ވާހަކަ ދައްކަމުންދިޔައެވެ. ޝަމްނާ ވީ ޝަރީފާ އާއި އެކު ލިއާއަށް ބޭނުންވާ ބައެއް އެއްޗެހި ބަލާ ގޮސްފައެވެ. ޝަރީފް ވީ މީގެ އިރުކޮޅެއް ކުރިން ހަމަޖައްސަން ޖެހޭ ބައެއް ކަންތައް ހުރީތީ ރަށަށް ފުރައިގެން ގޮސްފައެވެ. ޝަރީފަށް ދެން އާދެވޭނީ ހެނދުނުގެ ވަގުތުގައެވެ. ޝަރީފާ ދަމުން ޝައުރާ ގާތު ލިއާއާއި އެއްވެސް ސުވާލެއް ނުކުރައްޗޭ ބުނި ނަމަވެސް ޝައުރާއަކަށް ނީނދެވުނެވެ. އޭނާ ލިއާ ގާތު މިކަން ދިމާވާންވި ސަބަބާ ބެހޭގޮތުން އޮޅުންފިލުވަން އުޅުނެވެ. ހިމޭންކަމާއެކު އޮވެ ލިއާ ކުރު ކުރު އިބާރާތްތަކުން ޝައުރާއަށް ޖަވާބުދެއެވެ.

ވޯޑްގައި މިވަގުތު ލިއާ ނޫން ބަލި މީހަކު ނެތެވެ. ހާލު އިތުރަށް ގޯސްނުވާތީ އާންމުންގެ ވޯޑަށް ލިއާ ބަދަލުކުރެވުނީ މީގެ އިރުކޮޅެއް ކުރިންނެވެ. ކައިރިން ފިޔަވަޅުތަކެއްގެ އަޑު އިވުނީ ޝައުރާ ލިއާއާއި ވާހަކަ ދައްކަމުން ދަނިކޮށެވެ.

“ރިހާން…” ލިއާ ހައިރާންވެފައި އޮވެ ގޮވާލިއެވެ. ރިހާން އައިސް ޝައުރާ އިން ފަރާތް ނޫން އަނެއް ފަރާތުގައި މަޑުކޮށްލިއެވެ. ނޫކުލައިގެ އޯވަރސައިޒް ޓީޝާޓަކާއި އައިސްބްލޫ ޖީންސެއްގައި ރިހާން ފެންނަނީ ފިރިހެންވަންތަކޮށެވެ. ކަނދުރާއާއި ހަމަޔަށް ދިގުވެފައިވާ އިސްތަށިގަނޑުން އިތުރަށް އަޅައިގަންނަ ގޮތެއް ހުއްޓެވެ.

“ކިހިނެއް އެނގުނީ…؟ އެނދުގައި އޮތް ލިއާގެ އަތުގައި ރިހާން ހިފާލުމާއެކު ލިއާ ވާހަކަ ދެއްކިއެވެ. ޝައުރާ ތެދުވެ ނިކުންނަން ހިނގައިގަތީ ލިއާއަށް ރިހާނާއެކު ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ.

“ބޭބްއަށް ގުޅާ ގުޅާ ފޯނެއް ނުނަގާ…އެހެން އުޅެނިކޮށް ފްރެންޑެއް ފޮނުވި ޓިކްޓޮކް ވީޑިއޯއެއް…ދެން އެނގިއްޖެ ކަންތައް ވަރަށް ގޯސްވެއްޖެކަން…މިކޮޅުގައި ހުރި ފްރެންޑަކަށް ގުޅާލީމަ އެނގުނީ ލިއާ ހޮސްޕިޓަލަށް ގެނެސްފިކަންވެސް…އެންމެ އަވަހަށް އާދެވެން އޮތް އެއްޗަކުން މި އައީ…” ޝައުރާ އިނދެފައި ތެދުވެގެން ދިޔަ ގޮނޑި ލިއާއާއި ގާތަށް ޖައްސާލަމުން ރިހާން އިށީނެވެ. ލިއާގެ މޫނަށް ބަލަން އިންއިރު ރިހާންގެ މޫނުމަތިން ކަންބޮޑުވެފައި ހުރިކަމުގެ ކުލަވަރު ފެނެއެވެ. ރިހާންގެ އެ އަޅާލުމުން ލިއާގެ ދިލަ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނާ އެދެނީ އަބަދުވެސް ރިހާންގެ ފަރާތުން އެ އޯގާތެރިކަން ލިބުމެވެ.

ރިހާން ލިއާއާއި އެކި ސުވާލުކުރިއެވެ. އެއްވެސް ތަނަކަށް ތަދުވޭތޯ ނޫނީ އުނދަގުލެއް ވޭތޯ އޮޅުންފިލުވިއެވެ. ލިއާ ރިހާންގެ ސުވާލުތަކަށް ޖަވާބު ދިނީ ހިމޭންކަމާއެކުއެވެ. އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ރިހާންގެ މަގުސަދު އަދި އޮތީ ފޮރުވިފައެވެ. އޭނާ ދައްކަން ބޭނުންވަނީ އެހެން ވާހަކައެކެވެ. ރިހާން ގަބޫލުކުރީ މިއީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުގައެވެ. ކައިލް އާއި ލިއާ ދުރުކުރުމަށް މި ލިބުނު ފުރުސަތު ބޭކާރު ކޮށްލާކަށް ރިހާން ބޭނުމެއް ނުވިއެވެ. އޭނާ މަޅިފަތި ޖަހަމުންދިޔައީ ލިއާގެ ސިކުނޑި ދޮވެލުމަށެވެ.

“ބޭބް…” ރިހާން ގޮވާލަމުން ލިއާގެ އަތަށް ފިތާލީ ލިއާގެ ސަމާލުކަން ހޯދުމަށެވެ. ރިހާން ގޮވާލި ގޮތުން އެކަނިވެސް އެ އުޅެނީ ބޮޑު ވާހަކައެއް ދައްކަންކަން ލިއާއަށް އެނގުނެވެ. އޭނާގެ ހިތަށް ފިނިވެގެން އައެވެ.

“މި ހުރިހާކަމެއް މިހެން ވީމަ މިހާރު ލިއާ ނުވިސްނަންތަ ތި ސްކޫލުން ކެނޑެން…؟ އައި މީން، ތި ސްކޫލަށް ދިޔައިރުވެސް އެނގޭ ދޯ މަހުޖަނުންގެ ހާއްސަ ތަނެއްކަން…؟” ލިއާގެ ޖަވާބު އަންނާނެ ގޮތަކާއިމެދު ވިސްނަމުން ރިހާން ވާހަކަދެއްކިއެވެ. ލިއާ އޮތީ ރިހާންއަށް ބަލަހައްޓައިގެންނެވެ.

“ސްކޫލުން ކެނޑޭށޭ…؟” ލިއާ އަހާލީ ގަބޫލު ނުކުރެވިފައެވެ. މީގެ އިރުކޮޅެއް ކުރިން މޫނުން ފެނުނު އުފާވެރިކަން ފަނޑުވެއްޖެއެވެ.

“އެހެން މި ބުނަނީ…ބަލާ މިހާރުވެސް ވެފައި އޮތްވަރު…ޔޫ ކުޑް ހެވް ބީން ސީރިއަސްލީ ހާޓް…” ގޮނޑީގައި ލެނގިލަމުން ރިހާން ވާހަކަ ދެއްކިއެވެ. ލިއާ ހިމޭންވެފައި އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ލިއާގ ބައްޕަވެސް ކިހާ ހިތްހަމަނުޖެހިފަ ހުރީ…؟ ތިވަރު ވީމަ ކޮންމެ މީހަކުވެސް ހިތްހަމަނުޖެހޭނެ…ހަމަ ކުރީގެ ސްކޫލަށްވެސް ޖޮއިން ކުރެވިދާނު…؟ އޭރުން މި ހުރިހާ ޑްރާމާތަކާވެސް ދުރުގައި ހުރެވުނީ…ތިވަރު ވީމަވެސް އެއްޗެއް ނުވިސްނޭތަ…؟” ލިއާ އެއްޗެއް ނުބުނުމުން ދެންވެސް ރިހާން ވާހަކަ ދެއްކިއެވެ.

“އެސްޕެސިއަލީ އާފްޓަރ ވަޓް ހެޕެންޑް ވިތް ކައިލް…” ރިހާންގެ ދުލުން ކައިލްގެ ނަން ބޭރުވުމާއެކު ލިއާ ބަލާލައިފިއެވެ. އެ ނަމުގެ ސަބަބުން ލިއާގެ ސަމާލުކަން ލިބުނު ގޮތުންވެސް ރިހާންއަށް އުނދަގޫވިއެވެ.

“މި ސްކޫލުން އަހަރެން ވަކިވުމާ ކައިލް އާއި ކޮން ގުޅުމެއް އޮތީ…؟” ހިސާބަކަށް ހިތްހަމަނުޖެހިފައި އޮވެ ލިއާ ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނާ ހިތްހަމަ ނުޖެހޭންވީ ސަބަބެއް ނުވިސްނުނެވެ. ގާތުގައި އެ އިނީ އޭނާ އެންމެ ބޭނުންވާ ފަރާތެއް ނޫންހެއްޔެވެ؟

ރިހާން ކުޑަކޮށް ފަސްޖެހޭގޮތްވިއެވެ. “އައެމް ޖަސްޓް ސޭއިން…… މިކަހަލަ ގިނަ ކަންތައް މި ދިމާވަނީ ކައިލްގެ ސަބަބުންނެއްނު…؟” ރިހާން ކައިލް ކުށްވެރިކުރަން މަސައްކަތްކުރިއެވެ.

“ރެންއަށް ކިހިނެއް އެހާ ޔަގީންކަމާއެކު ބުނެވެނީ ކައިލްގެ ސަބަބުންކަން މިކަންތައް ދިމާވަނީ…؟” ލިއާގެ ސުވާލާއެކު ރިހާން ސިހުނެވެ. ބުނާނެ އެއްޗަކާ މެދު އޭނާ ވިސްނަމުންދިޔައެވެ. އިރުކޮޅެއް ހިމޭންކަމުގައި ދިޔައިރު އިވެމުންދިޔައީ ބޮލާއި ދިމާލުން ސީލިންގުގައި އިން ފަންކާ އެނބުރޭ އަޑެވެ. ދުރުދުރުން ނަރުހުންގެ ވާހަކަ ދެއްކުމުގެ އަޑު އިވެއެވެ.

“އަހަރެން އަޑުއެހިން ލިއާއަށް ތިހެން ހެދި އަންހެން ގޮލާއަކީ ކައިލްއާއި ހެދި މޮޔަވެފައި ހުރި ގޮލައެކޭ…ލިއާއަށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީވެސް ކައިލްއާއި ލިއާ ދުރުކުރުން ކަމަށް ވަނީ…އޭނާއަކަށް ނޭނގޭތަ ލިއާ ތީ އަހަރެންގެ ގާލްފްރެންޑް ކަމެއް…؟ ނޫނީ ކައިލް އަދިވެސް ލިއާގެ ފަހަތުން އުޅެނީތަ…؟ އެހެންވީމަވެސް ޖެލަސް ވެގެން ތިކަހަލަ ކަމެއް ކޮށްފާނެ ދޯ…އެހެން ނޫނަސް ތިކަންތައްގަނޑުގެ ވީޑިއޯތަކާ އެއްޗެހި އެބައުޅޭ ޓިކްޓޮކާއި ފޭސްބުކްގަވެސް…” ރިހާން ވާހަކަ ދެއްކީ ނުރުހުމާއެކުއެވެ. ކައިލްއާއި ދުރުކުރަން ލިއާއަށް އެހެން އަންހެނަކު ހަމަލާދޭން ޖެހޭނީ ކައިލް ހާދަ ބޮޑަކަށް ލިއާ ދެކެ ލޯބިވާތީތާއޭ ރިހާންގެ ހިތަށް އެރިއެވެ.

“އަވަހޭ ވާހަކަ ފެތުރޭލެއް…” ލިއާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކައިލްގެ ވާހަކަ ދެއްކިއިރު ރިހާންގެ އަޑުން ހަސަދަވެރިކަން އޭނާއަށް ފާހަގަވިއެވެ.

“ލިއާއަށް ކޮންމެހެން ތިފަދަ ކަންތައްގަނޑެއްތެރޭ އުޅެން މަޖުބޫރެއް ނޫނޭނު…ދެން ނޭނގެ ކިހާވަރެއްގެ އެޓޭކެއް ކަމެއް އަންނާނީ…އަމިއްލަ ނަފްސާމެދު ވިސްނަންވެއްޖޭނު…!” ރިހާން އަނެއްކާވެސް ލިއާގެ އަތުގައި ހިފާލީ ލިއާގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.

“ހަމަ ކުރީގެ ސްކޫލަށް ޖޮއިންކޮށްގެންވެސް……” ރިހާންގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.

“ރެން…” ލިއާ ގޮވާލިއެވެ. ރިހާން ލިއާއަށް ބަލާލީ ލިއާ ބޮޑުވާހަކައެއް ބުނަން އުޅޭތީއެވެ.

“އަހަރެންގެ ނިންމުން ނިންމާފަ ވާނީ…!” ރިހާންއަށް ބަލަން އޮވެ ލިއާ ބުނެލިއެވެ. ރިހާންއަށް ލޯ ހަނިކޮށްލެވުނެވެ. ރިހާންގެ ނަފްސަށް އުނދަގޫކަމެއް އިހުސާސްވީ ކީއްވެ ކަމެއް ނޭނގުނެވެ.

“އެބައުޓް ވަޓް…؟” ހިތް އަވަސްވެފައި އިނދެ ރިހާން އެހިއެވެ.

“އެބައުޓް ދަ ސްކޫލް…އަހަރެން ސްކޫލުން ވަކިނުވާނަން…އައެމް ސްޓޭއިން…!” ލިއާ ބުނެލިއެވެ.

“ތި ދެއްކޭ ވާހަކައެއް އެނގޭތަ…؟” ކަޅި ޖަހާލުމެއް ނެތި ލިއާއަށް ބަލަން އިނދެފައި ރިހާން އެހިއެވެ. އެ އަޑުގައި ވަނީ ނުރުހުމެވެ. ލިއާ އެ އޮތްގޮތަށް އޮވެ ބޯ ޖަހާލިއެވެ.

“ހޭ އެރިފަހުން ސްކޫލުގެ ސްޓާފުންތަކެއް ވިޒިޓްކުރި…އެމީހުން އަހަރެންގެ ނިންމުން ބަލަން ބޭނުންވަނީ…އެމީހުން އަހަންނަކަށް މަޖުބޫރެއް ނުކުރޭ…އަހަރެން އަމިއްލައަށް އެ ނިންމުން ނިންމީ…ބައްޕައާއި ބޮޑުދައިތަވެސް އޭރު ހުންނާނެ…އެމީހުންވެސް އަހަރެންގެ ނިންމުމަށް އެއްޗެކޭ ނުބުނޭ…އެހެންވީމަ ރިހާންވެސް މިކަމާ ދެކޮޅު ނުވިއްޔާ އަހަރެން ހިތްހަމަޖެހޭނެ…” ލިއާ ވާހަކަ ދެއްކީ އޭނާއަށް މަޖުބޫރު ކުރަން ނޫޅޭށޭ ރިހާން ގާތު ބުނާކަހަލަ ރާގަކަށެވެ.

“ސީރިއަސްލީ ލިއާ…؟” ގަބޫލު ކުރަން ދަތިވެފައި ހުރެ ރިހާން ހިތްހަމަ ނުޖެހުމާއެކު ވާހަކަ ދެއްކިއެވެ. ލިއާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ތި ހުރިހާ ކަމެއް ވީމަވެސް……” ޖުމްލަ ފުރިހަމަ ނުކޮށް ރިހާން މޫނުގައި އަތް ހިންގާލިއެވެ. އެ އަޑުގައިވި ރުޅިވެރިކަން ފޮރުވާކަށް ރިހާން މަސައްކަތެއް ނުކުރެއެވެ.

“އަހަރެންގް އޭލެވެލް އެގްޒާމްސް މިއޮތީ ބޯމަތީގައި…މި ދަނޑިވަޅު އެހެން ސްކޫލަކަށް ޖޮއިން ކޮށްފަ ހުރިހާ ކަމެއް އެޖަސްޓް ކުރަން އަހަންނަށް އުނދަގޫ ވާނެ ދޯ…” ލިއާ ވާހަކަ ދެއްކިއެވެ. ރިހާން ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއެކު އަނެއްކާވެސް ލިއާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން މި ހުރިހާދުވަހު މި ކިޔެވީ މިތާ…އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން ރަނގަޅު ނަތީޖާއެއް ނެރެން…އައެމް ނޮޓް ގޮއިން ޓު ތްރޯ އެވްރިތިންގް އަވޭ ބިކޯޒް އޮފް ވަޓް ހެޕެންޑް…!” ލިއާ ބުނެލިއެވެ.

“ކީއްވެތަ އަހަރެން ބުނާ އެއްޗެއް އަޑުނާހަން ތިއުޅެނީ…؟” ރިހާން ނުރުހުމާއެކު ބުނެލިއެވެ. އޭނާގެ ހިތް ބުނަމުންދިޔައީ ވެދިޔަ ކަންތަކަށްފަހު ކައިލްގެ ސަމާލުކަން ލިއާއަށް އިތުރަށް ލިބޭނެކަމެވެ. އޭނާއަށްވުރެ އެތައް ގޮތަކުން ކައިލް ފުރިހަމައިރު، ކަމެއް ވާނީ ބުނެފަކާ ނޫނެވެ. ލިއާ ބީވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާއަށް އޮތް ހަމައެކަނި ފައިދާ އަކީ އޭނާދެކެ ލިއާ ވާ ލޯތްބެވެ. އެހެން ހުރިހާ ޕޮއިންޓެއް ލިބެނީ ކައިލްއަށެވެ. ކައިލް ކުޑަކޮށް މަސައްކަތްކޮށްލިޔަސް ލިއާގެ ހިތް ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އޭނާ ހީކުރީ ވެދިޔަ ހުރިހާކަމަކަށްފަހު ލިއާގެ ސިކުނޑިއާއި ކުޅެލުން ފަސޭހަ ކަމަކަށް ވާނެކަމަށެވެ. ހިނގައިދިޔަ ކަންތަކަށްފަހު ލިއާ ހުންނާނީ ބިރުންނޭ ރިހާނަށް ހީވިއެވެ. ނަމަވެސް ލިއާ އޭނާ ހީކުރިވަރަށްވުރެ ހިތްވަރުގަދައެވެ.

 “އެހެން ނޫނަސް އަހަރެން ގާތު ސްކޫލުން ވަކިވާން ރިހާން ތި ކިޔަނީ ބޮޑަށް އަހަރެންގެ ސަލާމަތަށް ވިސްނުމަށްވުރެ ކައިލް އާ ދުރުކުރަން…” ލިއާ ބުނި ވާހަކައަކުން ރިހާންގެ ބަސް ހުއްޓޭ ގޮތްވިއެވެ. ހީވީ އޭނާގެ ހިތުގައިވި އެއްޗެއް ލިއާއަށް އެނގުނުހެންނެވެ. އިރުކޮޅެއް ހޭދަވީ ރިހާން އެއްޗެކޭ ނުބުނެއެވެ.

“އަހަރެން ބޭނުން ލިއާއާއި މެރީކުރަން…އޭލެވެލް ނިމުނުހާ އަވަހަކަށް އެކަމާ އުޅެން އަހަރެން ބޭނުން…” ކުއްލިއަކަށް ރިހާން ދައްކަން ފެށި ވާހަކައަކުން ލިއާއަށް ސިހިފައި ބަލާލެވިއްޖެއެވެ.

“ކިހިނެއްވީ…؟ އަސްލު މިހާރުވެސް މެރީ ކުރެވޭނެނަމަ ކޮށްގެން އުޅޭނީ…އޭލެވެލް ނިންމާފައި ލިއާ އިތުރަށް ކިޔަވަން ބޭނުންވަންޏާ އަހަންނާ މެރީކޮށްގެންވެސް ލިއާއަށް ކުރިޔަށް ގެންދެވިދާނެ…ލިއާގެ ބައްޕަމެންނާ މި ވާހަކަ ދައްކާ…!” ރިހާން ލިއާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. ލިއާގެ ހިތުގައި ހީލިކެރުވުމެއް އުފެދުނީ ރިހާން ކައިވެނީގެ ވާހަކަ ދެއްކުމުންނެވެ. މޫނުމަތީގައިވި ހިތްހަމަ ނުޖެހުންވެސް ފިލައިގެން ގޮސްފައިވެއެވެ.

ވޯރޑްގެ ދޮރުމަތީގައި ކައިލް ހުރީ ހިމޭންވެފައެވެ. އެއް އަތް ޖީބަށް ޖަހާލައިގެން ހުރިއިރު އަނެއް އަތުގައި ވަނީ މާބޮނޑިއެކެވެ. އެއީ ލިއާއަށް ކައިލް ގެނައި އެއްޗެކެވެ. އެ މާބޮނޑި ލިއާއަށް ދޭ ވަގުތުކޮޅުގެ ހުވަފެން އޭނާ ދެކުނެވެ. ލިއާގެ މޫނުމަތިން ހިނިތުންވުން ދުށުމަށް ހިތް ކެތްތެރިކަން ކުޑަވެފައި ވިއެވެ. ލިއާގެ ހާލާއި މެދު އޭނާ ކަންބޮޑުވިވަރު ބުނެދޭން ބޭނުންވިއެވެ. ނަމަވެސް އެ ހުރިހާކަމެއް ފުރިހަމަ ނުވެ އުޅެނިކޮށް އެތެރެއިން އިވުނު އަޑަކުން ކައިލްގެ ހުރިހާ އުއްމީދެއް ވަޔަށް ބުރައިގެން ގޮސްފިއެވެ.

ރިހާންގެ އަޑު ޖެހުނު ވަގުތު އަތުތެރޭ ވި ބުކޭއަށް ކައިލްއަށް ބާރުކޮށްލެވުނެވެ. އެތަނުން ލާފައި ދާ ނަރުހުންނާއި އެހެން މީހުންގެ ފަރާތުން ލިބެމުންދިޔަ ސަމާލުކަމަށް ކައިލްގެ ފަރުވާލެއް ނެތެވެ. ރިހާންއާއި ލިއާއާއި ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އޭނާއަށް އަޑުއިވުނެވެ. ލިއާ ގާތު ސްކޫލުން ވަކިވާން ރިހާން ބުނެލިއިރު ކައިލްގެ ހިތް ހީވީ ދެންމެދެންމެ ބޭރަށް ނިކުމެދާނެހެންނެވެ. ލިއާ ކައިލްއާއި ދުރަށް ދާކަށް ކައިލްގެ ހިތަކަށް ކެތެއް ނުވާނެއެވެ. ނަމަވެސް ލިއާގެ ނިންމުން ކައިލްއަށް އަޑު އިވުނެވެ. އެ ނިންމުމާމެދު ހިތަށް ހަމަޖެހުން ލިބުނުއިރު ހިތް ގެނބިގެން އައީ ކައިވެނީގެ ވާހަކަ ރިހާން ދެއްކުމުންނެވެ. ކައިލްގެ ހިތް ހީވީ އިރައިގެން ދިޔަހެންނެވެ. އެ ދުވަސް ދެކޭކަށް ކައިލްއަކަށް ކެތެއް ނުވާނެއެވެ.

އަތުގައިވި މާބޮނޑިއަށް ކައިލް ބަލާލިއެވެ. އެއްފަހަރު އެތެރެއަށް ވަންނަންވެސް ކައިލް ހިތަށް އެރިއެވެ. ނަމަވެސް އެ ހިޔާލު ކައިލް ދޫކޮށްލިއެވެ. ރިހާން ހުއްޓާ އެތަނުގެ ތެރެއަށް ވަދެ ލިއާއަށް އިތުރު ނުތަނަވަސްކަމެއް ދޭކަށް ކައިލް ބޭނުމެއް ނޫނެވެ. އަމުދުން ރިހާން އާއި އެކު ލިއާ ވާއިރު އެ މަންޒަރު ފެނިގެން ހިތަށް އަނިޔާ ނުލިބޭކަމަށް ހަދައިގެން ކައިލްއަކަށް ނުހުރެވޭނެއެވެ.

ކައިލް ދާން އެނބުރުނެވެ. އަތުގައި އަދިވެސް ގެނައި ބުކޭ އޮތެވެ. ފަހަތް ބެލުމެއް ނެތި ހިނގަމުންދިޔައިރު ލިބެމުންދިޔަ ބެލުންތަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ހިތަށް ވަނީ ބަރުވެފައެވެ. ލިއާއަށް ކަމުދާނެ ގޮތަށް އެ މާބޮނޑި އޭނާ ތައްޔާރުކުރީ ފޮނި އުއްމީދުތަކާއެކުއެވެ. ނަމަވެސް ލިއާއަށް އެ ދިނުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. އެނބުރި ދާން މިޖެހުނީވެސް އެ މާބޮނޑި ހިފައިގެންނެވެ. އޭނާ އައިކަންވެސް ލިއާއަށް ނޭނގުނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

މަލާމާތް ލޯބި 18

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-26

Next
August 22, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-26

Previews
August 21, 2026

މަލާމާތް ލޯބި 18

8 Comments!

  1. highhh says:
    August 22, 2026 at 3:53 pm

    Please give Lea to Kail🥺🥺it’s now a dream to see them fall in love without having to see Rihaan in between the two of them..When is the next..can’t wait to read the next chapter..

    1. Itxlevender Itxlevender says:
      August 22, 2026 at 7:27 pm

      Aww I know you’re waiting for Leah and Kyle to finally have their moment without Rihan in between them 😭 But you’ll have to wait and see what happens next 👀💗 The next chapter is coming soon

  2. Anonymous says:
    August 22, 2026 at 5:53 pm

    darling whn nxt
    vrh reethi mi part ves
    keep it up❤️❤️

    1. Itxlevender Itxlevender says:
      August 22, 2026 at 7:28 pm

      Thank you so much 🥹💗 I’ll try to upload asap 💗

  3. Eyesherth says:
    August 22, 2026 at 6:41 pm

    Ohh girlie…
    Don’t do tht to Kyle.. and liaaa… Oh god…
    They deserves better… Before Kyle could leave, make him meet someone he knows, lia ge fam in.. like her aunt, or her cousin eh… Like, give him the opportunity to meet her, girrrllllll…
    Poor Kyle 😭😭
    Anyway… Mi part vee varah reethi…
    Masha Allah, you are very talented… Ngl…
    Can’t wait for the next part..
    When’s the next part?? Curiosity waitinnn..
    🫶🏻🫶🏻🫶🏻🫶🏻

    1. Itxlevender Itxlevender says:
      August 22, 2026 at 7:39 pm

      Awww girlieee 💗 You’re making me feel so bad for Kyle now 😭😂 And the way you’re already planning ways for him to meet Leah’s family is sending meee 😭🫶🏻 But who knows maybe something unexpected is waiting for him 👀 Thank you so much for the sweet words and Jazaakillaah 💗 I’m so glad you’re enjoying the story…The next part is coming soon, so keep that curiosity aliveee 👀💗

  4. Mimmi says:
    August 22, 2026 at 7:42 pm

    As a teanager myself I’m so much in love with this story istg this is the best story in this site rn 😭😭♥️💯💯
    Ignore the haters girl I’m hundred percent sure they are jealous of you atp because they trying so hard to make you stop..but please don’t 😭😭 I’ll be heartbroken broken I love Kyle sooooooooooooooooooomuch ♥️

  5. eviee says:
    August 22, 2026 at 8:39 pm

    alheyy kyle ah thihen nuhadhaa it’s so heartbreaking to see him leave like that 😭😭

Comments are closed.

Next Episodeލޯބިން ބުނާތީ 5←


All Right Reserved!