Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 53

Anaq Level 310 Stories
September 7, 2026 5 Mins Read
0 Comments

އެންމެ ފަހު ފަހަރަށް ހެދުމާއި މޭކަޕް ރަނގަޅުތޯ ބަލައިލަމުން ކޮޓަރިން އަހަރެން ނިކުތީ ނަވީންގެ އަންބަކަށް ވުމުގެ ފޮނި ހުވަފެންތަކާއިއެކުގައެވެ. އަހަރެންގެ ހަޔާތުގައި އަންނާނެ އެންމެ ތާރީހީ އަދި އެންމެ އުފާވެރި ދުވަހާއި ކުރިމަތިލުމަށެވެ. އަހަރެންގެ ކަނާތް ފަރާތުގައި މަންމަ ހުރި އިރު އަހަރެންގެ ވާތް ފަރާތުގައި ޖަނާ ހިނިތުންވެފައި ހުއްޓެވެ. ކުރިއަށް ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު އަހަރެންގެ  ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް އުތުރި އަރަމުން ދިޔައެވެ.

 

**********

 

ލިފްޓުގައި ހޭދަވީ މަދު ސިކުންތުކޮޅުވެސް އަހަރެންގެ ހާސްކަން ދެގުނައަށް އިތުރުވިއެވެ. ހިތަށް ވެރިވަމުން ދިޔަ ލަދުވެތިކަމާއިއެކުވެސް ބުނެދޭން ނޭނގޭހާ ހާއުފާކަން ވެރިވަމުން ދިޔައީ ނަވީންގެ އަންބަކަށް ވެވޭނެ ވަގުތު ކުޑަތަން ވަމުން އަންނާތީއެވެ. މިއީ ހަމައެކަނި އަހަރެންގެ ކައިވެންޏެއް ނޫނެވެ. އަހަރެންގެ ރައްކާތެރިކަމަކީވެސް މި ކައިވެންޏެވެ. އަހަރެންގެ ލޯތްބާއި ހިތްހަމަޖެހުމާއި ހިތުގައިވީ ރުހާމްގެ ބިރުވެރިކަން ފިލުވާލަދޭނެ މޭސްތިރިއަކަށްވެސް މި ކައިވެންޏާއި ނަވީން ވާނެއެވެ.

ލިފްޓުގެ ދޮރު ހުޅުވި ކައިވެނީގެ މާލަމަށް މަރުހަބާ ކިއެވެ. ފްލޯރަލް ތީމާއި ގުޅޭނޭ ގޮތަށް މުޅި މާހައުލު ވަނީ ޒީނަތްތެރި ކުރެވިފައެވެ. ބަލާލި ކޮންމެ ދިމާއެއް ފެންނަނީ އަޖައިބުވާހާ ޗާލުކޮށެވެ. އެކި ކަހަލަ ލައިޓު ތަކުންނާއި ވެޔޮގަނޑު ފަދައިން ދެމިފައިވީ މާފަތިތަކުންނާއި ބޮނޑިބޮނޑިއަށް ހަރުކުރެވިފައިވީ މާތަކުން އެ ބޮޑު ހޯލުވަނީ ޖަރީ ކުރެވިފައެވެ. އިށީނުމަށް ހަމަޖެހިފައިވީ ގޮނޑިތަކާއި މޭޒުތައްވެސް ވަނީ ތީމާއި ގުޅޭނޭ ފަދައިން ޒީނަތްތެރި ކުރެވިފައެވެ. މޭޒުތަކުގެ މެދުގައި ހުދު ފިނިފެންމާ ބޮނޑިތައް ބަހައްޓައިލެވިފައި ވީއިރު އެ މާބޮނޑިތަކާއި ޖެހިގެން ފާނޫޒެއް ބެހެއްޓިފައި ވުމުން އިތުރަށް މާހައުލު އިޝްޤީ ކަމަށް ދައްކައެވެ.

ލަދުން އިސްއުފުލައިލަން ނުކެރިފައި ހުރެވެސް އަހަރެން އިސްއުފުލައި ބަލައިލީމެވެ. މުޅި މީހާ ދާހިއްލައި އަތުގައި މަޑު ތުރުތުރެއްވެސް އުފެދެން ފެށިއެވެ. އެއްވެ ތިބި ގާތް އާއިލާގެ މީހުންނާއި ދެފަރާތުގެ ގާތް މީހުން ފެނުމުން އަހަރެންގެ އަތްފައި ހަމަ ރަނގަޅަށް ވެސް ފިނިވިއެވެ. އަބަދުވެސް ނަވީންއާއިއެކު ފެންނަ އާކިފްގެ އިތުރުން ބައެއް ފަހަރު ފަހަރު ނަވީންއާއެކު ފެންނަ އެހެން މީހުންވެސް އެތާނގައި ތިއްބެވެ. ނަމަވެސް އެ މީހުންވެސް ތިބީ ތީމާއި ގުޅޭނެފަދަ ސޫޓް ތަކުގައެވެ. ގާތް ރައްޓެހިންނާއި ދެފަރާތުގެ އާއިލާގެ މީހުންގެ އިތުރުން ނަވީންގެ ކޮއްކޮ މާހިންވެސް އަދި ޔޫސުފް ޖަލީލްގެ އަނބި މީހާވެސް އަހަރެމެންގެ ކައިވެންޏައް ހާޒިރުވެ ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ އުފާވެރިކަމެވެ. އެމީހުންގެ އެއަމަލުތައް އަހަރެން ބަލައިގަތްކަމުގެ ހެއްކަކަށް ފުދުނެވެ.

އެންމެ ފަހުން ކައިވެނިކޮށްދޭން ހާއްސަކުރެވިފައިވީ މޭޒުކައިރީގައި ހުރި އަހަރެންގެ ވާން އުޅޭ  ފިރިމީހާއަށް އަހަރެންގެ ނަޒަރު އަމާޒުވިއެވެ. ހުރިތާ ތަންހަރުވެ ހުރި ގޮތުންނާއި އެ މޫނުމަތީއިވީ ހައިރާންކަމުގެ ސަބަބުން، އަހަރެން ކައިވެނީގެ ހެދުމުގައި ހުރި ގޮތް ފެނުމުން ނަވީންގެ ހިތް ހަމަ ރަނގަޅަށްވެސް ކަތިލެވެމުންދާކަން ދޭހަވެގެން ދިޔައެވެ. އެހެން ނަމަވެސް އެ ތުންފަތުގައި ކުޅެލަކުޅެލާ ހުރި ލާނެތް އެހެނަސް އުފާވެރި ހިނިތުންވުން ފެނުމުން އަހަރެންގެ ބަސްނާހާ ހިތް އިތުރަށް ތެޅިފޮޅި ގަތެވެ. އެހިތުގައި ހިނގަނީ ކޮންފަދަ ހިޔާލުތަކެއްކަން އަހަރެންނަށް ނަގައިގަންނާކަށް ލަސްތަކެއް ނުނެގިއެވެ. އިތުރަށް އަހަރެންގެ ލޭ ހޫނުވެ ލަދުގަންނަގޮތް ވި ކަމުގައިވިޔަސް ނަވީން ފެނުމުން އަހަރެންގެ ހިތުގައި އުފެދިފައިވީ ހާސްކަމުގެ ތޫފާނަށް ކުޑަ ހަމަޖެހުމެއްވެސް ލިބިގެން ގޮއްސިއެވެ.

ނަވީންގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރި ޔޫސުފް ޖަލީލްގެ ނަޒަރު އެންމެ ސިކުންތަކަށް ވެސް އަހަރެންގެ މޫނުން ކެހިގެން ނުދެއެވެ. އެ ހިތުގައި ވަނީ ކޮން ހިޔާލް ތަކެއް ހެއްޔެވެ.؟ މާޒީގެ އުފާވެރި ހަނދާންތައް ހެއްޔެވެ؟ މައުރާއަށްޓަކައި، އެ ފުން ލޯތްބަށްޓަކައި ފިދާވި ރަންޒަމާނުގެ ހަނދާންތައް އާވަނީ ހެއްޔެވެ؟ މައުރާގެ ހަނދާންތަކުން އެ ހިތް ކަތިލެވެމުން ދަނީ ހެއްޔެވެ؟ އެ ހަނދާންތަކުން އެ ދެލޮލުގައި އުފެދެމުން ދިޔަ ރިހުން  އަހަރެންނަކަށް ވަންހަނާއެއް ނުވިއެވެ. އެދެލޮލުން އަހަރެންނަށް ބަލައިލަމުން ޝުކުރުވެރިކަމުގެ ހިނިތުންވުމެއް އަހަރެންނަށް ދެމުން ބޯ ޖަހައިލިއެވެ. އަހަރެންގެ މައުރާ ދުނިޔޭގައި ނެތަސް، އެ ލޯބި ސޫރަ، އެ ޝިފާއެއްފަދަ ހަނދާންތައް އަދިވެސް އެއްފަހަރު އަހަރެންގެ ކުރިމައްޗަށް ގެނެސްދިނީތީ ޝުކުރިއްޔާއޭ ބުނެލި ކަހަލައެވެ.

 

*********

 

ޗެޕްޓާ 18

ނަވީން

 

އަޖައިބުވެ އަންތަރީސް ވެގެން އަހަރެންގެ ފުރާނަ އުދުހިގެން ދާނެ ނަމަ، އަހަރެންގެ ފުރާނަ އުދުހިގެން ގޮއްސިތާ މިހާރު ކިތަންމެ އިރެކެވެ. ދުނިޔެއަށް ހަނދަށް ފޭބޭނެ ނަމަ އެއީ ހަނދެކެވެ. ޙޫރުން ދުނިޔެމަތީގައި ވާނެ ނަމަ އެއީ ޙޫރެކެވެ. ފަތްމިނިން ދުނިޔޭގައި ވާ ނަމަ އެއީ ފަތްމިންޏެކެވެ. ޕަރީއެއް އަހަރެންގެ ދެލޮލަށް ފެންނާނެ ނަމަ އެއީ ޕަރީ އެކެވެ. ހުދު ކައިވެނީގެ ހެދުމުގައި ލަދުރަކި ހިނިތުންވުމަކާއިއެކު ހިނގާލާފައި އަހަރެންގެ ގާތަށް އައި އިރު ހަމަ ރަނގަޅަށް ވެސް އަހަރެންގެ ހިތް ވިންދު ޖަހަނީ ކިރިޔަ ކިރިޔާއެވެ. ހިތަށްވެސް އޭގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާހާ ރީތިކަމެއް ޒާނާއަށް ލިބިގެންވިއެވެ. ދުވަހަކުވެސް ޒާނާ ނުފެންނަހާ ޒާނާ މިރޭ ރީއްޗެވެ. އަދި އަމުދުން އަހަރެންގެ މަންމަގެ އެ ކައިވެނީގެ ހެދުމުގައި ޒާނާ ފެންނަ ގޮތް ފެނުމުން ދެން އަހަރެންގެ ހިތަށް ކުރެވެމުން އެދާ ހިޔާލުތަކުގެ ވާހަކަ ދައްކަން ހުދު އަހަރެންވެސް ފަސް ޖެހެވެމުން ދިޔައެވެ. އަހަރެންގެ ކެތްތެރިކަމުގެ މަތީގައި ފައިއަޅަމުން ކެތްތެރިކަން އިމްތިޚާނު ކުރަމުން ޒާނާ އައިސް އަހަރެންގެ ކައިރީގައި ހުއްޓިލިއެވެ. އެ ތޫނު ކަޅިރަވައިން ދިން ކަނޑީގެ މިޔައަށް ވުރެން ތޫނު ނަޒަރުން ހަމަ ރަނގަޅަށްވެސް އަހަރެން ހަމަ ކުޑަ ހިނދުކޮޅަކަށްވެސް ވަށައިގެންވީ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. ލައިލައި ހުރި ނޭވާވެސް ނޭވާ ހޮޅީގައި ތާށިވިއެވެ. ސުބުހާނަﷲ އެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟ ކޮންފަދަ ޗާލު ކަމެއް ހެއްޔެވެ؟ އެކަލާންގެ ކުޅަދުންވަންތަކަމުގެ ލާމަސީލު ނަމޫނާއެކެވެ. މިވަގުތު މިވަރު ވަންޔާ އަހަރެންގެ އަނބަކަށް ވުމަށްފަހު އަހަރެންނަށް ކިހާވަރެއް ވާނެ ބާއެވެ. އަހަރެން ދުނިޔެއިން މޮޔަ ނުވިއްޔާ ރަގަޅެވެ.

ކައިވެނި ކުރަން ހަމަ ޖެހިފައިވީ މޭޒު ކައިރީގައި އެންމެން އެތުރިލިއެވެ. ކިތަންމެ ހަމަ ޖެހިގެން ހުރި ކަމުގައި ވިޔަސް އަހަރެންވެސް ކުޑަކޮށް ހާސްވާ ގޮތް ވިއެވެ. ހިތް ތެޅެމުން ދިޔައީ ނުހަނު އަވަހަށެވެ. ޒާނާ އާއި ޖެހިގެން އަހަރެން އިށީން އިރު އަހަރެންގެ އަތްފައި ހަމަ ރަނގަޅަށްވެސް ފިނިވެއްޖެއެވެ. އެހިނދު އަހަރެންގެ  ފަހަތުގައި ހުއްޓިލި ބައްޕަ އަހަރެންގެ ކަންފަތާއި ދިމާއަށް ގުދުވެލިއެވެ.

” ދަރިފުޅުގެ މަންމައާއި އިން ދުވަހު ބައްޕައަށްވެސް ހަމަ ތިވަރުވި…” ބައްޕަ އަހަރެންގެ ކޮނޑުގައި ޖަހައިލަމުން ހިތްވަރުދިނެވެ.

” ހަމަ ޖެހިލާ…. ދެން މާ ގިނަ ވަގުތެއްނެތް… ” އަދި ހަމަ އެހެންމެ ލާނެތް ހިނިތުންވުމެއް ދެމުން މޭޒުގެ ކައިރީގައި އިށީނެވެ.

ކައިވެނީގެ ހުތުބާ ފެށުނެވެ. އާއިލާއާއި ގާތް ރައްޓެހިންގެ ހާޒިރުގައި އަހަރެމެންގެ ކައިވެނި ކުރެވެމުން ދިޔައެވެ. އިސްޖެހި ގޮތަށް އިސް ނަގަން ވެސް ނުކެރިފައި ޒާނާ ދެ އަތް މޮޑެލަމޮޑެލައި އިނެވެ. ޒާނާގެ ބައްޕަ ދުނިޔޭގައި ނެތުމުން ބޮޑުބޭބެ ޒާނާއަށް ވަލީ އެރުވިއެވެ. ހަތް ރުފިޔާގެ ރަނަށް ގާޒީ އަހަރެންނަށް ޒާނާ ހިބަކޮށްދީ ކައިވެނީގެ ހުތުބާ ނިއްމިއެވެ. ގާޒީ ހުތުބާ ނިއްމައިލަމުން އަހަރެންނަށް ބަލައިލިއެވެ. ވަގުތު ޖެހުނީއެވެ.

” އަނބި ޤަބޫލު ކޮށްފިން…..” ހިތުގެ އަޑިން އަހަރެން ބުނީމެވެ. އަނބި ގަބޫލުކޮށްފީމޭ އެ ބުނެވުނު ވަގުތު އެކުރެވުނު އިހުސާސް އަހަރެން ބުނެދޭނީ ކިހިނެތް ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ އުފަލެއް އަހަރެންގެ ފައި ދަށަށް ޖަމާވި ކަހަލައެވެ. ދެލޯނޭދި އެދުނު އަހަރެންގެ ހަމައެކަނި ލޯތްބާއި، އެފަރާތް އަހަރެންގެ މިލްކަކަށް މުޅި އުމުރަށް ވީއެވެ. އެތައް ރެއެއްގެ ނިދިން އަހަރެން މަޙުރޫމުކުރި ހަނދާންތަކުގެ ރާނީ އަހަރެންނަށް ހަލާލުވީއެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ފާރު ނެތި ބިމާއި ހަމަވީއެވެ.

އާއިލާ މީހުންނާއި ރައްޓެހިންގެ މަރުހަބާއާއި މުބާރިކްބާދީ ކިޔުމަށް އެއްވެލިއެވެ. އަހަރެންނަށް އަހަރެންގެ އަނބިމީހާއާއި ގާތަށް ދެވޭނެ ފުރުސަތެއް ނުލިބުނެވެ. އާއިލާ މީހުން ވަށުވާލައިގެން އުޅޭތީ ޒާނާވެސް ހުރީ ފާޑަކަށް އެންމެންގެ މެދުގައި ތާށިވެފައެވެ. އިރުއިރުކޮޅާއި ބަލައިލާ ބަލާލުމުގައި ބޭޤަރާރުކަން ވިއެވެ.

ދެމަފިރިން ތިބެން ހަމަޖެހިފައިވީ ސްޓޭޖް ކޮޅަށް އަހަރެމެން އެރީމެވެ. އަހަރެން ޒާނާގެ އުނަގަނޑުގައި ހިފައި ގާތް ކޮށްލަމުން އެ މޫނަށް ލޯބިވެތި ގޮތަކަށް ބަލައިލީމެވެ. އަހަރެންގެ ހަލާލު އަނބި މީހާގެ މޫނަށް އަހަރެން ބަލައިލީމެވެ. ދުވަހަކުވެސް ނުދެކޭހާ އުފާވެރިކަން އެ މޫނުމަތީގައި ވިއެވެ. އެ ހިނިތުންވުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި އަހަރެން ޖާނާއި މާލުން ފިދާވާނަމަވެ. މުޅީ އުމުރަށް ހިތުގައި ފޮރުވައިލާނަމެވެ. ކޫރުމެއްވެސް އަޅުވައި ނުލައި ގެންގުޅޭނަމެވެ.

“ހޭ ހޭ ހޭ އަދި އަހަރެމެން އެބަ ތިބީމޭ އިނގޭ… ސުހާގުރާތު ނުނިއްމާތި މިތާންގަ……” އަނގަގަދަ މާހިންއަކަށް މަޑަކުން ނުހުރެވުނެވެ. އެހިނދު އެންމެން ހީގަތެވެ. ލަދުން ޒާނާ އިސްޖަހައިލިއެވެ. މަލެއް ފަދައިން މޯޅިވިއެވެ.

” ޕާޓީ ނިމެންދެން ކެތް ކޮށްލާ……!!” އަނެއްކައިވެސް މާހިން ގޮވައިލިއެވެ. ދިމާކުރުންތަކުންނާއި ހީސަމާސާތަކުން މުޅި މާހައުލު ގުގުމައިލިއެވެ. ތަންކޮޅެއް ދުރުގައި އާކިފްވެސް ހުއްޓިލައިގެން ހުއްޓެވެ. ހުރިގޮތުން ނުހޭން މަސައްކަތް ކުރަނީކަން އަހަރެންނަށް އެނގުނެވެ.

” މަރުހަބާ ދެކުދިން…. މިއީ ބައްޕަ ޒާނާއަށް ދޭ ކުޑަކުޑަ ހަދިޔާއެއް… ” ބައްޕައާއި މާހިންގެ މަންމަ އަހަރެމެންނާއި ކައިރިވެލައި މަރުޙަބާ ކިއެވެ. އަދި ބައްޕަގެ އަތުގައި އޮތް ހިމަ ދިގު މަހުމާ ފޮށި ޒާނާއަށް ދިނެވެ.

” ނަވީން… ޒާނާ… މަރުޙަބާ.. ތިދެކުދިންގެ ދިރިއުޅުމުގަ މާތްﷲ ބަރަކާތް ލައްވާށި…” ހިތްހެޔޮ ހިނިތުންވުމެއް ދެމުން ކުޑަމަންމަ މަރުހަބާ ކިއެވެ. އަހަރެންވެސް އަދި ޒާނާވެސް ހިނިތުންވެލަމުން ޝުކުރު އަދާކުރީމެވެ.

” ބައްޕަގެ އެދުން ފުރިހަމަ ކޮށް ދިނީތީ ޝުކުރިއްޔާ….” ބައްޕަ ޒާނާއަށް ބަލައިލަމުން ބުނެލިއެވެ. ޒާނާ ބައްޕައަށް ލުއި ހިނިތުންވުމެއް ދިނެވެ.

ހަފްލާއަށް މީހުން އައުމުގެ ކުރިން އާއިލާގެ މީހުންނާއިއެކު ފޮޓޯ ނެގުން ކުރިއަށް ދިޔައެވެ. ތިން ފޮޓޯގުރާފަރުން އެ ހާއްސަ ދުވަހުގެ ހުރިހާ މަންޒަރެއް ކެމެރާގެ ލެންސުގައި ރައްކާކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.  މީހުންތައް ކުޑަތަންކޮޅެއް ދުރަށް ޖެހިލުމުން އަހަރެން ޒާނާ އިތުރަށް ގާތް ކޮށްލީމެވެ.

”  ކާންޓް ވެއިޓް ފޯ ޓުނައިޓް…..” މަސްތީ ގޮތަކަށް އަހަރެން ބުނީމެވެ.

އެ މޫނަށް ވެރިވި ލަދުވެތިކަން ސިއްރެއް ނުވިއެވެ.

“މިރޭ ނިދަން ހިތަށްވެސް ނާރުވާތި………..” ވައިއަޑުން އަހަރެން އަހަރެންގެ އަނބިމީހާގެ ކަންފަތް ބުޑުގައި ބުނީމެވެ. ޒާނާ އިތުރަށް ރަކިވިއެވެ. އެ މަންޒަރު އަހަރެންނަށް ކަމުދިޔައެވެ. އިތުރު ސަމާސާތަކެއް ކޮށްލުމަށް ހިތް އެދި ގޮވަމުން ދިޔައެވެ. އަހަރެންގެ ލާނެތް ސަމާސާތަކުން އެތުންފަތުގައިވީ ހިނިތުންވުން ފުންވަމުން ދިޔައެވެ. އެ ތުންފަތުން ހިނިތުންވުން ފިލައި ނުދެއެވެ. އެއީ އަހަރެން އަބަދުވެސް ބޭނުންވި ގޮތެވެ. އަބަދުވެސް ޒާނާ އުފަލުން ހިތްހަމަ ޖެހިގެން ހުންނަން އަހަރެން ބޭނުންވިއެވެ. އިރާދަކުރެވިއްޔާ އެކަން މިއަދު މި ފުރިހަމަވީއެވެ.

ތެދަށް ބުނަންޔާ އަހަރެން ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޒާނާއާއިއެކު އެކަނިވެލަން ބޭނުން ވެފައެވެ.  ހަމަ މިވަގުތު ޒާނާ އުރާލައިގެން އެންމެންނާއި ދުރަށް ދާން ބޭނުންވިއެވެ. ހުރިހާ ގޮތަކުން އަހަރެންގެ މިލްކަކަށް ޒާނާ ހަދަން ބޭނުންވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 310 Stories

Other Articles

Previous

އެންމެ ފަހު ވަދާޢު!

Previews
September 7, 2026

އެންމެ ފަހު ވަދާޢު!



All Right Reserved!