ގާތުގާ… 54
ތެދަށް ބުނަންޔާ އަހަރެން ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޒާނާއާއިއެކު އެކަނިވެލަން ބޭނުން ވެފައެވެ. ހަމަ މިވަގުތު ޒާނާ އުރާލައިގެން އެންމެންނާއި ދުރަށް ދާން ބޭނުންވިއެވެ. ހުރިހާ ގޮތަކުން އަހަރެންގެ މިލްކަކަށް ޒާނާ ހަދަން ބޭނުންވިއެވެ.
***********
ކައިވެނިގެ ވަލީމާއަށް ސަރުކާރުގެ އެންމެ އިސްވެރިން އިން ފެށިގެން އެންމެ އާދައިގެ މީހުންނަށްވެސް ދައުވަތު ދެވުނެވެ. ވަކި ފެންވަރެއްގެ ވަކި މީހަކަށް ވީތީ އިސްތިސްނާ ކުރުމެއް ނުވެއެވެ. ދުރުތާ ތިމާގެ އާއިލާ މީހުންނާއި ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންނަށްވެސް ދައުވަތު އެރުވުނެވެ.
ބޮނޑި ބޮނޑިއަށް މީހުންތައް އައިސް އަހަރެމެންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. ހަވީރުން ފެށިގެން ރޭގަނޑުންވެސް ބަޔަކާއި އެއްކޮށް ވާގޮތަށް ރޭވިފައިވީ ހަފްލާއަކަށް ވުމުން އަދި އަހަރެންނަށް ޒާނާއާއިއެކުގައި ހުސްވަގުތުކޮޅެއް ލިބެންވެސް ވަރަށް ގިނައިރު އެބައޮތެވެ. އެގޮތަށް ހަފްލާ ހަދަން ޖެހުނީވެސް ދެފަރާތުގެ އާއިލާ މީހުން ދައުވަތުދޭން ބޭނުންވާ މީހުންގެ ލިސްޓު ދިގުވުމުންނެވެ. އިރު އިރުކޮޅައި ގަޑިއަށް އަހަރެންނަށް ބެލެމުން ދިޔައީ ޒާނާއާއި އެކުގައި އެކަނިވެލާނެ ވަގުތުކޮޅެއް ހޯދުމުގެ ނިޔަތުގައެވެ.
ކޮޅުކޮޅު މައްޗަށް ހޭލަމޭލަ ވަމުންދިޔަ މީހުންގެ ތެރޭގައި މިނިސްޓަރުންނާއި އެމީހުންގެ އަނބިންނާއި އެމީހުންގެ ދަރިންނާއި އާއިލާ މީހުންވެސް ހަރަކާތްތެރިވަމުން ދިޔަތަން ފެނެއެވެ. ހަމަ އެހެންމެ ޝައުކަތު އަންކަލްއާއި ޝައުކަތު އަންކަލްގެ އަނބިމީހާވެސް ހަފްލާއަށް އައިސް ހުއްޓެވެ. މާހިން އާއި މާހިންގެ ރައްޓެހި ތަރަފްވެސް އައިސް އުޅުނެވެ. ބޮޑެތި ވިޔަފާރިވެރިންނާއި ސެލެބްރިޓީންވެސް މަދެއް ނޫނެވެ. ގިނައީ ބައްޕައާއި ވިޔަފާރީގެ ކޮންމެވެސް ގުޅުމެއް އޮތް މީހުންވެ. ޒާނާގެ މަންމައާއި އަހަރެންގެ ކުޑަމަންމަވެސް ފެންނަނީ ވަރަށް އެކުވެރިކަމާއިއެކުގައި އުޅެނިކޮށެވެ. ހިތަށް ލިބުނު އިތުރު ހަމަޖެހުމަކަށް އެކަން ވިއެވެ. މުޅި ހޯލުތެރެ ފުރިފައިވީ އެކިފަންތީގެ އެކި ޖިންސުތަކުގެ މީހުނުންނެވެ.
” ވަރުބަލިތަ…؟” މީހުންތައް ތަންކޮޅެއް މަދުވެލުމުން އަހަރެން އަހައިލީމެވެ.
” ނޫން… އެހާ ވަރުބައްޔެއް ނޫން… އިރުކޮޅަކުން ލިބޭނުން ކުޑަ ބްރޭކެއްވެސް…. ދެން ފެށޭނި ހަތެއް ޖަހާއިރުއޭނުން ދޯ….” ޒާނާ ބުނެލިއެވެ.
“އާން އަދިވެސް ބައިގަޑިއިރު އެބައޮތް….” އަހަރެން ގަޑި ބަލައިލަމުން ބުނީމެވެ.
” ފެން ބޭނުންތަ…؟” އަހަރެން ޒާނާގެ ގާތު އަހައިލީމެވެ.
” ނޫން…. ފަޔަށް ތަދުވަނީ…. އިށީނދެލަން ބޭނުމީ… ބްރޭކްވީމަ ދާނީ ދޯ ކޮޓަރިއަށް ” މޫނަށް ގޮތެއް ހަދައިލަމުން ޒާނާ ބުނެލިއެވެ. އަހަރެންގެ ގާތަށް ކުޑަކޮށް ހިނިއައީ ޒާނާ މޫނަށް ހަދާލި ގޮތް ފެނުމުންނެވެ. އަހަރެން އަނެއްކައިވެސް ޒާނާގެ މޫނަށް ފުން ނަޒަރެއް ދިނީމެވެ. ކައިވެނީގެ ހުދު ހެދުމުގައި ޒާނާ ފެންނަ ގޮތް ނިކަން ފުރިހަމައެވެ. އެ ރީތިކަމަށް ޖެހޭނެ މިސާލެއް ނެތެވެ. އެހައިވެސް ޒާނާ މިއަދު ފުރިހަމައެވެ.
ހައެއް ޖެހުމުން އަހަރެން ޒާނާ ގޮވައިގެން ގޮސް ލިފްޓަށް އެރީ ހަތެއް ޖަހަންވާއިރަށް ޒާނާ އަރާމުކޮށްލުމަށް ކޮޓަރިއަށް ގެންގޮސް ދިނުމުގެ ބޭނުމުގައެވެ. ޒާނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް އޭރު ވަރުބަލިކަން ފެންނަން ހުއްޓެވެ. ލިފްޓު ހުއްޓުމާއިއެކު އަހަރެން ޒާނާ އަތުގައި ހިފައިގެން އެންމެ ފުރަތަމަ ޖެހުނު ކޮޓަރިއަށް ވަނީމެވެ. އެއީ ކައިވެނީގެ ހަފްލާއަށް ތައްޔާރު ވުމަށްޓަކައި ޒާނާމެން ތިބެން ހަމަޖެއްސި ކޮޓަރިއެވެ.
ސޯފާގައި ޒާނާ ބައިންދަމުން އަހަރެން ޒާނާއަށް ފިނި ފެންތައްޓެއް ގެނެސްދިނީމެވެ. އެހިނދު ޒާނާ ސޯފާގައި އިށީނުމާއިއެކު އަރައިގެން ހުރި ހީލް ބާލަމުން އަމިއްލަ ފުންނާބުގައި އަތް ހާކައިލިއެވެ. ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ފަޔަށް މާބޮޑަށް ތަދުވަނީކަން އަހަރެންނަށް އެނގުނެވެ.
ޒާނާގެ ކުރިމަތީގައި އުޑަފައިން އިށީނދެލުމާއިއެކު އަހަރެން ޒާނާގެ ހެދުމުގެ ބޮޑު ފަސްބައި ދުރުކޮށްލީމެވެ. އަދި ޒާނާގެ ފައި ނަގައި އަހަރެންގެ ފަލަމަސްގަނޑު މަތީގައި ބެއިންދީމެވެ. އިނގިލިތަކުން ފެށިގެން ފުންނާބާއި ހަމައަށް ޒާނާގެ ފައި އަހަރެން މޮޑެލަ ދިނީމެވެ. ވާންފެށި އަރާމާއި ލުއިން ޒާނާ ދެލޯމަރައިލިއެވެ. ސޯފާގައި ލެނގޭ ބައިގައި ލެނގިލަމުން ޒާނާ ހަމަޖެހިލިއެވެ. އެފަދަ ހިދުމަތަކަށް ޒާނާ ބޭނުންވެފައި އިންވަރު އެކަމުން އަހަރެންނަށް ދޭހަވިއެވެ.
” މިހާރު އޯކޭ……؟ ” ކުޑައިރުކޮޅަކު ޒާނާގެ ފައި މޮޑެލަ ދިނުމަށްފަހު އަހަރެން އަހައިލީމެވެ. ޒާނާ މަޑުމަޑުން ބޯ ޖަހައިލިއެވެ. އަހަރެން ޒާނާގެ ފައި ނަގަމުން ތެދުވެ ޒާނާގެ ގާތަށް ސޯފާއަށް އެރީމެވެ. އަދި ފުން ބެލުމަކުން އަހަރެން ޒާނާގެ މޫނަށް ބަލައިލީމެވެ. ލިބިފައި ހުރި އުފާވެރި ކަމާއިއެކު ބުނަން ކިތަންމެ ވާހަކަ ތަކެއް ހުރި ކަމުގައި ވިޔަސް އަހަރެންގެ ކެތްތެރިކަން ކުޑަވެފައި ހުރި ބަސްނާހާ ހިތް ގޮވައިލީ އެހެން ކަމަކަށެވެ.
ފަސް ޖެހެންވީ ސަބަބެއްވެސް ހުއްޓަންވީ ސަބަބެއްވެސް މިހާރަކު ނެތެވެ. ކުރިމަތީފައި މަލެއް ފަދައިން ފޮޅި ފައްކާވެފައި އެއިނީ އަހަރެންގެ ހަލާލު އަނބިމީހާއެވެ. ދެމެދުގައިވީ ފަރުދާ އެތައް އަހަރު ތަކަކަށް ފަހު މިރޭ ނެގޭނެއެވެ. އެއީ މީހަކަށްޓާކައި އަހަރެން އެތައް އިންތިޒާރެއް ކުރި ކަމަނާއެވެ. ރެޔާއި ދުވާލު އަހަރެން އެ ހަނދާން ތަކަކުން ބަނދެވިފައި ހުރި ފަރާތެވެ. އަބަދުމެ އަރިހުގައި ވުމަށް އެދެވުނު ރާނީއެވެ.
ޒާނާގެ ހާމައަށް އޮތް ކަނދުރާގައި އަހަރެން ކަނާއަތުން ހިފައިލުމާއިއެކު އަހަރެން ޒާނާގެ އިސްއުފުލުވައިލީމެވެ. އަދި ހުއްދަ ހޯދުމެއް އަދި ހުއްދައަށް އެދުމެއްވެސް ނެތި އަހަރެން އެ ތުންފަތުގައި ބޮސްދިނީމެވެ. އެ ތުންފަތުގެ މަޑުކަމުގެ ތެރެއަށް އަހަރެން އެއްކޮށް ގެނބިގެން ދިޔައީމެވެ. އެ މަސްތުކަމުގެ ކަނޑަށް ގެނބި ޣަރަގު ނުވަނީސް ކޮޓަރީގެ ދޮރު ހުޅުވައިލައިފައި މީހަކު ވަނެވެ. ތެޅިގަނެފައި ޒާނާ އަހަރެންނާއި ދުރަށް އެވަގުތު ދިޔައެވެ.
” މިތިބީނުން… މިހާ އަވަހަށް ފިލައި… ހޯދާ ހޯދާ ވަރުބަލި ވެއްޖެ… އޯ މައި ގޯޑް ޔޫ ރުއިންޑް ހާރ މޭކަޕް…..” ތޫލި އަޑަކުން ޖަނާ ބުނެލިއެވެ. ކުރެވުނު ލޯބިވެތި ސަމާސާގެ ސަބަބުން ޒާނާގެ ތުންފަތުން ބޭރުގައި ހޭކިފައި ހުރި ލިޕްސްޓިކް އަހަރެންނަށް ފެނުނީ އެވަގުތުއެވެ. ލާނެއް ހިނިތުންވުމެއް ވެރިކޮށްލަމުން އަހަރެން ސޯފާއިން ތެދުވެ ދޮރާއި ދިމާއަށް ހިނގައިގަތީމެވެ. ދޮރުން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު އަހަރެންގެ އަނބި މީހާއަށް ބަލައިލަމުން އެއްލޯ މަރައިލީމެވެ. އަހަރެންގެ އެ އަމަލުން ޒާނާ ލަދުގަންނަ ގޮތް ވެގެން އިސްޖަހައިލިއެވެ.
ހަތެއް ޖަހަން އަދި ފުދޭ ވަރަކަށް ވަގުތު އޮތް ކަމުގައި ވިޔަސް އަހަރެން ތިރިއަށް ފޭބީމެވެ. ރޭގަނޑުގެ ހަފްލާ އަދި ނުފެށޭތީ މާހައުލު ފެންނަނީ މީހުން މަދުކޮށް ހަމަހިމޭން ކޮށެވެ. ރޭގަނޑުގެ މެހެމާނުންނަށް ބުފޭ ތައްޔާރުކުރުމުގައި އުޅޭ މީހުންނާއި އާއިލާގެ ވަރަށް ގާތް މީހުން ނޫނީ މިހާރު އެތާކު ނުވެއެވެ.
” ނަވީން…. އަދިވެސް އެއްފަހަރު މަރުހަބާ……” އަޑު އައީ އަހަރެންގެ ފަހަތުންނެވެ. އަހަރެން ފަސްއެނބުރި ބަލައިލީމެވެ. ކުރިމަތީގައި ހުރީ މަޝްހޫރު ވިޔަފާރި ވެރިޔާ ހާމިދެވެ. ހާމިދުގެ ބަހަށް އަހަރެން ބޯ ޖަހައިލަމުން ޝުކުރު އަދާ ކުރީމެވެ. އެއީވެސް ބައްޕަގެ ގާތް ރައްޓެއްސެކެވެ. އަހަރެން އިޚްތިރާމް ކުރާ އަހަރެންގެ ބޭބެއެއް ފަދަ މީހެކެވެ.
އެއްޗެކޭ ހިތަށް ނޭރުވިއްޔާ ވަރަށް ރަނގަޅު… އެ އަންހެން ކުއްޖާ ފެނުމުން ހަމަ ހީވަނީ ނަވީންގެ މަންމަ ފެންނަހެން… ހަމަ އެ ސޫރަ.. އެ އިސްކޮޅު… އެ މައުސޫމު މަޑުމައިތިރިކަން… ” ހާމިދު ބުނެލިއެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ މަޑުމަޑުން ބޯ ޖަހައިލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ.
” އަޑުއެހިން އެއީ އެމް ޕީ ރުހާމްގެ ކުރީގެ އަނބިމީހާއޭ……” ހާމިދު ބުނެލިއެވެ. އަހަރެންގެ ބޮލުގައި ރިއްސައިއެވެ. ނަމަވެސް ކަމެއް ފާހަގަވި ކަމެއް އަހަރެން މޫނު މައްޗަކުން ނުދައްކަމެވެ.
” ދެން…؟ ކޮބާ މައްސަލައަކީ….” އެއްވެސް އަސަރެއް ނެތް ގޮތަށް އަހަރެން އަހައިލީމެވެ.
” މައްސަލައެއް އޮތީކީ ނޫން…” ހާމިދު އަތުގައި ހުރި ޖޫސްތަށިން އެތިފޮދެއް ބޯލަމުން ދުރު ބަލައިލިއެވެ. “އެކަމަކު ނަވީން…… އެއީ ފާޑެއްގެ މީހެއް.. އެކަލޭގެ މިހާރު އެއުޅެނީ އަހަރެންގެ ކޮއްކޮއެއްގެ ހުރި ހަމައެކަނި އަންހެން ދަރި ވާވައްދައިލައިގެން… ލާ ގަމީސް ބަދަލުކުރާހެން އަންހެނުން ބަދަލުކުރާ މީހެއް އެއީ….” ހާމިދު ބުނެލިއެވެ. އަހަރެންނަށް ނޭނގޭ އެއްޗެއް ހާމިދު ނުކިއެވެ.
” ދެން އަހަރެންގެ ކައިރީގަ ތިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ…..؟” އަހަރެން އަހައިލީމެވެ.
” ނަވީން…. ނޭނގޭ ކަމަށް ހެދުމުގެ ބޭނުމެއް ކޮބާ…؟” ހާމިދު ބުނެލިއެވެ. އަހަރެންގެ ދުލުން ހަމަ ހިލާ އެއްވެސް އެއްޗެއް ބޭރެއް ނުކުރީމެވެ.
” މައްސަލައެއް ނެތް… ތިލަކޮށްލަ ދީދާނަން… ބުނަން މިއުޅެނީ ރުހާމް ބަސްޓު ކޮށްލުމުގެ އަޑީގަ ހުރީ ނަވީންކަން އަހަރެންނަށް އެނގެއޭ… އެހެންވީމަ މީގަ އަހަރެމެން ދެމިހުން އެކައްޗެއް ކިޔުމުގަ ކޮބައިހޭ މައްސަލައަކީ… މަށަށް އެނގޭ ނަވީން އަތުގަ ރުހާމް ބައްދައިލެވޭހާ އެއްޗެހި ހުންނާނެކަން… އަދިވެސް ހޯދާނެކަންވެސް… އެއީ ތިއީ ޔޫސުފް ޖަލީލްގެ ދަރިއެއް… އޭނާގެ ގޮތް އޭނާގެ ދަރިންގެ ގައިގަ ވެސް ހުންނާނެ… ހާއްސަކޮށް ނަވީންގެ ގައިގަ…. ” ހާމިދު ސީދާ ޕޮއިންޓަށް ދިޔައެވެ. އަހަރެންގެ ކައިރީގައި ހުއްޓިލި އާކިފްއަށްވެސް ހާމިދު ދެއްކި ވާހަކަތައް ސާފުކޮށް އަޑު އިވުނެވެ.
” އަހަންނަކީ ސިޔާސީ މީހެއް … އެތެރޭގެ ކަންކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ… ޕާޓީގެ ހަމައެކަނި ރުހާމްއަށް އެނގޭނެ ބައެއް ސިއްރުތައް އަހަރެންނަށް ހޯދިދާނެ… ހަމައެކަނި މަ ބޭނުންވަނީ ފަރުދާއެއް. އެއީ ނަވީން… ” ހާމިދު ބުނެލިއެވެ. އަހަރެން ވިސްނައިލަމުން ދުރު ބަލައިލީމެވެ.
އަހަރެން ބޭނުންވަނީ ޕާޓިން ރުހާމްގެ މަޤާމާއި އޭނަ ކިބައިން ޝެލީން މިނިވަން ކުރަން…. ނަވީން ބޭނުންވަނީ ބަދަލު ހިފަން… އެހެންވީމަ މިއީ ރަނގަޅު ޑިލް އަކަށް ވާނަން.. ކީކޭ ބުނަނި…” ހާމިދު ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

