Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނދިރި ދުނިޔޭގެ ރަސްގެފާނު – 6

ޝނކސ
ޝނކސ Level 110 Stories
September 6, 2026 4 Mins Read
2 Comments

އިލީނާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭރު އޭނާ ހުރީ ދާހިއްލައި ފޯވެފައެވެ. އޭނާގެ މޫނުމަތިން ބިރުގެ އަސަރާއިއެކު ވަރުބަލިކަން ފާހަގަވާން ހުއްޓެވެ. އޭނާ ފެނުން ހުވަފެނާއިމެދު ވިސްނައިލިއެވެ. އެހެން އޮއްވައި އޭނާ ސިއްސައިގެން ދިޔައީ ފޯނު އެލާރމް ވުމުންނެވެ. އިލީނާ ފޯނު ނަގައި އެލާރމް ނިއްވައިލުމަށްފަހު އަލަމާރިތެރެއިން ލާނޭ ހެދުމެއް ނެގުމަށްފަހު ފާހަނާއަށް ވަނީ ކޮލެޖަށް ދިއުމުގެ ކުރިން ފެންވަރައިލައި ނަމާދުކޮށްލުމަށެވެ.

 

****

 

ފާހަނާއަށް ވަދެ ފެންވަރާލައިގެން ނަމާދުކޮށް ނިމުނުއިރުވެސް، އިލީނާގެ ހިތުން އެ ބިރުވެރި ހުވަފެނުގެ އަސަރު ކެނޑިގެންނެއް ނުދިޔައެވެ. ރޭގައި އޭނާއަށް ފެނުނު ހުވަފެނުގައި، އޭނާގެ އަމިއްލަ ސޫރަ ބަދަލުވެ، ދެލޯ ރަތްވެ، އަނގައިން ތޫނު ދެދަތް ނުކުމެގެން ދިޔަ ބިރުވެރި މަންޒަރު ސިކުނޑީގައި ތަކުރާރުވަމުންދިޔައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހައިރާންކުރުވީ، އިއްޔެ ތުންފަތުގައި އިން ޒަޚަމް މިއަދު ހޭލިއިރު އެއްކޮށް ރަނގަޅުވެ، ކުޑަވެސް ނިޝާނެއް ނެތުމުންނެވެ. އާދައިގެ އިންސާނެއްގެ ހަށިގަނޑުގައިވާ ޒަޚަމެއް އެހާ އަވަހަށް، އެންމެ ރޭގަނޑެއްގެ ތެރޭގައި މުޅިން ފަސޭހަވުމަކީ ނާދިރު ކަމެކެވެ.

ތައްޔާރުވެގެން ކޮލެޖަށް ދިއުމަށް ގޭގެ ދޮރުން ނުކުތްއިރު، ހެނދުނުގެ ފިނިރޯޅިއާއެކު އޭނާގެ ކަންފަތުގައި ޖެހެމުންދިޔައީ އާދަޔާޚިލާފު ތޫނު އަޑުތަކެކެވެ. ދުރުން ދުއްވާފައިދާ ކާރުތަކުގެ އަޑާއި، ގަސްގަހާގެހިން ފައިބާ ހިކިފަތްތައް ބިންމަތީގައި އުނގުޅޭ އަޑުވެސް އޭނާގެ ސިކުނޑިއަށް ބާރުބޮޑުކުރަމުންދިޔައެވެ. އިލީނާ އޭނާގެ ކޮނޑުގައި އަޅުވާފައިވާ ކަޅުކުލައިގެ ދަބަހުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ، ކޮލެޖުގެ މައި އިމާރާތާ ދިމާއަށް ހިނގައިގަތެވެ.

ކޮލެޖުގެ ބޮޑު ދޮރާށިން އެތެރެއަށް ވަދެވުމާއެކު، ދެ ކޮފީ ތަށި ހިފައިގެން ހިނިތުންވެފައިވާ މޫނަކާއެކު އީތަން އައިސް އިލީނާއާ އަރާ ހަމަކޮށްލިއެވެ. އީތަންއަކީ އިލީނާއާ މެދު ނުހަނު އޯގާތެރި، އަދި އެހާމެ ރައްކާތެރިވާ އެކުވެރިއެކެވެ.

“ސޮރީ ފޮރ ޔެސްޓާރޑޭ!”. އީތަން އިލީނާއާ އަރާ ހަމަކޮށްލަމުން، އެއިން އެއް ކޮފީ ތަށި އިލީނާއަށް ދިއްކޮށްލިއެވެ. އިލީނާ ހިނިތުންވެލީ އެއީ ކަމެއް ނޫނޭ ބުނެލަމުންނެވެ. އޭނާ އީތަންދެކެ އައިސްފައި ހުރި ރުޅިވެސް މިހާރު ވަނީ ފިނިވެފައެވެ. “މިއަދު މާ ހެނދުނާ ތި އައީ؟ އަދި ތި މޫނުމަތިން މާ ވަރުބަލިކަމެއް ފެންނަނީ ކީއްވެ؟ ރޭގައި ރަނގަޅަށް ނުނިދެނީތޯ؟”. އީތަން އޭނާގެ ސުވާލު ބޮނޑި އޮއްސައިލިއެވެ.

އިލީނާ ކޮފީ ތަށީގައި ހިފަމުން ކުޑަކޮށް ހިނިތުންވެލިއެވެ. “އާނ، އީތަން! ރޭގައި މާ ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުނީ. އެއަށްފަހު ދެން ނުނިދުނު.” އެހެން ބުނެލިއިރު އިލީނާގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުރިކަން އީތަންއަށް ފާހަގަވިއެވެ.

“ހުވަފެނެކޭ؟ ކޮން ކަހަލަ ހުވަފެނެއް؟” އީތަން ކަންބޮޑުވުމާއެކު އިލީނާގެ މޫނަށް ނަޒަރު ހިންގައިލިއެވެ.

“އެއީ… ދެން އަޅާނުލާ. މާ ބޮޑު ކަމެއް ނޫން.” އިލީނާ އެ ވާހަކަ އޮޅުވާލަން މަސައްކަތްކުރިއެވެ. އޭނާއަށް ފެނުނު ހުވަފެނުގައި އޭނާގެ އަމިއްލަ ސޫރަ ބިރުވެރި ގޮތަކަށް ބަދަލުވި ވާހަކަ އީތަން ގާތު ބުނަން އޭނާ ޖެހިލުންވިއެވެ.

ދެމީހުން އެކުގައި ކޮލެޖުގެ ގޯތިތެރޭގައި ހުރި ބެންޗެއްގެ ދިމާއަށް ހިނގައިގަތް ވަގުތަކީ، ކޮލެޖުގެ މައި ދޮރާށިން ކަޅުކުލައިގެ އަގުބޮޑު ކާރެއް އައިސް މަޑުކޮށްލި ވަގުތެވެ. ކާރުގެ ދޮރު ހުޅުވި، އޭގެތެރެއިން ނުކުތް މީހާ ފެނުމާއެކު، ވަށައިގެން ތިބި ގިނަ ކުދިންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.

އެއީ މިރިއަލްއެވެ. އޭނާގެ އަޅިކުލައިގެ ކަޅިއާއި، މޫނުމަތިން ފެންނަ ސިއްރުވެރިކަމުން މުޅި މާހައުލަށް ހިމޭންކަމެއް ވެރިކުރުވިއެވެ. މިރިއަލް ހުރީ މުޅިން ކަޅުކުލައިގެ ހެދުމެއްގައެވެ. އަތްދިގު ގަމީހުގެ އަތްކުރި ކުޑަކޮށް އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު، ކޮނޑާއި ހިސާބަށް ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑު ވަޔާއެކު ހެލެމުންދިޔައެވެ.

މިރިއަލް ކާރުގެ ދޮރު ލެއްޕުމަށްފަހު، ވަށައިގެންވާ މާހައުލަށް އެއްވެސް ނަޒަރެއް ދިނުމެއްނެތި ސީދާ ހިނގައިގަތީ އިލީނާ ހުރި ދިމާއަށެވެ.

އިލީނާއަށް މިރިއަލް ފެނުމާއެކު، އޭނާގެ ހިތުގެ ހިންގުން އަވަސްވެގެން ދިޔައެވެ. ރޭގައި އޭނާގެ ކޮޓަރި ބޭރުގައި ހުރި ގަސްމަތިން ފެނުނު ސޫރައާއި، މިރިއަލްއާ ދެމެދު ކޮންމެވެސް ގުޅުމެއްވާކަމުގެ އިޙްސާސް އޭނާއަށް ކުރެވެން ފެށިއެވެ. އެ ގަހުގެ މަތީގައި އިން މީހާ ކިތަންމެ ނިވާވެގެން އިން ކަމުގައި ވީނަމަވެސް. އިލީނާއަށް އޭނާ ފެނުނެވެ.

އެވަގުތު އީތަންއަށްވެސް މިރިއަލް އެދިމާލަށް އަންނަތަން ފެނުނެވެ. އެއާއެކު އީތަންގެ މޫނުމަތީގެ އުފާވެރިކަން މުޅިން ގެއްލި، ނުރުހުމުގެ އަސަރުތައް ފާޅުވާންށެވެ. އެ ދުވަހުގެ ހާދިސާއަށްފަހު އީތަން މިރިއަލްއާއި ޝިއުރާދެކެ ހުރީ ވަރަށް ރުޅިއައިސްފައެވެ.

މިރިއަލް އައިސް އިލީނާއާއި އީތަންގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ އަޅިކުލައިގެ ދެލޯ ސީދާ އަމާޒުވެފައިވަނީ އިލީނާގެ މޫނަށެވެ.

“އިލީނާ… މަޑުކޮށްލަބަލަ. އަހަރެން އިލީނާއާ އެކަނި ވާހަކައެއް ދައްކާލަން ބޭނުން،” މިރިއަލްގެ އަޑު އައީ މަޑުން ނަމަވެސް، އެ އަޑުގައި ވަނީ އަމުރުވެރި ގޮތެކެވެ.

އިލީނާ އެއްޗެއް ބުނުމުގެ ކުރިން، އީތަން ކުރިއަށް ޖެހިލައި އިލީނާގެ ކުރިމައްޗަށް އަރައި ހުއްޓުނެވެ. އީތަންގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ހަސަދަވެރިކަމާއި ރުޅިވެރިކަމެވެ.

“ކޮން ވާހަކައެއް؟” އީތަން ހަރުކަށިކަމާއެކު އެހިއެވެ. “މިރިއަލް، ތިއީ އިލީނާއާ އެކަނި ވާހަކަދައްކަންޖެހޭ ވަރުގެ މީހެއް ނޫން. އޭނާއާ ދުރުގައި ހުރޭ! ފުރަތަމަ ދުވަހު އޭނާއަށް ކޮށްލެވުން ވަރު ކުޑައީތަ؟”. އީތަން އަނެއްކާވެސް މިރިއަލްއާއި ދިމާލަށް  ބުނެލިއެވެ.

މިރިއަލް އީތަންއަށް ބަލައިލީ ނުހަނު އަޅާލުންކުޑަ، އަދި މަލާމާތުގެ ނަޒަރަކުންނެވެ. އޭނާ އީތަންގެ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދީ، އަނެއްކާވެސް އިލީނާއަށް ބަލައިލިއެވެ. “އިލީނާ، މިއީ ވަރަށް މުހިންމު ވާހަކައެއް. ޔޫ ގޮޓާ ލިސެން ޓޫ މީ!.” މިރިއަލް މިފަހަރު ބުނެލިއިރުގައި އޭނާގެ އަޑުގައި ވީ ހާސްކަން އިލީނާއަށް ފާހަގަވިއެވެ.

“އަހަރެން ބުނެފީމެއްނު ދުރުގައި ހުންނާށޭ!” އީތަންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެއާއިއެކު އޭނާ މިރިއަލްގެ މޭގައި އަތްޖައްސައި ކޮއްޕާލަން މަސައްކަތްކުރިއެވެ.

ނަމަވެސް، މިރިއަލް ހުރި ތަނުން ގުޑައިވެސް ނުލިއެވެ. އޭނާގެ ހަށިގަނޑު ހީވަނީ ހިލަ ފާރެއްހެނެވެ. އެވަގުތު ކުއްލިއަކަށް މިރިއަލް އީތަންގެ އަތުގައި ހިފެހެއްޓިއެވެ. މިރިއަލްގެ އަތުގެ ބާރުކަމުން އީތަންގެ ކަށިތައް މުރަނަ ވާން ފެށި ކަހަލައެވެ. އީތަންގެ މޫނުމަތިން ވޭނީ އަސަރުތައް ފެންނަން ފެށިއެވެ.

“އީތަން! މިރިއަލް! ހުއްޓާލާ!” އިލީނާ ހާސްވެފައި އަޑުގެކޮޅަށް ބުންޏެވެ. އޭނާ އެހެން ބުނެ ނުނިމެނީސް ފެނުނީ އީތަން މިރިއަލްގެ މޫނުމަތީގައި، އޭނާގެ ސަލާމަތުން އޮތް އަތުން ބޮނޑިއެއް އަޅާލިތަނެވެ. އެވަގުތު މިރިއަލްގެ ރުޅި ކޮންޓްރޯލްއިން ނައްޓައިގެން ދިޔައެވެ. ފަހަތުގައި ހުރި އިލީނާއަށް މިރިއަލްގެ ކަޅީގެ ކުލަ ރަން ކުލައަށް ބަދަލުވެގެންދިޔ ތަން ފެނުނެވެ. އޭނާ ބަލަން ނުހުރެ ގޮސް މިރިއަލްއާއި އީތަންގެ ދެމެދަށް ވަދެ ހަޅޭލަވާގަތެވެ. “ހުއްޓާލާށޭ! ކިހާ ދެރަކަމެއްތަ މި ދެން!”.

މިރިއަލް އީތަންގެ އަތުން ދޫކޮށްލަމުން، އޭނާއާ ގާތަށް ކުޑަކޮށް ޖެހިލިއެވެ. އެއަށްފަހު އީތަންއަށް އެކަނި އިވޭވަރަށް މަޑުން ބުނެލިއެވެ. “އިންސާނުންގެ ފެންވަރު ހަނދާންކޮށްގެން އުޅެން ދަސްކުރާ ނީ! ނޫންނަމަ ނަތީޖާ މާ ރަނގަޅެއް ނުވާނެ!.”

އެ ބަސްތަކާއެކު އީތަންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. މިރިއަލްގެ ކަޅީގެ ތެރެއިން ކުޑަ ހިނދުކޮޅަކަށް ރަންކުލައިގެ ދިލުމެއް އީތަންއަށް ފެނުނު ކަހަލައެވެ. އެއީ އާދައިގެ އިންސާނެއްގެ ކިބައިން ފެންނާނެ ކަމެއް ނޫނެވެ. އީތަންގެ މޭތެރެއަށް ބިރުވެރިކަމުގެ ރާޅެއް ބިންދައިގެން ދިޔައެވެ.

މިރިއަލް އަނެއްކާވެސް އިލީނާއަށް އެނބުރުނެވެ. “އިލީނާ… ތި ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާ މެދު ސަމާލުވޭ. އަދި އަހަރެންގެ އެހީއަށް ބޭނުންވާނެ ވަގުތު އަންނާނެ. އެކަން ހަނދާންކުރާތި!.” މިރިއަލް އެހެން ބުނެލިއިރު އިލީނާ ހުރީ މިރިއަލްގެ އަނގައަށް ބަލަހައްޓައިގެންނެވެ. ނަމަވެސް އޭނާ ބިރުގަތީ މިރިއަލްގެ އަނގަ ހަރަކާތްކުރި ތަން ނުފެނުމުންނެވެ.

މިރިއަލް އިތުރު އެއްޗެއް ނުބުނެ، އެތަނުން ހިނގައިގަތެވެ. އޭނާ ހިނގާފައި ދިޔައީ ކޮލެޖުގެ މައި އިމާރާތާ ދިމާއަށެވެ. އީތަން ހުރީ އަދިވެސް ލިބުނު ސިހުމުން ރަނގަޅަށް އަރައި ނުގަނެވިފައެވެ. އޭނާގެ އަތުގައި މިރިއަލް ހިފެހެއްޓި ތަނުގައި ރަތްވެފައިވާ ނިޝާނެއް އިނެވެ.

ކުލާސް ގަޑި ޖެހުމާއެކު އިލީނާއާއި އީތަން މިސްރާބުޖެހީ ކޮލެޖުގެ މެޑިކަލް ލެބޯޓްރީއަށެވެ. މިއަދަކީ އެމީހުންގެ ބަޔޮލޮޖީ ކްލާހުގެ އަމަލީ ތަޖުރިބާތައް ހިންގާ ދުވަހެވެ. ލެބޯޓްރީގެ ތެރެއަށް ވަދެވުމާއެކު، އިލީނާއަށް އާދަޔާޚިލާފު އުނދަގޫތަކެއް ވާންފެށިއެވެ. މުޅި ލެބްގެ ތެރޭގައި ވަނީ ކެމިކަލްތަކާއި، ލޭގެ ސާމްޕަލްތަކުގެ ވަސް ހިފާފައެވެ.

އިލީނާ ގޮނޑީގައި އިށީނުމާއެކު، އޭނާގެ ނޭފަތުގައި ޖެހުނީ ލޭގެ ވަހެވެ. މޭޒުމަތީގައި ހުރި ކުޑަ ޓެސްޓްޓިއުބްތަކުގައިވާ ލޭގެ ސާމްޕަލްތައް ފެނުމުން، އޭނާގެ ބޯއަނބުރައި، އަނގަ ތެރެއަށް ކުޅު ގިނަވާން ފެށިއެވެ. އޭނާގެ ހިތުގެ ހިންގުން އަވަސްވެ، ދެލޮލަށް ކުޑަކޮށް ބާރުކުރަން ފެށިއެވެ. އަތްތިލަ ފިނިވެ، ތުންފަތް ހިކެން ފެށިއެވެ. ހަމަ އެއާއިއެކު، އޭނާގެ މަތީ ހިރުގަނޑަށް ތޫނު ތަދެއް އިޙްސާސްވާން ފެށިއެވެ.

“އިލީނާ؟ ކިހިނެއްވީ؟” އީތަން އިލީނާގެ މޫނުމަތީގެ ބަދަލުތައް ފެނިގެން ކަންބޮޑުވުމާއެކު އަހައިލިއެވެ.

“އަހަރެން… އަހަރެން ބޭރަށް ގޮސްލަން ބޭނުން. ނޭވާލާން އުނދަގޫވަނީ…”. އިލީނާ އަވަސްއަވަހަށް ގޮނޑިން ތެދުވެގެން ލެބޯޓްރީން ނުކުންނަން ދުއްވައިގަތެވެ.

އޭނާ ދުވަމުން ގޮސް ކޮލެޖުގެ ފާހަނާއަށް ވަދެ، ދޮރު ތަޅުލިއެވެ. އަދި ލޯގަނޑުގެ ކުރިމަތީގައި ހުއްޓި އަމިއްލަ މޫނަށް ބަލައިލިއެވެ. އޭނާގެ ދެލޮލުގެ ކަޅި އޮތީ ރަތްކުލައަކަށް ބަދަލުވެފައެވެ. އަދި މަތީ ހިރުގަނޑުގެ ދެ ފޭރާދަތް ކުރިއަށްވުރެ ތޫނުވެ، ނުކުމެފައިވާކަން އޭނާއަށް ފާހަގަކުރެވުނެވެ.

އިލީނާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. އޭނާގެ ހަށިގަނޑުގައި ގޮތްނޭންގޭ ކަމެއް އުޅޭކަން އިލީނާއަށް ޔަގީންވެ، ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. މިރިއަލް ބުނި ބަސްތަކުގެ މަތިން އޭނާއަށް ހަނދާންވާން ފެށީ އެވަގުތުގައެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 110 Stories

Other Articles

Previous

ހަޑިމިލޭރު – 10

Next

ހިތުގެ މަގުތައް-13

Next
September 6, 2026

ހިތުގެ މަގުތައް-13

Previews
September 6, 2026

ހަޑިމިލޭރު – 10

2 Comments!

  1. Your fav bab Your fav bab says:
    September 6, 2026 at 7:24 pm

    Ooo the story just got interesting!! Bravo darling!!
    Hooked up so bad can’t wait for the next one😭
    Ly💗

    1. ޝނކސ ޝނކސ says:
      September 6, 2026 at 10:12 pm

      Aww thankyou 🤍

Comments are closed.



All Right Reserved!