Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނދިރި ދުނިޔޭގެ ރަސްގެފާނު – 7

ޝނކސ
ޝނކސ Level 110 Stories
September 8, 2026 3 Mins Read
0 Comments

އިލީނާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. އޭނާގެ ހަށިގަނޑުގައި ގޮތްނޭންގޭ ކަމެއް އުޅޭކަން އިލީނާއަށް ޔަގީންވެ، ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. މިރިއަލް ބުނި ބަސްތަކުގެ މަތިން އޭނާއަށް ހަނދާންވާން ފެށީ އެވަގުތުގައެވެ

 

****

 

އިސްކުރު ހުޅުވާލުމަށްފަހު، އަތްތިލައަށް ފިނިފެންފޮދެއް ނަގައި މޫނުގައި އުނގުޅާލި ނަމަވެސް، އޭނާގެ ދެލޮލުގައިވާ އާދަޔާޚިލާފު ރަތްކުލައިގެ ދިލުން މުޅިއަކުން ފިލައިގެންނެއް ނުދިޔައެވެ. މަތީ ހިރުގަނޑުގެ ދެފަރާތުން ތޫނުވެ، ދިގުވަމުންދިޔަ ދެދަތް މަޑުމަޑުން އެތެރެއަށް ވަން ނަމަވެސް، ހަށިގަނޑުގެ އެތެރޭގައި އުފެދެމުންދިޔައީ އަލިފާންގަނޑެއް ފަދަ ހޫނުކަމެކެވެ. އޭނާގެ ކަންފަތުގައި ވަށައިގެންވާ މުޅި ކޮލެޖުގެ މާހައުލުގެ ކޮންމެ އަޑެއް، އެތައް މޭލެއް ދުރުން ސާފުކޮށް އިވެން ފެށިއެވެ. ދުރުގައި ތިބި ދަރިވަރުންގެ ހިތުގެ ތެޅުމުގެ އަޑާއި، އެކުދިންގެ ނޭވާލާ އަޑު އިލީނާގެ ސިކުނޑިއަށް ނުހަނު ބާރުބޮޑުކުރަމުންދިޔައެވެ.

 

ފާހަނާއިން ނުކުމެގެން އިލީނާ އަވަސް ހިނގުމެއްގައި ކޮލެޖުގެ މައި އިމާރާތުން ނުކުމެ، ފަހަތުގައިވާ ގަސްބޯ ޖަންގައްޔާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނާއަށް އިތުރަށް މީހުންގެ ތެރޭގައި ހުރުންވީ ނުހަނު އުނދަގޫ، އަދި ބިރުވެރި  ކަމަކަށެވެ. މީހުންގެ ހަށިގަނޑުގައި ދައުރުވަމުންދާ ހޫނު ލޭގެ ވަހުން އޭނާގެ އެތެރޭގައި މި ވީހާ ދުވަހު ކަސްތޮޅު އެޅިފައިވީ ބާރުތައް ހޭލަމުންދިޔައެވެ.

 

“އިލީނާ! މަޑުކޮށްބަލަ! އޭ އިލީނާ!!”. އިލީނާއަށް އެވަގުތު ފަހަތުން އީތަން ގޮވާ އަޑު އިވުނު ނަމަވެސް އޭނާ މަޑުކޮށްލުމެއްނެތި ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އެވަގުތު އީތަން ދުވެފައި އައިސް އިލީނާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އީތަންގެ އަތުގެ ހޫނުކަމާއި، އޭނާގެ އަތުގެ ނާރުތަކުގައި ޖަހަމުންދިޔަ ވިންދުގެ އިޙްސާސް އިލީނާގެ ނާރުތަކަށް ފޯރުމާއެކު، އިލީނާގެ ހިރުގަނޑަށް ވާންވެލިކަމުގެ އިޙްސާސްވިއެވެ. އެވަގުތު އޭނާ ސިއްސައިގެން ގޮސް، އީތަންގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ޖެހިލިއެވެ.

 

“އީތަން… އަހަރެންގެ ގާތަށް ނާދޭ! އިތުރަށް ގާތްނުވޭ! ޕްލީޒް ލީވް މީ އެލޯން!”. އިލީނާ އަނެއް ފަރާތަށް މޫނު އަނބުރާލަމުން، އަޑަށް ބާރުލާފައި ބުންޏެވެ. އޭނާގެ ސިފައަށް އަންނަމުންދާ ބަދަލު އީތަންއަށް ފެނިދާނެތީ އަނެއްކާވެސް އެތަނުން ދިޔުމަށް އޭނާ ހިނގައިގަތެވެ.

 

“އިލީނާ، ކިހިނެއްވެގެންތި އުޅެނީ؟ އަހަރެންނަށް ބަލާބަލަ!”. އީތަންގެ އަޑުގައިވަނީ އިންތިހާ ކަންބޮޑުވުމެވެ.

 

“މިރިއަލް އިލީނާއަށް ކޮންމެވެސް ކަމެއް ކުރީ ދޯ! އަހަރެންނަށް ހީވިއޭ އޭނާއަކީ ރަނގަޅު މީހެއް ނޫންހެން! އޭނާއަށް އެންމެންގެ އެޓެންޝަން ލިބޭތީ ވާ ގޮތް އެއީ! އިލީނާ، އަހަރެންނަށް އިތުބާރުކުރޭ. އަހަރެން އިލީނާ ރައްކާތެރިކޮށްދޭނަން!.”  އީތަންގެ އެ އޯގާތެރި ބަސްތަކުން އިލީނާގެ ހިތަށް ކުޑަހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު އޮތީ މުޅިން ގެއްލިފައެވެ. އޭނާއަކީ އީތަންއަށް ނުރައްކަލަކަށް ވެދާނެތީ އޭނާ އިންތިހާއަށް ބިރުގަތެވެ. އޭނާއަށް އެ ދިމާވާ ކަންތައްތަކުން އީތަންއަށް ގެއްލުމެއް ވެދާނެތީއެވެ. އިލީނާ އެނާގެ ހިނގުން މަޑު ދުވުމަކަށް ބަދަލުކޮށްލީ އީތަންއާއި ދުރަށް ދިޔުމަށެވެ.

 

“ނޫން، އީތަން! އެއްވެސް ކަމެއް ނުވޭ! އަހަރެން ބޭނުންވަނީ އެކަނިވެލަން! އާދޭސްކޮށްފައި ބުނަން، އަހަރެންގެ ފަހަތުން ނާންނާތި!”. އިލީނާ އެހެން ބުނުމަށްފަހު، ގަސްތަކުގެ ތެރެއަށް ދުއްވައިގަތެވެ. އީތަންހުރީ ހައިރާންވެ، އަންތަރީސްވެފައި އިލީނާ ދިޔަ ދިމާއަށް ބަލަހައްޓައިގެނެވެ. އިލީނާގެ ހަރަކާތްތައް އާދައިގެ އިންސާނެއްގެ ލޮލުގައި އަޅައިގަންނާނެ ވަރަށް ވުރެ ހަލުވިކަން އީތަންއަށް ފާހަގަކުރެވުނެވެ.

 

ގަސްތަކުގެ ތެރެއަށް ވަދެ، ނިވާވެވިފައިވާ އެކަނިވެރި ހިސާބަކަށް މަޑުކޮށްލުމަށްފަހު، އިލީނާ އެތަނުގައި ހުރި ފުދޭވަރަކަށް ބޮޑު ގަހެއްގެ ބުޑުގައި އިށީނެވެ. އޭރު އޭނާގެ ނޭވާ އަވަސްވެ، މުޅި ހަށިގަނޑު ތުރުތުރުއަޅަމުންދިޔައެވެ. މާހައުލުގައިވާ ކޮންމެ އަޑެއް އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. ކުޑަ ކުޑަ ސުއިއްޕެއް ގޮވައިލިޔަސް ހީވަނީ މީހަކު ތޫލި އަޑަކުން އޭނާގެ ކަންފަތްބުޑުގައި ހަޅޭލަވާހެނެވެ. އިލީނާ އެހެން އިރުކޮޅަކު އިނުމަށްފަހު  ކަންފަތްމަތީގައި އަތްއަޅައި ވޭނުން ފުރިގެންވާ ގޮތަކަށް ހަޅޭލަވާގަތެވެ.

 

“އަދިވެސް އަމިއްލަ ނަފްސާ ދެކޮޅަށް ހަނގުރާމަކުރަނީ ދޯ؟”. ކުއްލިއަކަށް ފަހަތުން އިވުނު ފިނި، އަދި މަޑުމައިތިރި އަޑާއެކު އިލީނާ ސިއްސައިގެން ގޮސް ތެދުވިއެވެ. ގަސްތަކުގެ ހިޔަނިތަކުގެ ތެރެއިން ނުކުމެގެން އައީ މިރިއަލްއެވެ. އޭނާގެ އަޅިކުލައިގެ ދެލޯ، ގަސްތަކުގެ ދޭތެރެއިން ފުރާނައިގެން އަންނަ އިރުގެ އަލީގައި ސިއްރުވެރި ގޮތަކަށް ދިލެމުންދިޔައެވެ.

 

“މިރިއަލް! އަހަންނަށް މި ވަނީ ކިހިނެއް؟؟”. އިލީނާ ރުޅިއާއި ބިރުވެރިކަމުން ފުރިގެންވި އަޑަކުން އެހިއެވެ. އޭނާ އެހެން ބުނި އިރު އޭނާގެ އަޑު ދިޔައީ ތުރުތުރު ލަމުންނެވެ.

 

މިރިއަލް މަޑުމަޑުން، އެއްވެސް އަޑެއް ނުލައި އިލީނާއާ ގާތަށް ހިނގައިގަތެވެ. “އަހަރެން އިލީނާއަށް އެއްވެސް  ކަމެއް ނުކުރަން. އަހަރެން ހަމައެކަނި ކުރި ކަމަކީ އިލީނާގެ ތި ހަށިގަނޑު ތެރޭގައި ނިދާފައިވާ ހަގީގަތް ހޭލައްވައިދިނުން! އިލީނާ، ތިއީ އާދައިގެ އިންސާނެއް ނޫން! އިލީނާގެ ހަށިގަނޑުގައިވާ ވެމްޕަޔަރަށް އަދި ކިރިޔާ އެ ހޭލެވުނީ! އަހަރެން އިލީނާގެ ތުންފަތުގައިވާ ޒަޚަމް ރަނގަޅުކޮށްދިނީ އަހަރެންގެ ލޭގެ އެހީގައި!.” އެހެން ބުނެލުމަށްފަހު މިރިއަލް އިލީނާއަށް ހިނިތުންވުމެއް ދިނެވެ. އޭގެން ނަގަންވީ މާނައެއް އިލީނާއަކަށް ނޭންގުނެވެ.

 

އިލީނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. “ވެމްޕަޔަރ؟ ނޫން… ތިއީ ދޮގެއް! އަހަރެންނަކީ އިންސާނެއް!”. އެހެން ބުނެލި އިރުގައި އިލީނާގެ އަރު ތެރެ ބެދިފައި ހުރުމުން އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. ދެލޮލަށް ފެންތައް ޖަމާވާން ފެށުމުން އޭނާ އަވަސް އަވަހަށް އެސްފިޔަ ޖަހަންފެށީ މިރިއަލްއަށް އެކަން ފާހަގަވެދާނެތީއެވެ.

 

“ތިއީ އިންސާނެއްނަމަ، ތުންފަތުގައި އިން ބޮޑު ޒަޚަމް އެންމެ ރޭގަނޑަކުން މުޅިން ފަސޭހަވީ ކީއްވެ؟”. މިރިއަލް ތޫނު ނަޒަރަކުން އިލީނާގެ މޫނަށް ބަލައިލަމުން ބުންޏެވެ. “އަހަރެން އިލީނާއަށް ދަސްކޮށްދޭނަން ތި ބާރުތައް ކޮންޓްރޯލްކޮށް، އިންސާނުންގެ ތެރޭގައި ސިއްރުން އުޅޭނެ ގޮތް.” މިރިއަލް އެހެން ބުނުމުން އިލީނާ ގަބޫލުނުކެރެވޭ ފަދައަކުން މިރިއަލްއާއި ދިމާލަށް ބަލައިލިއެވެ.

 

އެވަގުތު، ގަސްތަކުގެ ތެރެއިން އައިސް އެތަނަށް ނުކުތީ އީތަންއެވެ. އޭނާގެ އަތުގައި އޮތީ ބޯ ދަގަނޑު ބުރިއެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބަޔާންކުރަންދަތި އަސަރެކެވެ. “ހަމަ މިހާރު އިލީނާގެ ކައިރިން ދުރުވޭ!” އީތަން ހަޅޭލަވާގަތެވެ. “މިރިއަލް، ތިއީ ކާކުކަން އަހަރެންނަށް އެނގޭ! އޭނާއަށް ކަމެއް ކުރަން އުޅެފިނަމަ އަހަރެން ކަލޭ ކޮށްލާނީ ކުދިކުދި!”. އެހެން ބުނުމުން އީތަންއަށް އެތަނުގައި ދެއްކި ވާހަކަތަށް ކޮންމެސް ވަރަކަށް އަޑު އިވުނުކަން މިރިއަލްއަށް ޔަގީންވިއެވެ. އެއާއިއެކު އޭނާ އެސްފިޔަޖަހާލާހާ އަވަސްމިނުގައި އީތަންގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ. އަދި އީތަންގެ އަތުގައިވާ ދަގަނޑުބުރި އަތުލައި، އެ ދަގަނޑުބުރި ލަންބާލައި، ކުދިކުދިކޮށް މުގުރާލިއެވެ.

 

“ހުއްޓާލާ! މިރިއަލް ނޯ!!”. މިރިއަލް އަތުން އީތަންއަށް އަނިޔާއެއް ވެދާނެތީ އިލީނާ ބިރުން ގޮސް އެދެމީހުންގެ މެދަށް ވަދެ، އީތަން ސަލާމަތްކުރުމުގެ ނިޔަތުގައި އީތަންގެ މޭގައި އަތްޖައްއަޅައި ކޮއްޕާލިއެވެ. ނަމަވެސް، އެވަގުތު އިލީނާގެ ހަށިގަނޑުގައި އުފެދިފައިވާ އާދަޔާޚިލާފު ބާރުގެ ސަބަބުން، އީތަން ވިއްސައިގެން ގޮސް ޖެހުނީ އެތަނުގައި ހުރި ބޮޑު ގަހެއްގެ ބުޑަށެވެ. ގަހުގައި ޖެހިފައި އީތަން ބިންމައްޗަށް ވެއްޓުނު ތަން ފެނި އިލީނާގެ ހިތް ހުއްޓުނު ފަދައެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. ނަމަވެސް އޭނާއަށް އީތަންއާއި ކާރިޔަށް ދާކަށް ނުކެރުނެވެ.

 

“އީތަން… އަހަރެންނަށް މާފުކުރޭ. އަހަރެންގެ ފަހަތުން ނާންނާތި! އައި ޑޯންޓް ވަނާ ހަރޓް ޔޫ!!” އިލީނާ ކަރުނައިގެ ތެރެއިން ބުނެލުމަށްފަހު، މިރިއަލްއާއެކު އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭރު އީތަން އިނީ ތެދުވެ ގަސްބުޑުގައި އިށީނދެގެނެވެ. އޭނާގެ ނަޒަރު ހުރީ އެމީހުން ދިޔަ ދިމާލަށެވެ. ވިއްސައިގެން ގޮސް ޖެހުނު ބާރުމިނުން އޭނާގެ އަނގައިން ކުޑަކޮށް ލޭ އައިސްފައި ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ދެލޮލުގެ ކުލަ ގަދަ ނޫކުލައަކަށް ބަދަލުވެގެން ދިޔައެވެ. އަދި އޭނާގެ ހަޅޭކުގެ އަޑު މުޅި މާހައުލުގައި ގުގުމައިގެން ދިޔައެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 110 Stories

Other Articles

Previous

ހީލާ

Next

ހައްލަކީ ކޮބާ؟

Next
September 8, 2026

ހައްލަކީ ކޮބާ؟

Previews
September 8, 2026

ހީލާ



All Right Reserved!