އަނދިރި ދުނިޔޭގެ ރަސްގެފާނު – 5
އެއީ އޭނާގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ފަތިހު އަވަހަށް ހޭލުމަށާއި ރޭގަނޑު އަވަހަށް ނިދުމަކީ އިލީނާ އެންމެ ކުޑައިރުއްސުރެއް އިސްކަންދެމުން އަންނަ ދެ ކަންތަކެވެ. އިސާހިތަކު އިލީނާ ނިދީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައެވެ.
***
މިރިއަލް ފެންވަރައިގެން ތުވާލިން ބޮލުގެ ފެންހިއްކަމުން ފާހަނައިން ނުކުތެވެ. ބައިމަތި ފުޅާވެފައި ހަށިގަނޑުގެ މަސްތަށް ރީއްޗަށް އަތުރާލެވިފައިވާއިރު، ބަނޑުގައި ގޮޅި ޖަހައިލައިފައި ހުރުމުން ގަވާއިދުން ކަސްރަތު ކުރާކަން އިނގެއެވެ. އޭނާ އައިސް އެނދުމަތީ ޖައްސައިލުމަށްފަހު ތުވާލި ކޮނޑުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު ފޯނު ނަގައި ބަލައިލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައީ އެތަށް އިރެއް ވީ އިރުވެސް އޭނާގެ މެސެޖަށް ޖަވާބެއް ލިބިފައިނުވާތީއެވެ. އޭނާ މާޔޫސްކަންމަތީގައި ފޯނު ބާއްވައިލުމަށްފަހު ގޮސް އެ ކޮޓަރީގައި ހުރި އަލަމާރި ހުޅުވައިލިއެވެ. އެ އަލަމާރި ކަޅުކުލައިގައި ހުރި އިރު އެތެރޭގައި ހުރި، ހުރިހާ އަންނައުނުތަށް ވެސް ހުރީ ކަޅުކުލައިގައެވެ. މިރިއަލް އެތަނުން އަތްދިގު ގަމީހަކާއި ޖިންސެއް ނެގުމަށްފަހު ގަޔަށް މަހައިލިއެވެ. ކޮނޑާއި ހިސާބަށް ދިގުކޮށްލައިފައިވާ ބުޅި އިސްތަށިގަނޑު ތެރެއަށް އަތް ލައްވައި ތަޅުވައިލުމަށްފަހު ހެއަރ ކްރީމްކޮޅެއް ހާކައިލިއެވެ. އެއަށްފަހު އޭނާ އަނެއްކައިވެސް ޖައްސައިލީ އެނދުމަތީގައެވެ.
އެކޮޓަރި ފަރުމާކޮށްފައި ވަނީ ކަޅުކުލައިންނެވެ. ކޮޓަރިތެރެއަށް އަލި ވަނީ ހަމަ އެކަނި 4 ބިތުގައި ހަރުކޮށްފައިވާ 4 އުއްބައްތި ސްޓޭންޑުންނެވެ. އެއިން ކޮންމެ ސްޓޭންޑެއްގައި އެކި ވަރުވަރުގެ ތިން އުއްބައްތި ވާއިރުގައި އެ އުއްބައްތި ތަކުގައިވެސް ވަނީ ކަޅުކުލައެވެ. އެ ކޮޓަރި ތެރޭގައި ހީޓަރުގެ ބަދަލުގައި ވަނީ އޭސީއެކެވެ. މުޅިކޮޓަރިއަށް ނަޒަރު ހިންގައިލުމުން ސިފަވަނީ ގޮތިކް ރޮމޭސްޓައިޕަކަށެވެ. އެ ކޮޓަރި ބޮޑުކަމުން އާދައިގެ އެޕާރޓްމެންޓެއް ވަރުވެއެވެ. އޭނާ އެނދުމަތީގައި އިރުކޮޅަކު އިނުމަށްފަހު ފޯނު ނަގައި ގަޑި ބަލައިލީ ކޮލެޖަށް ދާން ޖެހޭނޭކަން ހަނދާންވުމުންނެވެ. ގަޑިބަލައިލިއިރުގައި ފުދޭ ވަރަކަށް ގިނަ އިރު އަދި އޮތެވެ.
މިރިއަލް އެނދުމަތިން ތެދުވެގެން ގޮސް ބެލްކަނީގެ ދޮރު ތަޅުލެވިފައިތޯ ޔަގީން ކުރުމަށްފަހު ކާރޓެއިން ރީތިކޮށްލިއެވެ. އެއަށްފަހު ގޮސް ކޮޓަރީގެ ދޮރު ތަޅުލައި ރަނގަޅަށް ތަޅުލެވުނުތޯ ޗެކް ކޮށްލިއެވެ. ދެން އަނެއްކާވެސް އޭނާ އައިސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. އަލަމާރީގެ ކަނާއަތަށް އިން ދޮރު ކަހައިލުމަށްފަހު އޭނާ އަންނައުނުތަށް އެއްފަރާތްކޮށްލިއެވެ. އެއަށްފަހު އެތަނުގެ ތެރެޔަށް އިރުކޮޅަކު އަތްބާނައި ތަޅުވައިލިތަނާ އަޑެއް ކިޔާފައި އެތަނުގެ ތެރެއިން ދަގަނޑު ދޮރެއް ހުޅުވުނެވެ. އެ ދޮރު ހުޅުވުނު އިރަށް އެ ކޮޓަރިތެރެއަށް ދުންފިނި އަރައިގެން ދިޔައެވެ. އޭނާ ދެފަރާތް ބަލައިލުމަށްފަހު އެތަނުގެ ތެރެޔަށް ވަނެވެ. އެތަނުގެ އެތެރެޔަށް ވަނުމަށްފަހު މިރިއަލް ސްވިޗަކަށް ފިތައިލިއެވެ. އެހިނދު މުޅިތަނަށް އަލިވެގެން ދިޔައީ ނޫކުލައިގެ ފަނޑު އައްޔަކުންނެވެ. ދެންމެ އޭނާ ހުރި ކޮޓަރިއާއި ހިލާފަށް އޭނާ މިހާރު ހުރި ކޮރިޑޯ ހުރީ ހުދުކުލައިން ފަރުމާކޮށްފައެވެ. އެތަން ފިނި ކަމުން އާދައިގެ އިންސާނަކަށް އެތަނުގެ ތެރޭގައި ކެތް ކުރުމަކީ ނާދިރު ކަމެކެވެ .
މިރިއަލް 5 ވަރަކަށް ފޫޓުގެ އެ ކޮރިޑޯގެ ކޮޅަށްގޮސް ހުއްޓެލުމަށްފަހު އޭނާގެ އަޅި ކުލައިގެ ލޯ ފާރާއި ގާތް ކޮށްލިއެވެ. އެވަގުތު ރަތް ކުލައިގެ ލޭޒާރ ފާޑުގެ ސްކޭނަރަކުން އޭނާގެ ލޮލަށް އަލި އެޅުމަށްފަހު އެ ފާރުން އަޑެއްކިޔައިލިއެވެ. އެވަގުތު އޭނާ ފާރުގައި އަތް އަޅައި ކޮއްޕައިލުމުން ދޮރެއްފަދައިން އެ ފާރުކޮޅުހުޅުވުނެވެ. އެއާއެކު އޭނާ އެތެރެޔަށް ވަނެވެ.
މިރިއަލް މިހާރު އެ ހުރި ކޮޓަރި މާކަ ބޮޑެއް ނޫނެވެ. އާދައިގެ ކޮޓަރިއެއްވަރު ވާއިރު އެތަނުގައިވެސް ހުރީ ހުދުކުލަ ލައިފައެވެ. ނަމަވެސް ތަފާތަކީ އެތާގައި ވަނީ ގަދަ ނޫކުލައިގެ އައްޔެއްކަމެވެ. އޭނާ ކުރިއަށް ހިނގައިލުމަށްފަހު ގޮސް އެތަނުގައި ހުރި ފިނިހޫނުމިން ޗެކް ކުރާ މެޝިން ބަލައިލިއެވެ. 2 ޑިގްރީ ސެލްސިއަސްގައި ހުރުމުން ހިތްހަމަ ޖެހިލައިފައި ހުރެ އެ ބެއިންދުމަށްފަހު އޭނާ ގޮސް ދެންމެ ވައިން ދޮރުކައިރީގައި ހުއްޓެލިއެވެ. އެއަށްފަހު ފިތަކަށް އޮބާލުމުން ކުރިމަތީ ހުރި 3 ބިތުން އަޑެއް ކިޔަފައި ކަބަޑުތަކެއް ހުޅުވުނެވެ. އެއިން ކޮންމެ ކަބަޑެއްގައި އެކި ސައިޒުގެ ލޭ ޕެކެޓު ހުއްޓެވެ. މިރިއަލް ބަލާކަށް ނުހުރެ އެތަނުގައި ކިރިޔާ ހުސްނުވެ އިން ލޭ ޕެކެޓެއް ނެގުމަށްފަހު ކަރުތެރެ ތެމޭވަރަށް އަރުން އެތެރެ ކޮށްލިއެވެ. އެވަގުތު އޭނާއަށް ލޯ މަރައިލެވުނީ ހަށިގަނޑަށް ވީ އަރާމަކުންނެވެ. ނަމަވެސް އޭނާއަށް ރަނގަޅަށް ބަލައިލި މީހަކަށް އޭނާ އަމިއްލަ ނަފްސަށް ބާރު ފޯރުވަމުން ދާކަން އިނގޭނެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އިތުރަށް އެ ލޭޕެކެޓްތަށް ބޭނުން ނުކުރުމަށެވެ.
މިރިއަލްގެ ނަފްސު ކޮންޓްރޯލުން ނައްޓައިގެން ދިޔައީ ބަސް ބުނާހައި މަދު ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާ ގޮސް އެތަނުން ފުރާ އޮތް ލޭޕެކެޓެއް ނެގުމައްފަހު އަނގަ ހުޅުވައިލިއެވެ. އެވަގުތު މިރިއަލްގެ އަނގައިގެ ތެރޭގައި، މަތީ ހިރުގަނޑުގައިވާ 2 ސެންޓިމީޓަރުގެ ދެ ފޭރާދަތް ހާމަވެގެން ދިޔައެވެ. އެ ދެފޭރާދަތް ލޭޕެކެޓު ތެރެއަށް ކޮއްޕައިލުމަށްފަހު، އޭނާ އެ ލޭޕެކެޓުގައި އަނގަ ޖެހުމަށްފަހު ބޯން ފެށިއެވެ. އޭނާ ދެލޯ ހުޅުވައިލިއިރުގައި އެ އަޅިކުލައުގެ ކަޅީގެ ބަދަލުގައި ހުރީ ރަން ކުލައިން ދިލިފައެވެ
މިރިއަލްއަށް އެލޭ ޕެކެޓްތަަށް ބޭނުންކޮށްފިނަމަ އޭނާގެ ބާރުތަށް ވަރުގަދަ ވާނޭކަން އިނގެއެވެ. ނަމަވެސް ބަދަލުގައި އޭނާގެ ހަށިގަނޑު އޭނާގެ ބާރުގެ ދަށަކު ނޯންނާނެއެވެ. ނަމަވެސް އޭނާ ފަދަ ވެމްޕަޔަރުން ލޭގެ ކުޑަ މިންވަރެއްވެސް ބޭނުން ނުކުރާނަމަ އިރުގެ އަލީގައި ކެތްކުރުމަކީ ނާދިރު ކަމެކެވެ. މިރިއަލްއަށް ހަމަބިމަށް އާދެވުނު އިރު އޭނާގެ މުޅި އަނގަމަތީގައި އާއި ކަރުދޮށުގައި އޮތީ ހުސް ލެޔެވެ. ފައިބުޑުގައި ހުސްވެފައި އޮތް ދެތިން ލޭޕެކެޓް ވެއްޓިފައި އޮތެވެ. އޭނާ ބިންމަތިން އެ ލޭޕެކެޓްތަށް ނެގުމަށްފަހު އެ ކޮޓަރީގައި ހުރި ޑަސްބިނެއް ހުޅުވުމަށްފަހުގައި އޭގެ ތެރެއަށް އަޅައިލިއެވެ. އެއަށްފަހު އޭނާ ލައިގެން ހުރި ކަޅުކުލައިގެ ގަމީސް ބޭލުމަށްފަހު އޭގެން ބިންމަތި ސާފުކޮށްލިއެވެ.
އޭނާ އެތަނުގެ ތެރެ ކުރިން އޮތް ގޮތަށް ބަދަލުކޮށްލުމަށްފަހު ލައިޓުތަށް ނިއްވައިލަމުން އެތަނުން ނުކުތެވެ. އެއަށްފަހު ކޮރިޑޯ ތެރެއިން ނުކުތެވެ. އެތަނުގެ ލައިޓްވެސް ނިވައިލުމަށްފަހު އޭނާ އަލަމާރިތެރެއިން ނުކުތެވެ.
މިރިއަލްގެ މޫޑު ގޯސްވީ އަނެއްކާ ފެންވަރަން ޖެހޭނޭކަން ހަނދާންވުމުންނެވެ. މުޅި ގައިގައި އޮތީ ހުސް ލޭ ވިއްޔާއެވެ. އޭރު އޭނާގެ ކަޅިއަށްވެސް ވަނީ އަޅިކުލަ އަރައި ހަމަޖެހިލައިފައެވެ. އޭނާ ގަމީހާއި ޖީންސް ދާވަށިގަނޑަށް ލުމަށްފަހު އެނދުމަތީގައި އޮތް ތުވާލި ހިފައިގެން ފާހަނާއަށް ވަނެވެ.
***
އިލީނާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭރު އޭނާ ހުރީ ދާހިއްލައި ފޯވެފައެވެ. އޭނާގެ މޫނުމަތިން ބިރުގެ އަސަރާއިއެކު ވަރުބަލިކަން ފާހަގަވާން ހުއްޓެވެ. އޭނާ ފެނުން ހުވަފެނާއިމެދު ވިސްނައިލިއެވެ. އެހެން އޮއްވައި އޭނާ ސިއްސައިގެން ދިޔައީ ފޯނު އެލާރމް ވުމުންނެވެ. އިލީނާ ފޯނު ނަގައި އެލާރމް ނިއްވައިލުމަށްފަހު އަލަމާރިތެރެއިން ލާނޭ ހެދުމެއް ނެގުމަށްފަހު ފާހަނާއަށް ވަނީ ކޮލެޖަށް ދިއުމުގެ ކުރިން ފެންވަރައިލައި ނަމާދުކޮށްލުމަށެވެ. (ނުނިމޭ)
One Comment
Comments are closed.

this feels like a twilight fanfic