Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 51

Anaq Level 310 Stories
August 31, 2026 5 Mins Read
0 Comments

ޖެހިލުންވެ ހުރެވެސް އަހަރެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޔޫސުފް ޖަލީލްއާއި ގާތަށް ނެގީމެވެ. ވާންއުޅޭ ބަފައިބެގެ ބަހަށް ބޯލެނބީމެވެ. ކުރިއަށް އޮތްތާ މިކަހަލަ ކިތަންމެ ފަހަރަކު ޔޫސުފް ޖަލީލްގެ ކުރިމައްޗަށް އަންނަން ޖެހޭނެކަން ދެނެގަތީމެވެ.

********

 

ޔޫސުފް ޖަލީލްއާއި ދެ ފޫޓެއްވަރުގެ ދުރުގައި އަހަރެން ހުއްޓިލީމެވެ. ޖެހިލުންވެ ހުރެވެސް ލުއި ހިނިތުންވުމެއް ދެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ހީކުރިހާ ފަސޭހަ ކަމަކަށް އެކަން ނުވިއެވެ.

” ކިހިނެތް ހާލު…….؟” ޔޫސުފް ޖަލީލްގެ ބަރު އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން އަހަރެންގެ ގައިން ހުރިހާ ލޯޅިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅީ މީހާ ފިނިވެގެން ދިޔައެވެ. އަހރެން ހީކުރި ގޮތާއި ހިލާފަށް ޔޫސުފް ޖަލީލް ވާހަކަ ދެއްކީ ވަރަށް އާދައިގެ ކޮށެވެ. އެއްވެސް ބޮޑާ ކިބުރުވެރި އަދި މީހުން ސިފަކުރާހާ ހަރުކަށި ކޮންނެއް ނޫނެވެ.

” ރަ….. ރަނގަޅު…” އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަހަރެން ޖަވާބު ދިނީމެވެ.

” ނަވީންގެ ގާތުގައި ބުނިން ތި ދެކުދިންގެ ކައިވެންޏަށްފަހު މިގޭގައި އުޅުމަކީ ބައްޕަގެ ވަރަށް ބޮޑު އެދުމެކޭ… ބުނިތަ އެވާހަކަ….؟” ޔޫސުފް ޖަލީލް އަހައިލިއެވެ. އަދި ބައްޕަ ކިޔައިގެން ވާހަކަ ދެއްކި ގޮތުން އަހަރެންގެ ހިތުގައިވީ ޖެހިލުންވުމުން ބައެއް ކުޑަކޮށް އުނިވިހެން ހީވިއެވެ. ޔޫސުފް ޖަލީލްގެ ސުވާލަށް އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.

” ކަމުދޭތަ މިގެ…..؟” އިތުރު ސުވާލެއް އަނެއްކައިވެސް ޔޫސުފް ޖަލީލް ކޮށްލިއެވެ. އެ ބަރު އަޑުގައި ހިސާބެއްގެ ގާތްކަމަކާއި އޯގާތެރިކަން އެކުލެވިގެން ވިއެވެ. އަހަރެން އަނެއްކައިވެސް މަޑުމަޑުން ބޯ ޖަހައިލީމެވެ.

” ޒާނާ ބޭނުމިއްޔާ ޒާނާއަށް ފެންނަ ބަދަލެއް ގެނަޔަސް ބައްޕައަށް މައްސަލައެއް ނެތް…. އެކަމަކު ބައްޕައަށް އަނގާލާތި…..” ޔޫސުފް ޖަލީލް ބުނެލިއެވެ.

” ނޫން…. ރަނގަޅު ހަމަ. އަޅުގަނޑަށް ހަމަ ކަމުދޭ… ބަދަލެއް ގެންނާކަށް ބޭނުމެއް ނޫން…..” އަހަރެން ހިނިތުންވެލަމުން ބުނީމެވެ. މައްސަލައެއް ނެތޭ ބުނެލާފަދަ ގޮތަކަށް ޔޫސުފް ޖަލީލް ބޯ ޖަހައިލިއެވެ. ދެން އެތަނަށް ވެރިވީ މަރުފަދަ ހަމަހިމޭން ކަމެކެވެ. އިސްދަށަށް ޖެހި ގޮތަށް އިސްނަގަން ނުކެރިފައި އަހަރެން ހުރީމެވެ. ޔޫސުފް ޖަލީލްވެސް އިތުރު ވާހަކައެއް ނުދައްކައި ހުއްޓެވެ.  އިތުރު އެހެން މުއާމަލާތެއްވެސް ދެމެދުގައި ނުހިނގައި މިނެޓެއް ފާއިތުވިއެވެ. ޔޫސުފް ޖަލީލް އިތުރު ވާހަކައެއް ބުނެދާނެތީ ވާހަކައެއް ދައްކަންވެސް ނުކެރިފައި އަހަރެން ހުރީމެވެ. އެހެން ނޫނަސް ޔޫސުފް ޖަލީލް ފަދަ ބޭފުޅަކާއި ދައްކާނެ ވާހަކައެއް އަހަރެންގެ ބޮލަށް ނުވެސް އަންނަނީއެވެ. ހަމަ އެހެންމެ އެތަނުން ދުރަށް ދާނެ ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ.

” ކައިވެނީގެ ކަންކަން ކިހިނެތް ދަނީ…..؟ ދަތިވާ ކަމެއް އެބަ އޮތްތަ….؟” ހަމަހިމޭންކަން ނެތިކޮށްލަމުން ޔޫސުފް ޖަލީލް އަހައިލިއެވެ.

” ރަނގަޅު…. ހުރިހާ ކަމެއްވެސް ރަނގަޅު ހަމަ. ހެދުން ނޫނިއްޔާ ހުރިހާ ކަމެއްވެސް ފައިނަލް ހަމަ….” އަހަރެން ޔޫސުފް ޖަލީލައަށް ބަލައިލަމުން އާދައިގެ ގޮތަކަށް ބުނެލީމެވެ.

” ހެދުން…..؟ ކީއްވެ ހެދުން….؟” ދެބުމަ ގާތް ކޮށްލަމުން ސުވާލު އުފެދިފައި ޔޫސުފް ޖަލީލް އަހައިލިއެވެ.

” އެއީ ދެން ކަމުދާ ކަހަލަ ހެދުމެއް ނުފެންނަނީ އަދި….” ޔޫސުފް ޖަލީލް ހީކުރާނެ އެއްޗެއް ނޭނގޭތީ ލަދުވެތި ގޮތަކަށް ހީލަމުން އަހަރެން ބުނީމެވެ.

” ބޭރުން އޮންލައިންކޮށް ނުބަލަން…؟” ޔޫސުފް ޖަލީލް އަހައިލިއެވެ.

” ނޫން ބެލިން…. މިކޮޅު ޑިޒައިނަރުންގެ ކައިރިއަށްވެސް ދިޔައިން …. އެކަމަކު ހަމަ ނުފެނުން….” އަހަރެން ބުނީމެވެ.

“އެހެންތަ…؟” ވިސްނައިލަމުން ބުނެލާފަދަ ގޮތަކަށް ޔޫސުފް ޖަލީލް ބުނެލިއެވެ.

” ކޮން ކަހަލަ ހެދުމެއްތަ ކަމުދަނީ…..؟” އަހަރެން ހީނުކޮށް ހުރި ސުވާލެއް ޔޫސުފް ޖަލީލް ކޮށްލިއެވެ. އަހަރެންނަށް ހުއްޓުން އަރާ ކަހަލަ ގޮތެއްވީ އެސުވާލަށް ދޭނެ ޖަވާބެއް އަހަރެންގެ އަތުގައި ނެތުމުންނެވެ.

” އެހެން ނޭނގެ… ހިތްކިޔާ ކަހަލަ…. ހާއްސަ…..” އަހަރެން ބުނީމެވެ. މާނަފުން ހިނިތުންވުމެއް ޔޫސުފް ޖަލީލްގެ ތުންފަތަށް އެހިނދު ވެރިވިއެވެ. އަހަރެންގެ ހައިރާންކަން ވީ ހައްތަހާ އިތުރެވެ. އަބަދު ސީރިއަސްކޮށް މޫނުމަތި ފެންނަ، ޔޫސުފް ޖަލީލްފަދަ ބޭފުޅެއް ހޭނެ ވަރުގެ އެއްޗެއް އަހަރެންނަށް ބުނެވުނީ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ވިސްނުންތެރިކަމާއިއެކު އަހަރެރެންނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޔޫސުފް ޖަލީލްގެ ފަހަތުގައިވީ ލަކުޑި ބޮޑު ދޮރު ހުޅުވާލިއެވެ. ދޮރުން އެތެރެއަށް ވަނުމާއިއެކު ދޮރު ލެއްޕުނަ ނުދީ ހިފަހައްޓާއިލަމުން އެތެރެއަށް ވަންނާށޭ އަހަރެންގެ ގާތު ބުނެލިއެވެ. ޖެހިލުންވެ އަދި ސުވާލު އުފެދިފައި ހުރެވެސް އަހަރެން ޔޫސުފް ޖަލީލްގެ ބަހަށް ކިޔަމަންތެރި ވީމެވެ.

އެއީ ލައިބްރަރީއެކެވެ. ހަތަރު ފަރާތުގައިވީ ފޮތް ތަކުން ބަރާވެފައިވީ ފޮތް ހަރުގަނޑުތަކެވެ. ހަމަ ގައިމުންވެސް އެކިކަހަލަ ފޮތްތައް އެތަނުގައި ނަން ހުސްކޮށް ހުންނާނެއެވެ.  ކޮޓަރީގެ މެދުގައިވީ ބޮޑު މޭޒާއި އެއްފަރާތުގައިވީ މަޑު އަރާމު ސޯފާތަކެވެ. އެތަނުގައިވީ އަނދިރި ކުލައިން ވެފައިވީ އަނދިރިކަން، އެއްފަރާތުގައިވީ ބޮޑު ބިއްލޫރިގަނޑުން ދީފާއިވީ އިރުގެ އަލިކަމުން ނެތިކޮށްލައެވެ. ހިތްގައިމު އަދި ހިތްފަސޭހަ ގޮތެއް އެތަނުގައި ހުއްޓެވެ.

” ޒާނާ…..” އާޝޯހުވެފައި އަހަރެން ހުއްޓައި ޔޫސުފް ޖަލީލްގެ ބަރު އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އޭރު ޔޫސުފް ޖަލީލް ހުރީ އެކޮޓަރި ތެރޭގައިވީ އެހެން ދޮރެއް ހުޅުވައިލައިގެންނެވެ. ޔޫސުފް ޖަލީލްގެ އިޝާރާތަށް މަޑުމަޑުން އަހަރެން އެ ކޮޓަރިއަށްވެސް ވަނީމެވެ.

އެއީ ނުހަނު ބޮޑު ވޯކިން ކްލޯސެޓެކެވެ. އެތަނުގައިވީ ރީތި ޑިޒައިންތަކުގެ އެކި ކުލަކުލައިގެ ހެދުންތަކެވެ. ޕާޓީތަކަށާއި ހާއްސަ މުނާސަބަތުތަކާއި ހަފްލާތަކަށް ކަމުދާނެ ހެދުމުން ފެށިގެން އެންމެ އާދައިގެ ހެދުންވެސް އެތަނުގައި ހުއްޓެވެ. މަޝްހޫރު ބްރޭންޑްތަކުގެ ފައިވާނާއި ބޫޓާއި އަތްދަބަހާއި އަގުބޮޑެތި އެތަކެއް ގަހަނާތަކެވެ. އަންހެން ކުއްޖަކު އުފަލުން މަރުވާހާ ހިތްގައިމުވެފައި ރީތި އެއްޗެހި އެތާނގައި ވިއެވެ.

ނަމަވެސް އަހަރެންގެ ނަޒަރު އަތުލީ ވޯކިން ކްލޯސެޓްގެ އެންމެ ބިއްދަށުގައި ވަކިން ބައިންދާފައި އިން ހުދު ވެޑިން ޑްރެސްއެވެ. މީހަކު އަޅައިގަންނަހާ ސިފަތަކެއް ނެތްކަމުގައި ވިޔަސް އަހަރެންގެ ހިތާއި އެހެދުން ކުޅެލީ ރީތިވެފައި ސާދާ ކަމުންނެވެ. ފަސްބައި ފުޅާ އެހެދުމުގެ ކަރު ބޮޑުވެފައި ފުނެވެ. ހެދުމުގެ އަތް އިންގޮތުން އެ ހެދުން ބޮޑަށް ވައްތަރީ އޮފްޝޯލްޑާ ހެދުމަކާއެވެ. ލޭސް ފޮތީގެ ތުނި އަތެއްވާއިރު ހެދުމުގެ މެޔާއި ހަމައިން ތިރީގައިވީ ލޭސްގަނޑުގައި، ދުރުދުރުގައި ހުދު މާޖެހި ޑިޒައިނެއް ވިއެވެ.  މާ ގޮތްބޮޑު ނޫން އާދައިގެ ވަރަށް ސީދާ ސާދާ ހެދުމެކެވެ. ހެދުމަށް ބަލާލުމުން އެއީ އާދައިގެ ވަރަށް ވުރެން ކުޑަ ފަލަކަމެއް ހުރި މީހެއްގެ ހެދުމެއްކަން ދޭހަވާހާވިއެވެ. އަހަރެންނަށްވެސް އެހެދުން ހެޔޮވަރުވާނެ ކަމުގައި އަހަރެންގެ ހިތް ބުނެލިއެވެ.  ހެދުމާއި ޖެހިގެން އިނީ ފިރިހެނެއްގެ ސޫޓެކެވެ. ހުސް ހުދުކުލަ ހިމެނޭ އެ ސޫޓުގައިވެސް މާބޮޑު ގޮތް ތަކެއް ހަދާފައެއް ނުވެއެވެ. ހެދުމާއި ގުޅޭނޭ ގޮތަށް ޖީބު ކައިރީގައި ހަރުކޮށްފައިވީ މާގަނޑު ފިޔަވައެވެ.  އަހަރެންނަށް މަޑުމަޑުން އެ ހެދުން ރައްކާކުރެވިފައިވީ ބިއްލޫރި ފޮށިގަނޑުގައި އަތް ޖައްސައިލެވުނެވެ. ބަސްބުނުމަކާއި ނުލައި އިތުރު ވިސްނުމަކާއި ނުލައި އެއީ އަހަރެންގެ ވެޑިން ޑްރެސް ވެސް އިންނަން އެންމެ ލާއިޤުކަން ބޮޑު ގޮތް ކަމުގައި އަހަރެންގެ ހިތް އެއްބަސްވިއެވެ. އެ ހެދުމަށް އަހަރެންގެ ހިތް އެކަށް ގޮސް ހުސްވިއެވެ.

” ކަމުދޭ…..؟” ޔޫސުފް ޖަލީލްގެ އަޑުއައީ އަހަރެންގެ ފަހަތުންނެވެ. އަހަރެން ފަސްއެނބުރި ބަލައިލި އިރު އެތަނުގެ މެދުގައި ހުރި ބޮޑު ބިއްލޫރި މޭޒުގެ ކައިރީގައި ހުރި ގަހަނާތަކުގެ ކައިރީގައި ޔޫސުފް ޖަލީލް ހުއްޓެވެ.

” ލައްބަ….. ވަރަށް ރީތި….” އިހުތިޔާރަކާއި ނުލައި އަހަރެންނަށް ހިނިތުންވެވުނެވެ. އެހިނދު އަނެއްކައިވެސް ޔޫސުފް ޖަލީލްގެ މޫނު މަތިން ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް މިފަހަރު އެއީ އުފާވެރިކަމަށް ވުރެން ބޮޑަށް ހިތްދަތި ހިނިތުންވުމެކެވެ.

” އެނގޭތަ…؟ އެންމެ ފުރަތަމަ އަހަރެން މައުރާ މިތަނަށް ގެނައި ދުވަހު، މި ރީތި ހެދުންތަކާއި މި އެކި ބްރޭންޑްތަކުގެ ފައިވާނާއި ދަބަސްތަކާއި މި އަގުބޮޑެތި ގަހަނާތައް ހުއްޓައި މައުރާގެ ނަޒަރު އެންމެ ފުރަތަމަ ވެސް ހުއްޓުނީ ހަމަ އެ ހެދުމަށް…..” ޔޫސުފް ޖަލީލް ބުނެލިއެވެ.

” މީގެ ކުޑައިރުކޮޅެއް ކުރިން ޒާނާގެ ނަޒަރުވެސް ހަމަ އެހެދުމަށް ހުއްޓުނު ގޮތަށް….” ޔޫސުފް ޖަލީލް އިސްޖަހައިލަމުން ވާހަކަ ދެއްކި ގޮތުން އަހަރެން ހައިރާންވިއެވެ. އެއީ ޔޫސުފް ޖަލީލްއަށް ދައްކަން އެހައިވެސް އުނދަގު ވާހަކަތަކަކީ ހެއްޔެވެ؟ އަނބިމީހާދެކެ އަދިވެސް ޔޫސުފް ޖަލީލް ކޮޅުނެތް ކޮޅަށް ލޯބިވޭ ހެއްޔެވެ؟ އެއީ ކޮންފަދަ މަތިވެރި ފުން ލޯތްބެއް ބާވައޭ އަހަރެންގެ ހިތް ސުވާލު އުފެއްދިއެވެ.

” އެއީ ހަމަ އާދައިގެ ހެދުމެއް… އަގެއްވެސް ބޮޑެއް ނޫން… މަޝްހޫރު ބްރޭންޑެއްގެ ހެދުމެއްވެސް ނޫން… އެކަމަކު އެ ހެދުމުގެ އަގު އަހަރެންނަށް މިތާ މިވާ އެހެން ހުރިހާ އެއްޗަކަށް ވުރެން އަގުބޮޑު…. އެނގޭތަ އެއީ ކީއްވެގެން ކަން… އެއީ ހަމައެކަނި އަހަރެންނާއި މައުރާގެ ކައިވެނީގެ ދުވަހު މައުރާ ލީ ހެދުމަށް ވީމަ އެކަންޏެއް ނޫން… އެއީ މައުރާ އެންމެ އަޅައިގަތް މައުރާއަށް އެންމެ ކަމުދި އެއްޗަށް ވީމަ….” ޔޫސުފް ޖަލީލްގެ އަޑުގައި ކޮންމެވެސް ވަރަކަށް ހިތްދަތިކަން ވިއެވެ. ޔޫސުފް ޖަލީލްގެ ވާހަކައިން އެއީ ނަވީން މަންމަގެ ހެދުމެއްކަން އަހަރެންނަށް ނަގައިގަނެވުނެވެ. އެހެދުން އެހައި ހާއްސަވަނީ ކީއްވެގެން ކަން އަހަރެންނަށް އެނގުނެވެ.

” ޒާނާ ކަމުދާ ހެދުމެއް ނުފެނިގެން އުޅޭ ވާހަކަ ބުނީމަ ހިތަށް އެރީ ހަމަ ދައްކައިލާނީއޭ….. އަހަރެން ހަމަ ހީކުރި ގޮތަށް ޒާނާއަށް ކަމުދިޔަކަން ތި މޫނަށް އަރައި ފޭބި ކުލަތަކުން އެނގިއްޖެ…. އަހަރެން އެދެނީ ޒާނާގެ ކައިވެނީގެ ދުވަހު މިހެދުން ލުން……” ޔޫސުފް ޖަލީލްގެ އެދުން ހާމަކޮށްލިއެވެ. އަހަރެންގެ ދެލޯ ބޮޑުވީ ސިހުނު ވަރުންނެވެ. އެ އެދުމާއި އިންކާރު ކުރަން ބޭނުންވިއެވެ.  ޔޫސުފް ޖަލީލްފަދަ ބޭފުޅެއްގެ ހަޔާތުގައި އައި އެންމެ ހާއްސަ ދުވަހު ޔޫސުފް ޖަލީލްގެ އަނބިމީހާ ލައިގެން ހުރި ހެދުން ލުމަށް އަހަރެންނަށް ކެރިދާނެ ހެއްޔެވެ؟ ނުވަތަ އެއީ ލާއިޤު ކަމެއް ހެއްޔެވެ؟ ނުވަތަ އެއީ އަހަރެންނާއި އެކަށޭނަ ކަމެއް ހެއްޔެވެ؟

” އެކަމަކު އަޅުގަނޑު……” އަހަރެން އިންކާރު ކުރުމަށް އަނގަ ހުޅުވައިލީމެވެ.

” ޒާނާ…. މިއީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް…. ” ޔޫސުފް ޖަލީލް އާދޭހާއި އެކު އެދުނެވެ. އަހަރެންގެ އަނގަ ބަންދުވިއެވެ.

” މައުރާ ދުނިޔޭގަ ނެތަސް މައުރާ އަދި އެއްފަހަރު ފެނުނު ފަދަ އިހުސާސެއް ޒާނާ އެހެދުން ލައިގެން ހުއްޓަ ފެނިއްޖެއްޔާ ކުރެވޭނެ…. އެއީ ޒާނާއާއި މައުރާއާއި ވަރަށް އެއްގޮތް ކަމެއް އެބަހުރި… އުޅުމުގައިވެސް ސިފައިގަވެސް….. އެހެންވެ… އަނެއްކާ މައުރާ ދުނިޔޭގަ ހުރިނަމަ މައުރާވެސް ވަރަށް ހިތްހަމަޖެހުނީސް މިގޮތާ….” ޔޫސުފް ޖަލީލް އެދުނެވެ. އެފަދަ ބޭފުޅެއް އެވަރަށް އެދޭނީ އެކަމެއް ވަރަށް މުހިންމު ވީމަކަން އަހަރެންނަށް އެނގުނެވެ. އެފަދަ ގޮތަކަށް އެދުމުން ނޫނެކޭ ބުނަން އަހަރެން ލަދުގަތެވެ. އަނެއްކޮޅުން ނަވީންގެ ބައްޕަ ވީމަ ހިތުގައި އޮތް އިހުތިރާމްވެސް ބޮޑެވެ. އަހަރެން އެންމެ ފަހުން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލީމެވެ.

” ޒާނާއަށް ހެޔޮވަރުވާނެހެން ހީވަނީ… ހެޔޮވަރު ނޫނިއްޔާ ހެޔޮވްރު ކޮށްލިޔަސް މައްސަލައެއް ނެތް…..” ޔޫސުފް ޖަލީލް ލުއި ހިނިތުންވުމެއް ދިނެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.

ހެދުމާއި އެކު ނަވީންގެ މަންމަ ބޭނުން ކުރި ފައިވާނާއި ބޮލުގައި ޖެހި މާގަނޑުވެސް ޔޫސުފް ޖަލީލް އަހަރެންނަށް ދިނެވެ. އަހަރެންނަށް އެވަގުތު އެތަކެއް ހަޤީޤަތް ތަކެއް ފަހުމް ވިއެވެ. . ޔޫސުފް ޖަލީލްގެ ހިތުގައިވެސް ނަވީންއެކޭ އެއްފަދައިން އަހަރެންނަށް ވަނީ ވާރަށް ހާއްސަ މަޤާމެއް ދެވިފައެވެ. އަދި އަހަރެންނަކީ އެދެބަފައިންގެ ވަރަށް ބޮޑު އުއްމީދެއްގެ ފެށުމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 310 Stories

Other Articles

Previous

ނޭދެން ވަކިވާކަށް 36 ވަނަ ބައި

Previews
August 31, 2026

ނޭދެން ވަކިވާކަށް 36 ވަނަ ބައި



All Right Reserved!