Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަވައްޓެރިޔާ! – 8

Eyesh Level 310 Stories100 Comments500 Comments
August 31, 2026 6 Mins Read
2 Comments

އަހަރެންނެކޭ އެއްފަދައިން ސަމީރުވެސް ހުރިތަނުން ގުޑިލަންވެސް ނުކަރިފައި އިރުކޮޅަކު އެހެން ހުއްޓެވެ. އެއަންހެންމީހާ ސަމީރުއަށް ނުފެނި ގެއްލުނީއެވެ. ނަމަވެސް ފާރުގައިހުރި ލިޔުންކޮޅު ފެނިފައި ސަމީރު ހުރީ ބިރުންނެވެ. އެލިޔުންކޮޅު ފޭދެމުން ގޮސް، އެއްކޮށް ފޮހެވި ގެއްލުމުން ފާރުގެ އެތަނުން އެއްޗެއް ފާހަގަވާން ހުއްޓެވެ. އަހަރެން ގޮސް ފާރުގެ އަތަނުގައި އަތް ހާކާލީމެވެ. އަހަރެންގެ އެޕާޓްމެންޓުގެ ބޭރު ފާރުގައި ލިޔެފައި ހުރިހެން، އެއްޗަކުން ރޮނގު އަޅާ އުސޫލުން މިފާރުގައިވެސް ލިޔެފައި ހުއްޓެވެ. ނަމަވެސް ލިޔެފައިވާ ލިޔުންކޮޅު ތަފާތެވެ. “އޭނާއަށް ފެނުން” … ހަމަ މޮހޮރެއްކަހަލަ އެއްޗަކުން ލިޔެފައިވާ އެލިޔުންކޮޅު އަހަރެން ކިޔާލީމެވެ.

“މީ ކުރިންވެސް މިތާ ލިޔެފައި ހުރި އެއްޗެއްދޯ… ހީވަނީ ވަރަށް ދުވަސްވެފަހެން މިތަނަށް މިހުރީ..”

ސަމީރު ގޮސް އެތަނުގައި އަތްހާކާލަމުން ބުންޏެވެ. ސަމީރުގެ މޫނުމަތިން އޭނާ މާޒީގެ ތެރެއަށް ގެއްލިފައިވާހެން ހީވިއެވެ. އަހަރެން އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރުމުގެ ކުރިން ސަމީރު އެތެރެއަށް ވަދެ ދޮރުލެއްޕިއެވެ.

 

 

ކާކަށް ކޯއްޗެއް ފެނުނީބާއެވެ. އެވަގުތު އެއްވެސްކަމެއް އިތުރަށް ސާފުނުވާނެކަން އެނގޭތީ ހިތުގައިހުރި ސުވާލުތަކާއެކު އަހަރެންވެސް ގޮސް އަހަރެންގެ އެޕާޓްމެންޓަށް ވަނީއެވެ. އެރޭ އަހަރެން އެކަމާ ވަރަށްވިސްނީމެވެ. އެއަންމީހާ އަކީ ޖިންނިއެއް އެކެވެ. ރޫހާނީއެއްޗެކެވެ. އޭނާއަށް ކޮންމެވެސް އެއްޗެއް ފެނުނީތާއެވެ. އޭނާއަށް ސަނޫރާ ގެއްލުނު ރޭގައި ހިނގާދިޔަ ކަމެއްވިއްޔާ ފެނިފައި ހުރީތާއެވެ. އެއަންހެންމީހާ އަހަރެން ބިރުދައްކަން ނޫޅެ ކަންކަން ސާފުކޮށްދޭން އުޅޭކަން އަހަރެންނަށް ވިސްނެއެވެ. އޭނަ އެމަސައްކަތް ކުރަނީ އަހަރެންނަށް ހުރިހާ އެއްޗެއް ކިޔާދޭންބާއެވެ.. އެކަމަކު އެމީހާ ސަނޫރާގެ ސިފައިގައި އެފެންނަނީ ކީއްވެބާއެވެ… އަހަރެން ކުޑައިރު އޭނަގެ ދެއަތުން އަހަރެން މިގެއިން ނެރުނޭ އޭނަ ބުނިޖުމުލައިގެ މާނައަކީ ކޮބާ ބާއެވެ.

 

ހިތުގައި އުފެދެމުން ދިޔަ އެކި އެކި ސުވާލުތަކުން މީހާ ހާސްވާހެން ހީވާން ފެށިއެވެ. މިހާރުވެސް ކޮންމެ ސުވާލެއްގެ ޖަވާބެއްގެ ފަހަތުން އަންނަނީ އިތުރު ސުވާލު ތަކެކެވެ. އަހަރެން ދެލޯމަރައި ފުންކޮށް ނޭވާލާން ފެށީމެވެ. މިވެދިޔަ ހުރިހާކަމަކާވެސް އަހަރެން ކުރިމަތިލައިފީމެވެ. ވީމާ ކުރިއަށް ހުރިކަންތައް ތަކަށްވެސް އަހަރެންނަށް ކުރިމަތިލެވޭނެއެވެ.

………

އަނެއްދުވަހުވެސް އާދައިގެ މަތިން ހެނދުނު ތެދުވެ ތައްޔާރުވެގެން އޮފީހަށް ދިޔައީމެވެ. އޮފީހުގެ އެކި މަސައްކަތްތަކުގައި އިންއިރުވެސް އަހަރެންނަށް ސިފަވަމުން ދިޔައީ ސަމީރުގެ މޫނެވެ. އޭނާގެ މޫނުމަތިން ރޭގައި ފެނުނު ބިރެވެ.

 

 

އެދުވަހު މެންދުރުގެ ލަންޗް ބްރޭކް ގަޑީގައި އަހަރެން އޮފީހުން ނިކުތީމެވެ. ހެދުމެއް ގަނެލަން ވިސްނައިގެން އެހިސާބުގައި ހުންނަ ހެދުންއެއްޗެހި ވިއްކާ ފިހާރައަކާ ދިމާލަށް މިސްރާބު ޖެހީމެވެ. ހިނގާފައި ތަންކޮޅަކަށް ދެވުނުތަނުން ފަހަތުން މީހަކު އަހަރެންގެ ނަމުން ގޮވާލިއަޑަށް ބަލާލީރު ފަހަތުގައި ހުރީ ނާއިލްއެވެ.

” ނޫރާ ނުވެސް ފެނޭ މިހާރު ސިމްފަނީއިން… ކޮފީއެއް ބޯންވެސް ނުދަނީތަ؟..” ނާއިލް ހީލަމުން އަހާލިއެވެ.

“އާނ… ބިޒީ ވީމަ ނުދެވެނީ… ބައެއް ރޭރޭ ފޫހިވީމަ އެކަނި އެތަނަށް ދަނީ ކޮފީއެއްބޯލަން..” އަހަރެން ޖަވާބުދިނީމެވެ.

“ހުރިހާ ކަމެއް އޯކޭތަ؟ ނޫރާ ކަމަކާ ހާސްވެފަހުރިހެން ހީވަނީ..” ނާއިލް އަހާލިއެވެ.

“އާނ… ސަމް ފެމިލޯ އިޝޫސް…”

އަހަރެން އެހެން ބުނުމުން އިތުރު އެއްޗެއް ނާހައި ނާއިލް ބޯޖަހާލިއެވެ. ނާއިލް އަހަރެންނާއެކު ތަންކޮޅަކަށް ހިނގާފައި ދިޔައެވެ. އޮފީސް ބިޒީ ވާހަކަޔާ، މިދުވަސްކޮޅު ހޫނުގަދަވާހަކަ ދައްކަމުން ދެމީހުން ހިނގާފައި ދިޔައިރު އޭނާ އަހަރެންނާ އެއްވެސް ޒާތީ ސުވާލެއްކޮށް ނަހާދާތީ އަހަރެންހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

“އޮފީސް ނިމިގެން މަ ދާނަށް ސިމްފަނީއަށް ކޮފީއެއްބޯން…. ނޫރާ ބިޒީ ނޫނިއްޔާ ދައްޗޭ.. ދާނަންތަ؟.” ނާއިލް އަހާލިއެވެ.

“ފަހަރެއްގަ…” އަހަރެން ނިތްއަރުވާލަމުން ބުނީމެވެ.

“ފަހަރެެއަގައޭ؟.. ތިބުނީ އާނ އެކޭ ނޫނެއްނު….” ނާއިލް ހެމުން ބުންޏެވެ.

“މިބުނީ ނޫނެކޭވެސް ނޫން…” އަހަރެންވެސް ހެމުން ހެމުން އެހެން ބުނުމުން ނާއިލް އޯކޭއޭ ކިޔާފަ ހެމުން ދިޔައީއެވެ. ނާއިލް ދިޔަތަން ބަލަން އަހަރެންނަށް ކުޑައިރުކޮޅަކު ހުރެވުނެވެ. ނާއިލްއާ ދިމާވުމުން އަހަރެން ވަރަށް ހިތްހަމަ ޖެހެއެވެ. އޭނާއާއެކު ހުންނައިރު ދިރިއުޅުމުގައި ހިނގަމުން މިދާ ގޮތްނޭނގޭ ކަންތައްގަނޑު މަތިން ކުޑަކޮށް ހަނދާން ނެތެއެވެ. ނަމަވެސް ހަމަޔަގީނުންވެސް އަހަރެން އޭނަ ދެކެ ލޯތްބެއްނުވެއެވެ.

 

 

އަހަރެން އަނެއްކާވެސް ފިހާރައާ ދިމާލަށް ހިނގައިގަތްތަނުން އަތުގައި އޮތްފޯނު ވައިބްރޭޓް ވުމުން ބަލާލީރު އަނެއްކާވެސް އެއްކަލަ ނުދަންނަ ނަންބަރުން އައި މެސެޖެކެވެ. “އޭނަ ގެއަށް ނުގެންދާތި!!..” އަހަރެން މަގުގެ ދެކޮޅަށް ބަލާލީމެވެ. އެމެސެޖުކުރާ މީހަކަށް އަހަރެންނާ ނާއިލް ދެންމެ ދިމާވިކަން އެނގުނީކަން ޔަގީނެވެ. “އޭނަ އަކީ މިހިނގާ އެއްވެސް ކަމަކާ ބެހޭ މީހެއްނޫން…” އަނެއްކާވެސް މެސެޖެއް އައެވެ. އަނެއްކާވެސް އަހަރެން ވަށައިގެން ބަލާލިމެވެ. ްެއެއްވެސް މީހަކު އަހަރެންނަށް ބަލާކަށް ނެތެވެ. އެމެސެޖު ކުރާ މީހާ އެއުޅެނީ އަހަރެން ކަމަކުން ރައްކާތެރި ކުރަންބާއެވެ. އެމީހާގެ މަގުސަދަކީ ކޮބާބާއެވެ.

 

 

އެދުވަހު އޮފީސް ނިމިގެން ރެސްޓޯރެންޓަށް ދިޔައީމެވެ. އޭރު ނާއިލް އެތާ މޭޒެއްކައިރީގައި ކޮފީބޮމުން ފޯނާކުޅެން އިނެވެ. އަހަރެންގޮސް ނާއިލް ކައިރީގައި އިށީނީމެވެ. “ތިއައީދޯ…” ނާއިލް ހުރީ އަހަރެންފެނުމުން އުފާ ވެފައިކަން އެނގުނެވެ.

“އާނ… ނުބުނަމެއްނު ނާންނާނަމެކޭ… އަހަރެންބުނީ ފަހަރެއްގައޭ..”

އަހަރެން ނާއިލްގެ މޫނަށް ބަލަންއިނދެ ހީލީމެވެ. އަހަރެން އޯޑަރުކުރި ކޮފީ އައުމާ ދޭތެރޭގައި ދެމީހުން ކުރެ އެކަކުވެސް އިތުރު އެއްޗެއް ނުބުނެއެވެ. ނަމަވެސް ނާއިލް އިނީ ކަޅިޖަހާ ނުލައި އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ނޫރާ… އާޔޫ ރިއަލީ އޯކޭ؟..” ނާއިލް އެހެން އެހުމުން އަހަރެންގެ މޫނުމަތިން ނުތަނަވަސްކަން ފެންނަނީ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

“ނޭނގެ…” އަހަރެން އިސްޖަހާލަމުން ބުނީމެވެ.

“ނޫރާ… ވަރަށް ހީވޭ ނޫރާ އޯކޭ ނޫންހެން… ޔޫ ކޭން ޝެއަރ ވިތްމީ…” ނާއިލް އެހެން ބުނުމުން އަހަރެންނަށް ވިސްނާލަން އިނދެވުނެ.

 

“އަހަރެންގެ ލައިފްގަ އަހަންނަށްވެސް އަންޑަސްޓޭންޑް ނުވާ ބައިވަރު ކަންކަން އެބަހިނގާ… ނޭނގެ ކިޔާދޭނެ ގޮތެއްވެސް…” އަހަރެންނަށް ބޭއިޚްތިޔާރުގަ ބުނެވުނެވެ.

“ފެމެލީ އިޝޫސްތަ؟…” ނާއިލް އަހާލިއެވެ.

“ފެމެލީ ވެސް…. އެހެން ކަންކަންވެސް…” އަހަރެން ބުނީމެވެ.

“ނޫރާ ބޭނުމިއްޔާ ޝެއާ ކުރަންވީ… ބޭނުން ނެތިއްޔާ ކިޔާނުދިނަސް އޯކޭވާނެ….” ސުވާލުތަކެއް ކުރުމުގެ ބަދަލުގަ ނާއިލް އެހެން ބުނުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ.

“ކީއްވެ ތިހެން ތިބުނީ.؟” އަހަރެން އަހާލީމެވެ.

“ނޫރާ ތިބުނީނު ނޫރާއަކަށް އަންޑަސްޓޭންޑެއް ނުވެޔޭ… ބައެއް ފަހަރު ޕީޕަލް ނީޑް ޓައިމް ބައެއް ކަންކަން އަމިއްލައަށް އަންޑަސްޓޭންޑްވާން.. އޭގެ ފަހުންދޯ އެހެންމީހަކާ ޝެއާ ކުރެވޭނީ…”

ނާއިލް ވާހަކަ ދެއްކީ އަހަރެންގެ މޫނަށް ބަލަން އިނދެއެވެ.

އަހަރެން އާނއެކޭ ބުނުމުހެ ގޮތުން ބޯޖަހާލީމެވެ. އިތުރަށް އެކަމާ ބެހޭގޮތުން އަހަރެން ވާހަކައެއް ނުދައްކަމެވެ. ނާއިލްވެސް އިތުރަކަށް ސުވާލެއް ނުކުރެއެވެ. ކޮފީނިމިގެން އަހަރެން ގެއަށް ދިޔައިރު އަހަރެންގެ ހިތަށް ކޮންމެވެސް ވަރެެއްގެ ލުޔެއް ލިބުނެވެ. ނާއިލްއަށް މިހިނގާ ކަންކަން ކިޔާނުދިނަސް އޭނައާއެކު ހޭދަވީ ވަގުތުކޮޅުވެސް އަހަރެންނަށް ވަރަށް މުހިންމެވެ.

 

އަހަރެންގޮސް ގެއަށް ވަތްއިރު ދޮރުމަތިން ތައުފީގުއާ ދިމާވިއެވެ. އޭނާ އަހަރެންނަށް ބަލާލުމަށްފަހު މަގުމައްޗަށް ބަލާލިއެވެ. ތައުފީގުއަށް ނާއިލް ފެނުނީބާއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ މައްޗަށް ދިޔައީއެވެ. ލިފްޓުންނިކުމެ އަހަރެންގެ އެޕާޓްމެންޓްގެ ދޮރުމައްޗަށް އެރީރު ދޮރު ކުޑަކޮށް ހުޅުވިފައިހުރިތަން ފެނުނެވެ. އަހަރެން އޮފީހަށް ދިޔައީ ދޮރު ތަޅުލާފައިކަން އަހަރެން ހަނދާންއެބަހުއްޓެވެ. މަޑުމަޑުން ބޮޑަށް ދޮރު ހުޅުވާލުމަށްފަހު އަހަރެން އެތެރެއަށް ވަނީމެވެ.

 

 

އޭރު މޭޒުމަތީގައި އެއްކަލަ ފޮޓޯއޮތެވެ. އަހަރެންގޮސް އެފޮޓޯނަގައި ބަލާލީމެވެ. އެފޮޓޯގެ ފަހަތުގައި އަނެއްކާވެސް އިތުރު ލިޔުންކޮޅެއް އިންތޯ ބަލާލުމަށެވެ. ނަމަވެސް މިފަހަރު ފާހަގަވީ އެެހެންކަމެކެވެ. އެފޮޓޯގައި ސަނޫރާއާ ސަމީރުއަދި އަހަރެންގެ ފަހަތުން ކުޑަކޮށް ނުސާފުކޮށް އަންހެނެއް ހުއްޓެވެ. އޭނާ ބަލަންހުރީ ސަނޫރާ، ސަމީރު ނޫނީ އަހަރެންނަކަށް ނޫނެވެ. ހީވާ ގޮތުން އޭނާ ބަލަންހުރީ އެފޮޓޯ ނެގިވަގުތު އެތާހުރި އެހެންމީހަކަށެވެ.

ރަނގަޅަށް ފޮޓޯ މޫނާ ކައިރިކޮށްލާފައި އަހަރެން ބަލާލީމެވެ. އެމިހާހުރީ އޭނާ ބަލަންހުރި ދިމާލަށް އަތްދިއްކޮށްގެންނެވެ. އަނެއްކާ އެމީހާ އެއިޝާރާތް ކުރަނީ ފޮޓޯގަނޑުގައި ކަފާލައިފައިވާ ބައިގައި ހުރިމީހާއަށް ބާއެވެ. މިޖެހުނީ އެތާހުރީ ކާކުތޯ ބަލާށެވެ. ސަމީރު ކައިރީގައި އެހުމުންވެސް އެތާހުރީ ކާކުކަމެއް ނުބުންޏެވެ. ދެންއަހާނީވެސް ކާކުކައިރީގައިބާއެވެ.

 

އަހަރެން އެފޮޓޯ ހިފައިގެންގޮސް ތައުފީގުގެ އޮފީހަށްވަދެ ތައުފީގު ކުރިމަތީގައިހުރި މޭޒުމަތީގައި ބޭއްވީމެވެ. “އެހުރީނު އަންހެނެއް… ފެނޭތަ؟ އެމީހާ އެއީކާކު؟” އަހަރެން ށަހާދަތް އިނގިލި ޖައްސާފައި ފޮޓޯގައި ނުސާފުކޮށް ފެންނަންހުރި އެމީހާ ތައުފީގުއަށް ދެއްކީމެވެ.

“އާނ… އެއީ ކުރިން ހުރި ބާގޭގަ …އުޅުނު އަންހެންމީހެއް…” ތައުފީގު ވާހަކަ ދެއްކީ އާގަންނަމުން ޖެހިލުންފައި އިނދެއެވެ.

“އޭނައަށް އެނގޭތަ ސަނޫރާ؟…” އަހަރެން އެހީމެވެ.

“އާނ…” ތައުފީގު ޖަވާބު ދިނެވެ.

“ކިހިނެއް އެދެމީހުން އެނގެނީ؟..” އަހަރެން އެހީމެވެ.

“ނޭނގެ…” ތައުފީގު އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވީކަން އަހަރެންނަށް އެނގުނެވެ.

“އޭނަ ދުވަހަކުވެސް ތައުފީގުއާ ވާހަކަ ދެއްކިތަ؟” އަހަރެން އެހީމެވެ.

“އެއްފަހަރު…” ތައުފީގު އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޖަވާބުދިނެވެ. އަހަރެން ހީކުރީ ތައުފީގު އިތުރަށް ކިޔާ ނުދޭނެ ކަމަށެވެ.

“އެދުވަހު އޭނަ މަގޭ މޫނަށް ބަލަން ހުރެބުނި އެތި އެދުވަހު އަހަންނަކަށް ނުވިސްނުން…” ތައުފީގު ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ކީކޭ އޭނަ ބުނީ؟…” އަހަރެން އަހާލީމެވެ.

“އޭނަ ދިޔައީކީ ނޫން….އެހެން ބުނީ…އަހަންނަކަށް ނޭނގުނު އެބުނި އެއްޗެއް…” ތައުފީގު ކިޔާދިނެވެ.

“ކާކު ދިޔައީކީ ނޫނޭ އެމީހާ އެބުނީ؟… ސަނޫރާ ދިޔައީކީ ނޫނޭތަ؟..” އަހަރެން އެހީމެވެ.

“ބައެއް ކަންކަން މާޒީއަށް ދޫކޮށްލާ ނޫރާ… އެވާހަކަތައް ނުދައްކަމާ..” ތައުފީގު ބޭނުންވީ އެވާހަކަ އެހިސާބުން ހުއްޓާލާށެވެ.

“މިވާހަކަ ދައްކާނަން… މާޒީއަކަސް ހެޔޮ…. އަހަރެންގެ ކުރިމަތިން މިފެންނަ ކަންކަން އިތުރަށް ހޯދާ ބަލާނަން..” އަހަރެން އެހެން ބުނެ އެތަނުން ނިކުތީއެވެ.

…………..

އެރޭ އަހަރެން ކާމޭޒު ކައިރީގައި އެފޮޓޯހިފައިގެން އިނދެ ވަރަށް ވިސްނީމެވެ. އަހަރެންގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުހޯދަން ދާނީވެސް ވަކި ކާކު ކައިރިއަށްބާއެވެ. ސަމީރުވެސް، ތައުފީގުވެސް އަހަރެންނަކަށް ހުރިހާއެއްޗެއް ކިޔައެއް ނުދިނެވެ. ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި މުޅިން ވަރުބަލިވެއްޖެއެވެ. އެހެން އިނދެފައި އަހަރެން މޭޒުމަތީގައި އެފޮޓޯގަނޑު ބަންޑުން ބޭއްވުމަށްފަހު، އެކަނި އިނދެ ބާރަށް ވާހަކަ ދައްކަން ފެށީމެވެ.

 

“އަހަންނަށް އެނގޭ ފެންނަން ނެތަސް ތީނަ މިތާއެބަހުރިކަން…. އަހަންނަކަށް ހިޔެއްނުވޭ ތީނަ އަހަންނަށް ގެއްލުމެއް ދީފާނެހެނެއް…” އެހެން ބުނެފައި ސިޓިންރޫމު ތެރެއަށް ވަށައިގެން ބަލާލީމެވެ. އޭރު ފަންކާވެސް، ޓީވީވެސް ނިއްވާފައި ހުރުމުން ސިޓިންރޫމު ތެރޭގައިވަނީ ހަމަހިމޭންކަމެވެ.

“އަހަންނަށް ހީވަނީ ތީނަ އަހަންނަށް ކަންތައްތަކެއް ކިޔާދޭން ބޭނުންވާހެން… ހަގީގަތް ސާފުކޮށް ދައްކަން ބޭނުންވާހެން..” އަހަރެން އަނެއްކާވެސް ބުނީމެވެ. އެވަގުތު ސީލިންގުގައި އިން ލައިޓު ނިވިދިއްލެން ފެށިއެވެ. އަހަރެެން ކުޑަކޮށް ބިރުގަތް ނަމަވެސް ހަމަ އެއިންގޮތަށް އިނީއެވެ. ކުއްލިއަކަށް މޭޒުމަތީގައިއޮތް ފޮޓޯގަނޑު މަޑުމަޑުންގޮސް މޭޒުމަތިން ކިރިޔާ ނުވެއްޓޭހިސާބުގައި ހުއްޓުނެވެ. އޭރު ފަންކާވެސް ނިއްވާފައި ހުރުމުން ވައެއްވެސް ނުޖެހެއެވެ. ވީއިރު އެފޮޓޯ އަމިއްލައަށް އެހެންދާނީ ކޮންމެވެސް އެހެންބާރަކުންކަން އަހަރެންނަށް ޔަގީނެވެ.

“އަހަރެން އެރޭ އޭނަ ދުށިން…” އެފޮޓޯގެ ފަހަތުގައި އަމިއްލައަށް ލިޔެވެމުން ދިޔައެވެ. އަހަރެން ބިރުންއިނދެ އެލިޔުންކޮޅު ކިޔާލީމެވެ.

“އަހަރެންނަށް އެމީހުންވެސް ފެނުން… އެކަމަކު އަހަންނަކަށް އެމީހުންނެއް ނުހުއްޓުވުން..” އަނެެއްކާވެސް އިތުރު ލިޔުންކޮޅެއް ފާޅުވިއެވެ. އަހަރެންނަށް އަނެއްކާވެސް ޖަވާބުތަކެއް ލިބުނީއެވެ. ނަމަވެސް ސިކުނޑީގައިވާ ސުވާލުތައްވެސް އިތުރުވިއެވެ. އެއަންހެންމީހާއަށް ކޮންމެވެސް ކަންތައްތަކެއް ފެނިފައި ވަނީތާއެވެ…ކޮންމެވެސް ބައެއް ފެނުނީތާއެވެ. އޭނާއަށް ސަނޫރާ މަރުވިތަން ފެނުނީބާއެވެ…

“ތީކާކު؟..” އަހަރެން އަހާލީމެވެ.

 

 

ގޭތެރޭގައިވީ ހަމަހިމޭންކަމުގެ ތެރެއިން އަޑެއްބަޑެއް ނީވެއެވެ. މުޅި ގޭތެރެއަށް ފިނިކަމެއް ފެތުރި ބުނެދޭން ނޭނގޭ ބިރުވެރިކަމެއް އަހަރެންނަށް އިހުސާސް ވާންފެށިއެވެ. އަނެއްކާވެސް ސީލިންގުގައި ހުރި ލައިޓު ނިވިދިއްލެން ފެށިއެވެ.

 

އެވަގުތު އަހަރެންނަށް ފެނުނީ ބެލްކަނީގެ ބިއްލޫރި ސްލައިޑިން ދޮރުގެ އަނެއްފަރާތުގައި އެއްކަލަ އަންހެންމީހާ ހުއްޓައެވެ. ބެލްކަނީގައި ކޮޅަށްހުރެ ބިއްލޫރިގަނޑުން އެމީހާ އަހަރެންނާ ދިމާލަށް ބަލަން ހުރިއިރު އެމީހާގެ މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ. އެމީހާ ހުރީ ސަނޫރާގެ ސިފައިގައެވެ. އެމީހާ މަޑުމަޑުން އަހަރެންނާ ދިމާލަށް އޭނަގެއަތް ހިއްލާލިއެވެ. އެވަގުތު އެމީހާގެ އަތުތެރޭގައި އޮތް ތަޅުދަނޑި އަހަރެންނަށް ފެނުނެވެ. އެމީހާ އެތަޅުދަނޑިން ބިއްލޫރިގަނޑުގައި 301 ލިޔުނެވެ. ލިޔުނު އެއްޗެއް ފެންނަން ނެތަސް އެމީހާގެ އަތުގެ އިޝާރާތުން އެދެއްްކީ 301 ކަން އަހަރެންނަށް އެނގެއެވެ. އެއީ ސަމީރުގެ އެޕާޓްމެންޓުގެ ނަންބަރެވެ.

“އަހަރެން ދާންވީތަ ސަމީރުގެ އެޕާޓްމެންޓަށް؟..” އަހަރެން ބިރުން އިނދެ އެހެން އެހުމުން އެމީހާ ނޫނެކޭ ބުނާއުސޫލުން ބޯ ހޫރާލިއެވެ.

 

“ސަމީރު ސަނޫރާ މަރާލީތަ؟” އަހަރެން ބިރުން އިނދެ އެހެން އަހާފައި ހިންދިރުވާލީމެވެ. އެއީ އަހަރެންގެ ހިތުގައި އޮތް އެންމެ ބޮޑު އެއްސުވާލެވެ. އެމީހާ އަނެއްކާވެސް ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. ސަމީރު ސަނޫރާ މަރާލީކީ ނޫންކަން އެނގުމުން އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.

އެމީހާ އަހަރެންނަށް ބަލަންހުރެ އަތުގެ ދެ އިނގިލި ދައްކާލިއެވެ. އަހަރެންނަށް އެމީހާ އެބުނަން އުޅޭއެއްޗެއް ސާފެެއް ނުވިއެވެ.

“ދެމީހުން ނޭތަ ތިބުނީ؟..” އަހަރެން އަހާލީމެވެ.

އެމީހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“ސަމީރު އެކަންޏެއް ނޫންދޯ؟.. އެހެން މީހަކާއެކުތަ؟” އަހަރެން އެހީމެވެ. އަމީހާ އަނެއްކާވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ކާކު އަތުގަ އަނެެއް ތަޅުދަނޑި އޮތީ؟..” އަހަރެން އެހެން އެހުމުން އެމީހާ އަހަރެންނަށް ބަލަންހުރެ ވައިއަޑުން ޖަވާބުދިނެވެ. ނަމަވެސް އެމީހާބުނި އެއްޗެއް އަހަރެންނަކަށް އަޑެއް ނީވުނެވެ.

ނަމަވެސް އެމީހާގެ އަނގައަށް ބަލާފައި އެބުނީ ކީކޭކަން އަހަރެންނަށް އެނގުނެވެ. އޭނާ ބުނީ ތައުފީގުގެ ނަމެވެ.

 

އަހަރެންނަށް ބިރުން އިންގޮނޑިން ތެދުވެވުނެވެ. “ތައުފީގުތަ؟”… އަހަރެން ބިރުންހުރެ އެހީމެވެ. އަނެއްކާވެސް އެމީހާ ބޯ ޖަހާލިއެވެ. އަހަރެން ބިރުން ދެލޯބޮޑުވިއެވެ. އެވަގުތު އެމީހާ ކުއްލިއަކަށް ގެއްލުނެވެ. އަހަރެންނަށް ހުރި ފިޔަވަޅު މަތީގައި ގަނޑުވެފައި ހުރެވުނީއެވެ.

 

 

އެހެންވީމާ ތައުފީގުއާ ސަމީރުއާ ވެގެން ސަނޫރާ މަރާލީބާއެވެ. އެމީހާ އެބުނީ އެހެންބާއެވެ؟ އެކަމު އަހަރެން ސަމީރު ސަނޫރާ މަރާލީހޭ އެހުމުން އެމީހާ ނޫނެކޭ ބުނަން ބޯހޫރާލިއެވެ. އެމީހާ ބުނަން އެއުޅުނީ އެހެން އެއްޗެކޭބާއެވެ. އެމީހާ ކިޔާދޭން އުޅުނު އެއްޗެއް އަހަރެންނަކަށް ސާފެއްނުވިއެވެ.

 

އެވަގުތު އަހަރެންގެ ފޯނަށް އެއްކަލަ ނުދަންނަ ނަންބަރުން މެސެޖެއް އައެވެ. “މިހާރު ނޫރާއަށް ހަގީގަތް އެނގެން ވަރަށް ކައިރިވެއްޖެ…”

އެމެސެޖުގައި އޮތެވެ. އެމެސެޖު ކުރާމީހާއަށް މިރޭ މިވީކަންތައްވެސް އެނގުނީބާއޭ އަހަރެން ހިތައް އެރިއެވެ.

“އެކަމަކުވެސް އަހަރެންމީ ކާކުކަމެއް އަދިވެސް ނޫރާއަކަށް ނޭނގޭނެ!.”

ދެވަނަ މެސެޖުގައި އޮތީ އެހެންނެވެ. “އަހަރެން އެރޭ އެ ބާގޭގަ ހުރީ ކީއްވެތޯ ހޯދާ…”

ފަހު މެސެޖުގައި އޮތީ އެހެންނެވެ.

ސުވާލުތަކުން އަހަރެންގެ ސިކުނޑި ފުރިގެން ބަންޑުންވާން އުޅޭހެންވެސް ހީވިއެވެ. އެމެސެޖު ކުރަނީ އެރޫހާނީ އަންހެންމީހާ ބާއެވެ؟ އެ އެފޮޓޯގައި ނުސާފުކޮށް ފެންނަންހުރި އަންހެންމީހާ ކޮބާ ބާއެވެ؟ މެސެޖު އެކުރަނީ އެފޮޓޯގައި ހުރި އެއަންހެންމީހާ ބާއެވެ… އެމީހާ މިހާރު ކޮބާބާއެވެ… މިހިނގަމުންދާ ހުރިހާ ކަންތައް ގަނޑެއްގެ އަޑީގައިވަނީ ހަމައެކަނި ސަނޫރާ ގެއްލުމެއް ނޫނެވެ. އިތުރު އެތައް ކަމެއް މިކަންތައްގަނޑުގެ އަޑީގައި ފޮރުވިފައި އެބަ ވެއެވެ….

ސަނޫރާގެ ސިފައިގައި އެފެންނަ އަންހެންމީހާ 17 އަހަރު އެމަޑުކުރީ މިހުރިހާ ކަމެއް އަހަރެންނަށް ކިޔައިދޭންބާއެވެ.

 

 

ނުނިމޭ….

 

 

 

 

 

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ހިމޭން 25 ( ފަހު ބައި )

Next

ހިޔަނިހެން 14

Next
August 31, 2026

ހިޔަނިހެން 14

Previews
August 31, 2026

ހިމޭން 25 ( ފަހު ބައި )

2 Comments!

  1. Nifff says:
    August 31, 2026 at 6:03 pm

    Wow Dhen onbayan inthizaru kurah

    1. Eyesh says:
      September 1, 2026 at 8:35 am

      Thank you Nifff 😘 will upload next part soon ingey ☺️

Comments are closed.



All Right Reserved!