އަވައްޓެރިޔާ! – 9
އަހަރެން ދުވެފައި ތިރިއަށް ދިޔައީމެވެ. އޭރުވެސް ތައުފީގު އޭނަގެ އޮފީސް ތެރޭގައި އިނެވެ. ހެއްކެއް ނެތި އަހަރެންނަށް ކުއްލިއަކަށް ތައުފީގުއާ ދިމާލަށް ބުނެވޭނެ އެއްޗެއްވެސް ނެތެވެ. ބުނެވޭ އެއްޗަކުންވެސް މުޅިކަންތައްގަނޑު އެފުށް މިފުށަށް ޖެހިދާނެއެވެ. އަހަރެންނަށް އެނގެންއުޅޭ އެއްޗެހި ނޭނގޭގޮތްވެސް ވެދާނެއެވެ. އަހަރެން ގޮސް ތައުފީގު ކުރިމަތީގައި ހުއްޓުނުއިރު އަހަރެންނަށް މާނޭވާލެވެނީއެވެ.
“ނޫރާ… ކިހިނެއްވީ؟”.. އަހަރެން އެތަނަށް ވަނުމާއެކު ތައުފީގު އެހިއެވެ.
“ތައުފީގު ބުނީމެއްނު އެފޮޓޯގައި ނުސާފުކޮށް ފެންނަންހުރި އަންހެން ހުރިމީހާ ތައުފީގުއާ ވާހަކަ ދެއްކިއޭ!… ތައުފީގުތެދަށް ބުނެބަލަ… އެއި ޖިންނިއެއްތަ؟ ރޫހާނީ އެއްޗެއްތަ؟…” އަހަރެން އެހީމެވެ.
“އާނ…. ކުރިން ހުރި ބާގެއިން ސަނޫރާ ނުގެއްލޭ އިރުވެސް ފެންނަ މީހެއް އެއީ..މިބުނީ ޖިންނިއެކޭ…. އޭތި ދުވަހަކުވެސް މީހުންނަށް ގެއްލުންދީއެއް ނުހަދާ… އެކަމަކު ސަނޫރާ ގެއްލުނު ފަހުން މިގެ ވަރަށް ބޮޑަށް ނާމާންވީ… މީހުންނަށް އަޑުއަޑު އިވި އެތައްކަމެއް ވާންފެށީ.. އަހަރެން ބުނީމެއްނު ނޫރާ ކައިރީގަ ކުރިންވެސް އެބާގެ ތަޅާލީ އެހެންވެއޭ.. މިގެ ހެދިފަހުން މިހާރު އެމީހާ ނުފެނޭ… އެއްވެސް މީހެއްވެސް އެއަންހެންމީހާ ފެނިގެން އެވާހަކައެއް ނުދައްކާ… ނޫރާއަށްއަށް އަނެއްކާ އެމީހާ ފެންނަންފެށީތަ؟..” ތައުފީގުގެ ވާހަކައިން އަހަރެންނަށް ވަރަށްގިނަ ކަންކަން ސާފުވިއެވެ. ނަމަވެސް އަހަރެންނަށް އެމީހާ ފެންނަ ވާހަކަ ތައުފީގު ކައިރީގައި ބުނާކަށް އަދި އަހަރެން ބޭނުމެއް ނުވިއެވެ.
“ނޫން… ހަމަ އަހާލީ…” އަހަރެން އެހެންބުނެ ނިކުމެގެން ގޮސް އަހަރެންގެ އެޕާޓްމެންޓަށް ވަނީއެވެ.
މިކަންތައްގަނޑުގެ ތެރެއިން ޖަވާބު ލިބޭ ކޮންމެ ސުވާލަކުން އިތުރު ހައެއްކަ ސުވާލު އެބައުފެދެއެވެ. ސަނޫރާ ގެއްލުނުރޭގައި ސަމީރު އޭނައާ ދިމާވިކަމަށް ސަމީރު ވަނީ އެއްބަސްވެފައެވެ. ކުރީގެ ބާގޭގައި އުޅޭ އެޖިންނި އަންހެންމީހާ ތައުފީގުއަށް އެނގޭކަމަށް އޭނާ އެވަނީ އެއްބަސްވެފައެވެ.
އެޖިއްނި އަންހެންމީހާ އަހަރެންނަށް މިރޭ އެބުނެދިނީ ސަނޫރާ ގެއްލުނުރޭގައި އެތާހުރީ ސަމީރު އެކަނި ނޫންކަމެވެ.
ދެމީހުން…
ދެތަޅުދަނޑި…
އެއްރެއެއް…
އަހަރެން އަނެއްކާވެސް އެފޮޓޯ ނަގައި ބަލާލީމެވެ. ކުޑަ ކުއްޖާ (އަހަރެން ކުޑައިރު) އުރާލައިގެން އެހުރީ ސަނޫރާއެވެ. އެކަމަކު ފަހަތުން ފަނޑުކޮށް އެފެންނަނީ އެހެން އަންހެނެކެވެ. ރޫހާނީ އެއްޗެކެވެ. އެއީ ހުރިހާ ކަމެއް ފެނިފައިވާ މީހާއެވެ. އެމީހާ ކުރީގެ ބާގެ ތަޅާލުމުންވެސް އެއްކޮށް ނުގޮސް އެހެން ހުރުމުގެ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. އެހުރިހާ ކަމެއްގެ ހަގީގަތް އަހަރެން އެނގެންބޭނުމެވެ. އެކަމަކު މިކަމުގެ ހަގީގަތް އިތުރަށް އެނގެން ބޭނުންވާނަމަ އެއަންހެންމީހާއާ ބެހޭގޮތުން އިތުރުމައުލޫމާތު ހޯދަން އެބަޖެހެއެވެ.
…….
އަނެއްދުވަހު އެހެން ދުވަސްތަކަށްވުރެ އަވަހަށް އަހަރެން ހޭލީމެވެ. ރޭގައި ނިދުމުގެކުރިން ކިޔަންއިން ވާހަކަފޮތުގެ ތެރެއަށްލީ އެއްކަލަ ފޮޓޯގަނޑު މިހާރުއޮތީ ކަބަޑުމަތީގައެވެ. އެރޫހާނީ އަންހެން މީހާ ބޭނުންވަނީ އަހަރެން އިތުރަށް މިކަންކަން ހޯދައި ބަލަންކަން އަހަރެންނަށް އެނގެއެވެ. އެފޮޓޯގަނޑުގައި އަދިވެސް އަހަރެންނަށް ނުހޯދޭ ސިއްރުތަކެއް ވަނީކަންނޭގެއެވެ.
އަހަރެން އަނެއްކާވެސް އެއަށް ބަލަންފެށީމެވެ. އެފޮޓޯގެ ބެކްގްރައުންޑުން ސަނޫރާއާއި ސަމީރުގެ ފަހަތުން ކުރީގެ ބާގެ ފެންނަން ހުއްޓެވެ. އެގޭގެ މައިދޮރުވެސް ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ. ދެން އެމީހުންގެ ފަހަތުން ކޮންމެވެސް ވަރަކަށް ފަނޑުކޮށް ފެންނަންހުރި މީހާއަށް ބަލާލީމެވެ. އޭނާގެ އިސްތަށިގަނޑު ފަންވެފައި ދިގެވެ. އަހަރެން ވަރަށް ގިނައިރު އެހެން އެފޮޓޮއަށް ބަލަން އިނދެފައި ތެދުވެ ރީތިވެލައިގެން ބޭރަށް ނިކުތީމެވެ. ގޭގެ ކައިރީ އަވައްޓެރިންނަށް ކޮންމެވެސް ކަންތައްތަކެއް އެނގޭނެ ކަން ޔަގީނެވެ. މިހިސާބު ގޭގޭގައި އުޅޭ މީހުން ކައިރީގައި ސުވާލު ކުރަންވީބާއޭވެސް އަހަރެންގެ ހިތަށް އެރިއެވެ.
ގޭކުރިމަތީގައި ހުންނަގޭގައި އުޅޭ ދެބައިއުމުރުގެ ދައްތަ ފިހާރައަށް ދާން ގެއިންނިކުތީ އެވަގުތުއެވެ. އަހަރެންގޮސް ކުރިން މިތާހުރި ބާގޭގައި އުޅުނު ސަނޫރާ ދަންނަންތޯ އެދައްތަކައިރީގައި އަހާލީމެވެ. އެދައްތަ ސަނޫރާ ހަނދާންހުއްޓެވެ. ސަނޫރާގެ ކުޑަ އަންހެންކުއްޖެއް ހުރިވާހަކައާ، އޭނާ ގެއްލުނީކަމުގައި ބުންޏެވެ. އަދި އެކުޑަކުއްޖާ މިހާރު ކޮބާކަމެއްވެސް ނޭނގޭ ކަމުގައި އެދައްތަ ބުންޏެވެ. އެގޭތެރޭގައި ރޫހާނީ ކަމެއް ހިނގިތޯ އަހަރެން އެހުމުން އެވާހަކަވެސް އެދައްތަ ކިޔާދިނެވެ.
“ވަރަށް ގިނަމީހުންނަށް ފެނިފަހުރީ އެގެއިން ރޫހާނީ އަންހެނެއްް. ބައެއް ރޭރޭ އަހަރެންވެސް އެގޭ ދޮރުމަތިންވެސް ދުށިން އެމީހާ…” އެދައްތަ ކިޔާދިނެވެ.
“ދެންބާގެ ތަޅާލިފަހުން ވެސް އެމީހާ ފެނޭތަ؟…” އަހަރެން އެހީމެވެ.
“އާނ، އެގެތަޅާލައި އާގެ ހެދިފަހުންވެސް މިހިސާބުގަނޑު ބައެއް މީހުންނަށް އެމީހާ ފެނޭ… ގިނައިން މީހުންނަށް ފެނިފަ ހުރީ އެގޭދޮރުމަތިން…. މީހުންކިޔާ އެމީހާ ދޮރުމަތީގަ ހުންނައިރު ހީވަނީ މީހެއްގެ އިންތިޒާރުގަ ހުންނަހެންނޭ ހީވަނީ… އެކަމަކު މިހާރު ދެތިން މަސް ވެއްޖެ އެމީހާ ފެނިގެން މީހުން އެވާހަކަ ނުދައްކާތާ…” އެދައްތަ އެހެން ބުނުމުން އަހަރެން ހަނދާންވީ ތައުފީގު ބުނިވާހަކައެވެ. ބާގެ ތަޅާލައި އާގެ އެޅިފަހުން އެމީހާ ނުފެންނަކަމުގައި ބުނެ ތައުފީގު އަހަރެންކައިރީގައި ދޮގުހެދީކަން އަހަރެންނަށް އެނގުނެވެ. ގޭގައި ކުއްޔަށް އުޅޭ މީހުން ބިރުން ގެދޫކޮށް ގޮސްފާނެތީ އެވާހަކަ ސިއްރުކުރަނީ ކަމަށްވެސް ވެދާނެއެވެ.
އަހަރެން އެދައްތަ ކައިރީގައި ދެންދަނީއޭ ބުނި ހިނގައިގަތްތަނުން އެދައްތަ އަހަރެންނަށް ގޮވާލިއެވެ. އަހަރެން އަނެއްކާވެސް އެނބުރި ގޮސް އެދައްތަ ކައިރީގައި މަޑުކޮށްލީމެވެެ. “އެންމެ ކުރިން މީހުންނަށް އެއަންހެންމީހާ ފެންނަނީ ވަރަށް މަދުން.. އެކަމަކު ސަނޫރާ ގެއްލުނު ފަހުން އެމީހާ ވަރަށް ގިނައިން ފެންނަންފެށި… އެގޭގައި ރޫހާނީ ކަންކަންވެ ގޭތެރެ ވަރަށް ބޮޑަށް ނާމާންވެސް ވި… ފަހުންއެގެ ތަޅާލައި އާގެ އެޅިފަހުން އެގޭގެ ވެރިމީހާ ޝިހާމް ކައިރި އަވައްޓެރިންގެ ކިބައިން އެދުނީ އެއަންހެންމީހާގެ ވާހަކަ ނުދެއްކުމަށް… އެއީ އެގޭގައި ކުއްޔަށް އުޅޭނެ މީހުން ނުލިބިދާނެތީ.. އެހެންވެ މީހުން އެމީހާ ފެންނަވާހަކަ މިހާރު ނުދައްކަނީ…” އެދައްތަ ކިޔާދިނެވެ. އަހަރެން ބޯޖަހާލުމަށްފަހު ދެންދަނީއޭ ބުނެފައި ހިނގައިގަތީއެވެ.
އަހަރެންނަށް އެދުވަހުވެސް އޮފީހުގެ މަސައްކަތްތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެެ. ލަންޗް ބްރޭކް ގަޑީގައި ކާންވެސް ބޭނުމެއްނުވިއެވެ. އެހެންކަމުން އޮފީހުގައި އިނދެ ފޯނުން އެއްކަލަ ފައިލުން ނެގި ފޮޓޯތައް ބަލަން ފެށީމެވެ. އެތަނުން ގަނޑެއްގައި، އެބާގެ ތަޅާލުމުގެ ކުރިން ގޭގެ ބައެއްސާމާނު ގެއިން ނެރުންކަމަށް ލިޔެފައިއޮތެވެ. ދޮރާއި، ލަކުޑި ފްރޭމްތަކަކާއި، ބައެއް ކަރަންޓު ސާމާނު ނެރުނުވާހަކަ އޭގައި އޮތެވެ.
އޭގެ ތިރީގައި ލިޔެފައިވާ ލިޔުންކޮޅު އަހަރެން ކިޔާލީމެވެ.
“ގެ ބަލަހައްޓާ މީހާއާ ތަޅުދަނޑިފަތި ވަނީ ހަވާލުކުރެވިފައި” އެގަނޑުގެ އެންމެ ތިރީގައި ލިޔެފައިވަނީ އެހެންނެވެ.
އެރޫހާނީ އަންހެންމީހާ އަހަރެންނަށް ރޭގައި ތަޅުދަނޑިއެއް ދެއްކިއެވެ. މިހާރު މީގެން އެފެނުނީ ތަޅުދަނޑިފައްޗެއްގެ ވާހަކައެވެ. ހުރިހާކަމެއް މިދަނީ އެއްކަމެއް އަނެއްކަމަކާ ގުޅި ސާފުވަމުންނެވެ. އަހަރެން ހަމައެވަގުތު ތައުފީގުއަށް ގުޅީމެވެ.
“ހެލޯ ތައުފީގް…އެއްޗެއް އަހާލަންވެގެން މިގުޅީ… ކުރީގެ ގޭގެ އެއްވެސް ތަޅުދަނޑިއެއް އެބަހުރިތަ ތައުފީގު އަތުގަ؟..” އަހަރެން އެހެން އެހުމުން ތައުފީގު ޖަވާބެއް ނުދީ އިރުކޮޅަކު ހުއްޓެވެ.
“ކޮން ތަޅުދަނޑިއެއް؟… ނޫރާ ތިކިޔާ އެއްޗެއް އަންޑަސްޓޭންޑެއް ނުވޭ…” ތައުފީގު ބުންޏެވެ.
“ކުރީ ދުވަހު ތައުފީގު ދެއްކި ފައިލުގެ ގަނޑެއްގަ އޮތް ތަޅުދަނޑިފައްޗެއްގެ ވާހަކަ.. އަހަރެން ހަނދާން އެބަހުރި… އޭގެ ވާހަކަ މިއެހީ..” އަހަރެން އެފައިލުގެ ގަނޑުތައް ފޯނުން ފޮޓޮނެގި ވާހަކަ ނުބުނެ ބުނީމެވެ.
“ނޫރާ… މިހާރު ދެންތިކަން ހުއްޓާލަން ވެއްޖެއެެއްނު… ނޫރާއަށް އަންޑަސްޓޭންޑް ނުވާ ކަންކަމާ ބެހޭގޮތުން ވާހަކަދައްކާ ސުވާލުކުރުން ހުއްޓާލަން މަށަށް ފެންނަނީ..” ތައުފީގު އެހެންބުނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގުނެވެ..
“އަހަންނަށް ހުރިހާ ކަމެއް އަންޑަސްޓޭންޑް ނުވިޔަސް ތައުފީގު ކޮންމެވެސް ކަމެއް ސިއްރުކުރާކަން އެބަ އަންޑަސްޓޭންޑްވޭ… އެތަޅުދަނޑި ފަތި އެބޮތްތަ ތައުފީގު އަތުގަ؟..” އަހަރެން އަނެއްކާވެސް އެހީމެވެ.
“ބައެއް އެއްޗެހި ބަހައްޓާފައި ހުރީ އެއީ މިގޭގެ ވެރިމީހާ ޝިހާމްގެ އެއްޗެހިވީމަ…” ތައުފީގު ބުންޏެވެ.
“ދެން އެހެންވިއްޔާ މިހާރު ކޮބާ އެތަޅުދަނޑިފަތި؟…” އަނެއްކާވެސް އަހަރެން ހަމަ އެސުވާލު ކުރީމެެވެ.
“ނޭނގެ….” ތައުފީގު ދިނީ ކުރުޖަވާބެކެވެ.
އެހެންބުނެ ތައުފީގު ފޯނު ކަނޑާލީއެވެ. އޭނާ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވީކަން އަހަރެންނަށް އެނގުނެވެ.
އެދުވަހު ހަވީރު އޮފީސްނިމިގެން އަހަރެން ދިޔައީ ސިމްފަނީއަށެވެ. އެގަޑީގައި ނާއިލް އެތާގައި ކޮފީބޯން އިންނާނެކަން އަހަރެންނަށް އެނގެއެވެ. އެއްދުވަހެއްގައި ވާހަކައެއްގެ ތެރެއިން ނާއިލް އާންމުކޮށް ކޮންމެދުވަހަކު އޮފީސްނިމިގެން އެތަނަށް ކޮފީބޯން ދާވާހަކަ ވަނީ ބުނެފައެވެ. އަހަރެންގޮސް މޭޒެއްކައިރީގައި އިން ނާއިލްކައިރީގައި އިށީނީމެވެ.
“މިއަދު އަހަރެން އިންވައިޓްވެސް ނުކުރަނީސް ތިއައީދޯ… ކޮންމެ ދުވަހަކުވެސް ތިހެން އާދެބަލަ ނިކަން… އަވަހަށް ކޮފީއަކަށް އޯޑަރުދޭންވީއެއްނު…” ނާއިލް ހީލާފައި ބުންޏެވެ.
“އެކްސްޕެކްޓޭޝަން މާ ހައިނުކުރައްޗޭ… މިހެން އަބަދު ނާދެވޭނެ.. ” އަހަރެން ހެމުން ހެމުން ބުނީމެވެ.
އަހަރެން މިވެގެން އުޅޭ ކަންތައްގަނޑު ނާއިލްއަށް ކިޔާދޭން ބޭނުން ވީނަމަވެސް ކިޔާދޭނެ ގޮތެއް ފަށާނެ ކޮޅެއް ނުވިސްނުނެވެ. އަހަރެން އެހެން އިންދައި ނާއިލް ފެށީ އޭނަ މިހާރުކިޔާ ވާހަކަފޮތެއްގެ ވާހަކައެވެ. އޭނައަކީ ފޮތްކިޔުމަށް ޝައުގު ހުންނަ މީހެއްކަމުން އަހަރެންނަށް ނާއިލްގެ އެސިފަ ވަރަށް ކަމުދިޔައެވެ.
“އަހަންނަށް މިހާރު ވަރަށް ވާހަކަ ނުކިޔޭ… ކޮންސެންޓްރޭޓެއް ނުކުރެވޭ…” އަހަރެން ބުނީމެވެ. އެއީ ކީއްވެތޯ ނާއިލް ސުވާލުކުރިއެވެ.
“ވިސްނޭ މާގިނަ ކަންކަން ސިކުނޑީގަ ހުންނާތީ…” އަހަރެން ބުނީމެވެ.
“ވިސްނޭ ކަންތައް ތަކެއް ހުއްޓަކަސް ނޫރާވެސް ޖެހޭނެދޯ ނޫރާ ހެޕީވާ ކަންކަން ކޮށްލާ ހިތްހަމަ ޖައްސަން…” ނާއިލް އެހެން ބުނިއިރު އަހަރެން މިވިސްނާ ކަންތައްތަކުގެ ބޮޑުކަން އޭނައަކަށް އިހުސާސްވެސް ނުވާކަން އަހަރެންނަށް އެނގެއެވެ. މިހުރިހާކަމެއް ނާއިލްއަށް އެނގިއްޖެނަމަ އޭނާ އެކަމާ ވިސްނާވިސްނާ މޮޔަވެދާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން އެވާހަކަ ކުރިއަށް ގެންދަން ބޭނުން ނުވާތީ އަނެއްކާވެސް ކޮންމެވެސް އެހެން ވާހަކައެއް ފަށައި އެވާހަކަ އޮޅުވާލީމެވެ. ވާހަކައިގައި އެހެން ދެމީހުންތިއްބާ މަޣްރިބް ނަމާދު ބަންގި ގޮވުމުން ގެއަށް ދާން ނިކުތީއެވެ. އެތަނުން ނިކުމެ އަދި ދިމާވާނެ ކަމަށް ބުނެ ނާއިލް ދިޔުމުން އަހަރެންވެސް އަހަރެންގެ ގެއާ ދިމާލަށް މިސްރާބުޖެހީމެވެ.
އަހަރެން ގެއަށް ދިޔަމަގުމަތީގައި ހަނދާންވީ އަހަރެންގެ ފޯނަށް ނުދަންނަ ނަަންބަރުން އައި މެސެޖު ތަކެވެ. އެނާ މިކަމުގެ ތެރެއަށް ނުވައްދަން ބުނެފައިވާ މެސެޖުތަކެވެ. އަހަރެންނަށް އެފާރަލާ މީހާގެ މަގުސަދަކީ ކޮބާބާއެވެ.
އަހަރެން ގެއަށްގޮސް އެޕާޓްމެންޓަށް ވަދެ ތަޅުލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ސިޓިންރޫމުގައި ހުރި ކާމޭޒު މަތީގައި އޮތް ތަޅުދަނޑިއެވެ. އަހަރެން މަޑުމަޑުން ގޮސް އެތަޅުދަނޑި ނެގީމެވެ. އެއީ ވަރަށް ދުވަސްވެ ބާވެފައިވާ ތަޅިދަނޑިއެކެެވެ. އޭގައި އެންގްރޭވް ކޮށްފައިވާ ލިޔުންކޮޅު އަހަރެން ކިޔާލީމެވެ. “301”….
މީ އަނެއްކާ އެޖިންނި އަންހެންމީހާ ބޭއްވި އެއްޗެެއްބާއެވެ. އަހަރެންނަށް އިތުރަށް ކަންތައްތަކެއް ސާފުވާން މަގެއް ހުޅުވުނީބާއެވެ.
އެރޭ 12 ޖަހަންދެން އަހަރެން މަޑުކުރީމެވެ. ގޭތެރޭގައި މީހުން މަދުވެ ސިޑިމަތިންނާ ލިފްޓުން މީހުން މަދުވަނީ އެހާއިރުކަމުން އަހަރެން އެވަގުތު އެތަޅުދަނޑި ހިފައިގެން ސަމީރުގެ ފްލޯއަށް ދިޔައީމެވެ. ސަމީރުގެ އެޕާޓްމެންޓުގެ ކުރިމަތީގައި އޭތި ހިފައިގެން ހުރިއިރު އެތަކެއް އެއްޗެއް އަހަރެންގެ ސިކުނޑިއަށް އަރާފައިބަމުން ދިޔައެވެ.
މީ އަހަރެންގެ ތަޅުދަނޑިއެއް ނޫނެވެ. މީކީ އަހަރެންގެ އެޕާޓްމެންޓެއްވެސް ނޫނެވެ. އެކަމަކު މި ތަޅުދަނޑި އަހަރެންނަށް ލިބުމުގެ ފަހަތުގައު ކޮންމެވެސް ކަމެއް ފޮރުވިފައި ވާނެކަން އަހަރެންނަށް ޔަގީނެވެ… ހަމަ ދޮރު ހުޅުވަންވީ ބާއެވެ.
އަހަރެން އިރުކޮޅަކު ވިސްނަން ހުރެފައި އެތަޅުދަނޑި ސަމީރުގެ އެޕާޓްމެންޓުދޮރުގެ ތަޅަށް ކޮއްޕާލީމެވެ. ނަމަވެސް ތަޅުދަނޑިއަނބުރާ ނުލެވެނީސް ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑުއިވުނެވެ. އަހަރެން ތެޅިގަނެފައި ގަޅުދަނޑި ހިފައިގެން ފަހަތަށް ޖެހިލީމެވެ. އެވަގުތުން ސިޑިން އަރައިގެން އައި ސަމީރު ފެނިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ.
“ނޫރާ ކީއްތިކުރަނީ؟…” އަހަރެންއަތުގައި އޮތް ތަޅުދަނޑިއަށް ބަލާލަމުން ސަމީރު އެހިއެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނެނގުނެވެ. ބުނާނެ އެއްޗެއް ނޭނގުމުން އަހަރެން އަތުގައި އޮތް ތަޅުދަނޑިދައް ސަމީރުއަށް ދައްކާލީމެވެ.
“ތީ ކޮންތާކުން ހޯދި އެއްޗެއް؟؟.” އަނެެއްކާވެސް ސަމީރު ކުރީ ސުވާލެކެވެ.
“އަހަރެން އޮފީހުން އައިރު އަހަރެން އެޕާޓްމެންޓުގަ އޮތް ކީއެއް މީ…” އަހަރެން ތެދަށް ބުނީމެވެ.
” އިޓްސް ނޮޓް ޕޮސިބަލް… ތީ ކުރީގަ މިތާހުރި ބާގޭގެ ތަޅުދަނޑިއެެއް…” ސަމީރު އެހެން ބުނީ ވަރަށް ހައިރާންވެފައި ހުރެއެވެ.
“ގެނޭ ތި ތަޅިދަނޑި….” ސަމީރު އެހެންބުނެ އަހަރެންގެ އަތުން އެތަޅުދަނޑި ނެގުމަށް އަތްދިއްކޮށްލިއެވެ.
އަހަރެން ނޫނެކޭ ބުނެ އަތް ފަހަތަށްލީމެވެ.
ސަމީރު އިރުކޮޅަކު އަހަރެންނާ ދިމާލަށް ބަހެއް ނުބުނެ ބަލަން ހުރުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ތި ތަޅުދަނޑިން އަހަރެންގެ އެޕާޓްމެންޓެއް ނުހުޅުވޭނެ…” ސަމީރު ބޯހޫރާލަމުން ބުންޏެވެ.
“ދެން ކޮންތަނެއް ހުޅުވޭނީ މީގެން…” އަހަރެން ހައިރާންވެފައި އެހީމެވެ.
“ތީގެން ހުޅުވޭނެ ތަނެއް މިހާރަކު މިގެއަކު ނުހުންނާނެ… އެދޮރު ހުރިތާގައި މިހާރު ހުރީފާރެއް…” ސަމީރު އެބުނި އެއްޗެއްގެ މާނައެެއް އަހަންނަކަށް ނޭނގުނެވެ.
އަހަރެންނަށް އެވަގުތު އިތުރު ސުވާލެއް ނުކުރެވެނީސް މަތީ ފްލޯއަކުން ޓަކިދޭ އަޑު އިވެންފެށިއެވެ. ތިންފަހަރު ޓަކިދިނުމަށްފަހު އެއަޑުކެނޑުނެވެ.
“ސަމީރުއަށް ދެންމެ އެއްވެސް އަޑެއް އިވުނުތަ؟..” އަހަރެން އަހާލީމެވެ. ސަމީރު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އެވަގުތު އަނެއްކާވެސް ޓަކިދޭ އަޑު އިވެންފެށިއެވެ. އެއަޑު އަންނަގޮތުން އެއީ ދޮރެެއްގައި ޓަކިދޭ އަޑެއް ނޫންކަން އަހަރެންނަށް އެނގުނެެ. ހީވާގޮތުން އެއީ ފާރެއްގައި ޖަހާ އަޑެވެ. އެއަޑުއަހަން ހުރެފައި ސަމީރު ބިރުން ފަހަތަށް ޖެހުނުތަން އަހަރެންދުށީމެވެ. ދުވަހަކުވެސް ސަމީރުގެ މޫނުމަތިން އޭނާ އެހާބިރުގަނެފައި ހުއްޓައެއް އަހަރެން ނުދެކެމެވެ.
“އޭނަ ކުރިން ކުރާކަމެއްއެއީ…” ސަމީރު ވާހަކަ ދެއްކީ ބިރުންހުރެއެވެ.
“ކާކު؟..” އަހަރެން އެހީމެވެ.
“އެ ޖިންނި އަންހެންމީހާ…..” ސަމީރު ބުންޏެވެ.
އެއަޑު އަނެއްކާވެސް ހުއްޓުނެވެ.
” ނޫރާ… ތީ ކުރީގެ ބާގޭގެ ތަޅިދަނޑިއެއް.. ތީގެން ހުޅުވޭނެ ދޮރެއް މިހާރު މިތާކު ނުހުންނާނެ …” ސަމީރުއެހެން ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ. ގައިމު މިތަޅުދަނޑި އަހަރެންގެއަތަށް ލިބޭނީ ކޮންމެވެސް ކަމެއް ވީމަތާއޭ އަހަރެންގެ ހިތަށްއެރިއެވެ.
“އެކަމަކު މިތަޅުދަނޑިއާ އެހުރިހާ ކަމަކާ ކޮންމެވެސް ގުޅުމެއްވާނެ… އަހަންނަށް ޔަގީން…” އަހަރެން ބުނީމެވެ.
“އާނ… ގުޅުމެއްް ވޭ… ތީ އެމީހުން ސަނޫރާ ގެންދިޔަ ކޮޓަރީގެ ތަޅުދަނޑި…” ސަމީރު އެހެން ބުނުމުން އަހަރެން ދެލޯ ބޮޑުވިއެވެ. ކޮންބައެއް ކީއްކުރަން ސަނޫރާ ގެންދިޔަ ކޮޓަރިއެއްބާއެވެ. އަހަރެންނަށް ސުވާލުކުރަން އަނގަނުހުޅުވެނީސް މުޅިގެއިން ކަރަންޓު ދިޔައެވެ.
އެވަގުތު އަނދިރީގެ ތެރެއިން އަހަރެންގެ ކަންފަތް ކައިރިން އެއްކަލަ އަންހެންމީހާގެ އަޑު އިވުނެވެ.
“އޭނަ ދައްކާ ވާހަކަ ގަބޫލު ނުކުރޭ!…” އަހަރެންނަށް ތެޅިގަނެވުނެވެ. ސަނޫރާ ގެއްލުނު ރޭގައި ހިނގާދިޔަ ކަންކަމުގެ ހަގީގަތް އަހަރެންނަށް ހޯދޭނީ ކޮންދުވަހަކުން ބާއެވެ. ހަގީގަތް ސާފުވާން ހުޅުވޭކޮންމެ ދޮރެއް ބަންދުވަމުންދާ ކަމުގެ އިހުސާސް އަހަރެންނަށް ވާންފެށިއެވެ.
އެވަގުތު ކަރަންޓުއައިސް ބޮކިތައް ދިއްލުނެވެ.
“ކޮންބައެއް ކޮންތާކަށް ސަނޫރާ ގެންދިޔަ ވާހަކައެއް ސަމީރު ބުނީ؟..” އަހަރެން އެހީމެވެ.
ސަމީރު އޭރުވެސް ހުރީ އަހަރެންގެ އަތުގައި އޮތް ތަޅުދަނޑިއާ ދިމާލަށް ދެލޯބޮޑުކޮށްގެން ބަލާށެވެ. ސަމީރު ޖަވާބެއް ނުދީ އިސްޖަހާލިއެވެ. އޭނާ އެވާހަކަ ދައްކަން ބޭނުން ނުވާކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އެކަމުގެ ހަގީގަތް ހޯދަން ކުރަންޖެހުނު ކޮންމެކަމެއް އަހަރެން ކުރާނަމެވެ.
“ސަމީރު… ތެދަށް ކިޔާދީ… އަހަންނަށް އެނގޭ އަހަރެންގެ އަސްލު މަންމައަކީ ސަނޫރާކަން… އަހަރެންގެ މަންމައަށް ވީގޮތް އަހަރެން ހޯދާނަން…އަހަރެންނަށް އެބޮތް އެހައްގު….” އަހަރެންގެ އަޑުކުރެހި ދެލޯ ފެންކަޅިވިއެވެ. އޭރު ސަމީރު އަހަރެންގެ ލޮލަށް ކަޅިޖަހާ ނުލައި ބަލަންހުއްޓެވެ. ސަނޫރާއަކީ އަހަރެންގެ މަންމައޭ ދެންމެގަ އަހަރެން ބުނިހިސާބުން، އަހަރެންނަށް ވަރަށްގިނަ ކަންކަން ސާފުވެއްޖެކަން ސަމީރުއަށް އެނގޭނެއެވެ. އަދި އަހަރެން ދެރަވެފައި ހުރިވަރުވެސް އޭނައަށް އެނގޭނެއެވެ.
“ސަނޫރާ އަސްލު އުޅުނީ ނޫރާ ޝިފާނާއާ ހަވާލުކުރާކަށްވެސް ނޫން…” ސަމީރު ބުންޏެވެ.
“ކީކޭ ތިބުނީ؟؟…” އަހަރެން އެހީމެވެ.
“އެއްޗެކޭ ނޫން… އައި ޝުޑްނޮޓް ހޭވް ސެއިޑް ދެޓް…” ސަމީރު ބުންޏެވެ.
“ސަމީރު… ތިބުނި އެތި އެކްސްޕްލެއިން ކޮށްދީ..” އަހަރެން އާދޭހުގެ ރާގަށް ބުނީމެވެ.
“ޝިފާނާ ކައިރީގަ އަހާ… ” ސަމީރު އެހެން ބުނެފައި އޭނަގެ އެޕާޓްމެންޓަށް ވަދެ ދޮރުލެއްޕިއެވެ.
ނުނިމޭ….



