Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަވައްޓެރިޔާ! – 7

Eyesh Level 310 Stories100 Comments500 Comments
August 29, 2026 7 Mins Read
2 Comments

ސަމީރުގެ އެޖަވާބު އިވިފައި އަހަރެންނަށް އިތުރު ކަމެއް ސާފުވިއެވެ. ސަނޫރާ ގެއްލުނުރޭގައި ސަމީރުއާއި ސަނޫރާ ދިމާވިތާއެވެ. އެހެންވީމާ ސަމީރު ކިޔާނުދިނަސް އެތައްކަމެއް އޭނައަށް އެބައެނގޭކަން އަހަރެންނަށް އިތުރަށް ޔަގީންވިއެވެ.

 

ްަްައެރޭ އަހަރެން އެފޮޓޯ ހިފައިގެންއިނދެ ވަރަށްވިސްނީމެވެ. ސަނޫރާއަކީ ކޮން މިޒާޖެއްގެ މީހެއްބާއެވެ. އެފޮޓޯގައި އަހަރެން އުރައިގެން ސަނޫރާ އެހުރީ ކީއްވެބާއެވެ. އޭނައަކީ އަހަރެންގެ ކާކުބާއެވެ. ދެންވިސްނުނީ ސަނޫރާގެ ސިފައިގައި އެފެންނަ އަންހެންމީހާއާ ދޭތެރޭގައެވެ. އެއީ ސަނޫރާ ނޫންކަން އަހަރެންނަށް ޔަގީނެވެ. އަދިއެއީ ރޫހާނީ އެއްޗެއްކަންވެސް އަހަރެންނަށް ޔަގީނެވެ. އޭނާ ސަނޫރާގެ ސިފައިގައި އެފެންނަނީ ކީއްވެބާއެވެ. އޭނާގެ މަގުސަދަކީ ކޮބައިބާއެވެ.

 

 

އެވަގުތު ކައިރީގައިއޮތް އަހަރެންގެ ފޯނު ވައިބްރޭޓް ވާތީ ބަލާލީރު އަނެއްކާވެސް ނުދަންނަ ނަންބަރަކުން މެސެޖެއް އައީއެވެ. މީކާކު ފޮނުވާހާ މެސެޖެއްބާއޭ އަހަރެން ހިތަށް ްެއެރިއެވެ.

“އޭނަ ކައިރީގަ އަހާބަލަ ސަނޫރާ މަރުވުމުން ކަންތައްކުރީ ކިހިނެއްތޯ…”

އެމެސެޖު ކިޔާފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. ސަނޫރާ މަރުވީތާއެވެ. ގެއްލުނީކީ ނޫންތާއެވެ. ވީއިރު އޭނާގެ ހަށިގަނޑު ނުފެނުނީ ކީއްވެ ބާއެވެ. މެސެޖުގައި އެބުނި އޭނާއަކީ ސަމީރުބާއެވެ.؟…. އެވަގުތު އެޕާޓްމެންޓު ދޮރުގައި މީހަކު ޓަކިދިންހެން ހީވެގެން ގޮސް ދޮރުހުޅުވާލީމެވެ. މީހަކު ފެންނާކަށް ނެތް ނަމަވެސް ވައި އަޑުން މީހަކު ވާހަކަ ދެއްކި އަޑުއިވުނެވެ.

“އޭނާ ނޫރާއަށް ކިޔާދޭނީ އޭނާ އެވާހަކަ ހަނދާން ހުރިގޮތަށް…” ވައިއަޑުން އަންހެނެއް ބުނިހެން ހީވިއެވެ. މީހަކު ފެންނަންނެތި އައީ ހަމައެކަނިއަޑެވެ. އަހަރެން ހައިރާންވެފައި އިރުކޮޅަކު ބޭރަށް ބަލަން ހުއްޓައި ސިޑިމަތިން ކުއްލިއަކަށް ސަނޫރާގެ ސިފައިގައި ފެންނަ އަންހެންމީހާ ހުރިތަން ފެނުނެވެ. އޭނާ އަތުން ތިރިއަށް އިޝާރާތް ކޮށްލިއެވެ. ދެން ކުއްލިއަކަށް އެމީހާ ގެއްލުނީއެވެ. އަހަރެން މިހާރު ކުރިންހެން އެހާބިރެއް ނުގަނެެއެވެ. މިކަންތަކުގެ ހަގީގަތް ހޯދުމަށް ބޭނުންވެފައިވާ ވަރުން ކަމަށްވެސް ވެދާނެއެވެ.

 

 

އަހަރެން އަވަހަށް ސިޑިން ފައިބައިގެން ތިރިއަށް ދިޔައީ އެއަންހެންމީހާ އެދެއްކީ ކޮން އެއްޗެއްތޯ ބަލާށެވެ. ތިރިއަށް ގޮސް ފޭބީރު އެއްވެސްމީހެއް ތިރިން ފެންނާކަށް ނެތެވެ.

 

ތައުފީގުގެ ކުޑަ އޮފީހުގެ އެއްދޮރު މަގުމައްޗަށް ހުންނަ އިރު ސިޑިކައިރިން އެތެރެއިން ވަދެވޭގޮތަށް ވެސް ދޮރެއް ހުރެއެވެ. ގިނައިން އެތެރެއަށް އިންނަދޮރު ހުންނަނީ ތަޅުލާފައެވެ. ނަމަވެސް އޭރު އެދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން އަހަރެން ކުޑަކޮށް އެތެރެއަށް ބޯދިއްކޮށްލައި ބަލާލީމެވެ. އެތާ އެތެރެއިން އެއްވެސްމީހަކު ފެންނަން ނެތުމުން މަޑުމަޑުން އެތެރެއަށްވަދެ ވަށައިގެން ބަލާލީމެވެ. އޭރު އެތާއެތެރޭގައި ހުރިމޭޒުގެ ކުޑަ ދަމާވަތްގަނޑު ކުޑަކޮށް ހުޅުވިފައި ހުރުމުން އަހަރެންގޮސް އޭގެތެރެ ބަލާލީމެވެ. އޭގައި އޮތީ އަހަރެންގެ ނަން ޖަހާފައިވާ ސިޓީއުރައެކެވެ. އަހަރެން އޭތިނަގަން އަތްދިއްކޮށްލި ތަނުން ކަރަންޓުގޮސް މުޅިތަން އަނދިރިވިއެވެ. އަހަރެންނަށް ބިރުން ތެޅިގަނެވުނެވެ. “އަދިނުވޭ…” އެވަގުތު ކަންފަތް ކައިރިން އެއްކަލަ އަންހެންމީހާ ވައިއަޑުން ބުނިއަޑު އިވުނެވެ. ހަމައެވަގުތު ކުއްލިއަކަށް ކަރަންޓުއައިސް ބޮކިތައް ދިއްލުނެވެ. ދެންބަލާލީރު އެސިޓީއުރަ އެތާކުނެތެވެ. އަހަރެން އަވަސްއަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ސިޑިން މައްޗަށް ދިޔައީ މީހަކަށް ފެނިދާނެތީއެވެ.

…………….

 

އަނެއްދުވަހުގެ ހަވީރުގެ ވަގުތެވެ. އޮފީސްނިމިގެން ސީދާ ގެއަށް ދާން ބޭނުން ނުވާތީ ކުޑަކޮށް ހިނގާލުމަށް ބޭރުމަގުން ރާޅުގަނޑާދިމާލަށް ދިޔައީމެވެ. ފަހަތުން މީހަކު ގޮވާލިއަޑަށް ފަސްއެނބުރި ބަލާލީރު ފަހަތުގައި ނާއިލް ހެވިފައި ހުއްޓެވެ. “ނޫރާ … ކޮންތާކަށް؟” ނާއިލް ހެވިފައިހުރެ އަހާލިއެވެ.

“އޮފީސް ނިމިގެން ކުޑަކޮށް ހިނގާލާފަ ގެއަށްދާން މިދަނީ..” އަހަރެންވެސް ވާހަކަ ދެއްކީ ހެވިފައި ހުރެއެވެ.

ނާއިލް އަހަރެންނާއެކު ހިނގާފައި ދިޔަސް އެންމެ ރަނގަޅުތޯ އެހުމުން އަހަރެން އާނއެކޭ ބުނީމެވެ. ދެމީހުން އެކުގައި ހިނގާފައި ދިޔައިރު ނާއިލް މަޖާވާހަކަ ދައްކާ ހީހެދިއެވެ. އަހަރެންނަށްވެސް ނާއިލްގެ މަޖާވާހަކަތައް އަޑުއަހާފައި ވަރަށް ހެވުނެވެ. މިހެން މަޖާކޮށް ހީލާ މިހެދުނީ އެތައް ދުވަހެއް ފަހުންނެވެ.

ނާއިލް އަހަރެން އުޅޭ ގެއާ ހިސާބަށް އަހަރެންނާއެކު ދިޔައެވެ. އަދި ފަހުންވެސް ދިމާވާނެ ކަމަށްބުނެ ހީލާފައި ދިޔައީއެވެ. ނާއިލް ފަސްއެނބުރި ދިޔަތަން ބަލަން އަހަރެން ގޭގެދޮރުމަތީގައި ހުރީމެވެ. ނާއިލް އާއެކު ހޭދަވީ އެވަތުކޮޅުގައި އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަހަރެންނަށް ނާއިލް ދެކެ ލޯބި ވެވުނީކީ ނޫނެވެ. ނަމަވެސް ނާއިލް އާއި އަދިވެސް ދިމާވެ އެހެން ސަމާސާ ކޮށް ހީލަން ބޭނުންވިއެވެ.

 

އެވަގުތު ފޯނަށް އެއްކަލަ ނުދަންނަ ނަންބަރުން މެސެޖެއް އައެވެ. “އެއީ މިކަމާ ބެހޭ ނޫން… އޭނަ މިކަމުގެ ތެރެއަށް ނުވައްދާތި!!” އަހަރެންނަށް އެމެސެޖަށް ބަލާލުމަށް ފަހު މަގުކޮޅުން އޮބާލަން ދިޔަ ނާއިލްއާ ދިމާލަށް ބަލާލެވުނެވެ. އަހަރެންނަށް ފާރަލަމުން އެދާ މީހާ އެދައްކަނީ ނާއިލްގެ ވާހަކައެވެ. ފޫހިގޮތަކަށް އަހަރެން ތުންއަނބުރާލާފައި ގޮސް ގެއަށް ވަނީއެވެ.

 

 

ފެންވަރާ ހަމަޖެހިލައިގެން އެނދުގައި ފޮތެއް ކިޔާލަން ޖައްސާލީމެވެ. އިރުކޮޅަކު އެހެން އޮއްވައި ކޮޓަރީގެ ކުޑަދޮރުގައި ބޭރުން ޓަކިދޭއަޑު އިވެންފެށިއެވެ. އެކުޑަދޮރު ހުންނަނީ މަގުމައްޗަށް ބޭރަށް ހުޅުވޭގޮތަށެވެ. ވީއިރު ފަސްވަނަބުރީގެ ކޮޓަރިއެއްގެ ކުޑަދޮރެެއްގައި ބޭރުން މީހަކަށް ޓަކި ޖެހޭނީ ކިހިނެއްބާއެވެ. އަހަރެން ދޮރުހުޅުވާ ބަލާލީމެވެ. ބޭރުން ފެންނަން ހުރީ ކަައިރީގައިވާ އިމާރާތްތަކެވެ. ތިރިން ފެންނަން އޮތީ ހަލަބޮލި މަގެވެ. އެއީ އަަހަރެންނަށް ހީވިގޮތެއް ކަމަށް ނިންމުމަށްފަހު އަނެއްކާވެސް ގޮސް އެނދުގައި އޮށޯތްތަނުން އަނެެެއްކާ އެއަޑު އިވުނެވެ. މިފަހަރު އެއަޑުއައީ ތަންކޮޅެއް ބާރަށެވެ. އަހަރެންގޮސް ދޮރުހުޅިވާލީމެވެ. ރަނގަޅަށް ވަށައިގެން ބަލާލުމުން ފެނުނީ ކުރިމަތީގައި ހުރި ގޭގެ ފުރާޅިމަތީގައި ހުރި އެއްކަލަ އަންހެންމީހާއެވެ. އެމީހާފެނިފައި އަހަރެން ބިރުގަތް ނަމަވެސް އެމީހާ އަހަރެންނަށް ގެއްލުމެއް ދޭން ނޫޅޭކަން އަހަރެންނަށް އެނގެއެވެ. އޭނާ އެތާހުރެ ކޮޓަރި ތެރެއަށް އަތްދިއްކޮށްލިއެވެ. އަހަރެންނަށް ފުރަތަމަ އެމީހާ އެއަތްދިކުރީ ކޮންތާކަށް ކަމެއް ނޭނގުނެވެ. ނަމަވެސް އޭނާ ބަލަން ހުރީ އެނދު ކައިރީގައިހުރި، ކުޑަ ސައިޑް ޓޭބަލް މަތީގައި ބަންޑުން ބާއްވާފައި އޮތް އެއްކަލަ ފޮޓޮއަށެވެ. އަހަރެން މަޑުމަޑުން ފަހަތަށް ގޮސް އެފޮޓޮއަށް ބަލާލީމެވެ. އެފޮޓޯގެ ދަށުގައި އަހަރެން ބަލަބަލާހުއްޓައި އަމިއްލައަށް އިތުރު ލިޔުންކޮޅެއް ލިޔެވުނެ. “އޭނާ އެކަންކުރީ އެކަންޏެއްނޫން…” އެތަންފެނިފައި އަހަރެންނަށް ބިރުން ތެޅިގަނެވުނެ. ބަލަބަލާ ހުއްޓައި އަމިއްލައަށް އެހެން ލިޔެވޭނީ ކިހިނެއްބާއެވެ. ސަނޫރާގެ ސިފައިގައި އެފެންނަ އަންހެންމީހާ މީހާދަ ބާރުގަދަ އެއްޗެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ދެން އޭގައި އަނެއްކާ ލިޔެވުނީ “301” އެހެންނެވެ. އަހަރެން ސުވާލުގެ ނަޒަރުން އެމީހާއަށް ބަލަންހުއްޓައި އެމީހާ ކުއްލިއަކަށް ގެއްލުނެވެ. ބިރުންހުރިވަރުން އަހަރެންނަށް އެފޮޓޯގައި އަތްލާކަށްވެސް ނުކެރުނެވެ. އޭގައި އެވަނީ ސަމީރުގެ ވާހަކަ ބާއެވެ. ފޯނަށް މެސެޖެއްވެސް އައީ އެވަގުތުއެވެ. “ނޫރާއަށް މިހާރު އެނގޭނެ ހަގީގަތް ހޯދަން ބަލަންވީ ކޮންތަނެއްކަން…” ފޯނަށް އައި މެސެޖުގައި އޮތެވެ.

 

އެއަންހެންމީހާ އަހަރެންނަށް ބުނެދޭން އެއުޅެނީ ކީކޭ ބާއެވެ.

301 އަކީ ސަމީރުގެ އެޕާޓްމެންޓް ނަންބަރެވެ. އަނެެްކާ ސަމީރުއާ އެހެންމީހަކު ނޫނީ ބަޔަކު ވެގެން ސަނޫރާއަށް ކަމެއް ކުރީބާއެވެ.

މީގެ 17 އަހަރު ކުރިން ސަނޫރާ މަރުވެފައި ވާނަމަ އެ

އަންހެންމީހާ މިހާދުވަސް ވަންދެން އޭނާއަށް އެނގޭ މައުލޫމާތު ކިޔާނުދީ އެހުރީ ކީއްވެބާއެވެ. ކުރިން މީހަކަށް އެކަން ނޭންގީ ކީއްވެބާއެވެ. އަހަރެން މިގެއަށް އަންނަންދެން އޭނާ މަޑުކުރީބާއެވެ.

……………

 

އާދައިގެ މަތިން އަނެއް ދުވަހުވެސް ތެދުވެ އޮފީހަށް ދިޔައީ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ވާހާލުގައެވެ. މިހުރިހާ ކަމެއްގެ ހަގީހަތް ހޯދަން އެންމެ ބޭނުން ވަނީ އެފޮޓޯގައި އަހަރެން އިނުމުންނެވެ. އަހަރެންނާ މިކަންކަމާ އޮތް ގުޅުމެއް ހޯދާ ބަލަން ބޭނުންވާތީއެވެ. މިކަންތައް ފެށުނު ކޮޅުގައި ސަނޫރާގެ ސިފައިގައި ފެންނަ މީހާ ޓެރަސްގައި ހުރެ އަހަރެން ކައިރީގައި ބުނި ޖުމުލަ ދެންމެ ދެންމެ އިވުނު އެއްޗެއް ފަދައިން އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. “ނޫރާ މިގެއިން ނެރެދިނީ އަހަރެންގެ ދެއަތުން..” އެބުނި ޖުމުލައިގެ މާނައަކީ ކޮބާބާއެވެ. އޭނާ އެބުނީ އަހަރެން ކުޑައިރު މިގެއިން ނެރެގެން ކޮންތާކަށް ގެންދިޔަ ވާހަކަ ބާއެވެ.

 

އެހަރެން މަންމައަށް ގުޅާފައި މިހިނގާ ހުރިހާ ކަމެއް ކިޔައިދޭން ވަރަށް ބޭނުމެވެ. ނަމަވެސް މަންމަގެ ފަރާތުން އެއްވެސް އެދެވޭ ޖަވާބެއް ނުލިބޭނެކަން އަހަރެންނަށް އެނގެއެވެ.. މިސާލަކަށް އަހަރެންނަކީ ސަނޫރާގެ ދަރިއެއްނަމަވެސް އަހަރެން ބަލާބޮޑުކުރީ ހަމަ އަހަރެންގެ މަންމަ ޝިފާނާއެވެ. އެސުވާލަށްވެސް އަދިވެސް އަހަރެންނަކަށް ޖަވާބެއް ނުލިބެއެވެ.

 

 

އެދުވަހު އޮފީހުގެ މަސައްކަތް ތަކުގައި ބިޒީވެވޭތޯ ވަރަށް މަސައްކަތްކުރީމެވެ. ކޮންމެވެސް ވަރަކަށް ނަމަވެސް ހިޔާލުތަކާ ދުރުވެވޭތޯއެވެ. އެދުވަހު އޮފީހުގައި އިންދައި މަންމަގެ މެސެޖެއް އައެވެ. އޭގައި އޮތީ އޮފީސް ނިމިގެން މަންމައަށް ގުޅުމަށެވެ. އަހަރެން އުންމީދުކުރީ މަންމަގެ ފަރާތުން އަހަރެންގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެކަމަށެވެ. އެދުވަހު އޮފީސް ނިމިގެން ގެއަށްގޮސް އަހަރެން މަންމައަށް ގުޅީމެވެ.

“ދަރިފުޅާ ނޫރާ…. ސަނޫރާއާ ބެހޭގޮތުން މީހުންކައިރީގައި ވަރަށް އެބަ ސުވާލުކޮށް ހަދަންދޯ…” މަންމަ ފޯނު ނެގިގޮތަށް ބުންޏެވެ.

މަންމައަށް އެކަން އެނގުނީ ކިހިނެއްބާއެވެ. ހަމަގައިމުވެސް އަހަރެން މަންމައަކަށް މިވާހަކަ ތަކެއް ކިޔައެއް ނުދެމެވެ. ސަނޫރާއާ ބެހޭގޮތުން މަންމަ ކައިރީގައި ވާހަކަ ދެއްކުނީ އެއްމެ ދުވަހަކުއެވެ. އެދުވަހުވެސް އެކަމާ ބެހޭގޮތުން މަންމަ މާބޮޑު އެއްޗެއް ކިޔައެއްވެސް ނުދެއެވެ.

 

“މަންމައަށް ކިހިނެއް އެނގުނީ؟.” އަހަރެން އަހާލީމެވެ.

“ތައުފީގު ބުނި ދަރިފުޅު އަހާވަރުން ކުރީގެ ލިޔެކިޔުންތަކެއް ހުރި ކޮންމެވެސް ފައިލެއް ދެއްކިވާހަކަ…” މަންމަގެ ޖަވާބު އިވިފައި އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އޭގެނެ އެނގެނީ މަންމައާ ތައުފީގު ގުޅައިގެން ވާހަކަ ދައްކާކަމެވެ.

 

“މަންމަ ބުނީމެއްނު ސަނޫރާ ދަންނަ ވާހަކަ…. އޭނައަކީ ކޮންކަހަލަ މީހެއްތަ؟..މަންމަ ހަނދާން ހުރިވަރަކަށް ކިޔާދީފާނަންތަ އަޅެ…” އަހަރެން އެހެން އެހީ ކޮންމެހެން މަންމަގެ ފަރާތުން އެސުވާލަށް ޖަވާބެއް ލިބޭނެ ކަމަކަށްވެސް ނޫނެވެ. ނަމަވެސް މަންމަ އެސުވާލަށް ޖަވާބުދިނެވެ. “ސަނޫރާ ދޯ… އޭނައަކީ ވަރަށް ހިތްހެޔޮ މީހުންނާ ގުޅޭ ރަނގަޅުމީހެއް… ނަމަވެސް އޭނަގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މީހުންނާ ވަރަށް ހިއްސާނުކުރާ މީހެއް އެއީ… މަންމައާ ސަނޫރާ އަކީ އެހާ ގާތް ރައްޓެހިންނެއް ނޫން…” މަންމަ ކޮންމެވެސް ވަރަކަށް ކިޔާދިނެވެ.

 

“މަންމާ… ތެދައް ކިޔާދީބަލަ…. އަހަރެންނަކީ ސަނޫރާގެ ދަރިއެއްތަ؟… މަންމަގެ ދަރިއެއް ނޫންތަ؟..” އަހަރެން މޭގައި އަތްއަޅައިގެން އިނދެ އެހީމެވެ. އެއީ އަހަރެން އެނގެން ބޭނުންވެފައި ހުރި އެންމެ ބޮޑު ކަންތަކެވެ.

 

“ދަރިފުޅާ…. ތީ މަންމަގެ ބަނޑުން ވިހޭ ދަރިއެއް ނޫނަސް މަންމަ ވަރަށް ލޯބިވާ ދަރިއެއް ތީ… ދުވަހަކުވެސް މަންމަގެ އެހެން ދަރިންނަކާ ނޫރާ ތަފާތެއް ނުކުރަން…” މަންމަ ރޮމުން ދިން ޖަވާބު އަޑުއިވިފައި އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ނަމަވެސް އެފޮޓޯ ފެނުނު ހިސާބުން ފެށިގެން އަބަދުވެސް އަހަރެން އެހެން ހިތައް އެރިއެވެ. އޭގެ ފަހަތުގައި ސަނޫރާ އާ އޭނަގެ ދަރިފުޅު ..އެހެން ލިޔެފައި އޮތުމުން އަހަރެން ހުރީ ހަގީގަތާ ކުރިމަތިލާން ތައްޔާރު ވެގެންނެވެ.

 

 

“މަންމާ…. އިތުރަށް ކިޔާދީބަލަ މިކަމުގެ ހަގީގަތް….” އަހަރެން އެހެންއެހީ ހުރިހާ ކަމެއް ސާފުކޮށް އެނގެން ބޭނުންވާތީއެވެ.

 

“މީގެ ސަތާރަ އަހަރު ކުރިން، ސަނޫރާ ގެއްލުމުގެ ދުވަސްކޮޅެއް ކުރިން ސަނޫރާ އެއްދުވަހަކު ނޫރާ އުރައިގެން އައިސް މަންމަ އަތަށް ދިނީ… ނޫރާ އޭރު ވަރަށް ކުޑަވާނެ… އެދުވަހު ސަނޫރާ ހުރީ ވަރަށްބިރުން… އޭނާ ރޮމުން އާދޭސް ކޮށްފައި ބުނީ ނޫރާއަށް ކަމެއް ވެދާނެތީ ބިރުންނޯ މަންމައާ ހަވާލު މިކުރީ… އޭނާ އެދުނީ ނޫރާ ސަލާމަތުން ރައްކާތެރި ކޮށްދިނުމަށް…”

 

މަންމަގެ ވާހަކަ އަޑު އިވިފައި އަހަރެންނަށް އެތައް ކަމެއް ސާފުވިއެވެ. ނަމަވެސް އަނެއްކާވެސް އިތުރު ސުވާލުތަކެއް ކުރިމަތިވިއެވެ.

“ކޮންކަމަކާ ބިރުން؟… އަހަރެންނަށް ކީއްވެދާނެތީ؟… ކާކު ކީއްކޮއްފާނެތީ..؟” އަހަރެން ސުވާލުތައް އަމުނާލީމެވެ.

“ދަރިފުޅާ ހަމަ ތެދަށް މިބުނަނީ… މަންމައަކަށް ނޭނގެ.. އޭނަ ކިޔައެއްނުދޭ…” މަންމަ ކިޔާދިނެވެ.

 

“ދެން އެފަހުން ކިހިނެއްވީ؟” އަހަރެން އެހީމެވެ.

“ސަނޫރާ އަނބުރައެއް ނައި…އޭނާ މަރުވީ ކަމެއް ދުނިޔޭގަ ހުރިކަމެއް މަންމައަކަށް ނޭނގޭ… މަންމަ އޭނާ އާދޭތޯ ވަރަށް އިންތިޒާރު ކުރިން. ދުވަސްތައް މަސްތަކަށްވެ ދިޔައިރުވެސް ސަނޫރާގެ ހަބަރެއް ނުވި… މަންމަ އޭނާ ހޯދަންވެސް މަސައްކަތް ކުރިން.. އޭރު އެންމެންވެސް ކިޔަނީ ސަނޫރާ ގެއްލިއްޖޭ….” މަންމަ ރޮމުން ކިޔާދިނެވެ. މަންމަގެ ފަރާތުން ހަގީގަތް ތެދަށް ކިޔައިދިނަސް އެތެދު ހަގީގަތަކީ އަހަރެންގެ ހިތަށް ހެރުނު ހަންޖަރެއް ފަދައެވެ.

 

މަންމަގެ ކޯލު ނިންމާލުމަށްފަހު އަހަރެން ފެންވަރާލައިގެން ޓީވީ ބަލާލަން އިށީނީމެވެ. އަނެއްކާވެސް އެއްކަލަ ނުދަންނަ ނަންބަރުން މެސެޖު އަންނަންފެށިއެވެ.

“އޭނާއަށް އެކަކު ފިޔަވައި އިތުބާރު ކުރެވުނީ ނުބައި ބަޔަކަށް…”

އެމެސެޖު ކިޔަން އިންދައި ދެވަނަ މެސެޖު އައެވެ.

“ސަނޫރާ އެގެ ދެކެ ބިރުން އުޅުނީ ކީއްވެތޯ ސުވާލު ކޮށްބަލަ..”

 

އަހަރެން ހައިރާންވެފައި އިނދެ އެމެސެޖުތައް ކީމެވެ. ސަނޫރާ އެގެދެކެ ބިރުން އުޅުނޭ އެބުނީ ކީއްވެބާއެވެ. މީހެއް ދެކެއޭ ނުބުނެ އެގެ ދެކެއޭ އެބުނީ ކީއްވެބާއެވެ. މަންމަގެ ވާހަކައިން އެނގުނު ގޮތުގައި ސަނޫރާ ވަރަށް ބިރުން ހުރެ އަހަރެން ރައްކާތެރި ކުރަން މަންމައާ ހަވާލުކުރީއެވެ. އެހެން ވީމާ ސަނޫރާ އަހަރެން ރައްކާތެރި ކުރަންބޭނުންވީ މީހެއްގެ ކިބަޔަކުން ނޫންބާއެވެ. އޭނާ އެގެ ދެކެ ބިރުގަންނަން ވީ ކީއްވެބާއެވެ…

 

………….

 

 

އިރުކޮޅަކު އެކަމާ ވިސްނަން އިނުމަށްފަހު ބަނޑުހައި ވެގެން ބިސްކޯދެއް ގަންނަން ތިރީ ފިހާރައަށް ދިޔައީމެވެ. މިހާރު އެފިހާރަ ހިންގަނީ ހަސަންބެ އެއް ނޫނެވެ. ހަސަންބެ އޭނާގެ އަންހެނުން ބަލިވެގެން ފިހާރަ ދޫކޮށްލުމަށްފަހު އެއްކޮށް ރަށަށް ބަދަލުވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިހާރު އެފިހާރަ ހިންްގާމީހާ އަކީ މީހުންނާ މާވާހަކަ ދައްކާ މީހެއް ނޫނެވެ. އެހެންކަމުން ފިހާރައަށް ވަދެލާފައި ވީހާއަވަހަކަށް އެތަނުން ނިކުމެގެން އަންނަނީއެވެ.

 

އަހަރެން ގެއަށް އައިސް އެޕާޓްމެންޓަށް ވަންނަން އުޅެނިކޮށް ދޮރުކައިރީގައި ފާރުގައި އެއްޗަކުން ގާނާފައި ލިޔެފައިވާ އެއްޗެއް ލޮލުގައި އަޅައިގަތެވެ. ހީވާގޮތުން އެއީ މޮހޮރެއްް ކަހަލަ އެއްޗަކުން ލިޔެފައިވާ ލިޔުން ކޮޅެކެވެ. “ނޫރާ… 15/8…” އަހަރެން ފާރުގެ އެތާގައި އަތްހާކާލީމެވެ. އެއީކުރިން ދުވަހަކުވެސް އަހަރެންނަށް ނުފެންނަ ތަނެކެވެ. ނަމަވެސް ހީވާގޮތުން އެއީ ދުވަސްގަނޑެއް ވެފައިވާ ލިޔުން ކޮޅެކެވެ.

އޮގަސްޓް 15 އެއީ އަހަރެންގެ ފަށުފުލުގެ ދަށުގައި ލިޔެފައިވާ ތާރީޚެވެ. އަހަރެން އެކަމާ ވިސްނާލަން އިރުކޮޅަކު އެތާ ހުރީމެވެ.

 

ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ އެޕާޓްމެންޓު ތެރެއިން ދޮރުގައި ޓަކިދިން އަޑަށެވެ. އަހަރެން ފިހާރައަށް ދިޔައީ ހަމަ ޔަގީނުންވެސް ދޮރު ތަޅުލައިފައެވެ. ވީއިރު މީހަކަށް އެތެރެއަށް ވަދެވިގެން ނުވާނެތާއެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލައި އެތެރެއަށް ވަދެ ބޮކިދިއްލީމެވެ. އޭރު ސިޓިންރޫމު ސޯފާ ކައިރީގައި ބިންމަތީގައި ބަންޑުން އެއްކަލަ ފޮޓޯގަނޑު އޮތެވެ.

 

އަނެއްކާވެސް އޭގެ ފަހަތުގައި އިތުރު ލިޔުންކޮޅެއް ްޮއޮތެވެ. “ސަނޫރާ ގެއްލުނު ރޭގައި އޭނާ ހުރީ އެކަންޏެއް ނޫން…” އެލިޔުންކޮޅު ކިޔަން ހުއްޓައި ތިރީ އެޕާޓްމެންޓްކުން ބާރު އަޑެއް އިވުނުހެން ހީވެގެން، ވީގޮތެއް ބެލުމަށް އަހަރެން ސިޑިން ފައިބައިގެން ތިންވަނަ ފްލޯއާ ހިސާބަށް ދިޔައިރު ސަމީރު ދުވެފައި ކަހަލަ ގޮތަކަށް އޭނާގެ އެޕާޓްމެންޓުން ނިކުތެވެ. ސަމީރު އަހަރެންނަށް ބަލާލުމަށްފަހު އަހަރެންގެ އަތުގައިއޮތް ފޮޓޮއަށް ބަލާލިއެވެ. އޭރު ސަމީރުގެ މޫނުމަތިން އޭނާ ބިރުގަނެފައިވާ ވަރު އަހަރެންނަށް ވަރަށް ސާފުކޮށް ފެނުނެވެ. އެ އެޕާޓްމެންޓުގެ ދޮރު ހުޅުވާފައި ހުރުމުން އެތާތެރެއިން ސަމީރުގެ ފަހަތުން ކަހަލަ ގޮތަކަށް ސަނޫރާގެ ސިފައިގައި ފެންނަ އަންހެންމީހާ ހުއްޓައި އަހަރެން ދުށީމެވެ. ނަމަވެސް ސަމީރުއަށް އެމީހާ ފެނުނުހެނެއް ހިޔެއްނުވެއެވެ.

 

އެމީހާ އަހަރެންނަށް ބަލަންހުރެ އަތުގެ ޝަހާދަތް އިނގިލި އޭނާގެ އަނގަމަތީގައި އެޅިއެވެ. އަޑު މަޑުކުރުމަށް ނޫނީ އަނގައިން ނުބުނާާށޭ ބުނާ އުސޫލުންނެވެ. އެވަގުތު ކުއްލިއަކަށް ގެއިން އެއްކޮށް ކަރަންޓު ކެނޑުނެވެ. ކަރަންޓު ދިޔުމަށްފަހު ކުޑަ ސިކުންތުކޮޅެއް ތެރޭގައި ކަރަންޓު އައިރު ސަމީރުގެ އެޕާޓްމެންޓުގެ ދޮރު ކައިރީ ފާރުގައި އެއްޗެއް ލިޔެފައި ހުއްޓެއެވެ. “އޭނާއަށް ފެނުން..” ކަޅުކުލައިން ލިޔެފައިވާ އެލިޔުންކޮޅު ފޭދެމުން ދަނިކޮށް އަހަރެން ކިޔާލީމެވެ. އެބުނީ ކީކޭކަމެއް އަހަރެންނަކަށް ނޭނގުނެވެ. އެވަގުތު ސަމީރުވެސް ފަސް އެނބުރި އެލިޔުންކޮޅު ކިޔާލިއެވެ. އަހަރެން އޭރު ހުރީ ސަމީރުގެ މޫނަށް ބަލަހައްޓައިގެން ކަމުން އެތަން ކިޔާފައި ސަމީރުގެ މޫނަށް ވީގޮތް އަހަރެންނަށް ފެނުނެވެ. ސަމީރުގެ މޫނުމައްޗަށް ވެގެންދިޔަ ގޮތުން އެލިޔުންކޮޅުގެ މާނަ އޭނާއަށް ވަރަށްރަނގަޅަށް އެނގުނުކަން އަހަރެންނަށް ޔަގީންވިއެވެ.

 

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ހިތުގެ މަގުތައް-12

Previews
August 29, 2026

ހިތުގެ މަގުތައް-12

2 Comments!

  1. Nifff says:
    August 29, 2026 at 9:43 pm

    Vvvv reethi 😊

  2. shai says:
    August 30, 2026 at 1:05 am

    Salhi waiting for next part 🙂

Comments are closed.



All Right Reserved!