އަވައްޓެރިޔާ! – 6
ސަމީރުގެ އެޕާޓްމެންޓުން ނިކުމެގެން އަނެއްކާވެސް އަހަރެން ބޭނުންވީ ބޭރަށް ނިކުމެލާށެވެ. ހިތަށް ލިބިފައިވާ ބަރުކަމާ ނުތަނަވަސް ކަމަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ގެއިން ނިކުންނަން ދިޔައިރުވެސް އެފޮޓޯ އޮތީ އަހަރެންގެ އަތުގައެވެ. ގޭދޮރުން ނިކުމެވުނީ ތައުފީގު ކުރިމައްޗަށެވެ. ތައުފީގު އަހަރެންގެ އަތުގައި އޮތްފޮޓޯއަށް ބަލާލިއެވެ. އަހަރެން ބަހެއްނުބުނެ އޭތި ދަބަހަށް ލަމުން ނިކުމެގެން ދިޔައީއެވެ.
ދުއްވާ އެއްޗިއްސާއި ހިނގާފައި އުޅޭ މީހުންތައް މަގުގެ އެކިދިމަދިމާލުން ފެނެއެވެ. އިރެއް އިރަކަށް މަގުތައް ދިޔައީ ބާރުބޮޑުވަމުންނެވެ. އަހަރެން ހިނގާފައި މަގު ހުރިސީދަލަށް ދިޔައީ ދާނެ ވަކިތަނެއް އޮވެގެނެއްނޫނެވެ. އެކިސުވާލުން ސިކުނޑި ފުރިބާރުވަމުން ދިޔައެވެ.
އެފޮޓޯގެ ކަފާލާފައިވާ ބައިގައި ހުރީ ކާކުބާއެވެ؟ ސަނޫރާއަކީ އަހަރެންނާ ކޮންގުޅުމެއްއޮތް މީހެެއްބާއެވެ؟މިހުރިހާ ކަމަކާ އަހަރެންނާ އޮތީ ކޮންގުޅުމެއް ބާއެވެ؟
އެހެން ހިނގަމުންގޮސް ސިމްފަނީ ރެސްޓޯރެންޓާ އަރައި ހަމަވުމުން އަހަރެން އެތަނަށް ވަނީމެވެ. އޭރު ދެތިން މޭޒެއްގައި މީހުން ތިއްބެވެ. އަހަރެން އެތެރެއަށް ވަދެގެން ދިޔައިރު އެތާހުރި މޭޒެއްގައި އެކަނި ފޯނާ ކުޅެންއިން ފިރިހެން މީހާ އަހަރެން ފެނުމުން އަހަރެންނަށް ބަލާލާފައި ހީލިއެވެ. އޭނާވެސް އަހަރެންވެސް އަނގަޔަކުން ނުބުނަމެވެ. އެއީ މިއަދި ހަވީރު ޝިނާއާއެކު ސައިބޯން ގޮސް އިންދައި ފެނުނު ރީތި ފިރިހެން މީހާއެވެ. އޭނާ ހީލުމުން އަހަރެންވެސް ހީލުމަށްފަހު އެތެރެއަށް ވަދެގެން ގޮސް ހުސްކޮށް ހުރިމޭޒެއް ކައިރީގައި އިށީނދެ ކޮފީއަކަށް އޯޑަރު ކޮށްލީމެވެ. އޭރު ޖެހިގެން ހުރި މޭޒުގައި ދެމަފިރިއަކާ އެމީހުންގެ ކުޑަ ދެކުދިން ކާން ތިއްބެވެ. އެކުޑަދެކުދިން އަހަރެން ނަށް ބަލާފައި ހީލިއެވެ. އަހަރެންވެސް އަތުގެ އިށާރާތުން ހާއި ބުނެލީމެވެ. ވޭޓަރު ކޮފީގެނައުމުން އަހަރެން ހަމަޖެހިލައިގެން ކޮފީ ބޮމުން ފޯނުން ފޭސްބުކް ސްކްރޯލްކޮށްލަން ފެށީމެވެ.
އިރުކޮޅަކު އެހެން އިންދައި ފޯނަށް މެސެޖެއް އައެވެ. “އޭނަ ކައިރީގަ އެރެއާ ބެހޭގޮތުން ސުވާލު ކޮށްބަލަ.. އޭނަ އެތާ ހުރި. އޭނަ ހަނދާން ހުންނާނެ.” އަހަރެން ދެތިން ފަހަރު އެމެސެޖު ކިޔާލީމެވެ. އެދައްކަނީ ސަނޫރާ ގެއްލުނު ރޭގެ ވާހަކަ ބާއެވެ. އަހަރެންގެ ފަށުފުލުގެ ދަށުގައި ލިޔެފައިވާ ތާރީޚު ކަމަށްވާ 15 އޮގަސްޓުގެ ވާހަކަ ބާއެވެ.؟ މެސެޖުގައި ލިޔެފައި އެވާ އޭނަ އަކީ ކާކުބާއެވެ؟ މިއަދު ހަވީރު ސައިބޯން އިންދައިވެސް ހަމަ
އެފިރިހެންމީހާ ފެނުން ވަގުތު މިކަހަލަ މެސެޖެއް އަހަރެންގެ ފޯނަށް އައެވެ. އަނެއްކާ މެސެޖުގަ އެވަނީ އެމީހާގެ ވާހަކަ ބާއެވެ؟ އެއީ އަނެއްކާ ކާކުބާއެވެ؟…
އަހަރެންގެ ފޯނަށް މެސެޖު މިކުރަނީ ކާކުކަމެއްވެސް ނޭނގެއެވެ.
އަހަރެން ރެސްޓޯރެންޓުގެ ތެރެއަށް ވަރަށް ރަނގަޅަަށް ނަޒަރު ހިންގާލީމެވެ. އެންމެންވެސް އެމީހުންގެ އަމިއްލަ ކަންކަމާ ބިޒީވެގެން އުޅެއެވެ. އެއްވެސް މީހެއް އަހަރެންނަށް ބަލާކަށްވެސް ނެތެވެ.
އަހަރެން ވަރަށް ގިނައިރު އެތާ އިނދެ ފޭސްބުކް، އިންސްޓަގްރަމް އަދި ޓިކްޓޮކް ސްކްރޯލް ކުރަން އިނީމެވެ. އެހެންއިނދެ ކުޑަކޮށް ސިކުނޑިއަށް ހަމަ ޖެހުމެއް ލިބުމުނެް ގެއަށް ދިޔައީއެވެ.
ގެއަށް ގޮސް ސިޑިން އަރައިގެން ދިޔައިރު ސިޑިމަތިން މީހަކު ހިނގާއަޑު އިވުނެވެ. އެއީ އަހަރެންނަށް ވުރެ ކުރިން މައްޗަށް މީހަކު އަރައިގެން ދިޔައަޑެވެ. ނަމަވެސް އެމީހަކު އެރިތަނެއް އަހަރެން ނުދެކެމެވެ. އަހަރެންގޮސް އަހަރެންގެ އެޕާޓްމެންޓަށް ވަންނަން ދޮރުމައްޗަށް އެރީރު ދޮރުކައިރީގައި ކަރުދާސްކޮޅެއް އޮތެވެ. އަހަރެން އޭތި ނަގައި ކިޔާލީމެވެ.. “އެ އަންހެންމީހާ ދެކެ ބިރުނުގަނޭ…” އަހަރެން އެތާ ހުރެ ވަށައިގެން މީހަކުފެންނަން ހުރިތޯ ހޯދާލީމެވެ.
އޭރު ސިޑިމަތީގައި ހުއްޓިގެން އެއްކަލަ އަންހެންމީހާ ހުއްޓެވެ. އެއީ ހަމަ އެމީހާއެވެ. ފޮޓޯގައިވެސް ހުރި މީހާއެވެ. އެއީ ސަނޫރާއެވެ. އަހަރެންނަށް ބިރުން ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް އެމީހާ އަހަރެންނަށް ބަލަހައްޓައިގެން ހަމަ ހުރިތާހުރީއެވެ. ސަނޫރާ ވަނީ ގެއްލިފައެވެ. ވީއިރު އެއީ ހަމަ ސަނޫރާ ބާއެވެ. ނޫނީ އެއީ ސަނޫރާގެ ސިފައިގައި ހުރި ޖިންނިއެއް ބާއެވެ. އެމީހާ އަހަރެންނަށް ބަލަމުން މަޑުމަޑުން ސިޑިން ފައިބަންފެށިއެވެ. އަދި އަތުގެ އިޝާރާތުން އައުމަށް ބުންޏެވެ. އަހަރެން ކިތަންމެ ބިރުން ހުރިނަމަވެސް އެމީހާގެ ފަހަތުން ދިޔައީމެވެ. ގަނެފައިވާ ބިރަށްވުރެ ހަގީގަތް ހޯދަން ބޭނުން ވެފައި ހުރި ވަރު ބޮޑު ކަމުން ދެވުނީއެވެ. އޭނާ ގޮސް ތިންވަނަ ފްލޯއަށް މަޑުކޮށް ސަމީރު އުޅޭ އެޕާޓްމެންޓާ ދިމާލަށް އަތް ދިއްކޮށްލިއެވެ. އަހަރެންނަށް ހައިރާންވެފައި ބަލަން ހުރެވުނީ އެއަންހެން މީހާ އަނގައިން އެއްވެސް އެއްޗެއް ނުބުނެ އެހެން ކަންތައް ކުރުމުންނެވެ. އޭރު އެއަންހެންމީހާގެ މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ. އޭނާ އެބުނަނީ ކީކޭބާއެވެ. އެވަގުތު ފަހަތުން ސިޑިމަތިން މީހަކު އައިހެން ހީވެގެން ފަސްއެނބުރި ބަލާލީރު އެއްވެސްމީހަކު ފެންނާކަށް ނެތެވެ. ދެންއަނެއްކާވެސް އެއަންމީހާާ ދިމާލަށް އެނބުރުނު އިރު އެމީހާ ގެއްލިއްޖެއެވެ. އޭނާ އެވަނީ ކޮންތާކަށް ބާއެވެ. އެއީ އިންސާނެއް ނަމަ އެހެން ނުގެއްލޭނެކަން އަހަރެންނަށް ޔަގީނެވެ.
އަހަރެން އިރުކޮޅަކު ސަމީރުގެ އެޕާޓްމެންޓު ބޭރުގައި ހުރުމަށްފަހު އަހަރެން އުޅޭ ބަޔަށް ދިޔައީމެވެ. އަހަރެން ހުރީ އިތުރަށް ސަމީރު ކައިރީގައި ސުވާލު ކުރަންވެސް ފޫހިވެފައެވެ. އެހެންކަމުން އޭނާއަށް ގޮވާކަށް އަހަރެން ބޭނުމެއްނުބިއެވެ.
ގެއަށް ވަދެ އަތުގައި އޮތް ގަނޑުކޮޅަށް އަނެއްކާވެސް ބަލާލީމެވެ. “އެ އަންހެންމީހާ ދެކެ ބިރުނުގަނޭ…” ދެތިން ފަހަރު އެޖުމުލަ ކިޔާލުމަށް ފަހު ފުންނޭވާއެއްލެވުނީ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އެއަންހެންމީހާގެ ފަރާތުން އަހަރެންނަށް ނުރައްކަލެއް ނެތްކަމަށް ވިސްނުމުންނެވެ. އެކަމަކު ހިތުގައި އުފެދުނު އެއްމެ ބޮޑު ސުވާލަކީ މި ނޯޓުތަކާއި، ސިޓީއާއި ފޯނަށް މިއަންނަ މެސެޖު ތަކަކީ އެކަކު ފޮނުވާ އެއްޗެހި ބާއެވެ. އެއީ އެއަންހެންމީހާގެ ކަމެއްބާއެވެ. އަހަރެން އެކަރުދާސް ކޮޅާއި ފޮޓޯގަނޑު ކޮޓަރީގެ ޑްރެސިން ޓޭބަލް މަތީގައި ބޭއްވުމަށް ފަހުގޮސް ފެންވަރާލައިގެން ނިދަން ތައްޔާރުވީމެވެ.
އަނެއްދުވަހު ހެނދުނު ހޭލީރު ބޮލުގައި ރިއްސާފައި ހުރިވަރުން ބޯ ހިއްލާލަންވެސް ނުކެރުނެވެ. ރޭގައި ނިދެންދެންވެސް ވިސްނުނީ 15އޮގަސްޓު އެއީ ކޮން ތާރީޚެއްބާއެވެ. އެހެން އެކި ކަންކަމާ ވިސްނަ ވިސްނާ އަމިއްލަ މީހާ ހަލާކުވެދާނެއޭވެސް ބައެއްފަހަރު ހީވެއެވެ. ނަމަވެސް މިކަމާ އަހަރެންނާ އޮތްގުޅުމެއް ހޯދަން އަހަރެން ބޭނުމެވެ. ސަނޫރާ ގެއްލުނު ހާދިސާގެ ހަގީގަތް ހޯދަން، އަދި އެއީ އަހަރެންނާ ކޮން ގުޅުމެއް އޮތްކާކު ތޯވެސް ބަލަން ބޭނުމެވެ.
އެދުވަހު އޮފީހަށް ސަލާން ބުނުމަށްފަހު ސައި ބޮއި، ބޭސް ކައިގެން ކުޑަކޮށް އަރާމުކޮށްލުމަށް ފަހު ތެދުވީމެވެ. ކޮފީ ތައްޓެއް ގިރައިގެން ގޮސް ސޯފާގައި އިށީނދެ ފޯނު ނެގީ އިއްޔަ ތައުފީގުއަތުން ފެނުނު ފައިލުގެ ބައެއް ގަނޑުތަކުގެ ފޮޓޯތައް ބަލާލާށެވެ. އެއްވެސް އިތުރު މައުލޫމާތެއް އޭގެން ލިބޭތޯ ވަރަށް ސަމާލުކަން ދީގެން ބަލަން ފެށީމެވެ.
ފަހަރަކު ފޮޓޮއެއް ބަލަމުން ދަނިކޮށް ފެނުނު އެއްފޮޓޯގައިވަނީ ސަނޫރާ ގެއްލުނުފަހުން ލިޔެފައިވާ މަރާމާތުގެ ރިޕޯޓެކެވެ. ނަމަވެސް އޭގައި އިމާރާތައް ގެއްލުން ލިބުނީ ކިހިނެއް ކަމެއް ފާހަގަ ކޮށްފައެއް ނެތެވެ. އޭގައި ހަމައެކަނި އޮތީ މަރާމާތަށްޓަކައި ގޭގެ ވަކިހިސާބެއް ބަންދު ކުރިކަމެވެ.
އަހަރެން އެފޮޓޯ އިތުރަށް ބޮޑުކޮށްލައި ރަނގަޅަށް ބަލާލީމެވެ. އެގަނޑުގެ ތިރީގައި ކުޑަނޯޓެއް އިންތަން ފެނުމުން އަނެއްކާވެސް ރަނގަޅަށް ބަލާލީމެވެ. އެއީ ކުރިން ބެލީރު އަހަރެންގެ ލޮލުގައި އަޅައިނުގަނެ އިން ނޯޓެކެވެ. “އެރޭގެ މެންދަމު” އޭގައި ވަނީ އެހެންނެވެ. އެއީ ސަނޫރާ ގެއްލުނު ހާދިސާ ހިނގި ރޭގެ ވާހަކަ ބާއެވެ. އެހެންވީމާ އަހަރެންނަށް އެއްކަމެއް ސާފު ވީތާއެވެ. ސަނޫރާ ގެއްލުނު ހާދިސާ ހިނގާފައި އެވަމީ ރޭގަނޑެއްގެ މެންދަމުގެ ވަގުތުގައެވެ.
އެދުވަހު ކައްކާހިތް ނުވުމުން އަހަރެން ގެކައިރީ ބޭކަރީއަށް ދިޔައީ ސޭންޑްވިޗެއް ގައްނާށެވެ. ބޭކަރީ ގޯޅިއަށް އެޅިތަނުން ޕޭމަންޓުމަތީގައި އެއްކަލަ ރީތި ފިރިހެންމީހާ ފޯނެއްގައި ހުރިތަން ފެނުނެވެ. އޭނާ އަހަރެން ފެނުމުން ހީލިއެވެ. އަހަރެންނަށް ވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އޭނަ ފޯނު ޖީބަށް ލުމަށްފަހު މަޑު ހިނގުމެއްގައި އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ.
“ހާދަ ގިނައިން މިހާރު ފެނެޔޭ ދޯ!.. އަހަންނަށްކިޔަނީ ނާއިލް .. ތީ ކޮންނަމެއް ކިޔާ ކުއްޖެއްތަ؟” އޭނާ ހީލަމުން އަމިއްލައަށް ތައާރަފުވެލިއެވެ.
“ނޫރާ..” އަހަރެންވެސް ހީލަމުން ޖަވާބުދިނީމެވެ.
“އަހަރެން އުޅޭ އޮފީސް ހުންނަނީ މިތާ ކައިރީގަ… މިހެން އުޅެއިރު ދޭތެރެއަކުން ދަން ސިމްފަނީ ރެސްޓޯރެންޓަށް ކޮފީއެއްބޯލަން. ރޭގަ ނޫރާ އެކަނި އެތާ އިންތަން ފެނުނީމަވެސް ހިތަށް އެރި ކައިރިއަށްގޮސް ހައި ބުނެލަން… އެކަމަކު ނުކެރުނީ…”
ނާއިލް ވާހަކަ ދެއްކީ ހީލާފައި ހުރެއެވެ. ނާއިލް އަކީ އިސްކޮޅުން ދިގު ރީތި ފިރިހެނެކެވެ. އަހަރެން އޭނާ ކައިރީގައި ހުރި އިރު އޭނަގެ ކޮނޑާ ހަމައަށް އަރަނީ ކިރިޔާއެވެ.
“އާނ އަހަރެންވެސް ދުށިން ނާއިލް.. އެންޑް އިއްޔަ ހަވީރު ސައިބޯން ގޮސް އިންދަ އެތަނުންވެސް ނާއިލް ދިމާވިއެއްނު… ނާއިލް އައީމެއްނު ގޮނޑި ބަލާވެސް…” އަހަރެން ވާހަކަ ދައްކަމުން ދިޔައިރު ގަސްތުގައި ނޫނަސް ވަރަށް ރަކި ވެވުނުކަން އަމިއްްލައަށްވެސް އެނގެއެވެ.
“ދެން ދަނީ.. ނޫރާ މިހިސާބުގަ އުޅެންޏާ އަދި ދިމާވާނެ…” އެހެންބުނެ ނާއިލް ދިޔައީއެވެ. އަހަރެެން ބޭކަރީއިން ސޭންޑްވިޗް ގަނެގެން ގެއަށް ދިޔައިރުވެސް ހުރީ ނާއިލްގެ ހިޔާލުގައެވެ.
އެދުވަސް ނިމިގެން ދިޔައީ އެއްވެސް ކަމެއް ދިމާނުވެއެވެ. ސަނޫރާގެ ސިފައިގައި ފެންނަ އަންހެންމީހާވެސް ނުފެނެއެވެ. އެމުޅި ދުވަސް ކަހަލަ ގޮތަކަށް އަހަރެން ގޭގައި އޮވެ އަރާމުކުރީއެވެ. ޓީވީ ބަލާލާ، ވާހަކަ ކިޔާލާ ހެދުމުން ބޭކާރު ހިޔާލުތަކާ ކޮންމެވެސް ވަރަކަށް ދުރު ވެވުނެވެ.
އަނެއް ދުވަހު އޮފީހަށް ގޮސް ފުރަތަމަވެސް ޝިނާ ކައިރީގައި ނާއިލްއާ ދިމާވެ ވާހަކަ ދެއްކި ވާހަކަ ކިޔާދިނީމެވެ.
“މަށަށް އެނގޭ އޭރުވެސް އެދުވަހު އޭނަ އެހާ ވަރަށް ބެލީ ނޫރާއަށްކަން.. އަދި މަ ދުރަށްދިޔަ ގަޑީގަ ގޮނޑިއެއް ބަލައޭ ކިޔާފަ ދިޔައެއްނު…” ޝިނާ ހީހީފައި އަހަރެންނާ ދިމާކޮށްލިއެވެ. އަހަރެން ރަކިވެފައި އިނީ ބުނާނެ އެއްޗެއް ނޭނގުނީމައެެވެ. ކިތަންމެ އޮޅުވާލަން އުޅުނަސް އަހަރެންނަށްވެސް ނާއިލް ވަރަށް ރީއްޗެވެ.
އެދުވަހު އޮފީހުގެ މަސައްކަތްތައްވެސް ވަރަށް ކުރާ ހިތުން ކޮށްލެވުނެވެ. ގިނަ ވަގުތު ހޭދަވީ ނާއިލްގެ ހިޔާލުގައެވެ. އަހަރެންނަށް ދިމާވެގެން މިއުޅޭ ކަންތައްގަނޑު ފެށުނުފަހުން ހަމަޖެހިގެން އޮފީހުގެ މަސައްކަތްތައް ކޮށްލެވުނީ އަދި މިއަދުއެވެ. އެކަންކަމާ ސިކުނޑި ކޮންމެވެސް ވަރަކަށް ދުރުކޮށްލެވުމުން ދުވަސް ދިޔައީ ވަރަށް ހިތްހަމަ ޖެހިފައި ހުރެއެވެ.
އޮފީސްނިމިގެން އަހަރެން ގެއަށް ދިޔައިރު އަނެއްކާ ތިރިން ތައުފީގުއާ ދިމާވިއެވެ. “ސަނޫރާ ގެއްލުނު ރޭގެ ވާހަކަ ކިޔާދީފާނަންތަ؟” އަހަރެން އެހެން އެހުމުން ތައުފީގު އިރުކޮޅަކު ވިސްނާލުމަށް ފަހު ވައިއަޑުން ވާހަކަ ދައްކަންފެށިއެވެ. “މިތާހުރެ ކިޔާ ދެވޭވަރަށް ވުރެން ދިގުވާހަކަ އެއްމީ.. މީހަކަށް އަޑުވެސް އިވިދާނެ. ހިނގާ އޮފީސްތެރެއަށް.”
ތައުފީގުގެ އޮފީސް ހުންނަނީ ގޭތިރީގައި ކަމުން އަހަރެން އާނއެކޭ ބުނެ އޭނައާ އެއްކޮށް އެތަނަށް ވަނީމެވެ. އެއީ ތައުފީގު އެކަނި އުޅޭ އޮފީހެކެވެ. އެއީ ގޭގެ ކުއްޔަށް އުޅޭމީހުންގެ އެގްރިމެންޓް ތަކާ އެކިކަހަލަ ލިޔެކިޔުންތައް ބަލަހައްޓަން ހަދާފައި ހުންނަ ކުޑަ ކުޑަ ތަންކޮޅެކެވެ. އަހަރެން ތައުފީގުއާއެކު ގޮސް އެތަނަށް ވަދެ އިށީނީމެވެ. ތައުފީގު އަހަރެން ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން އިށީނދެ ހަމަ ޖެހިލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.
“ނޫރާ…. މީގެ ސަތާރަ އަހަރު ކުރިން މިތާހުރިގެ މިއަށް ވުރެން ކުޑަވާނެ. ދިހަ ބުރިއަކަށް ނޫންމިގެ އޭރު ހުންނާނީކީވެސް… ސަނޫރާ އަކީ މިގޭގަ އުޅުނު އެންމެ ރައްޓެހިން ގިނަ އެކަކު. އޭނަ ދަންނަމީހުން ވަރަށް ގިނަވާނެ. އޭނަގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން މިހިސާބު ވަރަށްގިނަ އަވައްޓެރިންވެސް އޭނައާ ވަރަށް ރައްޓެހިވާނެ… އެހެން އުޅެމުން ވަކި ހިސާބަކުން ކުއްލިއަކަށް އޭނަ ބޭރަށް ނުނިކުންނަންފެށީ.. އެހިސާބުން އެންމެންނަށްވެސް އެކަން ވަރަށް ފާހަގަވި… އެންމެންވެސް ހީކުރީ އޭނަ ކޮންމެވެސް ތާކަށް ދިޔައީކަމަށް.. އެހެން ދުވަސްތައް ދަމުންގޮސް، ހަފްތާތަށް ފާއިތުވެ މަސްތަކަށްވެގެންދިޔަ އިރުވެސް އޭނަގެ ހަބަރެއް ނުވި… އެންމެ ފަހުން އެންމެންވެސް އޭނާ ގެއްލުނީކަމަށް ނިންމީ…”
ތައުފީގު އެހިސާބަށް ބުނެ ފުންނޭވާއެއް ލިޔެވެ. އަހަރެން އިތުރަށް އެނގެންބޭނުން ވާތީ ސުވާލު ކުރަންފެށީމެވެ.
“ދެން ޕޮލިހަކަށް ނާންގަންތަ؟ އޭނާ ހޯދަން މަސައްކަތެއް ނުކުރޭތަ؟” އަހަރެން އަހާލީމެވެ.
ނޫން ޕޮލިހުން ވެސް އައި. އެންމެންވެގެން އޭނާ ހޯދީވެސް. ސަނޫރާއެއް ނުފެނުން.. އެކަކަށްވެސް އޭނަ ދިޔަ ތަނެއްވެސް ނޭނގެ… އޭނަގެ ހަބަރެއް އެއްވެސް މީހަކަށް ނުވޭ… އެހެންވެ އޭނަ ގެއްލުނީކަމަށް ނިންމީ..” ތައުފީގު އިތުރަށް ކިޔާދިނެވެ. ނަމަވެސް އަދިވެސް އިތުރަށް އަހަރެން އެނގެން ބޭނުން ވިއެވެ.
ތައުފީގުގެ އެވާހަކަ ފުރިހަމަ ނޫންކަން އަހަރެންނަށް އެނގެއެވެ. އެކިޔައިދެނީ އެއްބައެވެ. އޭނާ އެކިޔައިދެނީ އޭނާ ބޭނުންވާގޮތަށެވެ. މިކަމުގައި އެތަކެއް ކަމެއް އަދި އިތުރަށް ފޮރުވިފައި ވާކަން އަހަރެންނަށް ޔަގީނެވެ.
“ދެން ކީއްވެ އޭރުހުރި ގެ ތަޅާލީ؟” އަހަރެން އެހީމެވެ.
“ސަނޫރާ ގެއްލުނު ފަހުން ގޭތެރެ ނާމާން ވާންފެށީ… އޭރު ކުއްޔަށް އުޅުނު ވަރަށް ގިނަމީހުންގެ ކޮމްޕްލެއިން އަންނަން ފެށި.. ބައެއް މީހުން ބުނޭ ގޭގެ ލައިޓުތައް އަމިއްލައަށް ނިވި ދިއްލެނީއޭ، ދޮރުތަށްވެސް އަމިއްލައަށް ހުޅުވި ލެއްޕެނީއޭ…އެކި އެކި އަޑުއަޑުވެސް މީހުންނަށް އިވުން ކަމަށްވޭ… ބައެއްމީހުން ބިރުން މިތަން ދޫކޮށް އެހެން ގޭގެއަށް ވެސް ބަދަލުވި… އެހެންވެ މިގޭގެ ވެރިމީހާ ބޭނުންވީ އެގެތަޅާލާފަ އަލުން އާގެއެއް އަޅައި ގޭގެ ނަންވެސް ބަދަލުކުރަން…” ތައުފީގު ކިޔާދިނެވެ.
“ތައުފީގު ގަބޫލުކުރަންތަ އަސްލު އެގޭގަ ރޫހާނީ ކަމެއް އުޅުނުކަމަށް؟” ތައުފީގުގެ ވާހަކަ އަޑުއަހަން އިނދެފައި އަަހަރެން އެހީމެވެ.
“ނޭނގެ ތިކަމާ ބުނާނެ އެއްޗެއް…”
އެސުވާލަށް ތައުފީގު ދިނީ ކުރު ޖަވާބެކެވެ. އަހަރެން އިތުރު ސުވާލެއް ނުކޮށް ދެން ދަނީކަމުގައި ބުނެ އެތަނުން ނިކުތީއެވެ.
އަހަރެން ސިޑިން އަރައިގެން ދިޔައިރު ސަމީރު އޭނާގެ ބައިން ނިކުންނަނިކޮށް ފެނުމުން އެތާގައި މަޑުކޮށްލީމެވެ. އެއަންހެންމީހާ އަދި އަހަރެންގެ ފޯނަށް އަންނަ މެސެޖު ތަކާ ބެހޭގޮތުންވެސް ސަމީރުއާ އިތުރަށް ސުވާލެއް ކުރާކަށް އަހަރެން ބޭނުމެއް ނެތެވެ. ނަމަވެސް އަހަރެން މިހާރު އެންމެ އެނގެން ބޭނުންވަނީ މީގެ ސަތާރަ އަހަރުކުރިން 15 އޮގަސްޓުގައި ވީ ކީއްތޯއެވެ. އަހަރެން ތައުފީގުގެ އޮފީހުން ފެނުނު ފައިލުގެ ވާހަކަ އާއި އޭގެން އަހަރެންނަށް ފެނުނު އެއްޗެހީގެ ވާހަކަ ސަމީރުއަށް ކިޔާދިނީމެވެ.
“ނޫރާ އިތުރަށް ތިކަންކަން ހޯދާ ބަލަން ނޫޫޅުނިއްޔާ ރަނގަޅުވާނީ… ” އަހަރެންގެ ވާހަކަ އަޑުއަހާފައި ސަމީރު ބުންޏެވެ.
“ހުރިހާ ކަމެއް ހޯދާނަން… އެންމެން ސަނޫރާ ގެއްލުނީ ކަމަށް ނިންމިޔަސް އެކަމުގަ އެތައް ސިއްރެއް ފޮރުވިފަ ވާކަން އަހަންނަށް އެނގޭ… އެފައިލުގެ ގަނޑެއްގަ އިން ނޯޓެއްގަ ލިޔެފައިން އެރޭގެ މެންދަމުގެ ވަގުތުގަ.. އެބުނީ ކީކޭތޯވެސް ހޯދާނަން… އޭގެ މާނަ އަކީ ކޮންމެވެސް ކަންތައް ތަކެއް ހިނގާފަ އެބަހުއްޓޭ… އެކަންކަން ސިއްރުކޮށްފަ ސަނޫރާ ގެއްލުނީކަމަށް އެންމެން ނިންމީ… އެކަމުގެ ހަގީގަތްވެސް އަހަރެން ހޯދާނަން…”
އަހަރެން އެހެންބުނުމުން ސަމީރު އެއްވެސް އެއްޗެއް ނުބުނެ ދޮރު ތަޅުލުމަށް ފަހު ސިޑިން ފައިބައިގެން ދާންފެށިއެވެ.
“ސަމީރު… ސަނޫރާ ގެއްލުނު ރޭގަ ސަމީރުއާ އޭނަ ދިމާވިތަ؟” އަހަރެން އެހެން ބުނުމުން ސަމީރު ފަސް އެނބުރި އަހަރެންގެ މޫނަށްބަލަންހުރެ އާނ އެކޭ ބުނުމަށްފަހު ދިޔައީއެވެ.
ނުނިމޭ…



