މޭޒުދޮށުން ހިއްލާލެވުނުއިރު ޒަޔާންމެނަށް ތިބީ ހިރިނުލެވޭވަރަށް ބަނޑުފުރާލައިގެނެވެ. ބަނޑުގައި އަތްއުނގުޅަމުން އައި ޔާސީން، ނަދީންގެ ކަންފަތްބުޑަށް ވައެއްލަމުން އެއްޗެކޭ ބުނަން އަނގަހޮޅުވާލިއެވެ. އެހެންނަމަވެސް ދެން ފެނުނީ ވައިގޮޅީގައި ފަތުރާފައި ހުރި ކަށިވެލިގަނޑުމައްޗަށް ޔާސީން ގުޅަޔަކަށް ޖެހިފައި އޮތްތަނެވެ. “އައްދިޔޯތް!”
ތަނެއްގައި އަޅައިގަތީކަމެއް ނޫނީ ނަދީން ކޮއްޕައިލީކަމެއް ޒަޔާނަކަށް ނޭނގުނެވެ. “އަޖައިބެއްނުން. ތިއޮތީ ބޮނޑިބޮވިފައި މިހާރު.” ނަދީން އަތްފޮޅާލަމުން ދޫނެރެލިއެވެ. ޔާސީންއޮތް ހާލުފެނި ޒަޔާން ގާތަށް އައީ އަމަށަކު ހިންޏެއްނޫނެވެ.
“ބަލާބަލަ މަ ފަކީރަށް ހަދާގޮތް. ތިދެމީހުން މަށަށް ބުލީކުރަނީ.” ޒަޔާން ދިއްކޮއްލި އަތުގައި ހިފަމުން ޔާސީންތެދުވެ ގައިގައި ތަތްވެފައިހުރި ކަށިވެލިތަށް ފޮޅައިލިއެވެ. “ހަތަރެސްފައި ހަމަތަ އަނެއްކާ؟” މަލާމާތުގެ ޒާތަކަށް ނަދީން އެހިނަމަވެސް އޭނާގެ ލޯ އަމާޒުވެފައިވަނީ ޔާސީންގެ ހަންމަށައިގެން ގޮސްފައިހުރިތޯއެވެ. މިކަން ފާހަގަވެ ޔާސީން ފޮނިވެފައި ނަދީންގެ ކޮނޑަށް އަތްވައްޓާލިއެވެ. “އަޅެ މަށަށް މިހާ ރަނގަޅު ބެބީޓޯއެއް ލިބޭނެތަ؟”
ދެވަނަ ފަންގިފިލާއަށް އެރެވުމާއެކު ޖަހާފައި ހުރި ދުންދަނޑީގެ ވަސް ގަދަޔަށް ދުވަންފަށައިފިއެވެ. ހޯލުގެ އެއްފަރާތުގައި ލަގެޖުތަށް ބަހައްޓާފައިވާއިރު، އެ ފަންގިފިލާގައި ފަސް ކޮޓަރި ހުއްޓެވެ. އެންމެ ބިއްދޮށުގައިހުރި ކޮޓަރީގެ ދޮރުހޮޅުވާލާފައި ޒަޔާން ލައިޓުދިއްލާލަން ސުވިޗުގައި އަތްޖައްސާލިއެވެ. “އަނދާފައި؟” ޒަޔާން ޗޮކެއްކަނޑާލަމުން ބުންޏެވެ.
ކޮޓަރިތެރެ އަލިކޮއްލަން ކުޑަދޮރުފޮތިތަށް ކަހާލި ނަމަވެސް މާބޮޑު ކުރިއެރުމެއް ލިބުނުހެނެއްހިޔެއް ނުވެއެވެ. ރަތްވިލާއޮއްސެން ކައިރިވެ، މުޅި ފަޒާވަނީ ގަދަ ނޫކުލައަކުން ފަވާލެވިފައެވެ. އުޑުމަތި ސާފުވެފައި ތަރިތަށް ސާފުކޮށްފެންނަން ހުއްޓެވެ. ދެން ކިރިޔާވެސް އަލިކަމެއްހުރީ ބޭރުގައި ދިއްލާފައި ހުރި ފަނޑު ރަތްއަލިންނެވެ. ކުރިމަތިން ހެދިފައިހުރި ގަސްތަށް މަޑުމަޑުން ވަޔާހެލެމުންދިޔައިރު، ބައެއް އޮފިތަކުގައި އެލުވާފައިހުރި ލަކުޑިކޮޅުކޮޅުން މިޔުޒިކީ އަޑެއް އިވެމުންދިޔައެވެ. އިރުއޮއްސެމުންދިޔަވަރަކަށް ދޫނިސޫފާސޫފީގެ އަޑުވެސް ގަދަވަމުންދިޔައެވެ.
ވިސްނުމަކަށް ގެއްލިފައި އިން ޒަޔާންގެ ސަމާލުކަން އަނބުރާލީ ބިއްލޫރިގަނޑުގައި އެއްޗެއް ޖެހޭ އަޑަށެވެ. ފެހިކުލައިގެ އައްޔަކުން ނިވިދިއްލެމުން ދިޔައިރު އެ އަލިފާންކޮކާވަނީ ކޮޓަރިތެރޭ ތާށިވެފައެވެ. ހުއްޓުންއަރާފައި ހުރި ޒަޔާން ހޭވެރިކަންވެ އަވަހަށް ކުޑަދޮރު ހޮޅުވާލިއެވެ. އިސާހިތަކު އެ އަލިފާންކޮކާ އުދުހިފައި ގޮސް ގަސްތަކުތެރެއަށްވަދެ ގެއްލުނެވެ. އެއާއެކު ޖެހުނު ފިނިވައިރޯޅިން ޒަޔާންގެ ހިއްސުތަށް ކޮއްޅަށްޖައްސާލިއެވެ. އެވަގުތު ދުރުދުރުން ބަންގީގެ އަޑު ފަނޑުކޮށް އިވެމުންދިޔައެވެ. އަވަސް އަވަހަށް ކުޑަދޮރު ލައްޕާލުމަށްފަހު ތިރިއަށްފޭބީ ކޮޓަރިއަށް ލާނެ ހޮޅިބުރިއެއް ހޯދާށެވެ.
___________________________________________________
ކޮޓަރިތެރޭ ހޮޅިބުރި ބަދަލުކުރުމުގެ މަސައްކަތުގައި ގޭގައި ގެންގުޅޭ ބޭރުމީހާ އުޅޭތީ ޒަޔާންދިޔައީ ނަދީންމެން އުޅޭ ހާލެއްބަލާލާށެވެ. ދޮރުން ބޯދިއްކޮއްލިއިރު ނަދީނާއި ޔާސީންތިބީ އެނދުމަތީ ދެފައިވައްކޮއްލައިގެން ތާސްބައިކުޅޭށެވެ.
“އޯހ. ޒާން ނުލާތަ؟” ތުންދިއްކޮއްލަމުން ޒަޔާންދެރަވާކަމަށް ހެދުނެވެ.
ކުޅުމަށް ގެއްލިފައި އިން ދެމީހުންގެ މެދުގައި އޮތް ހިމޭންކަން ނަގާލީ ޔާސީން ޑިގުޖެހުމުންނެވެ. “ދެން ޔާން ޗީޓުކުރަނީ އިނގޭތި. މަގޭ އެންމެ ގަނޑަކަށްވެފައި އޮއްވަ އަދި.” އަތުތެރޭއޮތް ގަނޑުތަށް އުކާލަމުން ނަދީން އެނދުމައްޗަށް ވެއްޓިގަތެވެ. “އަދިވެސް އޮވޭ މަންނަތަށް ބަގުޑިބައްދައިގެން.” ޔާސީން އޭނާގެ އަތްބައި އަތުރާލަމުން ހޭންފެށިއެވެ. “ޔާނު މިޔޮތީ ހާހެއްއެއް ހަދާފައި.” ޔާސީންއަތުގައި އޮތް އޭނާގެ އެންމެ ފަހު މަންނަ ފެނި، މޫނުމަތީ ބާލީސް އަޅައިލަމުން ނަދީން ހަޅޭއްލަވައިގަތެވެ. “ޔޫ ނޯ ވަޓް! ޔޫ ކޭން ކީޕް ޔުއަރ ‘އޭސް’. މަދެން ބޭނުމެއްވެސް ނޫން.”
އެނދުގެ ފައިލާކޮޅުގައި ޒަޔާން އިށީންދުމާއެކު ޔާސީން އެއްސެވެ. “ޒާން. ވާނެދޯ މާދަމާ ފަތިހު ރަށުތެރޭގައި ބުރެއްއަޅާލަންދާން. އެކަމަކު އަހަރުމެންގެ ބޭބީއަށް ހޭލުވުނީމަ ދޯ މިޝަންއާގެން ކުރިއަށްދެވޭނީ.” ވަރަށް ނުވާކަމަށް ހުރެ ޔާސީން، ނަދީންގެ ބަނޑުގައި ކޮއްޓާލިއެވެ.
“މަތަ ނުހޭލައިގެން އުޅެންޖެހެނީ؟ ތިޔެއް އިނގޭނެ މާދަމާ ފަތިހު ޔާނު އެނދުން ވައްޓާލަންވީމަ.”
“މަ ހިއްލާލެވިގެންތާ؟” ޖަވާބުގައި ޔާސީން އޭނާގެ އަތުގައި ޖަހާފައިވާ މަސްތަކަށް ވާންކޮއްލިއެވެ. މާކަށް ހައިރާންވާވަރުގެ ބިޔަ މަސްތަކެއް ޖަހާފައި ނުވި ނަމަވެސް، ހަރަކާތްތެރިވެ، ހެލިފެލިވެ އުޅޭކަމުގެ ނިޝާންތަށް އޭނާގެ ހަށިގަނޑުގައި ފެންނަން ހުއްޓެވެ.
ޗޮކެއް ކަނޑައިލަމުން ނަދީން އަދި އިތުރަށް ފޮނިވެލިއެވެ. “މަގޭ ފޫޓު ހަމަނުވިޔަސް ތިކަހަލަ ހިކަންޖަކު ކުޑަވާ އިނގިލިންވެސް ހިއްލާލާކަށް އުނދަގުލެއް ނުވާނެ.”
“އާނ އޯކޭ ދެން.” އެދެމީހުންގެ ކޯޅުންގަނޑު މެދުކަނޑައިލަމުން، ޒަޔާން ތާސްބައިގަނޑުތަށް ނަގާ ކަނޑަން ފެށިއެވެ. “ހިނގާ ޒާން ލައިގެން އަދި އެއް ރައުންޑެއް ޖައްސާލަން.”
___________________________________________________
އެއް ބުރު، ދިހަ ބުރަށްވެ ނިމުނުއިރު މެންދަންވެއްޖެއެވެ. ދެފައިދަމަމުން، ލޯ އުނގުޅަމުން ކޮޓަރިއަށް ވަތް ޒަޔާން އެނދުމައްޗަށް ވެއްޓިގަތެވެ. ގުދުވެލާފައި ބިންމަތީހުރި އަތްދަބަހުން ކެމެރާ ނަގައި ފޮޓޯތަށް ބަލަންފެށިއެވެ.
ނަމަވެސް އޭނާގެ ހިޔާލުތަށް އެނބުރެންފެށި ތަސްދައްތަ ކިޔައިދިން ވާހަކަތަކުންނެވެ. ގަރުނަކަށްވުރެ ގިނަ އަހަރުތަކެއްވީ މިގޭގެ ފާރުތަށް ކިޔައިދޭނޭ ލައްކަ ބައިވަރު ވާހަކަތަކެއްވާނޭކަން ޔަގީނެވެ. އެގެއަށް ފައިއަޅާލެވުނީސުރެ، ބޭރުން ފެންނަފެނުމަށްތުރެ އެތެރޭގެ ހައިބަތުބޮޑުކަން އިހުސާސްކުރެވުނެވެ. ވީއިރު އަދި ނުފެންނަ ކިތައްމެ ކަމެއް ހުންނާނެބާއެވެ.
އިރުގަނޑެއްވަންދެން ސީލިންގަށް ބަލަހައްޓައިގެން އޮވެފައި ނިދުނު އިރެއް އޭނާއަކަށް ނޭނގުނެވެ.
ފުންނިދީގައި އޮތް ޒަޔާން އަތްވިހެލީ މޫނުމަތީގައި އެއްޗެއް އެނބުރޭހެން ހީވާތީއެވެ. ހަމަ އެއެއްޗެއް ފޮޅައިލާހާ އަވަހަކަށް، އޭތި އެނބުރިއައިސް އޭނާއާއި އެބަ އުނދަގޫކުރެއެވެ. އަނެއްކާވެސް ކުޑަކޮށް ފުރޮޅިލުމާއެކު އޭތީގެ އުނދަގޫ ގޮއްސިއެވެ. ކުއްލިއަކަށް ބައިވަރު އެއްޗިހިތަކެއް ކޮޓަރިތެރޭ އެނބުރޭ އަޑަށް، ޒަޔާން ބޯހިއްލާލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވެ އަތްފައި ފިނިވިއެވެ.
One Comment
Comments are closed.

Actually what is this story about??????
I dont understand anything..
Mi vhk ga othee bus olhun bolhun.
I only see names…
No scenes..
No sense
Im jus giving u advise
Kudakoh thafseel dheeba
N try to improve ur writing skills
Good luck!
👊🤜🤛