(ތިންވަނަ ބަޔާ ގުޅޭ…)
ފުންނިދީގައި އޮތް ޒަޔާން އަތްވިހެލީ މޫނުމަތީގައި އެއްޗެއް އެނބުރޭހެން ހީވާތީއެވެ. ހަމަ އެއެއްޗެއް ފޮޅައިލާހާ އަވަހަކަށް، އޭތި އެނބުރިއައިސް އޭނާއާއި އެބަ އުނދަގޫކުރެއެވެ. އަނެއްކާވެސް ކުޑަކޮށް ފުރޮޅިލުމާއެކު އޭތީގެ އުނދަގޫ ގޮއްސިއެވެ. ކުއްލިއަކަށް ބައިވަރު އެއްޗިހިތަކެއް ކޮޓަރިތެރޭ އެނބުރޭ އަޑަށް، ޒަޔާން ބޯހިއްލާލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވެ، އަތްފައި ފިނިވިއެވެ.
މުޅި ކޮޓަރިތެރެވަނީ ގުނާ އަދަދު ނުކުރެވޭހާ ބައިވަރު އަލިފާންކޮކާތަކުން ދިއްލާލާފައެވެ. ގަތް ބިރާއެކު، ހެޔޮ އެއްޗެއްކިޔަންވެސް އޭނާގެ ދޫ މަސައްކަތެއްނުކުރިއެވެ. އެހީގެ ގޮވުންތަށްވަނީ އޭނާގެ އަރުތެރޭ ތާށިވެފައެވެ. ހީވަނީ ދެންމެ ދެންމެހެން ހިތް މޭގަނޑު ފަޅާލާފައި ނިކުމެދާނެހެނެވެ. ހިތުގެ ތެޅުން އަވަސްވިވަރަކަށް، އޭނާގެ ބޮލަށް ބަރުވާން ފަށައިފިއެވެ.
ހާމައަށް ހޮޅުވާލެވިފައިވާ ކުޑަދޮރުން ޖެހުނު ވައިރޯޅިއަކާއިއެކު، މޫނަށް ހޫނު ނޭވާއެއް އެޅުނުހެން ހީވިއެވެ. ވާއަތްފަރާތަށް މަޑުމަޑުން ބޯއަނބުރާލިތަނާއެކު، ކުޑަދޮރު ފޮތީގެ ދަށުން ދިއްލިފައި އިން ރީނދޫ ލޯ ފެނި، އިސާހިތަކު ޒަޔާންގެ ޙަބަރުހުސްވެއްޖެއެވެ.
___________________________________________________
ފަތިހު ފަތިހާއިއެކު ރަށުތެރެ ބަލައިލަން އެއްބަސްވި މީހުންނަށް ގެއިން ނިކުމެވުނީ ނުވަގަޑި ބައިވާންވެފައި އޮއްވައެވެ. ނަދީނާއި ޔާސީންގެ ފަހަތުން ވަލުތެރޭ ހިނގަމުންއައި ޒަޔާންގެ ހަރަކާތްތަށްހުރީ ނެގިމަޑުވެފައެވެ. ރޭގައި އެ ފެނުނު މަންޒަރުތަކަކީ ހުވަފެނެއްކަން އޭނާގެ ސިކުނޑި އަންގައިދޭން މަސައްކަތްކުރިޔަސް އޭނާގެ ހިތްބުނަނީ އެއާއި މުޅިން ޙިލާފު ވާހަކައެވެ. އޭނާގެ މޫނުމައްޗަށް އެޅުނު ނޭވާ، ހަމަ ގައިމުވެސް އިހުސާސްކުރެވުނެވެ. ނޫނީ އެއީ ހީވާހީވުމެއް ހެއްޔެވެ؟
އިނގިލީގެ ނިޔަރޮދީގައި ކޮއްޓަމުން އިން ޒަޔާނަށް ހޭވެރިކަންވީ މާބޮޑަށް ދައިގަނެވުމުންނެވެ. މާބޮޑު ގެއްލުމެއް ލިބިފައި ނުވިޔަސް، ކުޑަކޮށް ލޭ އައިސްފައި ހުއްޓެވެ. ތުންފަތުގައި އިނގިލިކުރި ޖައްސާލައި، އިސްއުފުލާލައި ބަލައިލިއިރު ކުރީގައި ތިބި ދެމީހުންގެ ހިލަމެއް ނެތެވެ.
“ޝިޓް…” އަވަސް އަވަހަށް ޖީބުގައި އޮތް ފޯނުއަތުގައި ޖެހޭތޯ ބެލިއެވެ. ނަމަވެސް ނަދީންމެނާއި ގުޅޭނީ ރޭންޖު ލިބިގެންތާއެވެ. ގޮތްހުސްވެފައި ހުރި މުސާފިރެއް ފަދައިން އޭނާގެ ސިކުނޑި އަވަސްވެގަތީ ގަސްތަކުގެ ތެރެއިން ނިކުމެ، ދާންވީ މިސްރާބުދައްކައިދޭނޭ މައި މަގެއް ހޯދާށެވެ. އޭނާ ހުރީ ފަރުވާކުޑަކުރެވުނީތީ މޮޔަ ހިތަށް އަރާފައެވެ. މިއީ އޭނާ ކުޑަމިނުން ދަންނަ ރަށެއްވެސް ނޫނެވެ.
ހުއްޓާނުލާ ހިނގަމުންދިޔަވަރަކަށް އެންމެ ފަހުން މަގަކަށް ނިކުމެވިއްޖެއެވެ. ބިމުގައި ފަތުރާލެވިފައިވާ ކަށިވެލިގަނޑުމަތީ ފިޔަވަޅުތަކެއްގެ ނިޝާންތަށް ފެންނަން ހުއްޓެވެ. އިތުރު ސިކުންތުކޮޅެއްވެސް މަޑުކޮށްނުލައި އޭނާއަށް ދުއްވައިގަނެވުނީ އެދިމާލަށެވެ. ނަމަވެސް ކަންވީ ހީކުރިގޮތަކާއެއްނޫނެވެ.
ކުރިމަތިން ފެންނަންއޮތް ކަނޑޫފާކުޅި ފެނި، ޒަޔާންގެ ހަރަކާތްތަށް މަޑުޖެހުނެވެ. ވަށައިގެން ގަސްބޯކޮށްހެދިފައިވާއިރު، ފެންގަނޑުން އުފެދެމުން ދިޔަ ކުޑަކުޑަ ބާނިތަކުން މީހެއްގެ ހިލަމެއްވިހެން ހީވިއެވެ.
ފެންގަނޑާއި ކައިރިވަމުން ދިޔަވަރަކަށް ފުރަގަސްދީގެންހުރި އެޒުވާނާގެ ބުރަސޫރަ މަޑުމަޑުން ހާމަވާންފެށިއެވެ. އުނަގަނޑާއި ހިސާބަށް ފެންގަނޑު ހުރިއިރު، އޭނާގެ ބިޔަ ބައިމަތި އޮތީ ހާމައަށެވެ. ކަޅުފޮއިރެއެއް ފަދަ އޮމާން، އަނދިރި ހަންގަނޑުގައި ޖަވާހިރުތަކެއް ފަދައިން ފެންމުތްތަށް ހަރުލާފައިވެއެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑުން މޫނާއި ހަށިގަނޑުގެ ބައެއް ވަނީ ފަރުދާވެފައެވެ.
އެފިރިހެންމީހާއަށް ޒަޔާން ހުރިކަމުގެ އިހުސާސްކުރެވުނީބާއެވެ. ނުބަލައި ފަހަތަށް އަޅާލެވުނު ފިޔަވަޅާއެކު، މޫގަނޑެއްގައި އަޅައިގަނެފައި ޒަޔާން ވެއްޓިއްޖެއެވެ. އޭނާގެ ތުންފަތުތެރެއިން މަޑު އާހެއް ނިކުތްއިރު، ތަނބިކަށީގައި އަތްއަޅައިގެން އިންތަންކޮޅުން ހަންމަށައިގެންގޮސްފައިވެއެވެ. އެހެންނަމަވެސް ވީ ތަދަށްވުރެ އޭނާ މާބޮޑަށްވެސް ސިހުނީ އޭނާއަށް ބަލަންހުރި ޒުވާނާފެނިފައެވެ. އެއީ ހަމަ އޭނާގެ ހުވަފެނުން ފެނުނު ފަދަ ރީނދޫދެލޮލެވެ. ޝިކާރައަށް ނިކުމެ އުޅޭ މިނިކާވަގެއްގެ ފަދަ ތޫނު ދެލޮލެވެ.
ޒަޔާންއާއި ދިމާލަށް މަޑުމަޑުން އަންނަން ފެށުމާއެކު އޭނާގެ ނޭވާކުރުވެ ފަހަތަށް ޖެހެވެންފެށިއެވެ. އެއްގަމަށް އެރިވަރަކަށް އެމީހާގެ އައުރަ ކަޝްފުވާހެން ހީވުމާއެކު ދެލޯ ބާރަށް ތަގުޅިކޮއްލިއެވެ. ދެތިން ސިކުންތުވޭތުވެދިޔުމާއެކު، ލަސްލަހުން އިސްއުފުލާ ބަލައިލިއެވެ. ކަޅު ފޭއްޔެއް އަނދެގެންހުރި އެމީހާގެ އަތް ދިއްކޮއްލެވިފައިވަނީ ޒަޔާނަށެވެ. ބޭއިހްތިޔާރުގައި ޒަޔާނަށް އެމީހާއާއި ހަތަރުކަޅި ހަމަކޮއްލެވުނެވެ.
“އަހަރެން ކަލެއަށް ވަރަށް އިންތިޒާރުކޮށްފިން.” ޒުވާނާގެ އެބަރުއަޑުން ޒަޔާންގެ ގައިގައި ހީބިހިނަގުވައިލިއެވެ.
___________________________________________________
އެދެމީހުންގެ މެދުގައިވީ ހަމަހިމޭންކަމެވެ. އެޒުވާނާ ވަލުތެރެއަށް ވަދެ ގަސްގަހުން ފަތްޕިލާވެލި ހޯދައިގެން އައިސް ޒަޔާންގެ ފައިގައި ބޭސްއަޅައިދޭން ހުއްޓެވެ. އޭނާގެ ކޮންމެ ބީހުމެއްގައިވަނީ މަޑުމައިތިރިކަމެވެ. އޯގާތެރިކަމާއި އަޅާލުމެވެ. ހަމަ ރަނގަޅަށްވެސް އޮޅިއްޖެއެވެ.
“ތިއީ ކާކު؟” ފާޑަކަށް ބަލަންއިނދެފައި އެންމެ ފަހުން ޒަޔާން އެއްސެވެ. އެމީހާގެ ފަސްބައިން ފޮތިކޮޅެއް ވީދައިލަމުން، ޒަޔާންގެ ބޭސްގަނޑުމަތީ އައްސައިލިއެވެ. މި ހަރަކާތުން ނެގި ދިލައާއެކު ފައި ކުޑަކޮށް ދަމައިގަނެވުނެވެ. ހިންދަމައިލަމުން އެމީހާ ގަހެއްގެ މުލުގައި ލެނގިލިއެވެ.
“ކަނާން.” އޭނާގެ ޖަވާބު ސާދާއެވެ. “ދެނޯ؟” މިކަމުން ޒަޔާންގާތަށް ކުޑަކޮށް ރުޅިއަންނަގޮތްވެއްޖެއެވެ. ހިތުގައި އުފެދެމުންދިޔަ ސުވާލުތަށް އުތުރިއަރައިގެން ދާންފަށައިފިއެވެ. “ކަލޭތީ އިންސިއެއްކަމެއް، ޖިންނިއެއްކަމެއް މަށަކަށް ނޭނގުނު.”
“އަހަރެން މާ ކަޅުވީމަތަ؟ ލާނެތް ހިންޏެއްގެ އަސަރު އޭނާގެ މޫނުމަތިން ފަނޑުކޮށް ފާޅުވެ ހުއްޓެވެ. މިހެން ބުނުމާއެކު ރުޅިވެރިކަން ފިލައި، ޒަޔާންގެ ދޫބަންދުވެ މޫނު މަތިން ޖަންބުކުލަވެރިވިއެވެ. “ނޫން…”
ހެއްކެއްނެތި ކަނާންއާއި ދިމާލަށް އިނގިލިދިއްކުރެވޭކަށްވެސް ނެތެވެ. އޭނާގެ އާދަޔާޙިލާފު ކަޅިރަވަ ފިޔަވައި އިންސާނަކާއި އެއްވެސް ތަފާތެއްނެތެވެ. އެހެންކަމުން އޭނާއަކީ ޖިންނިއެއްކަމަށްވެސް ކަނޑަނޭޅޭނެކަން ޒަޔާންއަށް އެނގެއެވެ. ނަމަވެސް އޭނާއަށް އިންތިޒާރުކުރީމޭ ބުނާބަހުގެ މުރާދަކީ ކޮބާބައެވެ؟
ޒަޔާންގެ ހިތުގައިވީ ސުވާލުތަށް އޭނާގެ މޫނުމަތީގައި ފޭދޭ ގަލަމަކުން ލިޔެވިފައިވާ ފަދައެވެ. ޒަޔާންއާއި ދިމާލަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ކަނާން ޖަވާބުދިނެވެ.
“އަހަންނަކީ އިންސިއެއް ނޫން.” ނޭވާލާންވެސް ނޭނގިފައި އިން ޒަޔާންގެ ކުރިމަތީ ކަނާން ތިރިވެލިއެވެ. “ކިހިނެތްވީ؟ ބިރުގަތީތަ؟” ކަނާން ބޯއަރިކޮއްލިއެވެ. އޭނާގެ ތުންފަތުގައި ވިހަގަދަ ހިނިތުންވުމެއްވީއިރު އޭނާގެ ނަޒަރުން ހީވަނީ ދެންމެ ދެންމެ ޒަޔާން ނޮޅައިލަފާނެހެނެވެ. ކުރިން ހުރި ސަމާސާގެ ކުލަވަރު ކެނޑި، މުޅި ތަނަށް މަރުފަދަ ހިމޭންކަމެއްވެރިވިއެވެ.
ޒަޔާންގެ ތުރުތުރުއަޅަމުންދިޔަ ދަތްދޮޅީގައި ހިފައި ކަނާން އޭނާއާއި ހަތަރުކަޅި ހަމަކޮއްލިއެވެ. “ޒަޔާން…” ޒަޔާންގެ ދޮން މޫނަށް ނަޒަރު ހިންގާލަމުން ކަނާންގެ ލޯ ހުއްޓުނީ އޭނާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށެވެ. އެއަށްފަހު އަނެއްކާވެސް ޒަޔާންގެ އެބޮޑު ކަޅުކަންގަދަ ދެލޮލާއި އަރައިހަމަކުރިއެވެ.
“ޒަޔާން އަތުގައި ފުރާނަފަދަ އަގުހުރި ޙަޒާނާއެއްވޭ.” މޫނުމައްޗަށް އެޅުނު ހޫނުނޭވާއިން ޒަޔާންގެ ގައިން ހީބިހިނަގުވައިލިއެވެ. “އެކަން އިނގޭތަ؟”
އެސްފިޔަޖަހާލާހާ އަވަހަށް، ވައިސޫރައެއްފަދައިން ކަނާން އޭނާގެ ލޯމަތިން ގެއްލިއްޖެއެވެ. ވެލިގަނޑުތެރެއަށް އަތްމުއްކަވާލެވިފައިވާއިރު، ޒަޔާނަށް އިނދެވުނީ ގަބުވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Wow 😮