“އަނެއްކާ ރަނގަޅު ތަނަކަށްތަ މި އާދެވުނީ؟” މަރުފަދަ ހަމަހިމޭންކަމެއްވެރިވެފައިވާ ގަސްބޯ ގޯތިތެރެފެނި ޔާސީނަށް ބުނެވުނެވެ. ކުޑަކޮށް އެތެރެއަށް ވަދެވުމާއެކު މަންމަމެން އައިކާރު ފެނި އެމީހުންގެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބިއްޖެއެވެ. ގަސްހެދިފައިއޮތްލޭ ބޯކަމުން ތިރީބައި ފިޔަވާ އެގޭގެ އަސްލުބޮޑުމިން ފުރިހަމައަކަށް ނުފެނެއެވެ. ގޭގެ މައިދޮރާއްޓަށް ދެވެން ގާޖަހާފައިވާ ކުޑަ މަގުކޮޅެއް އޮތްއިރު، މެދުގައި އޮތް ބުރުގައި ޖޯލިފައްޗެއް ބަހައްޓާފައިވެއެވެ. އެބުރުތެރެއަށް ޒަޔާން އަޅައިލި ކޮންމެ ފިޔަވަޅަކަށް ކަށިވެލިމުގުރޭ އަޑުއިވެމުންދިޔައެވެ. ޖޯލިފަތީގެ އެއްފަރާތުގައި އިންދާފައިވާ ސަބްދެލިގަހުގެ ފަތްތަށް އޭނާގެ ބޮލުގައި ކޭއްތެމުންދިޔައިރު، އިސްއުފުލާބަލައިލުމުން ރަތްވިލާއޮއްސޭތަން ކުޑަކޮށް ހާމަވެފައިވެއެވެ.
އެމީހުންގެ ސަމާލުކަން ދަމައިގަތީ، ފަތުއަޑުކިޔާފައި ހޮޅުވުނު މައިދޮރާށިން ބޯދިއްކޮއްލި ތަސްލީމާގެ އަޑަށެވެ. “ކީއްވެ އެތެރެއަށް ނުވަދެ ތިތިބީ. އާދޭ ކުދިންކޮޅު، ހުންނާނެ ސައިހަދާފައި.”
ބޭރުން ބަލާބެލުމަށް އާދައިގެ ގެއެއް ފާޑު ޖެހިނަމަވެސް އެތެރެއަށްވަދެވުމާއެކު އެގޭގެ ބިޔަކަން ހާމަވެގެންދިޔައެވެ. ވަކަރުގައި ކަނޑާނަގާފައިވާ ޖާލިތަކާއި ކިއްސަރުވަޑާމުގެ އެކިއެކި އުފެއްދުންތަށް ފެންނަމުންދިޔައެވެ. މެދުގައިހުރި ވަށް މޭޒުމަތީގައި ބޮޑުގުޅިއެއް ބަހައްޓާލެވިފައިވާއިރު އެއަށް ޖަހާފައިހުރި މާބޮނޑިވަނީ މިލާމޯޅިވެފައެވެ. ހުސްތަޅުންގަނޑުމަތީ ފައިވާންތަށް ކޭއްތޭއަޑުވަނީ މުޅިތަނުގައި އެކޯވެފައެވެ. މެދުގައި ހުރި ވައިގޮޅީގެ ފަނޑުއަލި ފިޔަވާ އިތުރު އަލިކަމެއްނެތެވެ. ތަސްލީމާގެ ފަހަތުން ތިން މީހުން ކޮރިޑޯ ހުރަސްކުރުމަށްފަހު ވަދެވުނީ ކާގެއަށެވެ. ބޭރުފެންނަގޮތަށް ފަތްޖެހިދޮރުތަށް ހޮޅުވާލެވިފައިވާއިރު، މާހިރާ ހުރި ކަނެއްގައި އަތްވިއްދާލައިގެން ބޭރަށް ބަލަހައްޓައިގެނެވެ. ކާމޭޒުދަށުގައި ސައިބޯންއިން ވިސާމާއާއި ޝަޒްނާގެ އިތުރުން އިމްރާން ބޮޑު ވާހަކައިގައި ތިބިއިރު ވަދެގެންއައި ޒަޔާންމެނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ތަސްނީމާ ލައިޓުތަށް ދިއްލާލުމާއެކު މުޅިތަން ފަނޑު އޮރެންޖު ކުލައަކުން އަލިވިއެވެ.
“ބަލާބަލަ އަހަރުމެންނަށް ނުދީ އަވަހަށް ހުރިހާ ސައިކޮޅު ބޯލަނީތަ؟” އިމްރާން އަނގަޔަށްލާން ދިއްކޮއްލި ގުޅަ އަތުލަމުން ޔާސީން ޝަކުވާކޮއްލިއެވެ. ހިނިގަނޑެއް ޖަހާލަމުން އިމްރާން އޭނާގެ ދަރިފުޅު ބުރަކަށީގައި ފިރުމާލިއެވެ. “އަހަ ޔާނުމެން އަންނަނީ މާލަހުންވިއްޔަ. އަވަހަށް ވަޑައިގެންނަވާ.” އިމްރާން މަޖާވެފައި ކައިރީގައިއިން ގޮނޑިއެއް ދަމާލަމުން ބުންޏެވެ.
ވާހަކާގައި ބައިވެރިވަމުން ނަދީން، ޔާސީނާއި ދިމާލަށް މަލާމާތްކޮއްލިއެވެ. “ނަސީބެއްނުން ލަހުން އާދެވުނުކަން. އެހެން ނޫންނަމަ މިހިރަ ބިސްގަނޑު ހުރިހާ އެތިކޮޅު ދަމާލާނެ.”
ނަދީންގެ ޝައުގުވެރިކަން ދެން ހުއްޓުނީ މާހިރާއަށެވެ. “މަރީދައްތަ ހާދަ ދުރުގައި ތިހުރީ.”
“މިގޭ ގަސްތަށް ރީތިކަމުން ހަމަ ބަލާލަން މިހުރީ. ޓެރަހުގައި އިންދާލަން ހަމަ ވަރަށް ބަރާބަރު. ތަސް، މަދާންވީމަ ލިބިދާނެތަ ދެތިން އޮފިކޮޅެއް؟” މާހިރާ އެނބުރެލަމުން ބުންޏެވެ. އެއާއެކު ކާގެއެތެރެ އިތުރަށް ހަލަބޮލިވިއެވެ. “އެއްކަލަ މަރީ ހަމަ ތަނަކުން ގަހެއް ފެންނައިރަށް ބޭނުންވާނެ.” ހެމުން ހެމުން ވިސާމާ ދިމާކޮއްލިއެވެ.
“ނޫނޭ، އެކަމަކު މިގޭގައި ހާދަ ނުފެންނަ ވައްތަރު ގަސްވެސް ހެދިފައިއެބަހުއްޓޭ…” މާހިރާ ދިފާއުގައި ބުންޏެވެ. “ތަސް އެކަނިތަ މިކޮޅުގައި އުޅެނީ؟”
“ނޫނޭ. މިކޮޅުގައެއް ނޫން އުޅެނީ. މާލޭގައި އުޅޭތާ ވަރަށް ޒަމާންވެއްޖެ މިހާރު.” މޭޒުމަތީ އަތްތިލަ ހިންގާލަމުން ތަސްނީމާ ކިޔައިދިނެވެ. “ތިމީހުން އަންނަ ވާހަކަބުނީމަ މަހެއްވަރުކުރިން މިކޮޅަށް އައީ. ގޯތިއޮތް ހާލެއްވެސް ބަލާލަންވާނެތާ ދޯ. މިހުރިހާ ދުވަހު ބޭރުމީހެއް ލައްވާ މިގެ ބެލެހެއްޓީ.”
“އެހެންތަ؟” މާހިރާ ޖަވާބުގައި ބުންޏެވެ. “ވަރަށް އާސާރީ ފާޑުޖަހާ ރީތިގެޔެއް މީ”
“އާން. ގަރުނަކަށް ވުރެ ގިނަ ދުވަސްވާނެ ކަންނޭންގެ. މިއީ އަސްލު އަހަރުމެންގެ ކާފަގެ ގޯއްޗެއް. ކާފައަކީ މިރަށު މީހެއްނޫނޭ ބުނާ އަޑުވެސް އިވޭ އަހަރުމެން ކުޑައިރު ދޯ ސަމާ… އެކަމަކު އަހަރުމެންގެ ބައްޕަ ބުނަނީ އެއީ މިރަށު މީހެއްކަމަށް.” ވިސާމާ ދިމާލަށް ދޯ ޖަހާލަމުން ތަސްލީމާ ވާހަކައިގެން ކުރިއަށްދިޔައެވެ. “ދެން މާމައާއި ކައިވެނިކޮއްގެން މިގެޔަށް ބަދަލުވީ. ކާފަ ދުށިން ވަރަށް ކުޑައިރު. ހިކި ދިގުކޮށް ހުންނާނީ. އޮންނާނެ ވަރަށް ވަރުގަދަ މަތިމަހެއްވެސް. އަހަރުމެންނަކަށްވެސް ނުފެންނާނެ މާމައެއް. ކާފަވެސް ނިޔާވިފަހުން މާމަގެ ފޮޓޯގަނޑެއްވެސް ފެނުނީ. ފަރަންޖީއަކާއި ވައްތަރީ ހަހަހަ. ވެދާނެއެނުން ވިޔަފާރި ދަތުރެއްގައި ދިމާވި ފަތްމިންޏަކަށްވެސް.”
“އެހެންވެ ދޯ ދައްތަމެން އެހާ ރީތީ….” ފޮނިވެލާފައި ޔާސީން ބުމަތަޅުވާލިއެވެ. “ޑިސެންޑެންޓްސް އޮފް ފަތްމިނިންސް.”
“ހެހެހެ. ހޫން ދެން ކާފައާއި މާމައަށް ލިބުނީ ފިރިހެންކުއްޖަކާއި އަންހެންކުއްޖެއް. އެކުއްޖަ ޅަފަތުއުމުރުގައި ނިޔާވީ. ދެން ހުރީ ބައްޕަ. މަޖީދު ކިޔާނީ. ބައްޕަ ނިޔާވުމުގެ ކުރިން އަހަރުމެން ދެމީހުންގެ އަތަށް ބަހާނުލާ މިގެ ވާރުތަވާގޮތަށް ހަދާފައި އޮތީ. އެކަމަކު ނަމުން މަ މިގެ ބަލަހައްޓަނީ. ވަރަށް ތާރީޙީ ގެޔެއް މިދެން އަނެއްހެން ބުނާނަމަ.”
ތަސްލީމާ ކިޔައިދެމުންދިޔަ ވާހަކަތަކަށް އަޑުއަހަން އިން ޒަޔާނަށް މިކަންވީ އާއަޑަކަށެވެ. އޭނާއަކީ ދުވަހަކުވެސް އެފަދަ ކަންކަމަށް ސަމާލުކަންދޭ މީހަކަށް ނުވުމާއެކު، ނަދީނާއި ޙިލާފަށް އޭނާގެ މަންމަގެ ކިބައިން މީގެކުރިން ސުވާލު ގިނަކޮށްއުޅެ ނުހަދައެވެ. ޒަޔާންގެ ނެތް ޝައުގަކަށް ވިސާމާވެސް ކާފަމެންގެ ވާހަކަތަށް ކިޔާދޭހިތް ނުވީކަމުގައިވެދާނެއެވެ.
ކޮންމެއަކަސް ތަސްލީމާ ގެނެސްފައި ހުރި ހެދިކާ އޭނާއަށް ވަރަށް ކަމުގޮސްފިއެވެ. ވައްތަރަކުން ދެތިން އެތި ތައްޓަށްލަމުން އޭނާގެ ކެއުމައިގެންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
