އަހަރެންގެ ވާހަކަ (ފަނަރަވަނަ ބައި)
މުޅި ރޭގަނޑު ވޭތުވެދިޔައީ އެކަހަލަ ގޮތަކަށެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައިވަނީ ދުރުކަމެއް އުފެދިފައެވެ. ކުރިން ކިތަންމެ އެކުވެރިކޮށް ވާހަކަދެއްކިކަމުގައިވިޔަސް މިހާރު ޝާޔަން ވަނީ ބަދަލުވެފައެވެ. އޭނަގެ ދުރުކަން ހިތަށް އުދަނގޫކުރަމުންދިޔައެވެ. ގާތްއެކުވެރިއަކު ކުއްލިއަކަށް ދުރުވުމުން ވީގޮތަކަށް ވެދާނެއެވެ.
ފަތިސްވުމުން ޝާޔަން އަހަރެންގާތު ގެއަށް ދިއުމަށް އެދުނެވެ. އޭނަ އެކަނި ބަހައްޓާފައި ދާން ބޭނުންނުވިޔަސް ޑިއުޓީއަށް ދިއުމުގެ ކުރިން ނިދާލަން ބޭނުންވެއެވެ. ފަތިސްނަމާދުކޮށްލައިގެން ޖައްސާލުމުން ވަރަށް ފަސޭހައިން ނިދިއްޖެއެވެ.
ކައިވެނީގެ ޙަފްލާއެކެވެ. މުޅިތަން ޒީނަތްތެރިކުރެވިފައިވަނީ ކަޅުކުލައިންނެވެ. މެހެމާނުންގެ ހެދުމުގެ ކުލައަކީވެސް ކަޅުކުލައެވެ. އަހަރެން އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރީ މީހުންގެ ހަރަކާތްތަކަށް ބަލާށެވެ. ކުއްލިއަކަށް އެންމެންތައް ދެފަރާތަކަށް ޖެހިލާ މަގެއްހެން ތަން ހުސްކޮށްފިއެވެ. އެވަގުތު ވަރަށް ބޮޑު ކަޅުފޮތިގަނޑެއް މުޅިތަނަށް ފަތުރާލައިފިއެވެ. ނޫނެކެވެ. އެއީ މިރޭ ކައިވެނިވެވޭ އަންހެންކުއްޖާއެވެ. އެއަންހެންކުއްޖާ ލައިގެންހުރި ހެދުމުގެ ފަސްބައި ވަރަށް ދުރަށްފެތުރިފައި އޮތެވެ. މޫނުވަނީ ތުނި ފޮތިގަނޑަކުން ނިވާކޮށްފައެވެ. މީހުންތައް އިސްޖަހާލައިގެން އެކުއްޖާ ގޮސް އޮބާލަންދެން ތިއްބެވެ. އެއަންހެންކުއްޖާ ދިޔަދިމާލަށް ދާން ހިގައިގަތްނަމަވެސް މަގުވަނީ ބަންދުކުރެވިފައެވެ.
ގިނައިރުތަކެއް ނުވަނީސް ކުރިމައްޗަށް އައިސްވެއްޓުނީ އެއްކަލަ އަންހެންކުއްޖާއެވެ. އޭރު އަންހެންކުއްޖާ ލައިގެން އޮތީ ހުދުކުލައިގެ ހެދުމެކެވެ. އެންމެން އެކުއްޖާ ސަލާމަތްކުރަން މުޅިތަން ވަށާލައެވެ. ނަމަވެސް ވަރަށް ބޮޑު ވަލު ކުއްތާއެއް އައިސް އަންހެންކުއްޖާގެ އެތައް މިތާގައި ދަތްއަޅާ އަނިޔާކުރެއެވެ. އެއްއަންހެންކުއްޖާ ލައިގެން ހުރި ހުދުކުލައިގެ ހެދުން ރަތްކުލައަށް ބަދަލުވީ އެކުއްޖާގެ ހަށިގަނޑުން އޮހޮރެމުންދިޔަ ލެއިންނެވެ. މީހުންތައް އެކުއްތާ ދުރަށް ފައްސާލެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް މީހަކަށް އެއްކަމެއްވެސް ނުކުރެވުނެވެ. އަހަރެންގެ އަތް އެކުއްޖާއާއި ހަމައަށް ފޯރާތޯބަލާލިއިރު ދެއަތާއި ފައިގައިވަނީ ހިލިހިލާ ޖަހާފައެވެ. އެތައް ވޭނެއްގައި ތެޅިފޮޅުމަށްފަހު އަންހެންކުއްޖާ މަރުވަނީ އަހަރެންގެ އަތްދަނޑިމަތީގައެވެ.
ފުންމައިގެން ގޮސް ހޭލެވުނީ މާ އުސް ތަނަކުން ވެއްޓޭފަދަ އިޙްސާސެއްކުރެވުމުންނެވެ. އޭސީގެ ލުއި ލުއި ފިނިކަން ކޮޓަރިތެރޭގައި ހަރުލާފައި ހުއްޓަސް އަހަރެންވަނީ ދާހިތްލާ ފޯވެފައެވެ. ރަނގަޅަށް ހަމައަކަށް އެޅުމުން ފެނުނު އާދަޔާޚިލާފު ހުވަފެނާއި ދޭތެރޭ ވިސްނާލެވުނެވެ. އެތައް ދުވަހަކަށްފަހު އަނެއްކާވެސް ގޮތްނޭނގޭ އަންހެންކުއްޖަކު އުޅޭ ހުވަފެނެއް ފެނުނީއެވެ.
ފެންވަރާލައިގެން ނުކުތްއިރު ފޯން ރިންގުވަނީއެވެ. ދިއްލެމުންދިޔަ ސްކްރީނަށް އަރަމުންދިޔަ ޝާޔަންގެ ނަން ފެނުމުން ހައިރާންކަމެއް ލިބުނެވެ.
“ކީކޭ؟” ސަލާމަށްފަހު އަހާލީމެވެ.
“ޔާލް ގެއަށް ދޫކޮށްލަން އުޅޭތީ.. އާދެވޭތޯ މިބަލާލީ ޒެކްއަށް އަދިވެސް ނާދެވޭތީ..” އަޑުހުރި ގޮތުން ވާހަކަދެއްކީ ވަރަށް ޖެހިލުންވެފައިހުރި ގޮތަކަށްކަން އެނގުނެވެ. އޭނަ އެކަނިވުމުން ހާސްވީކަންނޭނގެއެވެ. ތައްޔާރުވެލައިގެން މިދަނީ އޭ ބުނެފައި ފޯންބޭއްވީމެވެ. އަވަހަށް ތައްޔާރުވެލައިގެން ނިކުތީ އެމީހުން ގެއަށްލާފައި ގަޑިޖެހެންވާއިރަށް ޑިއުޓީއަށް ދެވޭތޯއެވެ. ހޮސްޕިޓަލަށް ދެވުނުއިރު ޝާޔަންހުރީ އެއްޗެހިތައް ހިފައިގެން ގެއަށްދާން ތައްޔާރުވެގެންނެވެ. ޝާޔަލް އަތްދަނޑިމައްޗަށްލައިގެން ޓެކްސީއަށް އެރުވިއިރު މީހުންތައް ބަލަން ތިބިގޮތުން ލަދުވެސް ގަތެވެ. ދެމީހުން ޓެކްސީގައި ފޮނުވާލާފައި ސައިކަލުގައި ދިޔައީ އެމީހުންނާ އެއްވަރަށެވެ. ޝާޔަލް ގޮވައިގެން އެތެރެއަށްވަތްއިރު ލިފްޓްހުރީ ހަލާކުވެފައެވެ. ޝާޔަލްގޮވައިގެން ސިޑިން ތިންވަނަ ފްލޯއަށް އެރުނުއިރުހުރީ މާނޭވާލެވިފައެވެ. އޭނަ އެތެރެއަށް ވެއްދުމަށްފަހު ފަހުން އަންނާނަމޭ ބުނެފައި އަވަހަށް ނިކުތީ ގަޑިޖެހޭތީއެވެ.
މަސައްކަތުގައި އުޅެމުންދިޔައިރުވެސް ކިރިޔާ މަޑުޖެހިލާއިރަށް ސިކުނޑިއަށް ވެރިވެގަންނަނީ ހުވަފެނުގެ މަތިންނެވެ. ތަކުރާރުކޮށް އެއްކަމެއް ހުވަފެނުގައި ފެންނަމުންއެދަނީ ކީއްވެބާއެވެ؟ އެއްވެސް ފަހަރެއްގައި އަންހެންކުއްޖާއަކީ ކާކުކަމެއްވެސް ނޭނގެއެވެ. މިއީ އަނެއްކާ ކުރިމަތިވާން އޮތް ތޫފާނެއްގެ އިންޒާރެއް ހެއްޔެވެ؟ ނަމަވެސް އެއީ ކާކުކަން ނޭނގެންޏާ ސަލާމަތްކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ވިސްނިވަރަކަށް ސުވާލުތައް ހިތުގައި ފުނިޖެހެމުންދިޔައެވެ. ކުޑަކޮށް ނިދާލެވުނަސް ހަމަ ނިދި ނުލިބުމުގެ ސަބަބުން ބޮލަށް ބަރުވެ ވަރުބަލިވާގޮތް ވާންފެށިއެވެ. އެތައް ފަހަރަކު މަސައްކަތްތައް ހުއްޓާލުމަށްފަހު ގެއަށްދާން އުޅުނީމެވެ. ނަމަވެސް މައްސަލަތައް ގިނަ ދުވަސްކޮޅަކަށްވުމުން އެހެން ދެވޭކަށްވެސް ނެތެވެ.
“ހާދަ ބަލި ފާޑު ޖަހައޭ ޝިމާލް..” ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އެއް ޑިޕާރޓްމެންޓްގައި އުޅޭ ސައުދު ބުންޏެވެ. ނޫނެކޭ ބުނީ ސުވާލުގިނަ މީހަކަށްވީމައެވެ. ބަލަމުން ދިޔަ ކޭސްއެއްގެ ވާހަކަ ދައްކަން ފެށުމުން ހުވަފެނުގެ މަތިން ހަނދާންނެތުނެވެ. ކަންދިމާކުރިގޮތުން ދުވަސްވެގެން ދިޔައީ ބުރަދުވަހަކަށެވެ. ބައްދަލުވުމަކަށްފަހު ބައްދަލުވުމެކެވެ. މަޝްވަރާކުރަން ހުރި ކަންތައްތައް ގިނަކަމުން ބައްދަލުވުންތައް ދިގުލައިގެން ދިޔައެވެ. ޑިއުޓީ ނިންމާލާފައި ގެއަށް އާދެވުނުއިރު ހުރީ ދެވަރުން އެއްވަރުވެފައެވެ. ފެންވަރާލައިގެން އިޝާނަމާދު އަދާކުރުމަށްފަހު އަވަހަށް އެނދަށްވެއްޓިގަތީ ބަނޑުހައިވިކަމުގައިވިޔަސް ހަށިގަނޑަށް އަރާމު ބޭނުންވެފައިހުރިލެއް ބޮޑުކަމުންނެވެ. ޝާޔަލްއާއިދޭތެރޭ ވިސްނާލެވުނީވެސް އެނދގައި ޖައްސާލިފަހުންނެވެ. އޭނަގެ ޙާލު ބަލާލަން ދާން ބޭނުންވިޔަސް ހަށިގަނޑުގައި ހިރިލާނެ ވަރެއްވެސް ނެތެވެ. ދެލޮލަށް ނިދި ސަވާރުވީވެސް އެނދުގައި ފުރޮޅި ފުރޮޅި އޮއްވައެވެ.
ފަތިސްނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނެވެ. ފަތިސްނަމާދަށްފަހު ނިދަން މަސައްކަތްކުރިނަމަވެސް އެންމެ ލޮލުފިޔައެއްވެސް ނުޖެހުމުން ޓީޝާޓްގަޔަށް މަހާލައިގެން ބަދިގެއަށްވަތްއިރު ޝާލީ ކޮފީގިރަން ހުއްޓެވެ. އަހަރެންފެނުމާއެކީ އޭނަ ސިހުނެވެ.
“ކޮފީއެއް ބޭނުންތަ؟” ގިރަންހުރި ކޮފީތަށި ދައްކާލަމުން އަހާލިއެވެ. އާނއެކޭ ބުނަމުން މޭޒުދަށުގައި ޖައްސާލިއިރު ބަނޑުހައިކަމުގެ އިހްސާސްކުރެވުނެވެ.
“ނެތްތަ ކާލާނެކަހަލަ އެއްޗެއް؟ ވަރަށް ބަނޑުހައި..” ގިރަންހުރި ކޮފީތަށި ބަހައްޓާފައި އޭނަ ފްރިޖު ހާވަންފެށިއެވެ.
“ސޭންޑްވިޗްއެއް ހަދާލަދެންތަ؟” އަވަސްކުރާށޭ ބުނަމުން އަހަރެން ކޮފީތަށިހިފައިގެން ބެލްކަންޏަށް ނިކުތީއެވެ. މަޑު މަޑު ލުއި ވައިރޯޅިތައް ޖެހެމުންދެއެވެ. ހެނދުނުގެ ވަގުތުކަމުން ފަޒާގައިވަނީ ތެތްފިނިކަމެކެވެ. ހޫނު ކޮފީ ބޯލުމުން ހަށިގަނޑަށް ބުނެދޭން ނޭނގޭހާ އަރާމެއްވިއެވެ. އިރުކޮޅަކުން ޝާލީ ސޭންޑްވިޗް ތައްޓަށް އަޅައިގެން އަތުވެއްޖެއެވެ. ކުރިއާއި ޚިލާފަށް މިހާރު އޭނަގެ ގައިގާ ހަރުކުލަ ޖެހިއްޖެއެވެ. ކުރިން ކުޑަކުދިން އުޅޭހެން އުޅުނަސް މިހާރު އެގޮތް ކެނޑި ބޮޑުމީހަކުފަދައިން ދައްކާ ވާހަކައާއި އަމަލުތައްވެސް ބަދަލުވެއްޖެއެވެ. ކުރާކަންކަމުގައި ހަރުދަނާވެ އަމިއްލަ ޒިންމާތައް ނަގަން މިހާރު އެނގެއެވެ. މިއުވާންގެ ސަބަބުން އޭނައަށް އައި ބަދަލުތަކެއް ބާއެވެ؟
“ކީއްވެ މާ ފާޑަކަށް ތިބަލަނީ؟” ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު އޭނައަހާލިއެވެ. އަވަސްއަވަހަށް އެހެން ދިމާލަކަށް ބަލަންފެށީ އޭނަގެ ސުވާލުތައް ކުރިމަތިވީމައެވެ.
“ހިނގާބަލަ މިރޭ ޝައްނު ކައިރިއަށް ދާން..” ތަށިތައް އެއްކައިރީގައި ބަހައްޓަމުން އޭނަ ބުންޏެވެ.
“ހަމަ ދާންވީ.. އިއްޔެ ފަހުން ނުދަންތަ؟” ޝާލީއަށް ބަލާލަމުން އަހާލީމެވެ.
“އިއްޔެ ކޮލެޖުގަ ވަރަށް ބިޒީ.. މިއަދުވެސް ނެތް ދެވޭކަށް.. މިރޭ ފްރީވާނީ..” ނޫރު ޝާލީއަށް ގޮވަމުން އައިސްހުއްޓެވެ.
“ޝިމްބޭ..” ހަމަފެންނައިރަށް އައިސް އަތުގައި ހިފާލިއެވެ. ކުޑަކުއްޖެއް ގޭތޭރޭގައި އުޅުމަކީވެސް ހިތަށް ފިނިކަން ގެނެސްދޭކަމެކެވެ. ނޫރު ގޮވައިގެން އެތެރެއަށްވަތްއިރު މަންމަވެސް ބަދިގޭގައި އުޅެއެވެ. ޝާލީވެސް މަންމައަށް އެހީތެރިވަމުންދިޔައެވެ. އާއިލާގައި ހުރި އެންމެ އަންހެންކުއްޖަކަސް ގޭތެރޭގައި ކުރަންޖެހޭ ހުރިހާކަމެއް މަންމަވަނީ ޝާލީއަށް ދަސްކޮށްދީފައެވެ. އޮފް ދުވަހަކަށްވާތީ އަހަރެންހުރީ ގޭގައެވެ. ސުކޫލުދައުރުގެ އެކުވެރިއަކު ގުޅާފައި ކޮފީއަކަށް ދާން އެދުމުން އަހަރެން ގެއިން ނިކުތީ މެންދުރުގެ ކެއުމަށްފަހުއެވެ.
ގިނަދުވަސްތަކަށް ފަހު އެއްކުލާހެއްގައި އުޅުނު ގިނަ ރައްޓެހިންތަކެއް ދިމާވުމުން ދައްކަންވެފައިހުރި އެތައް ވާހަކަތަކެއް ހުއްޓެވެ. އެންމެންވެސް ހާދަ ބަދަލުވެއްޖެއެވެ. ކުރިން ހުރި ގޮތާއި ހެދުން އެޅުމާއި ހުރިހާކަމަކަށްވެސް މިހާރުވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ނަސީބު ރަނގަޅުކަމުން އެންމެންވެސް އަދާކުރަމުންދަނީ ރަނގަޅު ވަޒީފާއެވެ. އޭރުގައި އެންމެ ގާތްކޮށް އުޅުނު ރަޙްމަތްތެރީން ގޯސްމަގަކުން ނުގޮސް ތިބީތީ ހެއްދެވި ފަރާތަށް އެތައް ފަހަރަކު ޝުކުރުކުރެވުނެވެ. އެއްބަޔަކު މީހުންނާއި އިނދެގެން ދަރިންހޯދިއިރު އަނެއްބަޔަކު ތިބީ މައިންބަފައިންނަށްވުމުގެ މަގުމަތީއެވެ. ކައިވެއްޏަކާއި ހަމައަށް ނުގޮސްހުރީ އަދްހަމްއާއި އަހަރެންނެވެ. އެކި މީހުން އެކި ވާހަކައިގައި ތިއްބާ ވަގުތުދިޔަ ގޮތެއްވެސް ނޭނގުނެވެ. ހަޔެއްޖަހާއިރު ޝާލީ ބަލާ ދާންޖެހޭކަންވެސް ހަނދާންވީވެސް ލަސްވެގެން އޭނަ ގުޅީމައެވެ. އޭރު ހަގަޑިބައިވަނީއެވެ. އެންމެ ގާތު ފަހުން ބައްދަލުވާނެކަމަށް ބުނަމުން އަވަހަށް ނިކުތީ މާބޮޑަށްވެސް ލަސްވެފައިހުރީމައެވެ. ޒަމާނާއި ހާލަތުގެ ގޮތުން އަންހެންކުއްޖަކު އެކަނި ތަނެއްގައި ހުރުމަކީ ރައްކާތެރިކަމެއްނޫނެވެ. އެއްވެސް މީހަކަށް އިތުބާރުކުރުމަކީވެސް މިޒަމާނުގައި އުދަނގޫކަމެކެވެ. ގިނަފަހަރަށް ލަނޑު ލިބެނީ އެންމެ ކައިރީގައި އުޅޭ މީހާގެ ފަރާތުންނެވެ.
ތަންކޮޅެއްދުރުގައި ސައިކަލް މަޑުކޮށްލާފައި ޝާލީއަށް ގުޅުމުން އޭނައައެވެ. ސައިކަލް ދުއްވާލިވަގުތު ތަންކޮޅެއް ދުރުގައި ސައިކަލެއްމަތީ އިން މިއުވާންފެނި ނުލަފާ ހިންޏެއްއައެވެ. ޝާލީ އުޅޭ ނޫޅޭގޮތް ބަލަނީކަންނޭނގެއެވެ. ޝާލީގެއަށް ލުމަށްފަހު މިއުވާންއަށް ގުޅާލުމަށްފަހު ޓީޗިން ހަދަންފެށީ ކޮންއިރަކުތޯ އަހާލުމުން އޭނަ ލާނެތްފާޑަކަށް ހީގަތެވެ.
“ފްރެންޑެއް އުޅޭ ލެކްޗަރާއަކަށް.. އޭނަ ބުނެގެން އެއްޗެއް ހަވާލުކުރަން އައީ..” އަވަސްއަވަހަށް އޮޅުންފިލުވައިދިނެވެ.
“އިޓްސް އޯކޭ.. ނަމޫނާ ކާޑެއް ހަދާފަ އެމީހުން ގުޅިއޭ.. ކޮންމެވެސް ވަގުތަކުން ދާންވީނު ބަލާލަން..ތިދެމީހުން ގޮސްގެންނު އިނގޭނީ..” ސައިކަލުން ފައިބަމުން ބުނީމެވެ. މިރޭ ކޮންމެވެސް ވަގުތަކުން ދާނީދޯއޭ ބުނެފައި އޭނަ ފޯންބޭއްވިއެވެ. ކަންތައްތައް ވެގެން މިދަނީ ހާދައަވަހަކަށޭވެސް ހީވެއެވެ. ކުޑަދުވަސްކޮޅަކުން ޝާލީވެގެންދާނީ މީހެއްގެ އަނތްބަކަށެވެ. އެހެންބައެއްގެ އަމާނަތަކަށް އަހަރުމެންގެ ކުޑަކުޑަ ކޮއްކޮވެގެންދާނެއެވެ. ޝާލީ ދިއުމުން މުޅި ގޭތެރެވެސް ހާދަ ފަޅުވާނެއެވެ. ކިތަންމެ ހިތް އެދުނަސް ވަގުތަކު އަހަރުމެންނަކަށް ނުހިފެހެއްޓޭނެއެވެ.
ރޭގަނޑު ކެއުމަށްފަހު ޝާލީ ތައްޔާރުވީ ޝާޔަލްގާތަށްދިއުމަށެވެ. އޭނަ ގޮވައިގެން ގެއިން ނިކުތްތަނާ ކަމެއް ހަނދާންވެގެން އޭނަ ހުއްޓުނެވެ.
“ކޮންމެސް އެއްޗެއް ހިފައިނެއްނު ދާންވާނީ؟” އެބުނީވެސް ތެދެކެވެ. ކޮންމެވެސް ކަހަލަ ހަދިޔާއެއް ގެންދަންވާނެއެވެ. ގިފްޓްޝޮފަކުން ޝާލީ ހިތްހަމަޖެހޭ ކަހަލައެއްވެސް އެއްޗެއް ފެނުނުކަމަކަށްނުވިއެވެ. ކައިރީގައި ހުރި މާވިއްކާ ފިހާރައަކުން ރަތްކުލައިގެ ފިނިފެންމާތަކެއް ނޫނީ ގެންދަންކަމުދާ އެއްޗަކަށްނުވިއެވެ. އެންމެފަހުން މާބޮޑި ހިފައިގެން ދެމީހުންނަށް އެގެއަށް ދެވުނުއިރު ނުވައެއްވެސް ޖަހައިފިއެވެ. ބެލް އެޅުމުން ޝާޔަން ދޮރުހުޅުވާ އެތެރެއަށް ވަނުމަށް އެދުނެވެ. ޝާޔަލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އަދިވެސް އެމޫނުމަތިން ފެންނަމުންދަނީ ވަރުބަލިކަމެވެ.
“ޝާޔަލް މާބޮޑަށް ވަރުދެރަހެން ހީވަނީ..” ފެންނަފެނުމަށް ހީވާއެއްޗެއް ބުނީމެވެ.
“ރޭގަ ހުންވެސް އައިސް އޮތީ.. އެއްގޮތަކަށް ނުވެސް ނިދުނު އެއްވެސް އެއްޗެއް ކާކަށްވެސް ނުކެރޭ..” ޝާޔަން ޖަވާބުދިނެވެ.
“އައި އެމް ރިއަލީ ސޯ ސޮރީ ޑިއަރ..އައިއެމް ފީލިންގ ވެރީ ގިލްޓީ..” ޝާޔަލްގެ މޫނުމަތިން އެކަނިވެސް އޭނަ ތަޙައްމަލު ކުރަމުންދިޔަ ވޭން އެނގެއެވެ. މޫނުމަތިން ވަނީ ފެންދެމިފައެވެ. ދެލޯކައިރިވަނީ ކަޅުވެފައެވެ. ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައިހުރި މީހެއްހެންނެވެ. އިއްޔެ އުފަލުން ހެމުންދިޔަ ކުއްޖާ މިއަދު އެއޮތީ ކޮންފަދަ ނިކަމެތި ހާލެއްގަހެއްޔެވެ؟ އަހަރެންގެ އިޙްމާލުން ވީކަމެކެވެ.
“ނޫން ޝިމާލް.. ގިލްޓީވާނެކަމެއްނެތް.. އަހަރެންގެ ފޯލްޓުންވީ ކަމެއް އެއީ..” އޭނަގެ އަޑުހުރީ ކުރެހިފައެވެ. އަހަރެންގެ އަތުގައި އޮތް ރަތްކުލައިގެ މާބޮޑި ދިނުމުން އޭނަގެ މޫނުމަތި އުޖާލާވެގެންދިޔައެވެ.
“އެއްޗެއް ނުކައި ތިހެން އޮންނާކަށް ނުވާނެ ޝައްނު.. ހިނގާބަލަ ކޮންމެވެސް އެއްޗެއް ކާން އުޅެން..” ޝާޔަލްގެ ބޮލުގައި ފިރުމާލަމުން ޝާލީ ބުނެލިއެވެ.
“އެއްޗެއް އޯޑާކޮށްގެން ގެނެސްދެންތަ؟” އެއަންހެންކުއްޖާ އޮތްހާލުން ހިތަށް އުދަނގޫގޮތްތަކެއްވިއެވެ.
“ނުކެރޭނެ ކާކަށް..” ހިތްވަރުކުރިނަމަވެސް ވަރުދެރަކަމުން އޭނަގެ ދެލޯވެސް ރަނގަޅަކަށް ނުހުޅުވެއެވެ. މާބޮޑަށް ވަރުދެރަވަންޏާ ހޮސްޕިޓަލުގައި އެދުމަތިވެސް ކުރަންޖެހިދާނެއެވެ.
“މަންމަ މިރޭހުރި ވަރަށް މީރު ސޫޕްއެއް ހަދާފަ.. ގެންނާނަން އިނގޭ..” ޝާލީ ތެދުވިއެވެ.
“މިންމި އެބަހުރި ގޭކައިރީ.. މަންމަ ކައިރީ ބުނަންވީދޯ އޭނަ އަތަށް ދީފަ ފޮނުވާށޭ..” އަހަރެން އާނއެކޭ ބުނުމުން ޝާލީ މަންމައަށް ގުޅިއެވެ. ކުޑަވަގުތުކޮޅެއްގެތެރޭގައި މިއުވާން އަތުވެއްޖެއެވެ. ޝާލީ އޭނަގެ އަތުން ޝާޔަލްއަށް ސޫޕްދިނެވެ. އެމަންޒަރުބަލަން ދުރުގައި ޝާޔަންހުރީ ހެވިފައެވެ. އިރުކޮޅަކު ތިބުމަށްފަހު އަހަރުމެން ނިކުތީ ކާޑުބަލަން ދާންވެފައި އޮތީމައެވެ.
ކާޑުގެ ޑިޒައިން ވަރަށް ރީއްޗެވެ. ހުދާއި ފެހިން ޑިޒައިންކޮށްފައިވަނީ މީގެ ކުރިން ނުދެކޭ ތަފާތުގޮތަކަށެވެ. ކައިވެނީގެ ކޮންމެކަމެއްވެސް މިއުވާން ބޭނުންވަނީ ވަރަށް ފުރިހަމައަށް ތަފާތުކޮށް ކުރާށެވެ. ބެކްގުރައުންޑްވެސް ޑިޒައިން ތައްޔާރުކުރީ އޭނަ އަމިއްލައަށެވެ. ހީވަނީ މާކުރިންސުރެ ހުރިހާކަމަކާމެދު ވިސްނާފައި އޮތްހެންނެވެ. ހަޔާތުގައި އަންނާނެ އެންމެ ޚާއްސަ ދުވަސް ވަރަށް ޚާއްސަކުރަން ބޭނުންވާކަމަށް އޭނަބުނެއެވެ. ކޮންމެކަމެއްވެސް ފަހުން ހަނދާންވާފަދަ ތަފާތު ގޮތަކަށް ބަހައްޓަން އޭނަ ބޭނުންވެެއެވެ. ޝާލީގެ ބުކޭވެސް ނިމިފައި އޮތުމުން އެވެސް ނަގައިގެން ގެއަށް ދެވުނުއިރު ވަރަށް ލަސްވެއްޖެއެވެ.
ދެން އޮތް ހަފްތާވީ ވަރަށް ބުރަކޮށް އުޅެންޖެހުނު ހަފްތާއަކަށެވެ. ރަށުންބޭރުގައިވެސް ދެފަހަރެއްގެމަތިން މަސައްކަތްކުރަންޖެހުނެވެ. ކޮންމެ ތަނެއްގައި ހުއްޓަސް މިހާރު އިޙްސާސްކުރެވެމުންދަނީ އެކަނިވެރިކަމެވެ. ހަޔާތުގައި ކޮންމެވެސް ކަމެއް އުނިވާކަމުގެ އިހްސާސެވެ. ފަހަރެއްގައި އާއިލާއާއި ދުރުގައި މަސައްކަތްކުރަން ޖެހުމުން ވީގޮތަކަށްވެދާނެކަމަށް ހީކޮށް އަމިއްލަ ހިތަށް ވިސްނާދިނީމެވެ.
ދެދުވަސްފަހުން މާލެ އާދެވުނެވެ. ގެއަށްވަނުމާއެކު އިހްސާސްކުރެވުނީ ފަޅުކަމެވެ. މަންމަގެ ކޮޓަރިއަށްވަތްއިރު މުސައްލަމަތީ ދުޢާއަށް އަތްނަގައިގެންއިނެވެ. އެދެލޮލުން ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޮހެމުންދިޔައެވެ. ލިބުނުހައިރާންކަމުން އަހަރެން މަންމަގާތު އިށީންދެ ވީކީއްތޯ ސުވާލުކުރީމެވެ. އެއްވެސް ޖަވާބެއްނުދީ ހިމޭންކަމާއެކު ރޮމުންގެންދިޔައެވެ. ކޮންމެވެސް ބޮޑުކަމެއްވެއްޖެކަމަށް ހަވަނަ ހިއްސު އަންގައިދިނެވެ. މަންމަ ގުޅާފައިވެސް ކަމެއްވީ ވާހަކައެއް ނުބުނެއެވެ.
“ޝާލީ..” ތަކުރާރުކޮށް ސުވާލުކުރަމުން ދިޔުމުން މަންމަ ބުނިހާވެސް ބަހަކީވެސް އެއީއެވެ. ޝާލީއަށް ކިހިނެއްވީހެއްޔެވެ؟ ހިތަށް އެކި އެކި ޒާތްޒާތުގެ ޙިޔާލުތައްވެރިވެގަތެވެ.
ދުވެފައި ޝާލްގެ ކޮޓަރިއަށްވަތްއިރު އެކޮޓަރީގައި ރަސްކަންކުރަމުންދިޔައީ ކަނުއަނދިރިކަމެވެ. ފާރުގައި އަތްޖައްސަމުންގޮސް ސްވިޗްތައް ޖައްސާލުމުން ހުދުއަލިން ކޮޓަރިތެރެއަލިވެގެން ދިޔައެވެ. ކޮޓަރިތެރޭގައި އެއްޗެހިތައް މުޅިތަނަށް އުކާލާފައި އޮތެވެ. ޝާލީ އޮތީ އެނދުމަތީގައި ބަންޑުން އޮށޯވެގެންނެވެ. އޭނަގެ ބުޅި އިސްތަށިގަނޑުވެސް އެއްވެސް ތަރުތީބެއްނެތި އެގޮތްމިގޮތަށް ހޭވިފައިއޮތެވެ. ކުޑަކުޑަ ނޫރު ދެފައިވަށްކޮށްލައިގެން ޝާލީ ގާތުގައި އިނެވެ. ނޫރު އުރާލުމުން ދޮންތި ރޮނީ ކީއްވެތޯއެހިއެވެ.
“ނޫން ދަރިފުޅު ދޭބަލަ މާމަކައިރިއަށް..” ނޫރުގެ ކޮލުގައި ބޮސްދެމުން ބުނީމެވެ. އޭނަދިޔައީ ވަރަށް ޖެހިލުންވެފައިހުރެގެންނެވެ. ހީވިގޮތުން ޝާލީ ދޫކޮށްލާފައިދާން އޭނަ ބޭނުންނުވަނީ ކަންނޭނގެއެވެ. ނޫރު ދިޔުމުން ޝާލީއަށް ގޮވާލުމާއެކު އޭނަ ފުންމައިގެން ތެދުވެ ކަނދުރާގައި އޮޅުލައިގަތެވެ. އޭރުވެސް އޭނަ ގިސްލަގިސްލާފައި ރޮމުންދިޔައެވެ. އެވޭނީ ރުއިމުން އެކަނިވެސް މީހެއްގެ ހިތްހަލާކުވެދާނެއެވެ.
“ކިހިނެއްވީ ބޭބީ؟ ހުއްޓާލާފަ ބުނީމައެއްނު އިނގޭނީ..” ވެގެން އުޅޭ އެއްވެސް ގޮތެއް ނޭނގެއެވެ. މަންމައަކަށްވެސް ވީކަމެއް ނުބުނެވުނެވެ.
“ތިއްތީ އޭނަ އަހަރެން ދޫކޮށްލައިފި..” ހީވީ މީހަކު ބޮލުގައި ބާރުގަދަ އެތިފަހަރަކުން ބޮލުގައި ޖެހިހެންނެވެ.
“ވަޓް؟” ޝާލީގެ ދެކޮޑުގައި ހިފާ ނަގާފައި އަހާލީމެވެ. އެމޫނުވަނީ ގިނައިރު ރުއިމުގެ ސަބަބުން ރަތްވެފައެވެ. ދެލޯވަނީ ދުޅަވެފައެވެ. މިއުވާންއަށް އެހެން ކަންތައް ކުރަންކެރުނީ ކީއްވެހެއްޔެވެ؟ ދުވަހަކުވެސް ޝާލީއަށް ދެރަގޮތެއް ނުހަދާނެކަމަށް ބުނެ މަންމަ ގާތު ވަޢުދުވީ ކީއްކުރަންހެއްޔެވެ؟ ޝާލީގެ އުމުރުން މިވީހާ ދުވަހުވެސް އޭނަ މިހާވަރަކަށް ނުރޮއެވެ. ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ކުރެވިފައެވެ. ކާޑުތައް ޕްރިންޓްކުރެވި ކައިވެނީގެ ހެދުމާއި އެހެނިހެން ތައްޔާރީތައްވެސް ވަނީ ނިމިފައެވެ.
“ބޭބީ ހުއްޓާލާ.. އެކަހަލަ މީހަކާހެދި އެންމެ ކަރުނަތިއްކެއް އޮހޮރުމަކީވެސް ބޭކާރުކަމެއް..” ގިނައިރު ރޮއުމުން އޭނައަށް ގިސްލެވެމުންދިޔައެވެ. ޝާލީގެ ހިތާމަވެރި މޫނުބަލަން ފަސޭހައެއ ނޫނެވެ. އޭނަގެނެސް ގަޔާލާ ބޮޑިކޮށްލެވުނީ ހިތަށް ތަދުވިވަރުންނެވެ. އަހަރުމެން ތިން ބެއިން ދުވަހަކުވެސް ޝާލީ ދެރަވާކަހަލަ ކަމެއް ނުކުރަމެވެ. ތަނަވަސް އާއިލާއަކަށް ނުވިޔަސް އޭނަ ބޭނުން އެއްކަމެއްވެސް އުނިވިޔަކަ ނުދެމެވެ. އެކަމަކު މިއަދު މިއުވާން ޝާލީގެ އުމުރުގައި ދެރަނުވާހާ ބޮޑަށް ދެރަކޮށްލާ ހިތުގައި ޖައްސައިފިއެވެ. އަހަރެންގެ އަތުތެރޭގައި އޮތް ޝާލީ ޚަބަރުހުސްވެގެން އަތުތެރެއަށް ދެމުނެވެ. ހިތް ހުއްޓުނު ކަހަލައެވެ. އަޑުނެތްތަނަށް ޝާލީއޭ ކިޔާ ގޮވާލެވުނީ ބޭއިޙްތިޔާރުގައެވެ. މަންމަ ދުވެފައި އައިސް ކޮޓަރިއަށްވަނެވެ. ޚަބަރު ހުސްވެފައިވާ ޝާލީ ފެނުމުން މަންމައަށްވެސް ކަންބޮޑުވެފައެވެ.
ޝާލީ އެނދުގައި ބޭއްވުމުން މަންމަ އައިސް ފެންފޮދެއް ވިއްސާލިއެވެ. ނަމަވެސް އެއްވެސް ޚަބަރެއްނުވިއެވެ. ދޮންބެއަށް ގުޅައިގެން ޑޮކްޓަރެއް ގެއަށްގެނައީ އަހަރެންނެވެ. ޑޮކްޓަރ ބެއްލެވުމަށްފަހު ބުނުއްވީ މާބޮޑަށް ވަރުދެރަވުމުން ވީގޮތެއް ކަމަށެވެ. ޝާލީ ހޭއެރުމުން އަނެއްކާވެސް ރޯންފެށިއެވެ. މަންމަ އޭނަ ގެނެސް މޭގައިޖައްސާލިއެވެ. ދޮންބެވެސް ޝާލީގެ ގާތުގައި އިށީނދެގެންއިނެވެ.
މިއުވާންއާއި ދޭތެރޭ އަހަރުމެން އެންމެން ކިހާ ފޮނި އުންމީދެއް ކުރިން ހެއްޔެވެ؟ އެކަމަކު.. މިހުރިހާ ސުވާލަކަށް އޭނަ ޖަވާބުދޭން ޖެހޭނެއެވެ. ޝާލީއަށް އެހެން ހެދީ ކީއްވެގެންތޯ އޭނައަށް ބުނެދެވެންޖެހޭނެއެވެ. އެހާ ފަސޭހައިން އޭނައަކަށް ސަލާމަތެއް ނުވެވޭނެއެވެ. ފޯންނަގާ މިއުވާންގެ ނަންބަރަށް ގުޅާލީމެވެ. އިވެނީ އެންމެ ޖުމްލައެކެވެ. “ތިޔަ ގުޅުއްވި ފަރާތުގެ ފޯން މިވަގުތުވަނީ ނިއްވާލާފަ. ފަހުން ގުޅުންވުން އެދެން.” އެ ވޮއިސްމެއިލްދެކެވެސް ރުޅިއާދެވުނެވެ. ފޯންނަގާ ފާރުގައި ނުޖެހުނީވެސް ކިރިޔާއެވެ.
“ރުޅިމަޑުކުރާތި.. އެހެންނޫނީ ޝާލް މާބޮޑަށް ދެރަވާނެ..” ދޮންބެއަށް އަހަރެންގެ ހަރަކާތްތައް ފެނުނީއެވެ.
“މިއަށްވުރެ ބޮޑު ހިތާމައެއް މީހަކަށް އޭނައަކަށް ދެން ނުދެވޭނެ ކަންނޭނގެ.. އަހަންނަކަށް ކެތެއްނުކުރެވޭނެ ޝާލް ރޯތަން ބަލާކަށް..” ނޭނގިހުއްޓާ އަހަރެންގެ ލޮލުންވެސް ކަރުނަހިލުނެވެ.
“ޝާލް ދޫންޏާ މީ ދެރަވާންވީ ވަގުތެއްނޫން.. ހިތްވަރުކުރަންވީ ވަގުތު.. އެކަހަލަ މީހަކު ދިޔުމުން ޝާލް ދެރަވާކަށް ނުޖެހޭނެ.. އޭނަ ދެރަވާންޖެހޭނީ ޝާލްކަހަލަ އޭނަދެކެ ލޯބިވާ މީހަކު ގެއްލުނީމަ.. މީގެ ފަހުން އޭނައަށް ގުޅައިގެންވެސް މެސެޖުކޮށްގެންވެސް ނުވާނެ.. އަހަރުމެންނާ ދޭތެރޭ ނުވިސްނާ ބަޔަކާ ދޭތެރޭ އަހަރުމެންވެސް ނުޖެހޭ ވިސްނާކަށް.. ޝާލްދެކެ ލޯބިވާން އެންމެން މިތިބީނު.. މަންމައާ ދޮންބެ ތިއްތި ކޫބެއާއި ކިއާވެސް… އަހަރުމެންގެ ލޯބި ލޯބި ނޫންވެސް މިހިރީނު..” ދޮންބެ ޝާލީގެ އަތުގައި ހިފަހައްޓައިގެން އިނދެ ވާހަކަދެއްކިއެވެ.
“އެކަމު އައި ކާންޓް ލިވް ވިތްއައުޓް ހިމް ދޮންބޭ..” ދޮންބެގެ މޭގައި މޫނުޖައްސާލަމުން ޝާލީ ބުނެލިއެވެ.
“ތީ ޝާލްއަށް ހީވާގޮތް.. އަހަރުމެން ހިތަށް އަރަނީ އަހަރުމެންނަށް ނޫޅެވޭނޭ އެމީހުންނާވަކިންނެއް.. އެކަމަކު ކުޑަކުޑަ ހިތްވަރެއް ކޮށްލީމަ އިނގޭނީ އަހަރުމެންނަށްވެސް އުޅެވިދާނެކަން އެމީހުންނާ ނުލާ..” ދޮންބެއަށްވުރެ ބޮޑަށް އެކަން ވިސްނޭނެ އެހެންމީހަކު ނުހުންނާނެއެވެ. ނޫރުގެ މަންމަދެކެ އޭނަ ކިހާ ލޯބިވިހެއްޔެވެ؟ ދޮންބެގެ ވާހަކަ އަޑުއިވުމުން ޝާލީ ތެދުވެ ދޮންބެގެ މޫނަށް ބަލާލިއެވެ. ދެމީހުންވެސް އެއްވޭނެއްގައި ތެޅިފޮޅެމުންދަނީއެވެ. ދޮންބެގެ ދިރިއުޅުން ބަރުބާދުވެގެންދިޔަމަގުން ޝާލީގެ ދިރިއުޅުން ދިޔަކަ ނުދޭނަމެވެ.
(ނުނިމޭ)
613 Comments
Comments are closed.
ހީކުރަން މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް.. ލިޔުމުގެ ކުށެއް އޮތުމަކީ އެކަށީގެންވާ ކަމެއް.. ކިޔުންތެރިންގެ ފާޑުކިޔުންތަކަށް މަރުޙަބާ ކިޔަން 🙂
Is this a real life story? Very curious to know….This is a good story..well done angel
Yeah
Wonder what is going to happn nw..waiting for the next part
Kurin mi stry ehaa reehcheh nun.. Ekam mihaaru abadhu vx hunnany mi stry up kuraaleh las vefa.. Keep it up ☺
varah Habeys.. avahah up kohdhehchey..
Nice. When next part??
Thnks All.. Next part avaha genesdheynan In Shaa Allah 🙂
Adie Hoo mie site in kie story’s in mie stroy mie enmey deenee vanthakan dakuvahdey story.
Varah reethie.
V nice ??waiting for next part ?????????
It seems very real….v v v v nice : ) i can say one of the best story I have read in esfiya keep it up girl : ) and ya plx plx plx upload it bit fast
My favorite story 🙂
angeloooo.. story up kohdheebohhh..plxxxxxxx.. kn irakunthr next prt upkodenee.. ☺☺☺☺