އަހަރެންގެ ވާހަކަ (ސާދަވަނަ ބައި)
ހެނދުނެވެ. ފެންވަރާލައިގެން ނިކުތްއިރު މަންމައާއި ކިއާރާ ބަދިގޭގައި އުޅެއެވެ. އަހަރެން މޭޒުކައިރީގައި އިށީންތަނާ ދޮންބެވެސް އަތުވެއްޖެއެވެ. އަހަރެން ހަމައެކަނި ހިނިތުންވެލަމުން ސައިބޮއެގެން ނިކުތީ ގޭތެރޭގެ މާޙައުލާއި ދުރަށް ދިއުމަށެވެ. މިއުވާން ގުޅާފައި ބައްދަލުކުރަން ބޭނުންވާކަމަށް ބުންޏެވެ. އަހަރެން ގަސްތުކުރީ ހުޅުމާލެއަށް ގޮސް އޭނައާއި ބައްދަލުކުރުމަށެވެ. ދެމީހުން ދިޔައީ ހުޅުމާލޭގެ ހިތްފަސޭހަ އަތިރިމައްޗަށެވެ.
“އަހަރުމެންގެ ޅިއަނަކަށް ވާން އުޅޭއިރުވެސް އަންގާވެސް ނުލަމެއްނު..” މިއުވާންއާއި ދިމާކޮށްލީމެވެ.
“ޝިމާލްއަށް އިނގޭތަ؟” އޭނަގެ މޫނުމަތީގައިވީ ހައިރާންކަމެވެ.
“ޝާލް ކިޔާދޭ ހުރިހާ އެއްޗެއް.. ޝީ ލައިކްސް ޔޫ..” އަހަރެން ހިނިތުންވެލަމުން ބުނީމެވެ. ރަނގަޅު މީހުންނަށް ރަނގަޅު ކުދިން ލިބޭނެއެވެ.
” ތިއެއް ނޫނޭ ވާހަކައެއް ދައްކާށޭ މިގެނައީ..” މިއުވާން ދައްކަމުންދިޔަ ވާހަކަތައް އަހަރެން ހުރީ ޤަބޫލުނުކުރެވިފައެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟
“ސީރިޔަސް ވާހަކައެއްތަ ތީ؟” ހަމަ ޤަބޫލުނުކުރެވިގެން އަހާލީމެވެ. އެއީ ހަމަ ތެދުހެއްޔެވެ؟ ނޫނީ މިއުވާން ހަދަހަދައިގެން ވާހަކަ ދައްކަނީ ހެއްޔެވެ؟
“މީ ހަމަ ތެދު.. މިހާރު ޤަބޫލުނުކުރެވުނަސް ފަހުން ކުރާނެ..” ވާހަކައިގެ ގޮތުން ކުރިއަށް ގެންދާހިތެއް ނުވިއެވެ. އެހެންކަމުން ވާހަކައިގެ މިސްރާބު ބަދަލުވިއެވެ. ދެމީހުން އެތައް ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
“އަހަރެން އަދި ކައިވެއްޏާ ދޭތެރޭ ނުވިސްނަން.. އެކަމަކު ދެން ލަސްކުރާނެ ސަބަބެއްވެސް ނެތް ކަންނޭނގެދޯ..” ހީލަމުން މިއުވާން ބުނެލިއެވެ. މިއުވާން ކަހަލަ ރަނގަޅު މީހަކު ލިބުމަކީ ޝާލީގެ ނަސީބެވެ.
“ކައިވެނި ލަސްކުރާކަށް މަށަކަށްވެސް ނުފެނޭ.. ރަނގަޅު ކުއްޖެއް ފެނުނީމަ ކީއްކުރަން މަޑުކުރަންވީ..” އަހަރެން އޭނަގެ ވާހަކައަށް ތާޢީދުކުރީމެވެ. އޭނަގެ އާއިލާއާއި ކައިވެނީގެ ވާހަކަ ދެއްކީވެސް އަހަރެން ކައިރީގައި އިންދައެވެ.
މަންމަ ތަކުރާރުކޮށް ގުޅުމުން މިއުވާންއާއި ދެމީހުން މާލެއައީ މެންދުރުނަމާދަށް ފަހުގައެވެ. މިއުވާން އައުމުން މަންމަ އުފަލުން މަރުހަބާކިއެވެ. އަހަރެން އެއްފަރާތަށް ގެންގޮސް މަންމަ ދެއްކީ ކިއާރާގެ އާއިލާގެ އަންހެންކުއްޖަކާ ބައްދަލުކުރާ ވާހަކައެވެ.
“ނޫން މަންމާ.. އަހަރެން އަދި ދުވަސްކޮޅެއް ބޭނުން.. ވެދާނެ އަދި އަހަރެންގެ ކައިވެނީގެ ވަގުތު ނުޖެހެނީކަމަށް.. ކޮންމެ ކަމެއްވެސް ވަގުތު ޖެހުނީމަ ވާނެ.. މިހާރު ޝާލްގެ ކައިވެއްޏަށް ތައްޔާރުވާންވީ..” މަންމަގެ އަތުގައި ހިފަހައްޓާލަމުން އަހަރެން ބުނީމެވެ. ނުހަނު ލޯތްބާއެކީ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
ޝާލީއާއި މިއުވާންގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުމުން ޝާލީ ކޮޓަރިއަށްވަދެ ފިލައިފިއެވެ. ކައިވެނިކުރަން ހަމަޖެހުނީ ދެމަސްފަހުން ޝިއުޒްމެން އައުމުންނެވެ. އޭގެ ކުރިން މިއުވާންގެ އާއިލާވެސް މާލެ އަންނާނެކަމަށް ބުންޏެވެ.
ރޭގަނޑުގެ ކެއުމަށްފަހު އަހަރެން މަޑުކޮށްލީ ބެލްކަނީގައެވެ. ޝިއުޒް ފަހަތުން އައިކަން އެނގުނީ ގޮވާލީމައެވެ. ރޭގައި އަހަރެންނަށް ކަންތައް ކުރެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ.
“އައިއެމް ސޮރީ..” ދެމީހުންނަށް ބުނެވުނީ އެކުގައި ކަހަލަ ގޮތަށެވެ.
“އިޒް ނުޖެހޭ ސޮރީ ބުނާކަށް.. އަހަރެން..” ލޮލަށް ކަރުނަތައް ޖަމާވުމުން ވާހަކަދައްކަންވެސް އުދަނގޫވިއެވެ. މިހާ އަވަހަށް އަސަރުކުރަނީ ކީއްވެހެއްޔެވެ؟
“ތިއްތި ބުނީ ތެދެއް.. އޭރު އަހަރުމެން އެކަކަށްވެސް މަސައްކަތެއް ނުކުރެވުނު ތިއްތިއަށް ވިސްނާދޭކަން.. ކޮންމެ މީހަކުވެސް މަސައްކަތްކުރީ އެމީހެއްގެ އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރަން.. އެކަމަކު ތިއްތި އަހަރުމެންޓަކާ އެތައް ކަމެއް ޤުރުބާންކުރި.. ކީއްވެ އެކަންތައްތައް މަތިން ހަނދާންނުކުރެވުނީ..” އަމިއްލަ ނަފުސަށް ޝަކުވާކުރާ ފަދައިން ޝިއުޒް ވާހަކަދެއްކިއެވެ. ކިތަންމެ ފޮރުވަން އުޅުނަސް އެދެލޮލުން ވިދަވިދާހުރި ކަރުނަތައް އަހަރެންނަކަށް ސިއްރެއްނުވިއެވެ. ޝިއުޒްގައިގާ ހިފައިގަނެވުނީ އަސަރުކުރިލެއް ބޮޑުކަމުންނެވެ. ދުލުން ފާޅުނުކުރެވުނަސް އަހަރުމެން އެކަކު އަނެކަކު ދެކެ އިންތިހާޔަށް ލޯބިވެއެވެ.
ދެދުވަސްފަހުން ޝިއުޒްމެން ފުރުމުން ގޭތެރެ ވަނީ ފަޅުވެފައެވެ. އަދްހަމްވެސް ރަށުގައި ނެތް ދުވަސްކޮޅަކަށްވުމުން އަހަރެންގެ އެކަނިވެރިކަން ބޮޑުވިއެވެ.
ޝާޔަލްވެސް ދޭތޭރެ ދޭތެރެއިން ޝާލީ ކައިރިއަށް އައިސް އުޅެއެވެ. މަދުންް އަހަރެންވެސް އެމީހުންގެ ވާހަކަތަކުގައި ބައިވެރިވަމެވެ. ބައެއް ފަހަރަށް މިއުވާން އާއި ދެމީހުން ޝާލީއާއި ޝާޔަލް ގޮވައިގެން ބޭރަށް ދަމެވެ. ފަހަރެއްގައިވެސް މިއުވާންއާއި ޝާލީ އެކަނިވިޔަކަ ނުދެމެވެ. ހިލޭ އަންހެނަކާއި ފިރިހެނަކު އެއްތަންވުމުން ތިންވަނަ ފަރާތަކަށް ވާނީ ޝައިތޯނާކަން އަހަރެން ވިސްނަމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ޝިއުޒްމެން ދިޔަފަހުންވެސް މަސްދުވަސް ފާއިތުވެގެންދިޔައީއެވެ. ގޭތެރޭގައި މަޑުމަޑުން ކައިވެނީގެ ތައްޔާރީތައް ވަމުންދިޔައެވެ. ޝާލީގެ އެކުވެރިންނާއި ކިއާރާގެ އާއިލާގެ މީހުންވެސް އެކި ގޮތްގޮތުން ޝާލީއަށް އެހީތެރިވަމުންދިޔައެވެ. އަހަރުމެންގެ ކުޑަ ކުޑަ އަންހެން ކޮއްކޮ އެހާ ބޮޑުވެއްޖެބާއޭ ހިތަށްއަރައެވެ. ޝާލީގެ ކުޑައިރުގެ އެކި ހަނދާންތައް ދެންމެ ވީކަމެއްހެން ލޯމަތީގައި ސިފަވަމުންދެއެވެ.
މިއުވާންއާއި ޝާލީގެ ކައިވެނީގެ ދަޢުވަތު ކާޑުގެ ޑިޒައިން ބަލަން ދިޔަދުވަހެވެ. އެކަންތައްތައް ނިންމާލުމަށްފަހު ކެފޭއަކަށް ވަނީ ފިނިއެއްޗެއް ބޯލާށެވެ. ޝާލީއާއި މިއުވާންގެ ހަރަކާތްތައް ހުރި ގޮތުން އަހަރެންނަށް އުދަނގޫވަމުންދިޔައެވެ. ދެމީހުން އުޅޭ ގޮތުން ހީވަނީ އެއްޗެއް ބުނަން ބޭނުންވެ ނުބުނެވިފައި ތިބި ހެންނެވެ.
“އަދި ދައްކަންޖެހޭ ވާހަކައެއް އޮތިއްޔާ އަހަރެން ހުއްޓަ ދައްކަން ޖެހޭނީ.. އެހެންނޫނީ ސޮރީއޭ ބުނެވޭނީ..” މިއުވާންއަށް އެއްލޯ މަރާލަމުން ބުނީމެވެ.
“މިންމި އެއުޅެނީ ތިއްތި ގާތު ވާހަކައެއް ދައްކަން ވެގެން ދޯ މިންމި..” ޝާލީ އެހެން ބުނުމުން މިއުވާން ލޯބޮޑުކޮށްލުމަށްފަހު ޝާލީއާއި ދިމާލަށް ބަލާލިއެވެ.
“ކޮންކަމަކަށް ހުއްދަ ހޯދަންވީ އަނެއްކާ؟” މިއުވާންގެ މޫނަށް ބަލާލަމުން އަހަރެން އަހާލީމެވެ.
“ކަމަކަށް ހުއްދަ ހޯދާކަށް ނޫން.. އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ކައިވެންޏާއެކީ ޝިމާލްވެސް ކައިވެނި ކުރަން..” މިއުވާންގެ މޫނުމަތީގައިވަނީ ސީރިޔަސްކަމެވެ.
“އަހަރެން ބުނިން ދޯ ތިވާހަކަ ނުދައްކާށޭ..” ޚުދު އަހަރެންވެސް ކައިވެންޏަކަށް އިންތިހާއަށް ބޭނުންވާއިރު އެކަން ފޮރުވައިގެން ހުންނަނީ ކިހާ ވަރަކުންކަމެއް އެހެންމީހުންނަކަށް ނޭނގޭނެއެވެ. އުފާވެރި ދިރިއުޅުމެއް ބޭނުންނުވާނީ ވަކިން ކާކު ހެއްޔެވެ؟ ލޯބި ލޯބި ދަރިން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އަވިއައިނު އަޅައިގެން އިނދެވުނުކަން ނަސީބެވެ. އެހެންނޫންނަމަ އަހަރެންގެ ދެލޮލަށް ޖަމާވި ކަރުނަތައް އެމީހުންނަށް ފެންނާނެއެވެ.
“އެކަމަކު އަހަރެން ބޭނުމޭ މިވާހަކަ ދައްކަން..” ވޭނުން ހިތް ފުޑުފުޑުވަމުންދާއިރުވެސް ބައެއްފަހަރު ތިމާ ލޯބިވާ މީހުންނަށްޓަކާ ހިނިތުންވާން މަޖުބޫރުވެއެވެ.
“ޝިމާލްދެކެ ވަރަށް ލޯބިވާ ރަނގަޅު ކުއްޖެއް ލިބިއްޖިއްޔާ މެރީކުރާނަންތަ؟” މިއުވާން އެހިއެވެ.
“ތިކަހަލަ މޮޔަ ވާހަކަ ނުދައްކާ.. އަހަރެންދެކެ ކާކު ލޯބިވާނީ.. ކިހިނެއް މީހަކަށް އަހަރެންދެކެ ލޯބިވެވޭނީވެސް..” އަހަރެންގެ ކުރި ކުށްފާފައިގެ ހަނދާނެއް ނުނެތެއެވެ.
“ކީއްވެ؟” މިއުވާން އަހާލިއެވެ.
“އައި ޑިޒާރވް އިޓް..” އިސްޖަހާލަމުން އަހަރެން ހާމަކުރީ ކަން އޮތްގޮތެވެ. އަހަރެންކުރި ކުށުގެ ޢަޒާބު ދުނިޔެމަތީގައިވެސް ދައްކަވަނީކަންނޭނގެއެވެ.
“ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެ.. ކުށަށް ތަޢުބާވެ އިސްލާޙުވާ މީހާ ކުށެއް ނުކުރާފަދަ.. ހަމަ އެންމެ އަންހެންކުއްޖަކު ތިއްތި ރިޖެކްޓްކުރީމަ ތިހީކުރަނީ ހުރިހާ އަންހެންކުދިންވެސް އެއްގޮތްވާނެކަމަށްތަ؟” ބޮޑު މީހެއްފަދައިން ޝާލީ ވާހަކަދެއްކިއެވެ.
“ޝިމާލްދެކެ ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި.. ހުރިހާކަމެއް އެނގިހުރެވެސް އޭނަ ބޭނުންވޭ ޝިމާލްއާ މެރީކުރަން..އެއީ ޝިމާލްވެސް ބޭނުންވާފަދަ ރަނގަޅު ކުއްޖެއް..” މިއުވާންގެ މޫނުމަތިން އޭނަ އެދައްކަނީ ތެދުކަން އެނގެއެވެ. ނަމަވެސް ހިތް އެކަމަށް ދެބަސްވަނީއެވެ.
“ތެދެއް ތިއްތީ.. މާތްﷲ އެއްވެސް އަޅަކަށް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ..” އަހަރެން އެއްޗެއް ބުނުމުގެ ކުރިން ޝާލީ ބުނެލިއެވެ.
“ކާކު އެއީ؟” ހިތްވަރުކޮށްލާފައި އަހާލީމެވެ. މިމީހުން އަނެއްކާ އަންހެންކުއްޖަކު މޮޔަހައްދަނީހެއްޔެވެ؟
“ޝައްނު…” ޝާލީ މިއުވާންގެ މޫނަށް ބަލާލަމުން ބުނީ ޖެހިލުންވެއިން ފާޑަކަށެވެ.
“ވަޓް؟؟؟ ޝާޔަލް..އޭނަ ކިހިނެއް؟” ޤަބޫލުނުކުރެވިގެން މޭޒުމަތީގައި ތަށިބެހެއްޓުނީވެސް ބާރަށެވެ.
“ޤަބޫލުކޮށްބަލަ.. ޝާލް އެދައްކަނީ ތެދުވާހަކައެކޭ..” މިއުވާން އިޝާރާތުން އެދުނީ މަޑުންއިނުމަށެވެ.
“ކިހިނެއްތަ އެހެންވާނީ އެއީ ޝާލްމެން އޭޖު ކުއްޖެކޭ.. ދެން ބޭކާރު ވާހަކަ ނުދައްކާ ހިނގާ ގެއަށްދާން..” މިދެމީހުން މިތިބީ މޮޔަވެފަ ކަންނޭނގެއެވެ. އަހަރެން ހިތްހަމަނުޖެހޭކަން އެނގުމުން ނަސީބަކުން ދެން އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. ސިކުނޑީގައި އެވާހަކަތައް އެނބުރެމުންދިޔައެވެ. އަހަރެން ކަހަލަ މީހެއްދެކެ ޝާޔަލްފަދަ ޝާހީ އާއިލާއެއްގެ ކުއްޖަކު ލޯބިވެދާނެބާއެވެ.
ކޮންމެކަމެއް ކުރަން އުޅުނަސް ވިސްނެނީ އެކަމާމެދުގައެވެ. ކަންދިމާކުރިގޮތުން އޭގެފަހުން ޝާޔަލްއާއި ދިމަލެއްނުވެއެވެ. ފަހަރެއްގައި އަހަރެންގެ ނަސީބުކަމަށްވެދާނެއެވެ. އަހަރެން ހުރީ އޭނައާއި ކުރިމަތިލާނެ ގޮތެއްވެސް ނޭނގިފައެވެ. ނަމަވެސް އެއީ ޝާލީގެ އެންމެ ގާތް އެކުވެރިޔާއެވެ. ކައިވެނީގެ ތައްޔާރީތަކުގައި އޭނަވެސް ބައިވެރިވާނެއެވެ. ކޮންމެވެސް ދުވަހަކުން ކުރިމަތިލާންވެސް ޖެހޭނެއެވެ.
ގޭގެ ސިޓިންރޫމުގެ ސީލިންގގައި އެއްޗެއް ހަރުކުރަންއުޅުނު ދުވަހެކެވެ. އަހަރެންހުރީ ހަރުގަނޑުގެ މައްޗަށްއަރައިގެންނެވެ.
“ޝިމާލް..” ކުއްލިއަކަށް މީހަކު ގޮވާލުމުން ސިއްސައިގެންގޮސް ނުވެއްޓުނީ ކިރިޔާއެވެ. އުދަނގުލުން ބަލާލިއިރު ޝާޔަލް ޖޫސްތައްޓެއް ހިފައިގެންހުއްޓެވެ. ހުރެވުނުތަންވެސް ނޭނގުނެވެ. އަވަހަށް ފައިބަން އުޅެނިކޮށް ފައި އެޅުނުގޮތަކުން ބެލެންސް ނުކުރެވިގެން ބިންމައްޗަށްވެއްޓުނެވެ. ހަރުގަނޑުވެއްޓުނީ ގޮތުން ކައިރީގައިހުރި ޝާޔަލްގެ ފައިތިލަމައްޗަށެވެ. އޭނަގެ އަނގައިން ވޭނީ އާޙެއްގެ އަޑުއިވުނެވެ. އަވަހަށް ތެދުވެ ހަރުގަނޑު ނެގިއިރު ފައިތިލައިގައި ހިފަހައްޓާލައިގެން އޭނަ އިނެވެ. އޭނަގެ ފައިގާހިފަހައްޓާލިއިރު އޭނަ ހަށިގަނޑުގައި އަޅަމުންދިޔަ ވޭން އެމޫނުމަތިން ސާފުކޮށް ފެންނަންހުއްޓެވެ. ކޮޓަރީގައި އުޅެފައި ޝާލީވެސް ނިކުތީ އެގަޑީގައެވެ.
“ބަލަން ނުހުރެ ދޭބަލަ އައިސްގެންނަން..” ޝާޔަލްއަށް އަމިއްލައަށް ނުތެދުވުމުން އޭނަ އަތްދަނޑިމައްޗަށްލައިގެން ގެންގޮސް ސޯފާގައި ބޭއްދީމެވެ. ޝާލީ އައިސް ހިފައިގެން ޝާޔަލްގެ ފައިތިލައިގައި ބޮޑިތާންކުރަންފެށިއެވެ. ނަމަވެސް ދުޅަމަޑުވާތަނެއް ނުފެނުނެވެ. އަންހެންކުއްޖަކަށް އަހަރެންގެ ސަބަބުން އަނިޔާވުމުން އަހަރެން ހުރީ ބިރުންނެވެ.
“ޝާލް ގުޅާބަލަ ޓެކްސީއަކަށް.. ހޮސްޕިޓަލަށް ދާންޖެހޭނީ..” ނިތްކުރިމަތީގައި ހުރި ދާތައް ފޮހެލަމުން އަހަރެންބުނީމެވެ. ޝާޔަލްއަށް އަނިޔާވެފައިވާތަން ފެނުމުން ޝާލީގެ ހަރަކާތްތައްވެސް ނުހަނު އަވަހެވެ.
“ރިއަލީ ސޮރީ..” ފޯނުކުރުމަށް ޝާލީއެއްފަރާތަކަށް ޖެހިލި ދަނޑިވަޅުބަލާފައި ބުނީމެވެ. ޝާޔަލްގެ ދެލޮލަށް ކަރުނަތައް ޖަމާވެފައިވާތަން ފެނުނެވެ. އަޅަމުންދިޔަ ވޭނުގެ ބޮޑުކަމުން ރޮވުނީކަންނޭނގެއެވެ.
“މާބޮޑަށް ތަދުވަނީތަ؟ ޝާޔަންއަށް ގުޅަންތަ؟” އޭނަގެ މޫނުގައި ހިފަހައްޓާލެވުނީ އެމާޔޫސީވެފައިވާ މޫނުފެނުމުންނެވެ. ޝާލީ އައުމުން ޝާޔަންއަށް ގުޅާވެގެން އުޅޭގޮތް ކިޔާދިނީމެވެ. އޭނަހުރީ ހުޅުމާލޭގައިކަމަށްވުމުން ދެވޭލެއް ލަސްވާނެކަމަށް ބުންޏެވެ. ޓެކްސީ އައުމުން ޝާލީއާއި ޝާޔަލް ގޮވައިގެން ހޮސްޕިޓަލަށް ދިޔައީމެވެ. ޑޮކްޓަރ ބެއްލެވުމަށްފަހު އެކްސްރޭއެއް ނެގުމަށްފަހު ބުނީ ކަށިގަނޑުގައި ރެދެންލާފައި ހުރުމުގެ ސަބަބުން ޕްލާސްޓަރ އަޅަންޖެހޭނެކަމަށެވެ. ޝާޔަލް އަހަރެންގެ އަތުގައި ހިފާބާރުކޮށްލިއެވެ. އޭނަގެ އާއިލާގެ މީހަކު ނެތުމުން މާބޮޑަށް ބިރުގަތީ ކަންނޭނގެއެވެ. އަހަރެންވެސް މާބޮޑުކަމަކަށް ނުހަދާ ހިތްވަރުކުރުމަށް ބުނީމެވެ.
ޝާޔަންއަށް އާދެވުނުއިރު ޝާޔަލް އޮތީ އެޑްމިޓްކޮށްފައެވެ. ޝާޔަން ފެންނައިރަށް ރޮއިގަނެފައި ބައްދާލިއެވެ. އެމަންޒަރު ފެނިފައި ޝާލީވެސް ރޮއުނެވެ. އަހަރެންގެ ސަބަބުން ޝާޔަލްއަށް އަނިޔާވީއެވެ.
“އަހަރެންގެ ސަބަބުންވީ ކަމެއްމީ.. ސޮރީއޭ ބުންޏަސް ނުވާނެކަމަކަށްވެސް ނުހެދޭނެ..” އަތުގެ އިޝާރާތުން ހުއްޓާލުމަށް ޝާޔަންއެދުނެވެ.
“އިނގޭ ގަސްތުގައި ޝިމާލް އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެކަން..” ޝާޔަލްގެ ބޮލުގައި ފިރުމާލަމުން ޝާޔަން ބުންޏެވެ. އެތައްއިރެއްވީއިރުވެސް ޒައިކްއެއް ނައެވެ. ޝާޔަންއެކަނި ބަހައްޓާފައި ދާކަށް ހިތެއް ނުރުހުނެވެ.
“ޒައިކް ރަށުގަ ނެތީތަ؟” ދިހައެއްޖެހިއިރުވެސް އޭނަގެ އެއްވެސް ޚަބަރެއް ނުވީމަ އަހާލީމެވެ.
“މިތާ ކައިރި ރަށަކަށްގޮސް ވީ މާދަން އަންނާނެ..” ހޮސްޕިޓަލްގައި މަޑުކުރަން އަހަރެން ނިންމީމެވެ. މާލަސްވާންފެށުމުން ދޮންބެ ގާތު ޝާލީ ބަލާ އައުމަށް ބުނީމެވެ. އަހަރެންގެ ސަބަބުން އަނިޔާވުމުން އެކުއްޖާއަށް ބަލަންޖެހޭނެތާއެވެ. ދޮންބެ އާއެކީ ޝާލީ ދިޔުމުން ގޮނޑީގައި އިށީންދެލީ ވަރުބަލިވެގެންނެވެ. ޝާޔަން އެއްވެސް ވަރުބަލިކަމެއް ނެތި ޝާޔަލްގެ ގާތުގައި އިނެވެ. ދޭތެރެ ދޭތެރެއިން ފަޔަށް ތަދުވާތީ އުޅެއެވެ. ޝާޔަން އެކި ވާހަކަ ދައްކައިގެން އޭނަ ހަމައަކަށް އަޅުވައެވެ. އެންމެ ވަގުތުކޮޅަކަށްވެސް އޭނަ ޝާޔަލްގެ އަތުން ދުލެއްނުކުރެއެވެ.
މުޅި ރޭގަނޑު ވޭތުވެދިޔައީ އެކަހަލަ ގޮތަކަށެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައިވަނީ ދުރުކަމެއް އުފެދިފައެވެ. ކުރިން ކިތަންމެ އެކުވެރިކޮށް ވާހަކަދެއްކިކަމުގައިވިޔަސް މިހާރު ޝާޔަން ވަނީ ބަދަލުވެފައެވެ. އޭނަގެ ދުރުކަން ހިތަށް އުދަނގޫކުރަމުންދިޔައެވެ. ގާތްއެކުވެރިއަކު ކުއްލިއަކަށް ދުރުވުމުން ވީގޮތަކަށް ވެދާނެއެވެ.
(ނުނިމޭ)
48 Comments
Comments are closed.
Salhi mi part vx.. Hop nxt part avahah up kuraane Kamah..
Avaha genesdheveytho masaikaikuranymi.. Thnks for the comment
Wow v nice ???? …. I really like this story ….
Waiting for next part salhi
Cute
emmen mi story rychey mi kiyany keeve???
Rythi v ma?
Varah reethi.. Avahah nxt prt up koh dhechey..