ގާތުގާ… 47
“އެއީ ކޮން ގޮތެއް….؟” އަހަރެން ދެބުމަ ކައިރިކޮށްލަމުން ސުވާލު އުފެދިފައި އަހައިލީމެވެ. ޔޫސުފް ޖަލީލްފަދަ ބޭފުޅެއްގެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޯކޮށްލެވުނު ހަމައެކަނި އަންހެންކުއްޖާއާއި ބެހޭ ގޮތުން އަހަރެން ނޫން ކޮންމެ މީހެއްވެސް އެނގެން ބޭނުންވާނެއެވެ. އަދި އަމުދުން އަހަރެންނާއި އެ އަންހެން ކުއްޖާގެ އެއްގޮތް ކަމެއް ހުރިކަން އެނގުނީމައި އިތުރަށް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. ނަވީން ކުޑަކޮށް ހީލަމުން އަހަރެންގެ މޫނަށް ގޯނާ ކުރަމުން ދިޔަ އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވައިލަ ދިނެވެ….
*******
” ހަމަ މިކަހަލަ ގޮތެއް……” ނަވީން އަހަރެންނަށް ބަލައިލަމުން ބުނެލިއެވެ.
” ބައްޕަ ކިޔައިދިން ގޮތުން ވިއްޔާ މައުސޫމު، ރީތި… ވަރަށް ރީތި… ފެނުމުންވެސް ހިތްހަމަ ޖެހޭ…” ނަވީން ވިސްނައިލަމުން ބުނެލިއެވެ.
” ދެން ކިހިނެތް ހުންނަނީ… ފޮޓޯއެއް ނެތްތަ…؟” އަހަރެން ނަވީންގެ މަންމައާއި ބެހޭ ގޮތުން އެނގެން ބޭނުންވެފައި ހުރިވަރުން ޝައުގުވެރިކަމާއިއެކު އަހައިލެވުނެވެ.
” ހަމަ މިހެން ކުރުކޮށް… ފަލަކޮށް… ދޮންކޮށް…. މަންމަވެސް ވަރަށް ދިގު އިސްތަށިގަނޑެއް އޮންނަ ވާހަކަ ބައްޕަ ބުނި…” ނަވީން އަހަރެންގެ މޫނަށް ބަލަން އިނދެ ހިނިތުންވެފައި ބުނެލިއެވެ.
” އަހަރެން އެހައި ހަނދައިނެއް ނުހުރޭ….” ކުޑަ ހިނދުކޮޅަކަށް ނަވީންގެ މޫނުމަތިން ހިތްދަތިކަން ފެނިލިއެވެ. މަންމައެއްގެ ލޯތްބަށް އަދިވެސް ނަވީން އެދޭކަން އެ މޫނު މަތިން ހާމަވިއެވެ. އަހަރެންގެ ހިތުގައި ނަވީންއަށްޓަކައި ހަމްދަރުދީ އުފެދުނެވެ.
އެހިނދު ބެލްކަނީގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ދެމީހުންނަށް އެއްފަހަރާއި ދޮރާއި ދިމާއަށް ބަލައިލެވުނެވެ. އަހަރެންގެ ނަވީންގެ ގާތުން ތެދުވެގެން ގޮސް ބެލްކަނީގެ ދޮރު ހުޅުވައިލީމެވެ.
” ކާއެއްޗެހި އައިސްފި އިނގޭ…. އެކަމަކު އަހަރެންނަކަށް ނެތް މަޑު ކުރެވޭކަށް އިނގޭ… މަންމަވެސް ކުޑަކޮށް ބަލިކޮށް އުޅެނީ… ލިއަމް ދެންމެ ގުޅައިފި… ބުނި މި އަންނަނީއޭ ބަލައި….” ޖަނާ އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.
“އަޅޭ… އެހެންތަ… އެހެންވިއްޔާ އެތިކޮޅެއް ހިފައިގެން ދާންވީނުން…” އަހަރެން ބުނީމެވެ.
” ނޫން ދެން އެހެން ފަހަރަކުން ދޯ… ނަވީންއާއި އެކު މަޖާ ކޮށްލާ އިނގޭ… އަބަދަކު މިކަހަލަ ޗާންސެއް ނުލިބޭނުން….” އަހަރެންނަށް އެއްލޯ މަރައިލަމުން ޖަނާ ލާނެތް ގޮތަކަށް ބުނެލިއެވެ. ޖަނާގެ އެ ސަމާސާއަށް އަހަރެން ހީލަމުން ޖަނާގެ ގައިގާ ބޮނޑިއެއް އެޅީމެވެ. ހެމުން ހެމުން އަވަސް އަރުވާލާފައި ޖަނާ ނިކުމެގެން ދިޔަތަން ފެނުމުން އަހަރެން ނަވީންއާއި ދިމާއަށް އެނބުރިލީމެވެ. އޭރު މާނަ ފުން ގޮތަކަށް ނަވީން އަހަރެންނަށް ބަލަން އިނެވެ. އަހަރެން މަޑުމަޑުން ނަވީންގެ ކައިރިއަށް އައިސް މަޑުކޮށްލީމެވެ.
” ކާންވީނުން…..” އަހަރެން އެދުނީމެވެ. ނަވީން ބޯ ޖަހައިލަމުން އުނދޯލިން ތެދުވެ އަހަރެންނާއި ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ނަވީންއަށް ވުރެން ކުރިން އަހަރެން އެތެރެއަށް ވަދެ ބަދިގެއަށް ވަނީމެވެ. އަހަރެންގެ ފަހަތުންއައި ނަވީން ބަދިގެއަށް ވަދެވެން އިން ދޮރުކައިރީގައި މަޑުކޮށްލިއެވެ. ނަމަވެސް އެ ތޫނު ނަޒަރު ތަކުން އަހަރެންނަކަށް ސަލާމަތެއް ނުވެވުނެވެ.
ކަބަޑުސެޓު ދޮރު ހުޅުވައިލުމާއިއެކު އަހަރެން ދެ ބިއްލޫރިތަށި ނަގައިގެން ގެނެސް މޭޒުމަތީގައި ބަހައްޓަމުން ކޯކު ފުޅީ ކަނޑައިލީމެވެ. ދެތަށްޓަށް ކޯކު އަޅައިލުމާއިއެކު ފިއްޒާ ވެސް ބޮޑު ތައްޓަކަށް ލަމުން ކާން ތައްޔާރުކޮށްލީމެވެ. އެހިނދު ބަދިގެއަށް ވަދެވެން އިންނަ ދޮރުކަނީގައި ލެނގިލައިގެން އެއް ޖީބަށް އަތް ޖަހައިލައިގެން ހުރި ނަވީން އަހަރެންނަށް ފެނުނެވެ. ހިތް ފިދާވާހާ ފިރިހެންވަންތަ ވެފައި ހިތް ކަތިލެވޭހާ އެމަންޒަރު ރީއްޗެވެ. ހިތްގައިމެވެ. ލާނެތް ގޮތަކަށް ބަލަން ހުރި އިރު އެ ހިތުގައި ހިނގަނީ ނުސިޔާނު ހިޔާލުތަކެއްކަން އަހަރެންނަށް ޓަސްލާއިފައި އެނގުނެވެ.
” ކިހިނެތްވީ….؟” އަހަރެންވެސް ހިނިތުންވެލަމުން އަހައިލީމެވެ.
” ނުވޭ ކަމެއް…” ނަވީން ފާޑަކަށް ހީލަމުން ބުނެލިއެވެ.
” އޫމް…. ބުނެބަ….” އަހަރެން ނަވީންގެ ގާތަށް މަޑުމަޑުން ފިޔަވަޅު އަޅަމުން ނަވީން އެ ވިސްނާ އެއްޗެއް ދެނެގަންނަން އުޅޭ ގޮތަށް ލޯ ހިމަކޮށްލާފައި އަހައިލީމެވެ.
” އެއްޗެއް ހަނދައިންވީ…..” ނަވީން އެންމެ ފަހުން ބުނެލިއެވެ.
“އެހެންތަ…؟ ކޯއްޗެއް…. ބާ…. ހަނދައިންވީ….؟” ބަސްތަކަށް ކުޑަކޮށް ހުއްޓުމެއް ގެންނަމުން އަހަރެން، ނަވީންގެ މޭމަތިން ނެއްޓިފައިވީ ގޮށް އަޅުވައި ދެމުން އަހައިލީމެވެ. އެހިނދު ނަވީންގެ މޭމަތީގައި އަހަރެންގެ އިނގިލިތަށް ބީހުމުން ކުރުވަން ފެށީ މުޅިން އެހެން ކަހަލަ އިހުސާސްތަކެކެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ ކުރެވުނު އިހުސާސަކުންނެވެ. އިސްއުފުލައި ނަވީންގެ މޫނަށް އަހަރެންނަށް ބަލައިލެވުނު ވަގުތު ނަވީންއާއި ހަތަރުކަޅި ބައްދަލުވިއެވެ. ވައަތް ފަރާތުގައިވީ ކުޑަދޮރުން ފުރާ ފުރިހަމަވެފައިވީ ހަނދު ބޯ ދިއްކޮއްލައިގެން އަހަރެންގެ ހިތުގައި އުފެދިފައިވީ ތޫފާނަށް ދަރުއަޅަން ހިނިތުންވެފައި ހުއްޓެވެ.
ނަވީންގެ އެ ފުން ކަނޑެއް ފަދަ ދެލޮލުގައި ހުރި ގެންބިގެން ގޮސްދާނެފަދަ އަސަރުންނާއި އެ ދެލެލޮލުން ދެމުން ދިޔަ ތޫނު ނަޒަރުތަކުންނާއި ދެމުން ދިޔަ ދަޢުވަތުތަކުން އަހަރެންގެ އެސްފިޔަތައް ބަރުކުރުވިއެވެ. ހިތުވިންދު އަވަސް ވެލީ އެ ދަޢުވަތުތަކަށް އިޖާބަދޭން އަހަރެންގެ ހިތް ގޮވަން ފެށިވަރުންނެވެ. ނަމަވެސް ޖެހިލުންވެވުނީ ނަވީންގެ ގައިގާ ހުންނަ މީހުން ޖެހިލުން ކުރުވާފަދަ ގޮތުންނެވެ. ނަމަވެސް އެކަންވެސް އަހަރެންނަށްވީ އިތުރަށް ހިތްވަރު ބަލިކޮށްލި އަދި ކަކުލުހުޅުން ވާގި ދޫކޮށްލި ކަމަކަށެވެ. މިފަހަރު އިސްނަގަން އަހަރެންނަށް ފަސްޖެހެވުނެވެ.
” ހިތަށްއެރީ ކޮންއިރަކުންބާއޭ އަބަދު އަހަރެންނަށް ތި ގޮތަށް ކާން ހަދައިދޭން އަހަރެންގެ ގާތުގަ ހުރެދޭން އަންނާނީ….؟” މާނަފުން ގޮތަކަށް ނަވީން މަޑުމަޑުން އަހައިލިއެވެ. އަހަރެންގެ ބަސްނާހާ ހިތް އުފަލުން ނަށައިލި ކަމަކަށް އެބަސްތައް ވިއެވެ.
” ނަވީން ނުބުނަމޭނުން އަންނާކަށް….” ލަދުވެތިކަމުގެ ފަރުދާ އެއްކައިރި ކޮށްލަމުން އަހަރެން ފެހި ސިގުނަލެއް ދިނީމެވެ.
” ބުނެފިއްޔާ އަންނާނަންތަ…….؟” ނަވީންގެ މޭމަތީގައިވީ އަހަރެންގެ އަތްތިލައިގައި ހިފައިލަމުން ކުރިއަށް ފިޔަވަޅު ނަގަމުން ނަވީން އަހައިލިއެވެ. އެދެލޮލުގައި ސަމާސާ ކުރުމެއް ނުވެއެވެ. އިންތިހާ ދަރަޖައިގެ ލޯއްބާއި ތެދުވެރިކަން ނޫން އެހެން އެއްޗެއް އަހަރެންނަކަށް ނުފެނުނެވެ. އަހަރެންގެ ހިތަށް އިތުރަށް ލިބުނު ޔަޤީން ކަމަކަށް އެކަންވިއެވެ.
” ކޮންމެ ކޮންމެ ގޮތަކަށް ނުދާނަން އިނގޭ….” ފަހަތަށް ފިޔަވަޅެއް އަޅަމުން އަހަރެންވެސް މާނަފުން ގޮތަކަށް ބުނެލީމެވެ.
” އެހެންތަ…؟ އަހަރެން އެ ގޮތް ހަދައިފިއްޔާ ދާނަންތަ…؟” ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އަހަރެން މޭޒުގައި ޖެހިފައި މަތަވިއެވެ. އެހިނދު ނަވީން އަހަރެންގެ ދެފަރާތުން މޭޒުގައި އަތް ވިއްދައިލަމުން އެ ހަނި ޖާގައިގާ އަހަރެން ބަންދު ކޮށްލިއެވެ. އަހަރެންގެ މޫނާއި މޫނު ގާތް ކޮށްލަމުން އަހައިލި ގޮތުން އަހަރެންގެ ނޭވާހޮޅީގައި ނޭވާ ތާށިވި ކަހަލައެވެ. އެ ގާތް ކަމުން ކުރުވަން ފެށި އިހުސާސްތަކުން އަހަރެންގެ ހިތް އޮބި ނޯވެގެން ތެޅި ފޮޅެން ފެށިއެވެ. އެލޮލުން ދެމުން ދިޔަ މަސްތުކަމުގެ ސިގުނަލްތަކުން އަހަރެންގެ ހިތް އަވަސް ކުރުވިއެވެ. ދެމެދުގައި ލެވިފައިވީ ފާރު ހުރަސް ކުރަން އިންތިހާއަށް ބޭނުންވި އިރެއް އެ ނޫނީ ނުވެއެވެ.
” ޔަޤީން ނުވަނީތަ….؟” އަހަރެން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން، ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން ބުނީމެވެ. ނަވީން އަހަރެންގެ ދެލޮލަށް ބަލަން ހުރެ ދިން މާނަފުން ހިނިތުންވުމުން އަހަރެންގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. އިތުރަށް އަވަސްވި ނޭވާއާއިއެކު އަހަރެންނަށް އިސްޖަހައިލެވުނީ ބުނެވުނީ ކީކޭކަން އަދި ހުއްދަ ދެވުނީ ކޮން ކަމަށް ކަން އިހުސާސް ވުމުންނެވެ. ލަދުވެތިކަމާއިއެކުވެސް އަހަރެންނަށް ހިނިތުންވެލެވުނެވެ. ކުރެވުނު އުއްމީދަކުންނެވެ.
” އެއްޗެކޭ އިނގޭ ތި ބުނެވުނީ…..” ނަވީން އަހަރެންގެ ކަންފަތް ބުޑުގައި ބުނެލި ގޮތުން މުޅި ގައިން ހީބިހި ހިލުވާލިއެވެ. އަހަރެންގެ ނިއްކުރިއަށް ބޮސް ދެމުން ނަވީން އަހަރެންގެ އުނަގަނޑުގައި ހިފައި ނަވީންއާއި ގާތް ކޮށްލިއެވެ. ނިއްކުރީގައި ޖެހިފައި ހުރި ނަވީންގެ ތުންފަތުން އޭނާ ހިނިތުންވެ ހުރިކަން އަހަރެންނަށް އިހުސާސް ކުރެވެމުން ދިޔައެވެ.
ކައި ނިމިގެން މޭޒުމަތި ސާފު ކޮށްލަމުން އަހަރެން ނަވީންއާއި ދިމާއަށް އެނބުރިލީމެވެ. ބަދިގެއިން ނިކުމެ އެޕާމަންޓުން ނިކުމެވެން ހުރި ދޮރާއި ދިމާއަށް މިސްރާބު ޖެހީމެވެ. ދޮރާއި ހަމައަށް އައިސް އަހަރެން ނަވީންއާއި ދިމާއަށް ބަލައިލީމެވެ. ބޭނުން ނުވެފައި ހުރެވެސް ނަވީން ދޮރު ހުޅުވައިލަމުން ބޭރަށް ނިކުތެވެ. ދާން ބޭނުން ނުވެފައި ހުރިފަދަ ގޮތަކަށް ނަވީން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
” ގުޑް ނައިޓް…” އަހަރެން ހިނިތުން ވެލަމުން ބުނީމެވެ. ނަމަވެސް ޖަވާބެއް ދިނުމަކާއި ނުލައި ނަވީން އަހަރެންނާއި ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އެ ދެލޮލުން ފުންކޮށް ބަލައިލި ގޮތުން ބޭނުންވެފައި ހުރީ ކޮންކަމަކަށް ކަމާއި ބޭނުންވެފައި ހުރި ވަރު ރީއްޗަށް އަހަރެންނަށް ފެނުނެވެ. އެއީ އަހަރެންނަށް ތަރުޖަމާ ކުރަން ނޭނގޭ އަދި ނުފެންނަ ކުލައެއްވެސް ނޫނެވެ. އެތަށް ފަހަރަކު އެ އިހުސާސްތައް އަހަރެންނަށް ހުރީ ފެނި ދަސްވެފައެވެ.
” ދިޔުމުގެ ކުރިން ހަދިޔާއެއް ނުދޭނަންތަ….؟” ބަލަބަލައި ހުއްޓައި ލާނެތް ހިނިތުންވުމެއް އެތުންފަތުގައި ކުރަހައިލަމުން ނަވީން ބުނެލިއެވެ.
” ހޫމް ނުދޭނަން…..” ހިނިތުންވެލަމުން ހަށަން ބަނދެލަމުން އަހަރެން އެ ސަމާސާގައި ބައިވެރި ވީމެވެ.
” އެއީ ކީއްވެ…؟” ހިނިތުންވެ ހުރެ އެހެނަސް ނިތަށް ރޫ ގިނަކޮށްލަމުން ނަވީން އަހައިލިއެވެ.
” ކިއްކުރަން ދޭންވީ….؟” އަހަރެންވެސް އަހައިލީމެވެ.
” ލޯބިވާތީނުން……” ނަވީން އެއްލޯ މަރައިލަމުން ބުނެލިއެވެ.
” ތިއުޅެނީ މާ ލާނެތް ވާންވެގެން…. ދެން ދޭ… މަންމަ ނިކުމެދާނެ….” އަހަރެން ބުނީމެވެ. ހިތާއި ދެކޮޅަށް ބުންޏަސް ހިތުގައި ފޮނިކަމެއްވެސް ދުވެލިއެވެ.
” މަންމަ ނިދައި ދާނެ މިހާރު….” ނަވީން ދޮރުކަނީގައި ދެއަތް ވިދެލަމުން އަހަރެންނާއި ދިމާއަށް ގުދުވެލަމުން ބުނެލިއެވެ.
” އެކަމަކުވެސް ހެޔޮ……” އަހަރެން މަޑުމަޑުން ނަވީންގެ މޭގައި އަތް އަޅައި ދޮރުން ބޭރަށް ކޮށްޕައިލަމުން ބުނީމެވެ.
” އޯކޭ އޯކޭ…..” ބަލި ގަބޫލު ކުރާފަދަ ހިނިތުންވުމެއް ދެމުން ނަވީން ލިފްޓާއި ދިމާއަށް ހިނގައިގަތެވެ.
********
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

