“މޯ ރީޒަން އައި ޝުޑް ވިން ޔޫ އެގެއިން.. ރޫޔާ އަބަދު ދައްކަމުން ދިޔައީ އަހަރެންގެ ކައިވެނީގެ ވާހަކަ. ދެން ބުނެބަލަ، ސިންސް އައި އޭމް ޑިވޯސްޑް، ކޮބާ މިފަހަރު ރޫޔާގެ އުޒުރަކީ؟” ރޫޔާގެ މޫނާ ކައިރިވެލަމުން ރަޒާން އެހިއެވެ.
އެސްފިޔަ ޖަހައިލުމެއްނެތި ރޫޔާއަށް ހުރެވުނީ ރަޒާންގެ ނަޒަރުގައި ހައްޔަރުވެގެންނެވެ. ރަޒާންގެ ހޫނު ނޭވާ އޭނާގެ މޫނަށް އެޅެމުން ދިޔައިރު، އެ ހިތް ތެޅެމުން ދިޔައީ ވަކި މިންވަރެއް ބެލުމެއް ނެތިއެވެ.
އެކަކު އަނެކަކުގެ ބާރުގައި ދެމީހުން ގައިދުވެ ހުރެވުނީއެވެ.
“ރަޒާން…” އުސްމާނުގެ އަޑު އިވިފައި ރޫޔާ ހޭވެރިވެ، ތެޅެގަނެވުނެވެ. ރަޒާންގެ އަތު ތެރެއިން މިންޖުވުމަށްފަހު އޭނާ ފަހަތަށް ޖެހުނެވެ.
“މިއީ… ކާކު؟” ފުރަތަމަ ފަންގިފިލާއިން ސިޑި ކައިރީ ހުއްޓެމުން އުސްމާނު އަހައިލިއެވެ.
“ރޫޔާ…” ރަޒާން ރޫޔާއަށް ކަޅި އެއްލުމަށްފަހު ބުންޏެވެ.
“އެހެން..” އުސްމާނު ރޫޔާއަށް ހީލުމަށްފަހު އުސްމާން ރަޒާނަށް މޫނު އަނބުރައިލިއެވެ.
“ސިންގަޕޫރ ކޮންޓެކްޓުން އެމަޖެންސީ ކޮންފަރެންސެއް ބާއްވަން އެބައުޅޭ. ރަޒާނަށް މީޓިންގެ ލިންކު ފޮނުވާފަ އެބައޮތް. ފަނަރަ މިނެޓުން މީޓިން ފެށޭނެ”
“އޯކޭ..މިދަނީ” އުސްމާނު ފޮނުވައިލުމަށްފަހު ރަޒާން ރޫޔާއަށް ބަލައިލިއެވެ.
“ދެން ބުނެބަލަ، ރޫޔާގެ އުޒުރު؟”
“ރަޒާނެއް ނޫންތަ ސަބަބު ބުނަންވީ؟ ރަޒާނެއްނު ވަރިވި ވާހަކަ ސިއްރުކޮށްގެން ހުރީ” އުނަގަނޑުގައި އަތް އަޅަމުން ރޫޔާ ރަޒާނަށް ލޯ އަޅައިލިއެވެ.
“އޯކޭ. އަހަރެން ރޫޔާ ގާތު ވަރިވި ވާހަކަ ނުބުނީ ޔޫޝާގެ ޢާއިލާގެ ސަލާމަތަށްޓަކައި. ޔޫޝާގެ ބައްޕަ ނަސީރަކީ ވަރަށް އެހެން ކަހަލަ މީހެއް. މިހެން ބުނެލާ އެއްޗެއް ހަމަ އޭނާއަށް އެނގިދާނެ. އެހެންވެ އަހަންނާއި ޔޫޝާ މިކަން ސިއްރުކުރީ. ނަސީރަށް އަހަރެމެން ދެމީހުން ވަރި ވެއްޖެކަން އެނގޭދުވަހު ނޭނގޭ ވާނެ ގޮތެއްވެސް. އަނިޔާވެރިކަމުން ހައްދު ފަހަނަ އަޅާފަ ހުރި މީހެއް އެއީ” ރަޒާން ސޯފާގައި އިށީނަމުން ބުންޏެވެ.
“ދެން ކީއްކުރަން މިހާރު ތިއުޅެނީ އަހަރެން ފަހަތުން؟” ރޫޔާ އުނަގަނޑުގައި ދެއަތް އަޅުވައިލުމަށްފަހު ރަޒާނަށް ލޯ އަޅައިލިއެވެ.
“…އެކަމަކުވެސް، އަހަރެން ސާޖިދަށް ކުރާ އިތުބާރު ބޮޑުވީމަ، އަހަރެން ތި ކައިވެންޏަށް ދެކޮޅު ހަދާކަށް ނެތް”
ރޭގައި ރޫޔާ ބޭރުކުރި އެ ބަސްތައް ރަޒާންގެ ކަންފަތުގައި ގުގުމަން ފެށުމާއެކު، އޭނާގެ އަރުތެރޭގައި ފާޑެއްގެ ހިތި ރަހައެއް ލާން ފެށިއެވެ. ދެލޯ ހަނިކޮށްލުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ.
“ބޭނުންވާތީ…” ރޫޔާއާ ހަތަރު ކަޅި ހަމަކޮށްލަމުން ޖަވާބު ދިނެވެ.
ޤަބޫލުކުރަން ދަތިވެފައި ރޫޔާ ބޯ ހޫރައިލިއެވެ. ރަޒާންގެ މޮޔަކަމަށް ހުދޫދެއްވެސް ނޯވޭ ހެއްޔެވެ؟
“އެހެން..” ރޫޔާ ހިތްހަމަ ނުޖެހި ހުރެ އުޅުނީ އެތަނުން ދާންށެވެ. ނަމަވެސް، ނެގި ފިޔަވަޅާއެކު، އޭނާގެ އަތުގައި ރަޒާން ހިފިއެވެ. ފިޔަވަޅު މަތީ އޭނާ ހުއްޓުން އެރިއެވެ..
“ރޫޔާ ޤަބޫލު ނުކޮށް ހުރޭ.” ރަޒާން އެއަތަށް ބާރުކޮށްލުމަށްފަހު ބޮޑުވައި އިނގިލިން، އެ އަތުގެ މުލައްދަނޑީގައި ފިރުމައިލިއެވެ.
“އަހަރެން ނޫނެކޭ ބުނެފިއްޔާ؟”
“ބުނެބަލަ ނޫނެކޭ”
ރޫޔާއަކަށް ނުބުނެވުނެވެ. އޭނާއަށް ހުރެވުނީ ރަޒާނަށް ބަލަންށެވެ.
އެއްޗެކޭ ބުނަން ރޫޔާ އަނގަ ހުޅުވައިލި ވަގުތު ފޯނު ރިންގުވާން ފެށުމާއެކު ރަޒާން އޭނާގެ އަތުން ދޫކޮށްލިއެވެ. ސޯފާ މަތީ އޮތް ދަބަސް ނަގައި، ފޯނަށް ގުޅަނީ ކާކުތޯ ބަލައިލިއެވެ. ރަހާގެ ނަން އިވިފައި ރޫޔާ އަވަހަށް ކޯލް ގަބޫލުކޮށް، ކަންފަތުގައި ފޯނު ޖެއްސިއެވެ.
“ދޮންތާ! ކޮންތާކު އަޅުގަނޑު ކޮޓަރީގެ ޑަބަލް ކީ އޮންނާނީ؟” ރަހާގެ ހާސްވެފައިވާ އަޑު އިވުމާއެކު ރޫޔާ ދެބުމަ ގޮށްޖެހުނެވެ.
“ތަޅުދަނޑި ގެއްލުވައިލީތަ؟”
“ނޫން، ލަމްޔާ ކޮޓަރިއަށް ވަދެ ތަޅުލައިގެން، ކިޔާ ކިޔާ ދޮރު ނުހުޅުވި.” ރަހާގެ ބަހާއެކު ރޫޔާވެސް ހާސްވިއެވެ.
“ލަމް ތަޅުލިއްޔޭ؟؟ މަޑުކުރޭ.. މިދަނީ” ރޫޔާ ރަޒާނަށް ބެލުމެއްނެތި އަވަސް އަވަހަށް އެ އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ. ރޫޔާގެ މޫނުމައްޗަށް އެރި ކަންބޮޑުވުމުގެ ކުލަވަރު ފެނިފައި ރަޒާންވެސް ރޫޔާގެ ފަހަތުން ދިޔައެވެ. ލަމްޔާގެ ނަން އިވިފައި ރަޒާނަށްވެސް ކަމެއް ގޯސްވެއްޖެކަން އެނގިއްޖެއެވެ.
“ރަޒާން.. ބައްދަލު…”
“އެހެން ގަޑިއަކަށް ޝެޑިއުލްކުރޭ”
ރޫޔާގެ އެޕާޓްމެންޓަށް ވަދެވުމާއެކު ދެމީހުންވެސް މިސްރާބު ޖެހީ ރަހާގެ ކޮޓަރި ދޮރާ ދިމާލަށެވެ. ރޫޔާގެ ފިޔަވަޅުތަކުގެ އަޑު އިވިފައި ރަހާ ދޮރުމަތިން ދުރަށް ދިޔައެވެ.
“ދޮންތާ.. ލަމީ” ރޮވޭ ހާލު ރަހާ ރޫޔާއަށް ގޮވައިލިއެވެ. ރޫޔާ އަވަސްއަވަހަށް ދަބަސް ހާވަން ފެށިއެވެ. ތަޅު ދަނޑިއެއް ދަބަހަކުއެއް ނެތެވެ.
“ޕިސް، ކޮޓަރި ކަބަޑުގައި ކަންނޭނގޭ، މި އަންނަނީ” އަމިއްލަ ކޮޓަރިއާ ދިމާލަށް ދުއްވައިގަތް ރޫޔާއަށް ބަލަން ހުރެފައި ރަޒާން ހިނގައިފައި ގޮސް ހުއްޓުނީ ރަހާގެ ކޮޓަރި ދޮރުމަތީގައިއެވެ.
“ލަމް ދޫނީ.. ބަލަ، މިހުރީ ރަޒާންބެ ލަމް ކައިރިއަށް އައިސް..” ރަޒާން ދޮރުގައި މަޑުމަޑުން ޖަހައިލަމުން ގޮވައިލިއެވެ. ދޮރުގެ އަނެއް ފަޅިން ޖަވާބެއް ނުލިބުމާއެކު ރަޒާން ފުން ނޭވާއެއް ދޫކޮށްލިއެވެ،
“ދޫނީ.. ބޭބެ ވައްދަބަލަ…” ރަޒާން ލޯބިން ގޮވައިލިއެވެ.
ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުމެގެން އައި ރޫޔާގެ ފިޔަވަޅުތައް ހުއްޓުނީ ރަޒާންގެ އަޑު އިވިފައެވެ. ރަހާވެސް ހުރީ ރަޒާނަށް ނަޒަރު ހުއްޓައިގެންނެވެ.
ލަމްޔާ ހަދާނެ ގޮތް ބަލަންވެގެންނެވެ.
އެތެރެއިން ތަޅު އަނބުރައިލި އަޑު އިވިފައި، ތިން މީހުންގެ ހަށިގަނޑު ސީދާވިއެވެ. ދޮރު ހަނިކޮށް ހުޅުވައިލުމަށްފަހު، ލަމްޔާ ބަލައިލީ ރަޒާނަށެވެ.
“ބޭބެ އެކަނި..” ލަމްޔާގެ މައުސޫމު އަޑުން ބުނެލި ޖުމުލައާއެކު ރަޒާން ރޫޔާއާއި ރަހާއަށް ބަލައިލިއެވެ. ލަމްޔާގެ ކިބައިން ނަޒަރު ވަކިކޮށްލުމަށްފަހު ރޫޔާ ބޯ ޖަހައިލިއެވެ.
“އޯކޭ. ބޭބެ އެކަނި…” ރަޒާން ދޮރުގެ ތަޅުގައި ހިފައިލުމާއެކު، ލަމްޔާ ދޮރާ ދުރަށް ޖެހިލިއެވެ. ރަޒާން އެކޮޓަރިއަށް ވަދެގަތް މަންޒަރު ބަލަން ހުރެފައި ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން ހިނގަމުން ގޮސް ހުއްޓައިލީ ރަހާ ކައިރީގައެވެ.
“ރަހާ…” ރޫޔާ އަތް ބާއްވައިލީ ރަހާގެ ކޮނޑުމަތީގައެވެ.
“ދޮންތާ… އަހަރެން” ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފޮހެލަމުން ރަހާ ރޫޔާގެ އަތުގައި ހިފައިލިއެވެ. “ލަމް ބުނީ އަހަރެން ލަމްއާއެކު އުޅެނީ.. ސާޖިދު ބޭނުންވެގެންނޯ..”
“ރަހާ.. ރަހާއަށްވެސް އެނގޭނު އެއީ ލީނާގެ ލަމްޔާގެ ބޮލަށް ވެއްދި ބަސްތައްކަން..ލަމްއަށް ރަނގަޅަށް ނުވިސްނޭތީއޭ އެހެން އެ ބުނަނީ.” ރަހާ ކޮނޑުގައި ހިފައިގެން ހުރެ، ރޫޔާ ރަހާ ސޯފާ މަތީ ބޭންދިއެވެ.
“އެނގޭ.. އެކަމަކު ލީނާ ނުޖެހޭދޯ ލަމްޔާއަށް އެހެން ވިސްނައިދޭކަށް. ކީއްކުރަން ބޮޑެތި މީހުންގެ ކަންތައްތަކުގެ ތެރެއަށް ކުޑަކުދިން ވައްދަންވީ؟”
___
“ލަމް ދޫނީ.. ކިހިނެއްވީ؟” ލަމްޔާ އެނދުގެ އަރިމަތީ ބޭންދުމަށްފަހު ރަޒާން އިށީނީ މުށިގަނޑުމަތީގައެވެ. ލަމްޔާގެ އުނގުމަތީ ބާއްވައިލެވިފައިވާ ދެއަތް ނަގައި، އޭނާގެ ދެއަތުގެ ތެރެއަށް ގެނައެވެ. ބޮޑުވައި އިނގިލިން، އަތުގެ ނޫފުށުގައި ފިރުމަމުން، ރަޒާން ލަމްޔާއަށް ބަލައިލިއެވެ.
“ލަމް.. ދެރަވަނީ.. ވަރަށް ހަޑިކޮށް ލަމްއަށް ރާއްތައާ ވާހަކަ ދެއްކެވުނީ..” ނޭފަތް ދަމަމުން ލަމްޔާ ޖަވާބު ދިނީ އިސްދަށަށް ޖަހައިގެން ހުރެއެވެ.
“ލަމް ކީކޭ ރާއްތަ ކައިރީ ބުނީ؟” ލަމްޔާގެ މޫނު މައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތުގައި އަޅުވަމުން ރަޒާން އަހައިލިއެވެ.
ލަމްޔާ ރަޒާންގެ އަތުން އަތް ނަގައި، ލޯ އުނގުޅައިލިއެވެ. ނުރޯންވެގެން ތުންފިއްތައިގެން އިރުކޮޅެއް ވަންދެން ހުރިއެވެ.
“ރާއްތައަކީ ގޯސްމީހެއް. ރާއްތައާއި ރޫއްތަ އުޅެނީ ލަމްއާއި ލަމްގެ މަންމަ ދުރުކުރަން…” ނޭފަތް ދަމަމުން، ކުރަކި އަޑަކުން ލަމްޔާ ޖަވާބު ދޭން ފެށިއެވެ. “ރާއްތައާއި ރޫއްތަ އުޅެނީ ލަމްގެ ބައްޕަ ލަމްއާ ދުރުކުރަން.. ރާއްތަ އަބަދުވެސް ލަމް ކައިރީ ބުނަނީ، ލަމްއަކީ ރާއްތަގެ ފޭވަރިޓްކަމަށް. އެކަމަކު، ރާއްތަމެން ލަމްއަށް ދޮގު ހަދަނީ”
ރަޒާން މުށިގަނޑުމަތިން ތެދުވެ އިށީނީ ލަމްޔާ ކައިރީގައެވެ. ލަމްޔާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް އޯގާތެރިކަމާއެކު ފޮހެލުމަށްފަހު އޭނާ ލަމްޔާ ނަގައި، އޭނާގެ އުނގުމަތީ ބޭންދިއެވެ.
“ލަމް، ބޭބެ ކައިރީ ބުނެބަލަ، ލަމް އެންމެ ދެރަވާ ދުވަހު ލަމް ކައިރީ ހުރީ ކާކު؟”
“ރާއްތަ. ދެން ރޫއްތަ.”
“ލަމްގެ ފޭވަރިޓް ފުޑްއާއި ފޭވަރިޓް އައިސްކްރީމާއި، އެންމެ ކުޅޭ ހިތްވާ ގޭމާ އެއްޗެހި އެންމެ ބޮޑަށް އެނގެނީ ކާކަށް؟”
“ރާއްތައާއި ރޫއްތައާއި ބައްޕައަށް”
ރަޒާން ލުއި ގޮތަކަށް ހީލަމުން، ލަމްޔާގެ ދަތްދޮޅީގައި ހިފައި، އިސްނަގައިލިއެވެ.
“ދެން ބުނެބަލަ، ލަމްއަށް ހީވޭތަ ރާއްތައާއި ރޫއްތަ ލަމް ދެކެ ލޯބި ނުވާހެން؟” ރަޒާންގެ ސުވާލާއެކު ލަމްޔާ ބޯ ހޫރައިލިއެވެ. އެކުޑަ ސިކުނޑީގައި ރަހާ އާއި ރޫޔާ އޭނާއަށްޓަކައި ކޮށްދިން އެތަކެއް ކަމެއް ހަނދާންވިއެވެ.
“ލަމް، ބޭބެ ބުނަންތަ؟ ލަމް އަކީ ރާއްތައަށްވެސް ރޫއްތައަށްވެސް ވަރަށް ސްޕެޝަލް ކުއްޖެއް. ރާއްތައާއި ރޫއްތަ ބޭނުމެއްނުވޭ ލަމްއަށް އެއްވެސް ދެރަކަމެއް ވާކަށެއް. ލަމް ދެރަވަންޏާ ދައްތަމެންވެސް ދެރަވާނެ. ލަމް އުފާވަންޏާ ދައްތަމެންވެސް އުފާވާނެ..”
ލަމްޔާ ރަޒާނަށް ބަލަން ހުރެފައި މޫނު އަނބުރައިލީ ދޮރާ ދިމާލަށެވެ.
“ރާއްތައާއި ރޫއްތަ އަބަދުވެސް ހުންނާނެ ލަމްއާ އެކު. ދުވަހަކުވެސް ލަމް އެކަނި ވިޔަކަ ނުދޭނެ” ރަޒާންގެ ފަހު ޖުމުލައާއެކު ލަމްޔާ ރަޒާންގެ އުނގުމަތިން ފުއްމައިލުމަށްފަހު ދުއްވައިގަތީ ދޮރާ ދިމާލަށެވެ. ދޮރު ހުޅުވުމާއެކު އޭނާ ސިޓިން ރޫމަށް ނުކުމެ، ރަހާއާއި ރޫޔާ ހޯދަން ހޫރައިލިއެވެ.
ރަހާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް ރޫޔާއާއި ރަހާގެ ބޯ އަނބުރައިލީ އެ ދިމާލަށެވެ. ނިކުމުގެން އައި ލަމްޔާގެ ރުޔުމުގެ އަޑު އިވިފައި ދެމީހުން ދެފައި މައްޗަށް ތެދުވެވުނެވެ. ލަމްޔާ ކައިރިއަށް ދާން ފިޔަވަޅު ނެގި ވަގުތު، ލަމްޔާ އައިސް ރަހާގެ ފައިގައި އޮޅުލައިގަތެވެ.
“ރާއްތާ..” ރަހާގެ ބަނޑުގައި ބޯ އަޅަމުން ލަމްޔާ ރޮމުން ދިޔައެވެ.
ރަހާ އަވަހަށް ލަމްޔާ އުރައިލިއެވެ. ހުސް އަތުން ލަމްޔާގެ ރަތްވެފައިވާ ކޯތާފަތްމަތިން ދަތުރުކުރަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ރަހާ ލަމްޔާ ގައިގައި ބައްދައިގަތެވެ. ލޯ މަރައިލި ވަގުތު، އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެސްފިޔަ ފޫ ދުއްވައިލުމަށްފަހު މިނިވަންވެގެން ދިޔައެވެ.
“ލަމީ…”
ރަހާއާއި ލަމްޔާއަށް ކުޑަ ވަގުތުކޮޅެއް ދޭން ވެގެން ރޫޔާ އެ އެޕާޓްމެންޓުން ނިކުތެވެ. އޭނާގެ ފަހަތުން ރަޒާންވެސް އައިކަން އެނގުމާއެކު ނޭވާއެއް ދޫކޮށްލެވުނެވެ.
“ރަޒާން… މަޑުކޮށްބަލަ” ލިފްޓާ ދިމާލަށް މިސްރާބު ޖެހި ރަޒާނަށް އޭނާ ގޮވައިލިއެވެ. ވެގެން ދިޔަ ކަންތައްތަކާމެދު ވިސްނަން ހުރެފައި ރޫޔާ ރަޒާނާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ތެންކިޔު، ފޯ ދެޓް… އަހަންނަކަށް ނޭނގޭ ރަޒާން ލަމް ކައިރީ ކީ ކޯންޗެއް ކަމެއް. އެކަމަކު ރަޒާން ބުނި އެއްޗަކުން އޭނާއަށް ވިސްނުނީތީވެ..”
ރަޒާން ދެ ޖީބަށް އަތް ޖަހައިގެން ހުރެ ރޫޔާއަށް ބަލައިލިއެވެ. އޭނާ ހަށިގަނޑު ސީދާކޮށްލީ ރޫޔާއަށް ވާގޮތަށެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ހުއްޓުނީ ރޫޔާގެ ކުރިމަތީގައެވެ.
“އަހަރެން އޭގެ ބަދަލު ހޯދާ ފިއްޔާ؟” މޫނު އަރިކޮށްލަމުން ރަޒާން އަހައިލިއެވެ.
ރަޒާން ވިސްނަން ހުރެފައި ރޫޔާއަށް ހީލިއެވެ. “ފަހުން ބުނާނަން”
***
އަތުގައި އޮތް މާބޮނޑިއަށް ކަޅި އެއްލައިލުމަށްފަހު ރަޒާން ދޮރުގައި ޓަކި ޖެހިއެވެ. އެތެރެއިން ދޮރު ހުޅުވާނެ އިރަކަށް އިންތިޒާރުކުރަމުން އޭނާ ނޭވާއެއް ދޫކޮށްލިއެވެ. މަންމައަށްޓަކައި އަމިއްލަ ހިތުގައިވާ އިހުސާސްތައް ފަސްއެޅުމަށްފަހު އެގެއަށް އަންނަން އަމިއްލަ މަޖޫބުރު ކުރިއެއްކަމަކު، އެކަންވީ އޭނާއަށް ބޮޑު ތަކުލީފަކަށެވެ. އޭނާ އެގޭ ދޫކޮށް ވަކިން އެޕާޓްމެންޓެއްގައި އުޅެންވެސް ފެށީ އެ އިހުސާސްތަކާ ހެދިއެވެ.
އެތެރެއިން ގޭގައި ގެންގުޅޭ އެހީތެރިޔާ ދޮރު ހުޅުވުމާއެކު، ވަންނަން ނެގި ފިޔަވަޅާއެކު ބޮލަށް ސަވާރުވި ޚިޔާލުތައް އެއްކައިރިކޮށްލުމަށްފަހު އޭނާ އެތެރެއަށް ވަދެގަތެވެ.
“މަންމާ، އުފާވެރި އުފަންދުވަހަކަށް އެދެން.” ސޯފާމަތީ އެއްޗެއް އަތުން ފަހަން އިން ރަހުމާއަށް ރަޒާންގެ އަޑު އިވުމާއެކު އޭނާ އިސްނަގައި ބަލައިލިއެވެ. ދޮށީ ދަރިފުޅުގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަން ފެނިފައި އޭނާ ހިނިތުންވެލިއެވެ.
“ރަޒާން، ދަރިފުޅާ…” ރަޒާން އަތުގައި އޮތް މާބޮނޑި ރަހުމާއަށް ދިއްކޮށްލުމާއެކު ރަހުމާއަށް ހެވުނެވެ.
“ސާބަސް އެކަމަކުވާ…” ބޯ ހޫރަމުން ރަހުމާ އެ މާބޮނޑީގައި ހިފައިލިއެވެ. ނޭފަތާ ކައިރިކޮށްލަމުން އެ މާ ތަކުގެ ވަސް ބެލިއެވެ.
“ޝުކުރިއްޔާ…” ރަޒާން އޭނާ ކައިރީ އިށީނުމާއެކު ރަހުމާ ބުންޏެވެ.
ރަހުމާ ކުރިމަތީ އިން ކޮފީ މޭޒުމަތީ ބާއްވައިލެވިފައި އޮތް ފޮތިކޮޅާއި ތިނޯސް ފެނިފައި ރަޒާނަށް ބުމަ ހިއްލައިލެވުނެވެ. ޝަފީޤް ނިޔާވި ފަހުން ރަހުމާ އުޅުނީ، އެ އެކަނިވެރިކަމުން މިންޖުވާންވެގެން އެކި ކަންތައްކުރަމުންނެވެ. ރުމާ ފަހަން ފެށި އެ އެކަނިވެރިކަމުން ސަލާމަތްވާންވެގެންނެވެ. ފަހުން އެކަމަށް މާބޮޑު ޝައުޤުވެރިވެ، ދުވަހުގެ ގިނަ ވަގުތު ރަހުމާ ހޭދަކުރަނީ ރުމާ ފެހުމުގައެވެ.
“މީ ކާކަށް ފަހާ އެއްޗެއް؟” އެ ފޮތިކޮޅުގައި ފަހާފަ އިން މާ ފެނިފައި ރަޒާން އަހައިލިއެވެ.
“މި ދެން.. ހަމަ ފަހަނީ.. ދަރިފުޅު ބައްޕަ މަތިން ހަނދާންވެގެން.” އެ ފޮތި ކޮޅު އަތަށް ނަގައި، ރަޒާނަށް އެ މާ ރީތިކޮށް ދައްކަމުން ރަހުމާ ޖަވާބުދިނެވެ.
“ދަރިފުޅުގެ ބައްޕަ އަބަދުވެސް ރީތިވި އެއް މާ، ފޮގެޓް-މީ-ނޮޓް…” އެ ހުދު ފޮތިކޮޅުގައި ފަހަން ފަށާފަ އިން ނޫ މާ މަތީ ރަޒާން ފިރުމައިލިއެވެ.
“ފޮގެޓް-މީ-ނޮޓް”
“ބުނާހެން، އަހަރެންގެ ލޯތްބާއި ހަނދާންތަކުގެ މަތިން ހަނދާން ނައްތާ ނުލައްޗޭ” ރަހުމާ އެ ރުމާ ތިރިކޮށްލުމަށްފަހު ޖުމުލަ ފުރިހަމަކޮށްލިއެވެ. އެއާއެކު އެ ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން ފެތުރުނެވެ.
ރަޒާން އެގެއިން އެހެން ގެއަކަށް ބަދަލުވި އެއް ސަބަބަކީ އެޔެވެ. މިގޭގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގައިލިޔަސް، ފެންނަނީ ޝަފީޤުގެ ހަނދާންތަކެވެ. އެ ހަނދާންވާ ކޮންމެ ފަހަރު، އޭނާއަށް ވިސްނެނީ ނަސީރުގެ ރޭވުންތަކެވެ. ބައްޕަގެ ބަދަލުގައި އެ ރޭވުމުގެ މަކުނު ވާތަކުގައި ތަތްވީ އޭނާއެވެ. ބައްޕައަށް ކުރެވުނު ކަމަކީ، ނުބައި މީހަކަށް އިތުބާރު ކުރެވުމެވެ. އޭގެ ސަޒާ ލިބިގަތީ އޭނާއެވެ.
“ދޮންބޭ…” އަތް ތެރޭ ބަނބުކެޔޮ ފޮތިތަކެއް ހިފައިގެން، އެ ކާން ބަދިގެ ދޮރުމަތީ ހުރި ރާއިފް ގޮވައިލުމާއެކު ރަޒާން ރާއިފަށް ބަލައިލިއެވެ.
“ރާއިފް، މަންމަ ކިތައް ފަހަރު ބުނާނީ ތަށްޓަކަށް ބަނބުކެޔޮ އަޅައިގެން ކާށޭ؟” ރަހުމާ ސޯފާއިން ތެދުވެ ހިނގައިގަތީ ބަދިގެއަށެވެ. މަންމަ އަންނަ ތަން ފެނުމާއެކު ރާއިފް އަވަހަށް ދުއްވައިގަތީ ރަޒާނާ ދިމާލަށެވެ.
“މަންމާ، މަންމަ އުފަންދުވަހު ރުޅި އަންނާކަށް ނުވާނެ.. އެހެންނޫނަސް، ދޮންބެއާއި އަޅުގަނޑު މިއުޅެނީ މިރޭއަށް ކައްކަންވެގެން..” ރާއިފްގެ ޖުމުލަ އިވިފައި ރަހުމާ އެދެމީހުންނަށް ބަލައިލިއެވެ.
“ދެމީހުން ކައްކަން؟ ކޯންޗެއް؟”
“މަންމަ ބޭނުންވާ އެއްޗެއް. ދޯ ދޮންބޭ؟” ތެލުލި ބަނބުކެޔޮ ފޮއްޗެއް އަނގަޔަށްލަމުން ރާއިފް ޖަވާބު ދިނެވެ.
ރަހުމާ ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ ފިރިހެން ދަރިންނަށް ބަލައިލިއެވެ. އެ ހިތް ދިޔައީ ޝަފީޤް ދޫކޮށްފައި ދިޔަ ހަނދާންތަކުގެ ތެރޭގައި ޣަރަޤުވަމުންނެވެ. އެހެނަސް، އެ ދަރިފުޅުމެންގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމުން، ކުޑަކޮށް ނަމަވެސް އެހިތަށް އުފާވެރިކަން ލިބެމުން ދިޔައެވެ.
“ބަޓަރ ޗިކަން އާއި ނާން” މޫނު މައްޗަށް އުފާވެރިކަމުގެ ކުލަވަރު ގެންނަމުން ރަހުމާ ބުންޏެވެ.
ރާއިފް ރަހުމާއަށް ބަލަން ހުރެފައި މޫނު ކުނިކޮށްލި ގޮތަކުން ރަހުމާއަށް ހެވުނެވެ.
“މަންމަ ތަންކޮޅެއް ފަސޭހަ އެއްޗެއް ހަދަން ބުނިނަމަ” ރާއިފް އެހެން އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ރަޒާން ސޯފާއިން ތެދުވިއެވެ. ގަމީހުގެ އަތުކުރި އޮޅައިލަމުން އޭނާ ބަދިގެއަށް ވަންނަން ހިނގައިގަތެވެ.
“ގޭގަ ކުކުޅު އެބަހުރި ދޯ؟” ރަހުމާ ކައިރީ އޭނާ އެހިއެވެ.
“ރިއަލީ؟ ބަޓަރ ޗިކަން އެންޑް ނާން؟؟” ރާއިފްގެ އަޑު އިވިފައި ރަޒާން ރާއިފަށް ކަޅިއެއްލިއެވެ.
“ޝަކުވާ ނުކޮށް އާދޭ އެހީވާން.. ކޮބާ ރަނާ؟؟” އޭނާ އެގެއަށް އައި ފަހުން ރަނާ ނުފެންނާތީވެ ރަޒާން އަހައިލިއެވެ.
“ކޮޓަރީގައި. ބަނޑުގައި ރިއްސާތީވެ ރެސްޓް ކުރަން ވަދުނު ގޮތަކަށް ނުނިކުމޭ..”
ރަޒާން އިތުރަށް އެއްޗެކޭ ނުބުނެ ގޮސް އައިސް އަލަމާރި ހުޅުވިއެވެ. އަލަމާރީން ކުކުޅު ނަގައި ފިނި ކަނޑުވަން ބެހެއްޓުމަށްފަހު އޭނާ ރާއިފަށް މަސައްކަތް ހަވާލުކޮށް ކެއްކުމައިގެން އުޅުނެވެ.
***
ރޭގަނޑު ޑިއުޓީއަށް ދާން ރީތިވާން އުޅުނު ރޫޔާއަށް، ސިޓިން ރޫމުން އިސްމާޢިލްގެ އަޑު އިވިފައި މަޑު ޖެހުނެވެ. އޭނާ ފޯނުގެ ގަޑިއަށް ނަޒަރު ހިންގައިލުމަށްފަހު އަވަހަށް ރީތިވާން އުޅުނެވެ. ސެންޓު ޖެހުމަށްފަހު އޭނާ ކޮޓަރިން ނިކުމެ، ސޯފާގައި އިށީނދެއިން އިސްމާއިލަށް ބަލައިލިއެވެ.
“ބައްޕާ..” ރޫޔާ މަޑުމަޑުން ހިނގައިފައި އައިސް އިސްމާޢިލް ކައިރީގައި އިށީނެވެ.
“ބައްޕަގެ ދޮން ކަނބުލޯ… ޑިއުޓީއަށް ދާން ދޯ ތިއުޅެނީ.” އަނގަޔަށް ފޯއްފޮށްޗެއް ލަމުން އިސްމާޢިލް ރޫޔާއަށް ބަލައިލިއެވެ.
“ހޫމް.. ބައްޕަ ކިހިނެއްތަ؟” ސޯފާގައި ހަމަޖެހިލަމުން ރޫޔާ ވިސްނައިލީ ވާހަކަ ފަށާނެ ގޮތަކާމެދުއެވެ.
“ބައްޕަ ރަނގަޅު.. ކޮބާ އެ ރަހާއާއި ލަމްޔާ؟ މިއަދު ނުވެސްފެނޭ…” ރޫޔާއަށް، ރަހާއާއި ލަމްޔާވީ، ލީނާމެން ގޭގައި ކަން އެނގެއެވެ. މިފަހަކުން ރަހާއާއި ލަމްޔާ އެގެއަށް މާ ގިނައިން ދާކަން އޭނާއަށް ފާހަގަކުރެވުނެވެ.
“މިހާރު އުޅޭނެ ގެއަށް އަންނަން…” ރޫޔާ ނަޒަރު ހިންގައިލީ، ނިއްވައިލައިފައި އޮތް ޓީވީއަށެވެ. ނޭވާއެއް ދޫކޮށްލުމަށްފަހު އިސްމާޢިލަށް ކަޅި ގެންދިޔައެވެ.
“ބައްޕަ، ހިނގާބަލަ އެ ސާޖަރީ ހަދަން…” ރޫޔާ އާދޭހާއެކު ފެށިއެވެ. “އެނގޭ ވަރަށް ބޮޑު އޮޕަރޭޝަނެއްކަން، ރަނގަޅުވާން އެހާ ގިނަ ދުވަސްވެސް ނަގާނެކަން، އެކަމަކު ބައްޕާ.. އަޅުގަނޑު ބޭނުމެއްނޫން ފަރުވާ އޮއްވާ އޭގައި ނުހިފާ ދޫކޮށްލާކަށް…”
އިސްމާޢިލް ދެލޯ މަރައިލުމަށްފަހު ނޭވާއެއް ނަގައިލިއެވެ. އޭނާ ލޯ ހުޅުވައިލުމަށްފަހު އޭނާގެ އަތަށް ނަޒަރު ހިންގައިލިއެވެ.
“ދޮންކަނބުލޯ.. އޮފަރޭޝަން ކާމިޔާބު ނުވެއްޖިއްޔާ؟ ބައްޕަ ކުރިންވެސް ބުނިފަދައިން، ބައްޕަ ބޭނުމެއްނޫން ބައްޕަ ދަރިފުޅަށް ބުރައެއް ދީފަ މަރުވާކަށެއް. ދަރިފުޅު ހަޔާތް އަދި އޮތީ. ބައްޕަ ބަލަން މުޅި ޢުމުރު ދުވަހު ހުސްކުރާކަށް ބައްޕަ ބޭނުމެއްނޫން”
“ބައްޕާ، ދުވަހަކުވެސް ބައްޕަ ބަލަން އަޅުގަނޑަކަށް ބުރައެއް ނުވާނެ…”
“ދޮންކަނބުލޯ ތިހެން ބުންޏަސް، ބައްޕައަށް ދޯ އެނގޭނީ..” އިސްމާޢިލް އަތުގައި އަޅުވައިފައި އޮތް ގަޑިއަށް ނަޒަރު ހިންގައިލިއެވެ. އެ ގަޑި ހަދިޔާކުރި ކައިރީގައި އާދޭސްކުރަން އިން ދަރިފުޅެވެ.
“ދަރިފުޅު ދެން ދާން އުޅެންވީނު، އެއޮށްގެން ގަޑި ޖެހެން އެއުޅެނީ” އިސްމާއިލްގެ އެޖުމުލަ ވެގެން ދިޔައީ އެ މަޝްވަރާ ނިންމަން އަމުރު ކުރި ހުކުމަކަށެވެ. ރޫޔާ އަނގަހުޅުވައިލުމަށްފަހު ލައްޕައިލީ ބައްޕަ ދެން ނުގުޑާނެކަމުގެ އިހުސާސްކުރެވިގެންނެވެ. އެހެނަސް އޭނާ އެކަން ދޫކޮށްލާކަށެއް ނެތެވެ.
“ކައިގެން ނިދާތި. ހުންނާނެ ބަތާއި ގަރުދިޔަ ކައްކާފަ…”
“ލައްބަ، ބައްޕަގެ ދޮންކަނބުލޯ”
***
“ރަނިކަމަނާއަށް އިރު އަރައިފި ދޯ؟” ބަދިގެ ދޮރުމައްޗަށް އެރި ރަނާ ފެނިފައި ރާއިފް ތުން ދަމައިލިއެވެ.
“ދޮންބޭ.. ދޮންބެ ކޯންޗެއް ތި ކައްކަނީ؟” ރާއިފަށް އެއްވެސް ސަމާލުކަމެއް ނުދީ ރަހާ ބަދިގެއަށް ވަދެ ހުއްޓުނީ ރަޒާން ކައިރީގައެވެ. ބަނޑުގައި އެއް އަތް ވިއްދައިގެން އުރެ އޭނާ އުނދުންމަތީ ހުރި ތެއްޔަށް ނަޒަރު ހިންގައިލިއެވެ.
“ބަޓަރ ޗިކަން..” އެވަގުތު ރަނާ އޯކަރުވައިގަތެވެ. އެހެނަސް، އެއްވެސް ކަމެއް ނުވާކަމަށް ހެދި އެނާ ގަދަކަމުން ހިނިތުންވެލުމަށްފަހު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
“މަންމަ ބުނީ ރަނާ ބަނޑުގައި ރިއްސާތީ އުޅޭ ވާހަކަ..” ރަޒާން އުނދުން ނިއްވައިލުމަށްފަހު ރަނާ ކައިރީ ހުއްޓުނެވެ.
“ޕީރިއަޑް ވާން ވެގެން..”
“ކޯންޗެއް ބޭނުމީ؟ ޗޮކޮލެޓް؟ ޕިއްޒާ؟ ޕުޑިން؟؟” ރަޒާން ޖީބުން ފޯނު ނަގަމުން ސީރިއަސް ރާގެއްގައި އަހައިލިއެވެ.
ރަޒާންގެ ޢަމަލުތައް ބަލަން ހުރެފައި ރަނާއަށް ހެވުނެވެ. އޭނާ ދެކޮޅަށް ބޯ ހޫރައިލުމަށްފަހު ރަޒާންގެ އަތުގައި ހިފައިލިއެވެ.
“ދޮންބެއާއެކު ކާން ބޭނުމީ.. މަންމަގެ ބާތްޑޭއެއްނު މީ..އަޅުގަނޑުވެސް އެހީވާނަން.” ރަނާ ތެދުވަމުން ބުންޏެވެ.
“ރަނާ އެކަމަކު ބަނޑުގައި ރިއްސާތީނު ތިއުޅެނީ…” ރަޒާން ވަގުތުން ދެކޮޅު ހެދިއެވެ.
“އޯކޭ ވާނޭ…އާހް..މީ ތަށިތައް މޭޒުމައްޗަށް އެރުވޭނޭ” ކާ ތަށިތައް ބަހައްޓައިފައި ހުރި ކަބަޑު ކައިރީ ހުއްޓެމުން ރަނާ ބުންޏެވެ.
ރަޒާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް އުނދުނާ ކައިރިވެލިއެވެ. ކައްކަމުން ދިޔައިރުވެސް އޭނާ އިރުއިރުކޮޅާ ކަޅި އެއްލީ ރަނާއަށެވެ.
***
އޮފީހުގެ މޭޒުމަތީ ބޯ އަޅައިގެން އޮތް ރޫޔާ އާ ފުރިލިއެވެ. އަނދިރިކޮށްފައިވާ އެ އޮފީހުން ކިރިޔާވެސް އަލިކަމެއް ލިބިފައިވަނީ، ނިވާ ނުކޮށް އޮތް ކުޑަދޮރުން އެތެރެއަށް ވަދެފައި އޮތް ހަނދުގެ އަލިކަމުންނެވެ.
މޭޒުމަތީ އޮތް ފޯނުން ރޫޔާ ގަޑި ބަލައިލިއެވެ. ދަންވަރު އެކެއް ޖެހީއެވެ. މިވަގުތު އެންމެން ތިބެނީ ނިދާފަކަން އެނގުމާއެކު ރޫޔާ އަނެއްކާވެސް ފޯނު ބޭއްވިއެވެ.
ކުއްލިއަކަށް މީހަކު ދޮރު ހުޅުވައިލި އަޑު އިވިފައި ރޫޔާ ސިއްސައިގެން ދިޔައެވެ. ދޮރުމަތީ ހުއްޓިހުރި އަޕެކްޝާގެ މޫނު މައްޗަށް އަރައިފައިވާ ހާސްކަން ފެނިފައި ރޫޔާ އަވަހަށް ގޮނޑިން ތެދުވިއެވެ.
“ޑރ. ރޫޔާ، ޔޫ އާރ ނީޑެޑް އިން އީ.އާރ. އިޓްސް އަ ވީ.އައި.ޕީ ޕޭޝަންޓް. ދޭ އާރ ޑިމާންޑިން ޔޫ” އަޕެކްޝާ ބުނި އެއްޗަކުން ރޫޔާ ދެބުމަ ގޮށްޖެހުނެވެ. އަވަސްއަވަހަށް ގޮނޑިމަތީ ބާއްވައިލެވިފައި އޮތް ހުދު ކޯޓު ނަގައި، އެ ލުމަށްފަހު އެ އޮފީހުން ނިކުމެ، އީ.އާރ އާ ދިމާލަށް ދިޔައެވެ.
އީ.އާރ ގެ ދޮރު ހުޅުވުމާއެކު ރޫޔާ އަޕެކްޝާގެ ފަހަތުން އެ ތަނަށް ވަދެގަތް ވަގުތު، ޗާޖް- ނާރސް ޝިފާ ރޫޔާއަށް ގޮވައިލިއެވެ. ރޫޔާ އަވަހަށް ހިނގައިފައި ގޮސް ހުއްޓުނީ ޝިފާ ކައިރީގައެވެ.
“ޓުވެންޓީ ޓޫ އިޔާރ އޯލްޑް ފީމޭއިލް. ކޭމް އިން އެބައުޓް ފޯޓީ މިނެޓްސް އެގޯ ވިތް ރައިޓް ލޯވާ ކުއާޑްރެންޓް ޕެއިން.” ޝިފާ ދިޔައީ ޕޭޝަންޓްގެ ކޭސް ހުށަހަޅަމުންނެވެ. “އޭނާގެ ޢާއިލާއާއެކު އައީ. އޭނާގެ ބޭބެ ޑރ. ރޫޔާއަށް އެދުނީ..” ޝިފާ ބުނި ބަހާއެކު ރޫޔާ މޫނު ހަދައިލިއެވެ.
“އަހަރެން؟؟” އަމިއްލަ ނަފްސަށް އިޝާރަތް ކުރަމުން ރޫޔާ އެހިއެވެ.
“ނަމުން. ޑރ. ރޫޔާ.. އެމީހާ އެބައިން ވެއިޓިން އޭރިޔާގައި. ޕޭޝަންޓް ބަލާފަ ބައްދަލު ކުރާނެ ވާހަކަ ބުނެފަ އޮންނާނީ” ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ބަލިމީހާ އޮތް އެނދާ ދިމާލަށް ހިނގައިގަތެވެ.
“ސީޓީ އިން ދައްކަނީ ކޮންޗެއް؟”
“އަދި ރޭޑިއޯލޮޖީގެ ޚަބަރެއް ނުވޭ. އަލްޓްރާސައުންޑްގެ ރެސަލްޓް އެހާ ކްލިއަރ އެއްނޫން. އެކަމަކު ރައިޓް ލޯވާރ ކުއާޑްރެންޓްގައި ފްރީ ފްލުއިޑް ހުރި. ވައިޓް ކައުންޓް އެލެވޭޓެޑް… ހައިލީ އިންޑިކޭޓިން އެޕެންޑިސައިޓިސް”
ބަލިމީހާ އޮތް އެނދާ އަރާ ހަމަވުމާއެކު، ރޫޔާ އެ ބަލިމީހާއަށް ރަނގަޅަށް ބަލައިލިއެވެ. ދަލުން ތަތްތެޅިފައި އޮތް އަންހެންކުއްޖާ އިރުއިރުކޮޅާ ކުކުރަމުންދިޔައީ، ނަގަމުން ދިޔަ ރިހުމުގެގެ ސަބަބުންނެވެ.
“ހައި، ޑރ. ރޫޔާ، ސާރޖިކަލް އެޓެންޑިން… ކޮން ނަމެއްތޯ ކިޔަނީ؟” އޯގާތެރި ހިނިތުންވުމަކާއެކު ރޫޔާ އެ އަންހެންކުއްޖާއާ ކައިރިވެލިއެވެ.
“ރަނާ..”
ނަން އިވިފައި ރޫޔާ ހުއްޓުން އެރިއެވެ. އޭނާ އަދި އެއްފަހަރު އެ އަންހެން ކުއްޖާއަށް ބަލައިލިއެވެ. ރަޒާނާ ވައްތަރު ގޮތްތަކެއް ފެނުމާއެކު އޭނާއަށް ޔަޤީންވިއެވެ.
އޭނާގެ ބަލިމީހާއަކީ ރަޒާންގެ ކޮއްކޮ ރަނާއެވެ.
ސިކުނޑީގައި އުފެދިފައިވާ ސުވާލުތައް އެއްކައިރިކޮށްލުމަށްފަހު ރޫޔާ ރަނާއާ ސުވާލުކުރުމުގައި އުޅުނެވެ.
“ކޮން އިރަކު ތަދުވާން ފެށީ؟”
ރޫޔާގެ ސުވާލަށް ވިސްނަން ހުރެފައި ރަނާ ޖަވާބު ދިނެވެ. “އިއްޔެ ހެނދުނު. ހީކުރީ ޕީރިއަޑް ވާން އުޅެނީ ކަމަށް. ޕީރިއަޑް ވުމުގެ ކުރިން އައި ގެޓް ކްރޭޕްސް. އެކަމަކު އެ ތަދު އެހެން ދިމާލަށް ބަދަލުވީ. މިރޭ ހޮޑުވެސް ލެވުނު..”
“ކޮންތާކު މިހާރު ތަދުވަނީ؟” އަތަށް އަންގި ލައްވަމުން ރޫޔާ އެހިއެވެ.
“މިތަނަށް ތަދުވަނީ” ރަނާ އިޝާރަތް ކުރީ މެކްބަނީސް ޕޮއިންޓަށެވެ.
“ޑޮކްޓަރ ބަނޑު ބަލާލަން މިއުޅެނީ އިނގޭ.. އައި ވިލް ބީ ޖެންޓަލް އޭޒް އައި ކޭން…”
ރޫޔާ އަތް ނަގައި ފިތައިލީ، ރަނާގެ ބަނޑުގެ ވާތްފަރާތު ތިރީގައެވެ. ފިތައިލުމާއެކު ރަނާ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. ރަނާގެ ކަނާތްފަރާތުގައި އަތް ޖައްސައިލިއިރު، މަސްތައް ހަރުވެފައި ހުރިކަން ފާހަގަވުމާއެކު އޭނާ ދެބުމަ ގޮށްޖެހުނެވެ.
“ޑރ. ރޫޔާ.. ސީޓީ ރެޒަލްޓް” ރީހާ އަތުގައި އޮތް ޓެބްލެޓް ރޫޔާއާ ދެއްކިއެވެ.
ސީޓީގެ ނަތީޖާއަށް ބަލަން ހުރެފައި ރޫޔާ ރަނާއަށް ބަލައިލިއެވެ. “ރަނާ، އިޓްސް އެކިއުޓް އެޕެންޑިސައިޓިސް.. އެޕެންޑިކްސް ދުޅަވެފައި ހުރީމަ އެ ނަގަން ޖެހޭނީ. އަދި ފަޅައިގެން ނުދޭ.. އެހެންވީމާ ލެފްރޮސްކޮފިކްކޮށް މި އޮޕަރޭޝަން ކުރެވިގެން ދާނީ. ތިން ކުޑަ ލޯވަޅު. އެކަމަކު އެޕެންޑިކްސް ރަޕްޗަރ ވުމުގެ ކުރިން ނަގަން ޖެހޭ…”
ބިރެއް ފެނުނު ހެން ރަނާ ރޫޔާއަށް ބަލައިލިއެވެ. “އޮޕަރޭޝަން؟ މިހާރު؟”
‘ޔެސް.. އާދައިގެ ޕްރޮސީޗަރ އެއްމީ..” ރޫޔާ ލުއި ހިނިތުންވުމެއް ގެންނަމުން ބުންޏެވެ.
ރަނާ އެއްޗެކޭ ބުނަން ހުރެފައި އަނެއްކާވެސް ކުކުރައިލިއެވެ. އޭނާ މަޑުމަޑުން ބޯ ޖަހައިލުމަށްފަހު އެނދުގައި ހަމަޖެހިލިއެވެ.
އީ.އާރ ގެ ވެއިޓިން އޭރިޔާގެ ތެރެއަށް ފިޔަވަޅު އެޅުމާއެކު ރޫޔާއަށް ފެނުނީ ދެކޮޅަށް ހިނގަން ހުރި ރަޒާނެވެ. ދެން ފެނުނީ ގޮނޑީގައި އިށީނދެއިން އުމުރުން ދުވަސްވީ ދެމީހުންނާއި، ޒުވާން ފިރިހެން ކުއްޖެވެ.
“ފާތިމަތު ރަނާ ޝަފީޤްގެ ޢާއިލާ ދެއްތޯ؟” ރޫޔާ ގޮވައިލުމާއެކު އެ އެންމެން ރޫޔާއަށް ބަލައިލިއެވެ. ރަޒާން ރޫޔާއާ ދިމާލަށް ހިނގައިގަތެވެ. މޫނުމަތިން ފާޅުވެފައިވާ ހާސްކަން ރޫޔާއަށް ފެނުމާއެކު، ހިތުގައި ރަހާގެ އޮޕަރޭޝަނާ މެދު އިތުރަށް ޒިންމާވެވުނެވެ.
“ޑރ.. މަގޭ ދަރިފުޅު ކިހިނެއްވަނީ؟” ހާސްވެފައި އެ ޢުމުރުން ދުވަސްވީ އަންހެނާ ރޫޔާގެ އަތުގައި ހިފައިލިއެވެ.
ރޫޔާ މަޑުމަޑުން، އޯގާތެރިކަމާއެކު އެ ދައްތަ އަތުގައި ހިފައިލިއެވެ. ދައްތަގެ ލޮލަށް ބަލަމުން ރޫޔާ ހިތްހެޔޮ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
“ރަނާގެ އެޕެންޑިކްސް ދުޅަވެފައި އިނީ. މަނާއީ އޭތި ފަޅައިގެންދާން އުޅޭށޭ އެއުޅެނީ. އެހެންވީމާ އަހަރެމެން އޭތި ނަގަންވެގެން މިއުޅެނީ.. ލޯވަޅު ހަދައިގެން އޮޕަރޭޝަން ކުރަނީ.. މިއީ ހަމަ އެހެންމީހުންނަށްވެސް ދިމާވާ ކަމެއް. އިންޝާﷲ ދައްތަގެ ދަރިފުޅު ރަނގަޅުވާނެ.. އޮޕަރޭޝަނަށް އިއުތިރާޒެއް ނެތް ކަމުގެ ސޮއި ބޭނުންވޭ..” އަތުގައި އޮތް ޓެބްލެޓުން ފޯމު ހުޅުވައިލުމަށްފަހު ރޫޔާ އެ ޓެބްލެޓް އެ އެންމެންނަށް ދައްކައިލިއެވެ.
“ރަޒާން..” ރަހުމާ ރަޒާނަށް ގޮވައިލުމާއެކު ރަޒާން އެ ޓެބްލެޓު އަތަށް ނެގިއެވެ. ސޮއިކުރަންޖެހޭ ތަނުގައި ސޮއި ކުރުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ.
“ޑރ. ޕްލީޒް ޑޫ ޔުއަރ ބެސްޓް” ރޫޔާގެ ކިބައިން ނަޒަރު ވަކިކޮށްލުމެއް ނެތި އޭނާ އެ ޓެބްލެޓް ރޫޔާއަށް ދިއްކޮށްލިއެވެ.
“އައި ވިލް”
***
ސާރޖަރީއަށް ތައްޔާރުވާންވެގެން، ލޮކަރ ރޫމްގައި ހެދުން ބަދަލުކުރަން ހުރި ރޫޔާ ފޯނު ވައިބްރޭޓުވި އަޑު އިވިފައި ރޫޔާ ފޯނަށް ކަޅިއެއް އެއްލިއެވެ. ސާރޖިކަލް ސްކްރަބް ލައި، ގަޔަށް ހެޔޮކުރަމުން އޭނާ އެފޯނު ނެގިއެވެ. ޔޫޝާގެ ނަން ފެނިފައި އޭނާ އަވަސްއަވަހަށް އެ ފޯނު ހުޅުވައިލިއެވެ. މެސެޖު ކިޔައިލުމާއެކު އޭނާގެ ދެބުމަ ގޮށްޖެހުނީ ވާނުވާ ނޭނގި ހުރެއެވެ.
___
ޔޫޝާ: ސޮރީ ރޫޔާ.. އައި ކެނޮޓް ހެލްޕް ޔޫ އެނީ މޯ. އައި އޭމް ޕުލިން މައި ސެލްފް އައުޓް ފްރޮމް ދިޒް މެސް.
ޔޫޝާ: އެގެއިން، އައި އޭމް ސޮރީ..
(ދިޒް ނަމްބަރ ހޭޒް ބްލޮކްޑް ޔޫ)
____
5 Comments!
Comments are closed.


VARAH REETHI
Thankss lovee 🫶💕
why did yusha stop after half process
thisis confusing
cant wait for next ep to find answer for my qouetion
mi prt ves reethi
whn nxt?
Thank youuu 🫶💕
Next chp on Tuesday.
For your questions, we will see on next chp..
Ma sha allah 🔥