Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހަޑިމިލޭރުު – 3

ޝނކސ
ޝނކސ Level 110 Stories
August 15, 2026 3 Mins Read
0 Comments

“މިއީ ހަމަ އަސްކަރީ ފެންވަރުގެ ސެކިއުރިޓީއެއް. ބްރޯ، ތާރިގަކީ ހަމައެކަނި ރިސޯޓް މަހުޖަނެއް ނޫން. އޭނާ މި ހިންގަނީ ވަރަށް ނުރައްކާތެރި، ވަގު ނެޓްވޯކެއް!”. ޒަޔާން ހާސްވެފައިހުރި ފާޑަކަށް ބުނެލިއެވެ.

***

ނާއިލް އޭނާގެ ފައިބުޑުގައި އޮތް ފޮށީގެ ތެރޭގައި އޮތް ފެންޖެހި މިލައިފައިވާ ކަރުދާސް ފޮތް ހުޅުވާލިއެވެ. އޭގައިވާ ލިޔުންތައް ހުރީ ފަނޑުވެފައިވާ ނޫކުލައިގެ ދަލަކުން، ތުރުތުރުލާ އަތަކުން ލިޔެފައެވެ. އޭގައި ހުރީ މީހުންގެ ނަންތަކާއި، ތާރީޚުތަކާއި، ކަނޑުމެދުގެ ކޯޑިނޭޓްތަކުގެ އިތުރުން، އެތައް ސުންތަކެއް ހިމެނޭ ބޮޑެތި އަދަދުތަކުގެ ފައިސާގެ ހިސާބުތަކެވެ. ތެމިފައި ހުރުމުން ކިޔަން އުނދަގޫ ގޮތެއް ހުއްޓެވެ.

“މި ބަލާބަލަ ބުރޯ!”. ޒަޔާންގެ މައުސްޕެޑު ކައިރީގައި އެ ފޮތް ބާއްވަމުން ނާއިލް ބުންޏެވެ.

“މިއީ ހަމައެކަނި ރިޝްވަތުގެ ވާހަކައެއް ނޫން. މި ތާރީޚުތަކަށް ބަލާބަލަ! އެއްވެސް އެއްޗެއް ކައެ އަށް ފާހަގައެއް ނުވޭ؟”. ނާއިލް އަނެއްކާވެސް ބުނެލިއެވެ.

ޒަޔާން ކައިރިއަށް ޖެހިލާފައި ފަރުވާތެރިކަމާއެކު ބަލާލިއެވެ. “މަޑުކޮށްބަލަ! އޭ ބްރޯ! މިއީ ބާ އަތޮޅުގެ ފަޅު ރަށްރަށުގެ ކޯޑިނޭޓްތަކެއްނު”. އޭނާ ނާއިލަށް ބަލައިލިއެވެ.

“ފަޅު ރަށްރަށެއް ނޫން!”. ނާއިލް މަޑުމަޑުން ބުނެލިއެވެ. އޭނާ ހާސްވެފައި ހުރި ވަރުން އޭނާގެ އެއް އަތް އަނެއްއަތާ ކާއްތަ ކާއްތައި ހުއްޓެވެ.

“އެއީ މީހުން ވަޅުލާފައި ތިބި ތަންތަން! ލަގްޒަރީ ރިސޯޓްތައް ހަދަމުން ދިޔަ ދުވަސްވަރު ތޯރީގާ ވާދަވެރި ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ‘ގެއްލުނު’ އިރު، އެމީހުން ރާއްޖެއިން ބޭރަށް ދިޔައީއެއް ނޫން ބްރޯ! އެމީހުން ގެންދިޔައީ އެ ރަށްތަކަށް!” ނާއިލް ތުރު ތުރު ލަމުންދާ އަޑަކުން ބުނެލިއެވެ.

ޒަޔާން ޓައިޕްކުރުން ހުއްޓާލިއެވެ. ކޮމްޕިއުޓަރު އަޑާއި، ބޭރުން ދޭތެރެއަކުން އިވޭ ގުގުރުމުގެ އަޑު ފިޔަވައި މުޅި ކޮޓަރިއަށް ވަނީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ.

“އެހެންވީމާ އަސްލު ރަފީގަކީ މި ހުރިހާ ހިސާބެއް ބެލެހެއްޓި މީހާ ދޯ!”. ކުރިން ހުރި މަޖާ ސަމާސާ މިޒާޖު މުޅިން ގެއްލިފައިވާ ރާގަކަށް ޒަޔާން މަޑުމަޑުން ބުންޏެވެ.

“އޭނާ އެހުރީ ހުރިހާ ހެކިތަކެއް ރައްކާކޮށްފައި! ކޮޒް އޭނާއަށް އިނގޭ އޭނާ މަރާލާނެ ކަން!” އަނެއްކާވެސް އޭނާ އިތުރުކޮށްލިއެވެ. ލާރިގަނޑެއްގެ ދަހިވެތިކަމުގައި ފުންމާލެވުނު ވަޅުގަނޑުގެ މޮޔަ ހީވެފައި އެ ދެމީހުން އެއްޗެއް ނުބުނެ ތިއްބެވެ. އިރުކޮޅެއް ވީ ތަނާ މޭޒުމަތީގައި އޮތް ޒަޔާންގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ.

އޭނާ ބަލައިލިއިރު ޕްރައިވެޓް ނަންބަރަކުން މެސެޖުތަކެއް ކޮށްފައި އިނެވެ. ޒަޔާން ނާއިލަށް ބަލާލުމުން، ނާއިލް ބޯޖަހާލީ އެ މެސެޖު ބަލާށޭ ބުނާ ފަދަ ގޮތަކަށެވެ. ޒަޔާން ފޯނުގެ ސްކްރީނަށް ފިއްތާލިއެވެ. އަދި އެއަށްފަހު އަންނަމުންދާ މެސެޖުތަށް ކިޔަން ފެށިއެވެ.

“ފޮތް އޮތީ ތިޔަ ކުދިންގެ އަތުގައިކަން މަށަށް އެނގޭ! ރަފީގަކީ ފަރުވާކުޑަ މީހެއް، އެކަމަކު ތި ދެމީހުން ތި އުޅެނީ ނުރައްކާތެރި ކަމެއްގެ ތެރޭގައި!” ފުރަތަމަ މެސެޖުގައި ވީ އެހެންނެވެ.

[ތޯރީގުގެ ޔޮޓް ފަތިހު 4:00 ގައި ފުރާނެ. އެމީހުން މާލެއިން ބޭރުވެއްޖެނަމަ، އޭނާ ސާވަރތައް ފޮހެލާނެ. އަދި ތި މީހުންގެ ދުވަސްވެސް ދުއްވާލާނެ!”. ދެވަނަ މެސެޖު ޒަޔާން ކިޔައިލިއިރުގައި އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

“30 މިނެޓު ތެރޭގައި އަތުގައި ތި އޮތް ފޮށި ހިފައިގެން މަސްމާރުކޭޓު ފާލަން ކައިރިއަށް އާދޭ. އެކަނި އަންނާނީ. ނޫނީ ތިޔަ ތިބި ތަން ތޯރިގުގެ ސެކިއުރިޓީންނަށް އަންގާލާނަން!”. ޒަޔާން ގޮތް ހުސްވެފައިވާ މީހެއް ފަދައިން އިސްއުފުލާ ބަލާލިއިރު، ބިރުން ގޮސް އޭނާގެ މޫނުމަތިން ކުލަވަރު އޮތީ އޮއްސިފައެވެ.

“ނާއިލް! އެ ކޮން ބައެއް! މިކަން އެނގުނީ ކިހިނެއް؟”. އޭނާ އިސްތަށިގަނޑުގެ ތެރެއަށް ދެ އަތް މަހައިލުމަށްފަހު ބުނެލިއެވެ. އުއެ ތޫފާނީ ރޭގެ ގުގުރުމުގެ ބާރު އަޑުތަކާއެކު އިމާރާތުގެ ތުނި ބިއްލޫރިގަނޑުތައް ތުރުތުރުލަމުން ދިޔައިރު، ކޮޓަރީގެ ނިއޯން ބައްތިތައް ފަނޑުވެލާފައި ދިއްލިފައި ހުއްޓެވެ.

“އަހަރެމެން ތި ޑްރައިވްއެއް ނުދޭނަން!”. ބާރު އަޑަކާއެކު ފޮށި ލައްޕާލަމުން ނާއިލް ބުންޏެވެ.

“ތޯރިގު ހީކުރަނީ އޭނާގެ އަތުގައި ފައިސާއާއި ޔޮޓްތައް ހުރީމާ މި މުޅި މާލެއަކީ އޭނާގެ މިލްކެއް ކަމަށް. އެކަމަކު އޭނާ އެއް ކަންތައް ހަނދާން ނެތިއްޖެ!”. ނާއިލް ހިނިގަނޑެއް ޖަހައިލުމަށްފަހު ބުނެލިއެވެ.

“އެއީ ކޮން ކަމެއް؟” ވަރަށް އަވަސްއަރުވާލާފައި ވަތްގަނޑުން ބެކަޕް ފްލޭޝް ޑްރައިވެއް ނަގަމުން ޒަޔާން އެހިއެވެ.

“ވީ އާރ އިން ކޮންޓްރޯލް އޮފް ހިޒް ބިގެސްޓް ސީކްރެޓްސް، ރައިޓް ނައު!” ތުންފަތްމައްޗަށް ސީރިއަސް ހިނިތުންވުމެއް ވެރިކުރުވަމުން ނާއިލް ބުންޏެވެ.

“ޑިކްރިޕްޓް ކުރެވުނު މިންވަރު ކްލައުޑް ސާވަރަކަށް އަޕްލޯޑް ކުރޭ. އިރުއެރުމުގެ ކުރިން އަހަރެމެނަށް އެނބުރި ނާދެވިއްޖެނަމަ، ރާއްޖެއާއި ކޮލަމްބޯގެ ހުރިހާ ނޫސް އިދާރާތަކަށާއި ކޮރަޕްޝަން ބަލާ މުއައްސަސާތަކަށް އެ ސެންޑް ވާ ގޮތަށް ހަދާ. ހިނގާ މަަރުކޭޓުގައި އަހަރެމެންގެ އިންތިޒާރުގައި ހުރީ ކާކުތޯ ބަލަން ދާން!”. ނާއިލް އިތުރުކޮށްލިއެވެ.

އެމީހުން މަގަށް ނުކުތްއިރު އެރޭ ކުރި ބޯ ވިއްސާރަ ތުނިކޮށްލުމަށްފަހު، އެވަގުތު ޖައްވުގައި އޮތީ ތެތްފިނިކަމާއި ބަރު ބޯ ދުންފިންޏެއް ފެތުރިފައެވެ. މަގުބައްތިތަކުގެ އަލި، އެ ދުންފިނީގެ ތެރެއިން ފެންނަނީ ފުސްވެފައިވާ ރަންކުލައިގެ ބޮޅުތަކެއްގެ ސިފައިގައެވެ.

ފަތިހު 3:30 ވީއިރު، މާލޭ މަސްމާރުކޭޓު ފާލަން ކައިރިން ދުވަނީ އިންޖީނު ތެލާއި، ގަނޑުފެނާއި، އަދި ކަނޑުމަހުގެ ލޭގެ ވަހެވެ. އާންމުގޮތެއްގައި މި ސަރަހައްދަކީ ވަރަށް އަޑުގަދަ، ހަލަބޮލި ތަނެކެވެ. މަސްވެރިންގެ ހަޅޭކުގެ އަޑާއި، ދޯނިފަހަރުން ބާލާ މަސް ފޮށިތަކުގެ އަޑާއި، މަހުގެ އަގާ ބެހޭގޮތުން ޒުވާބުކުރާ މީހުންގެ އަޑުން އެތަން އޮންނަނީ ގުގުމާފައެވެ. ނަމަވެސް، މިވަގުތު އެތަން އޮތީ ވަރަށް ބޮޑަށް ހިމޭންވެފައެވެ. ފެންނަން ތިބީ ހަމައެކަނި ކޮންކްރީޓްގަނޑު މަތީގައި ނޫކުލައިގެ ހުސް ފީފާތަކެއް ދަމަމުންދިޔަ ރޭގަނޑު ޑިއުޓީގައި އުޅޭ މަދު މުވައްޒަފުންތަކެކެވެ.

ނާއިލް ހުރީ އޭނާ ލައިގެން ހުރި ސޯޓުގެ ޖީބަށް ދެއަތް ޖަހާލައިގެންނެވެ. މިރޭ ކަމެއް ގޯސްވެއްޖެނަމަ، ގުޅާލާނެ އާއިލާގެ މީހަކު ވެސް އޭނާގެ ނެތެވެ. ސަލާމަތްކޮށްދޭނެ ބައްޕައެއް، ނުވަތަ އޭނާ ލަސްވެގެން ގެޔަށް ނައިސްގެން ކަންބޮޑުވެ، އޭނާއާއި މެދު ފިކުރުކުރާނެ މަންމައެއްވެސް ނެތެވެ. ހުރީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސާއި، އޭނާގެ ހުށިޔާރުކަމެވެ. އަދި އޭނާއާ އެކު، އޭނާގެ ކައިރީގައި ފިނިވެގެން ތުރުތުރުލަމުން ދިޔަ ޒަޔާން ހުއްޓެވެ.

“އެމީހުން ހާދަ ލަސްވެއްޖެއޭ!”. ފޯނުގެ ސްކްރީނަށް ފިއްތަމުން ޒަޔާން މަޑުމަޑުން ބުންޏެވެ.

” “ބުނަންތަ، މިތާ ހުރެގެން މަށަށް ރޯގާ ޖެހިއްޖެއްޔާ، މަގޭ ފުރާނަ އައިސް ކައެއަށް އުނދަގޫކުރާނެކަން ހަނދާންކުރާތި!”. ޒަޔާން އަނެއްކާވެސް ބުނެލިއެވެ.

“އެފަރާތް ބަލާބަލަ!” ދަތްޕިލާ ޖައްސާލައިގެން ހުރެ މަޑުމަޑުން އެމީހުންގެ ވާއަތް ފަރާތަށް އިޝާރާތް ކުރުމަށްފަހު ނާއިލް ބުންޏެވެ (ނުނިމޭ).

(ނޯޓް: ކޮންމެ ހަފްތާއަކުވެސް ގެނެސްދޭނީ މި ވާހަކައިގެ 3 ޕާރޓެވެ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 110 Stories

Other Articles

Previous

އެންމެ ފަހު ސިޓީ ـ 5

Next

ހިތުގެ މަގުތައް-9

Next
August 15, 2026

ހިތުގެ މަގުތައް-9

Previews
August 15, 2026

އެންމެ ފަހު ސިޓީ ـ 5



All Right Reserved!