Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހަޑިމިލޭރު – 4

ޝނކސ
ޝނކސ Level 110 Stories
August 17, 2026 3 Mins Read
2 Comments

“އެފަރާތް ބަލާބަލަ!” ދަތްޕިލާ ޖައްސާލައިގެން ހުރެ މަޑުމަޑުން އެމީހުންގެ ވާއަތް ފަރާތަށް އިޝާރާތް ކުރުމަށްފަހު ނާއިލް ބުންޏެވެ.

****

މުދާ ބާލާ ފާލަމުގެ ތެތް ލަކުޑި ރޭމްޕުން ފައިބައިގެން އެ އައީ ތާރީގުގެ ބިޔަ ސެކިއުރިޓީ ޓީމެއް ނޫނެވެ. އެއީ ކަޅު ވާރޭ ކޯޓަކާއި، ކާގޯ ފަޓުލޫނެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ. ބަނދަރުގެ ބައްތިތަކުގެ އަލީގައި އޭނާގެ އިނގިލިތަކުގައިވާ ރިހި ކުލައިގެ އަނގޮޓިތަކާއި އަތުގައި އަޅައިފައިވާ ޗޭނު ފަށްތަށް ދިޔައީ ބަބުޅަމުންނެވެ. ލައިގެން ހުރި ކޯޓުން އޭނާގެ މޫނު ވަނީ ނިވާކުރެވިފައެވެ. އޭނާގެ ފަހަތުގައި އިސްކޮޅުން ދިގު ދެ ފިރިހެނުން ތިއްބެވެ. އެކަކު އަތުގައި ފެން ނުވަންނަ ބޮޑު ބައްތިއެއް އޮތްއިރު، އަނެކަކު ހުރީ ބޮޑު ރެންޗެއް ހިފަހައްޓައިގެންނެވެ.
އެ ދެމީހުން ތިބީ ހަމަލާއަކަށް ތައްޔާރުވެގެން ހުރި ފަދަ ގޮތަކަށެވެ.

ނާއިލަށް އެއީ ކާކުކަން ވަގުތުން އެނގުނެވެ. އެއީ އައިރާއެވެ.
އައިރާއަކީ މާލޭ ބަނދަރުގެ މުދާ އުފުލާ ސަރަހައްދުގައި ރޭގަނޑު ޑިއުޓީގައި އިސްކޮށް އުޅޭ، މާލޭގެ ގިނަ ވިޔަފާރިތަކުގެ މުދާ އުފުލާ ދޯނިފަހަރުގެ ކަންކަން ބަލަހައްޓާ ކުއްޖެކެވެ. އޭނާއަކީ އޭނާ ކުރާ މަސައްކަތަށް ފަރުވާތެރި، ހީވާގި ކުއްޖެކެވެ. އެމީހުން އެހެން ތިއްބައި އައިރާ އައިސް އެމީހުން ކައިރީގައި ހުއްޓުނެވެ.

“އައިރާ؟” ހައިރާންވެފައި ހުރި ޒަޔާންގެ އަނގަ ހުޅުވުނެވެ. ޒަޔާންއަށްވެސް އައިރާ ކޮންމެސްވަރަކަށް ފެނިފައިވާތީ އެއީ ދަންނަ މޫނަކަށް ވަނީ ވެފައެވެ.

“މަޑުކޮށްބަލަ… އަހަރެމެންނަށް މެސެޖުކުރި މީހަކީ ތިއީތަ؟”. ޒަޔާން އަދިވެސް އިނީ ލިބުނު ހައިރާންކަމުގައި އަނގަ ތަންމިނަށް ހުޅުވައިގެންނެވެ.

“ޒަޔާން! މީހަކަށް އަޑު އިވިދާނެ! އަޑުމަޑުކުރޭ!”. އަނދިރިގަނޑުގެ ތެރެއިން ނުކުންނަމުން އައިރާ ބުންޏެވެ. ބުނެވުނީ މާ ބާރަށްކަން ޒަޔާނަށް ރޭކާލީ އައިރާ އެހެން ބުނުމުންނެވެ.

އައިރާ އޭނާގެ ބޯމަތީގައި އޮތް ކޯޓުގެ ހޫޑު ފަހަތަށް ޖައްސާލުމުން، އޭނާގެ ތޫނު ދެލޮލާއި ކޮށާލާފައި ހުރި އިސްތަށިގަނޑު ހާމަވެގެން ދިޔައެވެ. އައިރާގެ ތޫނު ކަޅު ދެލޮލުގައި ވަނީ ބަޔާންކޮށް ނުދެވޭފަދަ އިހުސާސެކެވެ.

“އަދި ތިހެން މަށާ ދިމާލަށް ނުބަލާ. މަށަށް ކަލޭމެން މަރާލަން ބޭނުންވިނަމަ، ފުރަތަމަ މެސެޖެއް ނުކުރާނަން!”. އައިރާ ޒަޔާންއާއި ދިމާލަށް ބަލައިލުމަށްފަހު ބުނެލިއެވެ. އެވަގުތު ބައްތި ހިފަހައްޓައިގެން ހުރި މީހާ ކުރިއަށް ޖެހިލިއެވެ. އެއީ ބަނދަރުމަތީގެ ރޭގަނޑު ސެކިއުރިޓީ ބަލަހައްޓާ މީހާއެވެ. އޭނާ ލައިގެން ހުރި ކާގޯ ގަމީހުގެ ނޭމްޓެގްގައި ‘ފަރުހާން’ އިނގިރޭސި އަކުރުން ޖަހާލައިފައި އިނެވެ. އޭނާއާއެކު ހުރީ ބަނދަރުގައި ހުރި އުޅަނދުތަކުގެ އިންޖީނުތަށް މަރާމާތުކުރުމަށް އުޅޭ ރިޝްވާނެވެ.

“ތިޔައީތަ އެ ފޮއްޓަކީ؟” ނާއިލް ހިފަހައްޓައިގެން ހުރި ބަރު ފޮށްޓަށް ބައްތިން އިޝާރާތް ކުރަމުން ފަރުހާން އެހިއެވެ. އެއަށްފަހު މަޑުމަޑުން ނާއިލާއި ކައިރިއަށް ޖެހިލިއެވެ.

“އައިރާ ކާކަށް ތި މަސައްކަތް ކޮށްދެނީ؟”. ފަހަތަށް ފިޔަވަޅެއް އަޅަމުން ނާއިލް ސުވާލުކުރިއެވެ. ކުރިން ނުތަނަވަސްވެ ހާސްވެފައި ހުރި މީހާ މިހާރު ހުރީ ކޮންމެސްވަރަކަށް ހަމައަކަށް އެޅިލައިފައެވެ.

“މީގެ ތިން ގަޑިއިރު ކުރިން ރަފީގުގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލިކަންވެސް އަހަންނަށް އިނގޭ! އަހަރެން މިހުރީ މިކަހަލަ ސަމާސާ ކުޅިވަރު ކުޅޭ ކަހަލަ މޫޑެއްގައެއް ނޫން!”. އައިރާ ފޫހިގޮތަކަށް ދެލޯ އަނބުރާލުމަށްފަހު، ހިނގާލައިފައި އައިސް ނާއިލްގެ ކުރިމަތީގައި ހުއްޓުނެވެ. އައިރާ ކައިރިވުމުން، އޭނާގެ ކޯޓުން ކަނޑުގެ ތެތްކަމާއި މާކަރީ ތެލުގެ ވަސް ނާއިލަށް ދުވިއެވެ.

“ނާއިލް! އަހަރެން މަސައްކަތް ކުރަނީ އަމިއްލައަށް!”. ދެފަރާތް ބަލައިލުމަށްފަހު ސިއްރުވެރި ރާގަކަށް އައިރާ ބުންޏެވެ. އޭނާ އަތް ދިއްކޮށްލައި، ނާއިލްގެ އަތްތިލައިގައި ފިނި އިނގިލިތަކުން ފިރުމާލަމުން، އޭނާއާ ކުޑަކޮށް ކައިރިވެލިއެވެ.

“ރަފީގަކީ އަހަރެންގެ ބޮޑުބޭބެގެ ކުރީގެ ވިޔަފާރި ބައިވެރިއެއް! ކަލޭމެންނާ ބައްދަލުކުރަން ދިއުމުގެ ކުރިން އޭނާ އަހަންނަށް ގުޅި! ތާރީގުގެ މީހުން އޭނާގެ ފަހަތުން އަޅުވާފައި ތިބިކަން އޭނާއަށް އޮތީ އެނގިފައި!” އައިރާ ނާއިލަށް ބަލައިލުމަށްފަހު އަރު ބެދިފައިވާ ކަހަލަ ގޮތަކަށް ބުނެލިއެވެ. އެހެން ބުނުމުން ނާއިލް ޝައްކުގެ ނަޒަރަކުން އައިރާގެ ދެލޮލަށް ބަލާލީ، މިއީ އޭނާ މަޅިއެއްގައި ޖެއްސުމަށް ރާވާފައިވާ ރޭވުމެއްތޯ ޔަގީންކުރުމަށެވެ.

“އައިރާގެ ބޮޑުބޭބެއޭ؟” ނާއިލް މަޑުމަޑުން ސުވާލުކުރިއެވެ.

“މީގެ ދެއަހަރު ކުރިން މާފުށީ ކައިރިން މަގޭ ބޮޑުބޭބެ ގެއްލުނީ!”. އައިރާ މަޑުމައިތިރި އަޑަކުން ބުންޏެވެ. އެވަގުތު އޭނާގެ ލޮލަށް ޖަމާވަންފެށި ކަރުނަތިކިތަށް ނާއިލަށް ފެނިގެންދިޔަ ނަމަވެސް އައިރާ އެ ކަރުނަތިކިތަށް ހިންދައިލިއެވެ. އަދި އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

“ތޯރިގު އޭނާ އަތުލައިގަތީ! ތި ފޮށީގައި އޮތް ފޮތަކީ އަހަރެންނަށް ލިބެން އޮތް އޮތް ހަމައެކަނި ހެއްކަކީ!”. އައިރާ މޫނުމައްޗަށް ސީރިއަސްކަން ވެރިކޮށްލުމަށްފަހު ބުނެލިއެވެ. އޭނާގެ ތޫނު ނަޒަރު ވަނީ ނާއިލްގެ އަތުގައި އޮތް ފޮއްޓަށް ހުއްޓިފައެވެ.

އެވަގުތު ފަހަތުގައި ހުރި މެކޭނިކް، ރިޟްވާން ކުއްލިއަކަށް މަޑުމަޑުން ގޮވާލިއެވެ. “ބައްތިތަކެއް ފެނޭ! ނޫކުލައިގެ ޕިކަޕެއް އެހެރަ މި މަގަށް އަޅަނީ!”. ރިޝްވާންގެ އަޑުން އޭނާ ހާސްވެފައި ހުރި ވަރު ހާމަވެގެން ދިޔައެވެ.

ފަރްހާން ވަގުތުން އޭނާގެ އަތުގައި އޮތް ރެންޗުގައި ބާރަށް ހިފަހައްޓާލިއެވެ. “އެއީ ތޯރިގުގެ މީހުން. ކޮންމެ ސާޅީސް މިނެޓަކުން އެމީހުން ބަނދަރުމަތި ބަލާ ފާސްކުރާނެ! ހީވަނީ މި އެމީހުންގެ އަމިއްލަ ހަރު މުދާގަނޑެއް ހެން!”. ފަރުހާން ނާއިލަށް ބަލައިލުމަށްފަހު ބުނެލިއެވެ.

“އަހަރެންގެ ފަހަތުން އާދޭ!”. އެހެން ބުނުމަށްފަހު އައިރާ ނާއިލްގެ އަތުގައި ހިފާ ބާރަށް ދަމައިގަތެވެ. އަންހެން ކުއްޖަކަށްވެފައި އައިރާގެ އަތުގެ ބާރުގަދަކަމުން ނާއިލް ހައިރާންވިއެވެ. އައިރާ އޭނާ ގޮވައިގެން ދިޔައީ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏަކާއި ދިމާލަށެވެ. އެމީހުން ދިޔައީ މަޑުމަޑުން، ފިޔަވަޅުތަކުގެ އަޑު ނީވޭ ވަރުބަލައިގެން ދުވަމުންނެވެ. އެމީހުނަށް ދޯންޏަށް އެރުނީ ހަމަ ކިރިޔާއެވެ. ހައިލަކްސްގެ ގަދަ އަލިގަދަ ބައްތިތަކުން ދޯނީގެ ފަރުދާގަނޑަށް އެޅިފައިވާ އަލިކަން ކެނޑި، އެ ޕިކަޕް ދުރަށް ދިޔައެވެ. އޭރު ބަނދަރުމަތީގެ ފެންގަނޑުތަކުގެ ތެރެއިން ޕިކަޕްގެ ފުރޮޅުތައް އެނބުރެމުން ދިޔަ އަޑު ގަދައަށް އިވެމުންދިޔައެވެ.

ދޯނީގެ ހަނި ކެބިން ތެރޭގައި އެކަކުވެސް ގުޑިލާން ނުކެރިފައި ތިއްބެވެ. އެތަނުގެ ތެރޭގައި ހިފާފައިވަނީ ޑީސަލާއި، ތެތް ލަކުޑިއާއި، ލޮނުގަދަ ފެނުގެ ވަހެވެ. ނާއިލް އޮތީ ދޯނީގައި ހުރި ލަކުޑި ބެންޗުގައި ޖެހި ބާރުވެފައެވެ. އޭނާގެ ކައިރީގައި އައިރާއޮތެވެ. އައިރާ އަދިވެސް އޮތީ ނާއިލްގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޭނާގެ ހޫނު ނޭވާތައް ނާއިލްގެ ކަރުދޮށަށް އިހުސާސްވަމުންދިޔައިރު، އެ ނޭވާތަކުގައިވަނީ އަވަސްކަމެކެވެ. ކެބިންގެ އަނދިރިކަމުގެ ތެރެއިން، ބޭރުން އެޅިފައިވާ ކުޑަ އަލިކޮޅުގެ ތެރެއިން އައިރާގެ ބޮޑު ދެލޯ ފެންނަން ހުއްޓެވެ. އެވަގުތު، ބޭރުގައި ހިނގަމުންދިޔަ ނުރައްކާތެރި ކަންތައްތަކާއި، ފަހަތުން އަޅުވާލާފައި ތިބި މީހުންނާއި، ބޯވަމުންދިޔަ ވާރޭގެ މަތިންވެސް ނާއިލް ހަނދާން ނެތުނު ކަހަލައެވެ. އޭނާ ހުރީ އައިރާގެ ރީތިކަމަށް ގެއްލިފައެވެ. ހިތާހިތުން ‘މާޝާ ﷲ’ އޭ ނާއިލް ބުނެލިއެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 110 Stories

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 23

Next

ގުރާފުޅު – 3

Next
August 17, 2026

ގުރާފުޅު – 3

Previews
August 17, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 23

2 Comments!

  1. PEACHES says:
    August 17, 2026 at 9:13 pm

    this part is excellent just like the other ones ❤️keep up ur work , when is the next ep ?

    1. ޝނކސ ޝނކސ says:
      August 18, 2026 at 1:33 pm

      IA tmrw or day after tmrw i will upload

Comments are closed.



All Right Reserved!