ހަޑިމިލޭރު – 2
ނާއިލް، ޒަޔާނަށް އިޝާރާތްކުރީ ފާލަންމަތީގައި ރަފީގަށްް ބަލަހައްޓައިގެން ހުރުމަށެވެ. އަދި އޭނާ ފީފާއާ ގާތްވިއެވެ. ރަފީގަށް ފާރަވެރިވެ ހުރެ، ވަރަށް ސަމާލުކަމާއެކު، ނާއިލް އެ ބަރު ފޮށީގެ ދެ ތަޅު ނައްޓާލިއެވެ. އެއާއެކު، ބަންދުވެފައި ހުރި ވައިގެ އަޑާއެކު ފޮށި ހުޅުވިގެން ދިޔައެވެ.
*****
ފޮށީގެ ތެރޭގައި، ކަޅުކުލައިގެ ފޯމުގަނޑެއްގެ މަތީގައި އޮތީ ތިން މިލިއަން ޑޮލަރުގެ އަލިމަހެއް ނޫނެވެ. އޭގެ ބަދަލުގައި އޮތީ ރިހިކުލައިގެ ސެޓެލައިޓް ޑްރައިވެއްގެ އިތުރުން، ފެން ޖެހި ހަލާކުވެފައިވާ ކަރުދާސް ފޮތަކާއި، ކުޑަކުއްޖެއްގެ ކަމަށް ބެލެވޭ މަޑި ޖެހިފައިވާ ހަން ފައިވާން ޖޯޑެކެވެ.
ނާއިލްގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާގެ ހަށިގަނޑުގައި ހިނގާ ލޭ، އެވަގުތު ޖެހެމުންދާ މޫސުމީ ގަދަވަޔަށްވުރެވެސް ބޮޑަށް ފިނިވެގެން ދިޔައެވެ.
“ތޯރިގު ބުނީ އެކަމަކު މީގައޭ ވާނީ!”. ފޮށީގެ އަރިމަތީގައި ބާރަށް ހިފަހައްޓާލަމުން ނާއިލް އަށް ބުނެވުނެވެ. ތޯރިގަކީ އެމީހުން މި މަސައްކަތަށް ނެރުނު ރިސޯޓު މަހުޖަނެވެ. އޭނާ ބުނެފައިވަނީ މިއީ ވަގަށް ނަގާފައިވާ މުދާތަކެއް އަނބުރާ ހޯދުމުގެ އާދައިގެ މަސައްކަތެއް ކަމަށެވެ.
“ތޯރިގުގެ ފައިސާއެއް ނުގެއްލޭ، ނާއިލް!”. ކަނޑުގެ އަނދިރި ފެންގަނޑު ގަދައަށް ބިންދަމުންދިޔަ ފާލަމުގެ އަރިމައްޗަށް މަޑުމަޑުން ފަހަތަށް ޖެހެމުން ރަފީގު މަޑުމަޑުން ބުންޏެވެ. ވެހެމުންދިޔަ ބޯ ވާރޭގެ އަޑާއިއެކުވެގެން ރަފީގުގެ އަޑު އައި މަޑުވެގެންނެވެ.
“އޭނާގެ ބުއްދި ގޯސްވީ! އެ ޑްރައިވްގައި އެވަނީ އޭނާގެ ދުޝްމަނުން ނައްތާލުމަށް އޭނާއަށް އެހީތެރިވި ހުރިހާ އެންމެންގެ ލިސްޓު. އަދި ތިންވަނައަށް އޮތީ އަހަރެންގެ ނަން!”. ރަފީގު އިތުރުކޮށްލިއެވެ.
އޭގެފަހުން ދިޔަ ވަގުތުކޮޅުގައި އެއިން އެކަކުވެސް އަނގައިން ބަހެއް ނުބުނެ ތިބީއެވެ. ނާއިލަށް ލިބުނު ނާކާބިޔާބީގެ ސަބަބުން އޭނާ ގޮއްމުށުން އެ ފޮޮށި މަތީގައި ދެރިން ފަހަރު ޖަހައިލިއެވެ. އެވަގުތު އެއިން އެކަކަށް އެއްވެސް ހަރަކާތެއް ނުކުރެވެނީސް، ބަނދަރުމަތީގައި ބާރުގަދަ އަޑެއް ގޮވާލިއެވެ. އެއާއެކު އައި ގުގުރީގެ ބާރު އަޑުގެ ތެރެއަށް އެ އަޑު ވަގުތުން ފެތިގެން ދިޔައެވެ.
ރަފީގަށް ލިބުނު ސިހުމާއެކު އޭނާ ފަހަތަށް ޖެހިލިއެވެ. އޭނާގެ ދެލޯ ބޮޑުވެފައި ހުރިއިރު، ތެމިފައިވާ ކޮންކްރީޓް ފާލަމުގެ އަރިމަތިން ކަހާލައިގެން، ތިރީގައި އޮތް ކަނޑުގެ އަނދިރި އޮއިގަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. އެ އިވުނު ބަޑީގެ ބާރު އަޑާއެކު މުޅި މާހައުލުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ.
ނާއިލު ބަލައިލިއިރު ރަފީގު ފެންނާކަށް ނެތެވެ. ތޫފާނީ ކަނޑުގެ އަނދިރި ފެންގަނޑުގެ ތެރެއަށް އޭނާ ވެއްޓުނު އަޑު، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވައިގެ ތެރެއަށް ފެތުރި ގެއްލިއްޖެއެވެ. އެވީ ގޮތުން ނާއިލަށް ލިބުނު ހައިރާންކަމުގައި، ވީކީއްކަން އޭނާގެ ސިކުނޑިއަށް ދެނެގަންނާނެ ވަގުތެއްވެސް ނުލިބުނެވެ.
“އޭ ބުރޯ!” ޒަޔާން ހަޅޭއްލަވައިގަތެވެ. ބިރުން ހުރިވަރުން އޭނާގެ އަޑުވެސް ހުރީ ތުރުތުރުލާފައެވެ. އޭނާ އޮތީ ދަބަރު ޖަހާފައިވާ ތެޔޮ ފީފާތަކުގެ ފަހަތުގައި ނިވާވެގެންނެވެ. އޭނާގެ ދެލޯ ބޮޑުވެފައި ހުރިގޮތުން ވަރަށް ބިރުގަނެފައި ހުރިކަން އިނގެއެވެ.
“އޭތް ކިހިނެއްތަ މި ވަނީ؟!” ޒަޔާން އޭނާއަށް ބުނެވޭ އެންމެ ބާރަކަށް ނާއިލްއަށް ބުނެލިއެވެ. އެ ތޫފާނީ ރޭގައި ޖެހޭ ފިނި ވާރޯޅީގައިވެސް ލިބިފައިވާ ހާސްކަމުން އެ ދެމީހުން ތިބީ ދާހިއްލައި ފޯވެފައެވެ.
“އަނގަ މަޑުންލައިގެން މި ފޮށީގައި ހިފާ ކައެ!” ނާއިލް އަމުރުކުރިއެވެ. އޭނާގެ ހަރަކާތްތަށް ނުލާހިކު އަވަހެވެ. ތެމިފައިވާ ތެޔޮ ފީފާގެ މަތީގައި އޮތް ބަރު ޕެލިކަން ފޮށި ލައްޕައިލުމަށްފަހު، އެ ފޮށި ނަގައިގެން ގޮސް، ޒަޔާން ލައިގެން ހުރި ގަމީހުގައި ހިފައި ދަމައިގަތެވެ. އެއީ މީހަކު އައުމުގެ ކުރިން އެތަނުން ފިލުމަށެވެ. އެމީހުން ބާރު ދުވެލީގައި ފާލަންމަތިން ދުވަމުން ދިޔައީ، ވާރޭގައި ތެމިފައި ހުރި ސައިކަލުތަކާއި ބިޔަ މަސްދަލުގެ ތެރެއިން ދެމެމުންނެވެ. އެމީހުން އަރައިގެން ހުރި ފައިވާންތަށް، ފާލަން މަތީގައި އިރުއިރުކޮޅާ ކޭއްތޭ އަޑު އެ ތެތް ބިމުގައި ގަދައަށް އިވެމުން ދިޔައެވެ. އެ ފޮށި އެމީހުންގެ އަތުގައި ވާހާ ހިނދަކު ހާމަ ތަނެއްގައި ތިބޭ ކޮންމެ ސިކުންތަކީވެސް އެމީހުންގެ ފުރާނައަށް ނުރައްކާ ވަގުތުކޮޅެކެވެ.
އެމީހުން ދެމިގަތީ ހަނި ގޯޅިގަނޑެއްގެ ތެރެއަށެވެ. އެތަނުން ހިނގަން ޖެހެނީ އަރިމައްޗަށް ވާގޮތަށެވެ. ބޭރުގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯތަކުން ފާބަމުންދާ ހަޑި ފެންތިކިތަކާއި ވެހެމުންދާ ބޯވާރޭގެ ތެރެއިން ދެމެމުން އެމީހުން ދިޔައީ ނޭވާ ކުރުވެ، ނުތަނަވަސްވެފައި ތިބެއެވެ. އެމީހުން ގޯޅިގަނޑުގެ މެދެހާ ހިސާބުގައި ވަރުބަލިވެގެން މަޑުކޮށްލިއެވެ.
“ދެން މިވީ ކިހިނެއް؟”. ގޯޅިގަނޑުގެ ކަނާއަތަށްވާގޮތަށްހުރި އަރިމަތީ ފާރުގައި ލެގިލުމަށްފަހު ޒަޔާން މާ ނޭވާލަމުން ބުންޏެވެ.
“އަހަރެމެން މި އައީ އަލިމަސް ހޯދާކަށް ނޫންތަ ބުރޯ! އޭ ނާއިލޫ؟ އަލިމަސް! މުއްސަނދިކަން! ދުބާއީއަށް ބަދަލުވުން! އެކަމަކު އޭގެ ބަދަލުގައި ރަފީގު މިދިނީ ބިރުވެރި ސިއްރުތަކެއް ހުރި ފޮށިގަނޑެއް. ދެން އޭނާ އެ ފުންމާލީ ކަނޑަށް، ހީވަނީ ފިލްމެއްގެ މަންޒަރެއްހެން!”. ޒަޔާން ހިންހަމަ ނުޖެހިފައި ވީ އަޑަކުން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“އޭނާ ފުންމާލީކީ ނޫނޭ މޭން. އޭނާ ގަޔަށް ބަޑިއޭ ޖެހީ!” ނިއްކުރީގައި ހުރި ދާތިކިތަކާއި، ވާރޭ ފެންތައް ފޮހެލަމުން، ޒަޔާންއާއި ދިމާލަށް ބަލައިލުމަށްފަހު ނާއިލް ބުންޏެވެ.
“އަދި މި ޑްރައިވްގައި ކޮންމެ އެއްޗެއް އޮތަސް، ތޯރިގު ބޭނުންވަނީ އެ ނައްތާލަން ބުރޯ! އެހެންވެ އޭނާ އެވަނީ ބަނދަރުމައްޗަށް މީހަކު ފޮނުވާފަ މޭން! އޭގެ މާނައަކީ އަހަރެމެންނަށް މިކަމުން އުޖޫރައެއް ނުލިބޭނެއޭ—އަހަރެމެން މިތިބީ ނުރައްކަލުގެ ތެރޭގައޭ!”. ނާއިލް އަނެއް ކާވެސް އިތުރުކޮށްލިއެވެ. އޭނާވެސް ވެފައިހުރި ވަރުބަލިން، ވާހަކަދައްކަމުން ދިޔައީ މާ ނޭވާލަމުންނެވެ. އެއަށްފަހު އެ ދެމީހުން އަނެއްކައިވެސް ހިނގާގަތީ ރައްކާތެރި ތަނަކަށް ދިއުމަށެވެ.
ވިއްސަކަށް މިނެޓު ފަހުން އެމީހުން ތިބީ ގަލޮޅުގައި ހުރި ނާއިލުގެ، ނުނިމި ހުރި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ޒަޔާންގެ ކުޑަކުޑަ ކޮޓަރިގަނޑު ތެރޭގައެވެ. އެތަނުގައި އެއްވެސް ތަރުތީބުކަމެއް ނެތް އިރު، ދުވަނީ އެނާޖީ ޑްރިންކާއި، ހެދިކާގެ ވަހެވެ. ކޮންކްރީޓް ފާރުތަކުގައި ހަރުކޮށްފައިވާ ނިއޯން އެލްއީޑީ ބައްތިތަކުން ފެތުރިފައިވާ ދަނބު އަދި ނޫކުލައިގެ އަލިކަމުގެ ސަބަބުން، އެތަނުގެ ހަގީގީ ހާލަތަށްވުރެ މާ ފުރިހަމަ މާހައުލެއްގެ ސިފަ ޖެހިފައިވެއެވެ.
ޒަޔާން ދިޔައީ އޭނާގެ ގޭމިން ގޮނޑީގައި އިށީނދެ، ވަރަށް ފޯރީގައި ކީބޯޑަށް ފިއްތަމުންނެވެ. އޭނާގެ އަތްމަތީގައިވާ ކީބޯޑުން ޖަހާ އަޑު މުޅި ތަނުގައި ގުގުމަމުން ދިޔައިރު، ސެޓެލައިޓް ޑްރައިވް އިނީ ބޯ ކޭބަލެއްގެ އެހީގައި އޭނާގެ ކޮމްޕިއުޓަރާ ގުޅާލާފައެވެ. ކުރިން ލައިގެން ތިބި ތެތް
އަންނައުނުތަކުގެ ބަދަލުގައި އެ ދެމީހުން މިހާރު ލައިގެންތިބީ ޓީޝާރޓަކާއި ސޯޓެކެވެ.
“މި ޑްރައިވް މި އިނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކުން ތަޅުއަޅުވާފަ!”. ސްކްރީނުގެ ފަނޑު އަލިކަމުގެ ތެރޭގައި ހުރެ އެނދުމަތީގައި އިސްތަށިގަނޑު ތެރެޔަށް އަތް މަހައިލައިގެން އިން ނާއިލަށް ބަލައިލުމަށްފަހު ޒަޔާން މަޑުމަޑުން ބުންޏެވެ.
“މިއީ ހަމަ އަސްކަރީ ފެންވަރުގެ ސެކިއުރިޓީއެއް. ބްރޯ، ތޯރިގަކީ ހަމައެކަނި ރިސޯޓް މަހުޖަނެއް ނޫން. އޭނާ މި ހިންގަނީ ވަރަށް ނުރައްކާތެރި، ވަގު ނެޓްވޯކެއް!”. ޒަޔާން ހާސްވެފައިހުރި ފާޑަކަށް ބުނެލިއެވެ (ނުނިމޭ).
