Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހަޑިމިލޭރު – 1

ޝނކސ
ޝނކސ Level 1
August 12, 2026 3 Mins Read
0 Comments

ރޭގަނޑުގެ އެ ހަލަބޮލި ވަގުތުގައި ހެންވޭރުގެ ހަނި، ގުދު ގޯޅިތަކުގެ ތެރޭގައި، ކުލަ ފަނޑުވެފައިވާ ނޫކުލައިގެ ފާރުތަކުގެ ކައިރިން ސައިކަލުތައް ދުއްވާފައި ދާއިރު، ނާއިލް އިނީ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އޮތް، ކަޅު ބިއްލޫރި ޖެހި ނޫކުލައިގެ ‘ހިޔުންޑާއި’ ކާރެއްގެ ތެރޭގައެވެ. ކާރުގެ އިންޖީނު މަޑުމަޑުން ހިނގަމުން ދިޔައީ، އިކުއޭޓަރުގެ ތެތްފިނި ހޫނުމިނުން ސަލާމަތްވުމަށް އޭސީގެ ފިނިކަން ހިފެހެއްޓޭ މިންވަރަށެވެ. ބޭރުގައި، މޫސުމީ ބޯވާރޭގެ ފެންގަނޑުތައް ޓިނު ފުރާޅުތަކުން އޮހެމުން ގޮސް، މަގުގެ ކައިރީގައި ހުރި ކުނިބުންޏާއި ހަޑި ފެނާ އެކުވެ، ކޯރުހެދެމުން ދިޔައެވެ.

ނާއިލް އޭނާގެ ފަހަތް ބަލާ ލޯގަނޑު ހަމަޖައްސާލިއެވެ. އޭނާ އެ ބަލަނީ ތިން ރޭ ވަންދެން ނުނިދާ ހުރުމުގެ ސަބަބުން ވަރުބަލިވެ، ކައިރި ކަޅުވެފައިވާ އޭނާގެ ދެލޮލަކަށް ނޫނެވެ. އޭނާގެ މަޑު ނޫކުލައިގެ ކަޅީގެ ނަޒަރު ހުރީ ‘ދަ އަޒުއަރ ޕާލް’ ގެ ފަހަތު ދޮރަށެވެ. އެއީ އިޓަލީގެ އަގުބޮޑު މުށި އެތެރެކުރާ ކުންފުންޏެއް ކަމަށް ބުނި ނަމަވެސް، އެފަދަ ވިޔަފާރިއަކާ ނުބައްދަލު މިންވަރަށް އެ އޮފީސް އޮތީ ހިމޭންވެފައެވެ.

“އޭނާ ހާދަ ލަސްވެއްޖެ އޭ ބްރޯ!” ކައިރީގައި އިން ޒަޔާން މަޑުމަޑުން ބުންޏެވެ. އުމުރުން ނަވާރަ އަހަރުގެ ޒަޔާން އިނީ ނުތަނަވަސްވެފައެވެ. އޭނާ ދޭތެރެ ދޭތެރެއިން އޭނާގެ ކޮނޑާއި ހިސާބަށް ދިގުކޮށްލެވިފައިވާ އިސްތަށިގަނޑު ރީތިކުރަމުން ދިޔައިރު، ބިރުން ހުރުމުގެ ސަބަބުން އޭނާގެ އަތުން ހުރީ ސްޓިއަރިންގްގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ ގަމީހަކާއި، ކަޅު ކުލައިގެ ޖިންސެކެވެ. އަތުގެ މުލައްދަނޑީގައި މަސްތަށް އެތުރިފައި ވީ ގޮތުން ގަވާއިދުން ކަސްރަތު ކުރާ މީހެއެއްކަން އެނގެއެވެ.

“އޭނާ އަންނާކަށް އަދި ލަހެއް ނުވެއެއްނު!” ކަކުލުގައި މަޑުމަޑުން އިނގިލިތަކުން ތަޅަމުން ނާއިލް ހަމަޖެހިލާފައި ބުންޏެވެ. ނާއިލްކީ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ. ނަމަވެސް ޅަ އުމުރުގައި މަންމައާއި ބައްޕަ މަރުވުމުންނާއި، އާއިލާއާއި ގުޅުމެއްނެތުމުގެ ސަބަބުން އުޅެން ޖެހިފައިވަނީ އެކަންޏެވެ. އޭނާގެ ބައްޕައަކީ މާލޭގައި ގޯތި ގިނަ މީހަކަށްވެފައި އެ ހުރިހާ ގޯއްޗެއްގައިވެސް ފްލެޓް އަޅައިފައި ކުއްޔަށް ދީފްއި ހުރުމުން ފައިސާގެ ދަތިކަމެއް ދިމަލެއް ނުވެއެވެ. އޭނާއަށް 18 ވުމުން އޭނާގެ ބައްޕަގެ ހުރިހާ މުދަލެއްވަނީ އޭނާގެ ނަންމައްޗަށް ބަދަލުކޮށްފައެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ކޮނޑާއި ހިސާބަށް ދިގުކޮށްލެވިފައި ވީއިރު، ތުނބުޅިވެސް ވަނީ ފުދޭވަރަކަށް ދިގުކޮށްލައިފައެވެ. ލައިގެން ހުރީ މަޑު ނޫކުލައިގެ ގަމީހަކާއިއެކު، ގަދަ ނޫކުލައިގެ ޖިންސެކެވެ.

“މިފަދަ މޫސުމެއްގައި އެކަކަށްވެސް މާ އަވަހަކަށް ނާދެވޭނެ. ކައެ ހަމަޖެހިބެ. މި މާލޭގައި ކަމަކަށް އަވަސް އަރުވާލާ އިރަށް، ކައިރިން ދާ މީހަކަށް އެކަން ފާހަގަވާނެ. އޭރަށް ރޭގަނޑުވާއިރު މުޅި އަތޮޅަށް އެކަމެއް އޮންނާނީ ފަޅާއަރާފަ!” އޭނާ އިތުރުކޮށްލިއެވެ.

ދިވެހިރާއްޖެއަކީ އެއް ބިމެއްގައި އޮތް ތަފާތު ދެ ދުނިޔެއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފައިބާ ފަތުރުވެރިންނަށް އެއީ ނޫކުލައިގެ ފަޅުތަކާއި، މޫދު ވިލާތަކާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކުން ފުރިފައިވާ، ދުނިޔޭގެ ހަލަބޮލިކަމާ ދުރު ހިތްގައިމު މަންޒިލެކެވެ. ނަމަވެސް، މާލޭގެ ތޮއްޖެހިފައިވާ މާހައުލަށް އުފަންވެ ބޮޑުވި ނާއިލަށް، ކަނޑަކީ ހިތްހަމަޖައްސާލަން ދާ ތަނެއް ނޫނެވެ؛ އެއީ ފާރެކެވެ. ދެ އަކަ ކިލޯމީޓަރުގެ މި ކޮންކްރީޓް ގަނޑުގެ ތެރޭގައިވާ ހުރިހާ ސިއްރުތަކެއް ބަންދުކޮށް ހިފަހައްޓާލައިގެން އޮތް ބިޔަ، ނޫކުލައިގެ ފާރެކެވެ.

އެމީހުންނަށް ޚަބަރު ލިބިފައިވާ ގޮތުގައި މިރޭ، ތިން މިލިއަން ޑޮލަރުގެ އަގުހުރި، ފަސޭހައިން ދެނެނުގަނެވޭނެ ފަދަ ސާފު ނުކުރާ އަލިމަސްތަކެއްގެ ބޮޑު ޑީލްއެއް ‘ދަ އަޒުއަރ ޕާލް’ އޮފީހުގެ ތެރޭގައި ހިނގަމުން އެބަދެއެވެ.

އެމީހުން އެހެން ތިބޭތާ ބަރާބަރު 11:42 ވީ އިރަށް، ‘ދަ އައުޒަރ ޕާލް’ އޮފީހުގެ ދޮރު ހުޅުވުންތަން ފެނުނެވެ. ރީނދޫ ކުލައިގެ ވާރޭ ކޯޓެއްލައިގެން ހުރި އިސްކޮޅުން ދިގު ފިރިހެނަކު ބޭރަށް ނިކުތެވެ. އޭނާގެ އެއްއަތުގައި ކުޑައެއް އޮތްއިރު، އަނެއް އަތުގައި އޮތީ ފެން ނުވަންނަ ގޮތަށް ތައްޔާރުކޮށްފައިވާ ‘ޕެލިކަން’ ފޮއްޓެކެވެ. އޭނާ ދެފަރާތް ބަލައިލުމަށްފަހުގައި، ގަދަ ވަޔާއި އެއްކޮޅަށް ބޯ ތިރިކޮށްލައިގެން، ބާރު ހިނގުމެއްގައި ދެކުނަށް ހުރި ބަނދަރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެ ބަނދަރަކީ މަސްދޯނިފަހަރާއި، މުދާއަރުވާ ބޯއްޓުތަކަށް ހާއްސަކޮށްފައިވާ ސަރަހައްދެވެ.

“އެއީ އެގޮލާ ބުރޯ!” އަމިއްލަ އިޚްތިޔާރުން ބޭރުގައި ހޫޑީގެ ޖީބަށް އަތްލަމުން ޒަޔާން މަޑުމަޑުން ބުންޏެވެ.

“އާން އެއީ އެ ރަފީގު!”. ތޫފާނީ ވައިގެ ތެތްކަމާއި ދަގަނޑު ވަސް ކާރުގެ ތެރެއަށް ވަންނާނެ މިންވަރަށް ބިއްލޫރިގަނޑު ތިރިކޮށްލަމުން ނާއިލް ބުނެލިއެވެ.

“އަހަރުން މިތަނަށް މިއައީ އެގޮލާ ދަމާލާކަށް ނޫން. އެގޮލާ ލޯންޗަށް އަރަންދެން ފަހަތުންދާނީ. އަލިފު ދާލު ރިސޯޓަކަށް ދާ ލޯންޗަށް އެގޮލާ އަރައިފިއްޔާ، އަހަރުންނަށް މި ފުރުސަތު ގެއްލޭނެ. އެގޮލާ ޖެޓީއަށް އެރީމައި އަހަރުން އެ ކަމާ އުޅޭނީ!”. ނާއިލް އެހެން ބުނެލުމުން ޒަޔާން ބޯ ޖަހައިލިއެވެ.

ކާރުގެ ދޮރުތައް ވަރަށް ސިއްރުވެރިކޮށް ލެއްޕުމަށްފަހު، އެ ދެމީހުން ބޭރަށް ނިކުތެވެ. ބޯކޮށް އޮހެމުންދިޔަ ވާރޭގެ ތެރެއަށް ނިކުތްތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި، ދެ ޒުވާނުން ލައިގެން ހުރި އެއްޗެހި މުޅިން ތެމި ފޯވެއްޖެއެވެ.

އެމީހުން ރަފީގުގެ ފަހަތުން ދިޔައީ ގާތްގަނޑަކަށް ފަންސާސް މީޓަރުގެ ދުރުމިނެއް ބަހައްޓައިގެންނެވެ. ރަފީގު ހިނގަމުން ދިޔައީ ތަފާތު ގޮތަކަށެވެ. އޭނާގެ ވައަތްފަރާތު ފައިގައި ކުޑަ ކާލިގަނޑެއް ހުއްޓެވެ. އޭނާ އެ ގޯޅިތަކުގެ ތެރޭގައި ހިނގަމުން ދިޔައީ އެ ސަރަހައްދަށް ވަރަށް ފަރިތަ މީހެއް ފަދައިންނެވެ. އުޑުމަތި ފޮރުވާލާފައިވާ އުސް އިމާރާތްތަކުގެ ދެމެދުގައި ހުރި ކުރު މަގުތަކުން އޭނާ ވަރަށް ހުޝިޔާރުކަމާއެކު ދަތުރުކުރަމުން ދިޔައެވެ. ހީވަނީ ކޮންމެވެސް މީހެއް ފަހަތުން އަންނަކަން އިހުސާސްވަމުންދާތީ، މަގު އޮޅުވައިލަން އުޅޭހެންނެވެ.

ބޭރު ބަނދަރުގެ ފާލަމާ ދިމާލަށް އޮތް އަނދިރި މަގަށް ރަފީގު އެނބުރުނު ވަގުތު، މަގުބައްތިތަކުގެ އަލި ފަނޑުވެ، ބަނދަރުމަތީގައި ހުރި ހެލޮޖަން ބައްތިތަކުގެ ނާރިންޖީ އަލި ފެންނަން ފެށިއެވެ.
ނާއިލްގެ ހިނގުން ބާރުކޮށްލިއެވެ. އޭނާގެ ރަބަރު ފައިވާނުގެ ސަބަބުން ތެމިފައިވާ ތާރުގަނޑުމަތީގައި ހިނގާއިރު އެއްވެސް އަޑެއް ނީވެއެވެ. ޒަޔާން ކަނާތްފަރާތަށް ޖެހިލައި، ބަހައްޓާފައި ހުރި ދެ މުދާ ފޮށިގަނޑު ދެމެދުގައި އޮތް ހަނި ތަންކޮޅުން ރަފީގުގެ މަގު ބަންދުކޮށްލިއެވެ.

“ރަފީގު!” ތޮށިގަނޑުގައި ޖެހި ބިންދާލާ ރާޅުތަކުގެ ގަދަ އަޑަށްވުރެ ގަދަ އަޑަކުން، ނާއިލް ގޮވާލިއެވެ. އެހިނދު ރީނދޫ ކޯޓު ލައިގެން ހުރި މީހާ ހުއްޓުން އެރިއެވެ. އަދި މަޑުމަޑުން ފަސް އެނބުރި ބަލާލިއެވެ.

ވާރޭވެހެމުން ދިޔަ ނަމަވެސް ރަފީގުގެ މޫނުމަތިން ދާތިކިތައް ފާޅުވާން ހުއްޓެވެ. ނަމަވެސް އޭނާގެ ދެލޮލުން ފެންނަނީ ބިރުވެރިކަމެއް ނޫނެވެ؛ އެއީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ.

“ނާއިލް، ކަލެއަށް ތި އާދެވުނީ މާ ލަހުން!” ހަމަޖެހިލައިފައި ހުރި އަޑަކުން ރަފީގު ބުންޏެވެ. އެވަގުތު އަތުގައި އޮތް ‘ޕެލިކަން’ ފޮށީގައި ބާރަށް ހިފަހައްޓާކަށް އޭނާ ނޫޅުނެވެ. އޭގެ ބަދަލުގައި، އޭނާގެ ކައިރީގައި ހުރި ދަބަރު ޖަހާފައިވާ ތެޔޮ ފީފާއެއްގެ މަތީގައި ވަރަށް މަޑުމަޑުން އެ ފޮށި ބެހެއްޓިއެވެ.

“ހީކުރީތަ ތި ހޯދަން އުޅޭ އެއްޗަށް ފާރަލަނީ ހަމައެކަނި ތި މީހުން ކަމަށް؟” ރަފީގު ބުނެލިއެވެ.

ނާއިލް އަނދިރިގަނޑުން ނިކުމެ،ކުރިއަށް ފިޔަވަޅެއް އެޅިއެވެ. “ފޮށި ހުޅުވާ މާ ވާހަކަ ގިނަ ނުކޮށް! އެ ބަހައްޓާފައި، ކައެގެ އެޕާޓްމަންޓަށް ގޮސް، މާދަމާ ހެނދުނު މާފުއްޓަށް ދާ ފުރަތަމަ ފެރީން ފުރާ. މި ފޮށީގައި ކައެ އަތްލިކަންވެސް ހަނދާން ނައްތާލާ!”. ރަފީގު ވަރުބަލި ގޮތަކަށް، ނޭވާ ކުރުވެފައި ހުރެ ހީނގަތެވެ. އެ ހިނިގަނޑު ނިމުނީ ކެއްސުމަކުންނެވެ. އެއަށްފަހު އޭނާ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު އެތަނުގައި ހުއްޓެލިއެވެ.

ނާއިލް، ޒަޔާނަށް އިޝާރާތްކުރީ ފާލަންމަތީގައި ރަފީގަށްް ބަލަހައްޓައިގެން ހުރުމަށެވެ. އަދި އޭނާ ފީފާއާ ގާތްވިއެވެ. ރަފީގަށް ފާރަވެރިވެ ހުރެ، ވަރަށް ސަމާލުކަމާއެކު، ނާއިލް އެ ބަރު ފޮށީގެ ދެ ތަޅު ނައްޓާލިއެވެ. އެއާއެކު، ބަންދުވެފައި ހުރި ވައިގެ އަޑާއެކު ފޮށި ހުޅުވިގެން ދިޔައެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 1

Other Articles

Previous

ހިޔަނިހެން 9

Previews
August 12, 2026

ހިޔަނިހެން 9



All Right Reserved!