Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހިޔަނި – 10

Eyesh Level 310 Stories100 Comments500 Comments
August 11, 2026 7 Mins Read
0 Comments

“މި ހުރިހާ ކަމެއްވެސް މިވަނީ ހަމަ ބައްޕަގެ ސަބަބުން..” މޫސަ ފެންކަޅިވެފައި އެހެންބުނި އިރު ހަސީނާއަށްވެސް ހުރީ ރޮވެންކައިރި ވެފައެވެ. ވާނީވެސް އެހެންތާއެވެ. ހުރިހާކަމެއްގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން މިޖެހެނީ އެދެމަފިރިންގެ ދެލޯފަދަ ދަރިފުޅަށެވެ. ތަކުރުބެ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހަމުން އެފޮތް ލައްޕާލައި ފޮއްޓަށް ލިއެވެ.

 

މޫސަގެ މޫނުމަތިން ހިތާމަޔާ އެކު ރުޅިވެރިކަންވެސް ފެންނަމުން ދިޔައެވެ. އޭނަގެ އަމިއްލަ ބައްޕަގެ ސަބަބުން އޭނާގެ އާއިލާ މިއަދު މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.

“ހަމަ ހުވާކޮއްފަ މިބުނީ.. މިކަމުގެ އެއްވެސް ހަގީގަތެއް އަހަންނަކަށް ނޭނގެ. އަހަރެންނަށް އެނގިފައި ، ފެނިފައި ހުރިއެއްޗެއްވިއްޔާ މި ކިޔާދިނީ.. ” މޫސަ ތަކުރުބެގެ މޫނަށް ބަލަން އިނދެގެން ބުންޏެވެެ.

“މި އެއްވެސް ކަމެއްގަ މޫސައަށް ކުރެވޭނެ ކަމެއްނެތް. މިކަމުގަ މޫސަ ނޫނީ އެހެންމީހެއްގެ ކުށެއްވެސް ނެތް. ކުރިއަށް އޮތްތަން ރަނގަޅު ކުރެވޭތޯ ބަލަމާ…”

މޫސަގެ ކޮނޑުގައި ޖަހާލަމުން ތަކުރުބެ މޫސައަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

 

ޖެހިގެން އައި ދުވަހު ވެސް އެންމެން ތިބީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ނަމަވެސް އެރެއަކީ ރުޣްޔާ ކުރިރެއެއް ނޫންކަމުން އެންމެންްވެސް ތަންކޮޅެއް އަވަހަށް ނިދަން ވަނެވެ.. އެރޭ މެންދަމުން އަނބުރައި ބާރަ ގަޑި ބައި ހާއިރު ގޭގެދޮރުގައި މީހަކު ޓަކި ޖަހާ އަޑަށް އެންމެން ގޭތެރެއަށް ނިކުތެވެ.. އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބީ ދޮރު ހުޅުވަން ނުކެރިފައެވެ.

ތަކުރުބެ މޫސަކައިރީގައި އެދުނީ ރީތިކޮށް ކާކުތޯ އެހުމަށެވެ.

” ކާކު؟” މޫސަ ތުރުތުރު އަޅާ އަޑަކުން އަހާލިއެވެ. އެއްވެސް ޖަވާބެއް ނައެވެ.

“ދޮރު ހުޅުވާ… މީ މަށޭ..” އިރުކޮޅެއްގެ ހަމަހިމޭންކަމަށް ފަހު އައީ އަންހެނެއްގެ އަޑެވެ.

 

އެއަޑު އިވިފައި އެންމެ ބޮޑަށް ހައިރާންވީ ހަސީނާއެވެ. ވާނީވެސް އެހެންތާއެވެ. އެއީ ހަސީނާގެ މަންމަ ސަންފަގެ އަޑެވެ. ސަންފަ މަރުވިތާ މިހާރު 12 އަހަރުވަނީއެވެ.

“ހަސީނާ.. ދޮރު ހުޅުވަބަލަ. މަންމަ ބޭރުގަ ހުންނަތާ ކޮންއިރެއް..” އަނެއްކާވެސް ބޭރުން ސަންފަ ގޮވާލިއެވެ.

“އެއީ. . އެއީ އަހަރެންގެ މަންމަ…” ހަސީނާއަށް އެހެންބުނެފައި ރޮވުނީއެވެ.

” ހަސީނާގެ މަންމަ ނިޔާވެއްޖެ އެންނު. އެކަކުވެސް ދޮރު ނުހުޅުވާތި!!” ތަކުރުބެ އެންމެންގެ މޫނަށް ބަލަންހުރެ ބުންޏެވެ.

 

އިރުކޮޅަކުން ދޮރު ހުޅުވާށޭ ބުނެ ފިރިހެނެއްގެ އަޑުން ހަޅޭއްލަވައިގަތެވެ. އެއަޑު ކުޑަކުއްޖެއްގެ އަޑަށް ބަދަލު ވުމަށްފަހު ދެންއައީ އެތައް ބަޔެއްގެ އަޑު އެއްވެގެން އަންނަ ގޮތަށެވެ.

“ކަލޭމެން ނަކީ ކޮންބައެއް ކަން… ކަލޭމެންގެ ސިއްރުތައް… ކަލޭމެން ބިރުގަންނަނީ ކޮންކަމަކާ ކަންވެސް އަހަރުމެންނަށް އެނގޭ….” އެ ބިރުވެރި އަޑުތައް އެއްވެގެން ކިޔަމުން ދިޔައެވެ. ގޭތެރޭގައި ތިބި މޫސައާއި ހަސީނާ އަދި ޔަމަން ތިބީ ބިރުން ހަލާކުވާވަރު ވެފައެވެ. އެއަޑަށް ގޭގެ ދޮރު ގުޑިގެން ދިޔަ ކަހަލައެވެ.

 

އިރުކޮޅަކުން ގޭތެރެއަށް ފަތްޖަހާފައި އޮތް ކަރުދާސް ކޮޅެއް ގޭގެދޮރުދަށުން އެތެރެއަށް ވަނެވެ. އަދި ވަގުތު ބޭރުން އިވުނު އަޑުތައް ހުއްޓި ހަމަހިމޭންވިއެވެ. އެންމެންވެސް ހައިރާން ވެފައި އެކަކު އަނެކަކުގެ މޫނަށް ބަލަންތިއްބެވެ.

 

” ޔަމަންއަކީ އަހަރެންގެ ހައްގެއް..” ތަކުރުބެ އެގަނޑު ކޮޅު ނަގައި އޭގައި ލެެއިން ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. އެވަގުތު ވީނުވީއެއް ނޭނގި ކުއްލިއަކަށް ގޭތެރޭގައި ހުރި ޔަމަން ގެއްލުނެވެ.

 

ކުޑަސިކުންތު ކޮޅަކަށް އެކަކަށް ވެސް ވީނުވީނޭނގި އަނގަހުޅުވިފައި ތިބެވުނީއެވެ. ކުޑައިރުކޮޅެއް ކުރިން ހަސީނާ ކައިރީގައި ހުރި ޔަމަން މިހާރަކު ނެތެވެ.

“ޔަމަން…” ހަސީނާ އަޑުގެ ނެތްތަނަށް ރޮއިގަތެވެ. މޫސައާއި ތަކުރުބެ ދުވެފައި ގޮސް މުޅިގޭތެރެއާ ކޮޓަރިތަކާ ފާޚާނާތައްވެސް ބެލިއެވެ. ޔަމަންގެ އެއްވެސް ހިލަމެއް ނެތެވެ.

 

ތަކުރުބެ ސިޓިންރޫމު ދޮރު ހުޅުވާލާފައި ނިކުމެގެން ގޮސް ގޯތި ތެރެ ހޯދަންފެށިއެވެ. ހަސީނާ އާއި މޫސަވެސް ރޮމުން ތަކުރުބެ ފަހަތުން ނިކުތެވެ. ތަކުރުބެ ގޮސް ގޯތިތެރޭގައި ހުންނަ ބަނބުކެޔޮގަސް ދަށުގައި ހުއްޓުނީރު ގަހުގައި އެލުވާފައި ހުރި ޖޯލި ބާރަށް ހެއްލެމުން ދިޔައެވެ. ގޯތި ތެރޭގައި ދިއްލާފައި ހުރި ބޮކީގެ އަލީގެ ތެރެއިން ބިންމަތި ކޮންމެވެސް ވަރަކަށް ސާފުކޮށް ފެނެއެވެ. ހަސީނާގެ ލޮލުގައި އަޅައިގަތީ ޖޯލިން ފެށިގެން ގޭގެ މައިދޮރޯއްޓާ ދިމާލަށް ހުރި ފިޔަވަޅުތަކެވެ. ހަސީނާ ތަކުރުބެއާ މޫސައަށް އެމަންޒަރު ދައްކާލިއެވެ. ތަކުރުބެ މަޑުމަޑުން ގޮސް ޓޯޗު ބައްތިއެއް ހިފައިގެން އައިސް ގޭގެ މައިދޮރު ހުޅުވާލައި މަގުމައްޗަށް ބަލާލިއެވެ. ގޭދޮރުން ފެށިގެން މަގުމަތިން ގެއާދުރަށް ގޮސްފައިވާހެން އެފިޔަވަޅުތައް ފެންނަން ހުއްޓެވެ. އެތަންފެނިފައު އެފިޔަވަޅުތައް ގޮސްފައިވާ ދިމާލަށްދާން މޫސަ ދުއްވައިގަންނަން އުޅުމުން ތަކުރުބެ މޫސަ ހިފެހެއްޓިއެވެ.

“ހަށި ރައްކަލެއް ނެތި ގޮސްގެން މޫސައަށް ކަމެއް ވެދާނެ.” ތަކުރުބެ މޫސަ އަތުގައި ހިފައިގެން ހުރެ ބުންޏެވެ. “އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރި..” މޫސަ އަށް އަދިވެސް ހުރީ ރޮވިފައެވެ. ތަކުރުބެ ގޭތެރެއަށް ވަދެ ކޮތަޅެއް ހިފައިގެން ނިކުތެވެ. އޭގައި އޮތީ ހަތިމަކާ، ތަކުރުބެ ރުޣްޔާ ކިޔަވައި މަތުރާފައި އޮތް ފެންފުޅިއަކާ، ތަސްބީހަފައްޗަކެވެ.

“އެންމެން އެއްކޮށް ދާނީ..” ތަކުރުބެ ގެއިން ނިކުންނަން ހިނގައިގަންނަމުން އޭނާގެ ފަހަތުން އައުމަށް ހަސީނާއަށާ މޫސައަށް އެންގިއެވެ. އެގޭތެރޭގައި އަޑުގަދަވުމުން އޭރު ކައިރި އަވައްޓެރިންވެސް މަގުމައްޗަށް ނިކުމެ ތިއްބެވެ.

 

 

ވެގެންއުޅޭ ކަންތަކުގެ ޚަބަރު ރަށުތެރެއަށް ފެތުރެން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ފުޅިބައްތި ތަކާ ޓޯޗު ބައްތިތައް ހިފައިގެން ޔަމަން ހޯދުމަށް ނިކުންނަން ފެށިއެވެ. ރަށުގެ މުދިންބެ ވެސް ނިކުމެ އެކަމުގައި ބައިވެރި ވިއެވެ. ރަށުތެތޭގައި ވަނީ ދުވަހަކުވެސް އެރަށުތެރެއިން ފެނިފައި ނުވާފަދަ ހަލަބޮލިކަމެކެވެ. ބިރުވެރި ކަމާ ނާމާންކަމެވެ. ނުތަނަވަސް ވެފައިވާ ހިތްތަކަކާއެކު އެންމެން ކަހަލަ ގޮތަކަށް އެކިކޮޅުކޮޅަށް ދުވަނީއެވެ.

 

ފިޔަވަޅުތައް ގޮސްފައިވާ ދިމާ ފާހަގަވުމުން ތަކުރުބެއާ މުދިންބެ އެދިމާލަށް މިސްރާބު ޖެހިއެވެ. މޫސައާ އަދިވެސް އިތުރު ބައެއްމީހުން ތަކުރުބެ ފަހަތުން ދިޔައެވެ. އެފިޔަވަޅުތައްހުރީ ކުޑަމިސްކިތް ކައިރިންގޮސް ބާސަހަރާއާ ދިމާލަށެ.

 

އެމީހުން ގޮސް ސަހަރާ ތެރެއަށް ވަދެ އެތާތެރެ ހޯދަންފެށިއެވެ. އެތާ އެތެރެއިން ޔަމަން ފެންނާކަށް ނެތެވެ. އިރުކޮޅަކުން ބާމަހާނަ ގަލެއްގެ ބިއްދޮށުން މީހަކު ގޮވާލިއަޑު އިވުނެވެ. “ބައްޕާ..” މޫސަ އެދިމާލަށް ދާންއުޅެން ހެދުމުން ތަކުރުބެ މޫސަ ހިފެހެއްޓިއެވެ.

” ރަނގަޅަށް ކަނުލާ އަޑު އަހާ.. އެއީ ޔަމަން އަށް ނުވެވެސް ދާނެ.. އަހަރުމެންނަށް އެއީ ޔަމަން ކަމަށް ހީކުރުވަން ވެސް މަސައްކަތް ކޮށްފާނެ…” ތަކުރުބެ ވަރަށް ހުށިޔާރުކަމާއެކު ބުންޏެވެ. އެމީހުންނަށް އެތަނުގައި ނުގުޑި ތިބުމަށް އެނގުމަށް ފަހު ތަކުރުބެ ކުރިޔަށް ތިންފިޔަޅު އެޅިއެވެ.

 

“މާތް ﷲ ގެ އިޒުނައާއެކު ކަލޭގެ މޫނު އަހަރުމެންނަށް ދައްކާ…!! ” ތަކުރުބެ އަޑު ހަރުކޮށް ބުންޏެވެ. އެވަގުތު ބާރަށް ވައިޖެހެންފެށިއެވެ. އަދި ވަށައިގެން ހުރިގަސްތަކުގެ ފަތްތައް ބާރަށް ތެޅިގަތެވެ.

 

ކުއްލިއަކަށް މަހާނަކައިރިން ޔަމަން ތެދުވިއެވެ.. އެތާތިބި އެންމެގެ އަތުގައި ހުރި ފުޅިބައްތި ތަކާއި ޓޯޗުތަކުގެ އަލީގެ ތެރެއިން އެމަންޒަރު ސާފުކޮށް ފެނުނެވެ. އެއީ ޔަމަން ނަމަވެސް އޭނާގެ ހަށިގަނޑުގައި އެވަނީ ޔަމަންގެ ބާރު ނޫންކަން އެތާގައި ތިބި އެންމެންނަށްވެސް އެނގެއެވެ. ޔަމަންގެ އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް މޫނުމައްޗަށް ވެއްޓިފައި އޮތް އިރު އޭނާގެ ދެފައި ހުރީ ސީދާ ބިމުގައި ނުޖެހިއެވެ. ޔަމަން އިސްއުފުލާ މޫސައާ ދިމާލަށް ބަލައިލިއެވެ. އޭނަގެ ދެލޯ ހުރީ ރަތްކުލައެއްގައެވެ. “ބައްޕާ… އާދޭ ކައިރިއަށް… ” މޫސައާ ދިމާލަށް އަތް ދިއްކޮލަމުން ޔަމަން އެހެން ބުނެފައި ހޭންފެށިއެވެ. ޔަމަންގެ ގައިތެރެއިން އައި އޭނާގެ އަޑު އެވަގުތު ބަދަލުވިއެވެ.

“އަހަރެން ޔަމަން އިޚްތިޔާރު ކުރީ ކީއްވެކަން އެނގޭތަ؟..” ޔަމަންގެ ގައިތެރޭގައި ހުރި ޖިންނި ވާހަކަދައްކަން ފެށީ ނީރުގެ އަޑުންނެވެ. އެއީ ނީރުކަން އެނގުމުން ތަކުރުބެވެސް ހުރީ ހައިރާން ވެފައެވެ.. އެމަންޒަރު ބަލަން އެތާތިބި އެންމެންވެސް ތިބީ ބިރުންނެވެ.

 

ތަކުރުބެ މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔަވަން ފެށިއެވެ.

” އަހަރެން ޔަމަން ދޫކޮށް ދާން އެއްބަސްވިން.. އަދި އެގޮތަށް ކަންތައް ވެސް ކުރިން… އެކަމަކު އެވަޢުދު ފުއްދަން އިތުރަށް ބޭނުމެއް ނެތް…” ނީރް ވާހަކަ ދެއްކީ ހެމުންނެވެ.

 

“ކަލޭމެންނަށް އަދިވެސް ނުވިސްނޭތަ؟؟ އަހަރެން ބޭނުމީ ޔަމަންގެ ހަށިގަނޑެއް ނޫން. އަހަރެން އަނބުރާ މިއައި ޔަމަން ހޯދާކަށްނޫން.. އަހަރެން އަންނަން މަޖުބޫރުވީ އޭނާގެ ލޭގައިއެވާ ބާރަކުން..”

ނީރް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެބުނި ޖުމުލައިގެ މާނަ އެއަކަށްވެސް ނުވިސްނުނެވެ. އެންމެންވެސް ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. އެވަގުތު އެމަންޒަރަރު ބަލަންތިބި މީހުންގެ ތެރެއިން އެކަކު ބަލާބަލާށޭ ކިޔައި މަހާނައަކާ ދިމާލަށް އަތް ދިއްކޮށްލިއެވެ.

 

 

އޭރު އެމަހާނަ މަތީގެ ވެލިގަނޑު ކެހިގެން ގޮސް މަހާނައިގެ ތެރެއިން މުސްކުޅި މީހެއްގެ އަތް ނިކުތެވެ. ހަމަ އެކަނި އަތެކެވެ. އެވަގުތު މޫސަގެ ލޮލުގައި އަޅައިގަތީ އެއަތުގެ އިނގިއްޔެއްގައި އަޅާފައިވާ އަނގޮޓިއެވެ. އެއީ މޫސަގެ ބައްޕަގެ އަތުގައި އަޅާފައި އޮތް އަނގޮޓިއެވެ. މޫސައަށް ގަބޫލުނުކުރެވިފައި ފަހަތަށް ޖެހެވުނެވެ. އެވަގުތު ޔަމަން ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނެވެ. މަހާނައިގެ ތެރެއިން ނިކުތް އަތްވެސް ގެއްލުނީ އެވަގުތުއެވެ.

 

މޫސަ ބާރަށް ގޮސް ޔަމަން ކޮޅަށް ނެގިއެވެ.

“ބައްޕާ…” ޔަމަން ވާހަކަ ދެއްކީ އޭނާގެ އަސްލު އަޑުންނެވެ. އޭނާގެ ލޯވެސް މިހާރު ހުރީ ރަތްކުލަ ފިލައިގެންގޮސް އެހެންނޫނަސް ހުންނަ ގޮތަށެވެ. ޔަމަން މޫސަ ގައިގައި އޮޅުލައިގަތެވެ. އެވަގުތު ހަސީނާވެސް އައިސް ޔަމަންގެ ގައިގައި ހިފެހެއްޓިއެވެ. އޭރު ޔަމަންގެ ހަށިގަނޑު ގަނޑުފެން ފަދައިން ވަނީ ފިނިވެފައެވެ. ޔަމަން ހީކަރުވައި ގަނެގެން ތުރުތުރު ލަނީއެވެ. ” އަހަރެން ހުރީ ކޮންމެވެސް އަނދިރި ތާކު.. އަހަންނަށް ފެނުނީ ކާފަ..ކާފަބުނީ…” އެހިސާބަށް ބުނެފައި ޔަމަން ތަކުރުބެއަށް ބަލާލިއެވެ. ދެން ކުރިމަތީގައި ހުރި މަހާނައަށް ބަލަން ހުރެ ދެލޯ ބޮޑުކޮށްލިއެވެ. ޔަމަން ހުރީ ވަރަށް ބިރުންނެވެ.

“ަކީކޭ ކާފަބުނީ؟؟.އެއީކީ ކާފައެއް ނޫން. ޖިންނި ޝައިތާނުން އެފެންނަނީ މީހުންގެ ސިފައިގަ..” ތަކުރުބެ އައިސް ޔަމަން ކުރިމަތީގައި ހުއްޓި ސުވާލު ކުރިއެވެެ. އަދި އެފެނުނީ ޔަމަންގެ ކާފަ ނޫންކަންވެސް ވިސްނައިދިނެވެ.

 

” ކާފަ ހުރީ ވަރަށް ދެރަވެފަ. ވާހަކަ ދެއްކީވެސް ރޮމުން ރޮމުން… ކާފަ ބުނީ ނީރް އެންމެ ފަހު އެތިކޮޅު ހޯދިޔަ ނުދެއްޗޯ…!!” ޔަމަން އެހެންބުނުމުން ތަކުރުބެއާ އެއްވަރަށް ދެންތިބި މީހުންގެ ހިތުގައިވާ ސުވާލުތަށްވެސް ގިނަވިއެވެ.

“ކޮން ފަހު އެތިކޮޅެއް؟؟.” ތަކުރުބެ އަހާލިއެވެ.

 

“ކާފަގެ ބައްޕަ….މުނި ކާފަގެ މަހާނައިގަ… ވަޅުލާފައިވާ …އެއްޗެކޯ އެއީ…” ޔަމަން ވާހަކަ ދެއްކީ އާގަންނަމުންނެވެ.

 

“ތިކަމަށް މާ ލަސްވެއްޖެ…..” ވައި އަޑެއް ފަދައިން އެއަޑު އައީ މަހާނައިގެ ތެރެއިންނެވެ. އެވަގުތު ކުއްލިއަކަށް އެތާތިބި މީހުން އަތުގައި ހުރި ފުޅިބައްތިތައް ނިވުނެވެ. ބައެއް މީހުންގެ އަތުގައި ހުރި ޓޯޗު ބައްތިތައްވެސް ވީގޮތެއްނޭނގި ކުއްލިއަކަށް ނިވުނީއެވެ. މުޅި ސަހަރާ ތެރޭގައި ވަނީ އަނދިރިކަމެވެ. އެތާގައި ތިބި އެންމެންވެސް ތިބީ ގުޑިލަންވެސް ނުކެރިފައެވެ.

 

“މޫސަަ ދަރިފުޅާ..މީ ބައްޕައޭ.. ” މޫސައާ ވަރަށް ކައިރިން މޫސަގެ ބައްޕަ ގޮވާލިއަޑު އިވުނެވެ. މޫސަގެ އަތްފައި ފިނިވެގެން ދިޔައެވެ.

“މޫސާ.. ޖަވާބު ނުދޭތި .. އޭއްޗެހި އިންސާނުންގެ އަޑު ނަކަލުކޮށްގެން ވާހަކަދައްކާނެ..!!!. މޫސަ ކައިރީގައި ހުރި ތަކުރުބެ މޫސަގެ އަތުގައި ހިފާލަމުން ވައިއަޑުން ބުންޏެވެ. އޭރު ވަށައިގެންވާ އަނދިރިކަމުގެ ތެރެއިން ރަނގަޅަށް މީހެއްގެ މޫނެއްވެސް ފެންނަ ވަރެއްނުވެއެވެ.

 

 

އެމީހުން ޔަމަންގޮވައިގެން ގެއަށް ދިޔައިރު ފަތިސް ވާން ވަރަށް ކައިރި ވެއްޖެއެވެ. ސަހަރާއިން ގެއާހަމަ އަށް ދެވެންދެންވެސް އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. އެންމެންވެސް ތިބީ ބިރުގަނެ މުޅިން ހަމަ ހިމޭންވެފައެވެ. މޫސަމެން ގެއަށް ވަނުމުން ޔަމަން ހޯދުމުގައި އެހީތެރިވި ރަށު މީހުންވެސް ގެއަށް ދިޔައީއެވެ. ގެއަށް ވަނުމާއެކު ތަކުރުބެ ދޮރުތައް ތަޅުލައި ފެންކިޔަވައި އެންމެންނަށް ވެސް ދިނެވެ.

“މިރޭ މިވީ ކަންތައްތަކުން މިހާރު ވަރަށް ގިނަ ކަންކަން އެނގިއްޖެ. އެކަމަކު… މޫސަގެ ކާފަގެ މަހާނައިގައި ވަޅުލާފައި އެވަނީ ކޯއްޗެއްބާ؟.. އެއީ މޫސަގެ ބައްޕަ ވަޅުލި އެއްޗަކަށް ވާނީ..” ތަކުރުބެ ވިސްނަން އިނދެގެން ވާހަކަ ދެއްކިއެވެ.

 

” އަހަރެން ވަރަށް ކުޑައިރު ކާފަ ނިޔާވެއްޖެ. ވަރަށް ކުޑަކޮށް ކާފަގެ ހަނދާން ވަނީވެސް… ” މޫސަ އެހެންބުނެ ހަމަޖެހިލިއެވެ.

“މިކަން ފަސޭހައިން ނިމޭކަށް ނެތް…. ކެއްތެރި ކަމާއެކު ކުރިއަށް ދާންޖެހޭނީ. އެންމެ ދުވަހެއްވެސް ބޭކާރު ކޮށްލެވޭކަށް ނެތް..”

ތަކުރުބެ އެހެން ބުނެ ގޮސް ފެން ކިޔަވައި ގޭތެރެއަށާ ގޭގެ ގޯތިތެރެއަށް އެފެން ބުރުވިއެވެ.

 

އޭގެ އަނެއް ދުވަހު މެންދުރުގެ ކެއުމަށް ފަހު ތަކުރުބެ އެދުނީ މޫސަގެ ކާފަގެ ގެ އަށް އޭނާ ގެންގޮސްދިނުމަށެވެ. އޭރު ޒަރީރުވެސް އެމީހުންނާއެކު އެވަގުތު އިނުމުން ޒަރީރުވެސް އެމީހުންނާއެކު ދާންބޭނުނުންވިއެވެ. ކަންކަމުގެ ހަގީގަތް އިތުރަށް ހޯދާ ބެލުމަށް އޮތް ހަމަ އެކަނި އޮތް މަގަކީ އެއީކަން ތަކުރުބެއަށް އެނގެއެވެ.

މޫސަގެ ކާފަ ދޮންކަލޭފާނު ނިޔާވިތާ އެތައް އަހަރެއް ވެފައިވާ އިރު އޭނާ އުޅުނުގެ ވަނީ މީހުން ދިރިނޫޅޭތީ ވީރާނާ ވާންކައިރިވެފައެވެ. ދޮންކަލޭފާނާ ދަލޭކަގެ ކައިވެންޏަށް ލިބުނު ހަމަ އެކަނި ދަރިއަކީ މޫސަގެ ބައްޕައެވެ. ދޮންކަލޭފާނު އޭގެ ކުރިން އެރަށް ކައިރީގައި އޮންނަ ރަށެއްގެ މީހަކާއިނދެ ލިބުނު ދަރިން އުޅެނީ އެމީހުންގެ ރަށުގައެވެ. އެމީހުންނަކާ މޫސަ މެންނަކާއެއްވެސް ގުޅުމެއް ނޯވެއެވެ. އެއީ މޫސައާ ޒަރީރުގެ ބޮޑުބޭބެ އާ ބޮޑުދައިތަ ނަމަވެސް އެމީހުން މޫސަމެންގެ އާއިލާއަކާ އެއްވެސް ގުޅުމެއް ނުބާއްވައެވެ. މޫސަގެ އުމުރުން ހަ ވަރަކަށް އަހަރު، ޒަރީރުގެ އުމުރުން ދެ އަހަރުގައި މޫސަގެ ކާފައާ މާމަ ނިޔާވުމުންވެސް މޫސަގެ މައިންބަފައިން މޫސައާއި ޒަރީރު ގޮވައިގެން އުޅުނީ ހަމައެގޭގައެވެ. މޫސަ ބޮޑުވެ ހަސީނާއާ އިނދެގެން އަމިއްލަ ގެއަޅައިގެން އެގެއަށް ބަދަލުވީރު މޫސަގެ ބައްޕަވެސް އެމީހުންނާއެކު އެގެއަށް ބަދަލުވީއެވެ. އޭގެ މަދު އަހަރުތަކެއް ފަހުން ޒަރީރުވެސް ކައިވެނިކޮށްގެން އޭނާގެ އަންހެނުންގެ ގެއަށް ބަދަލުވީއެވެ. އެހިސާބުން އެމީހުނެް ކުރިންއުޅުނުގެ މީހުން ނޫޅޭ ފަޅުގެއަކަށް ވީއެވެ. ދޭތެރެއަކުން މޫސަގެ ބައްޕަ އެގެއަށް އެކަނި ގޮސްލާ ހެދިނަމަވެސް މޫސައާއި ހަސީނާ އެގެއަކަށް ނުދެއެވެ. ޒަރީރުވެސް އެފަހުން އެގެއަށް ގޮހެއްނުހަދައެވެ.

 

މޫސަ އާއި ތަކުރުބެ އަދި ޒަރީރު ގޮސް ރަށުގެ އަނެއްފަޅީގައި ފަޅުވެފައި ހުރި މޫސަގެ ކާފަގެ ގޭގެ ދޮރުމަތީގައި ހުއްޓުނެވެ. ތަކުރުބެ ވަރަށް ރަނގަޅަށް އެގެއަށް ބަލާލިއެވެ. ހިރިގަލާއި ލަކުޑިން ހަދާފައިވާ އެކުޑަ ގެ ވަނީ އެހެން ހުރެ ހުރެ ވަރަށް ބާވެފައެވެ. ދޮރުގެ މަތީގައި ގޭގެ ނަން ޖަހާފައިވާ ލަކުޑި ބޯޑެއް ހަރުކޮށްފައި ހުއްޓެވެ.

“މިސްރާބުގެ” މޫސަ މަޑުމަޑުން ގޭގެ ނަންކިޔާލިއެވެ.

ތަކުރުބެއާ މޫސަ އެގޭގެ އެތެރެއަށް އެޅި ތިންވަނަ ފިޔަވަޅާއެކު ތަކުރުބެ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.

“ކިހިނެއްވީ..؟” މޫސަ ތަކުރުބެ ބަލާލަމުން އަހާލިއެވެ. އެމީހުން ފަހަތުން ވަތް ޒަރީރުވެސް ހުރީ ތަކުރުބެ ހެދިގޮތުން ޖެހިލުންވެފައެވެ.

“މިގޭ ތެރޭގައި އެތަކެއް ރޫހާނީ ބާރެއް އެބަވޭ… ލޮލަށް ނުފެންނަ ބައިވަރު އެއްޗެހި އަހަރުމެން ވަށައިގެން އެބަތިބި… ” ތަކުރުބެ ގޭތެރެއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. ގޭގެ ދޮރުން ވަންނައިރު ލަކުޑިން ހަދާފައިވާ ބޮޑުއައްޓެއް ފާރާޖެހިގެން ހުއްޓެވެ. ތިންކޮޓަރީގެ އެކުޑަ ކުޑަ ގޭތެރެއިން އެ ބޮޑުއަށި ފިޔަވާ އިތުރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.

“ބޮޑު ކޮޓަރި އެއީ މަންމައާ ބައްޕަ އުޅުން ކޮޓަރި. ޖެހިގެން އެހުރީ އަހަންނާ ޒަރީރު އުޅުނު ކޮޓަރި. ދެން އެހުރިކޮޓަރި އެއީ އަބަދުވެސް ތަޅުލާފައި ހުންނަ ކޮޓަރިއެއް.

“ކީއްވެ ތަޅުލާފައި ހުންނަނީ؟..” ތަކުރުބެ އިތުރަށް އެނގެންބޭނުންވިއެވެ.

“މަންމަ އަހަންނަށާ ޒަރީރުއަށް ކިޔާދިން ގޮތުން އަހަރުމެންނަށް ވުރެ ދޮއްޓަށް ދައްތައެއް ހުރި. އެއީ މަންމައާ ބައްޕަގެ ފުރަތަމަ ކުއްޖާ.. އޭނާގެ ނަމަކީ މަރިޔަމް. މަންމަބުނީ ދައްތަ ރީތިކަމުން ބައެއްމީހުން އޭނާއާ ދިމާލަށް ރީތިމަރިޔަމް ކިޔާފަވެސް ގޮވަޔޯ… ދައްތައަށް ސަތާރަ ވަރަކަށް އަހަރުގަ ދައްތަ ނިޔާވީ.. އޭރު އަހަނަންނަށް ވާނީ ތިންވަރަކަށް އަހަރު. ދައްތައެއް ހުރިކަން އަހަރެން ހަނދާނެއްވެސް ނުހުރޭ… ޒަރީރު ދުނިޔެއަށް ވެސް ނާދޭ އޭރު. މަންމަ ބުނީ ދައްތަ ނިޔާވުމުން މަންމައާ ބައްޕަ ބޭނުންވީ ދައްތަގެ ކޮޓަރި ތަޅުލާފައި ބަހައްޓަން ކަމަށް.. އެހުރިހާ ވާހަކައެއް މަށާ ޒަރީރުއަށް ކިޔާދިނީ މަންމަ..”

މޫސަ ވަރަށް ތަފްސީލުކޮށް އެކޮޓަރީގެ ވާހަކަ ތަކުރުބެއަށް ކިޔާދިނެވެ.

 

“މަންމަ ކިޔާދިންތަ ދައްތަ ނިޔާވީ ކޮންބައްޔެއްގަ ކަން…؟؟” ތަކުރުބެ އަހާލިއެވެ.

“ދައްތައަށް ވަރަށް ގަދަ ހުމެއް ޖެހިގެން ބަލިވެ އުޅެފަ މަރުވީއޭ މަންމަބުނީ.”

މޫސަގެ ޖަވާބު ވަރަށް ކުރެވެ. މޫސަ އެބުނީ އޭނާއަށް އެނގިފައިވާ މިންވަރެވެ.

 

“އަހަރުމެން ޖެހޭނީ އެކޮޓަރި ހުޅުވައިގެން އެތަން ބަލަން. ބޭރުން އަޅުވާފައި މިހުރި ތަޅު ނައްޓާލައިގެން ވަންނަން ހިނގާ..” ތަކުރުބެ އެކޮޓަރީގެ ދޮރުގައި އަޅުވާފައިހުރި ތަޅުގައި އަތްޖައްސާލަމުން ބުންޏެވެ.

 

ނުނިމޭ….

 

 

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

އަނދިރި ދުނިޔޭގެ ރަސްގެފާނު (އިއުލާން).

Previews
August 11, 2026

އަނދިރި ދުނިޔޭގެ ރަސްގެފާނު (އިއުލާން).



All Right Reserved!