Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހިޔަނި – 11

Eyesh Level 310 Stories100 Comments500 Comments
August 13, 2026 9 Mins Read
1 Comment

މޫސަގެ އެދުމަށް ޒަރީރު ގެއަށް ގޮސް މަރުތޭލަކާ އަދިވެސް ބައެއްސާމާނު ހިފައިގެން އައެވެ. މާއުނދަކާ ނުލައި ތަޅުނައްޓާލެވުނީ އެތަޅަށް އެތަކެއް އަހަރުތަކެއް ވެފައި ވުމުން ކަމުގައިވެސް ވެދާނެއެވެ. ތަކުރުބެ އެންގީ އޭނާގެ ފަހަތުން މޫސައާ ޒަރީރު ބިސްމި ކިޔުމަށްފަހު އެކޮޓަރިއަށް ވަނުމަށެވެ. އެއީ މޫސަވެސް އަދި ޒަރީރުވެސް ދުވަހަކުވެސް ވަދެފައި ނުވާތަނެކެވެ. އެހެންކަމުން އެތަނުގެ ތެރެ އޮތް ގޮތެއްވެސް، އަދި އެތާގައި ހުރި އެއްޗެއްވެސް އެމީހުންނަކަށް ނޭގެއެވެ.

 

އެމީހުންގެ މަންމަގެ އެދުމާއެއްގޮތަށް އެތަން ތާއަބަދަށް ތަޅުލާފައި ބެހެއްޓުމަށް މޫސައާއި ޒަރީރުވީ ވަޢުދު އުވާލަން މަޖުބޫރުވީއެވެ. މޫސައާއި ޒަރީރު އެއްވެސް ޝަކުވާއެއް ނުކޮށް އެތަޅު ހަލާކު ކޮށްލުމުން ޔަމަން ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް އެމީހުން ފަސްނުޖެހި ކުރާނެކަން ތަކުރުބެއަށް ޔަގީންވިއެވެ.

 

ތަކުރުބެ ބިސްމި ކިޔުމަށް ފަހު ލަކުޑިން ހަދާފައިވާ އެދޮރު ހުޅުވާލިއެވެ. ހިރިގަލުން ރާނާފައިވާ ފާރުތަކެކެވެ. އެގޭގެ އެހެންކޮޓަރި ތަކެކޭވެސް އެއްފަދައިން ފާރުތަކުގައި ސިމެންތި، ނޫނީ އުވަ ޖަހާފައެއްނެތެވެ. ތަކުރުބެ ހީކުރިގޮތާ މުޅިން ޚިލާފަށް ކޮޓަރި ތެރެ ވަނީ ވަރަށް ސާފުކޮށެވެ. އެއީ ތަޅުލާފައި އެހާގިނަ އަހަރު ހުރި ތަނެއްހެން އެއްގޮތަކަށްވެސް ހިޔެއްނުވެއެވެ. އެތާ އެތެރޭގައި ލަކުޑިން ހަދާފައިވާ ކުޑަ އެނދެއް ހުރިއިރު އޭގެ މަތީގައި އަޅާފައި އޮތީ ތުނޑުކުނަލެކެވެ. ބަލާބެލުމަށް ޔަގީންވަނީ އެއީ ރާއްޖޭގެ މޭސްތިރިއަކު އަތުން ވިޔެފައިވާ ރީތި ކުނަލެއްކަމެވެ. އެނދާ ދިމާލުން ފާރުގައި ދެރޯނުކޮޅުގެ އެހީގައި ދިގު އޮނުގަނޑެއް ހުރަހަށް އެލުވާފައި ހުރިއިރު އޭގައި މަރިޔަމްގެ ހަތަރުވަރަކަށް ހެދުން އަޅުވާފައި އޮތެވެ.

އެނދާއި ދާދި ކަރީގައި ލަކުޑިން ހަދާފައިވާ ކުޑަ މޭޒެއްހުއްޓެވެ. މޭޒު ކައިރީގައި ލަކުޑިން ހަދާފައިވާ ގޮނޑިއެއްވެސް ބަހައްޓާފައި ހުއްޓެވެ. މޭޒު މަތީގައި ހުރީ ވަރަށް ޒަމާންވެފައިވާ ފޮތްތަކެކެވެ. ހީވާގޮތުން އެއީ މަރިޔަމް ކިޔަވަން ގެންގުޅުނު ފޮތްތައް ކަމުގައިވެސް ވެދާނެއެވެ. އެފޮތްތައް ކައިރީގައި ދެތިން ގަލަން ވެސް އޮތެވެ. ތަކުރުބެ އެންމެ ހައިރާންވީ މޭޒުމަތީގައި ހިރަފުސް ނޫނީ މަކުނުވާވެސް ނެތުމުންނެވެ. ކޮޓަރީގެ ބިންމަތީގައި ތަޅުން އަޅާފައި ނެތުމުން އެނދާ މޭޒާ އެއްޗެހިވެސް ހުރީ ވެލިގަނޑު މަތީގައެވެ. ވީއިރު ކޮޓަރި ތެރޭގައި ހުރި އެއްވެސް އެއްޗެއްގައި ހިރަފުސް ނެތީ ކީއްވެބާއެވެ؟

މޭޒުގެ ދަށުގައި ލަކުޑިން ޖަހާފައިވާ ބޮޑު ދެފޮށި ބަހައްޓާފައި ހުރިއިރު އެއިން އެއްވެސް ފޮއްޓެއްގައިވެސް ހަމައެންމެ ހިރަފުސް ކޮޅެއްވެސް ނެތެވެ. ފާރުތަކުގައި ވެސް މަކުނުވާގެ އަސަރެއްވެސް ނެތެވެ. ނަމަވެސް އެމީހުން ގޭތެރެއަށް ވަދެގެން އައިރުވެސް ހުރިހާ ފާރެއްގައި މަކުނުވާހުއްޓައި އެމީހުންނަށް ފެނުނެވެ. އަދި ގޭތެރޭގައި ހުރި ބޮޑު އަށި މަތީގައި ބޯކޮށް ހިރަފުސްވެސް ހުއްޓެވެ.

 

“މިތަން ހީވަނީ ހަމަ ދެންމެ ސާފުކޮށްފައި ހުރިހެން.” މޫސަ ކޮޓަރިތެރެއަށް ވަށައިގެން ބަލާލަމުން އެހެން ބުނިއިރު އޭނާ ހުރީ ވަރަށްހައިރާން ވެފައެވެ. އެމީހުން ކުޑައިރު އެގޭގައި އުޅުނު އިރުވެސް އެމީހުންގެ ކޮޓަރިވެސް ހުންނަނީ އެހާ ސާފުކޮށް އާކޮށެއްވެސް ނޫނެވެ. ވީއިރު އެހާ ގިނަ ޒަމާންވަންދެން ނުހުޅުވާހުރި ކޮޓަރިއެއް އެހާރީތިކޮށް ހުރުމުން ގަބޫލުކުރަންވެސް ދަތިވިއެވެ.

“ބޭބޭ… އަހަރުމެން އުޅުނު ކޮޓަރީގަވެސް ހުންނަ ކަހަލަ ބޮޑު ފޮށި ދޯހަމަ ދައްތަ އަތުގަވެސް ހުރީ. މިހުރީ މީއްޗެހި ފޮހެ ސާފުކޮށްފަތަ؟” ޒަރީރު ގޮސް މޭޒުދަށުގައި ހުރި ފޮށިތަކުގައި މަޑުމަޑުން އަތްހާކާލަމުން އަހާލިއެވެ.

 

“އެންމެ ރަނގަޅުތަ ފޮށިތައް ހުޅުވައިގެން އޭގައި ހުރި އެއްޗެހި ނަގާ ބެލިޔަސް؟.. ހުރިހާ ކޮޓަރިއެއްގައި ހުރި އެއްޗެހިވެސް ނަގައި ބަލަން ޖެހޭނެ…” ތަކުރުބެ މޫސަ ކައިރިން ހުއްދައަށް އެދުނެވެ.

 

” މިގޭގައި ބޮޑުއަށި ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުހުންނާނެ. މިކޮޓަރި ފިޔަވާ ދެންހުރި ދެކޮޓަރީގައިވެސް ހުންނާނީ ހަތަރު ފާރު އެކަނި. އަހަރުމެންގެ ގެއަށް ބަދަލުވީރު މިގޭގަ ހުރި ހުރިހާ މުދަލެއް ކަހަލަ ގޮތަކަށް ނީލަމުގަ ވިއްކާލީ. ހަމައެކަނި ހުރިއެއްޗެއް ހުންނާނީ ދައްތަގެ މި ކޮޓަރީގަ… ތަކުރުބެއަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދޭ…”

މޫސަ އެހެން ބުނުމުން ތަކުރުބެ ގޮސް އެނދުގައި އިށީނެވެ. އަދި ޒަރީރު ކައިރީގައި އެދެފޮށި އެނދުކައިރިއަށް ގެނައުމަށް އެދުނެވެ. ޒަރީރު އެދެފޮށި ގެނެސް އެނދުމަތީގައި ބެހެއްޓުމުން ތަކުރުބެ ފުންނޭވާއެއް ލައި ކޮންމެވެސް އެއްޗެހިތަކެއް މަޑުމަޑުން ކިޔަވަން ފެށިއެވެ. ޒަރީރުގޮސް މޭޒުކައިރީގައި ހުރި ގޮނޑިހިފައިގެންގޮސް ތަކުރުބެ ކުރިމަތީގައި އިށީނެވެ. މޫސަ ތަކުރުބެއާ ޖެހިގެން އެނދުމަތީގައި އިށީނެވެ. އިރުކޮޅަކު ކިޔަވަން އިނުމަށްފަހު ތަކުރުބެ އެދެފޮއްޓަށް ފުމެލިއެވެ. އަދި ބިސްމި ކިޔައި އެއްފޮށި ހުޅުވާލިއެވެ.

 

އޭގައި ހުރީ މަރިޔަމް ލާންގެންގުޅުނު އަންނައުނު ތަކެވެ. ހުރިހާ އެއްޗެއް ނަގައި ބެލުމަށްފަހު އަނބުރާ ފޮށިލެއްޕިއެވެ. ދެންހުރި ފޮށި ހުޅިވާލީރު އޭގައި ހުރީ އެކި ވަރު ވަރުގެ ބޮއްޔެވެ. ދެންއޮތީ ބާވެފައިއޮތް ފޮތެކެވެ.

ތަކުރުބެ އެފޮތް ނަގައި ހުޅުވާލީރު ފުރަތަމަ ގަނޑުގައި ބޮޑުކޮށް ލިޔެފައިވަނީ “ނީރް” މިހެންނެވެ. މޫސައާއި ޒަރީރު ހައިރާންވެފައި އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

 

“އަހަރެންގެ ނަމަކީ މަރިޔަމްއެވެ. އަހަރެން ފުރާނަ ފަދައިން ލޯބިވާ ނީރް އަކީ… އިންސާނެއް ނޫނެވެ. އަހަރެން މިވާހަކަ ތައް ކިޔާދޭނީވެސް ކާކަށް ކިހިނެއް ހެއްޔެވެ.

އަހަރެން ވަރުބަލިވެއްޖެއެވެ. ކޮންމެ ރެއަކު ނުނިދައި އުފުލަން ޖެހިފައިމިވާ ވޭނަށް ދެންއިތުރަކަށް ކެތެއްނުވާނެއެވެ. އަހަރެންގެލޯބި މިވަނީ ވޭނަކަށް ވެފައެވެ……” ތަކުރުބެ އެހިސާބަށް ކިޔުމަށްފަހު މޫސައާއި ޒަރީރުގެ މޫނަށް ބަލައިލިއެވެ. އޭރު އެދެމީހުންވެސް ދެލޯބޮޑުކޮށްގެން ތަކުރުބެއަށް ބަލަންތިއްބެވެ.

 

“ނީރުއޭ؟… ” މޫސަ ހައިރާންވެފައި އިނދެ އަހާލިއެވެ.

އިތުރަށް ހަގީގަތް އެނގެން ބޭނުންވާނަމަ ޖެހޭނީ އެފޮތުގައިވާ ހުރިހާއެއްޗެއް ކިޔަންކަމުގައި ބުނެ ތަކުރުބެ އަނެއްކާވެސް އޭގައި ލިޔެފައިވާ އެއްޗެހި ކިޔަން ފެށިއެވެ.

” އަހަރެންގެ އުމުރުން 16އަހަރުގައި އަހަރެންނާ ނީރުއާ ދިމާވީ އެއްރެއަކު ގޭދޮށު ބޭރު ޖޯލިފަތީގައި އިންދައެވެ. މަޑުމަޑުން އަހަރުމެންގެ ގުޅުން ވަރުގަދަ ވާންފެށިއެވެ. ކޮންމެ ރެއަކު ގޭމީހުން ނިދުމުން ދަންވަރު އަހަރެން ނީރުއާ ބައްދަލުކުރަން ނިކުންނަމެވެ. ވަގު ވަގަށް ދަންވަރު ދެމީހުން ބައްދަލު ކުރަމުން ގޮސް ފަސްވަރަކަށް މަސްވީ ފަހުން ނީރު އަހަރެންނަށް ކިޔައިދިނީ އިންސާނެއްގެ ސިކުނޑިއަށް ގަބޫލުވެސް ނުކުރެވޭނެ ފަދަ ވާހަކައެކެވެ. ނީރުއަކީ އިންސާނެއް ނޫނެވެ. އިފްރީތެކެވެ. ހުރިހާ ހަގީގަތެއް އެނގުނުއިރު އަހަރެންގެ ހިތްމިވަނީ ނީރުއަށް ހިބަކޮށް ދެވިފައެވެ. އިންސާނަކަސް ޖިންނިއަކަސް އަހަންނަށްހެވެވެ. އަހަރެން މިދުނިޔެއިން ބޭނުމީ ނީރުއެވެ. ހަމަ އެކަނި ނީރުއެވެ.

ނީރު ކިޔާދިން ގޮތުން އަހަރެންގެ ކާފަ މުއްސަނދިކަމާ ފައިސާ ހޯދުމަށް ހެދި ސިހުރެއްގައި ވެވުނު އެއްބަސް ވުމެއްގައި ވަނީ ކާފަގެ އާއިލާގެ އެންމެ ރީތި އަންހެން ކުއްޖާ އެސިހުރު އުފުލާދިން ޖިންނިއަށް ހިބަކުރުމަށެވެ. އަހަރެންގެ ނަސީބު ދެރަކަމުން އެކުއްޖަކަށްވީ އަހަންނެވެ. ކާފައަށް އެސިހުރު އުފުލާދިން މީހަކީ ނީރުއެވެ. ނަމަވެސް ނީރުއާ އެކަން ހަވާލުކުރީ އޭނާގެ ވެރިމީހާއެވެ. އިފުރީތުންގެ ވެރިމީހާ ޒޮހަރު އެވެ. ނީރު ކިޔާދިން ގޮތުން ޒޮހަރުއަކީ އިފުރީތުންގެ ތެރެއިން އެންމެ ވަރުގަދަ އެއްޗެވެ. އެއީ އެތައްސަތޭކަ އަހަރެއް ވެފައިވާ ވަރުގަދަ އެއްޗެކެވެ. އަހަންނާ ނީރުގެ ލޯބީގެ ގުޅުން ފެނުމުން ޒޮހަރު އެކަމަށް ހުރަސް އަޅަންފެށިއެވެ. ނީރު ބުނިގޮތުން ޒޮހަރު ބޭނުންވަނީ ނީރު އަހަރެން މޮޔަކޮށްލާ މަރާލާށެވެ. ނީރުއަށް އަހަރެން ހިބަކޮށް ލިބުމުން ނީރުގެ ބާރުގަދަކަން ދައްކައި އަހަރެން މިދުނިޔެއިން ނިމިގެން ދަންދެން ދުކު އަނިޔާދީހަދާށެވެ. ބިރުދައްކާ މޮޔަމީހަކަށް ހަދާށެވެ.

ނަމަވެސް ނީރުއަށް އަހަރެން ފުރަތަމަ ފެނުމުންވެސް އަހަރެންދެކެ ލޯބި ވެވުނީކަމުގައި ނީރު ބުނެއެވެ. ޒޮހަރު ނީރުގެ މުޅިއާއިލާއަށް އެތަކެއް ތަކުލީފެއް ދޭންފަށައިފިއެވެ. ނީރުއާ އަހަރެން އެންމެފަހުން ބައްދަލުވީ ރޭގައި އޭނާ އަހަރެންނަށް ދުވަހަކުވެސް އަނިޔާއެއް ނުދޭނެކަމަށް ވައުދުވިއެވެ. އަހެެރެންދެކެ އިންތިހާއަށް ލޯބިވާކަމަށް ހުވާކުރިއެވެ. ނީރުގެ އުމުރުން މިވީ 400 އަހަރުގައި އަހަރެންނަކީ ނީރުއަށް ހަމައެކަނި ލޯބިވެވުން ފަރާތެއެވެ. ނަމަވެސް ނީރު އަހަރެން މޮޔަކޮށް ނުލައިފިނަމަ ޒޮހަރު ނީރުގެ މުޅިއާއިލާ ނައްތާލާނެ ވާހަކަ އޭނާ ބުންޏެވެ.

އަހަރެން ފުރާނަ ފަދައިން ނީރުދެކެ ލޯބިވަމެވެ. އަހަރެން މިވާހަކަ ހަމައެކަނި ކިޔައިދިނީ މަންމައަށެވެ. ނަމަވެސް މަންމަ އެދުނީ މިވާހަކަ ނުދެއްކުމަށެވެ. އެއީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެއެވެ. މިކަން ސިއްރުކޮށްގެން މިހެން އުޅެނިކޮށް ޒޮހަރުގެ އުނަދަގޫ އަހަންނަށް ޖެހެންފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދެންވެސް މަންމަ ބުނީ އިތުރަށް މިވާހަކަ ނުދައްކާ ސިއްރުކުރުމަށެވެ.

އަހަރެން ނިދާފައި އޮއްވާ ވެސް އައިސް ބިރުވެރި ހުވަފެންދައްކާ ސިއްސުވާ ބިރުދެއްކުންމީ ޒޮހަރު ކޮންމެ ދުވާލަކާ ރެއެއްގައި ކުރާ ކަންކަމެވެ. މިހާރު އަހަރެން ދެބަދޭތެރޭގައި އޮންނައިރު ޒޮހަރުއައިސް އަހަރެންގެ ގަޔަށް ބޮލަށްވެސް އަރަނީއެވެ. ޒޮހަރު އަހަރެންގެ އިތްފަތްތެރިކަން ވެސް މިވަނީ ފޭރިގަނެފައެވެ. ނިދިން ހޭލެވޭއިރު ގައިގެ އެތަންމިތަން ރަތްވެ ނޫފައިގަނެފައި ހުރުން އާންމު ކަމަކަށް ވެއްޖެއެވެ.

 

ރޭގައިވެސް އަހަރެން ދެބަ ދޭތެރޭގައި އޮއްވާ ޒޮހަރު އައިސް ބުނީ ނީރުވަނީ ބަންދުކޮއްފައި ކަމުގައެވެ. ނީރު ދޫކޮށްލެވޭނީ އަހަރެން މޮޔަކޮށް މަރާލަން އެއްބަސް ވުމުން ކަމުގައެވެ. ނޫނީ އަހަރެން މަރުވުމުން ކަމުގައެވެ. ނީރު އެކަމަކަށް ދުވަހަކުވެސް އެއްބަހެއް ނުވާނެކަން އަހަންނަށް އެނގެއެވެ. ވީއިރު އަހަރެން މުސްކުޅިވެ މަރުވަންދެން ދުނިޔޭގައި ހުރިނަމަވެސް އަހަންނަކަށް ނީރެއް ނުފެންނާތާއެވެ. ރޭގަނޑުގެ ހަމަނިދި ނުލިބި، ކާއެއްޗެއް ނުކެވި މިހާރު ހަފްތާއެއް ވީއެވެ. ޒޮހަރުގެ އުނދަގުލުގައި މުޅި އުމުރު ހޭދަކޮށްލުމަށް ވުރެ މަރުވުންވެސް މާރަނގަޅެވެ. މިދުނިޔޭގައި މިހާލުގައި އަހަންނަކަށް ދެން ކެތެއް ނުވާނެއެވެ.”

އޭގައި ލިޔެފައިވާ ހުރިހާ އެއްޗެއް ކިޔާނިމުންއިރު ތަކުރުބެ އިނީ ފެންކަޅިވެފައެވެ. މޫސައާ ޒަރީރުވެސް ތިބީ ރޮވެން ކައިރިވެފައެވެ.

 

” ކާފަ ހެދި ސިހުރެއް ދޯމީ؟.. ދެން ކީއްވެ ނީރު ތަކުރުބެ ރުޣްޔާ ކުރި ފުރަތަމަ ރޭގަ ބުނީ އަހަރެންގެ ބައްޕަ ކުރިކަމެކޭ މީ؟.. އެވައުދަކީ ބައްޕަވީ ވައުދެކޭ ނީރުބުނީ ކީއްވެ؟. ދައްތަވެސް ޔަމަން އާއެއްގޮތަށް މިހުރިހާ ކަމެއް ތަހައްމަލުކުރި ދޯ؟. ކީއްވެބާ މަންމަ ދައްތައަށް އެހީ ނުވީ؟. އެވާހަކަ ނުދައްކަންބުނީ ކީއްވެބާ؟. އަހަރެންގެ ޔަމަން އަށް ނީރުގެ އުނދަގޫ މިޖެހުނީ ކީއްވެބާ؟ .. ދައްތަ ދެކެ އެހާ ލޯބިވީ އެއްޗެއް ޔަމަން އަށް އެހާ އުނދަގޫކޮށް ޖެއްސުންކޮށް އެކުއްޖާ މޮޔަކޮށްލަން އެއުޅެނީ ކީއްވެ؟….” މޫސަގެ ހިތުގައި އުފެދުނު ހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލިއެވެ.

 

“އަދި ތިހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ.. އެކަމަކު އެކަން ވާނީ ވަރަށް މަސައްކަތް ކޮއްގެއް.. އަހަރެން ހީކުރިވަރަށް ވުރެ މާބޮޑުކަންތައް ގަނޑެއް މީ…” ތަކުރުބެ ބޮލުގައި އަތްހާކާލަމުން އެހެން ބުނެ ތެދުވިއެވެ.

 

އަސުރުވަގުތު ފާއިތުވެ ދާންކައިރި ވުމުން އަވަހަށް ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ކުރިންވެސް ހުރިގޮތަށް ބެހެއްޓުމަށްފަހު ކޮޓަރީގެ ދޮރު ލެއްޕިއެވެ. ތަކުރުބެއާ މޫސަ އަދި ޒަރީރު އެގެއިން ނިކުމެ ހިނގައި ގަންނަނިކޮށް ގޭތެރެއިން ފާޑެއްގެ އަޑުފައްގަނޑެއް އިވުނެވެ. މޫސަގެ މަންމައާ ބައްޕަގެ އަޑުން ގޮވާއަޑުވެސް އިވުނެވެ. ނަމަވެސް އެއްވެސް މީހެއް ފަސް އެނބުރި ނުބެލުމަށް ތަކުރުބެ ބުނުމުން މޫސަވެސް ޒަރީރުވެސް ފަސް އެނބުރި ނުބަލައެވެ.

 

އެމީހުން ގެއަށްގޮސް ވަތްއިރު ޔަމަން އޮތީ ހުންއައިސް ރަތްވެފައެވެ. އޭރު ޔަމަން ކޮޓަރީގެ އެނދުމަތީގައި އޮތްއިރު ހަސީނާ ޔަމަންގެ ނިތްކުރީގައި ފެންފޮތިއަޅަނީއެވެ. އެމީހުން ކައިރީގައި ޒާންވެސް ޔަމަންގެ އަތުގައި ހިފާލައިގެން އިނެވެ.

“ހެޔޮނުވާނެ ތަކުރުބޭ… އެނީރު މަރާލަބަލަ…. މިކަން ނިންމާލަދީބަލަ…” ޒާން ތެދުވެގެންގޮސް ތަކުރުބެ ކުރިމަތީގައި ހުއްޓި އާދޭސް ކުރަންފެށިއެވެ. ހަސީނާވެސް އާދޭހުގެ ނަޒަރަކުން ތަކުރުބެއަށް ބަލާލިއެވެ.

“ޒާން ތިހީކުރާހާ ފަސޭހަ ކަމެއްނޫން މީކީ.. ޒާންއަށް ނޭނގޭ އެތައް ކަމެއް އެބަހުރި….ޔަމަން ތިހާލުގައި އޮއްވާ ޔަމަންއަކަށް ރުޣްޔާއެއް ނުކުރެވޭނެ. އެކަމަކު އިންޝާ ﷲ މިކަން ކޮޅެއްގައި ޖައްސާނަން.”

ތަކުރުބެ ފެންކިޔަވައި ޔަމަންގެ ބޮލަށް އެޅުމުން ކޮންމެވެސް ވަރަކަށް ހުންމަޑުވެ ދެލޯ ހުޅުވާލެވޭވަރު ވިއެވެ.

 

އަސުރުނަމާދަށް ފަހު ތަކުރުބެއާ މޫސަ އަދި ޒަރީރު ނިކުތީ މިރޭގެ ބޮޑު ކިޔެވެއްޔަށް ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. ރަށުތެރެއިން ފަރިތަކޮށް ޤުރުއާން ކިޔަވަން އެނގޭ ތޭރަ ފިރިހެނުން ހޯދިއެވެ. 21 ކުންނާރުފަތް ހޯދައި ހިމުންކޮށް ފުނޑުމަށްފަހު ބޮޑު ފެންބާލިދީއަކަށް ގިރުވައި މަތިޖެހިއެވެ. މޫސަގެ ގޯތި ތެރޭގައި ބަނބުކެޔޮ ގަސް ދަށުގައި ބޮޑު ސަތަރިއެއް އަޅައި އެންމެންނަށް އިށީނދެވޭނެހެން ތައްޔާރުކުރިއެވެ.

 

އިޝާ ނަމާދަށް ފަހު ޤުރުއާން ކިޔަވަން ހޯދި ތޭރަ މީހުން ޚަތިމްތައް ހިފައިގެން އައިސް ސަތަރިމަތީގައި އިށީނެވެ. ޒާންއާއެކު އޭނަގެ ބައްޕައާއި ދޮންބެވެސް އެރޭއައެވެ. މުދިންބެއާއެކު ރަށުގެ ކަމުވޮށިވެގެންވާ އިތުރު ހައެއްކަ މީހުން ވެސް އައެވެ. ރަށުގެ އެންމެންގެ ފަރާތުންވެސް ލިބުނު އެއްބާރުލުމަށް މޫސަހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މޫސަގެ ގޯތިތެރެ އޮތީ ފުރިފައެވެ. އޭރު ޔަމަން އައިސްފައި ހުރި ގަދަ ހުންނިވި މީހާ ހަމައަކަށް އެޅިފައި ހުރުމުން ރުޣްޔާ ކުރުމަށް ފަސޭހަވާނެ ކަމުގައި ތަކުރުބެ ބުންޏެވެ. އެހެންކަމުން ސަތަރިމަތީގައި ކުނަލެއް އެޅުމަށްފަހު އޭގެ މަތީގައި ޔަމަން ބޭއްވިއެވެ. ހަސީނާއާއި މޫސަ ތަންކޮޅެއްދުރުގައި ބަަލަން ތިއްބެވެ. އެދެމީހުންވެސް ތިބީ އެމީހުންގެ ހަމައެކަނި ހުރި ދަރިފުޅު މިކަމުން ސަލާމަތް ވުމަށް އެދި ހިތާހިތުން ދުޢާކޮށްކޮށެވެ. އޭރު ޒާންގެ މަންމަވެސް އައިސް ހަސީނާމެންކައިރީގައި ހުއްޓެވެ.

 

އެންމެން ހަމަވުމުން މާލަސްތަކެއް ނުކޮށް ތަކުރުބެގެ އެންގުމަށް ކިޔަވަން އައި އެންމެން ކިޔަވަން ފެށިއެވެ. ޔަމަންގެ ބޮލާވީކޮޅުން ކައިރީގައި ކުންނާރުފަތް ގިރުވާފައި ހުރި ފެންބާލިދީ ބަހައްޓައި ތަކުރުބެ އިށީނެވެ. ތަކުރުބެ ޔަމަންގެ ނިތްކުރީގައި އަތްއަޅައި ކިޔަވަން ފެށިއެވެ. އެހެން ކިޔަވާތާ ދިހަވަރަކަށް މިނެޓު ވީތަނުން ޔަމަންގެ ދެފައި ތެޅިގަތެވެ. ކުއްލިއަކަށް ދެލޯމަރައިގެން އޮތް ޔަމަން ވާހަކަ ދައްކަން ފެށިއެވެ.

“ކަލޭމެން ކިހިނެއް ވެގެންތަ ތިއުޅެނީ…؟…” ޔަމަންގެ ގައިތެރެއިން ވާހަކަދެއްކީ ނީރުއެވެ.

“މިރޭ ދެވޭނީ މިކަން ކޮޅެއްގައި ޖައްސާފަ… ކަލެއަކީ ކާކުކަން މިހާރު އަހަރުމެންނަށް އެނގިއްޖެ…. ތީ މަރިޔަމް ގެ ލޯބިވެރިޔާއެންނު؟… ” ތަކުރުބެ އެހެންބުނުމުން އެތާ ތިބި އެންމެންވެސް އެކަކު އަނެކަކަށް ހައިރާންވެފައި ބަލަން ފެށިއެވެ. ޒާން ފިޔަވައި އެތާތިބި އެންމެންނަށް ވެސް މަރިޔަމް އަކީ މޫސަގެ ދައްތަ ކަމާ ސަތާރައަހަރުގައި އޭނާ ބަލިވެ އުޅުމަށް ފަހު މަރުވިކަން އެނގެއެވެ. މީހުންގެ ފަރާތުންނާ އެކި ގޮތްގޮތުން އެވާހަކަ އެނގިފައި ވީނަމަވެސް ފޮރުވިފައިވާ އެއްވެސް ސިއްރެއް އެކަކަށް ވެސް ނޭނގެއެވެ. މޫސައާއި، ޒަރީރު އަދި ތަކުރުބެއަށް ވެސް އެނގިފައި ވަނީ މިއަދު މަރިޔަމްގެ ފޮތުގައި ލިޔެފައިވާ ލިޔުންކޮޅުން އެނގުނު މިންވަރެކެވެ.

 

“ކަލެއަށް އެކައްޗެއްވެސް ނޭނގޭ…. ކަލެއަށް އެނގުނީ މަރިޔަމްގެ ފޮތުގައި ލިޔެފައިވާ އެއްޗެއް އެކަނި…. ކަލޭމެން އޭނާގެ ކޮޓަރިއަށް ވަދެ އޭނާގެ ތަކެތީގައި އަތްލާން އޮތީ ކޮންހައްގެއް؟… މަރިޔަމްއަކީ މަގޭ ފުރާނަ…” ޔަމަންގެ ކަރުން ނިކުތް ނީރުގެ އަޑުން މުޅިތަން ގުގުމާލިއެވެ.

 

“ކަލޭ މަރިޔަމްދެކެ ތިހާ ލޯބި ވީކަމަކަށް މަށެއް ގަބޫލެއް ނުކުރަން… ޔަމަންއަކީ މަރިޔަމްއަށް ބޮޑުދައިތަ ކިޔާކުއްޖެއް… ކަލޭ ތި ހަލާކު ކޮށްލަނީ ޔަމަންގެ މުޅި ދިރިއުޅުން….” ތަކުރުބެ ވާހަކަ ދެއްކީ ވަރަށް ރުޅިއައިސްފައެވެ. އެތާތިބި އެންމެންވެސް ވާނުވާއެއް ނޭނގި ހައިރާންވެ ބިރުގަނެފައި އެމަންޒަރު ބަލަން ތިއްބެވެ.

“މިހުރިހާ ކަމެއް ނިމެން އުޅެނިކޮށް މިކަން އަލުން ފެށީ މޫސަގެ ބައްޕަ… މިއެއްވެސް ކަމެއް މިވަނީ އަހަރެން ބޭނުން ވެގެނެއް ނޫން… ކޮންމެ ފަހަރަކު އަމިއްލައަށް މަށަށް ގޮވާ ގެންނަނީ އެމީހުން…” ނީރު އެހިސާބަށް ބުނިތަނުން ގޯތިތެރޭގައިހުރި ބަނބުކެޔޮ ގަހުގެ ފަތްތައް ތެޅިގަތެވެ.

“ސާފުކޮށް ހުރިހާ ކަމެއް ފެށިގެން ނިމެންދެން ކިޔާދީ.. މަރިޔަމްގެ ހައްގުގަ ނަމަވެސް ކިޔާދީ…” ތަކުރުބެ ބޭނުންވީ މިކަން ކޮޅެއްގައި ޖައްސާށެވެ.

 

“މަރިޔަމްގެ ކާފަ ފައިސާއާ މުދަލުގެ ދަހިވެތި ކަމުގައި ހެދި ވަރުގަދަ ސިހުރުތައް ހެދީ ޒޮހަރުގެ އެހީއާއެކު. ޒޮހަރު އަކީ ހުރިހާ އިފުރީތުންގެ ވެރިމީހާ.. އަހަރުމެންނަކީ ހަމައެކަނި އޭނާގެ އަޅުން.. ދޮންކަލޭފާނު ހެދި އެހުރިހާ ސިހުރެެއް އުފުލަން މަށާ ހަވާލުކުރީ ޒޮހަރު. އެކަމުގެ ބަދަލަކަށް އޭނާގެ އާއިލާއަށް އުފަންވާ އެންމެ ރީތި އަންހެންކުއްޖާ އަހަރެންނަށް ހިބަކޮށްދޭގޮތަށް އޭނާ ވައުދުވި…. ޒޮހަރު އަހަރެންނަށް އަމުރުކުރީ މަރިޔަމް ދުނިޔެއިން މޮޔަކޮށްލާ ދުކުއަނިޔާ ދީ މަރާލަން.. އެއީ އޭނާ އަކީ އަހަރެން ނަށް ހިބައިން ލިބިފައިވާ ކުއްޖެއްވީމަ… އޭނާގެ މަރަށްފަހު އަހަރެންގެ ބާރުގަދަވާނެ ކަމަށް ޒޮހަރު ބުނި….. އެކަމަކު އަހަންނަށް މަރިޔަމް ފެނުންތަނުން އޭނާދެކެލޯބި ވެވުނީ…. އަހަރެންނާ މަރިޔަމްއާ ދޭތެރޭގައި އޮތީ ލޯބީގެ ގުޅުމެއް. އަހަރެން މަރިޔަމްއަށް އެއްވެސް އަނިޔާއެއް ދޭން އެއްބަސް ނުވުމުން ޒޮހަރު އަހަރެންގެ މައިންބަފައިންނާ އާއިލާ ބަންދުކޮށް އެމީހުންނަށް އަނިޔާދޭންފެށީ…. އެވަރުންވެސް އަހަރެން އެއްބަސް ނުވުމުން އަހަރެންވެސް ކަނޑުގެ އެންމެ އަޑީގައި ހައްޔަރުކުރީ… އަހަރެން ސަލާމަތް ވީދުވަހު އެނގުނީ މަރިޔަމް ޒޮހަރުގެ އަނިޔާއަށް ކެތްނުވެގެން އަމިއްލައަށް މަރުވީ ހަމައެދުވަހުކަން… ޒޮހަރު އަހަރެން ދޫކޮށްލީ މަރިޔަމް މަރުވުމުން ކަން އެނގުނީ އެހިސާބުން… މަރިޔަމްގެ ޑައިރީ އަހަރެންކީ ހަމަ އެދުވަހު… މަރިޔަމްގެ މަންމައާ ބައްޕައަށް އަހަރެން އެންގިން މަރިޔަމްގެ އެއްވެސް އެއްޗެއްގައި އެއްވެސްމީހެއް އަތްލައިފިނަމަ މަރާލާނެ ކަމަށް.. އެހެންވެ ބިރުން އެމީހުން އެކޮޓަރި ތާއަބަދަށް ތަޅުލީ. މަރިޔަމްގެ މަންމައަކީ މަރިޔަމްގެ ކާފަގެ ހަގީގަތް ދުނިޔެއަށް އެނގިދާނެތީ އެހުރިހާކަމެއް ސިއްރުކުރި ނުލަފާމީހާ…. އެމުޅި އާއިލާ އަކީ އެއްވެސް ރަހުމެއް ނެތް ފައިސާއާ މުދަލާ ހެދި ހޭބަލި ވެފަތިބި ބައެއް… އެމީހުންނަށް އަހަރެންގެ މަރިޔަމްގެ ހަނދާން ކުރުންވެސް ހައްގެއްނޫން… ”

އެހިސާބަށް ބުނެ ނީރު ވާހަކަ ހުއްޓާލިއެވެ. އެވާހަކަ އަޑުއަހަން އެތާގައިތިބި އެންމެންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އިފްރީތަކާ އިންސާނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭނީ ކިހިނެއްބާއެވެ. އެންމެންގެ ސިކުނޑީގައިވެސް އެނބުރެމުން ދިޔައީ އެއްސުވާލު ތަކެކެވެ.  މޫސަގެ ގޯތިތެރޭގައި ވަނީ ހަމަހިމޭންކަމެވެ.

“އަދި ނުނިމޭނު ތިވާހަކަ… ހުރިހާ ކަމެއް ސާފުކޮަށްދީ… ޔަމަން އަށް ތިއުނދަގޫ ކުރާ ސަބަބަކީ ކޮބާ..؟” ތަކުރުބެ ސުވާލުކުރިއެވެ.

 

“މަރިޔަމް މަރުވުމުން އަހަރެންނާ އަހަރެންގެ އާއިލާ ސަލާމަތްވީ… މަރިޔަމްގެ ހަނދާނުގައި އަހަރެން ވަރަށް ހިތާމަ ކުރިން…. މަރިޔަމްގެ މަރުގެ ބަދަލުހިފަން ދޮންކަލޭފާނާ އޭނާގެ އަންހެނުން މަރާލީ އަހަރެން… އެހިސާބުން އަހަރެން ހީކުރީ އެސިހުރުގެ ހުރިހާ ސުންޕާ ކަމެއް ނިމުނީކަމަށް… އެކަމަކު ދޮންކަލޭފާނު މަރުވުމުން އޭނާގެ މުދަލާ ފައިސާ އޭނާގެ ދަރިންނަށް ބެހަން ޖެހުމުން މޫސަގެ ބައްޕަ އެކަމާ ހިތްހަމަ ނުޖެހުނީ. ދޮންކަލޭފާނުގެ އަނެއްބަނޑަށް ލިބިފައި ތިބި ދެދަރިންނަށް އެއްވެސް މުދަލެއް ނުލިބޭނެހެން މޫސަގެ ބައްޕަ ރާވަންފެށި…. ދުނިޔޭގެ މުދަލާ ފައިސާގެ ބޭނުމުގައި ދޮންކަލޭފާނުގެ ފޮތްބޮނޑިން ދަސްކޮށް އަނެއްކާ ހަމަ އެސިހުރު އޭނާވެސް ހަދަން ރޭވި… އެހިސާބުން އަހަރެން ރޭގަނޑު ދަންވަރު އިންސާނެއްގެ ސިފައިގައި މޫސަގެ ބައްޕައާ އެކިރޭރޭ މަތިންގޮސް ވިސްނައިދޭން މަސައްކަތް ކުރިން… ނަމަވެސް އޭނާ ހުރީ މުދަލާ ހެދި މޮޔަވެފަ… އޭނާ އެސިހުރު ހަދައި ކުޑަ ލަކުޑި ފޮއްޓެއްގައި ރައްކާކޮށް ދޮންކަލޭފާނުގެ މަހާނައިގަ ވަޅުލީ… އެހިސާބުން އަހަރެންނަށް މަޖުބޫރުވީ އަނެއްކާ އެނބުރި އަންނަން…. މިފަހަރުވެސް ޒޮހަރު އަހަރެންގެ އާއިލާއަށް އަނިޔާ ދޭނެ ކަމަށް ބުނި….އެހެންވެ އަހަރެންގެ މުޅިއާއިލާވެސް ޔަމަންއަށް ޖެއްސުންކުރަން އަންނަންފެށީ ޒޮހަރު ދެކެ ގަންނަ ބިރަށް… އަހަރެން ޔަމަންދެކެ އެއްވެސް ލޯތްބެއް ނުވޭ.. އެސިހުރު ބާތިލް ނުވާހާ ހިނދަކު އަހަރެންނަށް އޮތްގޮތަކީ އޭނާ މޮޔަކޮށް މަރާލުން… އިތުރުގޮތެއް ނެތް.. އެސިހުރު ބާތިލް ކޮއްފިނަމަ އަހަރެން ދުވަހަކުވެސް ނާންނާނަން. އަންނާކަށް ނުވެސް ޖެހޭނެ. މަރިޔަމްގެ އާއިލާ ރައްކާތެރިވެސް ކޮށްދޭނަން…”

 

ނީރުގެ ވާހަކަ އަޑުއަހާފައި ތަކުރުބެ މުދިންބެ ކައިރިން އެދުނީ ވަރުގަދަ ، ބިރުކުޑަ ހަތް މީހުން ގޮވައިގެން އަލިގަދަ ބިގަރު ހިފައިގެން އައުމަށެވެ. މުދިންބެ ވަގުތުންގޮސް ބިގަރުތަކާއި މީހުން ގޮވައިގެން އައުމުން ތަކުރުބެ ކިޔަވާފައި ހުރި ފެންބާލިދީން ފެންނަގައި އެމީހުންގެ ގަޔަށް ފެންބުރުވިއެވެ. އަދި ކިތަންމެ ވަރުގަދަ ޖިންނިއެއް އަޔަސް އޭގެން އެމީހުންގެ ހަށިތައް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ދިނެވެ. ތަކުރުބެ އެމީހުންގެ ކިބައިން އެދުނީ ބާސަހަރާއަށް ގޮސް ދޮންކަލޭފާނުގެ މަހާނައިގައި ވަޅުލާފައިވާ ލަކުޑިފޮށި ކޮނެގެން ނަގައިގެންގެނައުމަށެވެ. އެމީހުން ދުވެފައި ކަހަލަ ގޮތަކަށް ވަގުތުން ބާސަހަރާއާ ދިމާލަށް ދިޔައެވެ. އޭރުވެސް ގޯތި ތެރޭގައި ވަނީ ހަމަހިމޭންކަމެވެ. އޭރުވެސް ޔަމަން ހަމައެއޮތް ގޮތަށް ލޯމަރައިގެން އޮތެވެ.

 

ސާޅިސް ފަސްމިނެޓެއްހާއިރު ތެރޭގައި މުދިންބެ އޭނާއާއެކު ދިޔަމީހުންނާއެކު އަނބުރާ އައެވެ. މުދިންބެ އައިސް ތަކުރުބެ އަތަށް އެކުޑަ ލަކުޑި ފޮށި ދިނުމުން ތަކުރުބެ އެއަށް ރަނގަޅަށް ބަލައިލިއެވެ. އަދި ހަސީނާ ކައިރީގައި ބުނެގެން ދަގަނޑު ދޮލަނގެއް ގެނެސް އޭގެ ތެރޭގައި އެފޮށި ބަހައްޓައި އެފޮށީގައި ހުޅުޖެހިއެވެ. އިރުގަނޑަކު އެނދުމަށްފަހު އެފޮށި އަޅިއަށްވެގެން ދޮލަނގު ތެރެއަށް ފޭބިއެވެ. ތަކުރުބެ އެއަޅިތަކުގެ ތެރެއަށް ފެންބާލިދީން ފެންނަގައި އެޅުމަށް ފަހު މުދިންބެ އަތަށް ދިނެވެ. އަދި އެހިފައިގެން ގޮސް އޭގައި ހުރި އެއްޗެހި މޫދަށް އޮއްސާލުމަށް ފަހު ދޮލަނގު މޫދަށް އެއްލާލުމަށް ބުންޏެވެ.

“ކޮންމެ ފަދައަޑެއް އިވުނަސް ފަސް އެނބުރި ނުބަލާތި!!. ނަމުން ގޮވިޔަސް ޖަވާބު ނުދޭތި!!. ދާގޮތަށް ގޮސް ބިސްމި ކިޔައި ތިކަން ކޮއްފަ އަވަހަށް އާދޭ.. އެހިސާބަށް ދެވެންދެން ބާރަށް ކުރުސިކިޔާތި.!…” ތަކުރުބެ މުދިންބެއަށް ކަންކުރަންވީގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. މުދިންބެ ބާރުހިނގުމުގައި މޫދާދިމާލަށް ހިނގައިގަތެވެ.

 

 

އެވަގުތު ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަސް އަނެއްކާވެސް ތެޅިގަތެވެ. ޖެހުނު ގަދަ ވައިރޯޅިއާއެކު ބިންމަތިން ބުރައިގެން ދިޔަ ވެލިތައް އެތާތިބި ބައެއްމީހުންގެ ލޮލަށްވެސް ބުރައިގެންދިޔައެވެ. ތަކުރުބެ އަނެއްކާ ޔަމަންގެ ނިތްކުރީގައި އަތްއަޅައި ކިޔަވަން ފެށިއެވެ. މިފަހަރު ޔަމަންގެ ކަރުން ނިކުތީ މުޅިން އެހެން އަޑެކެވެ. ބިރުވެރި އަދި އެހާބެ ބާރުއަޑެކެވެ.

 

“ކަލޭމެންނަށް ހީވަނީ ކަލޭމެންނަށް މިކަން ނިންމާލެވޭނެ ކަމަށްތަ؟… ” އެބަރު އަޑުން ހަޅޭއްލަވައިގަތެވެ.

“ކަލެއަކީ ޒޮހަރު ދޯ.. ކަލޭ ހީކުރީ ތީ މާބާރުގަދަ މީހެއް ކަމަށްތަ؟. بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ . حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ .”

 

ތަކުރުބެ މާގިނަ ވާހަކައެއް ނުދައްކައި ބިސްމި ކިޔުމާއެކު ކައިރީގައި ހުރި ފެންބާލިދީ ނަގައި ޔަމަންގެ ބޮލުން ފެށިގެން ފަޔަށް އޮއްސާލިއެވެ. ޔަމަން ތެޅިގަނެފައި ކަރުތެރެއިން އަޑުތަކެއް ނެރުމަށްފަހު މަޑުމަޑުން ހަމަޖެހުނެވެ. އަދި ދެލޯހުޅުވާލިއެވެ.

އޭރު ވަށައިގެންތިބި އެންމެންގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހިފައިތިބި ކަމެވެ. އެތައް ދުވަހަކަށް ފަހު މޫސައާއި ހަސީނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެވަގުތުއެވެ. އެމީހުންނަށް އެމީހުންގެ ލޯބިވާ ދަރިފުޅު އަނބުރާލިބުން ފަދައެވެ.

 

“އިންޝާ ﷲ ދެން ދުވަހަކުވެސް އެއްވެސް ނުބައި ހިޔަންޏެއް މި އާއިލާއަކަށް ނޭޅޭނެ.” ޒޮހަރު މަރުވެ ހުރިހާ މުސީބާތަކުން މޫސަގެ އާއިލާ ސަލާމަތް ވީކަމުގެ ހިތްހަމަ ޖެހުމާއެކު ތަކުރުބެ ﷲ އަށް ހަމްދު ކުރިއެވެ.

 

އެތާގައި ތިބި އެންމެންނަށް އެއްފަަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ. “ٱلْحَمْدُ لِلَّٰهِ”

…ނިމުނީ…

 

ނޯޓު: މިވާހަކަ ޝައުޤު ވެރިކަމާއެކު ކިޔާލި ހުރިހާ ކުދިންނަށާ، ކޮމެންޓު ކުރި ކުދިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ… އިންޝާ ﷲ އަނެއްކާވެސް އެހެން ވާހަކައެއް ކުރިއަށް ގެންދާނަން.. ކިޔުންތެރިން ބޮޑަށް ކިޔާލާ ހިތްވަނީ ކޮންކަހަލަ ވާހަކައެއް ކަން ކޮމެންޓުގައި ލިޔެލަ ދިނިއްޔާ ވަރަށް އުފާވާނެ. އަދިވެސް އެއްފަހަރު

ވަރަށް ބޮޑަށް ޝުކުރިއްޔާ.

 

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

Next

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

Next
August 13, 2026

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

Previews
August 13, 2026

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

One Comment

  1. Toy. D says:
    August 13, 2026 at 7:15 pm

    ❤️

Comments are closed.



All Right Reserved!