ހިޔަނި – 9
މޫސަމެންގެ ގޭތެރޭގައި އޮތީ ބުނެދޭން ނޭނގޭ ފަދަ ހިމޭންކަމެވެ. ގޭތެރެއަށް އަނެއްކާވެސް ބިރުވެރިކަން ވެރިވެއްޖެއެވެ. ކުރިން އެންްމެންނަށް ވެސް އެނގިފައި އޮތީ ޔަމަންގެ ފަހަތުން އުޅުނީ ނީރް ނަމަކަށް ކިޔާ ޖިންނިއެއްކަމެވެ. ތަކުރުބެގެ އެހީތެރިކަމާއެކު އޭނާގެ ނަމާއި އޭނާއައި ސަބަބުވެސް އެނގުނެވެ. ނަމަވެސް މިހާރު އެއީ ނީރުގެ އެކަނި ކަމެއް ނޫނޭ ތަކުރުބެ ބުނި ހިސާބުން އެންމެންގެ ހިތުގައި ކުރިން އޮތްބިރު އެތަކެއް ގުނައަކަށް ބޮޑުވެގެން ގޮސްފިއެވެ.
ހެނދުނުގެ ސައިބޮއި ނިމުމާއެކު މޫސަ ކައިރީގައި ތަކުރުބެ އެދުނީ އޭނާ ގޮވައިގެން ބާސަހަރާއަށް ދިއުމަށެވެ. ބާސަހަރާ ހުންނަނީ އެގެ ހުންނަ މަގުގެ ކޮޅުގައެވެ. އެއީ އެންމެކުރިން އެރަށުމީހުން ވަޅުލާހެދި ސަހަރާއެވެ. އެތާގައި މިހާރު މީހުން ވަޅުނުލާތާވެސް އެތަކެއް އަހަރެއް ވެއްޖެއެވެ. ގިނަ މަހާނަ ގާތައްވެސް ވަނީ ވީރާނާވާން ފަށާފައެވެެ. ބާސަހަރާގެ ބިއްދޮށަށް އޮންނަނީ ވަލެވެ. އެދިމާލުގައި ގަސްބޯވެ ޖަންްގަލި ހެދިފައި އޮންނާތީ މިހާރު މީހުން މާގިނައިން އެހިސާބަށް ވަރަށް ގޮސް ނޫޅެެެއެވެ. ވަލުގެ ބިއްދޮށުން އެދިމާލު މޫދާދިމާލަށް ނިކުމެވޭގޮތަށް ވަލުތެެރެއިން ހަނި ދެމަގު ކޮށާފައި އޮވެއެވެ.
ތަކުރުބެ ސަހަރާ ތެރެއަށް ވަދެ ދެކޮޅަށް ހިނގަންފެށިއެވެ. ކޮންމެވެސް އެއްޗެއް މަޑުމަޑުން ކިޔަމުން އަތުގައި އޮތް ތަސްބީހަފަތީގެ އޮށްތައް ގުނަމުންދިޔައެވެ. ” މިތަނުން ކޮބާ މޫސަގެ ކާފަގެ މަހާނަ؟” ތަކުރުބެ އެހެން ބުނުމުން މޫސަ ސަހަރާތެރެއަށް ރަނގަޅަށް ބަލާލިއެވެ. އެތަނުން ވަރަށް ބޮޑަށް ވީރާނާވެފައިވާ މަހާނަ ގަލަކާ ދިމާލަށް މޫސަ އިނގިލި ދިއްކޮށްލިއެވެ. ތަކުރުބެ ގޮސް އެމަހާނަ ކައިރީގައި ހުއްޓި އިރުކޮޅަކު މަޑުކޮށްލިއެވެ.
“މޫސަގެ ކާފަ މަރުވީ ކިހިނެއް؟” ތަކުރުބެ ވިސްނަން ހުރެ އަހާލިއެވެ.
” މީހުން ކިޔާ ކާފަ ނިޔާވީ ވަރަށް ބޮޑަށް ބަލިވެގެން އުޅެފައޭ..” މޫސަ ހަނދާން ކޮށްލާފައި ޖަވާބު ދިނެވެެ.
” ތީ މުޅިން ހަގީގަތެއް ނޫން..” ތަކުރުބެ އެހެންބުނެ ސަހަރާއިން ނިކުންނަން ހިނގައިގަތެވެ.
މެންދުރު ވާންއުޅެނިކޮށް ގެއަށް އައިސް މޫސަ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯތެވެ. މޫސަގެ ކާފައާ ބެހޭގޮތުން މޫސައަށް އެނގިފައި އޮތީ ހަމައެކަނި އޭނާގެ ބައްޕަ ކިޔާދީފައިވާ ވާހަކަ ތަކެވެ. މޫސަގެ ބައްޕަ މޫސައަށް ދޮގު ހެދީބާއެވެ. މޫސަގެ ސިކުނޑީގައި ކުޑައިރުގެ ހަނދާންތައް އާވެގެންދިޔައެވެ. އޭނާ ކުޑައިރު އޭނާގެ ބައްޕަ ރޭގަނޑު ދަންވަރު ވަލުތެރެއަށް ދާ ހަނދާނެވެ. ގޮތް ނޭނގޭ ނުދަންނަ މީހުން ރޭގަނޑު އެގެއަށް އަންނަ ހަނދާނެވެެ…
އެދުވަހުގެ ހަވީރު ޒާންއާއި ޔަމަން އަތިރިމަތީ ޖޯލީގައި ފިނިކޮށްލަން ތިންބެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެ އެތައް އިރަކު މޫދާ ދިމާލަށް ބަލަން ތިއްބެވެ.
“ޒާން… މިކަންތައް ދުވަހަކުވެސް ނުނިމިއްޖެއްޔާ ޔޯ…” ޔަމަން ޒާންގެ މޫނަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
“އިންޝާ ﷲ މިކަން ވަރަށް އަވަހަށް ނިމޭނެ..” ޒާން މަޑުމަޑުން ޔަމަންގެ އަތުގައި ހިފާލިއެވެ.
” އަހަރެން ވަރަށް ބިރުގަނޭ މިކަންތަކާ ހެދި ޒާންއަށް ކަމެއްވެދާނެތީ..އެހެންވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟…” ޔަމަން އިސްޖަހާލަމުން ބުންޏެވެެ.
“ޔަމަން މާބޮޑަށް ބިރު ނުގަނޭ… ކޮންމެ ކަމެއް ވިޔަސް އަހަރެން ދުވަހަކުވެސް ޔަމަން ދުލެއް ނުކުރާނަން.. އަބަދުވެސް ހުންނާނީ ޔަމަން ކައިރީގަ. ޔަމަންތީ އަހަރެންގެ ފުރާނަ އެންނު…” ޒާން ވާހަކަދެއްކީ އިސްޖަހާލައިގެން އިން ޔަމަންގެ ބޮލުގައި ފިރުމާލަމުންނެވެ.
“ޒާން….” އެމީހުން ތިބި ޖޯލިތަކުގެ ފަހަތުން މީހަކު ޒާންއަށް ގޮވާލިއަޑަށް ދެމީހުންނަށް އެއްފަހަރާ ފަހަތަށް ބަލާލެވުނެވެ. އެއީޒާންގެ އަޑެވެ. ދެމީހުންވެސް ހައިރާވެފައި ދެމީހުންގެ މޫނަށް ބަލާލިއެވެ. ފަހަތުގައި އެކަކުވެސް ނެތެވެ. ނަމަވެސް ދެމީހުންގެ ކައިރިން ބިންމަތިން ކުއްލިއަކަށް މީހެއްގެ ފިޔަވަޅުގެ ނިޝާން ފާޅުވިއެވެ. މީހަކު ނެތި ކުއްލިއަށް ފެނުނީ ބޮޑު ފައިތިލައެއްގެ ނިށާނެވެ. ބޮޑު ދެފިޔަވަޅެވެ. ޒާންއާއި ޔަމަން ގަތް ބިރުން އަތުގައި ހިފައިގެން ގެއާ ދިމާލަށް ދުއްވައިގަތެވެ.
ގެއަށް ވަޔްތަނުން ތަކުރުބެ ޒާންކައިރީގައި ވީގޮތް އަހަންފެށިއެވެ. މާނޭވާ ލަމުން ޒާން ވީގޮތް ކިޔާދިނެވެ.
“ޒާންގެ އަޑުންތަ ގޮވީ؟… ޒާންގެ ވާހަކަ އަޑުހާފައި ތަކުރުބެ އަހާލިއެވެ.
ޔަމަންއާއި ޒާންއަށް އެއްފަހަރާ އާނއެކޭ ބުނެވުނެވެ. “ތީ ވަރަށް ނުރައްކާ ކަމެއް…ބައެއް ޖިންނިން އިންސާނުންގެ އަޑު ނަކަލުކޮށް އެކަކު އަނެކަކާ ދޭތެރެ ޖައްސާ ހަގީގަތް އޮޅުވާލާ، ބިރު ދައްކާ ސިކުނޑިއާ ކުޅެލާނެ.”
ތަކުރުބެގެ ވާހަކަ އިވިފައި އެންމެންވެސް ތިބީ ބިރުންނެވެ. ތަކުރުބެ ޒާންއާއި ޔަމަންއަށް ވިސްނައިގެން އުޅުމަށް ނަސޭހަތް ދިނެވެ. “މިހާރު އެއުޅެނީ ތިދެކުދިން ދުރުކުރަން.. ވަރަށް ވިސްނައިގެން އުޅޭތި… ކަމެއް ދިމާވިޔަސް އެކަކު އަނެކާ ސުވާލު ކޮށް އޮޅުން ފިލުވާތި. އިވޭހާ އަޑަކީ ހަގީގަތެއް ނޫންކަން ހަނދާންކުރާތި…!!.”
*******
އެރޭވެސް ތަކުރުބެ ރުޣްޔާކުރަން ތައްޔާރުވިއެވެ. އެންމެ ފުރަތަމަ ޤުރުއާން ކިޔަވަން ގެނައި ހަތަރު މީހުން އެރޭވެސް މޫސަގެ އެދުމަށް އައިސް ސިޓިންރޫމުގައި ތިއްބެވެ. ޔަމަން އިނީ ސިޓިންރޫމުގެ މެދުތެރޭގައި ބިންމަތީގައި ދެލޯމަރައިގެން އިށީނދެގެންނެވެ. ތަކުރުބެ ކިޔެވެލި ފެށުމާއެކު ގުރުއާން ކިޔަވަން ގެނައި މީހުންވެސް ތަކުރުބެ އެންގިސޫރަތް ކިޔަވަން ފެށިއެވެ. ގަޑިއެއްގެ އިރު ހުއްޓާނުލާ އެހެންކިޔަވަމުން ދަނިކޮށް ކުއްލިއަކަށް ޔަމަންދެލޯ ހުޅުވިއެވެ. “ތަކުރުބޭ…. ” ކަރުތެރެއިން އައި ބަރުއަޑަކުން ޔަމަން ވާހަކަދައްކަން ފެށިއެވެ. ވަށައިގެން ތިބި އެންމެންވެސް ތިބީ ބިރުން ނޭވާ ހިފަހައްޓާލައިގެންނެވެ. “ތީ ނީރުތަ؟… ތަކުރުބެ އަހާލިއެވެ.
“ނީރުއެއްނޫން މީކީ… ނީރު ހީކުރީ އޭނާއަކީ ކާކުކަމަށްތަ؟…އެއީ ނިކަމެތި އަޅެއް… ވެރިމީހާއެއްނޫން… ” ޔަމަން ޖަވާބުދިނީ ބަރުއަޑަކުން ހެމުންނެވެ.
އެއަޑު އިވިފައި އެންމެންވެސް ހައިރާންވެ ސުވާލުގެ ނަޒަރުން އެކަކު އަނެކަކަށް ބަލާލިއެވެ.
“ދެން އެހެންވީރު ކަލޭ ތީކާކު؟… ” ތަކުރުބެ ސުވާލުކުރިއެވެ.
އެވަގުތު ޔަމަންގެ ގައިތެރެއިން ޖިންނި އަޑުގެ ނެއްތަނަށް ބާރަށް ހޭން ފެށިއެވެ.
“ފުރަތަމަ މޫސަ ކައިރީގަ އަހާބަލަ އޭނާގެ ކާފަގެ މަހާނައިގައި ވަޅުލާފައި އޮތީ ކޯއްޗެއްތޯ… ” އޭތިއެހެން ބުނިތަނާ މޫސަހަޅޭއްލަވައިގަނެފައި ސިޓިންރޫމުގެ ކަނަކާދިމާލަށް އަތްދިއްކޮށްލިއެވެ. އޭރު މޫސަ އިނީ ބިރުން ދެލޯބޮޑުވެފައެވެ. ދާހިއްލާފޯވަފައެވެ. މޫސަގެ ކާފަގެ ސިފައިގައި ފެންނަންހުރި އެތީގެ ދެލޯ ހުރީ ކަޅުކުލައިގައެވެ. އެންމެންގެ ނަޒަރު ހުރީ އެއާދިމާލަށް ހުއްޓިފައެވެ.
“ކަލޭގެ އާއިލާ ވަޢުދުވީ އެންމެ ރީތި އަންހެންކުއްޖާ ދޭން… އެކަން ވެއްޖެ…. އެކަމަކު އަނދިރީގައި އެކުރެވުނު ކޮންމެ ވަޢުދެއްގެ ބަދަލުވާކަން ހަނދާން ނެތުނީތަ؟… ” މޫސައާ ދިމާލަށް ބަލަން ހުރެ ބިރުވެރި އަޑަކުން ކަރުބުޑުން އޭތި ވާހަކަދައްކަމުން ދިޔައެވެ. ކުއްލިއަކަށް މުޅިގެއިން ކަރަންޓުކެނޑި ގޭތެރެއަށް ކަޅުއަނދިރިކަން ވެރިވިއެވެ. ދެންއިވުނީ ޔަމަން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތް އަޑެވެ.
“އެއްވެސް މީހެއް އިންތަނުން ނުތެދުވާތި!!!” ތަކުރުބެ އެހެން ބުނުމުން އެންމެން ގުޑިވެސްނުލައި ބިރުން ތިއްބެވެ. ގޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ތަކުރުބެ އަޑުހަރުކޮށް އަލްޙަމްދުު، އިޚްލާސް، ފަލަޤި އަދި ނާސި ސޫރަތް ކިޔަވަންފެށިއެވެ. އެއަށްފަހު ބާރަށް ކުރުސި ކިޔެވިއެވެ.
އިރުކޮޅެއްގެ ތެރޭގައި ކަރަންޓުއައިސް ބޮކިތައް ދިއްލުނެވެ. އެންމެންވެސް ބަލާލީ ޔަމަން ކޮބާތޯއެވެ. އޭރުވެސް ޔަމަން ހަމައިންތާ އިނެވެ. ނަމަވެސް ޔަމަންގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުންދިޔައެވެ. ޔަމަން ރޮމުން މޫސައަށް ގޮވާލުމުން މޫސަގޮސް ޔަމަންގެ ގައިގައި ބައްދާލިއެވެ. “ކިހިނެއްތަވީ ދެންމެ… އަހަރެން ހަނދާނެއް ނެތް ވީގޮތެއް…” ޔަމަން ވާހަކަ ދެއްކީ ރޮމުންނެވެ.
“މޫސާ .. އަހަންނަށް ހުރިހާ ހަގީގަތެއް ކިޔާދީ… ތިޔަ ސިއްރުކުރާ ކަންކަން ކިޔާދީ…” ތަކުރުބެ ހިތްހަމަ ނުޖެހިފައިހުރެ މޫސައާ ދިމާލަށް ބުންޏެވެ.
އެރޭ އެކަންތަކަށް ފަހު ކިޔަވަން އައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް މޫސަ ސަތޭކަ ރުފިޔާ ދިނުމަށް ފަހު އަދިވެސް އަންނަން ޖެހިއްޖެ ނަމަ އައިސްދިނުމަށްއެދި ފޮނުވާލިއެވެ.
ރޭގަނޑު 1 ޖަހާ ބޮޑުވީރުވެސް މޫސަގެ ދެމަފިރިންނަށް ނިދޭގޮތެއް ނުވިއެވެ. އެރޭ ޔަމަން އޮތީ މޫސަގެ ކޮޓަރީގައެވެ. ޔަމަންއަށް ނިދިފައި އޮތުމުން މޫސައާއި ހަސީނާ މަޑުމަޑުން ސިޓިންރޫމަށް ނިކުމެ ސައިތައްޓެއް ބޯލަންކަމަށް ކާމޭޒު ކައިރީގައި އިށީނެވެ. އޭރު ތަކުރުބެ ސަރަންފީއެއްގައި ހަތިމު ހިފައިގެން ޤުރުއާން ކިޔަވަން އިނެވެ.
ހަތިމު ލައްޕާލުމަށް ފަހު ތަކުރުބެ މޫސަ ކުރިމަތީގައި ގޮސް އިށީނެވެެ. “މޫސަގެ ބައްޕަ އާ ބެހޭގޮތުން އަހަންނަށް ކޮންމެހެން އެނގެން ޖެހޭ ސިއްރެއް އޮތްނަމަ ތެދު ތެދަށް ކިޔާދީބަލަ.. މިކަންތައް ގަނޑު ނިމެން ބޭނުން ވާނަމަ ހަގީގަތް ނުފޮރުވާ ކިޔާދީ..” ތަކުރުބެ އާދޭހުގެ ރާގަކަށް ބުންޏެވެެ.
“އަހަރެންގެ ބައްޕަ އަކީ ގޯސްމީހެއް ނޫން… އެކަމަކު އަހަރެން ހަނދާން އެބަހުރި އަހަރެން ވަރަށް ކުޑައިރު ރޭގަނޑު ވަރަށް ގިނަ ރޭރޭ ބައްޕަ ދާނެ ތޮށިމައްޗަށް މަސް ބާނާށޭ ކިޔާފަ…. އެކަމަކު ގިނަ ރޭރޭ ގެއަށް އަންނައިރު ނުގެންނާނެ އެއްވެސްމަހެއް. އަދި ބައެއް ރޭރޭ ދަންވަރު ފެންނާނެ މުސްކުޅި މީހުން ބައްޕަ ކައިރީގަ އެގޭ ބޮޑު އަށިމަތީގަ ވާހަކަ ދައްކަން ތިބޭތަން.. އެމީސް މީހުން އެއީ މިރަށު މީހުންނެއް ނޫން.. ދުވަހަކުވެސް ނުދެކޭ މީހުން އެއީ…ބައްޕަ ކައިރީގަ ވަރަށް ގިނަ އިރު ވާހަކަ ދައްކަން ތިބޭ އެމީހުން…”
މޫސަ އިސްދަށަށް ޖަހައިގެން އިނދެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭރު ހަސީނާ ވެސް ވަރަށް ސަމާލުކަމާއެކު މޫސަގެ ވާހަކަ އަޑުއަހަން އިނެވެ. އެވަގުތު ޔަމަން އަށް ހޭލެވިގެން އައިސް މޫސަކައިރީގައި އިށީނެވެ. މޫސަ ވާހަކަ ކުރިއަށް ގެންދިޔައެވެ. މޫސަގެ ވާހަކަ އަޑުއަހަން ތަކުރުބެ އިނީ މޫސަގެ ލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކޮން ވާހަކަ އެއް އެމީހުން ދައްކަނީ؟.. އެމީހުންގެ ނަން ތައް އެނގޭތަ؟..” ތަކުރުބެ އަހާލިއެވެ.
” ކިޔާ އެއްޗެއް ސާފު ނުވިޔަސް އެތަނުން އެކަކާ ވާހަކަ ދައްކަމުން އެމީހާގެ ނަމުން މުހާތަބު ކުރި. އެނަމަކީ…. ނީރް….” މޫސަ ބިރުން އިނދެ ބުންޏެވެ.
“އަހަރުމެންނަކީ ކުރިން ވަރަށް ނިކަމެތި ބައެއް. ބައްޕަ މުއްސަނދިވާން ފެށީ ހަމަ ކުއްލިއަކަށް.. ބޮޑު ބޯޓެއް ބަނދެ، އެކި އެކި ވިޔަފާރި ކުރަން ފަށި. އެންމެންވެސް ކިޔާނެ ބައްޕަ އަކީ ވަރަށް ނަސީބު ރަނގަޅު މީހެކޭ.. އެކަމަކު އެހިސާބުން ކަންކަން ބަދަލުވެ އާދަޔާ ޚިލާފު އެތައް ކަމެއް ހިނގަންފެށި…..” މޫސަ އެހިސާބަށް ބުނެ ހިންދިރުވާލިއެވެ. އަދި ހަސީނާ އާއި ޔަމަންގެ މޫނަށް ބަލާލިއެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރި ފެންތަށި ނަގައި އެއްބުރުން ދަމާލިއެވެ.
” ކޮން ކަހަލަ ކަން ކަމެއް ހިނގަންފެށީ؟… ” މޫސަ ފެންބޮއި ހަމަޖެހިލުމުން ތަކުރުބެ އަހާލިއެވެ.
ގެކައިރިން މަރުވެފަ ހުންނަ ބުޅާ، މީދާ، ކުކުޅު ހާ އާންމުކޮށް ފެންނަން ފެށި. އާއިލާގެ މީހުން ކުއްލިއަކަށް ބަލިވާން ފެށީވެސް ހަމަ އެދުވަސްކޮޅުގަ. އަދި އެނގޭތަ؟.. ބައްޕަ ނިދާފަ އޮވެފަ ސިއްސައިގެންގޮސް ހަޅޭއް ލަވަމުން ވަރަށް ގިނައިން ހޭލާނެ…އަދި ބައެއް ފަހަރު ބައްޕަ ބުނޭ ތިމަންނައަށް ދުވަހަކު ބަދަލު ނުކުރެވޭނެފަދަ ކަމެއް ކުރެވިއްޖޭ….” މޫސަ މިހާދުވަހު ކިޔާ ނުދީ ހުރި ވާހަކަތައް ކިޔާދިނެވެ.
ތަކުރުބެ އެހުރިހާ ވާހަކައެއް އަޑުއަހަން އިނދެފައި ގޮަސް އޭނާގެ ކޮޓަރިން އޭނާ އަންނައުނު އަޅަން ގެންގުޅޭ ފޮށި ހިފައިގެން އައިސް މޫސަ ކައިރީގައި އިށީނެވެ. ފޮށި ހުޅުވާލައި އޭގެން ވަރަށް ދުވަސްވީ ކުޑަ ފޮތެއް ނެގިއެވެ. އެފޮތުގެ ގަނޑުތައް ހުރީ ގިނަދުވަސް ވުމުގެ ސަބަބުން ރީނދޫ ކުލައެއްގައެވެ. ފޮތުގެ ބައެއް ގަނޑުތައް ވަނީ ކޮންމެވެސް ވަރަކަށް ވީދިފައެވެ. “މީ މޫސަގެ ބައްޕަ ގެންގުޅުނު ފޮތެއް.. މިތާ ކައިރި ރަށެއްގެ މީހެއް ތަކުރުބެއަތަށް މިފޮތްދިނީ. އެއީ މޫސަގެ ބައްޕަގެ ވަރަށް ގާތް މީހެއް. ތަކުރުބެ ވެސް މޫސަގެ ބައްޕައާ ރައްޓެހި ކޮންމެވެސް ވަރަކަށް.. އެކަމު އެހާ ގާތެއް ނުވާނެ. އެމީހާއަކީ މޫސަގެ ބައްޕައާ ވަރަށް ގާތް މީހެއް. އެމީހާ މަރު ބަލީގައި އެނދުމަތި ވެފައޮއްވާ ތަކުރުބެ އޭނާ ކައިރިއަށް ދިޔަ ދުވަހު މިފޮތްދިނީ…” ތަކުރުބެ އެފޮތް ހުޅުވާލަމުން ކިޔާދިނެވެ.
“ބައްްޕަގެ ފޮތެކޭ؟.ދެން ކީއްވެ މިއޮއްހާ ދުވަހު ތިވާހަކަ ނުބުނީ..” މޫސަ ގަބޫލު ނުކުރެވިފައި އިނދެ އަހާލިއެވެ.
“ތަކުރުބެއަށް ވެސް ނޭނގެ އޭރު ޔަގީންކޮށް ބުނާކަށް މީ މޫސަގެ ބައްޕަގެ ފޮތެއްކަމެއް… އެމީހާ އަދި އެހެން ބުންޏަސް މިފޮތުގެ ހަގީގަތެއް އޭރު ނޭނގޭ… އެހެންވެ މީގެވާހަކަ ކުރިން ނުބުނީ…”
ތަކުރުބެ ބުންޏެވެ.
ތަކުރުބެ ފޮތް ހުޅުވާލައި މޭޒުމަތީގައި ބާއްވައި އޭގައި ލިޔެފައިހުރި އެއްޗެހި މޫސައާ، ހަސީނާ އަދި ޔަމަންއަށް އަޑު އިވޭވަރަށް ކިޔަން ފެށިއެވެ.
“އަހަރެން ބޭނުންވީ އަހަރެންގެ އާއިލާއަށް ހައްގުވާ އެއްޗެހި ހޯދަން.. މީހެއްގެ ލަފަޔާ އެއްގޮތަށް އަހަރެން އެކަންކުރީ.. ސިހުރުގެ ބޭނުން ކޮއްގެން އަހަރެން ޖިންނި ށައިތާނުންގެ އެހީ ހޯދިން. އޭއްޗެހި އަހަންނަށް ވައުދުވީ މުއްސަނދިކަމާ ތަނަވަސް ދިރިއުޅުމެއް ހޯދައި ދޭނެކަމަށް. އެކަމު އެކޮންމެ ކަމެއްގެ ބަދަލު އޭއްޗިއްސަށް ދޭންޖެހުނު. އަހަރެން ނަށް އެކަމުގަ އެންމެ ބޮޑަށް އެހީވި އިފްރީތު އެދުނީ އަހަރެންގެ އާއިލާއަށް އުފަންވާ އެންމެ ރީތި އަންހެންކުއްޖާ އޭއްޗަށް ހިބަކޮށް ދިނުމަށް… އަހަރެން ހީކުރީ އެހުރިހާ ވަޢުދެއް އަހަރެން މަރުވުމަށް ފަހު ނެތިގެން ދާނެކަމަށް… އެކަމަކު އެކަން އެހެންނެއް ނުވާނެ…..” އެހިސާބަށް ކިޔުމަށް ފަހު ތަކުރުބެ އެންމެންގެ މޫނަށް ބަލައިލިއެވެ. އޭރު މޫސައަށް އިނީ ރޮވިފައެވެ.
“މިހުރިހާ ކަމެއްގެ އަޑީގައި ވަނީ އަހަރެންގެ ބައްޕަކަން ޔަގީން ވެއްޖެ… ” މޫސަ ކަރުނަ ފޮހެލަމުން ބުންޏެވެ.
“އާނ… މިހުރިހާ ކަމެއްގެ އަޑީގަ މިވަނީ މޫސަގެ ބައްޕައަށް ހެދުނު ބޮޑު ގޯހެއް…” ތަކުރުބެ އެފޮތް ލައްޕާލަމުން
ބުންޏެވެ.
ނުނިމޭ….



