Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު

Thea reminisces
Thea reminisces Level 210 Stories
August 8, 2026 11 Mins Read
0 Comments

ސާދަ ވަނަ ފަންގިފިލާއަށް ހުއްޓުނު ލިފްޓުން ނިކުތް ޔޫޝާ ހިނގައިގަތީ ކަނާތް ފަރާތުގައި އިން ދޮރާ ދިމާލަށެވެ. އެ އެޕާޓްމެންޓުގެ ބެލް އެޅުވުމަށްފަހު ފަހަތަށް ޖެހިލީ، މީހާ ހަމައަކަށް އަޅުވަން ނޭވާއެއް ނަގަމުންނެވެ. އަތުގައި އޮތް ދަބަހަށް ބާރުކޮށްލެވުނީ އަވަސްވެފައިވާ ހިތަކާއެކުއެވެ.
އެތެރެއިން މީހަކު ދޮރު ހުޅުވައިލިއެވެ. ދޮރު ކައިރީގައި ހުރި ރޫޔާ ފެނިފައި ޔޫޝާ ލަދުވެތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ވަދޭ އެތެރެއަށް..” ޔޫޝާ ވަންނަން ތަން ދިނުމަށްފަހު ރޫޔާ ހީލިއެވެ.

އެ އެޕާޓްމެންޓް ތެރެއަށް ވަދެގެން އައި ޔޫޝާ ފެނިފައި، ސޯފާގައި އިށީނދެ އިން މައިރާ ތެދުވިއެވެ. ޔޫޝާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ސޯފާއަށް އިޝާރަތްކޮށްލިއެވެ.
“ކޮންޗެއް ބޯން ބޭނުމީ؟ ޖޫސް؟ ސައި؟ ކޮފީ؟” މައިރާ އޯގާތެރިކަމާއެކު އެހިއެވެ.
“ފެންތަށްޓެއް އޯކޭވާނެ”

ރޫޔާ ޔޫޝާގެ ކުރިމައްޗަށްވާ ގޮތަށް އިން ސޯފާގައި އިށީނެވެ. ފެންތަށި ހިފައިގެން އައި މައިރާ، ކޮފީ މޭޒުމަތީ ތަށި ބެހެއްޓުމަށްފަހު ރޫޔާ ކައިރީގައި އިށީނެވެ.
“އަމް.. ޑޮކްޓަރ ރޫޔާ..”
“ޖަސްޓް.. ރޫޔާ” ޔޫޝާ މެދުކަނޑައިލުމަށްފަހު ރޫޔާ ބުންޏެވެ.
“އޯކޭ.. ރޫޔާ.. މީ..ސޮރީ އިނގޭ. ޑރ. ރާޝިދުގެ އަތުން ނަމްބަރ ހޯދައިގެން މެސެޖު ކުރީ..އަސްލު..” ޔޫޝާ ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އަތުގައި އޮތް ދަބަސް ހުޅުވައިލިއެވެ. ކުޑަ ހިތްވަރެއް ލުމަށްފަހު އެ ދަބަސް ތެރޭ އޮތް ގަނޑުތައް ނަގައި، މައިރާއަށް ދިއްކޮށްލިއެވެ.
“ކުރީ ދުވަހު، ޕްރޮސީޖަރ ހަދަން ދިޔަތަނާ، ރޫޔާ އަތުގައި އޮތް ގަނޑު ފެނުނު. އަހަންނަށް ވިސްނުނު ރޫޔާ މިކަން ތަހުޤީގު ކުރަމުންދާ ކަމަށް. އެހެންވެ، އަހަރެން.. ބޭނުންވީ އެހީވާން” މޫނުމައްޗަށް އެރި ހިތާމަތައް ފޮރުވުމެއް ނެތި ޔޫޝާ ބުންޏެވެ.
“އެ ކީއްވެ؟” ސުވާލު އައީ މައިރާގެ ފަރާތުންނެވެ.
“އެއީ.. އަހަންނަކަށް ދެން ކެތެއް ނުވާނެ. އަހަރެންގެ ބައްޕަގެ އަނިޔާވެރިކަމުގެ ދަށުގައި އަހަންނާ އަހަރެންގެ ކޮއްކޮމެން އެތަކެއް ދުވަހެއް ވަންދެން ހޭދަކުރި. އަހަރެމެން މަންމައާ ވަކިކުރި.. ބައްޕަގެ ދަހިވެތިކަމުގެ ސަބަބުން އެހެން މީހުންނަށް އަސަރު ކުރަމުންދާ ކަން އަހަންނަށް އެނގޭ.ކުރިޔަކުން އަހަރެން ގަޔަކު ނެތީ ބައްޕައާ ދެކޮޅަށް ނިކުންނަން ހިތްވަރު. އަބަދުވެސް ހިތުގައި އޮންނަނީ، ބައްޕައާ ދެކޮޅަށް ނިކުމެއްޖިއްޔާ، ބައްޕަ ކޮއްކޮމެންނަށް އަނިޔާ ކުރާނެކަމުގެ ބިރު…” ޔޫޝާ ރޫޔާއަށް ބަލައިލިއެވެ. އެދެލޮގައި ފާއްދައިލި ކަރުނަތަކު ތެރެއިން، ރޫޔާއަށް ފާހަގަވީ އަޒުމެވެ.
“ރޫޔާ އެދުވަހު އެ ފައިލްތައް ހިފައިގެން އިންދަ، ފެނުނީމަ ވިސްނުނީ. ރޫޔާގެ ހިތްވަރު ގަދަކަން. ނުވެސްދަންނަ، ދުވަހަކުވެސް ވާހަކަ ނުދައްކާ މީހުންތަކުގެ ހައްޤުގައި ބައްޕައާ ދެކޮޅަށް ދާން އުޅޭއިރު، ހިތަށް އެރި ކީއްވެގެންބާ އަހަންނަށް އެކަން ނުކުރެވުނީ؟ އަހަރެންގެ މަންމައާ ކޮއްކޮމެން ސަލާމަތް ކުރަން މިހުރިހާ ދުވަހު ނޫޅުނީ ކީއްވެބާއޭ ހިތަށް އަރާ”
“ސޯ އައި ވޯންޓް ޓު ހެލްޕް.. އަހަންނަށް ކުރެވޭ ވަރަކަށް އެހީވާނަން” ޔޫޝާގެ ވާހަކަ ނިމުމާއެކު، މައިރާ އެ ގަނޑުތަކަށް ބަލައިލިއެވެ.
“އީމެއިލްގެ ކޮޕީތައް” މައިރާ އެ އީމައިލް ޗޭނުތައް ޕްރިންޓުކޮށްފައި އޮތް ގަނޑު ކިޔަން ފެށިއެވެ.
“ޑިވާރޓިން އަ ޝިޕްމެންޓް އޮފް ހަސެޕްޓިން… މި ކޮލޯމްބޯއަށް ޑިވާރޓު ކުރަންވެގެން ހުއްދައަށް އެދިފަ މިއޮތީ..”
“ހަސެޕްޓިން.. އެއީ ކެންސަރ ބޭހެއް” ރޫޔާއަށް ބޭހުގެ ނަން އިވުމާއެކު ބުންޏެވެ.
“އަދިވެސް ހުންނާނެ. ވޭތުވެދިޔަ ދެއަހަރުގައި އެގޮތަށް ޑިވާޑެޑް ޝިޕްމެންޓްގެ ރިކޯޑުތައް. ޝިޕްމެންޓްތަކަށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރ އަރާ..”
ރޫޔާއާއި މާއިރާ އެކަކު އަނެކަކަށް ބަލައިލިއެވެ.
“ޔޫޝާ.. މިއީ… ތެންކިޔު” ރޫޔާ ތެދުވެ ގޮސް އިށީނީ ޔޫޝާ ކައިރީގައެވެ. ޝުކުރުން ފުރިގެންވާ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އޭނާ ޔޫޝާގެ އަތުގައި ހިފައިލިއެވެ.
“ރޫ.. ދިސް އިޒް ނޮޓް އިނަފް” މައިރާ އެ ގަނޑުތައް ތިރިކޮށްލަމުން ބުންޏެވެ. އޭނާގެ އަޑުގައިވާ ސީރިއަސްކަން ފާހަގަވުމާއެކު ރޫޔާގެ ހިތް ނުތަނަވަސްވާން ފެށިއެވެ.
“އީމެއިލް، ބެންކް ސްޓޭޓްމެންޓްސް.. އަހަރެމެން އަތުގައި މިއޮތީ އޭގެ ކޮޕީ. އަސްލެއް ނޫން. ކޯޓަށް މި ހުށަހަޅައިފިނަމަ، ނަސީރުގެ ލޯޔަރުން ބަހުސްކުރާނެ މީގެ އަސްލާ ބެހޭގޮތުން. އަހަރެމެން މިހުރިހާ އެއްޗެއް ފެބްރިކޭޓް ކުރިކަމަށް އެކިއުޒްވެސް ކުރާނެ. އަސްލު ޑޮކިއުމެންޓާއި، މިކަމުގެ ތެރޭގައި އުޅޭ މީހެއްގެ ހެކިބަހަކާ ނުލާ މި އެއްޗެހީގެ އޮތެންޓިސިޓީ…”
“މައި.. ” ރޫޔާ މައިރާއަށް ގޮވައިލިއެވެ. ބޯ ޖަހައިލީ މައިރާ ހަމައަކަށް އަޅުވަންވެގެންނެވެ.
“އައި ނޯ.. އަހަރެމެން އަދި މި ފެށުނީ މިކަމާ އުޅެން.. މިހާރު އެނގޭ ވިއްޔާ، ކޮން އެކައުންޓަކަށް ބަލަންވީ.. އެއްކަލަ ފޮރެންސިކް ލޯޔާރއަށް މީތި ހަވާލުކޮށްފަ އޮރިޖިނަލް ޑޮކިއުމެންޓެއް ހޯދޭތޯ ބަލަން އުޅެމާ.. ބަޓް އެ ހޯދޭނެކަމުގެ ޔަޤީންކަމެއް ނެތް..ވަގުތުވެސް ނަގާނެ.” މައިރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބުނެލިއެވެ.
“ކިހާ ވަގުތެއް؟”
“ހަފްތާ ދެހަފްތާ، ނޫނީ މަސްތަކެއް”
“އަސްލުވެސް؟؟” ޔޫޝާގެ މޫނު މިލައި މޯޅިވިއެވެ. “އަޅުގަނޑު ހީކުރީ އެހުރިހާ އެއްޗަކުން ވާނެކަމަށް”
“ޔޫޝާ.. އަދިއެއް ނުވެފައެއް ނެތެއްނު. އަދި ކަރު އެރުވާލާކަށް ނުވޭ”
“ތެދެއް. ރޫ އެބުނީ ރަނގަޅަށް.”
***

އޮފް ދުވަހެއް ކަމުން، ދޮންނަން ޖެހޭ ހެދުންތައް ނަގަންވެގެން ރަހާގެ ކޮޓަރިއަށް ވަދުނު ރޫޔާ ބޯ ހޫރައިލީ ކޮޓަރި އޮތް ގޮތް ފެނިފައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ބިންމައްޗަށް އެއްލައިލައިފައި ހުރި ހެދުންތައް ނަގައި، ދާ ވަށިގަނޑަށް އަޅަން ފެށިއެވެ. ބިންމަތިން ނެގި ހެދުމެއްގެ ޖީބު ހުސްކުރަންވެގެން އަތް ކޮއްޕައިލި ރޫޔާ ހުއްޓުން އެރީ، އެއްޗެއްގައި އަތް ޖެހުމުންނެވެ. އޭނާ އެ ހިފައި ޖީބުން އަތް ނެގިއެވެ. ބަންދުކޮށްފައި އޮތް އަތް ހުޅުވައިލުމާއެކު، މުށުތެރޭ އޮތް ކުޑަ ބިއްލޫރިފުޅި ފެނިފައި މީހާ އެކީ ގަނޑުވިއެވެ. އެ ފުޅީގައި ޖަހާފައިން ލޭބަލް އޭނާ ކިޔައިލުމާއެކު އޭނާ ހިތް އަވަސްވިއެވެ.
ރަހާގެ ޖީބުގައި ޕްރޮޕޮފޯލް ފުޅިއެއް އޮންނަންވީ ކީއްވެގެން ހެއްޔެވެ؟

“ދޮންތާ… އަޅުގަނޑު ކޮޓަރި…” ކޮޓަރި ދޮރުމައްޗަށް އެރި ރަހާއަށް ރޫޔާ ހުރި ގޮތް ފެނިފައި ހުއްޓުން އެރިއެވެ. ރޫޔާ ހިފައިގެން ހުރި ހެދުން ފެނުމާއެކު، ރަހާއަށް ވީ ގޮތް ރޭކާލަން ފެށިއެވެ.
“ރަހާ.. ދޮންތަ ކައިރީ ރީތިކޮށް ބުނޭ! ކިހިނެއް ރަހާގެ އަތަށް ޕްރޮޕޮފޯލް ފުޅިއެއް އެރީ؟” ރޫޔާ ރަހާއަށް އެ ފުޅި ދައްކައިލިއެވެ.
“ދޮންތާ!”
“ރަހާ.. ހަމަ ވިވަގުތު ޖަވާބު ދީ”
“ސާޖިދުގެ ގެއިން..” ރޫޔާ ރަހާއަށް ބަލައިލީ ޖަވާބުތަކަށްވުރެ ސުވާލުތައް އިތުރަށް ގިނަވީމައެވެ.
“ސާޖިދުބޭގެ ފަޓުލޫނު ގަމީހުން ތި ފުޅި ފެނުނީ..އަނބުރާ ދޭން ހަނދާން ނެތުނީ.” ރޫޔާއަށް ރަހާގެ ތަފްސީލު އިވިފައި ފުންނޭވާއެއް ދޫކޮށްލިއެވެ.

“ދޮންތައަށް އެނގޭތަ ސާޖިދުބޭ ކުރާ ކަންތައް؟” ސާޖިދު އަތުގައި އެ ފުޅި އޮންނަންވީ ސަބަބު ނާހާތީވެ ރަހާ ސުވާލުކުރިއެވެ.
“ހޫމް. ސާޖް ބުނެފަ އޮތީ…” ރަހާއަށް ރޫޔާގެ ރައްދު އިވިފައި މޫނު އަނބުރައިލި ގޮތުން ރޫޔާއަށް ރަހާ ކަމެއް ސިއްރުކުރަން އުޅެނީ ކަން ވިސްނުނެވެ.
“ރަހާ.. ތެދަށް ބުނެބަލަ، ކޮން ކަމެއް ސިއްރުކުރަން ތިއުޅެނީ؟” ރޫޔާ އުނަގަނޑުގައި ދެއަތް ވިއްދަމުން ރަހާއަށް ބަލައިލިއެވެ.
ރަހާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރި ތެރެއަށް ވަދުނެވެ. އޭނާ ގޮސް އިށީނީ އެނދުގައެވެ.
“އަސްލު.. ތެދަށް ބުނާނަމަ، ކަމެއްވެގެން ދޮންތައާއެކު އުޅެން އާދޭސްކުރީ.. ދޮންތަ ރާއްޖެ އައުމުގެ ދެހަފްތާ ކުރިން…އެނގޭނު އަޅުގަނޑުގެ ކޮލެޖު ކުއްޖެއް..މިންހަތު؟؟ މިންހަތުގެ ބީއެފް އަކީ.. ގޭންގެއްގައި އުޅޭ ކުއްޖެއް. އެއްރޭ މިންހަތު ޕާޓީއަކަށް ގެންދިޔަ. ފުރަތަމަ ނޭނގޭ މި ދެވެނީ ކޮން ޕާޓީއަކަށް ކަމެއް. ފަހުން އެނގުނީ، އެ ޕާޓީގައި ކޮންމެވެސް ދެ ގޭންގުން ޑީލެއް ހަދަންވެގެން އުޅުނީ.”
“ރަހާ.. ތި ދައްކާ ވާހަކަ އެނގޭތަ؟ އަނެއްކާ…”
“ނޫން.. ﷲ ގަންދީ ބުނަން..” ރަހާ ބިރުން ދެއަތް ހޫރަން ފެށިއެވެ. “އަޅުގަނޑެއް ޔޫސް އެއްވެސް ނުކުރަން. އެއްވެސް އެއްޗެއް ނުބޮން. މިންހަތު ބުނީ ހަމަ ކުޑަ ޕާޓީއެކޭ އެއީ. އެހެންވެ އަޅުގަނޑު ދިޔައީ އެތަނަށް.. އޭރު ނޭނގޭ އަޅުގަނޑަކަށް މި ދެވެނީ ކޮންތަނަކަށް ކަމެއް. ހަދާނެ ގޮތެއް ނޭނގިފަ ހުއްޓާ އެތަނުން އެކަކު އަޅުގަނޑާ ބެހެން ފެށި.. އަތަށް ދަމާފަ ކޮންމެވެސް ތަނަކަށް ގެންދަން އުޅުނު. އެކަމަކު ސާޖިދުބޭ އައިސް، އަޅުގަނޑު ސަލާމަތް ކޮށްދިނީ..” ރަހާ ވާހަކަ ނިންމައިލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
ރޫޔާ ފުންނޭވާ ދޫކޮށްލިއެވެ. ރަހާ ކައިރީގައި އިށީނުމަށްފަހު އޭނާ ރަހާ ގައިގައި ބައްދައިގަތެވެ. މަޑުމަޑުން އެ ކޮއްކޮގެ ބޮލުގައި ފިރުމަމުން ދިޔައިރު އޭނާ ހިތް ތެޅެމުންނެވެ.
“ދޮންތާ.. ރޭގަ.. ސާޖިދުބޭ އަޅުގަނޑު ގެންދިޔައީ ވާހަކައެއް ދައްކަންވެގެން..”
“ކޮން ވާހަކައެއް؟”
ރަހާ ޖެހިލުންވެ ހުރެ ބުނެލި ޖުމުލައާއެކު ރޫޔާގެ ދެފައި ދޭތެރެއިން ބިންގަނޑު ކެނޑިގެން ދިޔަ ފަދައެވެ.
***

ރަހާގެ ފަހަތުން ރެސްޓޯރެންޓަށް ވަދެގެން އައި ރޫޔާ ނަޒަރު ހިންގައިލީ އޭނާ ހޯދަން އުޅޭ މީހާ ފެނޭތޯ އެވެ. މޭޒުދޮރުގައި އިން ލަމްޔާއަށް ރޫޔާއާއި ރަހާ ފެނުމާއެކު ހަނާއަޅަން ފެށިއެވެ.
“ހެޕީ ބާތްޑޭ..ލަމީ” ލަމްޔާ ގައިގައި އޮޅުލައިގަންނަމުން ރަހާ އެހެން ބުނުމާއެކު ލަމްޔާ ހޭންފެށިއެވެ.
“ހެޕީ ބާތްޑޭ ލަމް ކިތައް އަހަރު އެވީ؟” ލަމްޔާ ކައިރީގައި އިށީނަމުން ރޫޔާ އަހައިލިއެވެ.
“ފަހެއް. ދޯ ބައްޕާ؟” ސާޖިދަށް ބަލައިލަމުން ލަމްޔާ ޖަވާބު ދިނެވެ. ސާޖިދު ބޯ ޖަހައިލިއެވެ.
“ބައްޕަގެ ރާނީ މިއޮއް ބޮޑުވަނީ” ސާޖިދު ދެރަވާކަމަށް ހެދުމާއެކު ލަމްޔާއަށް މަޖާވެގެން ހޭންފެށިއެވެ. “ރޫ ކިހިނެއް؟” ސާޖިދު ރޫޔާއަށް ނަޒަރު ހިންގައިލިއެވެ. ރޫޔާގެ މޫނުމަތީ ބޮޑު ހިނިތުންވުމެއް ހުއްޓަސް، އެ ލޮލުން އެހިތުގައިވާ ހިތް ނުތަނަވަސް ކަން ސާޖިދަށް ފާހަގަވިއެވެ. ސާޖިދު ނަޒަރު ހިންގައިލީ ރަހާއަށެވެ. ރައްދުގައި ރަހާ ބޯ ޖަހައިލުމާއެކު، ސާޖިދަށް ވެގެން އުޅޭ ގޮތް ވިސްނުނެވެ.
“ރޫ..ކޭން ވީ ޓޯކް.. ހިނގާ މިތާ ބެލްކަންޏަށް.. ދޫނީ.. ބައްޕަ މި އަންނަނީ ރޫއްތަ ކައިރީ ބޮޑު ވާހަކައެއް ބުނެފަ.” ގޮނޑިން ތެދުވަންނަމުން ސާޖިދު ލަމްޔާއަށް ހީލިއެވެ.
“އަނެއްކާ..ރާއްތަގެ؟” ލަމްޔާ ލޯބިގޮތަކަށް އަނގަމަތީ އަތް އަޅަމުން ދެލޯ ބޮޑުކޮށްލިއެވެ.
“ޔެސް”
“ރާއްތަގެ ކޯންޗެއް؟” ރަހާ އުޅުނީ ލަމްޔާގެ ސަމާލުކަން ހޯދަންވެގެންނެވެ.
“ނުބުނާނަން”

ބެލްކަންޏަށް ނިކުވެވުމާއެކު ސާޖިދު ރެއިލިންނާ ދިމާލަށް ހިނގައިގަތެވެ. ފަހަތުން ރޫޔާވެސް އައެވެ.
“ރަހާ ބުނީ ދޯ… އަހަރެން ލީނާ ވަރިކުރަން ފޯމު ލީ ވާހަކަ…” ސާޖިދު ފެށީ ދުރުދުރުންނެވެ.
“ހޫމް. އެކަމަކު އޭގެ ކުރިން އަހަރެން އެބައޮތް ސުވާލެއް؟”
“މިއީ އަނެއްކާ ޕްރޮޕޮފޯލްގެ ވާހަކަތަ؟” ސާޖިދު ރެއިލިންގައި ލެނގިލަމުން އަހައިލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ނިތްކުރި ފިރުމައިލިއެވެ.
“ހޫމް. އެވެސް. ދެން ސާޖިދު ރަހާއާ އިންނަން އުޅޭ ވާހަކަ” ރޫޔާގެ އަޑުގައިވަނީ ނުރުހުމެވެ.

“ރޫ..ޕްލީޒް. އަހަރެން މިކުރާ ކަންތައްތައް ދުވަހަކުވެސް ލަމްއާއި ރަހާއަށް ވައިވެސް ނޭޅޭނެ.”
“ދެން ކިހިނެއް ރަހާ އެ ޕާޓީއަށް ދެވުނީ؟ ސާޖް، މައި އޯން ސިސްޓަރ ވޯޒް އޮލްމޯސްޓް ރޭޕްޑް”
“އެކަމަކު ނުވިއެއްނު އެހެންނެއް.. ރޫ..” ސާޖިދު ރޫޔާއަށް ބަލައިލިއެވެ. ރޫޔާގެ ކޯތާފަތްމަތިން ދަތުރުކުރަމުންދާ ކަރުނަތައް ފެނުމާއެކު އޭނާ ހުއްޓުން އެރިއެވެ.
“ރޫ.. އަހަރެން މިކިޔާ އެއްޗެއް ރަނގަޅަށް އަޑުއަހާބަލަ.. ލީނާ… ލީނާ އަކީ ޔޫސް ކުރާ މީހެއް.. އަހަރެން އެރޭ ރަހާ ގެއަށް ގެނަންފެށީ އަހަރެންގެ ފްރެންޑެއް އެކަހަލަ ޕާޓީއެއްގެ ތެރެއިން ލީނާ ފެނިގެން.. އަހަރެން ލަމްޔާގެ ހަރަދަށް ދޭ ލާރި ބޭނުންކުރަމުން ދިޔައީ…ޔޫ ނޯ” ސާޖިދަށް އެބަސްތައް ބޭރުކުރަންވީ އުނދަގުލަކަށެވެ.
“ރަހާއަށް އެނގޭ އަހަރެންގެ ހަޤީގަތް. ލަމްޔާގެ އިތުބާރާ އެއްބާރުލުން އޮތް މީހަކީވެސް ރަހާ.. އަހަރެން ރަހާ ގާތު ކައިވެންޏަށް އެދުނީ އަމިއްލަ ބޭނުމަކުއެއް ނޫން. ލަމްޔާއަށްޓަކައި. ލީނާ އިޒް ނޮޓް އަ ގުޑް މަދަރ. އައި އޭމް ނޮޓް އެރައުންޑް ލަމް. ލަމް ބޭނުންވޭ ކޮންމެވެސް މީހަކު އޭނާ ކައިރީ ހުންނަން.”
ރޫޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ހާލަތުގައި އޭނާއަށް ކުރެވޭނެ ވަކި ކަމެއްވެސް ނެތެވެ.
***
ބޮލުގައި އަޅުވައިފައި އޮތް ސާޖިކަލް ކެޕް ނަގަމުން، ހޯލް ތެރޭ ހިނގަމުން ދިޔަ ރޫޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، ލައިގެން ހުރި ސްކްރަބްގެ ޖީބު ތެރޭ އޮތް ފޯނު ވައިބްރޭޓްވާން ފެށީމައެވެ. ޖީބުން ފޯނު ނަގައި، ސްކްރީނަށް އަރައިފައި އޮތް މެސެޖު ކިޔައިލެވުމާއެކު، އޭނާ ފިޔަވަޅުތައް ބަދަލުވީ، އޭނާގެ އޮފީހާ ދިމާލަށެވެ.
އޮފީހަށް ވަދެވުމާއެކު، އަތުގައި އޮތް ކެޕު ސޯފާ މައްޗަށް އެއްލައިލުމަށްފަހު ގޮސް ކޮމްޕިއުޓަރ ހުޅުވިއެވެ. ހޮސްޕިޓަލުގެ ސިސްޓަމަށް ލޮގިން ވުމަށްފަހު އޭނާ ހުޅުވައިލީ، އޭނާގެ ބައްޕަގެ ލެބް ތަހުލީލުގެ ނަތީޖާއެވެ. މައުސް ބޭނުންކޮށްގެން އެ ފައިލް ސްކްރޯލްކުރަމުން ދިޔަ ރޫޔާ ދެލޯ މަރައިލެވުނެވެ. ގޮނޑީގައި އިށީނުމަށްފަހު އަނެއްކާވެސް އެ ކިޔަންފެށިއެވެ. ލޮލަށް ކަރުނަތައް ޖަމާވީ، ލިބުނު މާޔޫސެއްގެ ބޮޑުކަމުންނެވެ.

އެ އޮފީހަށް ބޯ ދިއްކޮށްލި ރާޝިދުގެ ހިލަމެއް ރޫޔާއަކަށް ނުވިއެވެ.
ރޫޔާއަށް ވެފަ ހުރި ގޮތް ފެނިފައި ރާޝިދު އެ އޮފީހަށް ވަދުނީ މަޑުމަޑުންނެވެ. ދޮރު ލައްޕައިލުމަށްފަހު އޭނާ ރޫޔާ ކައިރީ ހުއްޓުނެވެ. ރާޝިދު ފެނުމާއެކު ނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ އިށީނދެއިން ގޮނޑި ދުރަށް ޖައްސައިލީ ރާޝިދަށް އެ ސްކްރީނުގައި ހުރި އެއްޗެއް ކިޔަން ފުރުސަތު ދޭންވެގެންނެވެ. ރޫޔާ ތަން ދިނުމާއެކު ރާޝިދު އެ ރިޕޯޓު ކިޔަން ފެށިއެވެ.

“އަދި އުންމީދު ގެއްލުވާލާ ވަރެއް ނުވޭނު” ރާޝިދު ދުރަށް ޖެހިލަމުން ރޫޔާއަށް ބަލައިލިއެވެ.
“ބައްޕަ އެއްބަސް ނުވާތީ އޭ މައްސަލައަކީ. މިހާރުވެސް ބޭސް ނަގަމުން އެދަނީ ސިޕްޓޮމްސްއަށް، ކެންސަރަކަށް ނޫން” ރޫޔާގެ އަޑުގައިވާ މާޔޫސްކަން ރާޝިދަށް ފާހަގަވިއެވެ. ރާޝިދު ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ ކުރިމަތީ އިން ގޮނޑީގައި އިށީނެވެ.
“ގޮތްދޫނުކުރުމުގައިވެސް ވަކި ހައްދެއް ހުދޫދެއް އޮންނަންވާނެ ދޯ. އަމިއްލަ ފުރާނައިގެ ވާހަކައޭ މިދައްކަނީ މިތާ” ކަބަޑުން ޓިޝުލެއް ނަގައި ލޯ ސާފުކުރަމުން ރޫޔާ ބުންޏެވެ.
“ރޫޔާ..”
“އައި އޭމް ފެއިލިން ހިމް. ޑޮކްޓަރަކަށްވެގެން ހުރެ، އޭނާގެ ދަރިއަކަށްވެ ހުރެ” ރޫޔާގެ ކަރުން ބޭރުވި ގިސްލުމުގެ އަޑާއެކު، އޭނާ ލޯ މަތީ އަތް އަޅައިލިއެވެ. ބޭރަށް އަޑުއިވިދާނެތީ އޭނާ އަނގަމަތި ނިވާކުރިއެވެ. ފުންނޭވާތަކެއް ނަގަން ފެށީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރުކުރަމުންނެވެ.
“ރޫޔާ…. ބޭބެއަށް ބަލާބަލަ.” ކަރުނައިން ފުރިފައިވާ ރޫޔާގެ ކަޅި ރާޝިދާ ދިމާވުމާއެކު ރާޝިދު އޯގާތެރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ.
“މިއީ ރޫޔާގެ ކުށެއް ނޫން. ރޫޔާގެ ސަބަބުންވީ ކަމެއްވެސް ނޫން. ހަމަ އެހެންމެ، ޔޫ ޑިޑްނޮޓް ފެއިލް އެނީވަން” ރާޝިދުގެ ބަސްތަކަށް ރޫޔާ ބޯ ހޫރައިލީ، އެ ބަސްތައް ދޮގު ކުރަންވެގެންނެވެ.
“ރޫޔާ، ވިސްނާބަލަ، ރޫޔާގެ ސަބަބުން ކިތައް މީހުންނަށް ދިރިއުޅުމުގެ ފުރުސަތު ލިބުނީ؟ ކިތައް ޢާއިލާތަކަށް އުންމީދު ލިބުނީ؟ ރޫޔާ ކުރާ ކޮންމެ ކާމިޔާބީ އޮޕަރޭޝަނެއްގެ ސަބަބުން އެތަކެއް ޢާއިލާތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދިން.”
“އަމިއްލަ ބައްޕައާއި ޢާއިލާއަށް އެކަން ނުކުރެވެންޏާ، ދެން ކޮބާ ބޭނުމަކީ؟
ރާޝިދު ފުންނޭވާއެއް ދޫކޮށްލިއެވެ. ވިސްނުމެއްގައި އިނުމަށްފަހު އޭނާ ގޮނޑިން ތެދުވެ، ޖީބުން ވޮލެޓު ނަގައި ހުޅުވައިލައި، ރޫޔާގެ އަތަށް އެ ވޮލެޓު ލިއެވެ.
ރޫޔާ އެ ވޮލެޓުގައި ހިފައިލުމަށްފަހު އޭގެ ތެރޭއިން ފޮޓޯގަނޑަށް ބަލައިލިއެވެ. ރޫޔާގެ ފޮޓޯގަނޑު ފެނިފައި ހެވުނެވެ. އެހެނަސް އޭނާގެ ފޮޓޯގަނޑާ ކައިރީގައި އިން، ރީނދޫކުލަ އަރައިފައި އޮތް ބާފޮޓޯ ގަނޑު ފެނިފައި ހުއްޓުން އެރިއެވެ.
“މިއީތަ ޒައިދް އަކީ؟” ފޮޓޯގައި އިން ފުރާވަރުގެ ކުއްޖާ ފެނިފައި އަހައިލިއެވެ.
“ހޫމް. ބޭބެ ބުނިން ދޯ ޒައިދް ނިޔާވި ވާހަކަ، ޒައިދު ނިޔާވި ގޮތެއް ނުކިޔައިދެމެއްނު” އަނެއްކާވެސް ގޮނޑީގައި އިށީނަމުން ރާޝިދު ނޭވާއެއް ނަގައިލިއެވެ.
“ޒައިދަށް ލިއުކީމިޔާ ޖެހިފައި ހުރިކަން ބޭބެއަށް އެނގުނީ ޒައިދްގެ އުމުރުން ބާރައަހަރުގައި. އެކިއުޓް ލިމްފޯބްލާސްޓިކް. ދެއަހަރު ވަންދެން ފަރުވާ ހޯދިން. ކީމޯ، ބޯންމެރޯ. ބޭބެމެން ހީކުރީ ޒައިދް އެކީ އެއްކޮށް ރަނގަޅުވިކަމަށް.”
“އެކަމަކު، އެ ބަލި އަނެއްކާވެސް އަނބުރާ އައި. ޑޮކްޓަރުން ބުނީ ހަމަ ރަނގަޅުވާން ފުރުސަތު އޮތް ކަމަށް. އެކަމަކު ޒައިދް… ޒައިދަށް ދެވަނަ ފަހަރު އެކަން ކުރުންވީ އުނދަގުލަކަށް. ދެއަހަރު ވަންދެން އޭނާ ކީމޯ ހެދުމާއި، އެކި އެކި ކަން ކުރުމުގައި. އަނެއްކާވެސް އެކަން ކުރުން ވީ ޒައިދަށް އުނދަގޫ ކަމަކަށް. އެއްރޭ.. އޭނާ ރީތިކޮށް ބުނީ އަހަރެން ކައިރީގައި، އޭނާގެ އޮތް ވަގުތުކޮޅު ހޭދަކުރަން ބޭނުމީ ޢާއިލާއާއެކުއޭ..”
“ދެން ބޭބެ…”
“ބޭބެ ބޭނުންވީ ޒައިދްގެ ބަހަށް ދެކޮޅު ހަދަން. އެކަމަކު ބޭބެއަށްވެސް ފެނުނު، ޒައިދަށް ފުރަތަމަ ދެ އަހަރު ހޮސްޕިޓަލުގައި ހޭދަކުރި ގޮތް. އަހަރެމެން ކައިރީ ހިތްވަރު ގަދަކޮށްގެން އުޅުނަސް… ޒައިދަށް ވަމުން ދިޔަ އުނދަގޫ އަހަންނަށް ފެނުނު. އަނެއްކާ ޒައިދު އެވަރަށް އާދޭސްކުރީމަ ބޭބެ ބޭނުމެއްނުވި، ޒައިދްގެ އެދުމަށް ދެކޮޅު ހަދާކަށް…” ފަހު ބަހާއެކު ރާޝިދުގެ އަޑު ކުރެހުނެވެ. ރޫޔާގެ އަތުގައި އޮތް ވޮލެޓުން ފެންނަން އޮތް ފޮޓޯގަނޑަށް ބަލަން ހުރުމަށްފަހު ދެލޯ މަރައިލިއެވެ. ޒައިދްގެ ފަހު ދުވަސްތައް ހޭދަކުރިގޮތް އޭނާގެ ޚިޔާލުގައި ކުޅެމުން ދިޔައެވެ.
“ދެން ބޭބެ ތިބުނަނީ…އަހަރެންގެ ބައްޕަ…އެގޮތަށް ދޫކޮށްލަންތަ؟”
“ނޫން. ބޭބެ މިބުނަނީ ރޫޔާއަށް ފެންނަން އޮތް އެންމެ ރަނގަޅު ގޮތް ހަދަން” ރޫޔާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރާޝިދު ޖަވާބު ދިނެވެ.
“އަދި ހަނދާން ނެތިފައޭ މިހުރީ.. މި އަންނަ ހުކުރު ދުވަހު ރޭ ކެއުމަކަށް ދަޢުވަތު ދޭން ވެގެންނޭ މިއައީ”

***
ދޮރުގައި ބެލް ދިން އަޑު އިވިފައި ރޫޔާ އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. ސާޖިދު ކައިރީ، ކުޑަ ދަބަހެއް އަޅުވައިގެން އިން ލަމްޔާ ފެނިފައި ރޫޔާ ހިނިތުންވެލިއެވެ.
“ރަހާ، ލަމްޔާ އަތުވެއްޖެ..” އެ ދެމީހުންނަށް ވަންނަން ތަން ދިނުމަށްފަހު ރޫޔާ ގޮވައިލިއެވެ. ރަހާގެ ނަން އިވުމާއެކު ލަމްޔާ މަޑުމަޑުން ސާޖިދު ގާތަށް ޖެހުނެވެ. އެހެންނާ ސަކަ މިޒާޖެއް ގެންގުޅޭ ލަމްޔާގެ ހަމަހިމޭންކަން ރޫޔާއަށް ފާހަގަވިއެވެ.
“ލަމް، ބަލީތަ؟” އެގެއަށް އައި ފަހުން ލަމްޔާ ރޫޔާއަށް ގޮވާވެސް ނުލާކަން ރޭކާލުމާއެކު ރޫޔާ އަހައިލިއެވެ.
“ލަމް މިއަދު ހުރީ ކުޅޭ މޫޑެއްގައެއް ނޫން ދޯ.. މިއަދު މިގެއަށް ނާންނަންވެގެން ބޮޑާވެސް ދެއްކި” ސާޖިދު ސޯފާގައި އިށީނަމުން ހާމަކުރިއެވެ.

“ލަމީ..” ކޮޓަރިން ނިކުތް ރަހާ ފެނުމާއެކު ލަމްޔާ ސާޖިދުގެ އަތުގައި އޮޅުލައިގަތެވެ. ސާޖިދުގެ މޭމަތީ ބޯ އަޅައިލުމަށްފަހު އޭނާ މޫނު ފޮރުވިއެވެ.
“ލަމީ.. ބަލީތަ؟” ރަހާއަށްވެސް ލަމްޔާގެ ހަމަހިމޭންކަން ފާހަގަވިއެވެ.
ލަމްޔާ އެއްޗެކޭ ބުނިހެން ހީވެގެން ސާޖިދު ލަމްޔާއާ ގާތްވެލިއެވެ. ވައި އަޑުން ލަމްޔާ ބުނި އެއްޗަކުން ސާޖިދު މޫނު ކުނިކޮށްލެވުނެވެ.
“ގެއަށް ދާން ވިއްޔޯ”
“ލަމް.. ހިނގާ ދައްތައާއެކު އައިސް ކްރީމް ބޯން ދާން. ހަމައެކަނި ރޫއްތައާއި ލަމް..އޯކޭތަ؟” ރޫޔާއަށް ކަމެއް ވިސްނެން ފެށިއެވެ. އޭނާ ފޯނުނަގައި ރަހާއަށާއި ސާޖިދަށް މެސެޖެއް ފޮނުވައިލިއެވެ.
ރޫޔާ ފޮނުވި މެސެޖު ކިޔުމަށްފަހު ރަހާއާއި ސާޖިދު ބޯ ޖަހައިލިއެވެ.
“ތެދެއް. ލަމް ދާންވީނު ރޫއްތައާއެކު. ބައްޕި އިންނާނަން މި ގޭގަ ލަމް އަންނަން ދެން” ސާޖިދު ލަމްޔާ ދުރުކޮށްލަމުން ރޫޔާއާ އެއްބައިވެލިއެވެ.
____
“ލަމް، އައިސް ކްރީމް މީރުތަ؟” ސަމުސަލަކުން އައިސްކްރީމް ނަގައި ކާން އިން ލަމްޔާ ގާތު ރޫޔާ ސުވާލުކުރިއެވެ. ޖަވާބުގައި ލަމްޔާ ބޯ ޖަހައިލިއެވެ.
“ލަމް، ދޫނީ.. ދޫނީ ރާއްތައާ ރުޅީތަ؟” ރޫޔާ އަހައިލުމާއެކު ލަމްޔާ ގަނޑުވިއެވެ. ބިރެއް ފެނުނު ހެން އޭނާ އިސްދަށަށް ޖަހައިލީ އަވަހަށް މޫނު ފޮރުވަން ވެގެންނެވެ.
“ލަމް، ދޫނީ.. ދައްތަ ކައިރީ ބުނެބަލަ”
“ލަމް ބޭނުމެއްނޫން ދޮން މަންމައެއް.” ލަމްޔާގެ އަޑު ބޭރުވީ މަޑުންނެވެ.
“ދޫނީ.. ދައްތަ ކައިރީ ބުނެބަލަ ކީއްވެގެން ކަން”
ލަމްޔާ ނޭފަތް ދަމައިލުމަށްފަހު ސަމުސަލުން އައިސް ކްރީމާ ކުޅެން ފެށިއެވެ. އޭނާ ޖެހިލުންވެ ހުރެ ރޫޔާއަށް ބަލައިލިއެވެ.
“ރާއްތައާއި ބައްޕަ މެރީކޮށް ނިމުނީމަ ލަމް ބާކީ ކޮށްލާނެ. ބައްޕައަށް އާ ބެބީ ލިބުނީމަ، ލަމް ނުވާނެ ބައްޕަގެ ބޭބީއަކަށް..” ރޮވެން އުޅޭ ހާލު ލަމްޔާ ބުނިބަސްތަކުން ރޫޔާގެ ހިތަށް އަސަރު ކުރިއެވެ. އެހެނަސް އެބުނި ބަސްތައް ބޭރުވީ، މީހަކު އޭނާގެ ބޮލަށް އެ ބަސްތައް ވައްދައިދިން ގޮތަކުން ކަން ރޫޔާއަށް ވިސްނުނެވެ.
“ލަމް، ދޫނީ” ރޫޔާ ލަމްޔާގެ ބޮލުގައި ފިރުމައިލިއެވެ. “ލަމް ބުނެބަލަ، ހީވޭތަ ރާއްތަ ލަމް ބާކީކޮށްލާނެ ހެން؟ ލަމް ހޮސްޕިޓަލުގައި އޮތްވާ ރާއްތައެއްނު ކޮންމެ ދުވަހަކު ލަމް ކައިރީ އިނީ”
“ޔެސް.. އެކަމަކު..”
“ލަމް، ދޫނީ. ރާއްތަ ދުވަހަކުވެސް ލަމް ބާކީއެއް ނުކޮށްލާނެ، އެއަށްވުރެ މާބޮޑަށް ރާއްތަ ލަމް ދެކެ ލޯބިވޭ”
“ލަމްވެސް ރާއްތަ ދެކެ ލޯބިވޭ. އެކަމަކު…”
“ހޫމް.. ”
“ދެން ލަމްގެ މަންމައަށް ކިހިނެއްވާނީ؟”
****

“ކޮބާ ލަމް؟” ގެއަށް ވަދުނު ސާޖިދާއި ރަހާއަށް، ސޯފާގައި އިށީނދެއިން ރޫޔާ ފެނިފައި އަހައިލިއެވެ.
“ނިދާފަ..”
ރަހާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ސޯފާގައި އިށީނެވެ. އޭނާ ސާޖިދަށް ބަލައިލިއެވެ.
“މިއައީ ލީނާއާ ވާހަކަ ދައްކާފަ.. އަސްލު އަހަރެމެންނަށްވެސް ފުރަތަމަ ކޮޅު ނުވިސްނުނީ ދޯ؟. ޓިއުޝަން ކްލާހުގައި އަހަންނަށްވެސް ފެނުނު ބައެއް ކަންތައްތައް.. އެ އުމުރު ފުރާގެ ކުދިންނާ އަޅާ ބަލާފަ ލަމް އިޒް..އިންޑިޕެންޑެންޓް.. ސީކިން ކޮންސްޓެންޓް ވެލިޑޭޝަން، މިސްޓޭކެއް ހެދިދާނެތީ ބިރުން.. އަހަރެން ފުރަތަމަ ހީކުރީ މާ އެޓޭޗް ވީމާ ވެގެން އުޅޭ ކަމަށް..”
“ދެން ސާޖިދު ކިހިނެއް ހަދަން ތިއުޅެނީ؟”
“ދެޓްސް ދި ޕްރޯބްލަމް ރޫ.. ލަމްޔާ ބޭނުންވޭ ލީނާގެ ލޯބި. ލީނާ އޭނާއަށް ކޮންމެ ގޮތެއް ހެދިޔަސް ލަމް…”
“ސާޖް.. ލަމް އަކީ ކުޑަ ކުއްޖެކޭ.. ތިންކް އެބައުޓް ވަޓް އައި ވެންޓް ތްރޫ.. ކިތައްމެ ގޯސްކޮށް ބައްޕައެއް މަންމައެއް ކަންތައްކުރިޔަސް، ދަރިންނަށް މައިންބަފައިންދެކެ ނަފްރަތު ކުރުމަކީ އުނދަގޫ ކަމެއް. ހާއްސަކޮށް ލަމްގެ އުމުރު ފުރާގެ ކުދިން” މާޒީގެ ހިތި ރަހަ އަރުތެރޭގައި ފެތުރެން ފެށުމާއެކު ރޫޔާ ފެންކަޅިވިއެވެ. އަތް ނަގައި މޭމަތީ ފިރުމައިލެވުނީ ކީއްވެކަމެއް ނޭނގެއެވެ. ހިތަށް ހަމަޖެހުމެއް ހޯދަން ހެއްޔެވެ؟ ނޫނީ އެ ރަހަ އަރުތެރެއިން ނައްތައިލަންވެގެން ހެއްޔެވެ؟
“އެހެންވިޔަސް، އަހަންނަކަށް ނެތޭ ލަމް އޭނާގެ މަންމައާ ވަކިކުރެވޭކަށެއް. އެކަމަކު އެކަނި ދޫކޮށްލެވެންވެސް ނެތް”
“މިހެން ހަދަމާ ހިނގާ. ލަމް އަހަންނާ އެއްކޮށް އުޅޭނީ.. ހަވީރު ގަޑީގައި އަހަރެން ލަމް ގެންދާނަން ލީނާ ކައިރިއަށް ހަވީރު” ރަހާ މަޑުން ހުރެފައި އޭނާގެ ޚިޔާލު ހާމަކުރިއެވެ.
“ރަހާ…”
“ދެން އިތުރު މޮޅު ޚިޔާލެއް އެބައޮތްތަ؟”
ސާޖިދު ބޯ ހޫރައިލުމަށްފަހު ތެދުވިއެވެ.

***

“އައި ގޮޓް ދަ ޓެސްކްޓް” ސޯފާ މޭޒުމަތީގައި ލެޕުޓޮޕު ބަހައްޓަމުން މައިރާ ބުންޏެވެ. “ނިއު އެވިޑެންސް” ސިންކު ކައިރީގައި ހުރި ރޫޔާއަށް ނަޒަރު ހިންގައިލުމަށްފަހު މައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“މައި.. ވިސްނާބަލަ، ޔޫޝާއަކީ ރަޒާންގެ ވައިފަށް ވާއިރު، ކީއްވެ އޭނާ ރަޒާންގެ ގާތު އެހީއަށް ނާހަނީ؟” ރޫޔާ ވިސްނަން ހުރެފަ އަހައިލިއެވެ.
މައިރާ ދެބުމަ ގޮށްޖަހައިލަމުން އަތް އުރައިލިއެވެ.
“މެނީ ރީޒަންސް، ރޫ އަހަން އުޅެންވީނު”
“މައި.. ސަމާސާއަކަށް ނޫނޭ މި ސުވާލުކުރަނީކީއް..”
“ރޫ ބުނެބަލަ، ރޫ އަދިވެސް ރަޒާން ދެކެ ލޯބިވޭތަ؟”
“ނޮޕް.”
“އެންޑް ޑިނަޔަލް އިޒް ރިވަރ އިން އީޖިޕްޓް”
ދޮރުގައި ބެލް ޖެހި އަޑު އިވިފައި މައިރާ އަވަހަށް ދޮރާ ދިމާލަށް ދުއްވައިގަތެވެ. އިރުކޮޅެއްނުވެ، ސިޓިން ރޫމަށް މައިރާގެ ފަހަތުން ވަދުނީ ޔޫޝާއެވެ.
“ޔޫޝާ ބައްޕައަކަށް ބަސްޓެއް ނުވޭތަ؟” ކޮފީތަށި ހިފައިގެން ހުރި ރޫޔާ އަހައިލިއެވެ.
“ނޫން.. ވަރަށް ބަލައިގެން މިއުޅެނީ” ކުޑަ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޔޫޝާ ޖަވާބު ދިނެވެ.
ޔޫޝާ މައިރާ އަތަށް ގަނޑުތަކެއް ހަވާލުކުރަން އުޅޭ މަންޒަރު ބަލަން ހުރި ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ހިނގައިގަތީ ބެލްކަންޏާ ދިމާލަށެވެ.
“ޔޫޝާ.. ކުޑަ ވާހަކައެއް ދައްކަން ބެލްކަންޏަށް ނިކުމެވިދާނެތަ؟”
ރޫޔާގެ އެދުމާއެކު ޔޫޝާ ރޫޔާގެ މޫނަށް ބަލައިލިއެވެ. ރޫޔާގެ ނަޒަރުން އޭނާއަށް އަންނަން އުޅޭ ސުވާލުތައް ވިސްނުނެވެ.
“އޯކޭ”

މައިރާއަށް އެގަނޑުތައް ޗެކު ކުރަން ހަވާލުކުރުމަށްފަހު ދެމީހުން ބެލްކަންޏަށް ނިކުމެ ރެއިލިން ކައިރީ މަޑުކޮށްލިއެވެ. ރޭގަނޑުގެ ފިނިވައިރޯޅިއާއެކު ދެމީހުންގެ އަވަސްވެފައިވާ ހިތަށް ފިނިކަމެއް ލިބުނެވެ.
“ރޫޔާއަށް އެނގޭ ދޯ އަހަންނަކީ ކާކުކަން” ހާމައަށް ފެންނަން އޮތް ކަނޑަށް ބަލަންހުރެ ޔޫޝާ ވާހަކަ ފެށިއެވެ.
“ހޫމް. އެދުވަހު ޕޭޝަންޓް ރިކޯޑުގައި ޔޫޝާގެ ނަން ފެނުމާއެކު އެނގުން، ޔޫޝާއަކީ ރަޒާންގެ ވައިފްކަން”
“ވައިފް؟” ޔޫޝާގެ ތުންފަތް މައްޗަށް އެރި ހިތި ހިނިތުންވުން ރޫޔާއަށް ފެނުނެވެ. އެހިނިތުންވުމުގައި ސިއްރެއްވާކަން އޭނާއަށް ވިސްނުނެވެ.
“އަހަންނަށް އެނގޭ ރޫޔާއަކީ ކާކުކަން” ޔޫޝާ ހާމަކުރި ބަސްތައް ރޫޔާއަކަށް ނުވިސްނުނެވެ. “ރަޒާން ކައިވެނި ކުރުމުގެ ކުރިން، ލޯބިވެގެން އުޅުނީ ރޫޔާ ދެކެ އެއްނު..”
“އެއީ މާޒީ..”
“ތެދެއް. މާޒީ” ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޔޫޝާ ރޫޔާއަށް ބަލައިލިއެވެ.
“ރޫޔާ.. ރޫޔާއަށް އެނގޭތަ ކީއްވެކަން ރަޒާން އަހަންނާ ކައިވެނި ކުރީ؟” ޔޫޝާގެ ސުވާލަށް ރޫޔާ ޖަވާބު ނުދީ ހުރިއެވެ.
“އަހަރެންގެ ބައްޕަ ކުރި ކަމެއްގެ ސަބަބުން ރަޒާންގެ ބައްޕަގެ ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރަނިވެފަ. ކޮމްޕެނީ ސަލާމަތް ކުރެވެން އޮތީ ބައްޕައަށް. އެ ފުރުސަތުގެ ބޭނުން ހިފައި، ބައްޕަ ރަޒާނަށް ބްލެކް މެއިލް ކުރީ. ރަޒާނަށް ބައްޕަގެ ބަހަށް އާނއެކޭ ބުނުން ނޫން ގޮތެއް ނެތް. ރަޒާންގެ ބައްޕަގެ ވަސިއްޔަތެއް އެއީ އެ ކުންފުނި ދަމަހައްޓަން.”
“ސޯ ހީ ޗޫޒް ޓު މެރީ ޔޫ” ރޫޔާއަށް ރަޒާން އެކަން ކުރި ސަބަބު ވިސްނުނެވެ.
“ހޫމް.. އެކަމަކު، ތެދަށް ބުނާނަމަ، ރަޒާނަށް ބައްޕަގެ ރޭވުން ވިސްނުނު. ބައްޕަ އުޅުނީ ރަޒާންގެ އަތުން އެ ކުންފުނީގެ ބާރުތައް އަތުލަން. އެކަން ނުވީމަ، އަޅުގަނޑު ބޭބީއެއް ހޯދަން ވަރަށް ޕްރެޝަރ ކުރި. ރަޒާނާއި އަހަރެމެން ދެމީހުން.. ޔޫ ނޯ.. ވީ އާ ނޮޓް އެޓްރެކްޓެޑް ޓު އީޗް އަދަރ. އަހަރެންވެސް ރަޒާނާ ކައިވެނި ކުރުމުގެ ކުރިން ހުރި ލޯބިވާ މީހަކު. ރަޒާނަށް އެކަން ވިސްނުނު. ސޯ ވީ ބޯތް ކޭމް ޓު އޭން އެގްރީމެންޓް..”
“ދެން ކީއްވެ ޔޫޝާ ރަޒާން ކައިރީ އެހީއަށް ނޭހި؟ ކީއްވެ އަހަރެމެން؟ އަނެއްކާ ރަޒާންގެ އަތެއްވެސް..މީގަ…” މައިރާއަށް ނަޒަރު ހިންގައިލަމުން ރޫޔާ އަހައިލިއެވެ.
“ނޫން. އަހަރެންނަށް ވަރަށް އިތުބާރާއެކު ބުނެވޭނެ، ރަޒާންގެ އަތެއް މިކަމުގައި ނުވާކަން. އަހަންނާ ކައިވެނި ކުރި ފަހުން، ރަޒާން އުޅުނީ ރަޒާންގެ ކޮމްޕެނީއިން ބައްޕަގެ ބާރު ކަނޑުވަން. މިހާރު ބައްޕައަކީ، ނަމެއްގެ މަތީ އިންނަ ޑިރެކްޓަރެއް. އެހެން ނޫނަސް ރޫޔާ.. ފެށުނީއްސުރެ ރަޒާން ދިޔައީ އަހަންނަށް އެހީވަމުން. އަހަންނަށް އެކަންޏެއް ނޫން، އަހަރެންގެ ކޮއްކޮމެނަށްވެސް.. އަބަދު ރަޒާން ކައިރީ އަހަން އަހަރެން ލަދުވެސް ގަނޭ. އެކަމަކު.. މިއީ.. މިއީ އަހަރެން އަމިއްލަ އަށް ކުރަން ޖެހޭ ކަމެއް..”
އެވަގުތު ރޫޔާގެ ކަންފަތުގައި ރަޒާންގެ ބަސްތައް ގުގުމަން ފެށީ ކުއްލިއަކަށެވެ.
“އަހަރެން އިނދެގެން އުޅޭކަން ރޫޔާއަށް ޔަޤީންތަ؟”
“ޔޫޝާ.. އަހަރެން ސުވާލެއް ކުރަންތަ؟” ރޫޔާގެ ނޭވާ ކުރުވާންފެށިއެވެ.
“ހޫމް…”
“ރަޒާނާއި..ޔޫޝާ… އަދިވެސް ކައިވެނިކޮށްގެންތަ ތިއުޅެނީ؟” އަވަސްވެފައިވާ ހިތަކާއެކު ރޫޔާ އެސުވާލުކުރީ ކެތްމަދުވެފައެވެ. އޭނާ ރެއިލިންގ ގައި ބާރަށް ހިފަހައްޓައިލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.
ޔޫޝާ ރޫޔާއަށް ބަލައިލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ރޫޔާ.. ވީ..އަރ ޑިވޯސްޑް”

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އެރޭގެފަސް

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 79

Next
August 8, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 79

Previews
August 7, 2026

އެރޭގެފަސް



All Right Reserved!