މި ލޯތްބާއި ތި ވަޢުދު (26)
ނިދިފައި އޮތް ރޫޔާއަށް ހޭލެވުނީ، ކުޑަދޮރުން ކޮޓަރި ތެރެއަށް އެޅިފައިވާ އަލި މޫނުގައި ޖެހުމުންނެވެ. އޭނާ އެނދުން ތެދުވި ވަގުތު މަޑު އާހެއް ބޭރުކޮށްލެވުނީ ބޯ އަނބުރާގަތީމައެވެ. އެނދުގައި އިށީނުމަށްފަހު އޭނާ ފުންނޭވާއެއް ނަގައިލިއެވެ.
“ބާއްޖަވެރި ދުވަހެއް” ކޮޓަރި ދޮރު އެތެރެއަށް ހުޅުވުމަށްފަހު، ވަދެގެން އައި މައިރާ ގޮވައިލިއެވެ. އަތުގައި އޮތް ޓްރޭ ސައިޓް ޓޭބަލް މަތީ ބެހެއްޓުމަށްފަހު ރޫޔާގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.
“މައި… ހައު.. ކިހިނެއް އަހަރެން ގެއަށް އައީ؟”
“ރަޒާން..” އެ ކޮޓަރިއަށް ބޯ ދިއްކޮށްލި ޝެހެނާ ޖަވާބު ދިނެވެ.
“ޝެހޭ؟؟!!”
“ހާއި ރޫ…” ޝެހެނާގެ ފަހަތުގައި ހުއްޓިހުރި ޝަފަޤް ޖަވާބު ދިނެވެ.
“ޝަފް.. ” ރޫޔާ ހައިރާންވެ ހުރެ އެ ދެމީހުންނަށް ބަލައިލިއެވެ. ޝެހެނާއާ ޝަފަޤް މާލެ އައީ ކޮން އިރަކު ހެއްޔެވެ؟
” އުޅުނީ ސަޕްރައިޒެއް ދޭން ކަމަށް. ރޭގަ މައި އާއި އެއްކޮށް ބޭރުގައި އުޅެނިކޮށް ރަޒާން މިއުވާން ލައްވާ މައިރާއަށް ގުޅާފަ ބުނި އެޕާޓްމެންޓަށް އައިސްދީބަލާށޭ. ދިޔަ ތަނާ، މިއޮއްގެން ކާރުން މީނަ ނިކުތީ، އޭނާގެ އަތްދަނޑި މައްޗަށް ރޫ ލައިގެން. ރޫ އޮތީ ނިދާފަ.. ދޯ ޝަފް. ބޭބީ އެއްހެން ހީވަނީ، އެހާވެސް ކުޑަ” ކޮޓަރި އެނދުގެ އަރިމަތީ އިށީނަމުން ޝެހެނާ ތަފްސީލު ދިނެވެ. ޝެހެނާގެ ތަފްސީލުން ރޫޔާގެ މޫނު ރަތްވިއެވެ.
“ޝެހޭ..ޕްލީޒް.. ރަޒާންގެ ވާހަކަ ނުދައްކާ..” ރޫޔާ މޫނު އުނގުޅަމުން ބުނީ ނުރުހިފައެވެ. ރޭ ވެގެންދިޔަ ގޮތް ޚިޔާލުގައި ކުޅެމުންދިޔައެވެ.
“ކަމެއް ވީތަ؟” ރޫޔާގެ ފައިގައި ފިރުމާލަމުން ޝަފަޤް އަހައިލިއެވެ.
“ނުވަނީ ކީއް. ރަޒާން އިނދެގެން އުޅެނީ އަހަރެންގެ ބޮސްގެ އަންހެން ދަރިފުޅާ. އައިމިނަތު ޔޫޝާ ނާސިރު.. ޝީ.. އިޒް މައި ޕޭޝަންޓް” ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު އެންމެނަށް ބަލައިލިއެވެ.
“ވަޓް؟”
“އޭން؟؟؟”
“މަތްކަލާނގެއަށް ވަކީލު”
“ޔަޕް. ހީ އިޒް އެވްރި ވެއަރ”
“ކިހިނެއް ރޫޔާއަށް ތިކަން އެނގުނީ؟ ނާސިރުގެ ޢާއިލާއަކީ ވަރަށް ޕްރައިވެޓް ބައެއް” މައިރާ ރޫޔާއަށް ބަލައިލީ ވާނުވާ ނޭނގިހުރެއެވެ.
ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޭ ވެގެން ދިޔަ ގޮތް ކިޔައިދިނެވެ. ނާސިރުގެ ބައްދަލުވުމާއި، ރަޒާނާއި ނާސިރުގެ ޢަމަލުތައް ހުރި ގޮތެވެ.
“ސޯ، ރޫ ތިބުނަނީ ނާސިރާ ބައްދަލުވި ވާހަކަ؟” މައިރާ އަހައިލިއެވެ.
“ހޫމް..” އެއާއެކު ރޫޔާ ފުން ވިސްނުމެއްގެ ތެރެއަށް ދިޔައެވެ. އޭނާ ކާރު ތެރޭ ނިދުނީ ކޮން އިރަކު ހެއްޔެވެ؟ އަނެއްކާވެސް ނިދުނީ މީހެއްގެ ފިރިއެއްގެ ކައިރީގައި ވިއްޔާއެވެ؟ އޭނާ ޔޫޝާއަށާއި ރަޒާނަށް ދައްކަނީ ކޮން މޫނެއް ހެއްޔެވެ؟
“އޯކޭ. ރޫ އަނގަ ހުޅުވާ” އެނދުން ތެދުވެ، ސައިޓް ޓޭބަލް މަތީ ހުރި ތަށި ނަގަމުން ޝެހެނާ ރޫޔާއަށް އަމުރު ކުރިއެވެ.
“ކީއްކުރަން؟”
“މި ކާން، އާނ ކިޔާ” ސޫޕު ފުރައި ސަމުސާލެއް ރޫޔާ އަނގަޔާ ކައިރިކޮށްލަމުން ޝެހެނާ ޖަވާބުދިނެވެ.
“ޝެހޭ.. މަޑުކޮށްބަލަ…” ކުޑަކުއްޖެއްހެން ރޫޔާ މޫނު އަނބުރައިލިއެވެ.
“ނޮޕް.. އަނގަޅަށް ހުޅުވާ.. މިހާރުވެސް ރަނގަޅަށް ނުކައިތީ ތިހާ އަވަހަށް ބަލިވަނީ..”
“ޝެހޭ.. މަ ފަހުން ތި ކާނީ..” ރޫޔާ ދެކޮޅު ހެދިއެވެ.
“ނޮޕް. މިހާރު ކާން އުޅޭ.. އެހެންނޫނީ ރަޒާން ގެންނާނަން..” ރަޒާންގެ ނަން އިވިފައި ރޫޔާ މޫނު ކުނިކޮށްލިއެވެ. އަވަހަށް އަނގަ ހުޅުވައިލުމަށްފަހު އެ ސަމުސަލުގައި ހުރި ސޫޕް ކޮޅު ބޯލިއެވެ.
“ރޫ.. ހަޤީގަތުގައިވެސް ރޫ މޫވް އޮން ވީތަ؟” ވިސްނަން ހުރި ޝަފަޤް ރޫޔާ އަށް ބަލައިލިއެވެ. އެބެލުމުގައިވާ ހާސްކަން ފެނިފައި ރޫޔާއަށް ނޭވާއެއް ދޫކޮށްލެވުނެވެ.
“ޔެސް.”
ތެދަށް ބުނާނަމަ، އޭނާއަށް އެކުރެވޭ އިހުސާސްތަކުގެ އަސްލެއް ނޭނގެއެވެ. އޭނާއަށް އަދިވެސް ވިސްނެނީ އޭނާއާ ރަޒާންގެ ލޯބި ދޫކޮށްލެވިފައިވާ ކަމެވެ. އެހެނަސް، ހިތުގެ އަޑީގައި ފޮރުވިފައި އޮތީ އެހެން އިހުސާސްތަކެވެ. އެ ކުރެވޭ އިހުސާސްތަކުން މިންޖުވުމެއް ނެތެވެ. ކިތައްމެ ވަރަކަށް ދުނިޔެއަށް އޮޅުވައިލަން އުޅުނަސް، ކިތައްމެ ވަރަކަށް އަމިއްލަ ނަފްސަށް އެހެން އެއްޗެއް ވިސްނައިދޭން އުޅުނަސް، ހިތުގައި މޫ ނެގިފައިވާ އިހުސާސްތަކުގެ އަސްލެއް ނުފޮރުވޭނެއެވެ. މިއަދު އެ އިހުސާސްތައް ދޫނިކޮށީގައި ބަންދުކުރެވުނަސް، ކޮންމެވެސް ދުވަހަކުން އެހިތް އަމިއްލައަށް ބޭޒާރުވާނެކަން އޭނާއަކަށް ނުވިސްނެއެވެ.
“ރަޒާންގެ ކަންކަމަކީ އަހަންނާ ބެހޭ ކަމެއް ނޫން” ރޫޔާ އެހެން ބުނުމަށްފަހު ޝެހެނާ އަތުގައި އޮތް ތަށި އަތުލިއެވެ. އަވަސް އަވަހަށް އެ ސޫޕްކޮޅު ހުސްކޮށްލުމަށްފަހު އޭނާ އެނދުން ތެދުވެ ގޮސް ވަދުނީ ފާހަނައަށެވެ. އެދޮގު ވެގެން ދިޔައީ އޭނާގެ އަނގައިގައި ލީ ހިތި ރަހައަށެވެ.
***
މައިރާ ފޮނުވި މެސެޖު ކިޔަން އިން ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި ލެނގިލިއެވެ. އޭނާ މަޑުކޮށްގެން އެ ހުރީ ޔޫޝާ އަންނާނެ އިރަކަށެވެ.
ދަބަހުން މައިރާ ތައްޔާރުކޮށްފައި ހުރި ގަނޑުތައް ނަގައި އެ ކިޔަން ފެށިއެވެ. އެ ކިޔަން އިން ވަގުތު މީހަކު ދޮރުގައި ޓަކި ދިނެވެ.
“ވަދޭ”
ދޮރު ހުޅުވުމާއެކު، ރޫޔާއަށް ޔޫޝާއާ އޭނާ ދުވަހަކުވެސް ފެނިފައި ނުވާ ފިރިހެނެއް ފެނުނެވެ. އޭނާ އެ ގަނޑުތައް ތިރިކޮށްލީ ލުއި ހިނިތުންވުމަކާއެކުއެވެ.
“ޔޫޝާ ދޯ؟ ޕްރޮސީޖަރ އަށް ތައްޔާރު ތޯ؟”
ޔޫޝާގެ ޖަވާބު އައީ ލަހުންނެވެ. އޭނާ ރޫޔާއަށް ހީލުމަށްފަހު ބޯ ޖަހައިލިއެވެ.
“ޑރ. އާޝިޔާ އުޅޭ އަވަހަށް ކޮންސެންޓު ނަގަން.” އާޝިޔާއަށް ބަލައިލުމަށްފަހު ރޫޔާ އެ ގަނޑުތައް އަނބުރާ ދަބަހަށް ލިއެވެ.
ޑރ. އާޝިޔާ ދިން ފޯމުގައި ޔޫޝާ ސޮއި ކުރުމާއެކު އެންމެން މިސްރާބު ޖެހީ ޕްރޮސީޖަރ ރޫމަށެވެ. ޔޫޝައު ކައިރީ ބޭރުގައި މަޑުކޮށްލަން އެދުމަށްފަހު ރޫޔާއާއި އާޝިޔާ އުޅުނީ އެ ކުޑަ މަރުހަލާއަށް ތައްޔާރުވާންވެގެންނެވެ.
އެނދުގައި ޔޫޝާ އޮށޯވެ އޮތީ ބަނޑުވަތަށެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލި އަޑު ރޫޔާއަށް އިވުނެވެ.
“އޯކޭ ޔޫޝާ.. މިހާރު މިތަން ސާފުކުރަން މިއުޅެނީ.. ކުޑަކޮށް ފިނިވާނެ”
ރޫޔާ ބުނިހެން، އެ ގޮށްގަނޑު ސާފުކޮށްލިވަގުތު ޔޫޝާއަށް ފިނިވިއެވެ.
“އައްސި ކުރަން އިންޖެކްޝަން ޖަހަން މިއުޅެނީ”
ރޫޔާގެ ބަހާއެކު، އިންޖެކްޝަނުގެ ކަށިގަނޑު އޭނާއަށް އިހުސާސްކުރެވުނެވެ. އެހެނަސް، އިރުކޮޅެއްފަހުން، އޭނާއަށް އެ އިންޖެކްޝަން ޖެހި ސަރަހައްދު އިހުސާސެއް ނުކުރެވުނެވެ. ރޫޔާ މަސައްކަތް ކުރަމުން ދިޔައިރު އޭނާއަށް އެއްވެސް ތަދެއްނުވިއެވެ.
އެހެނަސް އޭނާގެ ސިކުނޑީގައި ވަނީ ތޫފާނެއް އުފެދިފައެވެ.
އިރާކޮޅު، އޭނާއަށްވަނީ ރޫޔާގެ އަތުގައި އޮތް ގަނޑުތައް ފެނިފައެވެ. އެ ގަނޑުގައިވަނީ ކޯންޗެއްކަން އޭނާއަށް އެނގެއެވެ.
ހައްދުފަހަނައަޅައިފައިވާ އޭނާގެ ބައްޕައާ ދެކޮޅަށް ނުކުންނަން އެނގުނީ ހިލޭ ބީރައްޓެސަކެށެވެ. އެ ބައްޕަގެ އަނިޔާވެރިކަމުގެ އަސްލު ސިފަ ނުދަންނަ ޑޮކްޓަރަކަށެވެ.
ވީ ދެރައަށްވުރެ ޔޫޝާ ގަތީ ލަދެވެ. އެ ބައްޕައެއްގެ އަނިޔާ ތަހައްމަލުކުރަމުން ދިޔައިރު، އެނާ އެއްއިރެއްގައިވެސް އެ ބައްޕައާ ދެކޮޅަށްދާނެ ހިތްވަރެއް ނުލިބުނެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ، ބައްޕަގެ ބާރެވެ. ޕޮލިހަށް ދާން އުޅެފަ ހުއްޓުނީ، ބައްޕަ މަންމައަށް ހަދާނެގޮތް ނޭނގޭތީއެވެ. ރަޒާން ކައިރީ ބައްޕައަށް ގޮތެއް ނުހަދަން އާދޭސްކުރީ، ކޮއްކޮމެންނަށް ދޭނެ އަނިޔާގެ ނުބައިކަން އަންދާޒާ ކުރެވޭތީއެވެ. ބައްޕަގެ އަނިޔާވެރިކަމުން ނަން ދެވިފައިވާ ޖަލުގައި އޭނާވަނީ ރަނގަޅަށްވެސް ހައްޔަރުވެފައެވެ.
އެހެނަސް، އެބިރުވެރިކަމުގެ ތެރެއިން، ދެންމެ ފެނުނު މަންޒަރާއެކު އާ އިހުސާސެއް އެ ހިތުގައި ފޮޅެން ފެށިއެވެ. އެހިތުގައި ރޫޔާއަށް އޮތް އިހުތިރާމް ބޮޑުވިއެވެ. ކޮންމެވެސް ގޮތަކުން އޭނާއަށްވެސް، ރޫޔާ ގެންގުޅޭފަދަ ހިތްވަރެއް ލިބޭނެ ނަމައެވެ. އޭރުން، އެ ބިރުވެރިކަމުގެ ތެރޭގައި އުޅޭކަށް ނުޖެހޭނެއެވެ. ރަޒާންގެ ދީލަތި ހިމާޔަތުގެ ހިޔާ ހޯދައިގެން އުޅޭކަށް ނުޖެހޭނެއެވެ.
“ނިމުނީ..” ރޫޔާގެ އަޑު އިވިފައި ޔޫޝާ ފުންނޭވާއެއް ނަގައިލިއެވެ. “ޑރ. އާޝިޔާ ކިޔައިދޭނެ ދެން ކަންތައް ކުރަންވީ ގޮތް” އެ ގޮނޑިން ތެދުވެ ހިނގައިގަތީ އަތް ދޮންނަންށެވެ.
***
މެންދުރު ބްރޭކަށް ދާން ނިކުތް ރޫޔާ ހުއްޓުން އެރީ ވާޑު ސެކްޝަނުން މީހަކު ހަޅޭއްލަވާ އަޑު އިވިގެންނެވެ. މައިރާގެ ކޯލުން ރިންގުވަމުން ދިޔަ ފޯނަށް އަޅައިލުމެއްނެތި އޭނާ އަވަސް އަވަހަށް ފިޔަވަޅުތައް އެޅީ އެދިމާލަށެވެ.
“ކަލޭމެން ތީ ކީއްކުރަން ތިބޭ ބައެއް؟ އަހަރެމެންގެ ޓެކްސް ރުފިޔާއިން މުސާރަ ލިބޭއިރު، އަތުން ފައިން މަސައްކަތް ނުކޮށް ތި ތިބެނީ ޖެހި ބުދެއްހެން؟” އިވުނީ ފިރިހެނެއްގެ ރުޅިގަދަ އަޑެވެ.
“މި ކޮންކަމެއް؟” ނަރުހުންގެ ސްޓޭޝަން ކުރިމަތީ ހުއްޓިހުރި މީހުންތަކުގެ ތެރެއިން ކުރިއަށް ޖެހެމުން ރޫޔާ އެހިއެވެ.
“ތި ކާކު؟” އެ މީހާގެ ރުޅިވެރި ނަޒަރު ހުއްޓުނީ ރޫޔާއަށެވެ.
“ޑޮކްޓަރެއް، ކިހިނެއްވެގެން މިއުޅެނީ؟” ރޫޔާ އެމީހާގެ ކިބައިން ނަޒަރު ވަކިނުކޮށް ސުވާލުކުރިއެވެ.
“އަހަރެންގެ މަންމައަށް ބޭނުންވާ ބޭސް އަދިވެސް ނުލިބޭ.. ހަތަރު ގަޑިއިރު ވެއްޖެ. ތަދަށް ކެތްނުވެވިގެން މަންމަ އެއޮއްގެން މަރަށް ތެޅެނީ. އެބޭސް ހޯދަން އެހީމަ އެބުނީ ހޮސްޕިޓަލުން ބޭސް ހުސްވެފައޭ. ކޮންކަހަލަ ހޮސްޕިޓަލެއް މިއީ؟؟.” އެމީހާ އަޑު ބާރުކުރަމުން ބުންޏެވެ.
ރޫޔާ ނަރުސް ކައުންޓަރުގައި ހުރި އިނާޝާއަށް ބަލައިލީ ސުވާލުކުރާ ނަޒަރަކުންނެވެ.
“ބޭބެ، އަޅުގަނޑަށް ވިސްނޭ ބޭބެގެ ހާލާމެދު، އެކަމަކު ނަރުހުންނާ ދިމާލަށް ހަޅޭއްލެވިއޭ ކިޔާފަ ބޭހެއް އަވަހަކަށް ނުލިބޭނެ. ހަމައެކަނި ބޭބެއެއްނޫން، އަޅުގަނޑުމެންވެސް ހިތްހަމަނުޖެހޭ ހޮސްޕިޓަލުން ބޭސް ހުސްވެގެން އުޅޭތީ. އެކަމަކު އެއީ އަޅުގަނޑުމެން، ނަރުހުންގެ ބާރުގައި އޮންނަ ކަމެއްނޫން.”
“ހެވޭ. ކޮންމެވެސް މީހަކު މިކަމަށް ޒިންމާ ވާން އެބަޖެހޭނު؟” އެމީހާ ދެއަތް އުރައިލިއެވެ.
“ތެދެއް. އިނާޝާ.. ޓްރެމަޑޮލް އޯޑަރަށް ކިހިނެއްވީ؟” ރޫޔާ އިނާޝާއަށް ބޯ އަނބުރައިލިއެވެ.
“ފާރމަސީއިން ބުނަނީ އޯޑަރ ލަސްވިކަމަށް. ސަޕްލަޔަރުންގެ މައްސަލައެކޭ ބުނި..” ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހޮސްޕިޓަލުގައި ވެގެން އުޅޭ ކަންތައްތައް އެދަނީ އޭނާގެ ދެލޯ ކުރިމަތީ ގޯސްވަމުންނެވެ.
“އަދި އެއްފަހަރު ގުޅާ. ބުނޭ ޑރ. ރޫޔާގެ ރިކުއެސްޓަކަށް، ބެކްއަޕް ސްޓޮކުން އެމެޖެންސީއަށް ބޭސް ދޫކުރަން. އެ ބޭސް ލިބެން ނެތިއްޔާ، އެހެން އަލްޓަނޭޓިވް އެއް ހޯދާ.” ރޫޔާ އެ ބޭބެއަށް ބަލައިލިއެވެ.
“އަޅުގަނޑު ބޭބެގެ މަންމަ ބަލައިލައި ރަނގަޅުތޯ ބަލައިލަން އޯކޭތޯ؟” ރޫޔާ އަހައިލިއެވެ.
“މައްސަލައެއް ނެތް” އެމީހާ ހަމައަކަށް އަޅަމުން ނޭވާއެއް ދޫކޮށްލިއެވެ.
މީހުންތައް ދުރަށް ދިޔުމާއެކު އިނާޝާ ކުރިއަށް ޖެހިލައި ރޫޔާގެ އަތުގައި ހިފައިލިއެވެ. ޝުކުރުވެރި ނަޒަރަކުން އޭނާ ރޫޔާއަށް ބަލައިލިއެވެ.
“ތެންކްޔޫ ޑޮކްޓަރ. ”
“މެންޝަން ނޮޓް” އިނާޝާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ރޫޔާ ބުންޏެވެ.
***
“އޯހް. ވީ ޓްވީނިން” ހޮސްޕިޓަލުގެ ކެފެޓީރިއާ އިން ނުކުމެގެން ލިފްޓާ ދިމާލަށް ދިޔަ ރޫޔާގެ ފިޔަވަޅުތައް ހުއްޓުނީ މައިރާގެ އަޑު އިވިފައެވެ. އޭނާ ބޯ އަނބުރައިލުމާއެކު ކައިރީގައި ހުރި މައިރާ ފެނުނެވެ. މައިރާ ބުނިހެން ދެމީހުން ތިބީ އެއްވައްތަރެއްގެ ހެދުން ލައިގެންނެވެ.
ރޫޔާއާއެކީ ލިފްޓަށް އެރުމަށްފަހު މައިރާ އަވަހަށް ފޯނު ނަގައި ރޫޔާއާއި އޭނާއާއެކު ފޮޓޯއެއް ނެގުމަށްފަހު ޝެހެނާމެންނަށް ފޮނުވައިލިއެވެ.
“ސާބަސް.. ކީއްވެ ތިއައީ މިތަނަށް” ރޫޔާ ދެކޮޅަށް ބޯ ހޫރައިލިއެވެ.
“ރޫ އާ އެކީ ގެއަށް ދާން ކަމަށް..ޕްލަސް އައި ގޮޓް ފަޔާޑް. ރަސްމީކޮށް އަންއިމްޕްލޯޔީޑް”
“ވަޓް؟”
“ޔަޕް..”
“ހުވާ… ދެން.. ކިހިނެއް ހަދަން ތިއުޅެނީ؟” ލިފްޓުން ނުކުންނަމުން، ރޫޔާ އެކުވެރިޔާގެ ހާލާމެދު ކަންބޮޑުވެ ހުރެ ސުވާލުކުރިއެވެ.
“ނޭނގޭ. އަމިއްލަ ފާރމްއެއް ހުޅުވަންވީ ތޯއްޗެއް؟…” މައިރާގެ ޖަވާބާއެކު ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ.
“މައި ދޭ އަހަރެންގެ އޮފީހުގެ އިން ދަބަސް ހިފައިގެން އަންނަން. އޮފީހަށް ގޮއްސިއްޔާ އަނެއްކާވެސް ކޮންމެވެސް ކަމެއް ޖައްސަފާނެ..” ރޫޔާ ދުރަށް ޖެހިލަމުން އެ ފޯނު ނެގިއެވެ.
“ކީކޭ މަންމާ؟” ފޯނު ކަންފަތުގައި ޖަހައިލަމުން ރޫޔާ އަހައިލިއެވެ.
“ބިޒީ ގަޑިއެއްތަ؟” ހަލީމާގެ އަޑު ޖެހުމާއެކު ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ނޫން.. ޑިއުޓީ ނިންމާފަ ގެއަށް ދާން މިއުޅެނީ.. ކަމެއްވީތަ؟”
“މާއިޝް އަތް ބިންދައިލައިގެން މިއުޅެނީ..ރޫޔާހެން ގަހަށް އަރަން އުޅެނިކޮށް ވެއްޓުނީ…”
“ސީރިއަސްކޮށް؟”
“ދޮންތަ ރަށަށް އައިސް ޖެހޭނެ އަޅުގަނޑަށް ގަހަށް އަރަން ދަސްކޮށްދޭން. ކާފަ ކޮންމެ ދުވަހަކު ކިޔައިދެނީ ދޮންތަ ގަހަށާއި ފުރާޅަށާއި ވަޅަށް އަރާ ވާހަކަ.”
ހަލީމާގެ އަޑާ ވިއްދައިގެން މާއިޝްގެ އަޑު އިވިފައި ރޫޔާ ހެވުނެވެ. އޭނާ ހޮސްޕިޓަލުގައި ހިނގަމުންދިޔައީ އެއްވެސް ވަކި މަންޒިލެއް ނެތިއެވެ.
“މައިސްވެސް ދޯ.. އޯކޭ..”
“ދޮންތާ.. މަންމަ ބުނީ ދެން އަންނަ ޗުއްޓީގައި މާލެދާ ވާހަކަ. މާއިން ގޮވައިގެން.. މާއިން ވައްތަރީ އަޅުގަނޑާ..” މާއިޝާގެ އަޑުގައިވާ އުފާވެރިކަން ރޫޔާއަށްވެސް އިހުސާސްކުރެވުނެވެ. ބާރަ އަހަރުވިޔަސް، މާއިޝާ އަދިވެސް އުޅެނީ ފަސްއަހަރުގެ މާއިޝާ އުޅުނު ގޮތަށެވެ.
“އޯކޭ.”
“މާއްކޮ އޮންނާނީ ދޮންތަ ކޮޓަރީގަ.. ދޮންތަގެ އެނދުގައި”
“އެހެން.. ދެން ދޮންތަ ނިދާނީ ކޮންތާކު؟”
“ތިއްތަ ބުނީ ދޮންތަ ކޮޓަރީގައި އޮންނަނީ ބޮޑު އެނދެކޭ. ތިއްތަ އުޅެނީ ބޮޑު…ޕެންތް..ޕެންތްހައުސެއްގައޭ”
“ތިތާ ޕޫލެއްވެސް އޮންނަ ވާހަކަ ތިއްތަ ބުނީ؟”
މާއިޝާއާއި މާއިޝްގެ ފަރާތުން ފުލުފުލަށް އައި ސުވާލުތަކަށް ޖަވާބު ދެމުން ދިޔަ ރޫޔާ ހުއްޓުން އެރިއެވެ. ވިސްނައިނުލާ، ފޯނުގައި އިންދައި މި އާދެވުނީ ހޮސްޕިޓަލުގެ އަންޑަގްރައުންޑް ޕާކިން ލޮޓަށެވެ. ފަނޑު އަލިތަކުން މުޅި ތަން ދިއްލައިލެވިފައިވާއިރު، ރޫޔާއަށް އެހެން މީހެއްގެ ހިލަމެއް ވިއެވެ.
އޭނާ ހީކުރީ ނުބައި ކޮށެވެ.
އެ ފަޅި ސިކުންތުގައި އޭނާގެ ފަހަތުގައި މީހަކު ހުއްޓުނެވެ. ކަޅި ޖެހުމުގެ ކުރިން، އޭނާގެ ކަރުދަށުގައި ޖެހުނީ ވަޅީގެ ތިލައެވެ. މުޅި މީހާ ގަނޑުވީ އަމިއްލަ ސަލާމަތަށްޓަކައެވެ.
“ފޯނު ކަނޑާލާ!” އެމީހާ އަމުރު ކުރުމާއެކު ރޫޔާ އަވަހަށް ފޯނު ކަނޑައިލިއެވެ.
“ހީކުރީތަ އަހަރެންގެ ބޭބެ ޖަލަށްލާފަ ދިރިއުޅެވޭނެހެން؟” ރޫޔާގެ ކަރުގައި ވަޅި ޖައްސަމުން އެ ފިރިހެންމީހާ ބުންޏެވެ. “ފަތުހިއްޔާ ސަލާމް ބުނި، އަދި ބުނި މައިރާ ދެލޯ މަރައިލައިގެން އެ ލާރީގައި ހިފިނަމަ، މިގޮތަށް ކަންކުރަން ނުޖެހޭނެޔޯ..”
ރޫޔާގެ މުޅި ހަށިގަނޑު ފިނިވިއެވެ. އެމީހާ ހީކުރީ އޭނާއަކީ މައިރާކަމެވެ.
އެކިޔާ ފަތުހިއްޔާއަކީ ކާކުބާއެވެ؟
މައިރާ ބޯ ބާނައިގެން މިއުޅެނީ ކޮންކަމެއްގެ ތެރެއަށްބާއެވެ؟
“އަހަންނަކީ މައިރާއެއް ނޫން.. ގަމާރާ” ދަތްކުނޑިވިކައިލަމުން ރޫޔާ އެމީހާ ވަޅި ހިފައިގެން ހުރި އަތުގައި ހިފައި، ބޯ ޖެހީ އެމީހާގެ ނޭފަތް ދަނޑީގައެވެ.
“އައްދޯތް!!” އެމީހާ އޭނާގެ ގައިން ދޫކޮށްލުމާއެކު ރޫޔާ ދުރަށް ޖެހުނެވެ. ރޫޔާގެ ބޯ، އެމީހާގެ ނޭފަތް ދަނޑީގައި ޖެހުމާއެކު، އަތުގައި އޮތް ވަޅި ވެއްޓުނެވެ. އޭނާ ސިޑިއާ ދިމާލަށް ދުއްވައިގަންނަން އުޅުނު ވަގުތު އެމީހާ އޭނާގެ ކުރިމައްޗަށް އެރިއެވެ. އަވަސް އަވަހަށް އެނބުރެން އުޅުނު ވަގުތު އެމީހާ ރޫޔާ އަތުގައި ހިފައި ހޫރައިލީ ކާރެއްގެ ހޫޑު މައްޗަށެވެ. އަތުގައި އޮތް ފޯނު ވިއްސައިގެން ދިޔައެވެ
“ކަލޭ ބޮޑު… ހުރެބަލަ” އެމީހާގެ އަތް ދިޔައީ ރޫޔާގެ ކަރާ ދިމާލަށެވެ. ރޫޔާ އަވަހަށް ރޭކެންވެގެން އެއްފަރާތަށް ޖެހުނެވެ. އަވަސްއަވަހަށް ފައިނަގައި އެމީހާގެ މޭގައި ފައިން އަޅައި ކޮއްޕާލިއެވެ.
އޭނާ އަވަސް އަވަހަށް އެރީ އެކާރު މައްޗަށެވެ. އެމީހާ ރޫޔާ ދިޔަ ނުދޭންވެގެން ރޫޔާ ފައިގެ ހުޅުގައި ހިފައިލިއެވެ. ރޫޔާ އަވަސްއަވަހަށް އެމީހާގެ ގައި މައްޗަށް ފުއްމައިލިއެވެ.
ދެމީހުން އެކީ ބިންމައްޗަށް ވެއްޓުމާއެކު، ރޫޔާ އެ ފިރިހެން މީހާގެ ގައިމަތީ އިށީނެވެ. ލިބިފައި ހުރި ބާރެއްގެ ސަބަބުން އޭނާ ގޮސް ހިފީ އެމީހާގެ ކަރުގައެވެ.
“ދޫ…ކޮށް..ލާ” ރޫޔާ އޭނާގެ ކަރަށް ބާރުކޮށްލުމާއެކު އެމީހާ ކެއްސަން ފެށިއެވެ.
“ކާކު ފޮނުވައިގެން ތިޔައީ؟” ރޫޔާ ހަޅޭއްލަވައިގަތެވެ.
“ރޫޔާ.. ރޫޔާ” މީހަކު އޭނާގެ ކޮނޑުގައި ހިފައި، އެމިހާއާ ދުރުކުރަން އުޅުނެވެ.
“ރޫޔާ.. އޭނާ ދޫކޮށްލާ” ރަޒާންގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާއަށް ހޭވެރިކަން ވިއެވެ. އަވަސް އަވަހަށް އޭނާ އެމީހާގެ ކަރުން އަތް ދުރުކޮށްލުމާއެކު، ރަޒާން އޭނާ ކޮޅަށް ނެގިއެވެ. ކޮނޑުގައި ދެއަތް އަޅުވައިލުމަށްފަހު އޭނާ ރޫޔާގެ ހަށިގަނޑު ޗެކުކުރަންފެށިއެވެ.
“ކޮބާ އެ މައިރާ؟” އަމިއްލަ ކަރުގައި ފިރުމަމުން، އެމީހާ އިށީނެވެ. އޭނާ ހަމަލާ ދިނީ މައިރާއަކަށް ނޫންކަން ރޭކާލެވުނީ ދެނެވެ.
“މަޑުން ހުރޭ..” ރަޒާން އެމީހާއަށް ބަލައިވެސް ނުލިއެވެ. ރޫޔާގެ ކަރު މަތީ އިން ލޭ ރޮނގު ރަޒާނަށް ފެނުނީ ދެނެވެ.
ރަޒާންގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ރުޅިވެރިކަމުގެ ރާޅު ބާނީއެއް ލޭނާރު ތެރޭގައި ދައުރުކުރަން ފެށިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެމީހާއަށް ނަޒަރު ހިންގައިލިއެވެ.
ރަޒާންގެ ދެލޮލުގައިވާ ރުޅިވެރިކަން ފެނިފައި އެމީހާ ހިންދިރުވައިލިއެވެ. ރޫޔާގެ އަތް ދޫކޮށްލުމަށްފަހު ރަޒާން އޭނަ ކައިރިއަށް ކުރިއަށް ފިޔަވަޅު އެޅުމާއެކު މަޑުމަޑުން ފަހަތަށް ފިރުކެން ފެށިއެވެ.
“ގަސް..ގަސްތަކު…”
“ރަޒާން..” ރޫޔާ އޭނާއަށް ގޮވި އިވުނެއްކަމަކު، ރަޒާންގެ ބުއްދިއަކަށް އެ އަޑު ވާސިލެއް ނުވިއެވެ. އޭނާގެ ރުޅިވަނީ އޭނާގެ އަމިއްލަ ބާރުދަށުގައެއްނޫނެވެ. އެސްފިޔަ ޖަހައިލާ ކޮންމެ ފަހަރަކު ފެންނަނީ، ރޫޔާގެ ކަރުގައި އިން ލޭ ރޮނގެވެ.
ރަޒާން ގޮސް ހިފީ ވެއްޓިފައި އޮތް މީހާގެ ގިރުވާނުގައެވެ. ބާރަށް ހިފައިލުމަށްފަހު އޭނާ އެމީހާ ބިންމަތިން ނަގައި ކޮއްޕައިލީ، ކާރެއްގެ ހޫޑު މައްޗަށެވެ. ގޮށްމުއްކަވައިލުމަށްފަހު އޭނާ އަތް ނެގިއެވެ.
“ރަޒާން.. ހުއްޓާލާ. ބޭކާރު ކަމެއް ތި ކުރަނީ” އެއަތް އެމީހާގެ މޫނުގައި ޖެހުމުގެ ކުރިން ރޫޔާ އެ އަތުގައި ހިފިއެވެ. އަވަހަށް ރަޒާންގެ އަތުން އެމީހާގެ ގިރުވާން ނެއްޓުމަށްފަހު އޭނާ ރަޒާންގެ މޫނު އަތުތެރެއަށް ގެނައެވެ.
“ބަލަ.. އަހަރެން އޯކޭއޭ.. ހަމައެކަނި ހަންގަނޑު ކަފައިގެން ގޮސް އިނީ. މާ ބޮޑަކަށް އަނިޔާއެއް ނުވޭ”
“ރަޒާން” ފިރާޝްގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. އޭނާގެ ފަހަތުން ދެތިން ސެކިއުރެޓީ ގާޑުން އައެވެ. އެ ސެކުރެޓީ ގާޑުން އެ ފިރިހެންމީހާ ހިފެހެއްޓިއެވެ.
“ޕޮލިހަށް ރިޕޯޓުކޮށްފިން މިހާރު. ސަރ” އެތަނުން އެ ގާޑު ރަޒާނަށް ބޯ ޖަހައިލިއެވެ. ދެން ތިބި ތިން މީހުން އެމީހާ ހިފަހައްޓައިގެން އެތަނުން ދިޔައެވެ.
“ޑރ. ރޫޔާ” ލޭ މަނާކުރަންވެގެން އަމިއްލަ ކަރުގައި އަތް އަޅައިގެން އިން ރޫޔާއަށް އިވުނީ ފިރާޒްގެ އަޑެވެ. ފިރާޝްގެ ފަހަތުގައި ހުއްޓިހުރި ފިރާޒް ފެނިފައި ރޫޔާ ހައިރާންވިއެވެ.
“ޑރ. ރޫޔާ.. ތިއޮއް ލޭ އަންނަނީ” ފިރާޒަށް ރޫޔާގެ ޒަޚަމް ފެނިފައި ލޯ ބޮޑުވިއެވެ.
“ނޮޓް އަ ބިގް ޑީލް. ކުޑަކޮންނޭ ކެފިފަ އިނީ” ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
ރަޒާން ރޫޔާ ގާތަށް ޖެހިލުމަށްފަހު ރޫޔާގެ އަނެއް އަތުގައި ހިފިއެވެ. ރޫޔާއަށް ދެކޮޅު ހެދުމުގެ ފުރުސަތު ނުދީ، އޭނާ ހިނގައިގަތީ އޭނާގެ އަމިއްލަ ކާރާ ދިމާލަށެވެ. ކާރުގެ ޕަސެންޖަރ ދޮރު ހުޅުވުމަށްފަހު ރޫޔާ އެ ސީޓުގައި ބޭންދިއެވެ. ދެން އޭނާ ހުޅުވީ ކާރުގެ ޑިކީއެވެ. އެ ޑިކީ ހުޅުވުމާއެކު، ފޮށިގަނޑެއް ނަގައި އެ ހިފައިގެން ރޫޔާ ކައިރީ މަޑުކޮށްލިއެވެ.
“ރަޒާން، އިޓްސް ޖަސްޓް އަ ސްމޯލް ކަޓް” ރޫޔާ އިންތަނުން ތެދުވަން އުޅުނު ވަގުތު ރަޒާން އޭނާގެ އަތުގައި ހިފިއެވެ. ރަޒާންގެ ނަޒަރުގައިވާ ފިނިކަން ފެނިފައި ރޫޔާ ހުއްޓުން އެރިއެވެ. އެއްޗެކޭ ނުބުނެ އަނެއްކާވެސް ރޫޔާ އެ ސީޓު މަތީ ބޭންދިއެވެ.
ފަސްޓް އެއިޑް ބޮކްސް ހުޅުވައިލުމަށްފަހު އޭގެ ތެރޭގައި އޮތް ކަފަކޮޅެއް ނަގައި އޭގެން އެންޓިސެޕްޓިކު ކޮޅެއް ހާކައިލުމަށްފަހު ރޫޔާގެ ޒަޚަމް ސާފުކުރަންފެށިއެވެ. އެއް އަތުން ރޫޔާގެ ކަރުގެ މަތީ ބާއްވައިގެން، ރަޒާންގެ ނަޒަރާއި ސަމާލުކަން ހުއްޓިފައި ހުރީ އޭނާގެ ކަރަށެވެ. މަޑުމަޑުން އެ ކަފަކޮޅުން ރޫޔާގެ ޒަޙަމު ސާފުކުރަމުން ދިޔައީ ރޫޔާއަށް ތަދު ނުވާނެހެންނެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރަޒާން ރޫޔާއަށް ބަލައިލިއެވެ. އޭނާގެ ހުސްއަތް ނޭނގިނަމަވެސް ގެންދެވުނީ ރޫޔާގެ ވިންދުމައްޗަށެވެ.. އިނގިލި ދަށުން ރޫޔާގެ ނާރުގެ ތެޅުން އިހުސާސްވުމާއެކު، އޭނާ ދެލޯ މަރައިލިއެވެ. ލަސްލަހުން ގުދުވުމަށްފަހު އޭނާ ރޫޔާގެ ކޮނޑުގައި ބޯ އަޅައިލިއިރު، ޚިޔާލުގައި ސިފަވެގެން ދިޔައީ މީގެ ފަނަރަ މިނެޓުކުރިން ހިނގި ބިރުވެރި ހާދިސާއެވެ.
އޭނާ ހޮސްޕިޓަލަށް އައީ ފިރާޝާއެކު، ފިރާޝްގެ ކޮއްކޮ ފިރާޒަށް އެއްޗެއް ދޭންވެގެންނެވެ. ފިރާޒް ހޯދަންވެގެން ފިރާޝް ހޮސްޕިޓަލަށް ދިޔައިރު، ރަޒާން އިނީ ޕާކުކޮށްފައި އޮތް ކާރު ތެރޭ ފައިލެއް ކިޔަންށެވެ. އޭނާއަށް ފުރަތަމަ ކަމެއް ގޯސްވެގެން އުޅޭކަން ރޭކާއެއް ނުލިއެވެ.
އެހެނަސް ފިރިހެނަކު “އަތްދޯތް!” އޭ ކިޔާ ހަޅޭއްލެވި އަޑު އިވިފައި، އޭނާ ކާރުން ނިކުތީ އެ ފިރިހެނާއަށް އެހީވާންށެވެ. އެއްއިރެއްގައިވެސް ރޫޔާ ފެންނާނެކަމަށް ހީކޮށްގެންނެއް ނޫނެވެ. އެމީހާ ރޫޔާ ހިފަހައްޓަން އުޅުނު ވަގުތު ރޫޔާ ކާރެއްގެ މައްޗަށް އަރައި، އެމީހާގެ މައްޗަށް ފުއްމައިލި މަންޒަރު ފެނުނެވެ. ވަގުތުން ފިރާޝަށް ގުޅާ، ސެކިއުރެޓީ ގެންނަން އަމުރު ކުރުމަށްފަހު ރަޒާން ދުއްވައިގަތީ ރޫޔާއަށް އެހީވާންށެވެ.
އޭނާގެ އަތުގެ ތެރެއަށް ރޫޔާ ގެނެވުމާއެކު، ހިތުގައި އޮތް ބިރުވެރިކަން ފަނޑުވާން ފެށިއެވެ. އެހެނަސް، ދުނިޔެއަށް ދަޅަ ދައްކައިގެން، އޭނާއަކީ ބިރުކުޑަ މީހެއްކަން ހާމަކުރަން އުޅުނަސް، އެވީ މަންޒަރުތަކުން އޭނާގެ ހިތުގައި ރޫޔާ ގެއްލިގެން ދާނެކަމުގެ ބިރު މޫ ފަޅަން ފެށިއެވެ.
ނަސީރަށް ރޫޔާގެ އަސްލު އެނގޭ ދުވަހަކުން ކަންތައް ވެގެން ދަނީ ކިހިނަކުން ހެއްޔެވެ؟ ނަސީރުގެ ރޭވުމުގެ ވާތަކުގައި ރޫޔާ ހައްޔަރުވެއްޖެނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ؟
“ރޫޔާ…” ޕާކިން ލޮޓަށް ވަދެގެން އައި މައިރާގެ އަޑު އިވިފައި ރަޒާނަށް އެޚިޔާލުތަކުން ބޭރުވެވުނެވެ. އަވަސް އަވަހަށް ރޫޔާއާ ދުރަށް ޖެހިލުމާއެކު، މައިރާ އެ ދެމެދަށްވަދެ ރޫޔާގެ ގައިގައި އޮޅުލައިގަތެވެ.
“ރޫ.. އަލްޙަމްދު ލިﷲ! ރޫ..” ރޫޔާގެ ކޮނޑުމަތީ ބޯ އަޅަމުން މައިރާ ހިފަހައްޓައިގެން ހުރި ކަރުނަތައް ދޫކޮށްލިއެވެ.
“މައި… އިޓްސް އޯކޭ..” ރޫޔާ އަތް ނަގައި މައިރާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.
“އިޓްސް ނޮޓް.. އައި އޭމް ސޮރީ.. ރޫ.. އަހަންނަށް މައާފްކުރޭ” ރޫޔާ މައިރާ ދުރަށް ޖައްސައިލުމާއެކު މައިރާ ބުންޏެވެ.
ރޫޔާ މައިރާގެ ކޯތާފަތްމަތީ ދަތުރު ކުރަމުން ދިޔަ ކަރުނަތައް ފޮހެލީ ނުލާހިކު ލޯބިންނެވެ. އޭނާ މައިރާގެ މޫނު އަތުތެރެއަށް ގެންނަމުން، މައިރާގެ ލޮލަށް ބަލައިލިއެވެ.
“މައި.. އައި އޭމް ފައިން. މިއީ މައިގެ ސަބަބުން ވީ ކަމެއްނޫން.. ދެން ހުއްޓާލާ”
“ތެދެއް.. މައިރާއެއް ނޫން މިކަމުގައި ގޯސް މީހަކީ” މިއުވާންގެ އަޑު އިވިފައި އެންމެން ބޯ އަނބުރައިލީ އެއަޑާ ދިމާލަށެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން މިއުވާން ހުއްޓުނީ ރޫޔާގެ ކުރިމަތީގައެވެ. މޫނުމަތިން ފެންނަމުންދަނީ ހިތާމައާއި ލަދުވެތިކަމެވެ.
“ރޫޔާ.. އަހަރެން” ދެލޯ މަރައިލުމަށްފަހު ފުންނޭވާއެއް ނެގިއެވެ. ބޭރުކުރަން އުޅޭ ބަސްތަކަކީ އެއްއިރެއްގައިވެސް އޭނާއަށް ފަސޭހަ ބަސްތަކެއްނޫނެވެ.
“އަހަރެން ހިޔެއްނުކުރަން އަހަރެންގެ އާއިލާ މިފަދަ ދަށުދަރަޖައިގެ ކަމެއް ކުރާނެ ކަމަކަށް.. އަހަރެންގެ އާއިލާގެ ފަރާތުން މައާފަށް އެދެން..” މިއުވާން އުނދަގުލާއެކު ބޭރުކޮށްލިއެވެ.
“ޔޫ ސްޕައިންލެސް..” މައިރާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. ރޫޔާގެ ކޮނޑުން އަތް ދޫކޮށްލުމަށްފަހު ހިފީ މިއުވާންގެ ގިރުވާނުގައެވެ.
“ކަލޭއަށް އެނގޭ އެމީހުންގެ ވިޔަފާރީ ދަމަހައްޓަން ކޮންމެ ފަދަ ކަމެއްވެސް ކުރާނެކަން. އަނގަ ބަންދުކޮށް، އެމީހުން ކުރާ ކްރައިމަށް ލޯ މަރައިގެން ހުރީމަ ހީވީތަ އެކަން ނުވާކަމަށް؟”
“މައިރާ..އިޓްސް ވޭ ޓޫ ކޮމްޕިކޭޓޭޑް”
“ކޮން ކޮމްޕްލިކޭޓެއް ކިޔާކަށް؟ މިއުވާނަށް އެނގޭ މިއުވާންގެ އާއިލާ އުޅެނީ އަހަރެން ހަނުހިމޭން ކުރަންކަން. ޖަސްޓް ބިކޯޒް ޔޫ އާރ ސައިލެންޓް ޑަޒްންޓް މީން ޔޫ އާ އިނޮސެންޓް. އިޓް މޭކްސް ޔޫ ކޮމްޕްލިސިޓް” މައިރާ މިއުވާންގެ ގިރުވާނުގައި ހިފައި ކޮއްޕައިލަމުން ރައްދުދިނީ ރުޅިވެރިކަމާއެކުއެވެ.
“މައިރާ…” މިއުވާން މައިރާއާ ގާތްވާން އުޅުނެވެ.
“ނޫން. އަތްނުލާތި!” މައިރާ ފަހަތަށް ޖެހުނެވެ. ކާރު ސީޓުގައި އިން ރޫޔާގެ އަތަށް ދަމަމުން އޭނާ އަވަހަށް އެ ޕާކިން ލޮޓުން ނިކުތެވެ.
“ޑޭމް އިޓް” ގޮށްމުއްކަވައިލުމަށްފަހު މިއުވާން ރަޒާން ކާރުގެ ހޫޓުގައި ޖެހިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ދެތިން ފުންނޭވާއެއް ދޫކޮށްލިއެވެ.
“މަ ހިޔެއް ނުކުރަން ކަންތައް މިހާ ގޯސްވާނެކަމަށް” މިއުވާންގެ ޖީބުން ސިނގެރޭޓެއް ނަގައި، އެ ރޯ ކޮށްލި މަންޒަރު ބަލަން ހުރި ރަޒާން ބޯ ހޫރައިލިއެވެ.
“ސޭމް.. ހިޔެއްނުކުރަން މަންމަމެން މައިރާއަށް ހަމަލާދޭން މީހަކު ފޮނުވާނެކަމަކަށް. އެކަން އެނގުނުހާ އަވަހަކަށް މިތަނަށް މިއައީ.. ” މިއުވާން އެ ސިނގެރޭޓު ދަމައިލުމަށްފަހު، ދުންތައް ދޫކޮށްލިއެވެ.
***
ރޫޔާގެ އެޕާޓްމެންޓަށް މައިރާއަށް ވަދެވުމާއެކު، ހިނގައިގަތީ ބަދިގެއަށެވެ. ފެންބޯތަށްޓަށް ފެންފުރާ އެޅުމަށްފަހު އެންނޭވާއެއް ފެން ބޯލައި ހުސްކޮށްލިއެވެ.
“މައި…ވާހަކަ ދައްކަބަލަ، ކިހިނެއްވެގެން މިއުވާންގެ އާއިލާ މައިރާގެ ފަހަތުން އެއުޅެނީ މާވަރަކަށް؟” ކާމޭޒު ދަށުގައި އިށީންނަމުން ރޫޔާ އަހައިލިއެވެ.
“ހަނދާން އެބަހުރިތަ، ކުރީ ދުވަހު އަހަރެން ބުނި ކޭސްއެއްގެ ވާހަކަ؟ އަހަރެން މިއުވާންގެ ކަޒިންނެއް ޖަލަށް ފޮނުވި ވާހަކަ؟”
“ޔަޕް…”
މައިރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާ ރޫޔާގެ ކުރިމައްޗަށްވާ ގޮތަށް އިން ގޮނޑީގައި އިށީނެވެ.
“ލޯންގް ސްޓޯރީ ޝޯޓް، މިއުވާންގެ ފެމިލީ އިޒް ރިޗް. ލައިކް ރިޗް ރިޗް ރިޗް. ބައިވަރު ހޮޓެލްސްތަކާއި ރިސޯޓްސް..” މައިރާގެ މޫނަށް ބަލަން އިން ރޫޔާ އަޑުއަހަމުން ބޯ ޖަހަމުން ދިޔައެވެ.
“ބަޓް.. ދޭ އޯލްސޯ ރަން އަ…ސެކްސް ޓްރެފިކިން ރިންގެއް. ދަ ވިކްޓިމް އައި ރިޕްރެޒެންޓެޑް؟ އެމީހުން އަސްލު އުޅުނީ އެ ވިކްގެ ޕްރައިވެޓް ފޮޓޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެކަމުގެ ތެރެއަށް ވައްދަން..ދަ ރީޒަން އައި ވޯޒް ފަޔާރޑް؟ މިއުވާންގެ އާއިލާ ޕޭކުރީމަ.”
“ސީރިއަސްކޮށް؟؟” ރޫޔާގެ އަޑާއެކު މައިރާ ގޮނޑީގައި ލެނގިލިއެވެ. ދެލޯ މަރައިލުމަށްފަހު ނޭވާއެއް ދޫކޮށްލިއެވެ.
“އިޓްސް ޕާރސަނަލް އެޓް ދިޒް ޕޮއިންޓް.. އަހަރެންގެ މަންމައަށް ރަނގަޅަކަށް އިންސާފެއް ނުލިބުނު. ސައްތާރު ޖަލުގައި ދުވަސް ގުނަމުން އެދަނީ އެހެން ކުށެއްގެ ސަބަބުން، މަންމައަށް ދިން އަނިޔާގެ ސަބަބަކުންނެއް ނޫން. އަހަންނެއް ބޭނުމެއް ނޫން، އެހެން ވިކްޓިމަކަށް އެކަހަލަ ނާއިންސާފެއް ލިބޭކަށެއް، ހާއްސަކޮށް އަހަންނަށް އެ އިންސާފު ހޯދައިދިނުމުގެ ޤާބިލްކަން ލިބިފައިވާއިރު. މިއުވާންގެ އާއިލާ ވިޔަސް އަހަރެން މިކަން ކުރާނަން. އެމީހުންގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާ އެންމެންނަށް އިންސާފު ގެންނާނަން..”
“އަހަންނަށް އެނގޭ މައި އަށް މިކަން ވާނެކަން…” ރޫޔާ މައިރާގެ އަތުގައި ހިފައިލިއެވެ. މައިރާ ރޫޔާގެ އަތަށް ބާރުކޮށްލުމަށްފަހު ހީލިއެވެ.
މޭޒުމަތީ އޮތް ފޯނު ވައިބްރޭޓުވާން ފެށުމާއެކު ދެމީހުން އެފޯނަށް ނަޒަރު ބަދަލުކޮށްލިއެވެ. ރޫޔާ މައިރާ އަތުން ދޫކޮށްލުމަށްފަހު އެ ފޯނު ނެގިއެވެ. ސްކްރީނު އޮން ކޮށްލުމާއެކު ލިބިފައި އޮތް މެސެޖު ފެނުނެވެ.
____
އަންނޮއުން ނަމްބަރ: ސަލާމް ޑޮކްޓަރ ރޫޔާ. ދިސް އިޒް ޔޫޝާ.
އަންނޮއުން ނަމްބަރ: ވީ ނީޑް ޓު ޓޯކް.
______
2 Comments!
Comments are closed.


Mipaatu varah varah reethi
Ahh!! Dhen yoosha awaha hageegaiy bunaane nama.