މި ލޯތްބާއި ތި ވަޢުދު (25)
ސާރޖިކަލް އައުޓް ޕޭޝަންޓް ޑިޕާޓްމެންޓްގެ ވެއިޓިން އޭރިޔާގައި މަޑުކޮށްލައިގެން ހުރި ޔޫޝާ އިރުއިރު ކޮޅާ ބަލައިލެވެނީ، ފާރުގައި ހަރުކޮށްފައި އިން ޓޯކެން ސްކްރީނަށެވެ. ނަމްބަރު އަށާރައަށް އެރިފަހުން އެ ނަމްބަރެއް ބަދަލެއް ނުވިއެވެ. އޭނާ އެ ވެއިޓިން އޭރިޔާގައި އިންނަތާ އެތައް އިރެކެވެ.
ގޮނޑިން ތެދުވެ އޭނާ ހިނގައިގަތީ ކައުންޓަރު ކައިރިއަށެވެ. ރެސެޕްޝަނިސްޓުގެ ސަމާލުކަން ލިބުމާއެކު އޭނާ އެހީ ޑރ. ހުދާ ގެ އޮ.ޕީ.ޓީ ކުރިއަށް ދާނީ ކޮންއިރަކު ތޯއެވެ.
“ޑރ. ހުދާ ވެއްޖެ އެމަޖެންސީ ސާރޖަރީއަކަށް. އެހެން ޑޮކްޓަރ އަކަށް ބަދަލުކުރަން ބޭނުންތޯ؟” ރިސެޕްޝަނިސްޓު ހިނިތުންވެލުމަށްފަހު އަހައިލިއެވެ.
“ކޮން ޑޮކްޓަރުންނެއް ތޯ މި ގަޑީގައި ބައްލަވަނީ؟ ޑރ. ހުދާ ނޫން އެހެން އަންހެން ޑޮކްޓަރެއް މިގަޑީގައި އިންނެވިތޯ؟”
“އާދެ. ޑރ. ރޫޔާ އެބައިން ހެނދުނު ޑިއުޓީގައި.” ރިސެޕްޝަނިސްޓް ޖަވާބުދިނެވެ.
“ޑރ. ރޫޔާ؟” އެނަން ވީ ޔޫޝާ ދަންނަ ނަމަކަށެވެ. ކޮންމެވެސް ތަނަކުން އޭނާއަށް އެނަން އިވިފައިވާކަން އޭނާއަށް އިހުސާސްކުރެވުނެވެ. “އޯކޭ. ޑރ. ރޫޔާއަށް އެޕޮއިންޓްމެންޓް ބަދަލުކޮށްދީ”
މެމޯ ގަނޑު އަތަށް އެރުމާއެކު ޔޫޝާ އަނބުރާ ގޮނޑީގައި އިށީނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވިސްނަން ފެށިއެވެ. ބައްޕަގެ އަނިޔާ ހަނދާންވުމާއެކު އޭނާގެ ކޯތާފަތް ދިލަނަގައިލިއެވެ. އެ ޒަޚަމްވަނީ މޭކަޕްގެ އަޑީގައި ފޮރުވިފައެވެ.
އެވަގުތު ލިފްޓުން ނިކުމުގެން އައި ޑޮކްޓަރ ފެނިފައި ޔޫޝާ ދެބުމަ ގޮށްޖެހުނެވެ. ކޮންމެވެސް ދިމާލަކުން އޭނާއަށް އެ އަންހެނާ ފެނިފައި ވާކަން އޭނާގެ ބުއްދި ގޮވަމުން ދިޔައެވެ. އޭނާ ވިސްނައިލިއެވެ. ކޮންތާކުންބާއެވެ؟
އޭނާ ހަނދާނަށް އައީ މީގެ ދެތިން މަސް ކުރިން، އޮފީހުގެ ކަމަކަށް ހޮސްޕިޓަލަށް އައި ވަގުތު، ލިފްޓު ދޮރުމަތިން ދިމާވި އަންހެން ޑޮކްޓަރު މަތިންނެވެ. އެއީ އެ ޑޮކްޓަރު ބާއެވެ؟
އެ އަންހެން ޑޮކްޓަރު ވަދުނު ކޮޓަރި ދޮރުމަތީގައި ހަރުކޮށްފައި އޮތް ޓޯކެން ނަމްބަރ ސްކްރީނަށް އެރީ އޭނާއަށް ލިބިފައިވާ ނަމްބަރެވެ. އޭނާ އަވަސް އަވަހަށް ދަބަސް އަތަށް ނަގައި، ތެދުވެގެން ގޮސް ވަދުނީ އެކޮޓަރިއަށެވެ. ދޮރު ހުޅުވުމާއެކު އެ އަންހެނާއަކީ ކާކުކަން އޭނާއަށް އެނގުނެވެ.
އެއީ ރަޒާން ފޮރުވައިގެން ގެންގުޅޭ ފޮޓޯ ފްރޭމްގައި އިން އަންހެން ކުއްޖާއެވެ.
އޭނާގެ ޑޮކްޓަރަކީ ރަޒާންގެ ކުރީގެ ލޯބިވެރިޔާއެވެ.
“ކޮންނަމެއް ކިޔަނީ؟” ރޫޔާގެ އޯގާތެރި ހިނިތުންވުން ފެނިފައި ޔޫޝާވެސް ރައްދުގައި ހިނިތުންވެލިއެވެ.
“ޔޫޝާ.. ޑރ. ރޫޔާ ދެއްތޯ؟” ރޫޔާ ކައިރީ އިން ގޮނޑީގައި އިށީނަމުން ޔޫޝާ އަހައިލިއެވެ.
ޔޫޝާ ވެގެން ދިޔައީ ރޫޔާ ހީކުރި ގޮތާ ޚިލާފު މީހަކަށެވެ. އޭނާ ހީކުރީ ރަޒާންގެ އަނބިމީހާ ވަރަށް ޒީލަގަދަ ފޮނި އަންހެނަކަށް ވާނެ ކަމަށެވެ. ޔޫޝާ ވީ އެއާ ދިމާ އިދިކޮޅެވެ.
“ޔެސް… ކިހިނެއް ވެގެންތޯ ޑޮކްޓަރަށް ދައްކާލަން ތި ދުރުވީ؟” ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ރޫޔާ އަހައިލިއެވެ.
“މީ.. ކުޑަ ލަމްޕެއް އިނީމަ.. ދުވަސްކޮޅެއް ވެއްޖެ އެހެން އިންނަތާ.. ތަދެއްނުވޭ. އެކަމަކު ހިތަށް އެރީ ޑޮކްޓަރަށް ދައްކަންވީއޭ”
ޔޫޝާގެ އަލާމަތްތައް ކިޔައިދެމުން ދިޔައިރު ރޫޔާ އެހުރިހާ އެއްޗެއް، ކޮމްޕިއުޓަރުގައި އަޕްޑޭޓް ކުރަމުންދިޔައެވެ.
“ހިނގާ އެހެންވީމާ ބަލާލަމަ، އެހެރި އެނދުމަތީ އޮށޯވެލާ” ގޮނޑިން ތެދުވުމަށްފަހު ރޫޔާ އެ ކޮޓަރި ދޮރު ތަޅުލިއެވެ. އެނދުމަތީ ޔޫޝާ އޮށޯތުމާއެކު، އެނދު ނިވާކުރަން ހަރުކޮށްފައި އިން ފަރުދާ ބަންދުކޮށްލިއެވެ. ކަބަޑުން އަންގި ކިބައެއް ނެގުމަށްފަހު އަތަށް އެ ލެއްވިއެވެ.
އެކި އެކި ސުވާލުކުރަމުން ރޫޔާ އެ ގޮށްގަނޑު މަތީ ފިތަމުން، ޓެސްޓުކުރަމުން ދިޔައެވެ.
“ތަދުވޭތަ؟”
“ނޫން”
“ބެނައިން ސިސްޓެއް، ޕްރޮސީޗަރ ރޫމްގައި ރިމޫވްކޮށްލެވޭނެ، ލޯކަލް އެނެސްތީސިއާ ދީގެން، ވާގޮތް ބަލަން ދޫކޮށްލެވިވެސް ދާނެ. ނުރައްކާތެރި އެއްޗެއް ނޫން.” ރަބަރު އަންގި ބާލަމުން ރޫޔާ ހޯދި ކަންތައް ހާމަކުރިއެވެ.
“ރިމޫވް ކޮށްލަން ބޭނުންވަނީ” ހެދުން ރަނގަޅުކޮށްލަމުން ޔޫޝާ ބުންޏެވެ.
“އޯކޭ. ދެން އަންނަ ހަފްތާއަށް ތާވަލުކޮށްލާގޮތަށް އޯކޭ ދެއްތޯ؟ ޕްރޮސީޗަރ ބުކް ކުރުމުގެ ބައެއް ސުވާލުތައް މިކޮޅުން ކޮށްލަން އެބަޖެހޭ” ގޮނޑީގައި އިށީންނަމުން ރޫޔާ ޔޫޝާއަށް ބަލައިލިއެވެ.
“އޯކޭ..”
“އެއްވެސް ކަހަލަ އެލާޖީއެއް ހުރޭތޯ؟ އެއްވެސް ކަހަލަ ބޭހެއް ކުރަންތޯ؟”
“ނޯ އެލާޖީސް، މަލްޓިވިޓަމިން ނަގަނީ” ލުއި ހިނިތުންވުމަކާއެކު ޔޫޝާ ޖަވާބު ދިނެވެ.
“މާބޮޑުވުމުގެ އެއްވެސް ފުރުސަތެއް އޮތްތޯ؟”
އެ ސުވާލަކީ ރޫޔާ އާންމުކޮށް ކުރާ ސުވާލެކެވެ. އެނާވަނީ އެއްވެސް ވިސްނުމެއްނެތި އެ ސުވާލު އެތަކެއް ބަލިމީހުންނަށް ކޮށްފައެވެ. އެހެނަސް، ޔޫޝާއާ އެސުވާލު ކުރިއިރު އެ ހިތުގައި އުފެދިފައިވާ ގަނޑުބޮޑުވުން އެނގޭނީ ޚުދު އޭނާއަށެވެ. ޔޫޝާ ނޫނޭކޭ ބުނަންވެގެން ދެކޮޅަށް ބޯ ހޫރައިލި ވަގުތު ރޫޔާގެ ހިތުގައި ސުވާލުމާކެއް އުފެދުނެވެ.
“އައި އޭމް ނޮޓް..އެކްޓިވް…” ޔޫޝާ މަޑުމަޑުން ދިން ޖަވާބުން ރޫޔާ އިތުރަށް ހައިރާންވިއެވެ. މޫނުމަތިން އެއްވެސް އަސަރެއް ނައެއް ކަމަކު، އޭނާ ބުއްދީގައި އުފެދިފައި ހުރި ސުވާލުތައް ގިނަވަމުން ދިޔައެވެ.
އޭނާ އަނެއްކާވެސް ހުޅުވައިލީ ޔޫޝާއާ ބެހޭ މައުލޫމާތު ފައިލެވެ. ސްޓޭޓަސްގައި އިނީ ކައިވެނިކޮށްގެން އިން ކަމަށެވެ.
“އަހަރެން އިނދެގެން އުޅޭކަން ރޫޔާއަށް ޔަޤީންތަ؟”
ރަޒާންގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަން ފެށިއެވެ. ޔޫޝާގެ ފައިލްގައި އިނީ ކައިވެނި ކޮށްގެން އިން ކަމަށެވެ. ދެން އެހެންވީއިރު…
ތެދުދޮގު ހަދަނީ ކާކުކަމެއް އޭނާއަކަށް ނޭނގުނެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ ޔޫޝާއަށް ބަލައިލިއެވެ. ލުއި ހިނިތުންވުމެއް ދޫކޮށްލުމަށްފަހު އޭނާ ކުރިއަށް ގެންދިޔައެވެ.
“ދެން އަންނަ ހަފްތާ ހޯމަ ދުވަހަށް އިންނާނެ ޕްރޮސީޗަރ ބުކް ކޮށްފަ. ހެނދުނު އަށެއް ޖަހާއިރު.. އެހީތެރިއެއް ބޭނުންވާނެ”
“އެއީ…؟”
“ލޯކަލް އެނެސްތީސިއާގެ ސަބަބުން ބޯ އަނބުރާ ގޮތް ވާނެ.. ” ރޫޔާ ހުއްޓުނެވެ. “ޔޫޝާގެ ފިރިމީހާ؟ ފައިލްގައި ލިސްޓުކޮށްފަ އިނީ ކައިވެނިކޮށްގެން ކަމަށް” ރޫޔާގެ ބުއްދިއަށްވުރެ ދޫ ހަލަންޏެވެ. ބަސްތައް ބޭރުވުމާއެކު އޭނާ ހިތާހިތުން އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.
ރޫޔާގެ ސުވާލާއެކު ޔޫޝާ ހުއްޓުން އެރިއެވެ. އޭނާއަށް ރަޒާން ކައިރީ އަންނާށޭ ބުނާކަށް ނުކެރޭނެއެވެ. ނުވިތާކަށް…
“އަޅުގަނޑުގެ ފިރިމީހާ ކުޑަކޮށް ބިޒީ…” ޔޫޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. “އެކަމާ ހާސްނުވޭ. އަޅުގަނޑު އަންނާނަމޭ ހެލްޕަރެއް ގޮވައިގެން”
ގޮނޑިން ތެދުވެންނަމުން ޔޫޝާ ރޫޔާއަށް ބަލައިލިއެވެ.
“ޝުކުރިއްޔާ ޑރ.”
“މަރުހަބާ، ޔޫޝާ”
***
ދުވަސްކޮޅަކީ ސްކޫލް ބޮޑު ބަންދު ދުވަސްކޮޅުވުމުން، ރަހާ ވީ ރަށަށް ގޮއްސައެވެ. އިސްމާޢިލްވެސް ވީ ރަހުމަތްތެރިއެއްގެ ދަޢުވަތު ޤަބޫލުކޮށްގެން އެހެން ރަށަކަށް ގޮއްސައެވެ. ބަދިގޭގައި ކައްކަން އުޅުނު ރޫޔާ ފަހަތަށް ބޯ އަނބުރައިލީ މީހަކު ބެލް ޖަހާ އަޑު އިވުނީމައެވެ. އުނދުނުގެ އަލިފާންގަނޑު މަޑުކޮށްލުމަށްފަހު އޭނާ އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. ދަލުން ތަތްތެޅިފައި ހުރި މައިރާ ފެނިފައި އަވަހަށް ވަންނަން ތަން ދިނެވެ. މާނޭވާ ލަމުން މައިރާ އެގޭ ތެރެއަށް ވަދެ ހިނގައިގަތީ ބަދިގެ ތެރެއަށެވެ. އަލަމާރިން ފެންފުޅިއެއް ނަގައި، ފެންބޯ ތަށްޓަށް ފެން އެޅުމަށްފަހު އެއްނޭވާއިން ފެން ބޯލިއެވެ.
“ދުވެފަތަ ތިއައީ؟” މައިދޮރު ލައްޕަމުން ރޫޔާ އަހައިލިއެވެ. ޖަވާބުގައި މައިރާ ބޯ ޖަހައިލިއެވެ.
“ވެލް.. ތެދަށް ބުނާނަމަ،” ފެން ތަށި ސިންކު ތެރެއަށް ލަމުން މައިރާ ރޫޔާއަށް ބަލައިލިއެވެ. ވިސްނުމެއްގެ ތެރެގައި ފީނުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ޔަޕް.. ރޫ ތި ގެންގުޅެނީ ވަރަށް ޝައުޤުވެރި ކޭސްއެއް.. އެހެންވެ ފްރީވި ހާ އަވަހަށް މިއައީ މިތަނަށް ދުވެފަ” މައިރާގެ ބަސްތައް ބޭރުވީ އަވަސްއަވަހަށެވެ. ކަމެއް ވަންހަނާކުރަން އުޅޭހެން ރޫޔާއަށް ހީވިއެވެ.
“މައި…” ރޫޔާ މައިރާއަށް ބަލައިލުމަށްފަހު ބޯ އަރިކޮށްލިއެވެ. ނަޒަރުގައިވަނީ ނުރުހުމެވެ.
“ފަހުން ކިޔައިދޭނަން..ދެން ދައްކަބަލަ ތި ލިސްޓު…” ސިޓިން ރޫމު ސޯފާގައި އިށީނަމުން މައިރާ ބުންޏެވެ.
އުނދުން ނިއްވައިލުމަށްފަހު ރޫޔާ ގޮސް ވަދުނީ ކޮޓަރިއަށެވެ. މީގެ ދެދުވަސްކުރިން އޭނާގެ އެޑްރެހަށް އައި މެނީލާ ފައިލު އަތަށް ނަގައިގެން އޭނާ ކޮޓަރިން ނިކުތެވެ. ފައިލް ހުޅުވައިލުމަށްފަހު އޭނާ އޭގެ ތެރޭގައިވާ ގަނޑުތައް ނަގައި މައިރާގެ އަތަށް ދިއްކޮށްލިއެވެ. މައިރާވެސް އަތުގައި އޮތް ދަބަހުން ލެޕްޓޮޕް ނަގައި މޭޒުމަތީ ބޭއްވުމަށްފަހު އެ ހުޅުވައިލިއެވެ. ރޫޔާ ދިއްކޮށްލި ގަނޑުތަކުގައި ހިފުމަށްފަހު އެ ކިޔަން ފެށިއެވެ.
“ވާވް.. މި… ރޫ.. ރޫ އަށް އެނގޭތަ މީ ވެގެން އުޅޭގޮތް؟” ކިޔަލެވޭ ކޮންމެ ލިސްޓަކާއެކު މައިރާގެ ދެލޯ ބޮޑުވިއެވެ. އެއްލައިލިލެވޭ ކޮންމެ ގަނޑަކާއެކު މައިރާގެ މޫނު ސީރިއަސްވަމުން ދިޔައެވެ.
“ކުޑަކޮށް..”
“ރޫ.. ހަނދާން އެބަހުރިތަ އެމްއެމްޕީއާރުސީގެ ޚިޔާނަތް؟” އަތުގައި އޮތް ގަނޑުތައް މޭޒުމަތީ ބާއްވައިލަމުން މައިރާ ސުވާލުކުރިއެވެ.
“ޔަޕް… އެކަމާ މިކަމާ ހުރީ ކޮން ގުޅުމެއް؟” މޭމަތީ ހަށަން ބަންނަމުން ރޫޔާ އަހައިލިއެވެ.
މައިރާ އިޝާރަތްކުރީ މޭޒުމަތީ އޮތް ގަނޑަކަށެވެ.
“ބަލާބަލަ.. ދެއަހަރު ތެރޭ އަށް ސަޕްލަޔަރުން.. ހުރިހާ އެންމެންވެސް ރަޖިސްޓްރީކޮށްފަ އިނީ ސިންގަޕޫރުގައި.. ހަމަސް އަށްމަސް ތެރޭ ޑިސޯލްކުރެވިފަ.. ފެންތަމް އިންވޮއިސް. އެތެރެއިން މިހުރިހާކަމަކަށް ސޮއި ކޮށްފަ އެޕްރޫވްކޮށްފަ މިހުރީ.. އިޓްސް ދަ ސޭމް ސްޓްރަކްޗަރ..”
“ދަ ހެކް؟” ރޫޔާ އަވަސް އަވަހަށް ގޮސް މައިރާ ކައިރީ އިށީނެވެ. އަތަށް ގަނޑެއް ނަގައި ކިޔަން ފެށިއެވެ.
“ބަލާބަލަ.. މިއޮތީ އޭގެ ރިޕޯޓެއް.. ޝެލް ކޮމްޕެނީސް.. މި ކަން ކުރާ ބަޔަކު މިކުރަނީ އެ ކޮރަޕްޝަން ރަނގަޅަށް ދިރާސާކޮށްގެން.. ރޫ މިއީ ކުޑަކަމެއް ނޫން.. ދިސް އިޒް އަ ފްރީކިން މަނީ ލޯންޓަރީން ސިސްޓެމް”
މައިރާ އެހެން ގަނޑެއް ހުޅުވައިލިއެވެ. “ބަލާބަލަ.. ކެންސަރ މެޑިކޭޝަންސް، ސަޕްލައި ކުރަން އޯޑަރ ދޭ ވަރު މިއިނީ، ދެން ބަލާބަލަ މި.. މިހުރީ ހޮސްޕިޓަލަށް ސްޓޮކް ލިބޭ ވަރު..އޯޑަރ ދޭ ވަރާއި ސްޓޮކަށް ލިބޭ ވަރު މަދެއްނު” ރޫޔާ އެ ގަނޑުތައް ކިޔައިލިއެވެ. މައިރާ އެބުނި އެއްޗެއް ރޫޔާއަށް ފަހުމުވާން ފެށިއެވެ.
“ދަ ހެލް؟ މައި…އަޅޭ…” ޝޮކުވި ވަރުން ރޫޔާ އަނގަމަތީ އަތް އަޅައިލިއެވެ. “މިއީ ބޮޑު ވައްކަމެއްނު.. ޕޭޝަންޓުން..އަޅޭ” ކަންތައް ގޯސްވެފަ އޮތް މިންވަރު އަންދާޒާކުރެވެން ފެށުނެވެ.
“ޔަޕް.. އެޕޭރެންޓްލީ.. ޕާކިސްތާނުގައި މިކަހަލަ ކަމެއް ދިމާވި. ރ. ނިސާރު އަޙްމަދު ކިޔާ ހޮސްޕިޓަލްގެ ސުޕްރިންޓެންޑެންޓަކު މިކަހަލަ ކަމެއް ކޮށްފަ. އަގުބޮޑު ކެންސަރ ބޭހާއި ހިތުގެ ބަލިތަކަށް ބޭސް އޯޑަރ ކޮށް އިންވޮއިސް ހަދަ، ފައިސާ ދެއްކި، އެކަމަކު ބަލިމީހުންނަކަށް އެ ބޭހެއް ވާސިލް ނުވި. އޭގެ ބަދަލުގައި އެބޭސްތައް އަމިއްލަ ފާރމަސީތަކަށް ފޮނުވާ، ބާޒާރު އަގުގައި ވިއްކި. އެ ހޮސްޕިޓަލުގެ ޖޫނިއަރ ޑޮކްޓަރ އަށް އެކަން ނޯޓިސްވީ. އޭނާގެ ކެންސަރ ބައްޕައަށް ބޭސް ނުލިބެން ފެށީމަ..”
“ކޯއިންސިޓެންސް ޓޫ މަޗް؟” ރޫޔާ އެއްބުމަ އަރުވައިލިއެވެ.
“ވީ ގޮތަކީ، އެ ހޮސްޕިޓަލުން އެ ޑޮކްޓަރ ވަޒީފާއިން ވަކިކުރީ. ސޯ ދަ ޑޮކް ވެންޓު މީޑިޔާ.. މީޑިޔާއިން ރިޕޯޓުކުރީމަ ގަވާރމެންޓުން ފިޔަވަޅުއެޅީ.. ބަޓް” މައިރާ ހުއްޓައިލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“އެކަމުން އެންމެ ބޮޑަށް އަސަރު ކުރީ ހޮސްޕިޓަލުގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ބަލިމީހުން. ހޮސްޕިޓަލުގެ ރެޕިއުޓޭޝަން ގެއްލި، ބަލިމީހުން އެތަނަށް ކުރާ އިތުބާރު ގެއްލި، މީހުންގެ ވަޒީފާތައް ގެއްލިގެން ދިޔަ.. އިޓްސް ނޮޓް ދަ ކްރިމިނަލްސް ހޫ ސަފަރ ދަ މޯސްޓް” މައިރާގެ ބަހާއެކު ރޫޔާއަށް ދެއަތް ގޮށްމުއްކަވައިލެވުނެވެ. އޭނާއާ އެކު އެ ހޮސްޕިޓަލުގައި އުޅޭ އެހެން މީހުންނާ މެދު ވިސްނައިލެވުނެވެ. ރެސިޑެންޓުން ފެށިގެން ނަރުހުންނާ މެދުއެވެ. ހޮސްޕިޓަލުގައި އުޅޭ އެހިތެރިންނާއި ބަލިމީހުންނާ މެދު އެވެ. މިކަންތައް ފަޅައަރާފިނަމަ، ގެއްލުންވާނީ މި ކުށް ކުރާ މީހުންނެއް ނޫނެވެ. މައުސޫމު ބަލިމީހުންނާއި، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެންމެންނެވެ. ދިރިއުޅުން ފާގަތި ކުރުމަށް މަސައްކަތް ކުރާ އެންމެނަށެވެ.
“ދެޓްސް ސޯ.. އަންފެއަރ”
ފާއްދާލި ކަރުނައާއެކު ރޫޔާއަށް ހެވުނީ އޭނާގެ ހާލަތާމެދު މަލާމަތްކުރާ ހާލުއެވެ. އޭނާ ކުރަންވީ ކީއްހެއްޔެވެ؟
“ވީ ކޭންޓް ގޯ ޕަބްލިކް، ނޮޓް ލައިކް ދިޒް” ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ އަތްމަތީ ދަތްދޮޅި ވިއްދައިލިއެވެ.
“މިހުރިހާ މައުލޫމާތެއް ހިފައިގެން އިންސާފު ހޯދަން އެޗް.ޕީ.އޭ އާއި ޕޮލިހަށް ގޮއްސިނަމަ، އަސަރު އެންމެ ބޮޑަށް ކުރަނީ ކުށެއް ނެތް މީހުން. މިކަން ގޮސްފައިވަނީ ކިހާ މައްޗަށް ކަން ޔަޤީން ނުވަނީސް، ނޯ ގޮއިން ޕަބްލިކް އޯ ރިޕޯޓިން ދިޒް.”
ރައްދުގައި ރޫޔާ ބޯ ޖަހައިލިއެވެ. އަތުގައި އޮތް ގަނޑު މޭޒުމަތީ ބޭއްވުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ. މޫނު މަތިން ފެންނަމުންދާ ސީރިއަސްކަމާއެކު އެ ދެލޮލުގައިވަނީ ރޫޔާއަށްޓަކައި ކަންބޮޑުވުމެވެ.
“އެހެންވީމާ އަހަރެމެން އެބަ ޖެހޭ މި ފައިސާތައް ދިޔަ މަގު ހޯދަން. އެންމެ މަތީ ފަންތިއާ ހަމައަށް އެ ފައިސާ ދިޔަ ގޮތް ބަލަން”
“ކިހިނެއް އަހަރެމެން އެކަން ކުރާނީ؟” ރޫޔާ މާޔޫސްވެފައި އަހައިލިއެވެ.
” ފޮރެންސިކް އެކައުންޓިންގ އަކީ މައި ފީލްޓެއް ނޫން. އެކަމަކު އެކަން ކުރާ މީހެއް އަހަންނަށް އެނގޭ” މައިރާ ރޫޔާއަށް ބަލައިލިއެވެ. އޭނާ ދެން އޮތް ބަސްތައް ހާމަކުރާ ގޮތަކުން އޭނާގެ ސިއްރުވެސް ފަޅަ އަރާނެކަން އިހުސާސްކުރެވުނެވެ.
“ޝީ އިޒް އަ ފޮރެންސިކް ލޯޔަރ. މިހެންދާ ފައިސާތައް ޓްރޭސް ކުރެވޭނެ އޭނާއަށް. ޝީ ހެލްޕްޓް މީ އިން އަ ކޭސް އާލިއަރ”
“ކޮން ކޭސްއެއް؟”
މައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“އެއީ ރޫޔާ މާލެ އައި ދުވަސްކޮޅު ހޭންޑަލް ކުރި ކޭސްއެއް. ސެކްޝުއަލް ހެރޭސްމެންޓް.. ނުފޫޒުގަދަ ޢާއިލާއާ ދެކޮޅަށް އަހަރެން ވަކާލާތު ކުރި މައްސަލައެއް.. އައި ވޮން ދެޓް ކޭސް..ބަޓް”
“ހޫމް؟”
“ދެޓް ފެމިލީ ކީޕް ހެރޭސިން މީ. މިއަދުވެސް މީހަކު އަހަރެން ފަހަތު އަޅުވައިލައިގެން އުޅުނު.. ދެޓް ފެމިލީ..ގެ އެސެޓުތައް ޓްރޭސްކުރަން މިކިޔާ ލޯޔަރ އެހީވި” މައިރާ އަތުގެ އިނގިލިތަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުންޏެވެ.
“މައި ވަޓް ދަ ހެލް؟” ރޫޔާ އިން ތަނުން ތެދުވެ މައިރާއަށް ބަލައިލިއެވެ. އޭނާ ހައިރާންވީ ވަރުން އަޑުވެސް ބާރުވިއެވެ. “ޔޫ އާ ބީން ސްޓޯކްޑް؟”
“ޔެސް.. ދެޓްސް ނޮޓް އިޓް…މި ބުނާ ފެމީލީ… އިޓްސް މިއުވާންގެ ފެމިލީ…”
“މިއު..” ރޫޔާ ދެލޯ ބޮޑުވިއެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ އޭނާ ދެކޮޅަށް ބޯ ހޫރައިލީ ޤަބޫލުކުރަން ދަތިވެ ހުރެއެވެ. “ރަޒާނާއެކު އުޅޭ މިއުވާން؟”
“ޔެސް..”
“ވަޓް ދަ ވަޓް؟” ރޫޔާ އަނެއްކާވެސް މައިރާ ކައިރީ އިށީނެވެ.
“ދެން ކީއްވެ އަހަރެން ކައިރީ މިހުރިހާ ވާހަކެއް ކިޔައި ނުދިނީ؟” އޭނާގެ އަތުތެރެއަށް މައިރާގެ އަތް ގެންނަމުން އަހައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދާ ކަންބޮޑުވުން ފެނިފައި މައިރާ ނޭވާއެއް ދޫކޮށްލިއެވެ.
“ބިކޯޒް، ރޫ.. ރޫ ވިސްނަން ޖެހޭ އެހެން ކަންތައްތައް ހުރީމަ، ބަލި ބައްޕައެއް ބަލަމުން، ޑޮކްޓަރުން ތަމްރީނު ކުރަމުން، އަނެއްކޮޅުން ރަޒާންގެ ކަންތައްތައް… ރޫ ކޮނޑުގައި އަޅުވައިގެން އުޅޭ ޒިންމާތަކުގެ މައްޗަށް އަހަރެންގެ ބުރަތައް އަރުވަން ބޭނުން ނުވާތީވެ.”
މައިރާގެ ބަހާއެކު ރޫޔާ މައިރާ ގައިގައި އޮޅުލައިގަތެވެ.
“މައި، ދުވަހަކުވެސް ތިހެން ވިސްނައިގެން ނުވާނެ، މައި، ޝަފް، ޝެހޭ ގެ އެއްވެސް ކަމެއް ނުވާނެ އަހަންނަކަށް ބުރައެއް. އަޑު އިވިއްޖެތަ؟”
“ޔަޕް..” މޫނުމަތިން ލުއި ހިނިތުންވުމެއް ފާޅުކުރަމުން މައިރާ ޖަވާބު ދިނެވެ.
“ގުޑް. ބެކް ޓު ބިޒްނަސް… ތިކިޔާ ފޮރެންސިކް ލޯޔާރ އަށް ކޮންޓެކްޓު ކުރޭ.. ރައިޓް ނާއު، މިކަންތައް އޮންނަންވާނީ ހަމައެކަނި އަހަރެމެން ދެމީހުންގެ ދެމެދުގަ. އެހެން އެއްވެސް މީހަކަށް އެނގިގެން ނުވާނެ”
“އެގްރީޑް، ރޫ އެކަމަކު އެހެން ކަމެއްވެސް އެބައޮތޭ” ލެޕްޓޮޕުން ފައިލެއް ހުޅުވަމުން މައިރާ ބުންޏެވެ.
“ކޮންކަމެއް؟” މައިރާއާ ކައިރިވެލަމުން ރޫޔާ އެހިއެވެ.
“ހޮސްޕިޓަލް އުފެއްދީ އާދަމް ނަސީރު، އޭނާއަކީ ބޯޑުގެ ޗެއާމަން، އެންޑް… ‘ރަންމުތް ހޯލްޑިންސ’ގެ ބޯޑުގެ ޑިރެކްޓަރެއް”
“ތިބުނީ ރަޒާންގެ ކޮމްޕެނީތަ؟”
“ހޫމް.. ހޮސްޕިޓަލުގެ ސީއެފްއޯ ރިޕޯޓު ކުރާނީ ނަސީރަށް، ވީ ކާންޓް ސޭ ހީ އިޒް އިންވޯލްވްޑް އޯ ނޮޓް.. ކޮންމެ ގޮތެއް ވިޔަސް، އޭނާއަކަށް އިތުބާރެއް ނުކުރެވޭނެ، ދެޓް އިންކްލޫޓްސް ރަޒާން ޓޫ. ރަޒާންގެ ކޮމްޕެނީގެ ބޯޑުގެ މެމްބަރަކަށް ނަސީރު ވަންޏާ، ވަޓް އާ ދަ ޕޯސިބިލިޓީސް ދެޓް ރަޒާން ހިމްސެލްފް އިޒް ނޮޓް އިންވޯލްވްޑް؟”
ރޫޔާ އެސުވާލާއެކު ފުންނޭވާއެއް ނަގައިލިއެވެ. އަނެއްކާވެސް ރަޒާންގެ ކޮންމެވެސް ކަމެއް އޭނާއާ މި ދިމާވިއެވެ. ރަޒާނަކީ އެކަހަލަ މީހެއްބާއެވެ؟
“އައި ޑޯންޓް ޓްރަސްޓް ހިމް”
***
“ޢާއިޝާ” ރޫޔާގެ އޮފީހަށް ވަދެގެން އައި ރާޝިދުގެ އަޑު އިވިފައި ވިސްނުމެއްގެ ތެރޭގައި ގެއްލިފައި އިން ރޫޔާ ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ރާޝިދަށް ބަލައިލި ގޮތް ފެނިފައި ރާޝިދު ހޭން ފެށިއެވެ.
“ކޮން ޚިޔާލެއްގަ؟” ރޫޔާ ކުރިމަތީ އިން ގޮނޑީގައި އިށީނަމުން ރާޝިދު އަހައިލިއެވެ.
ރޫޔާ ނޭވާއެއްދޫކޮށްލިއެވެ. ރާޝިދުގެ ހިނިތުންވުން ފެނިފައި ރޫޔާ ނިންމީ، އެވާހަކަތައް ސިއްރުކުރަންށެވެ.
“ކަމެއްވީތަ؟ ހާދަ އުފާވެފަ”
“މާދަމާ ރޭ އޮންނާނެ ހޮސްޕިޓަލުގެ އެނުއަލް އިމްޕްލޯޔީ ސާރވިސް އެވާރޑް ސެރެމޮނީ..”
“ދެން؟”
“ޢާއިޝާ އަންނަންވީނު ބޭބެއާއެކު.. ޖެނެރަލް ސާރޖަރީ ޑިޕާޓްމެންޓް ރިޕްރެޒެންޑްކުރަން.. ފަންޑްރައިޒަރ ނިންމާފަ ސެރެމޮނީ އޮންނާނެ.” ރަޒާންގެ ނަން އިވިފައި ރޫޔާގެ ބޮލުގައި ރިހުމެއް އުފެދުނެވެ.
“ބޭބެ އެހެން ޑޮކްޓަރަކާ އެއްކޮށް ދާން އުޅެންވީނު” މޭޒުމަތީ އޮތް ފޯނު ނަގަމުން ރޫޔާ ބުންޏެވެ.
“ޢާއިޝާ ތީ އާ ޑޮކްޓަރެއް ވީމަ ބޭބެ ބޭނުންވަނީ ޢާއިޝާ ގެންދަން” މޭމަތީ ހަށަން ބަންނަމުން ރާޝިދު ބުނެލި ގޮތުން ރޫޔާއަށް ހެވުނެވެ.
“މައްސަލައެއް ނެތް.. މާދަން ރޭ އެއްނު”
***
ރީތިވެގެން ކޮޓަރިން ނިކުތް ރޫޔާ މިސްރާބު ޖެހީ ބަދިގޭއާ ދިމާލަށެވެ. ކަބަޑުން ޕެރެސެޓަމޯލް ގުޅައެއް ނަގައި އަނގަޔަށްލީ، އިއްޔެ ރިއްސަން ފެށި ބޯ ރަނގަޅުނުވާތީއެވެ. އޭނާ ދެޚިޔާލެއްގައި ހުރެފައި ދާން ނިންމީ، ރާޝިދު ކައިރީ އަންނާނަމޭ ބުނެފަ އޮތީމައެވެ.
ބޫޓު ހަރުގަނޑުން ކަޅު ހައިހީލެއް ނަގައި އަރުމަށްފަހު، އޭނާ އެގެއިން ނިކުތެވެ. ބޭރުން މައިދޮރު ތަޅުލުމަށްފަހު އޭނާ ލިފްޓާ ދިމާލަށް މިސްރާބު ޖެހިއެވެ. ފަންގިފިލާއަށް ލިފްޓު މަޑުކޮށް، ދޮރު ހުޅުވުމާއެކު، އެ ހުސް ލިފްޓު ތެރެއަށް ވަދުނެވެ. ލިފްޓުގެ ފާރުގައި ހަރުކޮށްފައި އޮތް ލޯގަނޑަށް އޭނާ ބަލައިލިއެވެ.
ލައިގެން ހުރި ނެވީ ނޫކުލައިގެ އަތް ދިގު މިޑީ ހެދުމުން ރޫޔާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ބޯމަތި އޮމާން ކޮށްލެވިފައިވާއިރު، އެ ދިގު އިސްތަށިގަނޑުވަނީ ހުޅި ޖަހާލެވިފައިއެވެ.
ތިރީ ފަންގިފިލާއަށް ލިފްޓު ހުޅުވުމާއެކު ރޫޔާ ހިނގައިގަތީ ދޮރާ ދިމާލަށެވެ. އެ އިމާރާތުގެ ލޮބީ ކަޑަތުކޮށް ބޭރަށް ނުކުތުމާއެކު، ދޮރުމަތީ މަޑުކޮށްގެން އޮތް ޓެކްސީއެއް ފެނުނެވެ. ޕަސެންޖަރ ސީޓުގައި އިން ރާޝިދު ފެނިފައި ރޫޔާ އަވަހަށް އެކާރުގެ ފަހަތު ސީޓަށް އެރިއެވެ.
“ޢާއިޝާ. ހާދަ ރީއްޗޭ މާޝާﷲ” ރޫޔާގެ ކާރުގައި ހަމަޖެހިލުމާއެކު ރާޝިދު ތަޢުރީފުކުރަން ފެށިއެވެ.
“މި ދޯ އެއްކަލަ ފްލައިޓުގައި އުޅުނު ޑޮކްޓަރަކީ” ކާރު ދުއްވަން އިން މީހާ ރޫޔާ ފެނުމާއެކު، އޭނާއަށް އެއީ ކާކުކަން އެނގުނެވެ.
“އާން، އަހަރެމެންގެ ޢާއިޝާ.. ނުލާހިކު މޮޅުވާނެ” ރާޝިދަށް ހުއްޓެން ނޭނގުނެވެ.
“އަސްލު ބުނަން، ރާއްޖެއަށް ބޭނުންވަނީ ތިކަހަލަ ދަރިން، ޤައުމަށް ޚިދުމަތްކޮށް، ޤައުމު ފަޚުރުވެރިވާ ފަދަ ދަރިން. ބޭބެ ވަރަށް އުފާވި، އެ ޑޮކްޓަރަކީ ދިވެއްސެއްކަން އެނގުމުން. ތިކަހަލަ ޑޮކްޓަރުން ވަރަށް މަދުވާނެ.” ޑްރައިވަރުގެ ބަހާއެކު ރޫޔާގެ ހިނިތުންވުން ގަނޑުވިއެވެ. ހަނދާނަށް އައީ ހޮސްޕިޓަލުގެ ބޮޑު ވައްކަމެވެ. އޭނާއަށް ކަންތައްތަކުގެ އަޑި އެނގޭހާލު، ހަނު ހިމޭނުން ހުރިއްޔާ، އޭނާ ވެގެންދާނީ ކޮންކަހަލަ ޑޮކްޓަރަކަށް ހެއްޔެވެ؟
“ވަރަށް އުފާވެއްޖެ” ގަދަކަމުން ހިނިތުންވެލަމުން ރޫޔާ ޖަވާބުދިނެވެ. ކުރެވޭ ކޮންމެ ޚިޔާލާއެކު އޭނާގެ ބޮލުގެ ރިހުން ގޯސްވާން އުޅޭހެން ހީވެއެވެ.
ބްރިޖުމަތިން ދަތުރުކުރަމުން ދިޔަ އެކާރު މާލެއަށް އެރުމާއެކު މިސްރާބު ޖެހީ ޖަލްސާއޮތް މާލަމަށެވެ. އެ އިމާރާތުގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ރާޝިދު ކާރު ޑްރައިވަރަށް ލާރި ދިއްކޮށްލިއެވެ. އެހެނަސް އެލާރީގައި ހިފަން އެ މީހާ ދެކޮޅު ހެދިއެވެ.
“ނޫން. ތި ބާއްވާ. ޑޮކްޓަރ ވަނީ އަޅުގަނޑުގެ ބައްޕަ ސަލާމަތް ކޮށްދީފަ. އެހެން ޑޮކްޓަރުން ބައްޕައާމެދު އުއްމީދު ގެއްލުވާލައިފައި އޮއްވަ ޑޮކްޓަރ އަޅުގަނޑު ބައްޕަ ސަލާމަތް ކުރަން އިސްނެގީ.. އެކަމަށް އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ އަބަދުވެސް ޝުކުރުވެރިވާނަން.” އަސަރާއެކު ޑްރައިވަރު ބުނި ބަސްތަކުން ރޫޔާގެ ހިތް އިތުރަށް ބަރުވިއެވެ.
ކާރު ދިޔުމާއެކު ރޫޔާ ރާޝިދަށް ބަލައިލިއެވެ. ބޮލުގެ ރިހުން ކިތައްމެ ގަދަވިޔަސް، އެ ދެލޮލުގައިވަނީ ފަޚުރުވެރިކަމެވެ.
“ކިހިނެއްވީ؟” އެއްބުމަ އަރުވައިލަމުން ރާޝިދު އަހައިލިއެވެ.
“ކަމެއް ނުވޭ، ހިނގާ ވަންނަންދާން” އެތެރެއަށް ވަންނަން ދަމުން ރޫޔާ ރާޝިދަށް ބޯ ޖަހައިލިއެވެ.
އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ ފަންޑްރައިޒަރ ކަމުން އެންމެން އުޅުނީ އެކި މީހުންނާ ވާހަކަ ދައްކަންވެގެންނެވެ. ރޫޔާއާ ރާޝިދުވެސް އުޅުނީ އެހެން ޑިޕާޓްމެންޓުގެ ޑޮކްޓަރުންނާ ވާހަކަ ދައްކަންވެގެންނެވެ.
އެގޮތަށް ތިރީސް މިނެޓް ފާއިތުވެއްޖެއެވެ. ރާޝިދާއި ރޫޔާ އެހެން މީހަކާ ވާހަކަ ދައްކަން ހުއްޓައި އެތަނަށް މީހަކު މަޑުކޮށްލިއެވެ.
“ޑރ. ރާޝިދު” އެ އުމުރުން ދޮށީ ފިރިހެނާ ރާޝިދަށް ގޮވައިލުމާއެކު ރޫޔާވެސް އެމީހާއަށް ނަޒަރު ހިންގައިލިއެވެ. ރާޝިދު އެމިހާއާ ސަލާމް ކުރުމަށްފަހު ބޯ ޖަހައިލިއެވެ. އެމިހާ ރާޝިދަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، ރާޝިދުގެ ފަހަތުގައި ހުރި ރޫޔާއަށް ބަލައިލިއެވެ.
“މަރުހަބާ، ސާރ.” ރާޝިދު ފަހަތަށް ޖެހިލުމަށްފަހު ރޫޔާއަށް އިޝާރަތް ކުރިއެވެ.
“ސަރ. މިއީ ޑރ. ރޫޔާ. ޖެނެރަލް ސާރޖަރީގެ ނިއު އެޓެންޑިން. ޑރ. ރޫޔާ. މިއީ ނަސީރު. މި ހޮސްޕިޓަލުގެ ބާނީ”
“އެއްކަލަ ފްލައިޓުގެ އެމެޖެންސީ ކޭސްގައި އުޅުނު ޑޮކްޓަރ ދޯ. ދަންނަ ވައްތަރު ވީމާ މި ވިސްނެނީ، ކޮންތާކުންބާއޭ މީނަ ފެނިފައި ހުރީ. ހެހެ” ނާސިރު ރޫޔާއަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
ރޫޔާއަށް ހުރެވުނީ އެ ހިނިތުންވުމަށް ބަލަހައްޓައިގެންނެވެ. ހިތް ބުނަމުން ދިޔައީ އެހެން އެއްޗެކެވެ. ކުރިމަތީ ހުރި މިހާގެ ފަރާތުން ފެންނަމުންދާ ހިތްހެޔޮކަމާއި އެ އޯގާތެރި ހިނިތުންވުމަކީ އޭނާގެ އަސްލު ސޫރައެއް ނޫންކަމަށް ގޮވަމުން ދިޔައެވެ.
“ނޭޕާލުން ކިޔަވައިގެން އެއައީ.. އަޅުގަނޑު ދިން ދަޢުވަތު ޤަބޫލުކޮށްގެން”
“އެހެން. ކިހިނެއްވަނީ ނޭޕާލް؟” ޝައުޤުވެރިވެ ހުރެ ނަސީރު އަހައިލިއެވެ.
ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރޫޔާ އޭނާގެ ވާހަކަތައް ކިޔައިދެންފެށިއެވެ. އެހުރިހާ ވާހަކައެއް ނަސީރު އަޑުއެހީ ޝައުޤުވެރިކަމާއެކުއެވެ. ބައެއް ފަހަރު ރޫޔާގެ ކުރި ތަޖުރިބާއާ ބެހޭޣޮތުން ސުވާލުކުރަމުން ދިޔައެވެ.
“އޮހް. އެއޮށް އައީ އަހަރެމެންގެ ބިގެސްޓް ޑޮނާރ..” ނަސީރު ހަނާއަޅަން ފެށީ ރޫޔާގެ ފަހަތަށް ބަލަން ހުރެއެވެ.
ނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ ފަސްއެނބުރި ބަލައިލިއެވެ. ނަޒަރުގައި ހައްޔަރުވީ އެ ހިތަށް އުނދަގޫކުރަމުންދާ ސޫރައެވެ. ސޫޓު ފަޓުލޫނު ލައިގެން ހުރި ރަޒާންގެ މޫނުމަތިން ފެންނަނީ ތޫނުކަމެވެ. އެއަތް ޖަހައިލެވިފައިވަނީ ފަޓުލޫނުގެ ޖީބަށެވެ.
މަޑު ހިނގުމެއްގައި ހިނގަމުން އައި ރަޒާން ހުއްޓުނީ ރާޝިދު ކައިރީގައެވެ. އޭނާ ރާޝިދަށް ސަލާމްކުރަން ހުއްޓައި ނަސީރު އޭނާގެ އަތް ރަޒާނަށް ދިއްކޮށްލިއެވެ.
ރަޒާން އެއަތަށް ބަލަން ހުރެފައި ނަސީރުގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ފެންނަމުންދާ ހިނިތުންވުން ފެނިފައި ރަޒާން އެއްމިޔަކަނުން ހީލިއެވެ. އޭނާ އެއަތުގައި ހިފައި ސަލާމް ކޮށްލީ ނަސީރުގެ ކިބައިން ނަޒަރު ވަކިކޮށްލުމެއްނެތިއެވެ.
އެ ދެމީހުންގެ މެދަށްވާ ގޮތަށް ހުއްޓިގެން ހުރި ރޫޔާއަށް އެހުރިހާ މަންޒަރެއް ފެނުނެވެ. ރަޒާން ނަސީރުގެ އަތުގައި ހިފައިލި ވަގުތު، ނަސީރުގެ ލޯ ތޮޅެލިގޮތެވެ. ދުނިޔެއަށް އޭނާގެ އަސްލު އިހުސާސްތައް ފޮރުވަންވެގެން، މޫނުމައްޗަށް ގަދަކޮށްލި ހިނިތުންވުމެވެ.
“ރަޒާން، މިހުރީ ޑރ. ރޫޔާ. ޑރ. ރޫޔާ މިއީ ރަޒާން. އަހަރެންގެ ދަނބިދަރިފުޅު”
ރޫޔާ ހުއްޓުން އެރިއެވެ. އޭނާ މޫނުމައްޗަށް އަރުވައިފައި އިން ހިނިތުން ފިލައި ނުދިޔަސް އޭނާގެ ބޮލުގައި އެތަކެއް ކަމެއް އެނބުރެން ފެށިއެވެ. ސިކުނޑީގައި ފާއިތުވި ދުވަސްތަކުގައި ވެގެން ދިޔަ ކަންތައްތައް ގުޅުވަން ފެށިއެވެ.
އާދަމް ނަސީރުގެ ދަނބިދަރިއަކީ ރަޒާނެވެ.
ޔޫޝާގެ ފިރިމީހާއަކީ ރަޒާނެވެ.
އެހެންވިއްޔާ ޔޫޝާއަކީ ނަސީރުގެ އަންހެން ދަރިއެވެ.
އަނެއްކާ މި ވައްކަމުގައި ރަޒާންގެ އަތެއްވޭބާއެވެ؟
ރޫޔާގެ މޫނުމަތި އަނދިރިވާން ފެށިއެވެ. ފުންނޭވާއެއް ނަގަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރުކުރިއެވެ. އޭނާ ބަލައިލީ ރަޒާނަށެވެ. ރަޒާންގެ ނަޒަރު ހުއްޓިފައި ހުރީ އޭނައަށެވެ. ރަޒާނަށް ގަދަކަމުން ހިނިތުންވެލަމުން، އެއްވެސް ކަމެއް ނުވާކަމަށް ހެދުނެވެ.
ފަންޑްރައިޒަރ އަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ރޫޔާއާ ރާޝިދު ގޮސް އިށީނީ އެމީހުންނަށް ހަމަޖެހިފައިވާ މޭޒުގައެވެ. ރަޒާނާއި ނަސީރު ގޮސް އިށީނީ ކުރީބަރީގައި ހުރި މޭޒުތަކުގެ މެދުގައި އިން މޭޒުގައެވެ. ދެމީހުންވެސް އިށީނދެއިން ގޮތުން، އެކަކު އަނެކަކަށް ރީތިކޮށް ފެންނަން އޮތެވެ.
ހަފްލާ ފެށުމާއެކު މުޅި މާލަމުގައި ދިއްލައިލެވިފައިވާ އަލިގަދަ ބޮކި ފަޑުވިއެވެ. އެކި ބޭފުޅުންގެ ވާހަކަތައް ސްޓޭޖުގައި ދެއްކުމަށްފަހު މަސައްކަތްތެރިންނަށް އިނާމު ދޭން ފެށިއެވެ. އެހާ އިރު ވީއިރު، ރޫޔާ ހުރީ ބޮލުގައި ރިއްސާވަރުން މޭނުބައި ކޮށްފައެވެ. އޭނާ އިރުއިރުކޮޅާ ފެންތަށިން ފެންފޮދު ބޯލަނީ، އެ ރިހުމަށް ލުޔެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
ރަޒާން، އޭނާ އިށީނދެއިން މޭޒުން ރޫޔާއަށް ބަލަން ހުރީ ކަޅި ނުޖަހާލައެވެ. ދުރުގައި ހުއްޓަސް، އޭނާއަށް ރޫޔާއަށް ކަމެއްވެގެން އުޅޭކަން އެނގުނެވެ. އޭނާއަށް ރޫޔާ އިރުއިރުކޮޅާ ފެންބޯލާ ތަން ފެނުނެވެ. އިރުއިރުކޮޅާ ނިތްކުރި މަސާޖްކޮށްލާ ތަންވެސް ފެނުނެވެ.
“އަހަރުގެ “ލައިފްޓައިމް އެޗީވްމަންޓް އެވޯޑް” ހާސިލުކުރެއްވީ..” ސްޓޭޖު މަތީ އިނާމު ހުށަހަޅަން ހުރި އަންހެން ކުއްޖާ ގޮވައިލިއެވެ.
“ޑރ. ރާޝިދު ސަލީމް.. މަރުހަބާ” އެއާއެކު މުޅި މާލަމުގައި ގުގުމާލީ އަތްތިލަ ބަޑީގެ އަޑެވެ. ރޫޔާވެސް އޭގައި ބައިވެރިވެލީ ރާޝިދަށްޓަކައެވެ.
ގޮނޑިން ތެދުވި ރާޝިދު ގޮސް ސްޓޭޖަށް އަރައި އެ އިނާމު ބަލައިގަތެވެ. މައިކު ކައިރީ ހުއްޓިހުރެ ކުޑަ ސްޕީޗެއްވެސް ދިނެވެ. އެހެނަސް ރޫޔާއަށް އެއަކަށް ސަމާލުކަމެއް ނުދެވުނެވެ. މިހާ ހުރީ ހީކަރުވާ ގަންނަ ގޮތް ވެފައެވެ.
ޖަލްސާ ނިމުމާއެކު ރޫޔާ ރާޝިދަށް ވަދާޢީ ސަލާމް ކުރުމަށްފަހު އަވަހަށް އެ މާލަމުން ނިކުމެގެން ދިޔައެވެ. އަޅައިލެވޭ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. ހާލުގައި އެ އިމާރާތުން ނިކުމެ ޓެކްސީއެއް ލިބޭތޯ އުޅުނެވެ. އެހެނަސް އޭނާ ޓެކްސީއެއް ނަގަން ނެގި އަތާއެކު، ބެލެންސުން ކަޓައިގެން ދިޔައެވެ.
މީހަކު އޭނާގެ އަތުގައި މުލައްދަނޑީގައި ހިފައި، ހަށިގަނޑު ތެދުކޮށްލިއެވެ. ފަހަތުން، އެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވުމާއެކު ރޫޔާއަށް ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ މޫނު އަނބުރައިލި ވަގުތު، އޭނާގެ އަތުގައި ހިފައިގެން ހުރި ރަޒާން ފެނުނެވެ. ބައްޔާއެކު ހިތުގެ ފުނިޖެހިފައިވާ ސުވާލުތައް ވެގެން ދިޔައީ އިތުރު ވޭނަކަށެވެ.
“ދޫކުރޭ..” އޭނާ މަޑުމަޑުން ބުނީ އޭނާގެ އަތް ދަމައިލަމުންނެވެ.
“ރޫޔާ މަޑުން ހުރެބަލަ” ރަޒާންގެ ބަރު އަޑުގައިވާ ސީރިއަސްކަން އިވިފައި ރޫޔާގެ ގައިން ހީބިހި ނެގިއެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައިރު، ފޮރުވިފައިވާ އިހުސާސްތައް ބަންޑުންވާން ފެށީ ހުއްޓުމެއް ނެތިއެވެ.
“އަދިވެސް ތި ހިތް ނުފުރިގެންތަ ތިއުޅެނީ؟ ތިއީ މީހެއްގެ ފިރިއެކޭ. އޮޅުވާލަން ނޫޅެތި އެވެނި މިވެނި އެއްޗެކޭ ކިޔާފަ..” އޮހެގެންދިޔަ ކަރުނައާއެކު ރޫޔާގެ އަޑު ބޭރުވީ ތުރުތުރުއެޅުމާއެކުއެވެ.
ރަޒާން ރޫޔާގެ ދެލޮލަށް ބަލައިލިއެވެ. ކުރި ސުވާލުގެ ޖަވާބަކަށް ރޫޔާއަށް ލިބުނީ ހަނު ހިމޭން ކަމެވެ. ރޫޔާއަށް އަމިއްލަ ނަފްސަށް މަލާމަތްކުރާ ހާލު ހެވުނެވެ.
އޭނާ އަނެއްކާވެސް ރަޒާންގެ އަތް ފޮޅުވައިލަން އުޅުނެވެ. ވީ ނާކާމިޔާބެވެ.
“ރަޒާން..”
“ކާރަށް އަރާ” ރަޒާންގެ ބަހެއް ލިބުނީ ދެނެވެ. އޭނާ އިޝާރަތްކުރީ، އެދެމީހުން ކުރިމައްޗަށް ހުއްޓުނު ކާރަށެވެ.
ބަލި ހާލުގައި އަނެއްކާވެސް ރޫޔާ އުޅުނީ އެ ބާރުގަދަ އަތުން މިންޖުވާންށެވެ. އެހެނަސް އޭނާއަށް އެކަން ކުރުމުގެ ކުރިން، އެއަތުގެ މުލައްދަނޑީގައި ހިފައިގެން ހުރި ރަޒާންގެ އަތް ބާރުވިއެވެ. ރޫޔާ އިތުރަށް ދެކޮޅު ހެދުމުގެ ކުރިން އޭނާ އަވަހަށް ކާރާ ދިމާލަށް މިސްރާބު ޖެހިއެވެ. ކާރު ދޮރު ހުޅުވުމަށްފަހު އޭނާ ރޫޔާގެ ހެދުމުގެ ފަސްބައި ހިއްލައިލީ ރޫޔާއަށް ފަސޭހަކޮށްދެންވެގެންނެވެ.
ރޫޔާ ކާރަށް އެރުމާއެކު ރަޒާން އެ ދޮރު ލައްޕައިލުމަށްފަހު، ކާރުގެ އަނެއް ފަޅިއަށްގޮސް، ކާރަށް އެރިއެވެ. ރޫޔާ ކައިރީގައި އިށީނުމަށްފަހު ކާރު ދުއްވަން ފިރާޝަށް އެންގިއެވެ.
ކާރު ދުއްވައިލުމާއެކު ރޫޔާ ދެލޯ މަރައިލިއެވެ. ހީވަނީ ބޮލުގައި ވިންދު ޖަހާހެންނެވެ. ކާރުގެ އޭސީގެ ފިނި ތެރޭގައި ތުރުތުރު އަޅަން ފެށިއެވެ. އޭނާ އަތް ނަގައި އުޅުނީ ބޮލުގައި ޖަހާފަ އިން ހުޅި ނައްޓައިލެވޭތޯއެވެ. ނަމަވެސް ދަތި ޖަހާފަ އިން ގޮތުން އޭނާއަށް އެކަންވީ އުނދަގޫ ކަމަކަށެވެ.
“ރޫޔާ.. ދީ އަހަންނަށް ތިކަން ކުރަން” ރަޒާނަށް ރޫޔާ އުޅޭ ހާލު ފެނިފައި މަޑަކުންނެއް ނުހުރެވުނެވެ. އޭނާ އަތް ދިޔައީ ރޫޔާގެ އިސްތަށިގަނޑާ ދިމާލަށެވެ.
ރޫޔާ ހޫން އަޅުވައިލުމަށްފަހު ރަޒާނަށް ފުރަގަސް ދިނެވެ. ފުރުސަތުގެ ބޭނުން ހިފައި ރަޒާން އެ ދަތިތައް ނައްޓަންފެށިއެވެ. ދޫކޮށްލެވޭ ކޮންމެ އިސްތަށިކޮޅަކާއެކު ބަރުވެފައިވާ ބޮލަށް ލުޔެއް ލިބުނެވެ. އެހެނަސް ރޫޔާގެ ހޭވެރިކަން ދިޔައީ ކުޑަވަމުންނެވެ.
ރޫޔާގެ ހަށިގަނޑުގެ ހޫނުކަން ގަދަކަން އިހުސާސްކުރެވިގެން ރަޒާން މަޑުޖެހުނެވެ. އޭނާ ރޫޔާގެ ދޫކޮށްލެވިފައިވާ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ދުރަށްޖެހިލި ވަގުތު ރޫޔާ އަނެއްކާވެސް ސީޓުގައި ލެނގިލިއެވެ. ލޯ މަރައިލައިގެން އޮތް އިރު، އެ ހަށިގަނޑުގައި ފެތުރެވިފައިވާ ތުރުތުރުލުން ރަޒާނަށް ފާހަގަވިއެވެ.
“ރޫޔާ، ދައްކަބަލަ ނިތްކުރި” ރޫޔާއާ ކައިރިއަށް ޖެހިލަމުން ރަޒާން ރޫޔާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލިއެވެ. ރަޒާންގެ އެދުމަށް ތަބާވަމުން ރޫޔާ އޭނާގެ މޫނު އަނބުރައިލީ ރަޒާނާ ދިމާލަށެވެ.
ރަޒާން ރޫޔާގެ މޫނާ ކައިރިވިއެވެ. ރޫޔާގެ މެރިފައިވާ ދެލޮލަށް ބަލަމުން އޭނާ ނިތް ޖައްސައިލީ ރޫޔާގެ ނިތްކުރީގައެވެ. ނަޒަރު ހުއްޓިފައިވަނީ ރޫޔާގެ މޫނަށެވެ. ހުމާއެކު ކުޑަކޮށް ރަތްވެފަ އިން ކޮތާފަތް މައްޗަށް އެޅިފައިވާ އެ ދިގު އެސްފިޔަގެ ހިޔަނިތަކަށެވެ. ރޫޔާގެ ހޫނު ނޭވާ އޭނާއަށް އެޅެމުން ދިޔައިރު، ބޭއިޚްތިޔާރުގައި ރޫޔާއަށް، ރަޒާނާ ކައިރިވެވުނެވެ. ހީކަރުވާ ގަނެފަ ހުރި ވަރުން އޭނާގެ ދަތް ތުރުތުރުއަޅާ އަޑު ރަޒާނަށް އިވުނެވެ.
ރޫޔާއާ ދުރަށްޖެހިލަމުން ރަޒާން ލައިގެން ހުރި ސޫޓު ބޭލިއެވެ. އަވަސްއަވަހަށް ރޫޔާ ގައިގައި އެ އަޅަން އުޅުނު ވަގުތު ރޫޔާ އޭނާގެ ކޮނޑުމަތީ ބޯ އަޅައިލިއެވެ. މީހާ އޮތީ ނިދާފަކަން ރަޒާނަށް ވިސްނުނީ ދެނެވެ.
ރަޒާން ނޭވާއެއް ދޫކޮށްލުމަށްފަހު ސީޓުގައި ރީއްޗަށް ހަމަޖެހިލިއެވެ. އޭނާ ރޫޔާގެ ކަނދުރާއަށް ސަމާލުކަން ދީގެން، ރޫޔާގެ ބޯ ކޮނޑުމަތިން ނެގިއެވެ. މަޑުމަޑުން އޭނާ ރޫޔާ ބާއްވައިލީ އޭނާގެ އުނގުމަތީގައެވެ.
“ފިރާޝް، އެސީ މަޑުކޮށްލަބަލަ” ރޫޔާގެ ގައިމަތީ އެ ސޫޓު ކޯޓު އަޅަމުން ރަޒާން އަމުރު ކުރިއެވެ.
ނިދިފައި އޮތް ރޫޔާގެ ނިތްކުރީގައި ފިރުމަމުން ރަޒާން ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން އެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު ބޭނުންވީ، ހިތުގައި ފޮރުވައިފައި އޮތް ސިއްރު އެވަގުތު ހާމަކުރަންށެވެ.
“ނޫރުލް ޢައިން…” ރޫޔާގެ މޫނަށް އެޅިފައި އޮތް އިސްތަށިކޮޅު ރަނގަޅުކޮށްލަމުން ރަޒާން ގޮވައިލީ، ވަކި ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައެއް ނޫނެވެ. ހައަހަރު ފަހުން، އެ ނަން ގޮވައިލަން ބޭނުންވެގެންނެވެ. އެއްވެސް ފިކުރެއްނެތި އެނަން ގޮވައިލަން ލިބިފައި އޮތް ފުރުސަތަކީ އެވަގުތު ވީމައެވެ.
އޭނާ ނަޒަރު ހިންގައިލީ އޭނާގެ ވާއަތަށެވެ. ކުރިން ކަށި އިނގިލީގައި އަޅުވައިފައި އިން އަނގޮޓިއެއް މިހާރަކުއެއް ނެތެވެ.
“ނޫރުލް ޢައިން އަބަދުވެސް ދައްކަނީ އަހަރެންގެ ކައިވެނީގެ ވާހަކަ.. އަބަދުވެސް ހަނދާންކޮށްދެނީ އަހަންނަކީ މީހެއްގެ ފިރިއެއްކަން..” ރަޒާންގެ ބަސްތައް ހުއްޓުނެވެ. އޭނާ ރޫޔާގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު ކާރުގެ ބޭރަށް ބަލައިލިއެވެ. ލޯގަނޑުން އޭނާގެ ސޫރަ ފާޅުވުމާއެކު ނޭވާއެއް ދޫކޮށްލިއެވެ.
“ނޫރުލް ޢައިނަށް އެނގޭނަމަ، އަހަރެން މީ މިހާރު މީހެއްގެ ފިރިއެއް ނޫންކަން”

