Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 30 ވަނަ ބައި

wish
wish Level 3100 Login10 Stories
August 10, 2026 5 Mins Read
10 Comments

ޔޫލީއަށް ކަކޫމައްޗަށް ތިރިވެވުނެވެ. އޭނާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. މާންގެ ފަރާތުން ދުވަހަކުވެސް ނުފެންނަ ފަދަ ނުރައްކާތެރި، ހަރުކަށި އަދި އަނިޔާވެރި ސިފައެއް މިއަދު ފެނުމުން، އޭނާގެ މުޅި ނަފުސު ބިރުން ސިހި، އިންތިހާއަށް ކަންބޮޑުވިއެވެ.
‘މާން އަހަރެންނާއި ދޭތެރޭ މިފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ… އަހަރެންގެ ހުރިހާ މިނިވަންކަމެއް އެ ފުރޭތަ ފޭރި ގަނެފިއެވެ. އަހަރެންނަކީ އަހަރެންގެ އަމިއްލަ ގޭގައި ގައިދީ އަކަށް ވެއްޖެއެވެ. ހައްޔަރު ވެފައިވާ ކުށްވެރިއަކަށް ވެއްޖެއެވެ. ކަޅު ބަނަ ވިލާތައް އަހަރެންގެ ދިރިއުޅުން ވަށާލާފައިވާ ކަހަލައެވެ. އަހަރެންގެ ދިރިއުޅުން މިފަދަ ބޮޑު އަނދަވަޅަކަށް ވެއްޓުނީ ފަހެ އަހަރެންގެ ކޮން ކުށެއް އޮވެގެންބާވައެވެ…’ ޔޫލީގެ ހިތުގައި ޝަކުވާތައް ގިނަވީ ބަރުދާސްތު ކުރަން ދަތިވި ހިތްދަތިކަމުގެ ސަބަބުންނެވެ.
*****
ޝިފްނާއާއި މާހިން ތިބީ އެމީހުންގެ އާދައިގެ މަތިން މެންދުރުގެ ކެއުމަށް ރެސްޓޯރެންޓްގައެވެ. ޝިފްނާ ދައްކަމުންދިޔަ ވާހަކަތަކުން، ޔޫލީއާއި މާންގެ ދިރިއުޅުމުގެ ހަގީގަތް އޭނާއަށް އެނގޭކަން މާހިންއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް، ހަފުތާއެއް ވެގެން ދިޔައިރުވެސް އެކި ގޮތްގޮތުން ސުވާލުކޮށްގެން، އެ ކަމުގެ އަޑި ހޯދަން އޭނާ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
“މާހިން… ކޮން ވިސްނުމެއްގައި؟” މާހިންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުގެ ސަބަބުން ޝިފްނާ އަހާލިއެވެ.
“ވިސްނާލެވުނީ ދޮންބެއާމެދު… ދޮންބެ މިހާރު އަހަރެންނާ ވަރަށް ދުރުވެއްޖެ. ޔޫލީއަކީ ކާކުކަން އަހަރެންނަށް ނޭނގޭނަމަ، އެއީ ޔޫލީގެ ސަބަބުން ވީކަމެކޭ ހީކުރެވުނީސް. އެކަމަކު، ސިންސް އައި ނޯ ހަރ، އައި ޑޯންޓް ތިންކް ޝީ އިޒް ދަ ރީސަން ފޮރ ދެޓް…” މާހިން އޭނާގެ ހިތުގައިވި އަސްލު މަގުސަދު ފޮރުވަމުން ވާހަކަދެއްކީ، އަދިވެސް ޝިފްނާގެ ފަރާތުން އޭނާ ބޭނުންވާ މައުލޫމާތު ހޯދުމުގެ ނިޔަތުގައެވެ.
“އެމީހުންގެ އަމިއްލަ ދިރިއުޅުންދޯ… ކޮންމެ ކައިވެންޏެއްގައިވެސް ތަފާތު ކަންތައްތަކާއި ކުރިމަތިލާންޖެހޭނެ. ލައިފް އިޒް ނޮޓް އޯލް ފްލާވަރސް އެންޑް ބަޓަރފްލައިސް. ޔޫލީއާވެސް ދިމާނުވާތާ މިހާރު ވީކެއް ވެއްޖެ…” ޝިފްނާގެ ޖަވާބު އައީ ވަރަށް ދުރުދުރުންނެވެ.
ޝިފްނާ ވާހަކަދެއްކި ގޮތުން މާހިން ކުޑަކޮށް މާޔޫސްވާ ގޮތްވިއެވެ. ‘ޝިފްނާގެ ފަރާތުން ކަމެއް ހޯދަންވެއްޖެއްޔާ، އަހަރެން ޖެހޭނީ އަދިވެސް ބޮޑަށް އޭނާއާ ގާތްވާން… އޭނާގެ ފުރިހަމަ އިތުބާރު ހޯދަން.’ އެހާ ފަސޭހައިން ދޫކޮށްލަން ބޭނުންނުވާތީ މާހިން ހިތުގައި އަޒުމް ކަނޑައެޅިއެވެ.
މާހިން މޫނުމައްޗަށް ވެރިކޮށްލީ ވަރަށް ހިތްގައިމު، އޯގާތެރި ހިނިތުންވުމެކެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ސުވާލުތައް ވަގުތީގޮތުން ފޮރުވާލުމަށްފަހު، ޝިފްނާއާއި ގާތްވުމުގެ މަގު ކޮށަން ފެށިއެވެ.
“ޓްރޫ… އެއީ އެމީހުންގެ އަމިއްލަ ދިރިއުޅުން” މާހިން މޭޒުމަތީގައި އޮތް ޝިފްނާގެ އަތާއި ދިމާއަށް އޭނާގެ އަތް ކުޑަކޮށް ކައިރިކޮށްލަމުން، ވަރަށް މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. “ލެޓްސް ލީވް ދެމް… އެންޑް ޓޯކް އަބައުޓް ޔޫ، ޝިފޫ… ޔޫލީ ބިޒީކަމުން ޝިފޫ މާ އެކަނިވެފައި އިންނަހެން ހީވޭ.”
ޝިފްނާ ސިއްސައިގެން ގޮސް މާހިންގެ މޫނަށް ބަލައިލިއެވެ. މާހިންގެ ދެލޮލުން ފެންނަން ހުރި ސީރިއަސްކަމާއި އޯގާތެރިކަމުން، ޝިފްނާގެ ހިތުގެ ހިނގުން ސިކުންތުކޮޅަކަށް އަވަސްވެގެން ދިޔައެވެ. މާހިންއަކީ އަބަދުވެސް އޭނާއާ ސަމާސާކޮށް އުޅޭ، މަޖާ މިޒާޖެއްގެ ޒުވާނެކެވެ. ނަމަވެސް މިއަދު އެ މޫނުމަތިން ފެންނަނީ މުޅިން ތަފާތު ގާތްކަމެކެވެ.
“އަހަރެން އޯކޭ… އައި ވިލް ބީ ފައިން” ޝިފްނާ ކުޑަކޮށް ރަކިވެފައި، އަތް ފަހަތަށް ޖެއްސާލަމުން ފެންތަށިން ކޯވަރެއް ބޯލިއެވެ. ނަމަވެސް އޭނާގެ ކޯތާފަތަށް ވެރިވި މަޑު ރަތްކަން މާހިންގެ ލޮލަކުން ކައްސައެއް ނުލިއެވެ.
‘ޝިފްނާގެ އިތުބާރު ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ. އައި ތިންކް ޝީ ލައިކްސް މީ’ މާހިންގެ ހިތަށް އެރިއެވެ. ނަމަވެސް ހަމައެއާއިއެކު، އޭނާގެ ހިތުގެ ކަނެއްގައި ކުށްވެރިކަމުގެ އިހުސާސެއް އުފެދުނެވެ. އޭނާ މި އުޅެނީ ޝިފްނާގެ އިހުސާސްތަކާއި ކުޅެގެން، އޭނާގެ ބޭބެއާއި ޔޫލީގެ ކައިވެނީގެ ހަގީގަތް ހޯދާށެވެ. ކޮންފަދަ ނުރައްކާތެރި ކުޅިވަރެއް ހެއްޔެވެ؟
“ހުމްމް… އޯލްވޭސް ރިމެމްބަރ ދެޓް އައި އެމް އަ ކޯލް އަވޭ” މާހިން އަނެއްކާވެސް ލުއިކޮށް ހިނިތުންވެލިއެވެ.
ޝިފްނާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ޝިފްނާގެ ހިތުގައި މާހިންއާއިމެދު އިތުބާރު އުފެދެން ފެށިއިރު، މާހިންގެ ސިކުނޑީގައި ރޭވެމުންދިޔައީ ޔޫލީއާއި މާންގެ ސިއްރުތައް ހޯދާނެ ގޮތުގެ އައު ރޭވުންތަކެވެ. ރެސްޓޯރެންޓްގެ ހަލަބޮލި މާހައުލުގެ ތެރޭގައި، ދެމީހުންގެ ދެމެދުގައި ވަނީ މުޅިން ތަފާތު، ބަސްމޮށުންތެރިކަމެއް ނުވާ އާ ގުޅުމެއްގެ ނިރު ފަޅާފައެވެ.
*****
“އެމް ޑިޒައިންސް ޕްރައިވެޓް ލިމިޓެޑް”ގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަފްލާގެ ތައްޔާރީތައް ނުހަނު ހަލުވިކަމާއިއެކު ކުރިއަށް ދިޔައެވެ. ކުންފުނީގެ އިސް ވެރިޔާ ގެ ހައިސިއްޔަތުން މާންއަށް މިއީ ނުހަނު މުހިންމު ރެއެކެވެ. މީޑިޔާއިން ކުރިމަތިވާ ސުވާލު ތަކާއި އެކި ކަހަލަ ގޮންޖެހުން ތަކުގެ ސަބަބުން މި ހަފުލާގައި އޭނާގެ އަންހެނުންގެ ހައިސިއްޔަތުން، މުޅި ސޮސައިޓީއާއި މީޑިއާގެ ކުރިމަތީގައި ޔޫލީ ހުރުމަކީ މަޖުބޫރު ކަމަކަށް ވަނީ ވެފައެވެ.

ހަފުތާއެއް ހޭދަވެގެން ދިޔައިރު ޔޫލީ ވަނީ ގޭގައި އިނދެ އިނދެފައި ފޫހިވެފައެވެ. މާންގެ ހަރުކަށި ބަހުގައި އޭނާ ހިފަހައްޓާ ޔޫލީ ވާނުވާތަން އަބަދާއި އަބަދު ބަލަމުން ދިޔުމުގެ ސަބަބުން މާންއަށް ނޭނގިވެސް ޔޫލީއަށް ތާކަށް ދެވޭ ގޮތެއް ނުވެއެވެ. އެހާ ދުވަހު ބޭރަށް ނުކުމެނުލާ ވުމުގެ ސަބަބުން އޭނާގެ ސިނކުޑިއަށް ވަނީ ބަރުވެފައެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުން އެދަނީ މިރޭގެ ހަފުލާއަށެވެ. އެ ހަފުލާއަށް މާންއަށް އޭނާ ގެންދިއުން މަޖުބޫރުވާނެތާއެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހުމުން ޔޫލީ އަވަސްއަވަހަށް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި ޖޯދިޝްގެ އަތުގައި އާދައިގެ ސޫޓްކޭސް އެއް ވަރުގެ ގިފްޓް ބޮކްސް އެއް އޮތެވެ. އެ ފޮށި ވަނީ ފެހި ކުލައިގެ ފުޅާ ރޭނދާ އިން އައްސާލާ ޓައި އެއް ޖަހާލައިފައެވެ.
” އަ ގިފްޓް ؟ ފްރޮމް ހޫ؟ ” ޔޫލީ ބުމަ އަރުވާލަމުން ފޮއްޓަށް ބަލައިލަމުން ބުނި އިރުވެސް ޖަވާބު އިނގޭ ފަދައެވެ.
“މާން ބޮސް” ފޮށި ޔޫލީގެ އަތަށް ދެމުން ޖޯދިޝް ވަރަށް މަޑުން ބުނެލިއެވެ. ހީވީ ކަމަކުން ރެކެން ތައްޔާރަށް ހުރިހެނެވެ.
ޖޯދިޝް ދިއުމުން ކޮޓަރީގެ ދޮރު ލައްޕާލާ ޔޫލީ އައިސް އެނދު މަތީ އިށީނދެ ފޮށީގެ މަޑުމަޑުން އަތް ހާކާލިއެވެ. އޭނާގެ ސިކުނޑީގައި އެބުރެމުން ދިޔައީ މާން އޭނާ އަށް އެންމެ ފުރަތަމަ ދިން ހަދިޔާއެވެ. ‘އެމް ބިއުޓީ’ އިން އޭނާ ލާރި ނުދައްކާ ކައުންޓަރު މައްޗަށް، މާންގެ މޫނު މައްޗަށް ޖަހާފައި ނިކުތް އެއްޗިއްސެވެ. އެ ދުވަހު ޔޫލީ ގެ ހިތް އާދަޔާ ހިލާފަށް ތެޅިލާ އެ ހިތުގެ ކަނެއްގައި މާންގެ ސޫރަ ފޮރުވުނުކަން ގައިމެވެ. މިއަދުވެސް އެ އިހުސާސް އެ ހިތުގައި ވޭބާވައެވެ؟
މަޑުމަޑުން ޓައި މޮހާލާ ފޮށި ހުޅުވާލީ އެއަށް ގެއްލުމެއް ވެދާނެތީ އުޅޭ މީހަކު ފަދައިންނެވެ. ‘އެމެރަލްޑް ގްރީން’ ކުލައިގެ ބޮޑު ހެދުމުގެ މަތީ މަޑު ފެހި ކުލައިގެ ކާޑެއް އޮތެވެ. ފަރުވާތެރި ކަމާއިއެކު ކާޑު ނަގައި ޔޫލީ ބަލައިލިއެވެ.
“ބީ ރެޑީ ބައި 8 ޓުނައިޓް. މޭކް ޝުއަރ ޓު ވެއަރ ދިސް. ޑޯންޓް މޭކް އަ ސީން ޓުނައިޓް، ޔޫލީ. -މ-‘ އެއީ މާން ގެ ސާދާ އަތުލިއުމުން، އިނގިރޭސި އަކުރުން ލިޔެފައިވާ ކުރު އިބާރާތެކެވެ. ނަމަވެސް އެ އިބާރާތުގައިވި ހަރުކަށިކަމާއި އަމުރުވެރިކަމުގެ ސަބަބުން ޔޫލީގެ ހިތް ތެޅިލިއެވެ. ޖެއްސުން ކޮށްލުމަށް ހިތް އެދުނެވެ. މީހަކު ބުނިހާ ގޮތެއް ހަދައިގެން ހުރުމަކީ އޭނާގެ ތަބިއްޔަތުގައިވާ ކަމަކަށް ނުވުމުން މާންއަށް ނުކިޔަމަންތެރިވުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. ބައެއް ފަހަރު މާންގެ މި ހަރުކަށި އަމުރުވެރި ގޮތްގަނޑަށް އޭނާގެ ހިތް އެދޭހެން ވެސް ހީވެއެވެ.

ޔޫލީ ފޮށީގެ ތެރެއިން ހެދުން ނަގައި ބަލައިލިއެވެ. ގަދަ ފެހި ކުލައަކަށްދާ އެ ހެދުމަކީ ވަރަށް ރީތިކޮށް ފަރުމާ ކޮށްފައިވާ ހެދުމެކެވެ. ކަރު އެއްކޮށް ނިވާވާނޭހެން ‘ހައި ނެކް’ ކޮށް ބަންދުކޮށްލެވިފައިވީ އިރު މިނާތައް ފަރުމާ ކޮށްލާފައިވީ ރޮގުތަކެއްހެން ތިރިއަށް ފައިބާ ގޮތަށެވެ. އަތު ކުރީގައިވެސް މިނާ އެ ފަރުމާގައި ޖަހާލާފައިވީ އިރު ކޮޑު މަތިން ދެ ފަރާތުން ދިގުކޮށް ދެމިގެން ގޮސް ސޮހޭނެހެން ހަމަ އެ ކުލައިން ނެޓް ފޮތިގަޑެއްވިއެވެ. އެ ފޮތިގަޑުގައިވެސް ކޮޑުމަތިން ފެށިގެން ހަމަ އެ ސްޓައިލަށް އެސް ޖަހާ ފުރާލާފައިވީ އިރު ހެދުން ވިދާ ބަބުޅައެވެ.
އެ ހެދުމަކީ ފިސާރި ފުރިހަމަ ހެދުމެއް ކަމުގައި ވިޔަސް، ޔޫލީގެ ތުންފަތުގެ ދެ މިޔަކަނުން ފުޅާވެލި ހިނިތުންވުމަކީ އެ ހެދުމުގެ ފުރިހަމަ ކަމަށް ކުރި ތައުރީފެއްނޫނެވެ. އެ ހިނިތުންވުމުގައިވި ވިހަކަމާއި ގޮންޖެހުން ހާމަކޮށްދެނީ އޭނާގެ ހިތުގައި އުފެދުނު މޮޅު ހިޔާލެވެ. އެ ހިޔާލަށް އަމަލު ކުރުމަށް އަވަސް އަވަހަށް ފޯނު ނަގާ ޝައުގުވެރި ކަމާއިއެކު އެކަމުގައި އޭނާ މަޝްއޫލުވިއެވެ.

ރޭގަނޑު 7:45 ވީއިރު މާން ގެއަށް އައެވެ. އޭނާ ލައިގެން ހުރީ އޭނާގެ އިސްކޮޅާއި، ރީތިކޮށް ބައްޓަންވެފައިވާ ހަށިގަނޑަށް މުޅިން ފެތޭގޮތަށް ފަހާފައިވާ ކަޅުކުލައިގެ ‘ޓަކްސިޑޯ’ އެކެވެ. އެ އަގުބޮޑު ކަޅު ފޮއްޗާއެކު، ސެޓިން ‘ލަޕެލްސް’ ގެ އޮމާން އޮފްކަމުން އެ ކްލާސިކް ސޫޓަށް ގެނެސްދެނީ ހައިބަތުބޮޑު ތަފާތު ކަމެކެވެ. ކޯޓުގެ އެތެރެއިން ލައިގެން ހުރި ސާފު، ހުދުކުލައިގެ ގަމީހާއި، ރީތިކޮށް އައްސާލެވިފައިވާ ކަޅު ‘ބޯ ޓައީ’ އިން ސޫޓުގެ ފުރިހަމަކަން އިތުރުކޮށްދޭއިރު، އެއާ ގުޅޭ ކަޅު ‘ވެއިސްކޯޓް’ އިން އޭނާގެ ހެދުންއެޅުމުގެ ތަރުތީބުކަން ހާމަވެއެވެ.
އޭނާގެ ވާތްފަރާތު ‘ލަޕެލް’ ގައި ޖަހާފައިވަނީ ރަންކުލައިގެ ފަރުމާއަކުން ހަދާފައިވާ، ލޮލުގައި އަޅައިގަންނަ ‘އެމެރަލްޑް ގްރީން’ ކުލައިގެ ފިނިފެންމަލުގެ ‘ބްރޫޗެ’ކެވެ. އެ ފެހި ކުލައަކީ ޔޫލީއަށް ފަރުމާ ކޮށްފައިވި ހެދުމުގެ ވެސް ކުލައެވެ. އޭގެ ސާދާކަމާއި ރީތިކަމުން އެ ބްރޫޗް މުޅި ހެދުމުގެ ސަމާލުކަން އަތުލައެވެ.
އޭނާގެ އޮމާން، ކަޅު އިސްތަށިގަނޑު ވަނީ ވަރަށް ރީތިކޮށް ތަރުތީބުކޮށްލެވިފައެވެ. ނިތްކުރި މައްޗަށް ވެއްޓިފައިވާ މަދު އިސްތަށިކޮޅަކުން އޭނާގެ ރީތި ކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ރީތިކޮށް ކޮށާލެވިފައިވާ ތުނބުޅިއާއި މަތިމަހުން އޭނާގެ ތޫނު ދަތްދޮޅީގެ ބައްޓަން އިތުރަށް ފާޅުކޮށްދެއެވެ. އޭނާގެ ދެލޮލުން ފެންނަނީ ބަހަކުން ބުނެދޭން ނުޖެހޭފަދަ ވަރުގަދަ އަޒުމެކެވެ.
ހެދުމުގެ ފުރިހަމަކަން އެކުލެވިގެންވަނީ ސާދާކަމާއި، ފަހާފައިވާ ފުރިހަމަކަމާއި، އަދި މާން އެ ހެދުމުގައި ހުންނަ ހުވަފެނީ ގޮތުގެ މައްޗަށެވެ. އޭނާ ބަހެއް ބުނުމުގެ ކުރިންވެސް، އޭނާގެ ސޫރައިން މުޅި މާހައުލު ކޮންޓްރޯލްކޮށްލާފަދަ ފިރިހެނެކެވެ.
އޭނާ ކޮޓަރީގެ ދޮރު ހުޅުވާލައި، އެތެރެއަށް ވަނީ ޔޫލީ އޭނާ ފޮނުވި ހެދުމުގައި ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައެވެ.
ނަމަވެސް، ކޮޓަރީގެ ރީތިވާ މޭޒު ކައިރީ ހުރި ޔޫލީ ފެނި، މާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާގެ ދެލޯ ބޮޑުވެ، މޫނުމަތީގެ މަސްތަކަށް ބާރުވެގެން ދިޔައެވެ.
ޔޫލީ ލައިގެން ހުރީ އޭނާގެ ހިމަތޮޅި، ރީތި ހަށިގަނޑަށް މުޅިން ފެތޭގޮތަށް ފަރުމާކޮށްފާވާ ނުހަނު ފުރިހަމަ، ގަދަ ރަތްކުލައިގެ ބާގަންޑީ ރެޑް ސިލްކު ސެޓިން ހެދުމެކެވެ. އެ ފޮތިގަޑު އޭނާގެ ހަރަކާތްތަކާއިއެކު މަޑުމަޑުން ވިދަމުން ދިޔައިރު، އޭނާގެ އުނަގަނޑުގައި ހިފާލުމަށްފަހު ތިރިއަށް ފައިބައިގެން ގޮސްފައިވަނީ ބިންމައްޗަށް ދެމިފައިވާ ‘މަރމެއިޑް ސިލުއެޓް’ ބައްޓަމަށެވެ. އެ ހެދުމުގެ ‘ޑީޕް ވީ‘ ކަރު ވަނީ އިންތިހާއަށް ތިރިއަށް ފުންކޮށް ކަފާލާފައެވެ. އަތެއް ނެތްތާނގައި، އަރިމަތިންނާއި ފަހަތުން ހާމައަށް އޮތުމުން، މި ޒަމާނީ ފެޝަން ހެދުމަކަށް ފުދެއެވެ. ހެދުމުގެ އެއްފަރާތުން ފަލަމަސްގަނޑާ ހަމައަށް ފަޅާލެވިފައިވުމުން، އޭނާގެ އޮމާން ފައި ހާމައަށް ފެންނަން ހުރީ ޖާދުވީ ގޮތަކަށެވެ.
‘އެއީ އަހަރެން ފޮނުވި ހެދުމެއްނޫން.. ކޮންފަދަ އަދަބެއްނެތް ހެދުމެއް.. އޭނާ ހީކުރީތަ އެ ހެދުމުގައި އަހަރެންނާއިއެކު އެއްތާކަށް ވެސް ދެވިދާނެ ކަމަށް؟’ މާންގެ ހިތް އަވަސްވިއެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އެފަދަ ގޮތަކަށް ޔޫލީ ފެނުމުން އޭނާގެ ހިއްސުތަކަށް އެނގުންނުވެ ނުދިޔައެވެ.
ޔޫލީގެ ކުރު އިސްތަށިގަނޑުން އޭނާގެ ހިތުގެ ބައްޓަމަށްވާ މޫނުގެ ފުރިހަމަކަން އިތުރަށް ފާޅުކޮށްދޭއިރު، އެ މަޑު ނޫކުލައިގެ ދެލޮލުން ފެންނަނީ އަމިއްލަ ނަފުސަށް އޮތް ވަރުގަދަ އިތުބާރެވެ.
ސާފު، އޮމާން ކުލައަކުން ކޮށްލެވިފައިވީ މޭކަޕާއެކު، ތުންފަތުގައިވާ ގަދަ ވައިން-ރެޑް ލިޕްސްޓިކް ވެސް ގުޅުވާލާފައިވީ އޭނާގެ ހެދުމުގެ ކުލައާއެވެ. ކަންފަތުގައިވާ ކުދި އެސްޖެހި މުންޖަކާއި، އަތުގައިވާ އެސްޖެހި ހިމަ ކެވެލިކޮޅާއި، ކަރުގައި އަޅާލާފައިވި އާދައިގެ ފަށުން މުޅި ސޫރައިގެ ފުރިހަމަކަން ފާޅުވެއެވެ.
ޔޫލީ ފަސްއެނބުރި މާންއަށް ބަލައިލީ ގޮންޖަހާފަދަ ތޫނު ނަޒަރަކުންނެވެ.
މާންގެ މޭތެރޭގައި ރުޅިވެރިކަމުގެ އަލިފާންގަނޑެއް ރޯވެގެން ދިޔައެވެ. އޭނާ ބާރު ފިޔަވަޅުތަކެއްގައި އައިސް، ދޮރު ބާރަށް ލައްޕާލުމަށްފަހު، ޔޫލީއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ނުރައްކާތެރި އިންޒާރެކެވެ.
“ވަޓް އިޒް ދިސް، ޔޫލީ؟” މާންގެ އަޑު އައީ ފިއްތާލެވިފައިވި ދަތްތަކުގެ ތެރެއިންނެވެ. އެ އަޑުގައިވި ފިނިކަމުން މުޅި ކޮޓަރި ތެރެއަށް ތޫފާނެއްގެ ވައި އައި ފަދައެވެ.

***ނުނިމޭ***

ކިޔުންތެރިންގެ އެދުމުގެ މަތިން ދޫކޮށްލާ ހަދިޔާއެއް ….. އުންމީދުކުރަން މި ހަދިޔާ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް..

-ވިޝް-

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ލޯބިން ބުނާތީ 41

Next

އާއެކޭ ލޯބިވޭ… ފަންސާސްހަތްވަނަބައި (ކިޔާދެން ހިތްދަތި ވަކިވުން )

Next
August 10, 2026

އާއެކޭ ލޯބިވޭ… ފަންސާސްހަތްވަނަބައި (ކިޔާދެން ހިތްދަތި ވަކިވުން )

Previews
August 10, 2026

ލޯބިން ބުނާތީ 41

10 Comments!

  1. Mar Sha Mar Sha says:
    August 10, 2026 at 4:37 pm

    oh no!! reached the end of the episode too soon, Maan ge reaction balaalaa hithun hureveny eh noon, haadha stubborn ey dho Yooly. very nice. konmes kameh vaan ulheyhen hyvany… vvv rythi mi baives..

    1. wish wish says:
      August 10, 2026 at 5:00 pm

      Thank you Mar Shaa 🥹💕 Varah varah ufaa vehje mikahala loabi comments kohlaathyy!
      Yooly hama varah stubborn dho? 😂 Can Maan really change her? Hinga balamaa dhooo… 👀🤭
      Maan akyves hama varah strong character eh ingey, dhookuraaneheneh hiyeh nuvey! 😏🔥
      Thursday ga you will get a new episode! 😍📖✨ Inthizaaru kurahchey! ❤️

  2. Koklila modi says:
    August 10, 2026 at 6:45 pm

    Wish dhey kahala loabi suprise huxband akah ves neygeyey dheykah. Yooly mi balaane hama maan rulhi eruveytho ey dho? Maan ge reaction 🤭 varah reethi mi part ves.
    maahin haadha goahey bichaara shiff

    1. wish wish says:
      August 10, 2026 at 6:54 pm

      Hahahhah … koklila modi thank you for the lovely comment … FB page ves balaalahchey ihnaane sifa kohlan beynun kudhinnah hadhiyaa eh .. dhen thihaa loabi kiyuntherin thibenyaa mikahala surprise nudhee kamaku nudhaane ehnu dho? Maahin ah adhi nuvisneny eyh dho

  3. Falak says:
    August 11, 2026 at 12:23 am

    Great job wish
    This surprise means a lot
    Thanks wish
    Keep it up
    “Nafrathu vumakee loabeege feshun” mi yooli aku maan aa gulheyne adhi.
    Salhi ingey vaaahaka

    1. wish wish says:
      August 11, 2026 at 1:18 am

      Hii Falak… Happy to see your comment … and really happy that you enjoyed the surprise… Assu Nafurathaky ves varah deep feeling ehthaa ehenveema Loabi vevumakee dhuru kameh nun dho.. hingaa dhen balamaa dho …

  4. ell says:
    August 11, 2026 at 8:54 am

    let them falllll please

    1. wish wish says:
      August 11, 2026 at 1:22 pm

      Thank you for the comment ell… assu ves dho let them 😂🫣 emeehunah ves neyngey kahneynge dho emeehunge feelings 😂

  5. BlackOrchid says:
    August 11, 2026 at 9:25 am

    I knew it. Surprise ah thank u sm. kiyaa hithun indhaa mi nimunee. 🙂

    1. wish wish says:
      August 11, 2026 at 1:24 pm

      Thank you for the comment BlackOrchid.. surprise dheyn hama varah masaiykaiy kuran ingey … Thursday ga new episode ingey .. ☺️

Comments are closed.



All Right Reserved!