ނޭދެން ވަކިވާކަށް 29 ވަނަ ބައި
އޭނާގެ މުޅި ދުނިޔެ ހުއްޓުނީ، އޭނާގެ އަންހެނުން، އޭނާގެ ކޮއްކޮގެ އަތުގެ ތެރޭގައި އެހާ ގާތުގައި، އެފަދަ ހެދުމެއްގައި ވަނިކޮށް ފެނުމުންނެވެ. މާން އަށް ދަތްކުނޑިވިކައިގަނެވުނެވެ. އަތުގެ މުށް ބާރުވެ، ނާރުތައް ފާޅުވާން ފެށިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި، ހަސަދަވެރިކަމުގެ ނުރައްކާތެރި އަލިފާނެވެ. އޭނާގެ މުޅި ހަށިގަނޑުގެ ލޭ ކެކިގަތެވެ.
‘ މިއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ ފުރަތަމަ ރިލްވާންއެވެ. މިހާރު އަހަރެންގެ ކޮއްކޮއާއިވެސް އެފަދަ ގުޅުމެއް ހިންގަން ފެށީ ހެއްޔެވެ؟ ފިރިހެނުންނާއި ހާދަ ދޯޅުކޮށް އުޅޭ އަންހެނެކެވެ. އެ އަންހެނާގެ ހެދުން އެޅުމުގެ ވައްޓަފާޅިވެސް ބޮޑު ބޮލުގަ ރިހުމަކަށް ވެއްޖެއެވެ. ދުވަހަކުވެސް ނިވާވާ ހެދުމެއް ލެވޭ ކަމަށް ނުހަދައެވެ. މާހިން ވެސް އަހަރެންގެ އަންހެނުންކަން އެނގިހުރެ ޔޫލީއަށް އެ ފުރުސަތު ދީގެން ނުވާނެ ނޫންހެއްޔެވެ. މިތަނަކީ ޔޫލީ އަދި ދުވަހަކުވެސް އަހަރެން ގެނެސްފައިވާ ތަނެއް ނޫނެވެ. މާހިންނަށް ގައިމު އޭނާއަށް މިކަހަލަ ދައުވަތެއް ދޭން ކެރޭނީ އެ ދެމެދުގައި ގާތްގުޅުމެއް ވާތީ ނޫން ހެއްޔެވެ؟ އެކަހެރިކޮށް މިކަހަލަ ތަނެއްގައި އެމީހުން ބައްދަލު ކުރަންޖެހޭ އިތުރު ސަބަބެއް ނޯންނާނެއެވެ. މިހާ ގޮތްކުޑަ އުޅުމެއްނެތް އަންހެނަކަށް އަހަރެންގެ ހިތް އެދެނީ ކީއްވެ ހެއްޔެވެ؟ ދުވަހަކުވެސް އަހަރެންގެ ހިތް މިގޮތަށް ކިޔަމަންނުވެގެން އުޅެންޖެހިފައި ނެތެވެ.’
މާންގެ މޭތެރޭގައި އުފެދުނު ޖަޒުބާތީ ތޫފާނުން އޭނާގެ ނޭވާ ހުއްޓިގެން ދިޔައެވެ. ހިތުގައި އުފެދުނު އިންތިހާ ރުޅިވެރިކަމާއި ހަސަދައިގެ ސަބަބުން އޭނާއަށް ލޯ މަރާލެވުނެވެ. އެ މަންޒަރު ބަލަން ބޭނުންނުވެ އެއީ ހުވަފެނަކަށްވުމަށް އުންމީދުކުރެވޭ ހާލުގައެވެ. އޭނާގެ ހިތުގައިވި ފުން ލޯބީގެ ބަދަލުގައި އޭނާއަށް މި ލިބުނީ ކޮންކަހަލަ ކެހިވެރިކަމެއް ހެއްޔެވެ؟ އަނބިމީހާގެ ފަރާތުންނާއި ކޮއްކޮގެ ފަރާތުން މި ފެނުނު މަންޒަރުން އޭނާގެ ސިކުނޑިއަށް ބާރުބޮޑު ވެއްޖެއެވެ. ޔޫލީގެ އެ މައުސޫމު ހިނިތުންވުމާއި، މާހިންއާއި އޭނާގެ ގާތްކަން ފެނި މާންގެ ހިތް ކުދިކުދިވެގެން ދިޔަ ފަދައެވެ. އެތަނަށް ވަދެ ، ދެމީހުން ޖަވާބުދާރީ ކުރުވަން ހިތަށް އެރި ނަމަވެސް، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް އޮތް ކޮންޓްރޯލް ގެއްލިދާނެތީ ބިރުގަތެވެ. ހިތުގައި އުފެދުނު ޝައްކާއި، ވަހުމާއި ރުޅިވެރިކަމާއި އަދި ބުނެދޭން ނޭނގޭ ފަދަ މާޔޫސްކަމެއްގެ ތެރޭގައި މާން ފަސްއެނބުރިލިއެވެ.
އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލިފްޓަށް ވަދެ، އިމާރާތުން ނުކުމެގެން ކާރަށް އެރިއެވެ. ކާރުގެ އިންޖީނު ސްޓާޓްކޮށްލުމަށްފަހު، ސީޓްގައި އަތުން ބާރަށް ޖަހާލިއެވެ.
” ކީއްވެ…؟ ޔޫލީ… …ކީއްވެ… ވައި އާރ ޔޫ ޑުއިން ދިސް ޓު މީ!” މާންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނާގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ވޭނެވެ.
ކާރުގެ ރޭސް ބާރުކޮށްލިއިރު އޭނާގެ ސިކުނޑީގައި އެކި ކަހަލަ ނުރައްކާތެރި ހިޔާލުތައް އެނބުރެމުންދިޔައެވެ. ޔޫލީއާމެދު އޭނާގެ ހިތުގައި އޮތް ލޯބި، އަނެއްކާވެސް ޝައްކާއި ވަހުމާއި ނުފިލާނެ ރުޅިވެރިކަމެއްގެ ވިލާގަނޑަކުން ނިވާވެ ފަޑުވެގެން ދިޔައީއެވެ.
*****
ފެންގަނޑު ތެރޭގައި ޔޫލީ ދިޔައީ މާހިންއާ އެކު ފަތަން ދަސްކުރަން މަސައްކަތް ކުރަމުންނެވެ.
“ޔޫލީ… ބިރުނުގަނެ ފައިން ފެންގަނޑުގައި ޖަހަންފަށާ… އަހަރެން ހިފަހައްޓައިގެންނޭ މިހުރީ” މާހިން ވަރަށް އޯގާތެރިކަމާއިއެކު، ޔޫލީއަށް ހިތްވަރުދެމުން ބުނެލިއެވެ.
އެ ގާތްކަމުން މާހިންގެ ހިއްސުތައް ހޭލައްވާ އެ ހިތަށް އުނދަގޫވިނަމަވެސް އޭނާގެ އަމަލުތައް ބެހެއްޓީ ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ. އޭނާގެ ބޭނުމަކީ ޔޫލީގެ ހިތް ހޯދުމެވެ. ޔޫލީގެ ލޯބި ހޯދުމެވެ. އެހެންކަމުން އަވަސް އަރުވާލާ އެ ހިތަށް އޭނާ ދެކެ ނަފުރަތުވާނެ ޖާގައެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ޔޫލީއާއި ކުރިމަތިލާނެ ގޮތެއް ނިންމުމުގެ ކުރިން ޔޫލީއާއި އޭނާގެ ދޮންބެގެ ކައިވެނީގެ ހަގީގަތް ހޯދުން މުހިންމެވެ. އަދިވެސް އެކަމަށް ކުރިއެރުމެއް ލިބިފައި ނެތެވެ. ޝިފްނާއާއި އޭނާގެ ގުޅުންވެސް ބަދަހި އޭނާ ކުރީ އެ މަގުސަދުގައެވެ.
“އޯކޭ… އޯކޭ… ދޫނުކުރާތި!” ޔޫލީ ފެންގަނޑު މަތީގައި އޮށޯވެލައި، ފައިން ފެންގަނޑުގައި ޖަހަން ފެށިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ކުޑަކުއްޖެއްގެ މޫނުންވެސް ފެންނާނެ ފަދަ އުފާވެރިކަމާއި މައުސޫމުކަމެވެ.
އެވަގުތު ޕޫލް ކައިރީގައި ހުރި ބެންޗުގައި އިނދެފައި ޝިފްނާ ތެދުވެގެން އައިސް ފެންގަނޑުގެ ކައިރީގައި އިށީނދެ، ފެންގަނޑަށް ފައިތިރިކޮށްލިއެވެ. ޝިފްނާ ލައިގެން ހުރީ އަތްދިގު ނޫކުލައިގެ މޮޑެސްޓް ސްވިމްވެއަރ އެކެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އޮތް ބޯ ބުޅި އިސްތަށިގަނޑު ވަނީ ވައިގެ ތެރޭގައި މިނިވަންކަމާއިއެކު ދޫކޮށްލެވިފައެވެ.
“މާހިން! ދެން ޔޫ ދޫކޮށްލަބަލަ! އޭރުންނެއްނު އަމިއްލައަށް ފަތަން ދަސްވާނީ” ޝިފްނާ ލާނެތް ގޮތަކަށް ހީގަންނަމުން ބުނެލިއެވެ.
“ޝިފް ނޫން! މާހިން ދޫކޮށްލައިގެން ނުވާނެ!” ޔޫލީ ހަޅޭއްލަވައިގަންނަމުން، ބިރުން ގޮސް މާހިންގެ ކޮނޑުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ.
އެއާއެކު މާހިންއާއި ޝިފްނާގެ ބާރު ހުނުމުގެ އަޑުން މުޅި ޓެރަސް ގުގުމައިގެން ދިޔައެވެ. ޔޫލީގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުން ޝިފްނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ ބޮޑު ހަމަޖެހުމެއް ލިބުނެވެ. އެކުވެރިޔާގެ އެ ހިތްދަތި ކަމުގެ ތެރެއިން ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ފެނުނީތީއެވެ.
“ދެން ހިނގާ ފެންވަރައިގެން ސައިބޯން؟” މާހިން ޔޫލީ ފެންގަނޑުގެ އަރިމައްޗަށް ކައިރިކޮށްދެމުން ބުނެލިއެވެ.
ޔޫލީ ޕޫލުން މައްޗަށް އަރައި، ތެމިފައިވާ އޭނާގެ ކުރު އިސްތަށިގަނޑުގައި ތުވާލި ނަގައި އޮޅާލިއެވެ. އޭނާގެ ހިތުގައިވި ހުރިހާ ބަރުކަމެއް ފިލައި، ސިކުނޑި ވަނީ މުޅިން ތާޒާވެފައެވެ. ބެންޗު މަތީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލި އިރު ހަވީރު ހަތަރެއް ޖަހާފިއެވެ. މަޖަލާއި ސަކަރާތުގައި ގަޑި ދިޔަ ގޮތްވެސް ނޭނގުނެވެ. އާދައިގެ މަތިން މިއަދުވެސް ރިލްވާންގެ ކޯލްތަކާއި މެސެޖުތައް ލިބިފައިވިއެވެ.
ނަމަވެސް، އެ ހުރިހާ މެސެޖުތަކެއްގެ ތެރެއިން އޭނާގެ ލޯ ބޮޑުވެ، ހިތުގެ ތެޅުން އަވަސްކުރުވީ މުޅިން ތަފާތު ނަންބަރަކުން އައިސްފައިވި މެސެޖެކެވެ.
ކޮންތާކު –
ވަޓްސްއެޕްގެ ޒަރިއްޔާއިން ކޮށްފައިވާ އެ ކުރު މެސެޖުން ޔޫލީގެ ހިއްސުތަކަށް ސިހުން ގެނުވިއެވެ. ވާނީވެސް އެހެންތާއެވެ. މާންއަކީ އޭނާއަށް މީގެ ކުރިން މެސެޖުކޮށް ހަދާ މީހެއްނޫނެވެ. އޭނާ މުހިންމު ވާހަކައެއް ބުނަން ވެއްޖެނަމަ ގުޅާފާނެއެވެ.
ވައި؟ – ޔޫލީ އަވަސް އަވަހަށް އެ މެސެޖަށް ރިޕްލައި ދިނީ ސުވާލަކުންނެވެ.
ސީމްސް ލައިކް ޔޫ އަރ ވެރީ ބިޒީ – މ
އައިމް ނޮޓް – ޔ
ސޯ ޓެލް މީ ވެއަރ އަރ ޔޫ – މ
ބޭރުގަ – ޔ
ކާކާއި އެކު؟ – މ
ޝިފް – ޔ
އިތުރު މެސެޖަކަށް އިންތިޒާރު ކުރި ނަމަވެސް މާންގެ ފަރާތުން ދެން އެއްވެސް ޖަވާބެއް ނުލިބުނެވެ. “ވިއާޑް ބީސްޓް…” މަޑުމަޑުން ބުނެލަމުން، މާ ބޮޑު އަޅާލުމެއްނެތި ޔޫލީ ގޭތެރެއަށް ވަދެގެން ދިޔައެވެ. މާންއަށް ފެނުނު މަންޒަރެއް އަދި އޭނާގެ ހިތުގައި އަނދަމުންދިޔަ ނުރައްކާތެރި އަލިފާންގަނޑުގެ ހިލަމެއް ޔޫލީއަށް ވެފައި ނެތުމުން މި މެސެޖުތައް ބަދަލުކުރުން ޔޫލީއަށްވީ ވާނުވާ ކަމަކަށެވެ.
*****
މާން އަދިވެސް އިނީ ކާރުގެ ތެރޭގައެވެ. އޭނާގެ އަތުގައިވި ފޯނުގެ އައްޔަށް ބަލަހައްޓައިގެން އިންއިރު، އެ ދެލޯ ވަނީ ކަރުނައާއި ރުޅިވެރިކަމުން ރަތްވެފައެވެ. މޫނުމަތީގެ މަސްތަކަށް ބާރުވެލާފައިވިއިރު، މޭގެ ނޭވާ ވަނީ އަވަސްވެއެވެ. ހިތުގައި އުފެދެމުން ދިޔަ ގަދަ ރުޅިއާއި، ހިތް ކުދިކުދިވަމުންދިޔަ އަސަރު ކޮންޓްރޯލް ކުރުމަށް އޭނާ ދިޔައީ ފިސާރި ބުރަ މަސައްކަތެއް ކުރަމުންނެވެ.
ޔޫލީގެ އެންމެ ފަހު މެސެޖު—”ޝިފް”—އެއީ ޔޫލީގެ ދޮގުވެރިކަމާއި މަކަރާއި އޮޅުވާލުމުގެ ހެއްކަކަށް ފުދެއެވެ.
“ލައިންގް ބި*…” ފިއްތާލެވިފައިވި ދަތްތަކުގެ ތެރެއިން މާންއަށް ބުނެލެވުނެވެ.
އެއީ ދުވަހަކުވެސް އޭނާ އަންހެނަކާ މުހާތަބުކޮށް ބުނި ބަހެއް ނޫނެވެ. ނަމަވެސް މިއަދު އޭނާގެ ހިތް ކުދިކުދިވެ، ސިކުނޑިއަށް ލޮޅުން އަރާފައިވި ވަރުން، އޭނާގެ އަހުލާގީ އިމާއި ތަހުޒީބީ ރީތި އަދާތައް ހިފަހައްޓައެއް ނުލެވުނެވެ.
‘އެ އަންހެނާއާއި ހެދި އަހަރެން ކިހާ ތަކުލީފެއް އުފުލަންޖެހޭނެ ބާވައެވެ؟’ މާން ސްޓިއަރިންގް މަތީގައި ނިއްކުރި ޖައްސާލަމުން އަމިއްލަ ނަފުސާއި ސުވާލުކުރިއެވެ. ‘އަހަރެންގެ މުޅި ދިރިއުޅުމުގެ ކޮންޓްރޯލް ގެއްލި، އަހަރެންގެ އަމިއްލަ ނަފުސުވެސް އޮޅޭ ހިސާބަށް މިދިޔައީ ކީއްވެގެން ހެއްޔެވެ؟ ޔޫލީ އެކުޅެނީ ކޮން ފަދަ ނުބައި ކުޅިވަރެއް ހެއްޔެވެ؟’
މާން ދެލޯ ތަގުޅިކޮށްލުމާއިއެކު، އޭނާގެ ސިކުނޑީގައި އަނެއްކާވެސް ސިފަވީ ޕޫލް ތެރެއިން މާހިންގެ އަތުގެ ތެރޭގައި ޔޫލީ ވީ މަންޒަރެވެ. އޭނާގެ ހިތުގައި ޔޫލީއަށް އުފެދިފައިވި ލޯބި ފިލާ ނުދާނެކަން އޭނާއަށް މިއަދު ޔަގީންވެއްޖެއެވެ. އެހެންކަމުގައިވީ ނަމަވެސް އޭނާ ޔޫލީއަށް އެ ލޯބި ފާޅުކުރާކަށް ބޭނުމެއްނުވެއެވެ. އޭނާ އެ ލޯބި ޔޫލީއަށް އިހްސާސްވިޔަ ވެސް ނުދޭނެއެވެ. ހާއްސަކޮށް މިއަދު ފެނުނު މަންޒަރަށް ފަހުއެވެ.
‘އަހަރެން ކައިރިން މިނިވަން ވެވޭނެ ކަމަށް ޔޫލީއަށް ހީވަނީ ހެއްޔެވެ؟ އަހަރެންގެ ހިތް ކުދި ކުދިވެ އެ ޅިޔަ ތަކުގައި މިރުސް އެޅި ކަމުގައިވީ ނަމަވެސް އަހަރެން ޔޫލީ މިނިވަން ކުރުމަކީ ވާނެކަމެއްނޫނެވެ. ދެ އަހަރު ކީއްކުރަން ހެއްޔެވެ. ފަހު ނޭވާއާއި ހަމައަށްވެސް އޭނާ ހުންނާނީ އަހަރެންގެ އަންބެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެން ފަރާތުން އޭނާއަށް ދެން ފެންނާނީ ހަމައެކަނި ހަރުކަށިކަމެވެ.’
އެ ރުޅިވެރިކަމާއި ހިތްދަތިކަމުގައި ޔޫލީއާއި ކުރިމަތިލާން ބޭނުން ނުވާތީ މ.އޯކިޑްމާގެއަށް މާން ދިޔައީ މެންދަމުން އަލިވެ އެކެއްޖެހިފަހުންނެވެ. ކޮޓަރިތެރެއަށް ވަންއިރު ހީކުރި ގޮތާއި ހިލާފަށް އޭނާއާއި ބައްދަލުކުރީ ފަޅުކަމެވެ.
‘އަދިވެސް ޔޫލީ ގެއަށް ނާންނަނީތާ…. ‘
އަނދިރިކަމުގައި އެކަނިމާ އެކަނި އިންއިރު، މާންގެ ސިކުނޑީގައި އެނބުރުނީ ނުރައްކާތެރި ޚިޔާލުތަކެވެ. އޭނާއަށް ކުރިމަތިން މާހިންއާއި ޔޫލީ ފެންނަ ކަހަލައެވެ. އޭނާއަށް އުޅެވޭ ގޮތްވެސް ނޭނގުނެވެ. ސޯފާގައި އޮވެލާފައި ތެދުވެ ދެކޮޅަށް ހިނގާލަފާނެއެވެ. ތިރިއަށް ގޮސް ގޭގެ ގޭޓަށް ބަލަހައްޓައިން ހުންނާނެއެވެ. އެހެން އުޅެއުޅެ ހުއްޓާ ދުވާލުގެ އަލިކަން ފެތުރިއްޖެއެވެ. އަދިވެސް ޔޫލީގެ ހިލަމެއްނުވެއެވެ.
*****
ޔޫލީ ގެއަށް އައިސް ވަނީ އުފާވެރި ހަނދާންތަކާއިއެކު، ނުހަނު ހަމަޖެހިލައިގެން ހުރެއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ ބިރުވެރި ހަމަހިމޭންކަމެކެވެ.
ޔޫލީ މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރުފަތް ހުޅުވާލިއެވެ. ނަމަވެސް، އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އޭނާގެ ފިޔަވަޅުތައް ހުއްޓި ހުރިތަނަށް މީހާ ގަޑުވިއެވެ.
ކޮޓަރީގެ ބޮޑު އަލަމާރީގެ ދެދޮރު ހުރީ މުޅިން ހުޅުވާލެވިފައެވެ. މާން ހުރީ އަލަމާރި ކައިރީގައެވެ. އޭނާގެ ގަމީހުގެ އަތްވަނީ އުޅަނބޮއްޓާ ހަމައަށް އޮޅާލެވިފައެވެ. އިސްތަށިގަނޑު ވަނީ ތަރުތީބެއްނެތި މޫނުމައްޗަށް ވެއްޓިފައެވެ. އޭނާ ދިޔައީ އަލަމާރި ތެރެއިން ޔޫލީގެ ކުރު ހެދުންތަކާއި، ސްލީވްލެސް، އަދި ހަށިގަނޑު އެނގޭ ފަދަ ހުރިހާ ހެދުމެއް އަތުޖެހުނު ގޮތަކަށް ނަގައި، ބިންމައްޗަށް އުކަމުންނެވެ. ކޮޓަރީގެ ތަޅުންގަނޑުމަތީގައި ޔޫލީގެ ހެދުންތައް ފުނިޖެހިފާވިއެވެ.
“މާން…؟” ޔޫލީގެ ނޭވާ ހުއްޓުނެވެ. އޭނާގެ ދެލޯ ބޮޑުވެ، ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ނޭނގޭ ބިރެއްގެ ސަބަބުންނެވެ. “ކީއްތަ ތިކުރަނީ؟ މީ ކޮން ތޫފާނެއް؟ އަހަރެންގެ ހެދުންތައް ނަގާ އުކަނީ ތި ކީއްވެހޭ؟”
މާންގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ޔޫލީއަށް ބަލައިލިއެވެ. މާންގެ ދެލޯ ވަނީ ނިދިނުލިބުމާއި، އަނދަމުންދިޔަ ރުޅިވެރިކަމުގެ ސަބަބުން ރަތްވެފައެވެ. އެ މޫނުމަތިން ފެންނަން ހުރި ނުރައްކާތެރި، އަނިޔާވެރި ކުލަވަރުން ޔޫލީއަށް އިހުތިޔާރަކާއި ނުލައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
“އޯ… އެނބުރި އާދެވިއްޖެ ދޯ؟” މާންގެ އަޑު އައީ ފިއްތާލެވިފައިވި ދަތްތަކުގެ ތެރެއިންނެވެ. އެ އަޑުގައިވި ހަރުކަށިކަމުން މުޅި ކޮޓަރީގެ ފިނިކަން އިތުރުވެގެން ދިޔަ ފަދައެވެ. “މުޅި ރޭގަނޑު ބޭރުގައި ހޭދަކޮށްފައި، ވަރަށް މަޖާ ނަގާލާފަ ދޯ ތިއައީ؟ ނުބުނާތި ޝިފްނާއާއި އެކުއޭ.. ތި ދުލުން ތެދެއް ނުހަދައޭ”
“މާން، ތީ ކޮންކަމެއް؟ އަހަރެން ދޮގެއް ނުހަދަމޭ … އަހަރެން މިއައީ ޝިފް އާއިއެކު އޯވަރނައިޓް އަކަށް ގޮސް” ޔޫލީ ބިރުން ހުރެމެ، ހިތްވަރުކޮށްފައި މާންގެ އަތުގައި ހިފަހައްޓައި ހުއްޓުވަން އުޅުނެވެ.
ނަމަވެސް، މާން ކުއްލިއަކަށް ޔޫލީގެ ދެއަތުގައި ބާރަށް ހިފަހައްޓައި، އޭނާ އަލަމާރީގެ ދޮރުގައި ޖައްސާ އެ ހަށިގަނޑު އަލަމާރިއާއިލާ ފިއްތާލިއެވެ. މާންގެ ދެލޯ ވަނީ ސީދާ ޔޫލީގެ ދެލޮލަށް އަމާޒުވެފައެވެ. މާން ޔޫލީގެ އަތުގެ ހިފަހައްޓާފައިވާލެއް ބާރުކަމުން ޔޫލީއަށްވީ ތަދުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ.
“ޝަޓް އަޕް … އަހަރެންގެ ކުރިމަތީގައި އިތުރަށް ދޮގުތައް ނުހަދާ! ތި ދުލުން އެންމެ ލަފުޒެއް ވެސް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން މިއަދުން ފެށިގެން…” މާން ޔޫލީގެ މޫނާ ކައިރިއަށް ގުދުވެލަމުން، ތޫނު އަޑަކުން ބުނެލިއެވެ. “…އަހަރެންގެ ހުއްދައެއް ނެތި މިގޭގެ ދޮރުން ބޭރަށް ފިޔަވަޅެއްވެސް އަޅައިގެން ނުވާނެ! އަދި އަހަރެންނަށް ކަމުނުދާ އެއްވެސް ހެދުމެއް މީގެ ފަހުން ލައިގެން ނުވާނެ!”
“މާން، އަހަރެންގެ ޝަރުތުތައް…”
“ހިމޭންވާށޭ!” މާން ހަޅޭއްލަވައިގަތެވެ. “ތިޔަ ޝަރުތުތަކެއް އަހަންނަކަށް މުހިންމެއް ނޫން….. ތީ އަހަރެންގެ އަންހެނުން…. ތި ސިނކުޑިއަށް އެކަން ވިސްނޭހެނެއް ހިއެއްނުވޭ… އެކަމަކު ބުނަން .. ދެން އެންމެ ސިކުންތަކަށްވެސް އެކަން ހަނދާން ނެތުނަ ނުދޭނަން… ދެ އަހަރު ކީއްކުރަން؟ ފަހު ނޭވާއާ ހަމައަށްވެސް ޔޫލީ ހުންނާނީ އަހަރެންގެ މިލްކެއްގެ ގޮތުގައި….އަހަރެން ކައިރިން މިނިވަންވެގެން އެހެން ފިރިހެނެއްގެ އަތުގެ ތެރެއަށް ދެވޭނެ ކަމަށް ހީނުކުރާތި!”
މާން ޔޫލީގެ އަތުން ބާރަށް ދޫކޮށްލުމަށްފަހު، ބިންމައްޗަށް އުކާލެވިފައިވި ހެދުންތަކަށް ނަޒަރު ހިންގާލިއެވެ.
“މި ހުރިހާ ހެދުމެއް މިއަދު އުކާލާނަން. މިއަދުން ފެށިގެން އަހަރެން ބޭނުންވާ ގޮތަށް ނޫނީ މިގޭގައި އެއްވެސް ކަމެއް ނުހިނގާނެ…. އަހަރެންގެ ބަހަށް ނުކިޔަމަންވާން ހިތަށްވެސް ނާރުވާތި!”
މާން އެހެން ބުނެ، ފަސްއެނބުރި ބަލައިލުމެއްނެތި ކޮޓަރިން ނުކުމެގެން ދިޔައީ، ދޮރު ބާރަށް ލައްޕާލަމުންނެވެ.
ޔޫލީއަށް ކަކޫމައްޗަށް ތިރިވެވުނެވެ. އޭނާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. މާންގެ ފަރާތުން ދުވަހަކުވެސް ނުފެންނަ ފަދަ ނުރައްކާތެރި، ހަރުކަށި އަދި އަނިޔާވެރި ސިފައެއް މިއަދު ފެނުމުން، އޭނާގެ މުޅި ނަފުސު ބިރުން ސިހި، އިންތިހާއަށް ކަންބޮޑުވިއެވެ.
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




wow, mi vaahaka varah rythi, reyga kiyan feshi gothah ekkoh mi kiyaalevuny. dhen annan hiri baithakah vvv inrhizaaru kurevey. waiting for more of this amazing story.
Hi Mar Sha 🤍
Haadha loabi loabi comment ekey mi! 🥹💕 Writer ehge faraathun mikahala comment eh libunyma hama varah ufaa vehje.
Ehenveema mi vaahaka aa hedhi nuves nidhunu dho? 🤭 Hurihaa baeh eh dhuhun kiyaalyma hama varah hiyvaru gadha ingey.
In Sha Allah, inthizaaruga huriyyaa, kiyuntherinnaa eku vaahaka kuriyah gendhaanan ingey. 🤍 Hama aamugothugai episode eh publish kuraanee konme Thursday ga. Ekam, bonus parts ves genesdheyn masakkai kuraanan. 😍
Varah varah bodah shukuriyyaa ingey, hithuge funminun thi dhehvi loaibaa support ah. 💖✨
Varah reethi mi part ves. Nice work. 🙂
Shukuriyyaa BlackOrchid 🥰 varah ufaavey vaahaka kiyaalaafa comment kohlaathy ☺️ Abadhuves comment ah inthizaaru kurevey… ☺️
Anhaa kihineh mivee mi maanves mi varehge sorekeyy dho. Dhera veema ves vaani ehen thaa. missunderstandings tha hama gina ey mi vani avas mysthagbalehgaves mi dhemeenun eh galakah wruveyne baa
Koklila modi hiii 🥰, mi comment ah varah inthizaaru kurevunu ingey😊… maan ge nufehna sifa eh dho mi fenuny .. kihineh baa dhen vaany dho🤔… life ga ves communicate nukurevenyaa misunderstandings thaa ohnany ekahala kameh kahneynge mee …. Mimyhunah eh galakah neyrevunas eh ge ehga eba ulheveythaa dho adhi 😂… eh galakah ves eruveytho masaiykaiy kuramey hama naaraa boa hareee maa 🤣… Thank you for the comment koklila modi 🥰❤️🤗
Varah reethi mi vaahaka varah kiyaahithun hureveni. Intresting gothakah kuriyamidhani.
Next part ge kurin bonus part eh libeyne kamah umeedhu kuran
Thank you for the lovely comment Nadhoo… Mi hafthaaga hama Wish akah bonus part ehge hope eh dheveykah neiy ekamakuves nuvaane ekey nubunaanan ingey .. kiyuntherinnah hama part eh genesdheyn varah masaiykaiy kuraanan .. Thursday ge part ekamaku hama yagyn ingey 🤗🥰