އަނދިރި ދުނިޔޭގެ ރަސްގެފާނު – 3
މުޅި ދުވަހު އިލީނާ ހޯދަމުން ދިޔައީ ހެނދުނު ދިމާވި ގޮތްނޭންގޭ ޒުވާނާއެވެ. އެ ތޫނު އަޅިކުލައިގެ ދެލޮލެވެ. ނަމަވެސް އޮރިއެންޓޭޝަން ނިމި ދިޔައިރުވެސް އޭނާއަށް އެ ޒުވާނާ ފެންނަ ގޮތެއް ނުވިއެވެ. އީތަން އާއި އިލީނާ މިޒާޖުގެ އެތްގޮތް ކަމުން އެވީ ކުޑަ ވަގުތު ކޮޅުތެރޭގައި ގާތް ރަހުމަތްތެރިންނަށް ވެއްޖެއެވެ. އޮރިއެންޓޭޝަން ނިންމާލަމުން ދެމީހުން ގެޔަށް ދިޔައީ އެކަކު އަނެކަކުގެ ނަންބަރު ހިއްސާކުރުމަށްފަހުއެވެ. އެ ދެމީހުންގެ އެކުވެރިކަން ފެށުނު ހިސާބަކީ އެއީއެވެ.
*****
“މިރިއަލް!!” އިލީނާއަށް ހިޔާލުތަކުން ނުކުމެވުނީ އަންހެން ކުއްޖަކު ވަރަށް ބާރަށް އެ ނަމުން ގޮވާލި އަޑަށެެވެ. އެ އަޑަށް ކުރިމަތީ ހުރި ޒުވާނާ ސިހިފައި ބަލާލިއިރު، އޭނާގެ އަތުން އިލީނާ ދޫވެގެންދިއައެވެ. އިލީނާ ލޯމަރައި ތަގުޅިކޮށްލީ މިފަހަރު އަނިޔާއެއް ލިބޭނެކަން އެނގުމުންނެވެ.
“ކޮން އިރެއް މިހާރު ހޯދާތާ! އަވަހަށް އާދޭ ދެންވެސް!”. އެދިމާލަށް އައި އަންހެން ކުއްޖާ އައިގޮތަށް މިރިއަލްގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ދިޔައީ އިލީނާއަށް އަލިފާނުގެ ބެލުމެއް ރައްދު ކޮށްލާފައެވެ. އެވަގުތަކީ އީތަން އައިސް އިލީނާ ކައިރީގައި އިށީން ވަގުތެވެ. ތަދުވިތޯ އަހާލަމުން އޭނާ އަވަސްވެގަތީ އިލީނާއަށް ގޮތެއް ވީތޯ ބެލުމަށެވެ. އޭރު އިލީނާ އިނީ ވެއްޓި ޖެހުނު ގޮތުން އަރިކަށްޓަށް އެރި ތޫނު ތަދުގެ ސަބަބުން ނޭވާލާންވެސް ނޭންގިފައެވެ. އޭނާގެ ހިތުގައި ވީ ދެންމެ އެ ފެނުން ޒުވާނާއެވެ. އެ، އަޅިކުލައިގެ ދެލޮލުން އޭނާ އަށް ދިން ތޫނު ނަޒަރެވެ.
“މިރިއަލް!”. މަޑު މަޑުން އެނަން ކިޔާލުމަށްފަހު އިލީނާ ހިނިތުންވެލިއެވެ.
“އެ ހުރި އަންހެނެއް އެކަމަކުވާ! ކޮށްލާފަ ހުރި މޭކަޕު ދޯ! އޭނާގެ މޫނަށް ބަލާފަ، އަތަށް ބަލާލި ގަޑީ ކިރިޔާ ހިތް އަނގައަށް ނައީ! ބިރުން މަރޭ!”. އިލީނާގެ ގާތަށް ހިނި އައީ އީތަން ކިޔަމުންދިޔަ އެއްޗެހި އަޑު އިވުމުންނެވެ.
“ދެން މަ ނަގާދޭންވީނު!”. އިލީނާ ތުން ދަމާލުމަށް ފަހު އީތަންގެ ފައިގައި ވިކައިގަތެވެ. އީތަން އައްދޯއި އެކޭ ކިޔާފައި އިލީނާ އުފުއްލާލިގޮތަށް އޭނާގެ އަތްދަނޑި މަތީ ބާއްވައިލިއެވެ. އިލީނާ އީތަންގެ މޭމަތީގައި ބޮނޑިއެއް އެޅުމަށްފަހު ތިރީގައި ބަހައްޓަން ބުނުމުން އީތަން މިފަހަރު މާ ސަކަރާތް ބޮޑު ކުރަން ނޫޅެ، އިލީނާ ތިރީގައި ބަހައްޓައިފިއެވެ.
އެ ދެ ޒުވާނުން ވާހަކައިގައި ތިބެ އައިސް ކުލާހަށްވަނެވެ. އީތަން އެވަގުތު އޭނާގެ ރައްޓެއްސެއް ފެނިގެން ގޮސް އޭނާގެ ކައިރީގައި އިށީނުމަށްފަހު ވާހަކަ އަޅުވައިލިއެވެ. އެ މަންޒަރު ފެނުނު އިލީނާ ޕިސް ޕިސް ތަޅައިލިއެވެ. އޭނާ މުޅި ކުލާސްތެރެއަށް ލޯ ހިންގާލީ އިށީންނާނޭ ތަނެއް ފެނޭތޯއެވެ. އެއަށްފަހު އެންމެ އަވަހަށް ފެނުން ހުސްގޮނޑީގައި ޖައްސައިލީ ލެކްޗަރ އައުމުގެ ކުރިން ތައްޔާރު ވެލުމަށެވެ.
ދަބަސްތެރެއަށް އަތް ބާނައިގެން އިސްޖަހައިގެން އިން އިލީނާ ސިއްސައިގެން ދިއައީ އޭނާގެ މޫނުމައްޗަށް މީހަކު ފެން ޖެހުމުންނެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނު އިރަށް އޭނާގެ މޫނުމައްޗަށް އެރީ ޒުވާން އަންހެން ކުއްޖެއްގެ އަތުގެ ހޫނު ހަމަލާއެކެވެ. އެ ދެމެދުގައި އޭނާ ހަރަކާތެއް ކޮށްލާނެ ވަގުތުވެސް ނުލިބުނެވެ. އެ އަންހެން ކުއްޖާ ޖެހިލެއް ބާރުކަމުން އިލީނާގެ ތުންފަތް ފަޅައިން ގޮސް ލޭ އަންނަން ފެށިއެވެ. ވީ ތަދުން އޭނާގެ އަނގައިން މަޑު މަޑު އާހް އެއްގެ އަޑު ނުކުތެވެ. ބޮލުގައި އަތް އަޅާލީ ބޮލުން ތަރި ބުރާ ހެން ހީވުމުންނެވެ. އެއަށްވުރެވެސް ބޮޑަށް އޭނާ ހައިރާންވީ އެހާ ބާރު، އެ އަންހެއް ކުއްޖާގެ ގައިގައި ހުރި ގޮތަކާއި މެދުއެވެ. އެއީ ކާކުތޯ ބެލުމަށްޓަކައި އިސް އުފުލާލި އިލީނާއަށް ފެނިގެން ދިއައީ މިއަދު ހިނގައިދިޔަ ހާދިސާގައި ފެނުން އަންހެން ކުއްޖާއެވެ. ހަމަ އެ ރުޅިވެރި ބެލުމެވެ.
“ކިހާދެރަވެއްޖެ ކަމެއް! ކަލޭ ތިއުޅެނީ މިރިއަލް އާއި ހިތާވެގެން ތަ؟ މިއަދު ހެނދުނުވެސް އޭނަ އަތުތެރެއަށްވަދެ ވިއްޔާ އޮތީ!”. އެ އަންހެން ކުއްޖާ ބަލާކަށް ނުހުރެ ފަތިވަރު ދަމައިލިއެވެ. އިލީނާގެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވާން ނެގީ ކުޑަ ސިކުންތު ކޮޅެކެވެ. ވާނީވެސް އެހެންތާއެވެ. އެއީ އޭނާގެ ހަޔާތުގައި މީހަކު ފުރަތަމަ ފަހަރަށް ކަލޭ ކިޔާފައި އޭނާއާއި ވާހަކަދެއްކި ފަހަރެވެ. ކާރީ އިން މޭޒަށް ބަލައިލިއިރު މިރިއަލް އިނީ އިސް ޖަހާގެންނެވެ. ބޮލުގައި އަޅައިފައި އޮތް އިއަރ ޕޮޑް ޕްރޯ މެކްސް ސައުންޑް ޕްރޫފަށް ލާގެން އިނުމުން ކަންނޭންގެއެވެ. ކުލާސްތެރޭގައި ހިނގަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް އޭނާއަށް ވާހެނެއް ހިޔެއްނުވެއެވެ. އެތަނުގައި މިރިއަލް އިން ކަން އެނގުނު ނަމަ އިލީނާ އިށީންނާނީ އެހެން ތާކުއެވެ. އޭރުވެސް އެ އަންހެންކުއްޖާ ދިޔައީ އޭނާ އާއި ދިމާލަށް ބަވަމުންނެވެ. އެވަގުތު އިލީނާގެ ދެލޮލުން ދިއައީ ހޯސްލާފައި ކަރުނަ ފައިބަމުންނެވެ. އެ ކަރުނަވީ ދެލޮލުން އިލީނާ އީތަން ހުރި ދިމާލަށް ބަލައިލީ އެހީ އަކަށް އެދޭ ފަދައަކުންނެވެ. އީތަންއަށް އެ މަންޒަރު ފެނުމުން އެ ދިމާލަށް ދާން އުޅުން ނަމަވެސް ހުއްޓުވީ އޭނާގެ ކައިރީގައި އިން ހާރިޒް އެވެ.
“ބުރޯ! އެ އަންހެން ގޮލާ ބައްޕަ އަކީ މިތާ ބޯޑް މެންބަރ އެއް! ކައެ ދެން ގޮއްސަ ކުރާ ކަމަކުން ކައެ ކަނޑާލަފިއްޔާ މާ ދެރަވާނެ! މިހާރު އެ ކުރަނީ 2ވަނަ ސެމް ރިޕީޓް، ކީއްކުރާނީ ބާރު އޮތީމައި ހައްތާވެސް!”. ހާރިޒް އެހެން ބުނުމުން އީތަން ބަލައިލީ ރޮވިފައި ހުރި އިލީނާއަށެވެ. އެއަށްފަހު އިސް ޖަހައިލުމަށްފަހު ގޮނޑީގައި އިށީނެވެ. އީތަންގެ އެ އަމަލުން އިލީނާ ހިތުގައި ޖެހުނު ވަރު ވީ ހައްތާހާ ބޮޑެވެ. ރޮމުން ރޮމުން އޭނާ ހިގައިގަތީ ކުލާހުން ނިކުތުމަށެވެ.
“ނޯ ވަން ވިލް ސްޓޭންޑް އަޕް ފޯރ ޔޫ!”. ކުލާހުން ނުކުންނަމުން ދިޔަ އިލީނާގެ ބޮލުގައި ވީ މީގެ އަހަރުތަކެއް ކުރިން އޭލެވެލް ހެދި އިރުގައި، އޭނާއާއި ގަނާ ކުރި ކުދިން ބުނެފައިވާ ބަސްތަކެވެ. އެ ހިނދުގައި އޭނާގެ ހައްގުގައި އީތަން ބަހެއް ނުބުނުމުން އިލީނާގެ ހިތުގައި އީތަން އާއި މެދު ރުޅިވެރިކަން އުފެދިގެން ދިޔައެވެ. އެންމެ ފުރަތަމަ ދުވަހު ކުލާސް އެންމެންގެ ކުރިމަތީގައި ރޯން ޖެހުމުން ގަތް ލަދު ވަކިން ބޮޑެވެ. އިލީނާ ދިޔަ ގޮތަށްގޮސް ހުއްޓެލީ އެ ފްލޯރގެ ފާހަނާބަރީ ކައިރީގައެވެ. އޭނާ ފާހަނާއަށްވަދެ ތުންފަތަށް ބަލައިލިއިރު މިހާރު ވަނީ ލޭ މަނައިވެފައެވެ. ނަމަވެސް އެތަނުގައި ކުޑަކޮށް ލޭގެ އަސަރު ހުރުމުން ސާފުކޮށްލުމަށްފަހު މޫނު ދޮވެލައިގެން އައިސް ކުލާހަށް ވަންނަން އައިއިރުގައި ކްލާސް ފެށިގެން ކުރިއަށް ދަނީއެވެ. އިލީނާ ލެކްޗަރ ގާތުގައި ލަސްވުމުން މާފަށްއެދުމަށްފަހު ކުލާހަށްވަދެ، ގޮސް އިށީނީ އެންމެ ފަހަތު ކަނުގައެވެ. ފޯނު ހުޅުވައިލުމާއެކު އެންމެ ފުރަތަމަވެސް ފެނުނީ އީތަން މާފަށް އެދިފައި ފޮނުވާފައި އިން މެސެޖެވެ. އޭނާ މޫނު ކުނިކޮށްލުމަށްފަހު ފޯނު މޭޒުމަތީގައި ބޭއްވީ އީތަން ދެކެ ހިތްހަމަނުޖެހިފައި ހުރިލެއް ބޮޑުކަމުންނެވެ.
ކޮޓަރިއަށްވަދެ ދަބަސް ސްޓަޑީ ޓޭބަލްގެ މަތީގައި ބެއިންދުމަށްފަހު އިލީނާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. މެންދުރުގެ އެންމެ އަވިގަދަ ވަގުތުގައި ގެޔަށް އަންނަން ޖެހުމުން އޭނާ ހުރީ ބޮލަށް އެނބުރުން އަރައިފައެވެ. އަދި ގެޔަށް އައި މަގުމަތީގައި ތުންފަތް ފަޅައިގެން ގޮސްފައި އިނުމުގެ ސަބަބުން، ޝަހުޒާންގެ ސުވާލުތަކާއި ކުރިމަތި ވުމުން އެކަމާއިވެސް އޭނާ ހުރީ މޫޑް ކަޓާފައެވެ. ފޯނު ނަގާ ބަލައިލިރު އީތަންގެ 28އަށް ވުރެ ގިނަ މެސެޖު އައިސްފައި އޮތެވެ. ނަމަވެސް ނޮޓިފިކޭޝަން އިން ކަހާލީ އީތަންދެކެ އޭނާ އައިސްފައި ހުރި ރުޅި ފިނިނުވާތީއެވެ. މުޅިދުވަހު އޭނާ ދިޔައީ އީތަން އިގްނޯ ކުރަމުންނެވެ. މެންދުރު ނަމާދު ވަގުތު ވެފައި ހުރުމުން އިލީނާ އަވަސްކޮށްލީ ނަމާދުކުރާށެވެ. ހިތް ހާސްވެފައި ހުންނަ ވަގުތު ހިތްހަމަ ޖެހޭނީ ހެއްދެވިފަރާތް ހަނދުމަކޮށްލުމުންކަން އިނގޭތީއެވެ.
ނަމާދުކޮށްގެން އިލީނާ އެނދުގައި ޖައްސައިލީ ވެފައި ހުރި ވަރުބައްޔަކުން އަރާމުކޮށްލުމަށެވެ. ފޯނަށް އައި މެސެޖު ނޮޓިފިކޭޝަން އަކަައިއެކު އޭނާ ފޯން ނަގައި ސައިލެންޓަށް ލާން އުޅުން ވަގުތު އަޖައިބުވީ ފެނުނު އެއްޗަކުންނެވެ.
‘އައިމް ސޮރީ ފޯ ލެޓިން ޔޫ ގޯ ދެޓް ޓައިމް އެނޑް ދި ކްލާސް އިންސިޑެންޓް ޓޫ!’. އޭނާއަށް އައިސްފައި އިން މެސެޖުގައި އޮތީ އެހެންނެވެ. މެސެޖު ކޮށްފައިން މީހާގެ ނަން ފެނުމުން އިލީނާ އުނދަގޫ ގޮތަކަށް ހިން ދިރުވައިލިއެވެ (ނުނިމޭ).
2 Comments!
Comments are closed.

Vrh Reethi MA 💗
Waiting for the next part When’s next?
Review ah fonuvaalaafa innaany mhr… will upload soon IA