ހާދަހާވޭ ކުރާހިތް ސަމާސާ 37 ވަނަ ބައި
މާލެ ދިއުމުން ހިބާއާއި ފައުޒާންއަށް ވާނީ ކިހިނެއް ހެއްޔެވެ. ހިބާ ފައުޒާންމެންގެއަށް ދާނެ ހެއްޔެވެ. ނޫނީ ފައުޒާންއަށް ހިބާމެންގެއަށް ދެވޭނެ ހެއްޔެވެ. އަނެއްކާވެސް ދެމީހުން ވަކިވާނީ ހެއްޔެވެ. އެކަމާއި ބެހޭ ގޮތުން އަދި އެދެމީހުން މަޝްވަރާ ކޮށްފައިވެސް ނެތެވެ. ފައުޒާން ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ.
ހިބާ ފާހާނާއިން ނިކުތްއިރު ފައުޒާން އައިސް ކޮޓަރިއަށް ވަންނަނީ އެވެ.
“ކޮންތާކުން ތި އައީ؟” ހިބާއަށް އަހާލެވުނެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. އެހާ ދުވަހަށް ފަހު ހިބާ ނިދާހެދުމުގައި ހުރިތަން ފެނުމުން ފައުޒާންގެ ހިއްސުތައް ކޮޅަށްޖެހުނު ކަހަލަ އެވެ. ހިބާއަށް ބަލަހައްޓައިގެން ފައުޒާންއަށް ހުރެވުނީ އެވެ. ފައުޒާން އެފަދަ ގޮތަކަށް ބަލަން ހުރުމުން ހިބާގެ މޫނުމައްޗަށް ރަތްކުލަ ވެރިވެގެން ދިޔައީ ލަދުންނެވެ. “ފައުޒާން!” ހިބާ ފައުޒާންއާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައި ހުރެ ގޮވާލި އެވެ. ފައުޒާންއަށް ހީވީ ދުނިޔެއިން ބޭރަށްގޮސްފައި އާދެވުނު ހެނެވެ.
“ކީކޭ؟” ފައުޒާންއަށް އަހާލެވުނެވެ.
“މި ބުނީ ކޮންތާކަށް ގޮއްސަހޭ ތިއައީ؟” ހިބާ ބޮލުގައި އިން ތުވާލި ނަގާ ބޯ ހިއްކާލަމުން ބުންޏެވެ.
“މީ.. އަޒްމީލްއާ މާޒްއާ ދެމީހުންނާ އެކީ ބުރެއް ޖަހާލާފަ މިއައީ.” ފައުޒާން އަމިއްލަ ބޮލުގައި އަތްކާތާލަމުން ބުންޏެވެ.
“އެހެންތަ؟ އިރުކޮޅަކުން ރަހާ ވެސް ހޭލާނެ ބަންޑުހައިވެގެން. ފައުޒާން މިތާ މަޑުކޮށްލައްޗޭ. ހިބާ އެބަ އަންނަން.” ހިބާ ބުނެލި އެވެ. އަދި ނިދާހެދުން މަތިން ގައުންއެއް ލައިގެން ބުރުގާއެއް އަޅާލައިގެން ކޮޓަރިން ނުކުތެވެ. އެވަގުތު ފައްވާޒް ވެސް ކޮޓަރިން ނުކުތެވެ.
“ފިޒް ދެން ނިދަން އުޅޭ. އެހެން އެންމެން ވެސް މިހާރު އެ ނިދީ.” ސޯފާގައި ލަޔާން ކައިރީ އިށީދެގެން އިން ފިޒާއާއި ދިމާއަށް ފައްވާޒް ބުންނެވެ.
“އެއީ ތެދެއް. ޔާން ވެސް ދޭ އަވަހަށް ނިދަން.” ހިބާ ލަޔާންއަށް ބަލައިލަމުން ބުންނެވެ. ހިބާ ބުނުމާއި އެކު ލަޔާން ތެދުވި އެވެ. އަދި ފިޒާއާއި ސަލާން ކޮށްލާފައި ލަޔާންގެ ކޮޓަރިއަށް ލަޔާން ވަދެއްޖެ އެވެ. ފިޒާވެސް ސިޑިން މައްޗަށް އަރައިފި އެވެ. ހިބާއާއި ފައްވާޒް ވެސް ދެމީހުން ދެމިހުނަށް ބަލައިލާފައި ހިނިތުން ވެލި އެވެ. ހިބާ ބަދިގެއަށް ވަދެ ފެންފުޅިއެއް ހިފައިގެން ކޮޓަރިއާއި ދިމާއަށް ހިގައިގަތެވެ.
ހިބާ ކޮޓަރިއަށް ވަންއިރު ފައުޒާން އުޅެނީ ރަހާ އުރާލައިގެނެވެ. ރަހާ އޭރު ރޮނީ އެވެ. ހިބާ އައިސް މޭޒުމަތީ ފެންފުޅި ބޭންދި އެވެ.
“ހިބާ ބުނީމެއްނު ހޭލާނޭ.” ހިބާ ބުރުގާއާއި ގައުން ބޭލުމަށް ފަހު ރަހާ އުރާލައިގެން އެދަށްގޮސް ރަހާކައިރީ ބާއްވާފައި އޮށޯތެވެ. އިރުކޮޅަކުން ރަހާގެ ރުއިމުގެ އަޑު ކެނޑި މުޅިތަނަށް ހަމަހިމޭންކަން ވެރިވެއްޖެ އެވެ. ފައުޒާން އެއްޗިހި ބާލައިގެން ތުވާލި އަނދެލައިގެން ފާހާނާއަށް ވަންނަން ދިޔައިރު ހިބާ އޮތީ ފައުޒާންއަށް ބަލާށެވެ. އިހުނަށް ވުރެންވެސް މިހާރު ފައުޒާން ރީތިހެން ހިބާއަށް ހީވިއެވެ. އެވަގުތު ފައުޒާންގެ އެ ތަނަވަސް މޭމަތީ އަތްކާތާލަން ހިބާ ބޭނުންވިއެވެ.
“ކޯޗެއް ތި ބަލަނީ؟” ފައުޒާން ހިބާއަށް ބަލަން ހުރިކަމެއް ހިބާއަށް ކުރިއަކުން ނޭގެ އެވެ. ހިބާ ލަދުން އަވަހަށް ނޫންކަމަށް ހަދާލަމުން ރަހާގައިގައި ފިރުމާލި އެވެ. ރަހާގެ ގައިމަތީ އޮތް ރަޖާ ރަގަޅުކޮށްލި އެވެ. ފައުޒާން ވެސް ހެވިފައި ހުރެ އަވަހަށް ފާހާނާއަށް ވަދެއްޖެ އެވެ.
ފައުޒާން ފާހާނާއިން ނުކުތްއިރު ހިބާ ހުރީ ރަހާ އެދަށް ލައިގެން ރަހާއާއި ދިމާއަށް ބަލަހައްޓައިގެނެވެ. ފައުޒާން އައިސް ކައިރިއަށް ހުއްޓިލަމުން ރަހާއަށް ބަލައިލި އެވެ.
“ބަލާ ޒާންމެންގެ ލޯބިލޯބި ބޭބީ. ކިހާ އިނޯސެންޓް ދޯ.” ފައުޒާން ބުނެލި އެވެ. ހިބާ ބޯ ޖަހާލި އެވެ. “ޒާން ދެން ދުވަހަކުވެސް ތި ދެމިހުން ޒާންއާ ދުރުވިޔަކަ ނުދޭނަން.” ފައުޒާން ހިބާއަށް ބަލައިލަމުން ބުންޏެވެ. ފައުޒާން އައިސް ހިބާއާއި ކައިރި ވެލަމުން އެދެއަތުގެ ތެރޭ ހިބާގެ މޫނު ހިފަހައްޓާލި އެވެ. “އައި ލަވް ޔޫ ހިބާ.” ފައުޒާން ބުންޏެވެ. ހިބާ އެއްޗެއް ބުނަން އަނގަ ހުޅުވޭ ވަރެއް ނުވި އެވެ. ހިބާގެ ރަތްވެފައިވި އެރީތި ތުންފަތުގައި ފައުޒާން ލޯބިކޮއްލި އެވެ. ދެން ފައުޒާން ހިބާ ގައިގައި އޮޅުލައިގަތެވެ. އަދި ލުއިފަތެއްހެން ބިމުންމައްޗަށް ފައުޒާން ހިބާ އުފުއްލާލައިގެން ގޮސް އެނދުމަތީ ބޭއްވި އެވެ. ފައުޒާން ހިބާއަށް ބަލައިލަމުން ހިނިތުން ވަމުން ހިބާ ކައިރިއަށް އަންނަން ފެށި އެވެ.
“ފައުޒާން،” ކުއްލިއަކަށް ހިބާ ބުންޏެވެ. “ފައުޒާންއެއްނު މިއަދު ބުނީ ބަލައިގެން އުޅެން ޖެހޭވާހަކަ.” ހިބާ އެނދުމަތީ އިށީންނަމުން ބުންޏެވެ. ފައުޒާން ހިބާއަށް ބަލައިލާފައި ގޮސް ފައުޒާން ބޭލި ޖިންސްގެ ޖީބުން ކުޑަ ޕެކެޓެއް ނަގާ ހިބާއަށް ދައްކާލުމަށްފަހު އެނދުގެ ސައިޑް ކަބަޑު މަތީ ބޭއްވި އެވެ.
“އެއީ ކިހިނެއް؟” ފައުޒާން އައިސް ހިބާގެ މޭމަތީ ބޯއަޅާލުމުން ހިބާ އަހާލި އެވެ.
“އެއީ އަޒްމީލް އަތުން ހޯދި އެއްޗެއް.” ފައުޒާން ޖެހިލުމެއް ނެތި ބުނެލި އެވެ. އަޒްމީލް ދިމާކޮށްފަވެސް ދީފި.” ފައުޒާން ބުންޏެވެ.
ފައުޒާންގެ އަތުގެތެރޭ ފިތިބާރުވަމުންދިޔަ ހިބާގެ ދެލޯވަނީ މަރާލެވިފައެވެ. އެފިރިހެންވަންތަ ތުންފަތް ހިބާގެ މޫނުގެ އެތަންމިތަނުގައި ބީހެމުން ދިޔައިރު ހިބާވެސް ބޭނުންވެފައިވަނީ ފައުޒާންގެ ހަށިގަނޑާއި އޭނަގެ ހަށިގަނޑު ގުޅި ލާމެހި އެއްހަށިގަނޑަކަށް ވުމަށެވެ. ހިބާއަށް ކުރެވެމުންދިޔަ އިޙްސާސް ބުނަންވެސް ނޭގެ އެވެ. އެކަހަލަ ލޯބިވެތި ވަގުތުކޮޅެއް އެލިބުނީ ކިހާ ދުވަހަކަށް ފަހު ހެއްޔެވެ. ފައުޒާންއަށް ޓަކައި ހިބާގެ މުޅި ހަށިގަނޑުވެސް ވަނީ ދޫކޮއްލެވިފަ އެވެ. ކުރެވެމުންދިޔަ އިޙްސާސްގެ އޮއެވަރު ގަދަވެ ހިބާއަށް ވެސް މިހާރު އެވަނީ ބައިވެރި ވެވިފަ އެވެ. އިރުއިރުކޮޅާ އަވަސްވެފައިވާ ނޭވާއަކާއިއެކު ފައުޒާންގެ ނަން ދުލުން ބުނެލައެވެ. ހިބާގެ ހަށިގަނޑު ހާމަވެގެން ދިޔައީ ކިހިނެއް ކޮންވަގުތަކު ކަމެއްވެސް ހިބާއަކަށް ނޭގެއެވެ. ދެމީހުންވެސް އެވަނީ އެތަށްދުވަސްތަކެއްވަންދެން ކަރުހިއްކައިގަނެފައިކަން ގައިމެވެ.
އިރުތަކެއް ފަހުން ވަރުބަލި ވެފައިވާ ހާލުގައި ފައުޒާންގެ އަތުތެރޭ ފިތި ބާރުވެގެން ހިބާއޮތީ ލޯމަރާލައިގެނެވެ. ފައުޒާން އޮތީ ހިބާގެ ބުރަކަށީ ފިރުމާލަ ފިރުމާލަ އެވެ. ފައުޒާން ކޮންމެވެސް ކަމަކާ ވިސްނަމުން ދާކަން އިނގެނީ ފައުޒާންގެ މޫނުމައްޗަށް އަރާ ކުލަތަކުންނެވެ.
“ހިބާ!” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު ފައުޒާން ގޮވާލި އެވެ.
“ހޫމް؟” ހިބާ އޮތްގޮތަށް އޮވެ ބުނެލި އެވެ.
“މާލެ ގޮއްސަ ކިހިނެއް ހަދަނީ؟ މާދަމާ މާލެ ދާން ޖެހޭނެނު.” ފައުޒާން އަދިވެސް އޮތްގޮތަށް އޮވެ އަހާލި އެވެ.
“ހިބާ މާލެއެއް ނުދަން.” ހިބާގެ އަވަސް ޖަވާބުން ފައުޒާންއަށް ކުއްލިއަކަށް ތެދުވެވުނެވެ. އަދި ލޯ ބޮޑުކޮށްގެން ހިބާއަށް ބަލަން އިނެވެ. “ހިބާ މާލެ ގޮއްސިއްޔާ ޖެހޭނީ ހިބާ މެންގޭގަ ހުންނަން. ހިބާ މެންގޭގަ ހުންނަންޏާ ހިބާއަކަށް ފައުޒާންއާއި ދިމާވާނެ ކަމެއްވެސް ނޭގެ. ބައްޕަވެސް އަދި ހިބާވެސް ބޭނުމެއްނޫން ފައުޒާން މެންގޭގަ ހިބާ ހުންނާކަށް. އެހެންވީމަ މިތާ ރިސޯރޓުގަ ހިބާ ހުންނާނީ. އޭރުން އޮފްވާއިރަށް ފައުޒާން އާދޭ ރިސޯރޓަށް. ޒެކްލައްވާ ހިބާ ހަމަޖައްސަ ދޭނަން އެގޮތަށް.” ހިބާ އުއްޑުން އޮށޯވެ އޮވެ ހުރިހާ ވާހަކައެއް ދައްކާ ނިންމާލާފައި ފައުޒާންއާއި ދިމާއަށް އަރިވެލި އެވެ.
“ހިބާ، ބައްޕަ ކައިރީ ބުނެވޭކަށް ނޯންނާނެތަ؟” ފައުޒާން ހިބާއާއި ދިމާއަށް ބަލަން އިނދެފައި އެހިއެވެ. “ޒާން މިހިރީ ހިބާ ބައްޕަ ބުނާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް. ޕްލީސް ހިބާ ބައްޕަ ކައިރީ ބުނެލަބަލަ ހިބާއާއި ޒާންއާ އެއްކޮން އުޅެވޭ ގޮތެއް ހަދައި ދެއްވާށޭ. ހިބާމެންގޭގަ އުޅެންވެސް ޒާން މިހިރީ ތައްޔާރަށޭ.” ފައުޒާން ހިބާގެ އަތުގައި ހިފާލި އެވެ.
“ހިބާއަށް ނުކެރެޔޭ ބައްޕައާއި އެގޮތަށް ވާހަކަ ދައްކާކަށް.” ހިބާ ޖެހިލުން ވެފައި އިންދެ ބުންޏެވެ.
“ހިބާ، ޕްލީސް ޓްރައި ކުރޭ. ޒާންއަށްޓަކާ، ރަހާއަށް ޓަކާ، ޕްލީސް ހިބާ، ހިބާވެސް އުފަލުގައި ހުންނަން ބޭނުމެއްނު. ޒާންއާ އެއްކޮން އުޅެން ބޭނުމެއްނު. މާލެގޮއްސަ ޒާންއާ ދެމީހުން ތިބެގެން މިވާހަކަ ދައްކާނީ.” ފައުޒާން ހިބާއަށް ބަލަން އިނެވެ.
“ވިލް ޓަރައި. އެކަމަކު ބައްޕަ އެއްބަސްވެ ލައްވާނެ ހެނެއް ހިޔެއް ނުވޭ.” ހިބާ ބުންޏެވެ.
“ވާހަކަ ދެއްކީމަނު އިނގޭނީ ވެސް.” ފައުޒާން ބުންޏެވެ. ހިބާ ބޯ ޖަހާލި އެވެ. އެރޭ އެންމެ ފަހުން ދެމީހުނަށް ނިދުން އިރު ރޭގަނޑުގެ ބޮޑުބައި ވަނީ ފާއިތު ވެގެން ގޮސްފަ އެވެ.
ހެދުނު ހޭލައިގެން ރަހާ އެނދުގެ ދެކޮޅަށް ފިރުކެނީ އެވެ. ރަހާ އެނދުން ވެއްޓިދާނެތީ ފައުޒާންއާއި ހިބާއާއި ދެމީހުން ދެފަރާތުގައި ގާޑްކޮށްގެން ރަހާ އުޅޭގޮތް ބަލަން ހެވިފައި ތިއްބެވެ.
އެވަގުތު ކޮޓަރި ދޮރުގައި ޖަހާލި އަޑު އިވުނެވެ. ހިބާ އަވަހަށް ގޮސް ބުރުގާ އޮޅާލަމުން ދޮރު ހުޅުވާލި އެވެ. ދޮރުމަތީ ހުރީ ރިފާ އެވެ.
“އަވަހަށް ހިންގާ ސައިބޯން. އެންމެން މިއުޅެނީ ޕޫލަށް ދާންވެގެން.” ރިފާ ބުންޏެވެ.
“އާން މިދަނީ.” ހިބާ އެހެން ބުނެލަމުން ދޮރު ލައްޕާލި އެވެ. އަދި އެވާހަކަ ފައުޒާން އަށް އަންގާލާފައި އަވަސްވެގަތީ ރަހާގެ އެއްޗިހި ދަބަހަށް އަޅާށެވެ. ފައުޒާން ރަހާ އުރާލައިގެން ކޮޓަރިން ނިކުތެވެ. އޭރު އެންމެން އުޅެނީ ކާގޭގައި ހެދުނުގެ ނާސްތާކުރާށެވެ. އެންމެން އެއްފަހަރާ ކާގޭގައި އުޅޭތީ އަޑުފަށްގަނޑު ވަރަށް ގަދަ އެވެ. އެންމެން އެއްފަހަރާ ވާހަކަދައްކަމުން ދާތީ އެވެ. އެވަގުތު މޭޒުކައިރީ އިން ފައްވާޒް ވާހަކަ ދައްކަމުން ދަނީ ފޯނުން ހަފީޒާއާ އެވެ. އަޑުގަދަ ކަމުން ހަފީޒާއަށް އުޅެނީ ފައްވާޒް ކިޔާއެއްޗެއް ވެސް ނޭގިގެނެވެ. ހިބާއާއި ފައުޒާން ބައްދަލުވި ވާހަކަ އިނގުމުން ހަފީޒާ ހުރީ ވަރަށް އުފާވެފަ އެވެ. އަދި ފައުޒާންއަށް ގުޅާލަން ކަމަށް ބުނެ ފޮނު ކަނޑާލި އެވެ.
ރަހާގެ އެއްޗިހި ދަބަހަށް ލާ ހަމަ ކޮށްލާފައި ރަހާގެ ފެންފުޅި ހިފައިގެން ކޮޓަރިން ނިކުންނަން އުޅެނިކޮން ފޯނެއް ރިންގުވާ އަޑު ހިބާއަށް އިވުނެވެ. އެއީ އެނދުކައިރީ ހުރި ކަބަޑުމަތީ އޮތް ފައުޒާންގެ ފޯނެވެ. ހިބާ އަވަހަށް އައިސް ފޯނު ގެ ސްކްރީނަށް ބަލައިލި އެވެ. މަންމަ އަރާފައި އިނުމުން އެ ގުޅަނީ ހަފީޒާކަން ހިބާއަށް އިނގުނެވެ. ރަހާގެ ދަބަސް އެނދުމަތީ ބައިންދާފައި ހިބާ ފޯނަށް ބަލަން ހުރީ ހަފީޒާއާއި ވާހަކަ ދައްކަލާހިތް އޮތްލެއް ބޮޑުކަމުންނެވެ. ނަމަވެސް އެގޮތަށް ކުއްލިއަކަށް ވާހަކަދައްކަން ހިބާއަށް ކެރޭނެ ހެއްޔެވެ. އެގޮތަށް ހުއްޓާ ފޯނު ކެނޑިއްޖެ އެވެ. ހިބާ ފޯނު ހިފައިގެން ކޮޓަރިން ނިކުމެގެން ގޮސް ފައުޒާންއަށް ފޯނު ދިނެވެ.
“ފައުޒާން މަންމަ ދެންމެ ގުޅި.” ހިބާ އެހެން ބުނެލާފައި ފައުޒާން އަތުން ރަހާ އަތުލީ ރަހާއަށް ކާންދޭން ވެގެންނެވެ. އޭރު ސިރާޖް ހުރީ ރަހާއަށާއި ޒާދްއަށް ބަކުން ތައްޔާރުކޮށްގެން ގެނެސްފަ އެވެ. ފައުޒާން އެތަނުން ދުރަށް ޖެހިލަމުން ހަފީޒާ ނަންބަރަށް ގުޅާލި އެވެ.
“ޒާން، މަންމަ ވަރަށް އުފާވެފަ މިހިރީ،” ހަފީޒާގެ އަޑުންވެސް ހަފީޒާ އުފާވެފައި ހުރިވަރު އިނގެ އެވެ. “މަންމަ ހާދަ ދުޢާއެއް ކުރަމޭ ދަރިފުޅާ ހިބާއާ ބައްދަލުވޭތޯ. ކޮބައިތަ ހިބާ؟” ހަފީޒާ ހުރީ ހިބާއާއި ވާހަކަ ދައްކާލަން ބޭނުން ވެފަ އެވެ.
“މިގަޑީގަ ރަހާއަށް ކާންދޭން އުޅެނީ.” ފައުޒާން ބުންޏެވެ.
“އެހެންތަ، އެމަންޖެ ރަގަޅުތަ؟ މަންމަ ހާދަ ދެކިލާ ހިތެއް ވެޔޭ. ފޮޓޯއެއް ފޮނުވަބަލަ މަންމަ ބަލައިލަން.” ހަފީޒާ ބުންޏެވެ.
“އާން، މާދަމާ މާލެދާނަން. ގޮއްސަ ބައިވަރު ފޮޓޯ ދައްކާނަން. ބައްޕަ ކޮބާ؟” ފައުޒާން އަހާލި އެވެ.
“ބައްޕަ ވީ ބާޒާރަށް ގޮސް. އިރުކޮޅަކުން އަންނާނެ.” ހަފީޒާ ބުންޏެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ހުރެލާފައި ފައުޒާންވެސް އައިސް މޭޒުކައިރީ ގޮނޑިއެއްގައި އިށީނެވެ. އޭރު އެންމެން ވެގެން އުޅެނީ ޒެކްއާއި ދިމާކޮށްލައިގެނެވެ. ކީއްވެ ކަމެއް ފައުޒާންއަކަށް ނޭގެ އެވެ.
“ޒާން، ޒާން ކިތައް ކުދިންނާ ރައްޓެހިވީ؟” އަޒްމާ އަހާލި އެވެ.
“އެންމެނަށް ވެސް އިނގޭނު ޒާންގެ ސްޓޯރީ.” ފައުޒާން ޕާން ފޮއްޗެއް ނަގަމުން ބުންޏެވެ.
“ޒާން އެއް ނުވޭ އެއްޗަކަށް. މީދަ ފެންނަ އަޒްމީލްވެސް އެއްޗަކަށް ނުވޭނު. މާޒް ދެން ކުޑަކޮން ހިޓްދޯ.” ނިހާނީ ބުންޏެވެ.
“ހަހަހަ… އާން އަސްލު ޒެކް އެހާ ކާމިޔާބީ ޒެކް ސްޓާރަކަށް ވީމަޔޭ ދޯ ޒެކް.” ރިފާ އިނދެފައި ބުންޏެވެ.
“މަޑުކޮށްބަލަ، ކިހިނެއްތަ މިވަނީ؟ އަލުން ކިޔައިދީބަލަ.” ފައުޒާން ގަޔާ ވެލާފައި އަހާލި އެވެ.
“ޒާންއަށް އިނގޭތަ، ޒެކް ރައްޓެހިވިޔޯ ބާރަ ކުދިންނާ. ބާރަ ވަނަ ކުއްޖާއަކީ އަޒޫ.” މާޒް ފައުޒާންއަށް ކިޔައިދިނެވެ. “އަޅެ ކާމިޔާބެއްނު ދޯ. މަށަށް ވެސް ރައްޓެހި ވެވުނީ އެންމެ ތިން ކުދިންނާ ވިއްޔަ.”
“ޕްލޭ ބޯއި އެކޭ އޭރުގަ އެއީ.” އަޒްމާ ބުންނެވެ. އެހުރިހާ ވާހަކައެއް އެންމެން އެންމެނަށް ދައްކާ އިރުވެސް އަނގައިން ވެސް ނުބުނެ ޒެކް އިނެވެ. ހިބާއަށް ވެސް ޒެކްގެ އެފަރާތް މިވީހާތަނަށް އިނގިފައެއް ނެތެވެ. ހިބާމެން ކައިރީ އުޅޭއިރު ޒެކް ހުންނަނީ ވަރަށް ސީރިއަސް މިޒާޖެއްގަ އެވެ. އަދި ހިބާއާއި ޒެކްއާއި އެކަހަލަ ވާހަކަ ދައްކައެއް ވެސް ނޫޅެއެވެ. ހިބާ ހައިރާން ވެފައި ޒެކްއަށް ބަލަހައްޓައިގެން އިނީ އެވެ. ޒެކްއަށް އެކަން އިނގިގެން ހިބާއަށް ހީލީ ލަދުގަނެފައި އިނދެއެވެ.
އެންމެން ތައްޔާރުވެގެން ނިކުތީ ޕޫލާއި ދިމާލަށް ދިއުމަށެވެ. އަޒްމާވެސް ހިބާ އަތުން ރަހާ އަތުލައިގެން ރަހާއަށް މަޖާކޮށްދެމުން ޒެކްއާއި އެކު ގޮސް ބަޖީއަށް އެރިއެވެ. ހިބާ ރަހާގެ ދަބަސް ހިފައިގެން އައިއިރު ބަޖީ ނައްޓާލައިފި އެވެ. ބާކީ ތިބީ ރިފާއާއި ފައްވާޒްއާއި ފައުޒާންއާއި ހިބާ އެވެ. އެހެން އެންމެން ދިޔައީ އެވެ. އަޒްކާވެސް ޒާދް ގޮވައިގެން ދިޔައީ އެވެ. ބަޖީތައް ބިޒީ ކަމުން އެތާއޮތީ އެންމެ އެއްޗެކެވެ. އެމީހުން ލާފައި އަންނަންދެން ހިބާމެނަށް ޖެހުނީ ގޭދޮށުގައި މަޑުކޮށްލައިގެން ތިބޭށެވެ.
“ހިބާ، އަސްލުވެސް މާލެއެއް ނުދާނަންތަ؟” ފައުޒާން ހިބާކައިރީ ހުއްޓިލައިގެން ހުރެފައި އަހާލި އެވެ.
“ދެން ހިބާ ބުނީމެންނު ހިބާގެ ޕްލޭން. އެއަށްވުރެން މޮޅުގޮތެއް ޒާންއަށް އިނގެންޏާ ބުނެބަލަ.” ހިބާ ރަހާގެ ދަބަސް މޭގައި ޖައްސާލި އެވެ.
“ހިބާ ބައްޕަ ގަބޫލު ވާނެ ހިބާ ބޭނުން ގޮތް ބައްޕައަށް އަންގައިފިއްޔާ. އެއީ ޒާންއަށް ހީވާ އެއްޗަކަށްވެސް ވެދާނެ. އެކަމަކު ޓަރައި ކޮށްލުމަކުން ގޯހެއް ނުނެއްނު.” ފައުޒާން ބުނެލި އެވެ. ހިބާ ފައުޒާންއަށް ބަލަހައްޓައިގެން ހުރީ އެވެ.
ޕޫލް ކައިރިއަށް އައިސް ހުއްޓުން ތަނާ ނަދުވާ އެތަނަށް އައިސްފި އެވެ. އަޒްމާއާއި ޒެކް ނަދުވާއާއި ވާހަކަ ދައްކަން ތިބީ ރަހާ އުރާލައިގެނެވެ. އިރުކޮޅަކާ ނަދުވާ ރަހާގެ ކޮލުގައި ކޮށްޓާލަ އެވެ.
“ވަރަށް ލޯބި ދޯ؟” އަޒްމާ އަހާލި އެވެ. “އުރާލަން ބޭނުންތަ؟” އަޒްމާއަށް ހީވީ ނަދުވާ އުރާހިތުން ހުރިހެނެވެ.
“ޔާރައްބީ، އަހަރެން ތީނަ އުރައިފިއްޔާ ތީނަ މަންމަ އަހަންނާ ދިމާލަށް އަންނާނީ ކިހިނެއް؟” ނަދުވާ ބުނެލި އެވެ.
“އެމީހުން އަދި ނާދޭނު. އެމީހުން އަންނަން އިރުކޮޅެއް ނަގާނެ. އުރާލަ ބަލަ.” އަޒްމާ ބުންޏެވެ. ނަދުވާ ރަހާ އުރާލި އެވެ. ރަހާ ނަދުވާގެ ކަރުގައި އަޅާފަ އޮތް ފަށާ ކުޅެން ފެށި އެވެ. އަދި އެ އަނގަޔަށް ވެސް ލާން އުޅުނެވެ.
“ކޮބާ، އޭނަ ލައިކް ވެއްޖެނު،” އަޒްމާ ހީލަމުން ބުންޏެވެ. “އަންނާނަން ދަބަސް ބަހައްޓާފަ.” އަޒްކާމެން ތިބި ދިމާލަށް ހިގައި ގަންނަމުން އަޒްމާ ބުންޏެވެ. ނަދުވާވެސް މަޑުމަޑުން އެމީހުން ފަހަތުން އެދިމާލަށް ދިޔައެވެ. އޭރު އަޒްކާ އުޅެނީ ޒާދް ހިފަހައްޓާ ނުލެވިގެންނެވެ. ޕޫލަށް އެރެން ވެގެން ރޮނީ އެވެ. ރިފާމެން ނާންނާތީ އަޒްކާ ޒާދް ހިފެހެއްޓޭތޯ މަސައްކަތް ކުރަނީ އެވެ. ޒާދް ކުޅެން ބިންމަތީ އޮތީ މެޓެއް އަޅާދީފަ އެވެ. މެޓްމަތީ ކުޅޭ އެއްޗިހިތައް އަޒްކާ އަތުރަދެމުން ދިޔައެވެ. ނަމަވެސް އަދިވެސް ޒާދް ރޮނީ އެވެ. ކުޅޭކަށް ނޫޅެއެވެ. އެންމެން ޒާދް މައިތިރިކުރަން އެކި އެއްޗިހި ދައްކަނީ އެވެ. ލަޔާންއާއި ފިޒާ އޭރު ޕޫލްގައި ތަންކޮޅެއް ދުރުގައި ތިބީ އެމީހުންގެ ދުނިޔެއަކަށް ގެއްލިފަ އެވެ. އަޒްމާވެސް ޒާދް މައިތިރި ކުރަން އަޒްކާ ކައިރީ އުޅެ އެވެ. މާޒް ޒާދް އުރައިގެން އިނދެ އެކި އެއްޗިހި ދެއްކޭތޯ އުޅެއެވެ. ޒެކް ތަންކޮޅެއް ދުރައްދިޔައީ މެނޭޖަރު ނަވީން ފެނިގެންނެވެ. އަޒްމީލްއާއި ނިހާނީ ވެސް ޕޫލަށް ދެފައި ލައިގެން ޒާދް އުޅޭގޮތް ބަލަން ތިއްބެވެ. ނަދުވާ ރަހާ ގެނެސް ބޭންދީ ޒާދް ކުޅެން އަޅާފަ އޮތް މެޓްމަތީ އެވެ. ރަހާ ފަހަރަކު އެއްޗެއް އެތަނުން ނަގައިގެން އަނގަޔަށް ލައިލައިފައި ކުނާމަތީ ތަޅަތަޅާފައި އުޅެ އެވެ. އެވަގުތު ނަދުވާއަށް ފޯނެއް އައެވެ. އެއީ މިންހާޖްގެ ފޯނެކެވެ. ނަދުވާ ފޯނުން ވާހަކަ ދައްކަމުން ހިގަން ފެށި އެވެ.
ރިފާއާއި ފައްވާޒްއާއި ފައުޒާންއާއި ހިބާއަށް އެހިސާބަށް އާދެވިއްޖެ އެވެ. ރިފާ ހެމުން ހެމުން ދިޔައީ ޒާދްއާއި ދިމާލަށެވެ. ޒާދް ރޯތަން ފެނުމުން އަޒްކާއަށް ވާނެވަރު ހިތަށް އެރިއެވެ. ޒާދްއަކީ ރޯން ފަށައިފިއްޔާ ހުއްޓާލާނެ ކުއްޖެއްނޫންކަން ރިފާއަށް އިނގެއެވެ.
“އަޒްކޮގެ ކަންތައް ދުއްވާލައިފިނު.” ފައްވާޒް ވެސް ރިފާއާއި އެކު އެދިމާލަށް ދަމުން ބުނެލި އެވެ.
“ރަހާ!” އެވަގުތު ފައުޒާން ކުއްލި އަކަށް ދުއްވައިގަތީ ރަހާއޭ ކިޔާފަ އެވެ. ހިބާ އަވަހަށް ރަހާއަށް ބަލައިލި އިރު ރަހާ ޕޫލްގެ އަރިމަތިން ފިރުކިލާފަގޮސް ޕޫލަށް ވެއްޓެނީ އެވެ. ހިބާވެސް އެދިމާލަށް ބާރަކަށް ދުއްވައިގަތެވެ. އަޒްމީލްއާއި ނިހާނީ ވެސް އެދިމާލަށް ދުއްވައިގަތީ ޕޫލް ތެރޭން ލާފައެވެ. އޭރު ފައުޒާން ޕޫލަށް ފުންމާލައިފި އެވެ. އަދި ރަހާ ޕޫލުން ނަގައިފި އެވެ. ރަހާ އޮތީ ފައުޒާންގެ އަތްމަތީ ދެމިފަ އެވެ. ހަރަކާތެއް ނެތެވެ. ފައުޒާން ރަހާ ތަޅުވައި ގަތެވެ. ފައުޒާންގެ ހިތް ބާރަށް ތެޅެމުން ދަނީ އެވެ.
“ދަރިފުޅާ، ރަހާ!” ފައުޒާން ގޮވަން ފެށި އެވެ. ހިބާ ޕޫލް ކައިރިއަށް އައިސް ހުއްޓިގެން ހުރެ ރޮމުން ދިޔަ އެވެ. ރަހާއާއި ދިމާއަށް އަތް ދިއްކޮށްގެން ހުރީ ފައުޒާން އަތުން ރަހާ އަތުލާށެވެ. ފައުޒާން ރަހާއަށް ސީޕީއާރް ދޭން ފެށުމުން ރަހާ ކޮށި އަރައިގަނެފައި ރޯންފެށި އެވެ. އަދި އަނގައިން ފެންވެސް ނުކުތެވެ. ފައުޒާންގެ ލޮލުން ކަރުނައައިސްފައި ހުރިއިރު ލިބުނު ހިތްހަމަ ޖެހުމުން ހިނިތުން ވެވުނެވެ. ރަހާ މެޔާލާ ބޮނޑިކޮށްލި އެވެ. އަދި ހިބާއަތަށް ރަހާ ދިނެވެ. ހިބާ ރަހާ އުރާލުމުން އަޒްމާ ތުވާއްޔެއް ހިފައިގެން އައިސް ރަހާގެ ގައިގައި އޮޅާލަ ދިނެވެ. ޒެކްއާއި އެކު ނަވީން ވެސް އެތަނަށް އައިސް ހުއްޓެވެ.
“ހެލްތް ކެއަރއަށް ގެންދަންވީނު. ޗެކްއަޕް ކޮށްލަން.” ނަވީން ފައުޒާންއަށް ލަފާދިނެވެ. ފައުޒާން ބޯޖަހާލި އެވެ. ފައުޒާން ހިތްހަމަ ނުޖެހިފައި ހުރީ ރަހާ އެގޮތަށް ދޫކޮށްލާފައި އެކަކުވެސް އޭނަ ނުބެލީމަ އެވެ. ނަމަވެސް ފައުޒާން އަދި އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރެ އެވެ. ނަދުވާއާއި ހަވާލުކޮށްފައި އަޒްމާއަށް ދުރަށް ދެވުނީތީ އަޒްމާ ހުރީ ދެރަވެފައެވެ. ނަދުވާ ކޮބައިތޯ އަޒްމާ ހޯދާލި އެވެ. ނަދުވާ އޭރު ތަންކޮޅެއް ދުރުގައި ފޯނެއްގައި އިނެވެ. އެތާ ވެގެން އުޅޭގޮތެއްވެސް ނަދުވާއަށް ނޭގޭކަން ގައިމެވެ. އަޒްމާ ހުރީ ރުޅިއައިސްފަ އެވެ. ފައުޒާން އެބުނަނީ ހަމަ ތެދެކެވެ. ނަދުވާއެއީ ހަމަ ނަދުވާ އެވެ. ބަދަލެއް ނުވާނެ އެވެ.
“ކިހިނެއްވެފަ ތިހިރީ؟” އަޒްމާ ގެއްލިފައި ހުރުމުން ޒެކް އަހާލި އެވެ. އަޒްމާ ބޯ ހޫރާލި އެވެ. ހިބާއާއި ފައުޒާން ރަހާ ގޮވައިގެން ނަވީން ފަހަތުން ހެލްތް ސެންޓަރާއި ދިމާއަށް ދެއެވެ. “ކޮބާ ނަދުވާ؟”
“އޭނައަށް ވާކަމެއްވެސް ނޫން. އޭނދީ ފޯނު ކަންފަތުގަ ޖަހައިގެން.” އަޒްމާ ނަދުވާ ދައްކާލި އެވެ. “ރަހާ ނަދުވާއާއި ހަވާލު ކުރިކަން ފައުޒާންއަށް އިނގުނަސް ނިމުނީ. އޭނަ ވަރަށް ރުޅިއަންނާނެދޯ.” އަޒްމާ ދެރަވެފައި ހުރެ ބުންޏެވެ.
“އާން، ރުޅި އަންނާނެ. އެކަމަކު ނަދުވާވެސް އެހާ ހަލަނި ކުއްޖަކު އެކަނި ދޫކޮށްލާކަށް ނުވާނެނު.” ޒެކް ބުންޏެވެ. އަޒްމާ ބޯޖަހާލި އެވެ.
ފައުޒާންއާއި ހިބާ ރަހާ ގޮވައިގެން މާގިނައިރެއް ނުވެ އައިސްފި އެވެ.
“ކީކޯ ޑޮކް ބުނީ؟” އަޒްމީލް އަހާލި އެވެ.
“ހާސްވާންވީ ކަމެއް ނެތޯ. ލަންގްސްއަށް ފެނެއް ނުދެޔޯ. ރަގަޅޯ.” ފައުޒާން ބުންޏެވެ. އޭރުވެސް ފައުޒާން ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
“އަސްލު ކިހިނެއްތަ އެވީ؟ މިބުނީ ކޮއްކޮ ޕޫލަށް ވެއްޓެން ދިމާވީ ކީއްވެ؟” ކަރުގައި ތުވާލި އޮޅާލައިގެން އައިސްހުރި ލަޔާން އަހާލި އެވެ. އެއީ މިހާރު އެންމެންގެ ހިތުގައިވެސް އޮތް ސުވާލެވެ.
“ނޭގެ. ޒާންމެން އައިއިރު މި ފެނުނީ ރަހާ ޕޫލްގެ ކައިރި ފަށުގައި ފިރުކިލާފަ ދަނިކޮން ޒާންއަށް ދުއްވައި ގަނެވުނުތަނާ ރަހާއޮތީ ޕޫލަށް ވެއްޓިފަ. އެވަގުތު ރަހާ ބަލާކަށް އެކަކުވެސް ނެތް.” ފައުޒާން އެންމެނަށް ބަލައިލަމުން ބުންޏެވެ.
“އަސްލު އެގަޑީގަ ޒާދް މާވަރަކަށް ރޯތީ ރަހާއަށް ނުބެލުނީ.” އަޒްކާ ބުންނެވެ. އަޒްކާވެސް ހުރީ ރަހާއަށް ނުބެލުނީތީ ދެރަވެފަ އެވެ.
“ޒާދް ރޯތީ އަހަންނާ އަޒްކާއާ ތިބީ ޒާދް ކައިރީ. އަޒޫވެސް ޒާދް ކައިރީ ދޯ ހުރީ. އޭރު ރަހާ ކާކު އަތުގަ؟” މާޒް އަހާލި އެވެ. އަޒްމާ ތުން ފިއްތައިގެން އިނެވެ. އަޒްމާއިނީ ނުހަނު ދެރަވެފަ އެވެ. ބުނާނެ އެއްޗެއްވެސް ނޭގިފަ އެވެ.
“އަސްލު ވީގޮތަކީ އަޒޫ ރަހާ އުރައިގެން ހުރެފަ ނަދޫއާ ރަހާ ހަވާލުކުރީ ނަދޫ އުރާހިތުން ހުރިހެން ހީވެގެން. ދެން ނޭގޭނެނު އެހާ ތުއްތު ކުއްޖެއް ދޫކޮށްފަ ނަދޫ ދާނެކަމެއް.” ޒެކް ބުންޏެވެ.
“ނަދޫއަތަށް؟ ކީއްކުރަން އެންމެކުރިން ނަދޫއަތަށް ދޭންވީ؟ އަޒޫވެސް ނުޖެހޭނެ ޒާންގެ ދަރިއެއް ނަދޫއާ ހަވާލުކުރާކަށް.” ފައުޒާން ހުރީ ވަރަށް ރުޅި އައިސްފަ އެވެ.
“ޒާން، އަޒޫ އަސްލު ގަސްތުގައެއް ނޫނޭ، ވަރަށް ސޮރީ. އަޒޫ މިހިރީ ވަރަށް ދެރަވެފަ.” އަޒްމާ ރޮވިފައި ހުރެ ފައުޒާން ކައިރިއަށް އައިސް މާފަށް އެދެން ފެށި އެވެ. އަޒްމާ ރޮވިފައި ހުރުމުން ފައުޒާންގެ ހިތް މަޑުވެގެން ދިޔައެވެ. އައިސްފައި ހުރި ރުޅިގަނޑު މައިތިރި ވެއްޖެ އެވެ.
“ދެން އަޅާނުލާ، އިރާދަކުރެއްވީތީ ހިބާމެންގެ ދަރިފުޅަށް ގޮތެއް ނުވޭނު. އެއީ އަޒޫދޮންތަގެ ކުށެއް ނޫނެއްނު.” ހިބާ އަވަހަށް އެކަންތައް އޮއްބާލަން ބޭނުންވެގެން ބުނެލި އެވެ. “ދެން ހިގާ ޕޫލަށް އެރިފަ އެންޖޯއި ކޮށްލަން.” ހިބާ އަޒްމާ އަތުގައި ހިފައި ދަމައި ގަންނަމުން ބުނެލި އެވެ. އަޒްމާވެސް ލޯފޮހެލަމުން ހިނިތުން ވެލި އެވެ. ޒާން ރަހާ އުރައިގެން އައިސް ބެންޗެއްގައި އިށީނެވެ.
“ބައްޕަ ދޫނީ، މިއަދު ބައްޕަގެ ހިތް ހުއްޓިފަ ހިގަންފެށީ ދަރިފުޅާ ހެދި. އެކަހަލަ ކަންތައް ނުކުރައްޗޭ. އިރާދަ ކުރެއްވިއްޔާ ދަރިފުޅަށް ބައްޕަ ފަތަން ދަސްކޮށްދޭނަން އިންގޭ.” ފައުޒާން ރަހާއާއި ވާހަކަ ދައްކަމުން ދިޔަ އެވެ. އިރުކޮޅަކުން ބަލައިލި އިރު ރަހާ އޮތީ ނިދާފަ އެވެ. ފައުޒާން ހީލަމުން ރަހާގެ ބޮޑު ކޮލަށް ދޮނެއް ދިނެވެ.
އެންމެން ޕޫލުގައި އުޅެނިކޮން ފައުޒާންވެސް ރިފާއާއި ރަހާ ހަވާލުކޮށްލާފައި ޕޫލަށް އެރުނެވެ. ދޭތެރެއަކުން ފައުޒާންއަށް ގޮނޑީގައި ނިދާފަ އޮތް ރަހާއަށް ބަލައިލެވެ އެވެ. ދެން ކުރިން ވީކަހަލަ ކަމެއް ވާކަށް ފައުޒާން ނޭދެއެވެ. އެންމެން ޕޫލުން އެރި އިރު ތިބީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. މެންދުރު ވާން އުޅޭތީ އެންމެން ވެސް ގަސްތުކުރީ ދެން ގެއަށް ދިއުމަށެވެ.
އެދުވަހު ހަވީރު ގޮނޑުދޮށުގައި އެންމެން ކުޅެމުން ދިޔައެވެ. ރަހާއާއި ޒާދް ގޮވައިގެން ފައްވާޒް އިނެވެ. ފައްވާޒް ކައިރީ ރިފާވެސް އިށީދެލައިގެން އިނީ ދެކުދިންނަށް ބަލަހައްޓައިގެނެވެ. ދެން ތިބި މީހުން ޖޯޑުޖޯޑަށް އެބައެއްގެ އަމިއްލަ ދުނިޔެ އެއްގައި ތިއްބެވެ. ހިގަމުން ހިގަމުން އައިސް މިދިލި ގަހެއްގެ ކައިރީ ފައުޒާންއާއި ހިބާވެސް ހުއްޓިލައިގެން ތިއްބެވެ.
“ހިބާއަކަށް މިހާރު ގަހަކަށް ނޭރޭނެ ދޯ.” ފައުޒާން އެ މިދިލި ގަހުގައި އަތްޖައްސާލަމުން އަހާލި އެވެ.
“ކީއްވެ ނޭރެންވީ. މިހާރު މާ ފާސްޓްކޮން ވެސް އެރޭނެ.” ހިބާ ބުންޏެވެ. އަދި ފައިވާން ބަހައްޓާފައި ގަހަށް އަރަން ފެށި އެވެ. ހަލުވިކަމާ އެކު ހިބާ ގަހަށް އަރައިފި އެވެ. ފައުޒާން ހިބާއަށް ބަލަހައްޓައިގެން ހިނިއައިސްފައި ހުއްޓެވެ.
“އެއްލަބަލަ މަދެއް.” އަޒްމާ ގޮވާލި އެވެ. ހިބާ މަދެއް ބިނދެފައި އަޒްމާއަށް އެއްލި އެވެ. ދެން އަނެއްކާވެސް މަދެއް ބިންދެފައި އެއްލަންވެގެން ފައުޒާންއަށް ބަލައިލި އިރު ފައުޒާން ކައިރީ ހުރި މީހާ ފެނުމުން ހިބާ ނުވެއްޓުނީ ކިރިޔާ އެވެ. ހިބާ ލޯބޮޑުކޮށްލައިގެން ގަހުގެ ގޮފިގަނޑެއްގައި ހިފަހައްޓާލައިގެން ގުދަށް އެމީހާއަށް ބަލަން އޮތީ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



really nice one!! keep it up :*.. waiting 4 the nxt part 😛
hahhaaa .. fauzan soruvex haadha laanethey dhw????… story hama habeys
dats hibaage dad
Wow…. love this story?… waiting for the next part
Asi ge 2 vahaka ves up vaalaeh mihaar haadha lahey kyvetha…..
Aasi I need your help to write a drama script… Can you contact me please
Asi vara vara vara reethi ?