އަނދިރިވުމުން
ފަސްވަނަަބައި
ފެންޑާތެރޭހުރި ގޮނޑިސެޓްގައި އޮށޯވެލައިގެން ނޫސްމަޖައްލާއެއް ކިޔާން ނިހާޔަތު އޮތެވެ. ދޮރުތައް ލައްޕާފައި ހުރިނަމަވެސް ދޮރުފޮތިތައް ކަހާލާފައި ހުރުމުން ވަރަށްރީތިކޮށް ބޭރު ފެންނަމުންދިޔައެވެ. ދޮރޯށިކައިރީ މަގުމަތީގަޖަހާފައިވާ ބައްތީގެ އަލި މުޅިހިސާބަށް ފެތުރިފައިވެއެވެ.
އިރުކޮޅަކުން ކަހަލަގޮތަކަށް ވައި ބާރުވެލާފައި ވައިއަޑު ގަދަވުމާއެކު ރުއްތަކުގެފަންތަކާއި ގަސްތަކުގެ ގޮފިތަކަށް ހަރަކާތްއަންނަކަން ނިހާޔަތަށް ފާހަގަކުރެވެމުން ދިޔައެވެ.
ސާފުރީތި ހަނދުގެމައްޗަށް ކަޅުވިލާގަނޑެއްއެރުމާއެކުހެން މުޅިބިން އަނދިރިކޮށްލި އެވެ. ވިދާލި ވިދުވަރަށްފަހު ޖަހާލިބާރު ގުގުރީގެ އަޑުގެ ސަބަބުން ނިހާޔަތު ވެސް ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ބޭރު ބަލާލެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ. ވައި ވެސް ބާރުވަމުން ދިޔައެވެ.
އަސްރާ ރޮއިގަތްއަޑުއިވުމާއެކު އެދިމާއަށް ނިހާޔަތަށް ދުއްވައި ގަނެވުނެވެ.
ނިހާޔަތުގޮސް އެކޮޓަރިއަށްވަތްއިރު އަސްރާއުރާލައިގެން ސާމިރާ ހުއްޓެވެ. އަސްރާއަށް ނިހާޔަތު ފެނުމުން ނިހާޔަތުގާތަށް ދާން އަސްރާ އުޅުނެވެ. އެހެންވެ ނިހާޔަތު ގޮސް އަސްރާ އުރާލިއެވެ.
އަސްރާއުރާލާ ކޮނޑުމަތީގައި ބާއްވައިގެން ނާނާ ކިޔަމުންދަނިކޮށް އަސްރާއަށް ނިދިއްޖެއެވެ.
އަސްރާ އެނދުގައިބޭއްވުމަށްފަހު އޭނާ ރަނގަޅަށްބަލާން ސާމިރާ ގާތު ބުނެފައި، ނިހާޔަތު ގޮސް ކޮޓަރީން ނުކުންނަމުން ކޮޓަރިތަޅުލިއެވެ.
ނިހާޔަތު ބޭރުބަލާލިއިރު ވައި ވަރަށް ބާރެވެ. އިސާހިތަކު ގަދަ ވަޔާއެކު ވިދާގުގުރާ ވާރޭ ވެސް ވެހޭން ފަށައިފިއެވެ. ގަސްތަކާއިރުއްތައް ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ.
ނިހާޔަތުގޮސް ދޮރުފޮތިތައް ރަނގަޅުކޮށްލައި ގޭތެރެފޮރުވާލިއެވެ. އަދި އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެ މާގިނައިރެއް ނުވަނީސް ނިހާޔަތަށް ނިދިއްޖެއެވެ.
ކުރަމުންދާ ގަދަވިއްސާރަޔާއެކުގައި ވަގުތުތައް ފާއިތުވަމުން އައިސް އާ ދުވަހަކަށް އިރުއަރައިފިއެވެ.
ސިފާން ގޮސް މާލޭގައި ހުރެ އޭނާގެ ރައްޓެއްސެއް މެދުވެރިކޮށް ކުރި މަސައްކަތުން ނިހާޔަތަށް ވަޒީފާއެއް ހަމަޖެއްސިއެވެ. އަދި އެވާހަކަ ނިހާޔަތަށް ގުޅާފައި ބުންޏެވެ. އެފަދައިން އެކަންތައް ހަމަޖެހުމުން ނިހާޔަތު ވެސް ވަރަށް އުފާވިއެވެ.
ނިހާޔަތު ވަޒީފާއަށްނުކުތުމުން އެތަނުގެ މުއައްޒަފުންނާއި އޭނާ ތަޢާރަފް ވިއެވެ. ހަމައެހެންމެ ވަރަށްއަވަހަށް އެތަނުގެމުއައްޒަފުންނާއި އޭނާއާމެދު ގާތް ރަހުމަތްތެރި ކަމެއް އުފެދިގެން ދިޔައެވެ. އެ އެންމެންގެ ފަރާތުން ވެސް ނިހާޔަތަށް ފާހަގަކުރެވިގެން ދިޔައީ ހިތްހެޔޮކަމާއިއޯގާތެރިކަމެވެ. އެކަމަށްޓަކައި އެއެންމެނަށްވެސް ނިހާޔަތު ޝުކުރު އަދާކުރިއެވެ.
އެފިހާރައަކީ ކޮންމެ ދަންފަޅިއެއްގައި ދެމުއައްޒަފުން މަސައްކަތް ކުރާން ޖެހޭހެން ޑިއުޓީހަމަޖައްސާފައިވާ ތަނެކެވެ. އެގޮތުން ނިހާޔަތާއި އެކުގައި ޑިއުޓީ އަދާކުރަނީ ލައިލާއެވެ. ލައިލާއަކީ ނުހަނު އެކުވެރި އެހާމެ ރަހުމަތްތެރި މިޒާޖުގެ ޒުވާނެކެވެ. ޒަވާޖީ ހަޔާތެއްފަށައި ދެދަރިންނާއި ފިރިއަކާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ޒުވާނެއް ވެސް މެއެވެ. ކަމަކު ބޭނުންވެއްޖެނަމަ ލަދުންނުހުރެ އޭނާ ގާތު ބުނުމަށާއި އޭނާއަށް ވީވަރަކުން އެހިތެރިކަމާއި އެއްބާރުލުން ދޭނެކަމަށް ލައިލާ އަބަދުވެސް ބުނެއެވެ.
ނިހާޔަތާއިސިފާން ކޮންމެރެއަކުކަހަލަގޮތަކަށް ފޯނުކޮށްގެން ވާހަކަ ދައްކައެވެ. ހަމައެހެންމެ އެފަދަކޮންމެފަހަރަކު އަސްރާއާއި ވެސްސިފާން ވާހަކަ ދައްކައެވެ. ވިޔަފާރީގެ ކަމެއްގައި ކުއްލިއަކަށް ކަހަލަގޮތަކަށް ރާއްޖޭންބޭރަށް ދާންޖެހިއްޖެކަމަށް ސިފާންބުނުމުން ނިހާޔަތު ކޮންމެވެސްވަރަކަށް ކަންބޮޑުވިއެވެ. ޗުއްޓީ ކަންތައް ހަމަޖެހެނީ ކޮންއިރަކުންތޯ ނިހާޔަތު ސުވާލުކުރުމުން ސިފާން ބުނީމިދަތުރު ނިންމާފައި ރާއްޖެ އަންނައިރަށް ޗުއްޓީލިބޭނެކަމަށް ބުނެފައިވާ ކަމަށެވެ.
ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ދަތުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިފާނަށް ނިހާޔަތު ނަސޭހަތްދީ ހިތްވަރު ދިނެވެ. ނިހާޔަތުގެ އެވާހަކަތަކުގެ ސަބަބުން ސިފާން ވަރަށްހިތްހަމަޖެހިއުފާވިއެވެ. ތިފަދަ ވިސްނުންތެރި އަންބެއްލިބުނީތީ އެކަމާ އުފާކުރާކަމަށާއި ފަޚުރުވެރިވާކަމަށް ނިހާޔަތުގާތު ސިފާން ބުންޏެވެ.ސިފާންގެ އެވާހަކަތަކުގެ ސަބަބުން ނިހާޔަތުވެސް ވަރަށްއުފާވެ ހިތްހަމަޖެހުނެވެ. ހަމައެހެންމެ އޭނާގެ ފަރާތުން ފެންނަމުންދާ ކަންތައްތަކަކީ ސިފާން ވެސް އެވަރު ވިސްނައިގެން އުޅެމުން ދާތީ ފެންނަމުންދާ ކަންތައްތަކެއް ކަމުގައި ސިފާންގާތު ނިހާޔަތު ބުންޏެވެ.
ނިހާޔަތުމެން އުޅެމުންދާ ސަރަހައްދަކީ ވާލާއި ބުޅާ އަދި ކާޅުފަދަ ތަކެތި ވަރަށްގިނައިން އުޅެމުން އަންނަތަނެކެވެ. އެފަދަ ޖަނަވާރުގެ އަޑުތަކުގެ ސަބަބުން ބޮލަށް އުނދަގޫވާ ފަހަރު ވެސް މަދެއްނޫނެވެ.
އިރުއޮއްސުމަށްފަހު އެހިސާބަށް އެއްވެސް މީހަކު އައިސް ނޫޅޭތީ އާއި ގަސްތައް ގިނަކަމުން އިރުއޮއްސުމަށްފަހު އެހިސާބު ފެންނަމުންދަނީ ވަރަށް ނާމާން ތަނެއް ފަދައިންނެވެ. އެހެންވެގެންނާއި ވެސް އެކުގައި ކަންނޭނގެއެވެ. އިރުއޮއްސުމަށްފަހު ނިހާޔަތުމެން ވެސް ގެއިން ނުކުމެއެއް ނޫޅެއެވެ.
ވަގުތުތައް ފާއިތުވަމުން އައިސް މެންދަމު ބާރަޖެހީއެވެ. ނުހަނު އަރާމު ގައި ނިދާލާފައިއޮތް ނިހާޔަތަށް ހޭލެވުނީ އާދަޔާހިލާފަށް ބާރަށް ވައިޖެހޭންފެށި އަޑަށެވެ. އެއާއެކު ވާލާއި ކާޅުގެ އަޑުވެސް ވަރަށްބާރަށް އިވެމުންދިޔައެވެ.
ނިހާޔަތު އަވަސްއަވަހަށް ތެދުވެގެންގޮސް ކުޑަދޮރުން ބޭރު ބަލާލިއިރު އާދަޔާޚިލާފު އެއްވެސްކަމެއް ފެންނާކަށް ނެތެވެ. އެހެނަސް އަވަސްއަވަހަށް ގޮސް އަނެއް ކޮޓަރި ވެސް ބަލާލެވުނެވެ. އޭރު އަސްރާ އާއި ސާމިރާ ވަރަށް އަރާމުގައި ނިދާލާފައި ތިއްބެވެ. އެކަމުގެ ސަބަބުން ނިހާޔަތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.
އެތަނުގައި ކުޑަކޮށް މަޑުކޮށްލުމަށްފަހު ނިހާޔަތު ގޮސް އަނެއްކާ ވެސް އޮށޯވެ ނިދޭތޯ މަސައްކަތް ފެށިއެވެ.
ދުވަސްތައް މާޒީއާއިއެކުވަމުން ނިހާޔަތުމެން އެމާހަޢުލަށް ހޭނެމުންދިޔައެވެ.
ރޭގަނޑަށް ކައިގެން ސާމިރާމެން ނިދާންކޮޓަރިއަށް ވަނުމުން ނިހާޔަތު ވެސް ދިޔައީ ކޮޓަރިއަށެވެ. ވެފައިހުރި ވަރުބަލީގެސަބަބުންނިހާޔަތު ގަސްދުކުރީ ހެދުން ބަދަލުކޮށްގެން އަވަހަށް ނިދާށެވެ.
އެނދުގައި އޮށޯވެ މާގިނައިރެއް ނުވަނީސް ނިހާޔަތަށް ނިދިއްޖެއެވެ.
ގިނަބަޔަކު ނިދާފައި ތިބުމުގެ ސަބަބުން ރަށުތެރެއަށް ފެތުރިފައިވާ ހަމަހިމޭންކަމާއި އެކުގައި ވަގުތުތައް ފާއިތުވަމުން ދިޔައެވެ.
ހަނދާއި ދިމާއަށް ދަތުރުކުރަމުންދިޔަ ކަޅުވިލާގަނޑު ހަނދުގެ އަލި ކަމުގެ މައްޗަށް ވެރިވުމުން ދުނިޔެއަށް ވެރިވި އަނދިރިކަމާއެކު ވައިމަތި ބަދަލުވެއްޖެ އެވެ. އެސަރަހައްދުގައި ހުރި ރުއްގަހުގެ ފަންތަކާއި ފަތްތަކަށް އައި ބާރު ހަރަކާތްތައް އަންގައިދެނީ ވައިބާރުވެއްޖެކަމެވެ. ކުއްލިއަކަށްކަހަލަގޮތަކަށް މަގުމަތީގައިހުރި މަގުބައްތި ފުނޑުފުނޑުވެގެން ބިންމައްޗަށް ފޭބިއެވެ.
ނިހާޔަތަށް ހޭލެވުނީ ވައިބާރުވެ ތޫލިފާޑުގެ އަޑެއް އިވޭން ފެށުމުން ނެވެ. އެއާއެކު ފުރާޅުމަތިން މީހަކު ހިނގާއަޑު ވެސް އިވޭންފެށިއެވެ.
މޭޒުމަތީގަ ބަހައްޓާފައިހުރި ޓޯޗުބައްތިހިފައިގެންނިހާޔަތު ބޭރަށް ނުކުތީ ފުރާޅުމައްޗަށް އަލިކޮށް އެމީހެއްގެ ގޮތް އެނގޭތޯ ބަލާލާށެވެ. ބޭރަށް ނުކުމެ ގެއާއި ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު، އެކިގޮތްގޮތަށް ފުރާޅުމައްޗަށް އަލިކޮށް މީހަކު ފެނޭތޯ ނިހާޔަތު މަސައްކަތް ކުރަމުންދިޔައެވެ. އެހެނަސް އެތަނުގައި މީހަކު އުޅޭކަމުގެ އެއްވެސް އިސާރާތެއް ފެންނާކަށް ނެތެވެ.
ބައްތިހިފައިގެން ގޯތިތެރޭގައި ހުރި ނިހާޔަތު ސިއްސައިގެންދިޔައީ އޭނާގާތުންއުފެދުނު ބާރުވައިރޯޅިއެއްގައި އޭނާ ވިއްސާލުމުންނެވެ.އެއާއެކު ބައްތިވެސް ވިއްސައިގެންދިޔައެވެ.ގަތްބިރުގެ ސަބަބުން ހަތަރެސްފަޔާއިއެކު ނިހާޔަތުގެ ހަށިގަނޑު ވެސް ތުރުތުރު އަޅަމުންދިޔައެވެ. ހިތުގެހިނގުން އަވަސްވެނޭވާލާއަޑު ބާރުވަމުންދިޔައެވެ.
އަވަސްއަވަހަށް ބިންމަތީގައިއަތްކާތަމުން ނިހާޔަތު މަސައްކަތް ކުރަމުންދިޔައީ ޓޯޗުބައްތި އަތުޖެހޭތޯ އެވެ.
ނުނިމޭ
3 Comments!
Comments are closed.
mibai ves reethi
Varah reethi
kee kuran tha nihaayath nukuthee? and my sis ge namakee ves nihaayath