ހިތް ނުރޮއްވާ… (7)
ރިހާއަކީ އަންހެންކުއްޖަކަށް ވުމުން ވިޔަފާރީގެ ކަންކަމުގައި ނޫޅެވޭނެކަމަށް ނަސީރު ބުނި ބުނުން ދޮގުކުރީ ނަސީރު އެހާ ގިނަދުވަސް ވަންދެން ވިޔަފާރިކުރި އިރުވެސް ވިޔަފާރިއަށް ފައިދާ ނުވާހާ ބޮޑަށް ރިހާ ދެ އަހަރެއްހާ ދުވަހުން ފައިދާ ހޯދީމައެވެ. އަދި ހަމައެހެންމެ އެ ވިޔަފާރި އެތަށް ތަނެއް ފުޅާކުރިއެވެ. އަދި ނަސީރުގެ ގެވެސް ހަތަރު ބުރިއަށް އެންމެ ޒަމާނީ ފެންވަރަށް އިމާރާތް ކުރީވެސް ހަމަ ރިހާގެ ބުރަ މަސައްކަތުންނެވެ. ރަށުގައި ދެތިން ފިހާރަ އާއި އެކު ނަސީރު ފެށި ވިޔަފާރި މިއަދުވަނީ ރާއްޖެތެރެއަށް ފުޅާކޮށްފައެވެ. އެގޮތުން އެކިކަހަލަ ސާމާނު ވިއްކާ ފިހާރަތަކުގެ އިތުރުން ރެސްޓޯރެންޓާއި ކެފޭ ތަކާއި، ދަތުރުފަތުރުގެ ޙިދުމަތްދޭ ލޯންޗާއި އޮޑި ދޯންފަހަރު ވަނީ އެ ވިޔަފާރީގެ ތެރެއަށް އިތުރުވެފައެވެ. އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ކުންފުންޏެއްވެސް ރިހާވަނީ ދާދި ފަހުން ހުޅުވާފައެވެ. ވިޔަފާރީގެ ރޮނގުން ރިހާއަކީ ކާމިޔާބު ކުއްޖެކެވެ. ރިހާ ކުރަން ބޭނުންވާ ކަންތައް ވުމުންނޫނީ ހުއްޓައެއްނުލާނެއެވެ.
ނަސީރު އޭނާގެ އެ ދަރިފުޅާއި މެދު ފަޚްރުވެރިވެއެވެ. ވިޔަފާރީގައި ރިހާ ކިތަންމެ ކާމިޔާބު ނަމަވެސް، ދިރިއުޅުމުގައި ރިހާއަށް ކުރިމަތި ވެފައިވަނީ ހައްތަހާވެސް ނާކާމިޔާބެވެ. ހިތްދަތި ކަމެވެ. އެތައްބައެއްގެ މެދުގައި އުޅެމުން ދިޔަނަމަވެސް ރިހާއަކީ އެކަނި ވެރިއެކެވެ. ބައްޕައެއްގެ ހައިސިއްޔަތުން ނަސީރު ކަންބޮޑުވަނީ މި ކަންކަމާއިއެވެ. ރިހާގެ މުސްތަޤްބަލާއި މެދުއެވެ. ރިހާ އަމިއްލަ މުސްތަޤްބަލާއި މެދު ނުވިސްނާކަން ނަސީރަށް އެނގެއެވެ. އެކަމާއި ނަސީރު ހިތާމަ ކުރެއެވެ. އަދި އެކަމަށްޓަކައި އަމިއްލަ ނަފްސު ކުއްވެރިކުރެއެވެ. އެހެނީ ފުރާވަރުގެ އެންމެ ނާޒުކު ދުވަސްވަރު، އެކުވެރިންނާއި އެކު މަޖާކޮށް ހީ ސަމާސާ ކުރަންވީ ދުވަސްވަރު، އެ އުފަލާއި ހިތްހަމަޖެހުމުން މަހްރޫމްވެ، ބޮޑެތި މީހުންގެ ދުނިޔެއަށް ރިހާއަށް ވަންނަން ޖެހުނީ ނަސީރުގެ ސަބަބުން ކަމުގައި އޭނާ ޤަބޫލްކުރެއެވެ. ރިހާ ކައިވެނިކޮށް ފިރިމީހާ އާއިއެކު އުފަލުގަ އުޅޭތަން ދުށުމަކީ ނަސީރު ކިތަންމެހާވެސް ބޭނުން ކަމެކެވެ. ނަމަވެސް ރިހާއާއި އެ މަޢުޟޫއަށް ވާހަކަ ދެއްކުމުން ލިބުނީ ނަސީރު ބޭނުންވި ފަދަ ޖަވާބެއް ނޫނެވެ. ރިހާގެ ޖަވާބަކަށްވީ ރިހާ ކައިވެންޏެއް ކުރަން ބޭނުން ނުވާކަމުގައެވެ. ރިހާގެ ނަޒަރުގަ ލޯބި އެއީ ހަޤީޤަތެއް ނޫނެވެ. އަދި ދިރިއުޅުން ފުރިހަމަ ކުރުމަށް ކޮންމެހެން ކައިވެންޏެއް ކުރާކަށް ނުޖެހެއެވެ. ތިމާއަށް އަމިއްލަ މަސައްކަތުން އެހެން މީހެއްގެ އެހީއާއި ނުލާ އުޅެވެންޏާ ކައިވެނި ކުރުމުގެ ބޭނުމެއް ނެތެވެ. ނަސީރު އޭނާގެ ދަރިފުޅުގެ ވިސްނުން ބަދަލު ވާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. ނަސީރު ދެކޭ ގޮތުގައި ރިހާއަށް ރަގަޅު ވާނީ ‘ޕެރެޑައިސް’ގެ އެ މާހައުލުން ދުރަށް ދިއުމެވެ. އެގޭގަ ރިހާއަށް އޯގާތެރިވާ ބަޔަކު ނޫޅޭތީއެވެ.
ނަސީރު އެ ފުން ވިސްނުމުގައި އޮއްވާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ބަލާލަމުން ރީތިކޮށް އެނދުގައި އިށީނެވެ. ދޮރުމަތީގައި ހުރީ ޒީޝާންއެވެ. “އަހަނ… ޒީޝާން ދޯ؟” ދޮރުމަތީގައި ހުރި ޒީޝާން ފެނުމުން އެނދު ކައިރީ ހުރި ސޯފާ ދައްކަމުން ނަސީރު ބުންޏެވެ. “އާދޭ! އާދޭ! އިށީނދޭ…” ޒީޝާން ހިނިތުންވަމުން އައިސް ނަސީރު ދެއްކި ސޯފާގައި އިށީންނަމުން ބުންޏެވެ. “ދެންމެ ބައްޕަ ގުޅި. ނަސީރުބެއަށާއި މިގޭ އެންމެނަށް ވަރަށް ސަލާމްބުނި… އަދި ބުނި ނަސީރުބެ ގާތު ބުނެދޭށޭ މާދަން ހެނދުނުގެ ފްލައިޓުންނޭ އަންނަން ހަމަޖެހުނީ. އަދި އައިސް ވީ އެންމެ އަވަހަށް ވިޔަފާރީގެ ކަންކަން ފަށަން ބޭނުން ވާހަކަވެސް ބުނި.” ދުވަސްވީ ރަހްމަތްތެރިޔާ އަންނަ ޙަބަރު ލިބުމުން ނަސީރު އިނީ ވަރަށް އުފާވެފައެވެ. އެގޮތުގައި ޒީޝާންއާއި ނަސީރު ވަރަށް ގިނައިރު ވާހަކަ ދައްކަން ތިއްބެވެ. އެކި އެކި ކަންކަމާއި ބެހޭ ގޮތުންނެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތުޖެހުމުން ކާމޭޒުދޮށަށް އެންމެން ޖަމާވާން ފެށިއެވެ. ޒީޝާންވެސް އައިސް ކެއުމަށް އިށީނދެ ވަށައިގެން ނަޒަރު ހިންގާލީ ރިހާ ފެނޭތޯއެވެ. ނަމަވެސް އެއިން ހިސާބަކުންވެސް ރިހާ ފެންނާކަށްނެތެވެ. އޭރު އަދި މާޔާ ކެއުމަށް ނާންނާތީ ނަސީމާ ހުރީ ކަންބޮޑުވެފައެވެ. އެރޭ މާޔާ ނާންނަނީސް ނަސީމާއަކަށް ނުކެވުނެވެ. އެ މަންޒަރު ފެނުމުން ޒީޝާން ހިތަށްއެރިއެވެ. މާޔާ ނައިސް ލަސްވެގެން ނުކެވޭއިރު ރިހާ ހުންނަނީ ކައިގެންތޯވެސް މިމީހުން ބަލާލާބާއެވެ؟… ރިހާއާއި މިގޭ އެހެން ކުދިންނާއި ހުރީ ވަކި ކޮންތަފާތެއް ހެއްޔެވެ؟ އެރޭގެ ކެއުން ޒީޝާން ނިންމާލީ މިކަހަލަ ހިޔާލުތަކެއްގައި އިނދެގެންނެވެ.
އަރާމު ތަންމަތީގައި ސީލިންގާއި ދިމާއަށް ބަލަހައްޓައިން ނިއްކުރިމަތީ އެއް އަތް ބާއްވާލައިގެން އޮތް ޒީޝާންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓެއް ލައިން އޮތްއިރު ޒީޝާންގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. ޒީޝާންގެ ސިކުނޑީގައި ވަނީ ހަމަ އެންމެ އަންހެން ކުއްޖެއްގެ ހިޔާލުތަކެވެ. ރިހާގެ ހިޔާލުތަކެވެ. ރިހާގެ މިޒާޖުގައި ކޮންމެ ގޮތެއް ހުއްޓަސް ޒީޝާނަށް ވަރިހަމައެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ރިހާއަކީ ވަގުތާއި ޙާލަތުގެ ޝިކާރައެކެވެ. ކިތަންމެ ބޯހަރު ގޮތްދޫނުކުރާ ގޮތް ހުއްޓަސް ހެވެވެ. ލޮތްބާއި އަޅާލުން ލިބުމުން ރިހާގެ އެ ގޮތްވެސް ބަދަލުވެދާނެކަމަށް ޒީޝާން ދެކެއެވެ. ޒީޝާން ފުންނޭވާއެއް ދޫ ކޮށްލަމުން ހިނިތުންވެލިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަށް ހަމަ ރަގަޅަށްވެސް ލޯބި ވެވިއްޖެއެވެ. މީގެ އަހަރެއްކުރިން ހަލަބޮލި އެއާޕޯޓް ތެރެއިން ފެނުނީއްސުރެ އޭނާގެ ހިތުގެ ހަމަޖެހުން ނަގާލި އަންހެންކުއަޖާ ދެކެ ހަމަ ރަގަޅަށްވެސް ޒީޝާނަށް ލޯބި ވެވިއްޖެކަން މިއަދު ޒީޝާން ޤަބޫލް ކުރެއެވެ. ކުރިން އެކަން ޤަބޫލްނުކުރީ ރިހާ އެއީ ކާކުކަންވެސް ނޭނގޭކަމަށް އަމިއްލަ ހިތަށް ވިސްނައިދީގެންނެވެ.
ޒީޝާންގެ ޙިޔާލީ ފޮލާގެ ވާފަށް ކަނޑާލީ ކުއްލިއަކަށް ނުލައްޕާ ހުރި ކުޑަދޮރުން ކޮޓަރިއަށް ވަން ވައިރޯޅިއަކާއިއެކު ދޮރުފޮތިގަނޑު ތެޅިލުމުންނެވެ. އެހިސާބުން ޒީޝާންގެ ސަމާލުކަން ކުޑަދޮރުން ބޭރަށް ހުއްޓުނެވެ. ފުރަތަމަ ނަޒަރުންވެސް މޫސުމަށް އައިސްފައިވާ ބަދަލު ޒީޝާނަށް ފާހަގަ ކުރެވުނެވެ. މީގެ ކުޑައިރުކޮޅެއްކުރިން އުޑުގައި ފިޔަޖަހަ ޖަހަ ހުރި ތަރިތަކާއި މުޅިތަނަށް އަލިކޮށްދެމުން ދިޔަ ހަނދު ވަނީ ބޯ ކަޅުވިލާތަކުން ފޮރުވާލާފައެވެ. ހަމައެހެންމެ ވައިވެސް ވަނީ ފުދޭވަރަކަށް ގަދަވެފައެވެ. ޒީޝާން ތެދުވެ ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ. ކުޑަދުރު ކައިރިއަށް ހުއްޓި ދޮރު ލައްޕާލަން ތައްޔާރުވި ވަގުތު ގޭތެރެއަށް ވަދެގެން އައި ކާރު ފެނުމުން އެދިމާއަށް ބަލަހައްޓައިން ހުއްޓެވެ. އަދި އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. ގަޑިން ބާރަގަޑި ބައި ވަނީއެވެ. މިހާ ލަހުން އެއައީ ކާކުބާއޭ ޒީޝާންގެ ހިތަށް އެރަމުން ދިޔައެވެ.
ކާރު ޕާކޮކޮށްލުމަށް ފަހު ކާރުން ފާބައިގެން ރިހާ ހިގައިގަތީ އާދައިގެ މަތިން ސިޑިއާއި ދިމާއަށެވެ. ސިޑިން އަރައިގެން ދިޔައިރު ޖެހެމުންދިޔަ ވައިގެ ސަބަބުން ރިހާގެ ފަންފަން އިސްތަށިތަށް އެދޮންމޫނުގައި ބޮސްދެމުން ދިޔަ މަންޒަރު ބަލަން ޒީޝާން ހުރީ ކަޅިޖަހާވެސް ނުލައެވެ. އެ ލޯބި މޫނުގައި ބީހެމުން ދިޔަ އިސްތަށިތަކާމެދު ޒީޝާން ހަސަދަވެރިވީ ޒީޝާން ނޫން އެހެން ފަރާތަކަށް އެ މޫނުގައި ބީހިލާ ބޮސްދިނުމުގެ ފުރުޞަތު ލިބުންނެވެ. އެވަގުތު ޒީޝާން ހިތަށް އަރަމުންދިޔައީ އެ ފަން އިސްތަށިގަނޑުގެ ބަދަލުގައި ރިހާގެ އެ ލޯބިލޯބި މޫނުގައި ބޮސް ދެމުންދިޔައީ އޭނާ ނަމައެވެ. ހިތަށް އެރި އެއްޗަކުން ޒީޝާން ގާތަށް ހިނިއައެވެ. ރިހާ ކޮޓަރިއަށް ވަދެގެން ދިޔައީ އެގޮތަށް ޒީޝާން ބަލައިން ހުއްޓައެވެ.
ކޮޓަރިއަށް ވަދެ ހަމަޖެހިލަމުން ރިހާގެ ދަބަސް ކޮޓަރީގައި ހުރި ސޯފާގެ ކުރިމަތީ ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބާއްވާލިއެވެ. އަދި ގޮސް އެނދުމަތީގައި އިށީންނަމުން އަރައިގެން ހުރި ކަކުލާހަމައަށް އަންނަ ބޫޓުގެ ޒިޕް ދަމާލަމުން ބޫޓުބާލާ ދެ ފައި ދަމާލާ ފައިގެ އިނގިލިތައް ކުޑަކޮށް ހަލުވާލަމުން އެ އިން ގޮތަށް އިނދެ އެނދު މައްޗަށް ވެއްޓިގަނެ ދެލޯ މަރާލީ މުޅި ދުވަހު އޮފީހުގައި މާ ބުރަކޮށް އުޅުމުގެ ސަބަބުން ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކުޑަ އިރުކޮޅެއް ފަހުން ކަންނެތް ގޮތަކަށް ރިހާ އެނދުމަތިން ތެދުވެ ކޮޓަރީގައި އޭނާގެ އަލަމާރިތައް ބަރިޖަހާލާފައި ހުރި ފާރާއި ދިމާއަށް ހިނގައިގަތެވެ. އަލަމާރިން ތުވާއްޔަކާއި ނިދަން ލާނެ ހެނދުމެއް ހިފައިން ރިހާ ހިނގައިގަތީ ފެންވަރާ ތާޒާވެލުމަށް ފާޚާނައާއި ދިމާއަށެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް އެއްޗެހި އެނދުމައްޗަށް އުކާލަމުން ރިހާ ކޮޓަރިން ނުކުތީ ހެނދުނު ސައި ބުއި ގޮތަށް އަދި ރަގަޅަށް ނުކެވޭތީ ބަނޑުހައިވެފަ ހުރުމުން ބަދިގެއަށް ގޮސް އެއްޗެއް ކާލުމަށެވެ. ރިހާ ކޮޓަރިން ނުކުމެގެން ދިޔަ މަންޒަރު އޭރުވެސް ކުޑަދޮރުކައިރީ ހުއްޓުން ގޮތަށް ހުރި ޒީޝާނަށް ފެނުނެވެ. އަދި އަނެއްކާވެސް ރިހާގެ ފިޔަވަޅު ތަކަށް ބަލަން ހުއްޓެވެ. އަދި އެނބުރި ކޮޓަރިއަށް ރިހާ އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަން ފެށިއެވެ.
ރިހާގެ އެޕާޓްމަންޓްގައި ކެއްކެން ހުރިނަމަވެސް މާ ބޮޑަށް ވަރުބަލިވެފަ ހުރުމުން، އަމިއްލައަށް ކައްކަން ނޫޅެ، ގޭގެ އެންމެ ތިރީ ބައިގައި ހުރި ބަދިގެއާއި ދިމާއަށް ހިނގަމުން ދިޔަ ރިހާގެ މިސްރާބު ބަދަލްވީ ފުރަތަމަ ފަންގިފިލާއަށް ފޭބި އިރު ނަސީރުމެންގެ ކޮޓަރިން އަލިކަން ފެންނަން ހުރުމުން، އެ ދިމާއަށެވެ. މިހާ ލަސްވިއިރު ނަސީރުމެން ނުނިދާ އުޅޭކަން އެނގުމުން ރިހާ ހީކުރީ ނަސީރު ނޫނީ ނަސީމާއަށް ކަމެއްވީ ކަމަށެވެ. ރިހާއަށް ނޭނގުނީ އެ ކޮޓަރިއާ ދިމާއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު، އެ ފިޔަވަޅު އެޅެނީ ރިހާގެ ޙަޔާތަށް އަންނަން އުޅޭ ވަރުގަދަ ތޫފާނަކާއި ދިމާއަށް ކަމެވެ.
===(ނުނިމޭ)===
5 Comments
Comments are closed.
ވާހަކަ ވަރަށް ރީތި. އެކަމް ގެނެސްދޭއްލެއް މާލަހީ. އަދި މާ ކުރީ
އެބުނާހެން ހާދަކުރޭ!!!
އަނެއްބައި އަވަހަށް ގެނެސްދެއްޗެ.
We could’ve done with that insight early on.
ތަންކޮޅެއް އަވަހައް ގެނެސްދީބާ ޕްލީީީީީީީީީީީީީީލީލީޒްޒްޒްޒްޒް