Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 32

Itxlevender
Itxlevender Level 210 Stories100 Comments100 Login
July 16, 2026 6 Mins Read
3 Comments

ލިއާ ހިތާހިތުން އެދެމުން ދިޔައީ އަވަހަށް އެ ކުޅިވަރު ނިމުމަށެވެ. ކައިލްގެ ހޫނު ނޭވާ މޫނަށް އެޅުނު ވަގުތު އެ ކުރުވި އަސަރު އަދިވެސް ހަށިގަނޑުން ނުފިލާވެއެވެ. އެހާ ގާތުން އެ ރީތި މޫނު ފެނުމުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަމުދުން އެހާ ފުރިހަމަ ފިރިހެންވަންތަ މޫނެއް އެހާ ގާތުން ފެނުމުން އަސަރު ނުކުރާނީ ވަކި ކާކަށްހެއްޔެވެ؟ އޭނާއަކީވެސް ހިއްސުތައް ސަލާމަތުން ހުރި އަންހެންކުއްޖެކެވެ. ކައިލް ފަދަ ޒުވާނަކު އެހާ ގާތްވުމުން އަސަރު ނުކުރަން، އޭނާއަކީ އިހުސާސް ނެތް ބުދެއް ނޫނެވެ.

ލިއާއަށް އިސްއުފުލާލެވުނީ ކައިލްގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުންނެވެ. ހިޔާލުތަކުގެ ފުންކަނޑުގައި ޢަރަގުވެފައި އިންވަރުން ކައިލް ދެވަނަފަހަރު ލަވަކިޔަން ތެދުވިކަންވެސް އޭނާއަށް ނޭނގުނެވެ. ކައިލްގެ ނަޒަރު އޭނާއަށް އަމާޒުވެފައިހުރިކަން އެނގި މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެންމެން ހަމަހިމޭންވެފައި ތިބީ ކައިލް ކިޔަމުންދިޔަ ހިންދީ ލަވައިގެ ޖާދޫގައި ޖެހިފައެވެ. “ހަރް ކިސީ ކޯ” މި ލަވައިގެ ކަޑިތައް ކައިލް ކިޔަމުންދާލެއް ފުރިހަމަކަމުން އެންމެންގެ ގައިން ހީބިހި ހަލުވާލައެވެ. އެއީ ޑެއަރ ނެގުމުން ޝާދިންގެ ބުނުމަކަށް ކައިލް ކިޔަމުންދިޔަ ލަވައެކެވެ. މިފަހަރު ކައިލް ލަވަކިޔުމުގައި ތަންކޮޅެއް ގިނައިރުކޮށްލިއެވެ. ލިއާ އަޑުއަހަން އިންކަން ހިތް ބުނުމުން، ކައިލް ގަސްތުގައި ލަވަ ދިގު ދަންމާލީއެވެ. އެ އަޑުގެ ޖާދޫގައި ޖެހި އެންމެންގެ ސިކުނޑިތައް ވަނީ ފުން އަރާމެއްގައި ކަހަލައެވެ.

ތިނެއް ޖަހަން ގާތްވިއިރުވެސް ކުޅިވަރު ނިންމާކަށް ނޫޅުނެވެ. އެއަށްވުރެ އެންމެންތިބީ މަޖާވެފައެވެ. ނަމަވެސް އެވަގުތު އިންޒާރަކާނުލާ އައި ބޮޑުތިކި ވާރޭގެ ސަބަބުން އެންމެން ހޭކަނޑާލާފައި ތެދުވެ ދުއްވައިގަނެފިއެވެ. ލެއްވި ރަހުމަތުގެ ބޮޑުކަމުން ހިތާހިތާ ޝުކުރުވެރިވަމުން ލިއާވެސް ދުވެފައި ގޮސް ގެގަނޑަށް ވަނެވެ. ފަހަތުން ކައިރާ ވަނީ ލިއާއާއި އެކުއެކީ ކަހަލަ ގޮތަކަށެވެ. ކައިރާ އިސްތަށިގަނޑުން ފެންފޮޅަމުން ގޮސް ދޮރުގެ ތަންޑުއެޅުވިއެވެ. އަދި ފޮތިގަނޑު ދަމާފައިވާ ދިމާލަށް ގޮސް ހެދުން ބަދަލުކޮށްގެން ނިކުތީ ނިދަން ތައްޔާރުވެގެންނެވެ.

ލިއާވެސް އެއްޗެހި ބަދަލުކޮށްގެން ސްލީޕިން ބޭގް ފަތުރާފައި ޖައްސާލިއިރު، ސިކުނޑީގައިވަނީ ކައިލްގެ ހިޔާލުތަކެވެ. އޭސީއެއް ނެތްކަމަކު މާހައުލުގައިވަނީ ގުދުރަތީ ފިނިކަން ހިފާލާފައެވެ. ފަން ފުރާޅަށް ވެހެމުންދިޔަ ވާރޭގެ އަޑު އިވެމުންދިޔައީ ލޯތައް ބަރުކޮށްލާ ކަހަލަ ގޮތަކަށެވެ. އެކި ވާހަކަ ދައްކަމުންދިޔަ ކައިރާގެ ފުން ނޭވާގެ އަޑު އިވެންފެށުމުން އޭނާ ނިދީކަން ލިއާއަށް ޔަގީންވިއެވެ. އެހެނަސް ލިއާ އޮތީ ނުނިދިފައެވެ. ނިދޭތޯ ލޯ މަރާލާ ކޮންމެ ފަހަރަކު އޭނާއަށް ސިފަވަނީ ކައިލްގެ ފިރިހެންވަންތަ މޫނެވެ. އެ މޫނަށް އެޅުނު ކައިލްގެ މީރު ހޫނު ނޭވާގެ އަސަރު އަދިވެސް ނުފިލާ ވާކަހަލައެވެ. އެއާއި އެކުވެގެން ކައިރާ އާއި އިތުރުކުދިންގެ ހޯބޯ ލެއްވުމުގެ އަޑު ސިކުނޑީގައި އެކޯވެލުމާއެކު އަލީޝާގެ ރުޅިވެރި މޫނުވެސް ސިފަވެގެން އައެވެ.

ސްލީޕިންގް ބޭގްގައި ގައި ނިވާކުރަން އޮތް ބައި ނަގާ ލިއާއަށް މޫނު ފޮރުވާލެވުނެވެ. އޭނާ އަދިވެސް ލަދުން މަރުވާވަރުވެފައި ވެއެވެ. އެހެން އޮވެފައި އިރުކޮޅެއްފަހުން ކައިލް ބޮސްދިން ކޯތާފަތުގައި އަތްޖައްސާލެވުނެވެ. ހީވީ އަނެއްކާވެސް އެ މަޑު ތުންފަތުގެ ބީހުން އިހުސާސްވިހެންނެވެ. ލިއާއަށް އަވަހަށް އަތްދަމައިގަނެވުނުގޮތުން ހީވީ މީހަކު ބަލަން ހުރީތީ ގެނެވުނު ހަރަކާތެއްހެންނެވެ. ނުބައިކަމެއް ކުރަނިކޮށް ފަޅާއެރުމުން ގެނެވޭކަހަލަ ހަރަކާތެކެވެ.

ލިއާގެ ހިތާއި ސިކުނޑިއަށް އުނދަގޫކުރަމުން ދިޔައީ ހަމައެކަނި ކައިލްގެ އެ ބޮސްދިނުމެއް ނޫނެވެ. އެއާއި ގުޅިގެން އެތައް ހިޔާލެއް އޭނާގެ ނިދި ނަގާލާފައި، ހަމަޖެހުން ގެއްލުވާލާފައި ވެއެވެ. އެންމެންނަށް މިހާރު ޔަގީނާ ގާތަށް ކައިލް ލިއާދެކެ ލޯބިވާކަން އެނގޭކަން ލިއާއަށް ފަހުމްވެއެވެ. ކައިލް އޭނާއާއި އެކު ފެންނައިރު ކުރިން ފެންނަފަދަ ހައިރާންކަމުގެ އަސަރުތައް އެމީހުންގެ މޫނުމަތިން ނުފެނެއެވެ. ކައިލްގެ ކޮންމެ އަމަލަކުން ލިއާދެކެ ވާ ލޯބި ހާމަވެއެވެ. ކައިލް ބުނިފަދައިން އެ ލޯބި ފޮރުވާކަށް އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ކައިލް ދިޔައީ ފާޅުކަން ބޮޑުގޮތަކަށް އެހިތުގައިވާ އިހުސާސްތައް ހާމަކުރަމުންނެވެ. އަދި އަމުދުން މިރޭވީ ކަންތަކަށްފަހު މުޅި ކްލާސް އެންމެންވެސް ހީކުރާނީ އޭނާއާއި ކައިލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށެވެ.

ލިއާއަށް ނިތްކުރީގައި ފިރުމާލެވުނެވެ. މިކަން މިގޮތަށް ތަކުރާރުވާން ވެއްޖެނަމަ މީހުންގެ ލޯތަކަށް ހަގީގަތް އޮޅޭނެއެވެ. އޭނާ އާއި ކައިލްއަކީ ލޯބިވެރިންކަމަށް އެންމެން ދެކޭނެއެވެ. އެންމެންނަށްވެސް ފެންނާނީ ކައިލް އޭނާއަށް ދޭ ހާއްސަ ނަޒަރެވެ. އެ އަޅާލުމެވެ. އެހެން މީހުންނަށް، ކައިލްއަކީ ވިރުވާލަން ދަތި ގަނޑުފެންގަނޑެކެވެ. އިހުސާސް ނެތް ބުދެކެވެ. އެހެންނަމަވެސް ލިއާއާއި މެދު ކައިލް ބަހައްޓާ ތަފާތު ގޮތަކީ އެންމެންނަށްވެސް ފެނި ފާހަގަވެފައިވާ ކަމެކެވެ. ނަމަވެސް އެއީ ލިއާ ބޭނުންވާ ގޮތެއް ނޫނެވެ. އެ ދެމީހުންނަކީ ލޯބިވެރިންނަށް ނުވާއިރު ލޯބިވެރިންގެ ގޮތުގައި ނަންވާކަށް ލިއާ ނޭދެއެވެ.

ކަންތައްތައް މާ މައްޗަށް ނުދަނީސް އޭނާ ފިޔަވަޅެއް އަޅަންވެއްޖެކަން ސިކުނޑިން އިންޒާރު ދިނެވެ. އެ ހިޔާލާއެކު ހިތް ފިތިގެން އައެވެ. ކައިލްގެ ހިތަށް އަނިޔާ ދިނުމަކީ ލިއާ ބޭނުންވާ ގޮތެއް ނޫނެވެ. ކަންތައްތައް މިހާހިސާބަށް އައި އިރުވެސް އޭނާއަށް އެއްޗެއް ނުބުނެ ހުރެވުނީ އެ ސަބަބާ ހުރެއެވެ. ކައިލްގެ ހިތުގެ ސާފުކަން ލިއާއަށް ފެނެއެވެ. ލިއާ ދެކެ ލޯބިވާކަން ހާމަކުރާ އެއްވެސް ފަހަރަކު އެ އަޑުގައި އެއްވެސް އޮޅުވާލުމެއް ނުވެއެވެ. އެ ދެލޯ އެކަމަށް ހެކިދެއެވެ. އެކަމަކުވެސް އޭނާ އަދިވެސް މަޑުން ހުންނަންވީހެވެ؟ އޭނާ އާއި ގުޅިގެން ކައިލްގެ ނަމަށް ހުތުރެއް އަރާކަށް ލިއާ ބޭނުމެއް ނުވެއެވެ. އޭނާ ކޮންމެވެސް ފިޔަވަޅެއް އަޅަން އެބަޖެހެއެވެ.

ހިޔާލުތަކަށް ގެއްލިފައިއޮވެ ލިއާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ. ސިކުނޑި ވަރުބަލިވެގެން ގޮސް ނިދީގެ ފުން އާލަމަކަށް އޭނާ ގަންބާލިއެވެ.

ލިއާއަށް ހޭލެވުނީ ކޮވެލިތަކުގެ ގޮވުމުގެ އަޑަށެވެ. އޭރު ކައިރާ ހޭލައިގެން ފޯނާ ކުޅެން އޮތެވެ. ވެރިވެފައިވާ ފަނޑު އަލިކަމުން އިރުއަރަން މާގިނައިރެއް ނެތްކަން ލިއާއަށް އެނގުނެވެ. ލިއާ ތެދުވި ވަގުތު ކައިރާގެ ނަޒަރު ހުއްޓުނެވެ.

“ހޭލެވިގެން ދެން އުޅެއުޅެވެސް ނުނިދުން…ރަނގަޅަށް އަލިނުވާތީ ފާހަނައަށްވެސް ދާން ނުކެރިފައި މިއޮތީ…ލިއާ ހިނގާބަލަ…!” ކައިރާ ތެދުވެ އޭނާގެ ދަބަހުން ވަކިން ރަބަރު ޕެކްއަކަށް ލާފައިވާ ދަތް އުނގުޅާ ސާމާނާއި މޫނުދޮންނަ ކްރީމް ފުޅި ނެގިއެވެ. ލިއާވެސް އެތަކެތި ނަގައިގެން ކައިރާ އާއިއެކު ނިކުތެވެ. ވެރިވެފައިވާ ހަމަހިމޭންކަމުން އަދި އެކަކުވެސް ނުހޭލާކަން އެނގުނެވެ. ދެމީހުން ގޮސް ދެ ފާހާނާއަށް ވަނެވެ.

ތާޒާވެލައިގެން ދެމީހުން ގޮސް ގެގަނޑަށް ވަދެ ފަހަރަކު މީހަކު ހެދުން ބަދަލުކޮށްގެން ނިކުތެވެ. ކައިރާ އެދުނީ އިރުއެރުމުގެ ކުރިން ހިނގާލަންދިއުމަށެވެ. ބޯ ޖަހާލާފައި ލިއާ ކައިރާއާއިއެކު ދިޔައީ ބަހެއް ބުނުމެއް ނެތިއެވެ. އޭރުވެސް ރޭގެ މަންޒަރުތައް ލިއާގެ ހަނދާނުން ނުފިލާވިއެވެ.

އިރުއަރާ މަންޒަރު ފޮޓޯނެގުމުގައި ކައިރާ އުޅުނެވެ. ލިއާ ހުރީ ކައިރާގެ ހަރަކާތްތަކަށް ބަލަން ހިމޭންވެފައެވެ. އޭރު ބައެއް ކުދިން ހޭލައިގެން އުޅެއެވެ. ހިތްހަމަޖެހޭވަރަށް ފޮޓޯ ނަގާފައި ކައިރާ ދިޔައީ އެންމެން ހޭލަންވާއިރަށް ގެގަނޑަށް ވަނުމަށެވެ. މާގިނައިރުތަކެއް ނުވަނީސް ކައިލްއާއި އިޝާންވެސް ހޭލައިގެން އައިސްފިއެވެ.

ހެނދުނުގެ ސަޔަށްފަހު އެކި ކުޅިވަރުތައް ކުޅުނެވެ. ލިއާ ބައިވެރިވީއިރު އޭނާގެ ހަރަކާތްތަކުގައި އެހާ ގަޔާވުމެއް ނެތްކަން އެންމެންނަށްވެސް ފާހަގަވިއެވެ. ލިއާ ގާތު އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާގެ ބަހަނާއަކަށްވަނީ މާހައުލު ބަދަލުވުމުން ރަނގަޅަށް ނިދި ނުލިބުނީ ކަމަށެވެ. އެއްބަޔަކު އެ ވާހަކަތައް ގަބޫލުކުރިއެވެ. މެންދުރަށް ޕާސްތާ ހަދާ، ދަޅުގައި ބަންދުކޮށްގެން ކުކުޅާއި ސޮސެޖުފަދަތަކެތި ފިހުނެވެ. މެންދުރުގެ ކެއުން ނިމިގެންދިޔައީ ވަރަށް ފުރިހަމައަށެވެ. އެ ޒުވާނުން ފުރަން އަތިރިއަށް ނިކުތްއިރު ފަސްގަޑި ބައިވަނީއެވެ.

މުޅިދުވަސް ފާއިތުވެގެން ދިޔައިރު ކައިލް ބޭނުންވިފަދަ އެކަނިވެރި ފުރުސަތެއް ދެން ލިއާއާއެކު ނުލިބުނެވެ. ކައިލްއަށް ޔަގީންކުރެވުނު ގޮތުގައި ލިއާ އެހުރީ ރޭގައި ގޭމްކުޅުނު ވަގުތު ދިމާވި ކަންތަކާހުރެ އަދިވެސް ލަދުންނެވެ. އޭނާގެ އެ ހީ މުޅިއަކުން ގޯހެއްވެސް ނުވިއެވެ. ހަގީގަތުގައިވެސް ލިއާ ހުރީ އެކަމާ ލަދުންނެވެ.

ރަށަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. ކައިރާގެ ކާރުގައި ލިއާ ގެއަށް ލައިދިނެވެ. ގެޔަށް ވަތް ގޮތަށް ފުރަތަމަވެސް ފެންވަރާލުމާއެކު ނަމާދުކޮށްފައި، ލިއާ އެއްޗެހި ދޮންނަން މެޝިނަށް އެޅިއެވެ. އިސްތަށިގަނޑު ހިކެންދެން ޝަރީފާއާއި ވާހަކަދައްކަން އިނދެފައި އެއްޗެހި ދޮވެވި ނިމުމުން ފެންލާ، އެއްޗެހި ހިއްކަން އެޅިއެވެ. އެއަށްފަހު ކޮޓަރިއަށްވަދެ އިޝާ ނަމާދުކޮށްފައި އެނދަށް ވެއްޓިގަތީ ބޮލުގައި ގަދަޔަށް ރިހެމުންދިއުމުގެ ސަބަބުންނެވެ. އޭނާ ބޭނުންވަނީ އަރާމުކޮށްލާށެވެ.

ގޭތެރެއަށް ވަދެގެން އައި ކައިލްގެ ހަރަކާތްތަކުގައި ވަނީ ލޮޑުކަމެވެ. ދަތުރު ދަބަސް އެއްކޮނޑުގައި އަޅުވާލައިގެން ހުރިއިރު އަނެއް އަތުން އިސްތަށިގަނޑުގައި ފުނާއަޅާލަމުން ގޭތެރެއަށް ވަތް މަންޒަރު ސޯފާގައި އިން އަކީލްގެ ލޮލުގައި އަޅައިގަތެވެ. އޭނާއަށް ފާހަގަވީ އެ ވަރުބަލިކަމުގެ ތެރެއިންވެސް ކައިލްގެ ތުންފަތަށް ވެރިވެފައިވާ ފަނޑު ހިނިތުންވުމެވެ.

“ފެންވަރައިގެން ތިރިއަށް އާދެބަލަ…!” ފައިލްތަކެއް ބަލަން އިނދެފައި އަކީލް ވާހަކަދެއްކި އަޑަށް ކައިލް އިސްއުފުލާލިއެވެ. ބޯ ޖަހާލާފައި އޭނާ އަވަސް ހިނގުމެއްގައި ގޮސް ސިޑިން އަރައިގެންދިޔައެވެ.

ރެއިން ޝަވަރުން އޮހެމުންދިޔަ ފިނި ފެންތަކުން ކައިލްގެ ފިރިހެންވަންތަ ހަށިގަނޑަށް ތާޒާކަން ގެނުވަމުންދިޔައެވެ. ލޯ މަރާލައިގެން ހުރިއިރު އެހިޔާލުތަކުގައި ވަނީ ލިއާއެވެ. އެ ހިތުގެ ލޯތްބެވެ. ދަތުރުގެ މަންޒަރުތައް، ރިވައިންޑްކޮށްލެވިފައިވާ މަންޒަރުތަކެއް ފަދައިން ކައިލްގެ ހިޔާލީ ސްކްރީނުން ބަލަމުން ދިޔައެވެ. އެ ބާރުގަދަ ދެއަތުން ލިއާގެ ތުނި ހަށިގަނޑު ވަށާލައިގެން ހުރި ވަގުތާއި، އެ ކޯތާފަތަށް ބޮސްދިން ވަގުތު ސިފަވުމުން އެ އޮހެމުންދިޔަ ފިނިފެންތަކުތެރޭވެސް ކައިލްގެ ހަށިގަނޑުގައި ހޫނު އާތްވެއް ދަތުރުކޮށްލިކަލައެވެ. ލިއާގެ ލަދުވެތި ބެލުންތަކާއި އޭނާއަށް ނުބަލަން މަސައްކަތްކުރަމުން ދިޔަ މަންޒަރުތައް ސިފަވުމުން އެ ފިރިހެންވަންތަ ތުންފަތް އެއްމިޔަކަނުން ދެމިލިއެވެ. އެ ލަދުވެތި އަދާތައް އެހިތުގެ އެންމެ ހިމަނާރަށް އަސަރުކުރުވައެވެ.

ފެންވަރައިގެން ނިކުތްއިރު ކައިލް ހުރީ މާ ބޮޑަށް ލޮޑުވާގޮތްވެފައެވެ. ނަމަވެސް އަކީލް އެދިފައިވުމުން ތިރިއަށް ދާން ހިނގައިގަތްއިރު ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި އަޅިލުކައިގެ ސްވެޓްޕޭންޓެކެވެ. ލަސް ފިޔަވަޅުތަކެއްގައި ތިރިއަށް ފޭބިއިރު އަކީލް އެ އިންގޮތަށް މަސައްކަތައް ގެއްލިފައި އިނެވެ. މުށިކުލައިގެ ސޯޓަކާއި ހުދު ޓީޝާޓެއްގައި އިންއިރު އަކީލް ފެންނަނީ ފުރިހަމަ ޒުވާނެއް ފަދައިންނެވެ. އެ ހަތަރެސްކަން މޫނާއި ފިރިހެންވަންތަ ސިފަތަކުން ޒުވާން އަންހެންކުދިންވެސް ހިތް ކިޔާނެއެވެ.

“އިށީނދޭ…!” ކައިލްއަށް ބަލާލުމެއް ނެތި އަކީލް ބުނެލިއެވެ. އަކީލްއާއި ކުރިމަތިވާހެން ކައިލް އިށީނުމާއެކު އަކީލް ލެޕްޓޮޕްގައި އެއްޗެއް ޓައިޕްކޮށްލުމާއެކު އެ އެއްފަރާތްކޮށްލިއެވެ. އަދި ފައިލްތައް ކައިރިކޮށްލުމާއެކު އެއަށް ނަޒަރު ހިންގާލިއެވެ.

“ޓިކެޓާ ހުރިހާ އެއްޗެއް ހަމަޖައްސައިފިން…މާދަން ނޫން އަނެއް ދުވަހު ފުރަންވީ…!” ފައިލްގެ ގަނޑު އެއްލަމުން އަކީލް ވާހަކަދެއްކިއެވެ. ކައިލްއަށް ލިބުނީ ސިހުމެކެވެ. އިސްއުފުލާ ބަލާލިގޮތުން އެފަދަ ވާހަކައަކަށް އޭނާ ތައްޔާރުވެފައި ނެތްކަން ހާމަވެއެވެ. އޭނާގެ ދެބުމަ ގާތްވެލިއެވެ.

“މާދަން ނޫން އަނެއްދުވަހުތަ…؟” ކައިލް ޔަގީންކޮށްލަން އަހާލިއެވެ.

“ޔެސް…!” ކައިލްއަށް ބަލާފައި އަކީލް ޖަވާބުދިނެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. އިވެމުންދިޔައީ ފައިލްގެ ގަނޑުތަކުގައި ވައި އެޅިލާ އަޑެވެ. ފައިލަށް ސަމާލުކަންދީގެން އިނަސް އަކީލް އިނީ ކައިލް ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައެވެ.

ސޯފާއިން ހަށިގަނޑު ތެދުކޮށްލިއިރު ކައިލްގެ ކަތުރުކަށިގަނޑަށް ވާންވެފައިވިއެވެ. ތުންފަތުގައި ދަތް އަޅާލައިގެން އިނދެ ވިސްނާފައި އޭނާ ވާހަކަދެއްކިއެވެ. “ޑޭޑް…އައި ޑޯންޓް ވޯންޓް ޓު ގޯ ދިސް ޓައިމް…!” އަކީލްއަށް ބަލަން އިނދެ ކައިލް ބުނެލިއެވެ.

ފައިލު ލައްޕާލަމުން އަކީލް ކައިލް އާއި ކުރިމަތިލީއިރު އެ މޫނުގައި ތަފާތު އަސަރެއް ނުވެއެވެ. “ދިސް އިޒިންޓް އަ ޑިސްކަޝަން…!” އަކީލްގެ އަޑު އިވުނެވެ.

“އަޅުގަނޑު މިކޮޅުގައި ކުރާނެ ބައިވަރު ކަންކަން އެބަހުރި…ޔޫ ޑޯންޓް އަންޑަރސްޓޭންޑް…!” ކައިލް އަކީލްގެ ހިޔާލު ބަދަލުވޭތޯ އުޅުނެވެ. ވާހަކަ ދެއްކިއިރު ހިތެކޭ އެއްފަދައިން އެ ނޭވާވެސް ވަނީ އަވަސްވެފައެވެ.

“ދެން އެކްސްޕްލެއިން…!” ކައިލްއަށް ނަޒަރު ހުއްޓައިގެން އިނދެ އަކީލް ބުންޏެވެ. ދަރިފުޅުގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަވަރުތައް އަކީލްއަށް ދިރާސާކޮށްލެވުނެވެ.

ކައިލްއަށް ދުރު ބަލާލެވުނުއިރު ދެބުމަގޮށްޖެހިފައި ވިއެވެ. އެ ސުވާލަށް އޭނާ ޖަވާބު ދޭނީ ކިހިނެއްހެއްޔެވެ؟ މިދުވަސްކޮޅު އޭނާ އެ މާހައުލާ ދުރަށް ދިއުމަކީ ލިއާގެ ހިތް ބަދަލުކުރަން ރިހާންއަށް ހުޅުވާލަދެވޭ ފުރުސަތެއްކަން އަކީލް ގާތު ބުނާނީ ކިހިނެއްހެއްޔެވެ؟ ލިއާ ގާތު އޭނާ ނެތި ހޭދަވާ ކޮންމެ ދުވަހެއް އެއީ ކައިލްގެ މަތިން ހަނދާން ނައްތާލަން ލިއާއަށްދެވޭ ފުރުސަތެއް ނޫންހެއްޔެވެ؟ އަދި މިވަގުތުގައި އޭނާ ދުރުގައި ހުރެއްޖެނަމަ އެއީ ލިއާގެ ދިރިއުޅުމަށް ވަންނަން ރިހާންއަށް ހުޅުވާލަދެވޭ ފުރުސަތެކެވެ. އެހެން ވާކަށް އޭނާ ނޭދެއެވެ. އަމުދުން ރިހާން އެހުންނަނީ ފުރުސަތަކަށް ބަލަބަލައެވެ.

“އަޅުގަނޑު މިފަހަރު ދާން ބޭނުން ނެތީ…” އަޑަށް ވެރިވާން އުޅުނު ހަރުކަށިކަން ސިއްރުކުރަމުން ކައިލް ވާހަކަދެއްކިއެވެ. އޭރު ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

“ކައިލް ތި ދަތުރެއް ދާން އޮތް ވާހަކަ ބުނީމަ މިހާރު އެއްފަހަރު ފުރުން ލަސްކުރެވިއްޖެ…ކައިލް މިތަނުގައި ހުރުމުގެ ބޭނުމެއް ބައްޕައަކަށް ނުފެނޭ…! މުޅިއަހަރު ތި އުޅުނީ މިތަނުގައޭނު…؟ ކޮންމެ އަހަރަކުވެސް އަހަރެމެން ތިންބަފައިން އެކުގައި ހޮލިޑޭސް ސްޕެންޑް ކުރަން ދަމޭނު…؟ ދެން މިފަހަރު ކިހިނެއް ވެގެން ތިއުޅެނީ…؟ ކައިލް ބުންޏަސް ދެން ޓިކެޓް ކެންސަލެއް ނުކުރެވޭނެ…ކައިލް ވާނެ ބައްޕަމެންނާއެކު ދާން…!” އަކީލް އޭނާގެ ފަހުގެ ނިންމުން އިއްވާލާފައި ތެދުވެ ލެޕްޓޮޕާއި ފައިލްތައް ހިފައިގެން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

ފުން ނޭވާއެއް ދޫކޮށްލުމާއެކު ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑުގައި ކައިލްއަށް އަތް ހިންގާލެވުނެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ގޮތް ހުސްވެފައިވީއިރު އިތުރަށް ދައްކާނެ ބަހަނާއެއްވެސް ނުވިސްނުނެވެ. ދަތުރު ނިމިގެން އައިއިރު ހިތަށް ލިބިފައިވި ހަމަޖެހުން އެކީ ގެއްލިއްޖެއެވެ. ލިއާގެ މަތިން ހަނދާންވެފައި މެޔަށް ބާރުވެގެން އައުމާއެކު އިސްޖަހާލެވުނެވެ. އޭނާ ދިއުމުން ކަންތައް ވާނެ ގޮތެއް އެނގެނީކީ ނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ހިޔަނިހެން 3

Next

ރާނީއޭ ހިތުގެ މަލާތީ-8

Next
July 16, 2026

ރާނީއޭ ހިތުގެ މަލާތީ-8

Previews
July 15, 2026

ހިޔަނިހެން 3

3 Comments!

  1. Anonymous says:
    July 16, 2026 at 8:28 am

    Wowwww, varah reethi Masha Allah. Keep the good work 😁 when’s next??? Curiously waiting……. Please make liaa n Kail a cute n perfect couple ❤️😍

  2. Girlllllly says:
    July 16, 2026 at 11:38 am

    Awnnnnnnn, so cuteee 🥺🥰 curiously waiting for the next

  3. Lizy says:
    July 16, 2026 at 12:53 pm

    Mi part ehen part thakah vureh kuru but anyway I was so worried that you were going to stop writing..so happy that you didn’t..just want to let you know you have too many fans than haters..consider me as your biggest fan ❤️😘💯

Comments are closed.

Next Episodeލޯބިން ބުނާތީ 4←


All Right Reserved!