ލޯބި-31
*ފަހަރަކު ގަނޑެއް އުކަމުން ދިޔައިރު މިންހާގެ އަތް ތުރުތުރު އަޅައެވެ. ހަގީގަތް އެނގެން އޭނާ ބިރުގަނެއެވެ. އެހެން ހުއްޓައި މިންހާގެ މެއަށް ތޫނުތަދެއް އެރިއެވެ. އެއާއިއެކު އަނގައިން ކުޑަ އާހެއް ނުކުތެވެ.*
“ޔޫ އޯކޭ؟” މިންހާގެ މޫނު މައްޗަށް އެކި ކުލަވަރު ފެނިފައި ނާއިލް އެހިއެވެ.
“އައިމް ފައިން.” މިންހާ މަޑުމަޑުން ބުންޏެވެ. ނަމަވެސް އޭރު ވެސް އޭނާގެ މޭގައި ކެތްކުރަން ދަތިވާ ވަރަށް ރިއްސާ އެވެ.
ތަދާއި ހަނގުރާމަ ކުރަމުން މިންހާ ފަހަރަކު ގަނޑެއް ރަނގަޅަށް ބަލަމުން ދިޔަ އެވެ. އޭނާ އަށް އެހެން ހުރެވުނީ އިރުކޮޅަކު އެވެ. މޭގައި އަޅާ ވޭނެއް ކެތްނުވެގެން އަނބުރައިގަތެވެ. މިންހާ ވެއްޓުމުގެ ކުރިއަށް ނާއިލް މިންހާ ހިފެހެއްޓި އެވެ. މާޔާ ދުވެފައި ޑޮކްޓަރެއް ހޯދަން ދިއައެވެ. މިންނަގެ ރުއިން އިތުރުވި އެވެ.
އިސާހިތަކު މިންހާ އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުނެވެ. މިންނަ ގެއަށް ފޮނުވައިލައިފައި ނާއިލް މަޑުކުރި އެވެ. އޭރު މާޔާ ވެސް ނަރުހުންގެ ޓީމް އަކާއި އެކު މިންހާ ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
ގަޑިރެއް ހާއިރު ފަހުން މާޔާ ނުކުމެގެން އައެވެ. ނާއިލް އަވަސް އަވަހައް މިންހާ އަށް ވީ ކީއްތޯ އަހައިލި އެވެ.
“މާބޮޑައް ސްޓްރެސް ވީމާ ވީގޮތެއް އެއީ. ދޮންތި އަށް މަނާ ވާނެ މާބޮޑައް ސްޓްރެސް ވުން. ހީވަނީ ގަވައިދުން ބޭސް ވެސް ބޭނުން ނުކުރަނީހެން. އިރުކޮޅަކުން ހޭލެވޭނެ. އޯކޭ ދޮންތި ކައިރިއަށް ދިޔަސް.” މިހެން ބުނެފައި މާޔާ ދިޔައެވެ.
މަޔާން ގެއެއް ވަންއިރު ރަނާ އިނީ އޭނާގެ އިންތިޒާރުގައެވެ. މަޔާންގެ ބުމަކާއިރުންނާއި ތުންފަތުން ލޭއަންނަތަން ފެނިފައި ރަނާ ހާސްވިއެވެ.
“މަޔާން؟ ކާކު ކުރާކަމެއް؟” ރަނާ މަޔާންގެ ޒަހަމްތަކަށް ބަލައިލަމުން ބުންޏެވެ.
“ނޭނގެ ކޮންބައެއްކަމެއް. އެހެން މީހެއް ކަމަށް ކަމަށޯ އެމީހުން ބުނީ. ސޮރީ ވެސް ބުނި.” މަޔާން ދޮގުހެދި އެވެ.
“ރީހާން ކައިރީ ބުނެގެން ކޮންބައެއްތޯ ހޯދަންވީނު.” ކަފަ ކޮޅަކުން ލޭތައް ފުހެދެމުން ރަނާ ބުންޏެވެ.
“އަޅާނުލާ. އެމީހުން ސޮރީ ވެސް ބުންޏޭ.”
“އެކަމަކު މަޔާން-”
“މިބުނީނު އެވަރުކަމެއް ނޫނޭ.” މަޔާން ތަންކޮޅެއް ބާރަށް ބުންޏެވެ.
ނާއިލް މިންހާ އޮތް އެނދުކައިރީގައި ގޮނޑިއެއްގައި އިށީންދެގެން ހުރިއިރު މިންހާގެ މޫނުން އޭނާގެ ނަޒަރު ވަތްކެއް ނުވެއެވެ. ރީހާން ގުޅީ އޭނާ އެހެން އިންދައެވެ.
“ހަލޯ. މާޔާ ގުޅި. މިން ކިހިނެއް މިހާރު؟” ނާއިލް ފޯނު ނެގުމާއި އެކު ރީހާން އެހިއެވެ.
“އަދިވެސް ހެއެއްނާރަ. ރަނގަޅުވާނޭ ބުނަނީ.” ނާއިލްގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
“މަށައް ދެވޭކަށް ނެތް. އެކަމަކު ބައްޕަ ދާނެ. ކަމެއް ވެއްޖެއްޔާ ގުޅާތި.” ރީހާން ބުންޏެވެ.
އެވަގުތު މިންހާ މަޑުމަޑުން ލޯ ހުޅުވައިލި އެވެ. ނާއިލް ދެން ބާއްވަނީ ކަމުގައި ބުނެފައި ފޯނު ކަޑައިލި އެވެ. ހަމަ އެވަގުތު ޑޮކްޓަރު ވެސް ވަނެވެ.
“ހައު އަރ ޔޫ ފީލިން ޑރ. މިންހާ؟” އޯގާތެރިކަމާއި އެކު ޑޮކްޓަރު އަހައިލި އެވެ.
“ޓަޔަޑް.” މިންހާ ބަލި އަޑެއްގައި ބުންޏެވެ.
“ވަރަށް ބޮޑައް ރެސްޓް ބޭނުންވާނެ. ނޯ ސްޓްރެސް. ހެލްތީ ފުޑް. ގަވާއިދުން ބޭސް ކާންވާނެ. އެންމެ ދުވަހެއްވެސް ވައްޓައިނުލާ.” ޑޮކްޓަރ ބުންޏެވެ. މިންހާ މަޑުމަޑުން ބޯޖަހައިލިއެވެ.
“ޓޭކް ކެއަރ.” މިހެން ބުނެފައި ޑޮކްޓަރު ނުކުމެގެން ދިޔައެވެ.
“ޔޫ އޯކޭ؟” ޑޮކްޓަރު ދިއުމުން ނާއިލް މިންހާ އާއި ކައިރިވެލި އެވެ. މިންހާ ބޯޖަހައިލިއެވެ. “އަރ ޔޫ ޝުއަރ؟”
“އައިމް ފައިން.” މިންހާ ބުންޏެވެ.
“ބޭސް ނުކައިތަ މިހާރު އުޅެނީ؟” ނާއިލް އަހައިލި އެވެ. މިންހާ ޖަވާބެއް ނުދިނެވެ. ނާއިލް ވެސް އިތުރު އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުރީ އެވެ.
ވިސްނަށް އޮވެއޮވެފައި މިންހާ ނާއިލް އާއި ދިމާލައް ބަލައިލި އެވެ. އޭރު އެދެލޮލަށް ކަރުނަ ޖަމާވަނީއެވެ.
“ނާއީ. މިންނަ ބުނީ ތެދައް.” މިންހާ މަޑުމަޑުން ބުންޏެވެ. އިސާހިތަކު ކަރުނަތައް އޭގެ މަގާމް ދޫކޮށް މިންހާގެ ކޯތާފަތުގައި ރޮނގެއް އަޅައިލިއެވެ.
“ޝޫ…މިން ނޮޓް ނައު. ދެންމެ ޑޮކްޓަރ މިން ކައިރީ ސްޓްރެސް ނުވާނެ ބުނެފަ އެދިޔައީ. މިން އެއްކޮށް ރަނގަޅުވީމަ ތިވާހަކަ ދައްކާނީ. އެހެން ނޫނީ މާބޮޑަށް ބަލިވެދާނެ.” މިންހާގެ ކޯތާފަތައް ފައިބަމުން ދިޔަ ކަރުނަތައް ފުހެލަދެމުން ނާއިލް ބުންޏެވެ.
“ގޭގެ އެންމެންނަށް އެނގުނީމަ ވަނީ ކިހިނެއް؟ އެންމެން އެހާ ހެޕީވެފަ ތިއްބަ. އަހަރެން ބޭނުމެއް ނޫން ގޭތެރޭ އެއްވެސް ހަމަނުޖެހުމެއް.” މިންހާ އައް ރޮވޭ ގޮތްވި އެވެ.
“އެނގެއޭ މިން އެގޮތައް ވާން ބޭނުން ނުވާކަން. އެކަމާ މިން އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ތިހެން ހެދީމަ މިން ވެސް ބޮޑައް ބަލިވާނި.” ނާއިލް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“ކީއްވެތަ މިންނަ އެކަހަލަ ކަމެއް ކުރީ؟”
“މިން ޕްލީޒް. ހުއްޓާލާ ދެން. އަމިއްލަ މީހާ އާއި ދޭތެރޭ ވެސް ވިސްނަން ޖެހޭނޭ.” ނާއިލް އާދޭހުގެ ރާގަކަށް ބުންޏެވެ.
“އަހަރެންގެ ކޮއްކޮ އެއް އެފަދަ ކަމެއް ކޮއްގެން އުޅޭ އިރު އަމިއްލަ މީހާ އާއި ދޭތެރޭ ވިސްނާނީ ކިހިނެއް؟”
“މިންނަ ކުރި ކަމެއް ކުރީ އަމިއްލަ އަށް. އެއީ ގޮތްނޭނގޭ ވަރު ކުޑަކުއްޖެއް ނޫން. މިން އެޓްލީސްޓް ފޯ ނައު ފޯކަސް އޮން ޔޯ ސެލްފް.”
އިރުކޮޅަކުން ވަނީ ހަސަން އެވެ. އޭނާގެ މޫނު މަތިން ފެނުނީ ހާސް ކަމެވެ.
“ދަރިފުޅާ! ކިހިނެއް މިހާރު؟ ރަނގަޅުތަ؟” ހަސަން އައިސް މިންހާ ކައިރިއަށް ހުއްޓިލަމުން އެހިއެވެ.
“ލައްބަ. އަޅުގަނޑު މިހާރު ރަނގަޅޭ ބައްޕާ.” ކުޑަކޮއް ހިނިތުން ވެލަމުން މިންހާ ބުންޏެވެ.
“ދޮންތީ މީ ރިޕޯޓް ތައް-” ނާއިލް ނުކުންނަ ތަޅުގައި ހިފައިލަން އުޅެނިކޮށް ކުއްލިއަކަށް މާޔާ ވަނެވެ. ހަސަން ފެނިފައި މާޔާ ހުއްޓުން އެރިއެވެ. ނާއިލްގެ ވެސް ދެލޯ ބޮޑުވި އެވެ.
“ކޮން ރިޕޯޓްތަކެއް؟ މިންހާގެ؟ ދައްކަބަލަ ބައްޕަ ބަލައިލަން.” ހަސަން ބުންޏެވެ. މާޔާ ބަލައިލީ މިންހާ އަށެވެ. މިންހާ ބޯޖަހައިލިއެވެ.
“ބައްޕާ. މީ މިންނަގެ…” ހަސަން އަށް ގަނޑުތައް ދެމުން މާޔާ މަޑުމަޑުން ބުންޏެވެ. ނުކުންނަ އޮޅިފައި ނައިލް ވެސް މަޑުކުރި އެވެ.
ހަސަން އެއަށް ބަލައިލައިފައި ނިއްކުރީގައި ފިރުމައިލި އެވެ. އެކަކުވެސް ބަހެއް ނުބުނެ ތިބީ އެވެ.
“ރައުފާ އާއި ނަދީމް އަށް އެނގުނީމަ ދެންވާނީ ކިހިނެއް؟ ރަނާ އާއި މައިހާ ވެސް އުޅުނު. މިންހާ ވެސް މިހުރީ. މިކަހަލަ ކަމެއް ނުވޭ.” ހަސަން ބުނަމުން ދިޔަ އެވެ.
“މީ ކިހިނެއް ވީ ކަމެއް ކަން އެނގޭތަ؟” ހަސަން އެހީ މާޔާ ކުރެއެވެ.
“ނޫން ބައްޕާ. އަޅުގަނޑަށް ވެސް އަދި މިއެނގުނީ.” މާޔާ އަވަސް އަވަހައް ބުންޏެވެ.
“ދެން މިކަން އެނގޭ އެކަކުވެސް އެބަ ހުރިތަ؟” ހަސަން ބަލައިލީ މިންހާ އާއި ނާއިލް އާއި ދިމާލަށެވެ.
“ތިވާހަކަ ދައްކާލަން ބޭރައް ނުކުމެލަން ހިނގާ.” ނާއިލް މަޑުމައިތިރި ކަމާއިއެކު ބުންޏެވެ. މިންހާ އާއި ދިމާލައް ބަލައިލައިފައި ހަސަން ނާއިލް އާއި އެކު ބޭރައް ނުކުތެވެ.
“ދެންވާނީ ކިހިނެއް؟” މާޔާ އަށް އަހައިލެވުނެވެ.
“ނޭނގެ.” މިންހާ މަޑުމަޑުން ބުންޏެވެ.
“ދޮންތި ދެން އެހާ ވަރަށް ނުވިސްނާ. އަވަހައް ރަނގަޅުވެގެން ގެއަށް ދާން ހިނގާ. ތިއްތަ ވެސް ހެޕީވާނި އޭރުން.” މާޔާ ބުންޏެވެ.
“އެކަކުވެސް ހެޕީ އެއް ނުވާނެ ދެނެއް.”
“ދޮންތީ ދެން ތިކަހަލަ ވާހަކަ ނުދައްކާ. ދޮންތިގެ ކުށެއް ނޫނޭ އެއީ.” މިންހާގެ ހާލަތު ފެނި މާޔާ އަށް ރޮވޭ ގޮތް ވި އެވެ. މާޔާ ނުކުންނަން ދިޔައެވެ. “އަންނާނަން ބޭސް ހިފައިގެން”
“މިންހާ އެންމެންނާއި ދޭތެރޭ ވިސްނާނެ.” ނާއިލް ދެއްކި ވާހަކަތައް އަޑު އަހައިފައި ހަސަން ބުންޏެވެ. “ޑޮކްޓަރ ކީކޭ ބުނީ؟”
“ބޭސް ބޭނުން ކުރުން ވެސް ހިއްޓައިލީހެން ބޮޑައް ހީވަނީ. ބުނީ މާބޮޑަށް ސްޓްރެސް ވީމައޭ.”ނާއިލް ބުންޏެވެ.
“ހިމް. މިންހާ ވެސް ބައެއް ފަހަރު ފަރުވާ ކުޑަ ކޮއްލަން ބޭސް ކެއުމަށް.” ހަސަން ވިސްނާއިލި އެވެ. “އެއްޗެއް ބުނަންތަ؟”
ނާއިލް ބޯޖަހައިލިއެވެ.
“ތިދެކުދިންގެ ދެމެދު ވީގޮތް މައިހާގެ ފަރާތުން ކޮންމެވެސް ވަރަކަށް އެނގިފަ އޮތީ. އެހުރިހާ ކަމަކަށް ފަހުވެސް ނާއިލް ތިގޮތައް މިންހާ އަށް އަޅައިލާތީ ވަރަށް އުފާވޭ. އެކަމަކު…” ހަސަން ފުންނޭވާއެއް ލިއެވެ. ނާއިލްގެ ހިތް ތެޅިލި އެވެ. “ތިގޮތައް މާގިނަ ދުވަހު އުޅޭކަށް ބޭބެ އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭ. މިންނަ އެގޮތައް ކަންތައް ކުރީމަ އެއް ނޫން މިބުނަނީ އެއް. މައިހާ އާއި ރީހާން ކައިރީގައި ވެސް ބުނިން. ނާއިލް މިންހާ އާއި އެކު ދިރިއުޅުމެއް އުޅެން ބޭނުންނުވަޏާ މިހާރު ވެސް މިންހާ ދޫކޮއްލާ.”
“އަޅުގަނޑު ވެސް ވިސްނަނީ ތިހެން. ބޭބެ އާއި ވާހަކަ ދައްކާލަން އުޅުނީ. އުޅެނިކޮށް މިންނަގެ މިކަންތައް ގަނޑު އެނގިގެން. ދެން ބޭބެ އަށް ވެސް އިނގޭނެ ކަންތައް ވީ ގޮތް.” ނާއިލް ބުންޏެވެ.
“ނާއިލް ތިގޮތައް ވިސްނާތީ ވަރަށް އުފާ ވެއްޖެ. ތިދެކުދިން ވާހަކަ ދައްކައިގެން ހުރިހާކަމެއް ހަމަޖައްސާ.” ހަސަން އުފާވެރި ހިނިތުން ވުމަކާއި އެކު ބުންޏެވެ.
“މިން ރަނގަޅުވީހާ އަވަހަކަށް އެކަމާ އުޅެން މިވިސްނަނީ. ދެން ގޮސްލީ އޭ.” ނާއިލް ދާން ހިނގައިގަތެވެ.
“މިންހާ ކައިރީ ބުނެލައިފަދޭ.” ހަސަން ގޮވައިލި އެވެ. “އެހެން ނޫނީ އަނެއްކާ ހާސްވެދާނެ.”
ނާއިލް ވަން އިރު މާޔާ މިންހާ އަށް ބޭސް ދީފައި ނުކުންނަނީ އެވެ.
“މިންހާ ކައިރީ އިތުރައް އެވާހަކަ ނުދައްކާތި.” ނާއިލް އަމުރު ގޮތަކަށް މާޔާ އާއި ދިމާލައް ބުންޏެވެ. މާޔާ ބޯޖަހައިލައިފައި ނުކުމެގެން ދިޔައެވެ.
“މިން. އޯކޭތަ މިހާރު؟” މިންހާ ކައިރި އަށް ހުއްޓިލަމުން ނާއިލް އަހައިލި އެވެ.
“ހިމް.”
“ދެން އެހާ ބޮޑަށް ކަންކަމާ ނުވިސްނައްޗޭ.” ނާއިލް އޯގާތެރި ކަމާއިއެކު ބުންޏެވެ.
“ބައްޕަ ވެސް ހުރީ ރުޅި އައިސްފަ ދޯ؟” ނާއިލް އާއި ދިމާލައް ބަލައިލަމުން މިންހާ އެހި އެވެ.
“އެއީ މިންގެ ކުށެއް ނޫނެއްނު. އެނގޭތަ މިންގެ ބައްޕަ އާއި ވާހަކަ ދައްކައިފީމޭ.” މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން ނާއިލް ބުންޏެވެ.
“ދެންމެ؟ ހާދަ އަވަހަކަށް؟” މިންހާ ހައިރާންވި އެވެ.
“އަހަރެން ބުނީމެއްނު މިރޭ ވެސް މިންގެ ބައްޕަ އާއި ވާހަކަ ދައްކަން ރެޑީގައޭ މިހުރީ. އެކަން ވެސް ނިމުނީ.” ނާއިލް ބުންޏެވެ. މިންހާ ކުޑަކޮއް ހީލި އެވެ. މިންހާގެ ހީލުން ފެނިފައި ނާއިލްގެ ހިތައް ފިނިކަމެއް ލިބުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

