Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 13 ވަނަ ބައި

aasi
April 24, 2016
11 Mins Read
71 Views
10 Comments

ޖަންނަތުއަށް ހޭލެވުނީ ރީތިހުވަފެނެއް ފެނިގެން ހިނިއައިސްފައި އޮވެގެނެވެ. ޖަންނަތުއަށް ހީވީ ‘ސްލީޕިން ބިއުޓީ’ އަށް ނިދިން ހޭލެވުނު ހެނެވެ. ޖަންނަތު ކޮޓަރިއަށް ބަލައިލި އެވެ. މީހަކު ފެންނާކަށް ނެތެވެ. ކޮންމެސް މީހަކު އެކޮޓަރިއަށް ވަދެފައި ނުކުތް ކަމުގެ އިހުސާސް ޖަންނަތުއަށް ކުރެ ވުނެވެ. އަދި މަޑު މަޑުން ހިނިތުން ވެލަމުން ކޮލަށް ވީ އިހުސާސުން އަމިއްލަ ކޮލުގައި އަތްޖައްސާލި އެވެ.

 

ހާރު ގަޑީގައި ނަސީރުއާއި އަބްޔާން ތިބީ ކާށެވެ. ލޯއުނގުޅަމުން އަދިވެސް ނިދީގައި ހުރި މީހެއްހެން އާލިޔާ އައިސް އަބްޔާން ކުރިމަތީ އިށީނެވެ.

“މިރޭވެސް ގެޔަށް އައީ ބާރަ ޖަހައި ދިޔަ ފަހުން. އަވަހަށް އައިސް ނިދީމަނު މިހާއިރަށް ނިދި ފިލާނީ… ދުވަހަކު ބުނާގޮތެއް ހަދާ ކުއްޖެއް ނޫން މީކީ.” ހިދާޔާ އެންމެނަށް ފެން އަޅައި ދެމުން އާލިޔާއަށް އަޑުލަމުން ދިޔަ އެވެ.

“ދަރިފުޅާ، މަންމަ ބުނާ ބަސް އަހަން ވާނެނު. ދަރިފުޅު ރޭގަނޑު ބޭރުގަ އުޅެނީ މާގިނައިރު. އަންހެން ކުދިން އެހާ ގިނައިރު ބޭރުގަ އުޅުން އެއީ ހަޑި ކަމެއް.” ނަސީރު ބުންޏެވެ. އާލިޔާ އެއްޗެއް ނުބުނެ ކަމުން ދިޔަ އެވެ. އަބްޔާން ވެސް އަނގައިން ނުބުނެ އިނެވެ.

“މިހާރު ފުރުން އޮތީ ކޮން ދުވަހަކުތަ؟” ހިދާޔާ އައިސް މޭޒު ކައިރީ އިށީންނަމުން އަހާލި އެވެ.

“އީދު ދުވަހު… އެ ބަންދު ކޮޅާ ލައިގެން އަޅުގަނޑު ޗުއްޓީ ނެގީމަ ޒައިދާންއަށް ފަސޭހަ ވާނީ.” އަބްޔާން ބުންޏެވެ.

ތިހެން ވިއްޔާ ދެން މާ ގިނަ ދުވަހެއް ނެތެއްނޫންތޯ. މިހާރުން ފެށިގެން ދަތުރު ތައްޔާރު ކުރަން އުޅެންވީ… ދެއްތޯ ނަސީރު.” ހިދާޔާ ބުންޏެވެ.

“އާން،” ނަސީރު ކައި ނިމިގެން ފެންފޮދެއް ބޯލި އެވެ. “އަބީ، އެގޭ ކުދިން ނޫޅޭތަ ކިޔަވަން ދާކަށް؟ މިބުނީ އާޒަތުގެ ވާހަކަ… މިހާރު އޭ ލެވެލް ނަތީޖާ ވެސް ލިބިއްޖެ ނޫންތަ؟”

“ލައްބަ ބައްޕާ.. ނަތީޖާ ވަރަށް ރަގަޅު… އެކަމަކު އަޅުގަނޑަކަށް ނޭގެ ކީއްވެކަމެއް އެ ތިބެނީ… އަހާލަން ޖެހޭނީ.” އަބްޔާން ބުނެލި އެވެ.

“އާން، އަހާލާފަ އަބީ ޖެހޭނެ އެކަންތައް ވެސް އެކުދިންނަށް ހަމަޖައްސައިދޭން.” ނަސީރު ބުނެލި އެވެ. ހިދާޔާ ފާޑަކަށް ނަސީރުއަށް ބަލައިލި އެވެ. ހިދާޔާ އަދިވެސް ފިޔާތޮށިގޭ ކުދިންނާ އެހާ ގަބޫލެއް ނޫނެވެ. ހިދާޔާ ހުންނަނީ އަބްޔާން މެންވެސް އެގޭ ކުދިންނާ ވާހަކަ ދައްކާތީ ވެސް މާ ގަޔާ ވެފައެއް ނޫނެވެ. ނަމަވެސް ނަސީރު މާވަރެއް ހުންނަ ކުދިންނަށް ވުމާއި އަދި ކުޑައިރު އެއްކޮން އުޅުން ކުދިބައެއް ވީމަ އެއްޗެއް ނުބުނެ ހުންނަނީ އެވެ.

 

އަބްޔާން އޮފީހަށް އައިސް އިށީނދެފައި ޖަންނަތުއަށް މެސެޖު ކުރަން ހިތައް އެރި އެވެ. ނަމަވެސް ކުރިން މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދޭތީ ޖަންނަތުއަށް ގުޅާލަން ނިންމި އެވެ.

“ހެލޯ!” ސިއްރުން ބުނާ ކަހަލަ ގޮތަކަށް ފޯނުން ޖަވާބު އައެވެ.

“ޖަންނާ؟ އިޒް ދެޓް ޔޫ؟”

“އާން” ނިކަން މަޑު ތޫލި އަޑަކުން ބުނެލި އެވެ. “އަޑު.. ނެތް” އެހެން ބުނެފައި ފޯނު ކަނޑާލި އެވެ. އިރުކޮޅަކުން ވައިބަރ އިން މެސެޖެއް އައެވެ.

“އަބީ، މަގޭ އަޑެއް ނެތޭ. ވަރަށް އުނދަގުލުން އަޑު ނިކުންނަނީ… އަދިވެސް ހުން ވެސް އާދޭ. އެހެންވެ މިއަދުވެސް އޮފީހަށް ނުދިޔައީ. އަނެއްކާ ޒައިދާން އަށް މެސެޖު ކުރުމުން ޒައިދާން ދީފި ރެސްޓް ވީކް އެއް. އެހެންވެ މިއޮތީ ރެސްޓް ކުރަން.”

“ޖަންނާ، ރޯދަތަ ދެން؟”

“ނޫން. ދޮންތައާ ހެދި ރޯދަ ވެސް ނުހިފުން. ދޮންތަ ވަރަށް ކެއަރ ކުރޭ.”

“މަދާނަން އޮފީސް ނިންމާލާފަ. އެއްޗެއް ކައިފިންތަ؟”

“އާން ދޮންތަ ބަތްޕެން ކައްކައިގެން ގެނެސް ދީފަ ބޭސްވެސް ދީފަ އެދިޔައީ ފިހާރައަށް. ދޮންތައަށް ހާދަ ބޮޑު ޗޭންޖެއް އައިސްފިޔޭ. ދޮންތަ އުޅޭ ގޮތުން ވަރަށް އުފާވޭ މިހާރު. އެކަމަކު މަންމަ މަތިން ވެސް ހަދާންވެގެން ދެރަވެސްވޭ.”

ދެމީހުން ވައިބަރ އިން މެސެޖު ކޮށްލަ ކޮށްލާ ތިއްބާ ޒައިދާން އައިސް ވަނެވެ.

“އަބީ! އަހަރެން މާލެ ޖައްސާލަން ޖެހިއްޖެ. މިއަދު އޮފީހާ ހަވާލުވެލާނަން ދޯ؟” ޒައިދާން އަހާލި އެވެ. އަބްޔާންއަށް ބުނާނެ އެއްޗެއް ނޭގިފައި އިނދެފައި ބޯ ޖަހާލި އެވެ.

 

އަބްޔާން ގެސްޓް ހައުސް ގައި ހަތަރު ދަމު އުޅުނެވެ. ދޭތެރެއަކުން ވައިބަރ އިން ޖަންނަތުއަށް މެސެޖު ކުރެ އެވެ. ނަމާދު ގަޑިއަށް މިސްކިތައް ގޮސްލަ އެވެ.

އިރުއޮއްސެން ކައިރިވެއްޖެ އެވެ. ގެސްޓް ހައުސް ދޫކޮށްލާފައި އަބްޔާންއަށް ދާން ނުކެރިފައި އިނެވެ. އެވަގުތު އެތާގެ ޑައިވިން ސެކްޝަންގައި އުޅޭ ކަލީމް އައިސް ވަންތަން ފެނުނެވެ.

“އަބީ! މިއަދު ރޯދަ ވިއްލަން ވެސް ނުދާ ދުވަހެއްތަ؟” ކަލީމް ހައިރާން ވެފައި އަހާލި އެވެ.

“ޒައިދާން ނެތީމަ ނުކެރިފަ.”

“ހެހެހެ… އޯކޭ ވާނެ ދިޔަސް. ޒައިދާން އުޅުއްވާ އިރުވެސް އަބަދު މިތާކު ނީންނަވާނު. ރިސެޕްޝަން ކުއްޖާ ކައިރީ ބުނެލާ ކަމެއް ވެއްޖެޔާ ގުޅާށޭ. މިރަށުގަ ކަމެއް ވާއިރަށް ފަސްމިނިޓު ތެރޭގަ ވެސް އާދެވޭނެނު. މާ ބޮޑު ކަމަކަށް ހަދާނެ ކަމެއްނެތް. އެއްފަހަރު ޒައިދާން މާލެ ދުރުވި އަހަންނާ ހަވާލު ކޮށްފަ ވެސް.”

“އާން، އިނގެޔޭ. އެކަމަކުވެސް އަހަރެންނަށް ހަމަ ނުކެރޭނެ.”

“ތިހެން ވިއްޔާ އާދޭ އަހަރުމެނާ އެއްކޮން ރެސްޓޯރެންޓަށް ރޯދަ ވިއްލަން.” ކަލީމް ބުންޏެވެ.

ކަލީމް އަބަދުވެސް ކައި ބޮއެ ހަދަނީ އެ ގެސްޓް ހައުސްގެ ރެސްޓޯރެންޓުންނެވެ. ކަލީމް އަކީ ރަށުން ބޭރު މީހެކެވެ. އެހެން ކަމުން ކަލީމްއަށް އެ ގެސްޓް ހައުސްއިން ހުރިހާ ކަމެއް ކުރެވޭ ގޮތަށް ޒައިދާން ވަނީ ހަމަޖައްސައި ދީފަ އެވެ.

 

ބަންގި ގޮވާ އަޑު އިވެން ފެށި އެވެ. ކަލީމްއާއި އަދިވެސް އެތާ އުޅޭ އެހެން ދެކުދިންނާއި އެކު އަބްޔާން އެ ރެސްޓޯރެންޓް ގައި ރޯދަވިއްލަން އިނެވެ. ދެ ގެސްޓުން ވެސް އެހެން މޭޒެއް ކައިރީ ކޮފީއެއް ބޯލަން ތިއްބެވެ. އެވަގުތު ނަސީރު އަބްޔާން ފޯނަށް ގުޅަން ފެށި އެވެ.

“ކީކޭތޯ ބައްޕާ،” ފޯނު ނެގުމާއި އެކު އަބްޔާން ބުންޏެވެ.

“ދަރިފުޅާ! ކޮންތާކު؟ މިއަދު ރޯދަވިއްލަން ވެސް ނާންނަނީތަ؟”

“ބައްޕާ، އަޅުގަނޑާއި މިތަން ހަވާލު ކުރައްވާފަ ޒައިދާން މާލެ ދުރުވީ. އެހެންވެ އަޅުގަނޑަށް ދާން ނުކެރިފަ މީނީ.”

“އެހެންތަ، ރޯދަ ވިއްލައިފިންތަ؟”

“ލައްބަ. މިތާ ރެސްޓޯރެންޓުގަ މީނީ.”

“އާން، ދަރިފުޅު މިއަދު ގެއަށް ނާންނާތީ މަންމަ ކަންބޮޑުވެގެން އުޅުނީމަ މި ގުޅީ. ބާއްވަނީ.” އަބްޔާން ފޯނު ކަނޑާލި އެވެ.

 

އަބްޔާން ކެބިންއަށް އައިސް ނަމާދުކޮށްލައިގެން ކުރާނެ ކަމެއް ނެތިފައި އިނެވެ. މިއަދުގެ ހުރިހާ މަސައްކަތެއް ވެސް ހުރީ ނިމިފަ އެވެ. އަބްޔާން ޖަންނަތުގެ މޭޒާ ދިމާލަށް ބަލައިލި އެވެ. އަދި މަޑު މަޑުން ތެދުވެގެން ގޮސް އެތާ އިށީނެވެ. ޖަންނަތުގެ މޭޒުގެ ވަތްގަނޑު ތަޅުލާފަތޯ ހުރީ ބަލައިލި ތަނުން ވަތްގަނޑު ހުޅުވިއްޖެ އެވެ. އަބްޔާން އެ ވަތްގަނޑު ކުޑަކޮން ހާވާލި އެވެ. ވަކި އެއްޗެއް ހޯދުމުގެ މަގްސަދުގައެއް ނޫނެވެ. އަބްޔާންއަށް ކަމުދާ އެއްޗެއް ނުފެނުމުން އެ ލައްޕާލަން އުޅެނިކޮން އޭގައި އޮތް ފޮތެއްގެ ތެރޭން ނުކުމެފައި އޮތް އެއްޗެއްގައި ލޯ އަޅައި ގަތެވެ. އަބްޔާން އެ ފޮތް ހުޅުވާލި އެވެ.

އޭގައި ވަނީ ތަފާތު މީހުން ފޮނުވާފައިވާ ކާރޑެވެ. ލޯބީގެ ކާރޑެވެ. އެރަށު ނާފިޒު ނިކަން ކުރީގައި ފޮނުވާފައިވާ ކާރޑެއް އޮތެވެ. ޖަންނަތުއަށް ލޯބި ހުށަ އަޅާފަ އެވެ. ދެން އޮތް ކާޑުގައި އޮތީ އެރަށުގައި އުޅޭ އެންމެ ވިޔާނުދާ ގުރޫޕުގެ ލީޑަރު އަހުމަދުގެ ނަމެވެ. އޭގައި ވަނީ މާފަށް އެދިފަ އެވެ. ދެން އޮތް ދެ ކާރޑުގައި އޮތީ އަބްޔާން ނުދަންނަ ދެމީހެއްގެ ނަމެވެ. އެއީ ވެސް ޖަންނަތުއަށް ލޯބި ހުށައަޅާފައިވާ ދެ ކާޑެވެ.

ޖަންނަތުއަށް މީހުން ލޯބި ހުށައަޅަމުން ދާކަން އަބްޔާންއަށް އިނގުމުން ހިސާބަކަށް ހިތަށް ނުތަނަވަސް ކަމެއް ވެރިވެއްޖެ އެވެ. މީ އަދި ކާރޑެވެ. ޖަންނަތުގެ ފޯނަށް ވެސް ކިތައް މީހުން ގުޅާނެ ހެއްޔެވެ. ޖަންނަތު މިހުރިހާ ދުވަހު ކުއްޖަކާ ރައްޓެހި ނުވެ އެހެރީ ކީއްވެބާއޭ އަބްޔާން ހިތަށް އެރި އެވެ. ގައިމުވެސް ޒީނަތު ވެސް އެތައް މީހުނަކާ ރައްޓެހިވިކަން އަބްޔާންއަށް އިނގެ އެވެ. އަބްޔާން ވިސްނުމެއްގައި އިނެވެ. އެހެން އިންދާ ޒައިދާން އައިސް ވަނެވެ.

“އަބީ!” ޒައިދާން އައިސް ގޮވާލުމުން އަބްޔާން ކުޑަކޮން ސިއްސައިގެން ދިޔަ އެވެ. އަދި އަވަހަށް ޖަންނަތުގެ މޭޒު ކައިރިން ތެދުވި އެވެ. “ގެއަކަށް ނުދަންތަ؟” އަދިވެސް ރަސްމީކޮން އަބްޔާން އިންތަން ފެނުމުން ޒައިދާން އަހާލި އެވެ.

“ޒައިދާން ދުރުވަންދެން އަޅުގަނޑު މަޑުކޮށްލީ… ”

“އަބީ! މިތަން ހަވާލު ކުރީމަ އޭގެ މާނައަކީ ހަތަރު ދަމު މިތާ އިނުމެއް ނޫނޭ… ކަންތައް ވާގޮތް އިރުކޮޅަކާ ބަލައިލުން އެއީ. ކަލީމް ބުންޏޭ އަބީ އެއްގޮތަކަށް ވެސް ގެއަށް ނުދާ ވާހަކަ. މިތާ ރިސެޕްޝަންގަ ގުޅާލަން ބުނެލާފަ ދިޔައިމަ އޯކޭ ވާނެޔޭ.” ޒައިދާން ބުންޏެވެ.

“އޯކޭ ދެން ފަހަރަކުން.” އަބްޔާން ބުންޏެވެ.

“ދެން ފަހަރެއް ނާންނާނެ ކަންނޭގެ. މާދަމާ މެނޭޖަރެއް އަންނާނެ. އެއީ އަހަރެންގެ ރައްޓިއްސެއްގެ ކޮއްކޮ އެއް. މެނޭޖްމެންޓުން ޑިގްރީ ހަދައިގެން ހުރި ޒުވާނެއް އެއީ. އޭނަގެ ނަމަކީ މާޒިދް. މިއަދު އަހަރެން މާލެ ދިޔައީ މިތަނަށް އިތުރު މޭޒަކާ އެއްޗިހި ގަންނަން ވެގެން. ދެން މަށާއެކު އޭނަ ވެސް ގޮވައިގެން މިއައީ. ކަލީމް މެނާ އެއްކޮން އޭނަވެސް ދިރިއުޅޭނީ ގެސްޓް ހައުސްގަ. ހީވަނީ ރަގަޅު ވާނެހެން.”

“މިތަނަށް މެނޭޖަރެއް ގެންނަން ވިތާ ކިތަންމެ ދުވަހެއް. ޒައިދާންއަށް މިހާރު ވަރަށް ލުއިވެގެން ދާނެ. އެހެންނޫންތޯ.”

“އާން ތިބުނި ތެދެއް. މިތަނުގެ މުއައްޒަފުން މަދުކަން އަހަންނަށް ވެސް އިނގޭ. ޖަންނަ މިތަނަށް އައިފަހުން އަދި އިންކަމް ރަގަޅުވީ ވެސް. ދެން އިރާދަކުރެއްވިއްޔާ ވާނީ ރަގަޅު.” އެވަގުތު އިޝާ ނަމާދަށް ގޮވާއަޑު އިވެން ފެށި އެވެ. “ހިންގާ ނަމާދަށް ދަމާ.” ޒައިދާން އަބްޔާންގެ ކޮނޑަށް އަތް އެއްލަމުން ހިގައި ގަތެވެ.

 

ތަރާވީސް ނިމިގެން އަބްޔާން ގެއަށް އައިސް ފެންވަރާލައިގެން ނުކުމެ ޖައްސާލަން ހިތަށް އެރި އެވެ. ނަމަވެސް ޖަންނަތު މަތިން ހިތަށް އެރުމުން އަވަހަށް ޓީ-ޝާރޓާކާއި ކަކުލާއި ހަމައަށް އަންނަ ސޯޓެއް ލި އެވެ. މިހާރަކަށް އައިސް އަބްޔާންއަށް ސޯޓު ވަރަށް ނުލެވެ އެވެ. އަބަދު ނަމާދަށް ދާން ވެފައި އޮންނާތީ އެވެ.

ފޯނު ހިފައިގެން ޖަންނަތުއަށް ވައިބަރ މެސެޖެއް ފޮނުވާލަމުން ކޮޓަރިން ނުކުތެވެ.

“ދަރިފުޅާ، އާދޭ ކާން.” ހިދާޔާ އަށް އަބްޔާން ފެނުމުން ބުންޏެވެ.

“މަންމާ، އަހަރެން އަދި ބަނޑުހައެއް ނުވޭ.” އަބްޔާން އެހެން ބުނެފައި ފޯނު ބަލައިލި އެވެ. ޖަންނަގެ ޖަވާބެއް ނާދެ އެވެ. “މަންމާ އަހަރެން އަންނާނަން ބޭރަށް ގޮސްސަ.” އެހެން ބުނެލާފައި ނިކުމެގެން ހިގައްޖެ އެވެ.

 

ޖަންނަތު މެންގޭ ކައިރީ ސައިކަލު ޕާރކުކޮށްފައި އަބްޔާން އެގެއަށް ވަނެވެ. އޭރު ސޯފާގައި އޮށޯވެލައިގެން އާޒަތު އޮތެވެ.

“ކޮބާ ޖަންނަ؟” އާޒަތު އަބްޔާންއަށް ބަލައިލުމުން އަބްޔާން އަހާލި އެވެ. އާޒަތު ކޮޓަރި ދައްކާލި އެވެ. “ނިދާފަތަ؟” ބުމަ އަރުވާލަމުން އަބްޔާން އަހާލި އެވެ.

“ނޭގެ… ނިދާފަ ކަންނޭގެ. ދޮންތަ އުޅުން ތުއްތަ އެއްޗެއް ނުކައިގެން. ތުއްތަ އުޅެނީ ކަރުގަ ރިއްސާތީ އެއްޗެއް ނުދިރުވިގެން. އަޑުވެސް ގޮއްސަ ހުރީ.” އާޒަތު ބުންޏެވެ.

“ދެން އެއްޗެއް ކެއިތަ؟

“ހީވަނީ ކޭ ހެން.”

އަބްޔާން ޖަންނަތު ކޮޓަރިއާއި ދިމާލަށް ގޮސް ނިކަން މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އެނދުގައި ޖަންނަތު ލޯމަރާލައިގެން އޮތްގޮތުން ޖަންނަތު ނިދާފާކަން އަބްޔާންއަށް އިނގުނެވެ. އެހެން ކަމުން މަޑުމަޑުން ދޮރު ލައްޕާލާފައި އައިސް އާޒަތު ކައރީ އިށީނެވެ.

އާޒަތު ވެސް ސޯފާގައި އޮށޯވެ އޮވެފައި ތެދުވެ އިށީނީ އަބްޔާން އެތާ އިށީނީމަ އެވެ.

“އާޒަތު، މިހާރު ކޮންކަމަކާތަ ތި މަޑުކުރަނީ؟ ރިޒަލްޓް ވެސް ލިބިއްޖެނު.” އަބްޔާން  އަހާލި އެވެ.

“އަބީބޭ، އަހަންނާ އާޔަތުއާ ދެމީހުން އެއްކޮން ދިޔައިމަ ރަގަޅެއް ނުވާނެ.”

“އެޔޯ؟ އެއީ ކީއްވެ؟”

“އަބީބެއަކަށް ނޭގޭނެ.”

“ކޮން ކަމެއްތަ؟”

“އަހަރެން އަސްލު ވަރަށް ވިސްނަން ތުއްތަ އާ ދޭތެރޭ. މަންމަމެން ނިޔާވިފަހުން ހުރިހާ ޒިންމާއެއް ބޮލުގަ އަޅައިގެން ތުއްތަ އެއުޅެނީ. އެގޮތަށް އެކަނި އުޅޭ އިރު ފިރިހެނުންގެ އުނދަގޫ ވެސް ތުއްތައަށް ފޯރާ. އަހަރުމެން ގާތު ތުއްތަ އެވާހަކަ ނުދެއްކިޔަސް ބައެއް ފަހަރު ފޯނުން މީސްމީހުން ގުޅައިގެން ތުއްތައަށް ނިިކަން ގޯނާކޮށް ހަދާ. މިރަށު ކުދިންނަކަށް އެކަމު ނުކެރޭ މަގުމަތިން ތުއްތައާއި ދިމާއަށް އެއްޗެއް ބުނާކަށް. އެއީވެސް ދެން ނަސީބު ކަންނޭގެ.” އާޒަތު ފުންނޭވާއެއް ލިއެވެ. “އަބީބޭ، އަހަރެން ދިޔައިމަ ތުއްތަ ބަލާނެ މީހެއް ނުހުންނާނެ. މިގޭގަ އޭރުން އެއްވެސް ފިރިހެނެއް ނުހުންނާނެ، އަނެއްކާ އަނެއްކޮޅުން އާޔަތުވެސް ގޮވައިގެން އަހަރެން ދިޔައިމަ ތުއްތަ މުޅިން އެކަނި ވާނެ. އަހަންނަށް ނުކެރިގެން މިއުޅެނީ އެހެންވެގެން. އަސްލު މިހާރު އޮސްޓްރޭލިޔާއިން އަހަންނަށް ޗާންސް ވެސް ލިބިފަ އޮތީ. އެކަމަކު ތުއްތަ ކައިރީ އަހަރެން އެވާހަކަ ނުބުނެ މިހުންނަނީ. އަބީބޭ، ތުއްތަ ނޫނީ ދޮންތަ މީހަކާ އިނީމަ ނޫނީ އަހަންނަށް ނުދެވޭނެ.” އާޒަތު ބުންޏެވެ. އަބްޔާން ބަހެއް ނުބުނެ ވިސްނާލަން އިނެވެ.

“އަދި އަބީބެއަށް އިނގޭތަ.” ހިނދުކޮޅަކަށް ފަހު އަނެއްކާ ވެސް އާޒަތު ވާހަކަ ދައްކަން ފެށި އެވެ. “ތުއްތަ އަކީ ވިދާ ގުގުރަންޏާ ވަރަށް ބިރު ގަންނަ މީހެއް. ވަރަށް ވަރަށް ބިރު ގަންނާނެ. އަސްލު އެއީ އަހަރުމެން މިގެއަށް އައި ފަހުން މިގޭ ބަނބުކެޔޮ ގަހަށް ހޮނުއެޅީ ތުއްތަ ބަލަން ހުއްޓާ. ތުއްތައަށް ކުއްލި ޝޮކެއް ޖެހުނީ. ވާހަކަ ނުދައްކަ ހުރި ހަތަރު ދުވަސް ވަންދެން. މަންމަމެން ތުއްތަ ގޮވައިގެން މާލެގޮސް ކައުންސެލިންދީ ހަދައިގެން ހަމައަކަށް އެޅުނީ. އޭގެ ފަހުން ގުގުރާ ވިދަން ފެށީމަ މަންމަ ކައިރިއަށް ދުވެފަ އަންނާނެ. ވާހަކައެއްވެސް ނުދެއްކޭނެ. އެކަން ހުއްޓެން ދެން ބޭނުން ވާނީ މީހެއް ކައިރީ ހުންނަން. އަބީބެ ބުނެބަލަ، ތުއްތަ އެކަނި ކޮށްފަ ކިހިނެއް އަހަރެން ދާނީ.” އާޒަތު ބުންޏެވެ. އަބްޔާން ވެސް ވިސްނުމެއްގައި އިނދެ ގޮނޑީގައި ލެނގިލި އެވެ.

ދެމީހުން އެހެން ތިއްބާ ޒައީމާ އެގެއަށް ވަންތަން ފެނުނެވެ.

“ކޮބާ ޖަންނަ؟” ޒައީމާ އެހި އެވެ.

“ނިދާފަ.” އަބްޔާން ބުނެލި އެވެ.

“އާޒަތު، މިހިރީ ޒައީމާއްތަ ހެދި ސޫޕްކޮޅެއް ޖަންނައަށް. އަޅެ ހޭލީމަ މި ދީބަލަ. އަސްލު މިއަދު ވެސް ޒައީމާއްތަ އަންނަން ހުރީ އެކަމަކު ޒައިދާން މާލެ ދިޔައިމަ ޔަޒަން އެކަނި ކޮށްފަ ނާދެވޭނެތީ ހުރީ. ޒިޔާދާ ވެސް އެދިޔައީ މާލެ… ދެން އޭނަވެސް ނާންނާނެ.”

“ކީއްވެ ޒިޔާދާ މާލެ ދިޔައީ؟” އަބްޔާން ހައިރާން ވެފައި އަހާލި އެވެ.

“އެއީ އޭނަ ސިޓީ ލައިގެން އުޅޭ ކޮންމެސް ފެޝަން ޑިޒައިން ކޯހެއް ފެށޭތީ ދިޔައީ މިއަދު ޒައިދާން އާއި އެކު އެ ދިޔައީ. ރޯދަ ނިންމާފަ އެކޯސް ފެށޭނީ. އެކަމަކު އޭނަ މާލޭގަ އުޅެން އަލަށް ދާތީ މަމި ފޮނުވީ ތަންކޮޅެއް ކުރިން.” ޒައީމާ ބުންޏެވެ.

ޒައީމާ ދެއްކި ވާހަކަ އަޑު އަހަން ތިބެފައި އެއްޗެއް ނުބުނެ އަބްޔާންއާއި އާޒަތު ޒައީމާއަށް ބަލައިލި އެވެ.

“ޒައީމާއްތަ މި ބަހައްޓާނަން ބަދިގޭގަ. ޖަންނަ ހޭލީމަ މިދޭތި… އެހާ ގިނަ ބޭސް ޑޮކްޓަރު ދީފަ ހުރި އިރު ރަގަޅަށް ކެވޭތޯ ވެސް ބަލަން ވާނެނު. ޒައީމާ ބަދިގެއާއި ދިމާލަށް ދަމުން ވެސް ދިޔައީ ވާހަކަ ދައްކަމުން ނެވެ.

ޒައީމާ އެގެއިން ނުކުމެގެން ދިއުމުން އަބްޔާން އަނެއްކާވެސް އާޒަތު ކައިރީ އިށީނެވެ.

“އާޒަތު، ދެންތަ ހިޔާލެއް… ” އަބްޔާން ބުނެލި އެވެ. އެއީ ދާދި ދެންމެ ޒައީމާ ފެނުމުން އަބްޔާން ސިކުނޑިއަށް އައި ހިޔާލެކެވެ. “ޒައީމާއްތަ ކައިރީ ބުނެގެން ޖަންނަ އެގޭގަ ބެހެއްޓޭނެ ގޮތް ހަދަންވީނު. އޭރުން ޒީނަތު މީހަކާ އިނީމަ މިގެ ކުއްޔައްވެސް ދެވިދާނެނު، ގެސްޓް ހައުސް ހަދަން މީހުންތައް އެތިބެނީ ބޭނުން ވެފަ.”

“ތީ ވަރަށް ސަޅި ހިޔާލެއް. ޒައީމާއްތަ ތިކަމާ ދެކޮޅެއް ނުހަދާނެ… އެކަމަކު ތުއްތަ… ތުއްތަ ނޭގެ ގަބޫލު ވާނެކަމެއް. ބައެއް ފަހަރު ވަރަށް ބޯ ހަރުވާނެ.”

“ތިކަމާ ނުވިސްނާ، ޖަންނަ ތިކަމާ އެއްބަސް ކުރުވާނީ މަ.”

“ދެޓްސް އަ ރިލީފް…” އާޒަތު ގޮނޑީގައި ހަމަ ޖެހިލި އެވެ. “ދެން އެހެން ވީމަ ދާން އުޅެންވީ.”

“އާން، ތިބުނީނު އޮސްޓްރޭލިޔާ އިން ޗާންސް ލިބުން ވާހަކަ… ކޮބާ ޑީޓެއިލްސް ތައް؟”

“މަގޭ ލެޕްގަ ހުންނާނީ… އާޔަތުއަށް ސްކޫލެއް ދެން ހޯދަން ޖެހޭނީ. ކޮންމެގޮތެއް ވިޔަސް މަ ދާތާކަށް އާޔަތުއަށް ދެވޭނީ.”

“އާން، ތިކަން އޮންނާނީ ތިހެން.”

“އަބީބޭ، އުޅޭ އެއްޗެއް ކަމާ، އަހަރެން ބަނޑުހައި ވެއްޖެ.”

“ހިނގާ ބަދިގެއަށް، މަވެސް ވަރަށް ހައިވެފަ މީނީ.”

ދެމީހުން ބަދިގެއަށް ގޮސް މޭޒުމަތިން މުކައްބަ ނެގި އެވެ. އަދި އައިސް އަލަމާރިން ފަނި އަޅައިގެން އައިސް ވާހަކައިގައި ތިބެގެން ކަމުން ދިޔަ އެވެ.

އިރުކޮޅަކުން އެތަނަށް ޒީނަތު އައިސްފި އެވެ. ޒީނަތު ފަހަތުން މޫސަ ވެސް އައިސް ވަނެވެ.

“މޫސާ… އާދޭ ޖައްސަން.” އަބްޔާން ބުނެލި އެވެ.

“ކަލޭގެ ގެތަ މީ؟” މޫސަ ހިނިގަނޑެއް ޖަހާލަމުން ބުނެލި އެވެ.

“މީ އަބަދުވެސް އަހަރެންގެ ގެ. ދޯ އާޒަތް.” އަބްޔާން އާޒަތަށް ދޯލަމުން ބުނެލި އެވެ. “މޫސަ ތި އަންނަން ފެށީ އަދިކިރިޔާ… އަހަރެން މިގޭން ކައި ބޮއެ ނިދާ ހެދި ފަހުން.”

“އެއީ ތެދެއް… ކުޑައިރުން ފެށިގެން ވެސް އަހަރުމެން އެއްކޮން ދޯ އުޅުނީ.” ޒީނަތު ބުނެލި އެވެ. އަބީ… މޫސަ މަންމަ ބޭނުން ވަނީ އީދުގައި އަހަރުމެން ކައިވެނި ކުރަން. ދެންމެ އެވާހަކަ ދައްކައިފި.”

“ތެދެއްތަ؟” އަޅެ އީދުގަ މަ ނުހުންނާނެ… ދެން ކިހިނެއް ހަދާނީ؟”

“އަބީބެ ކޮންތާކަށް ދަނީ؟” އާޒަތު އިނދެފައި އަހާލި އެވެ.

“އާލިޔާ ކިޔަވަން ބަހައްޓަން ވެގެން އެންމެން ސިންގަޕޯރ އަށް ދަނީ.”

“އާލިޔާ ދޯ… އާން އޭނަ ބުންޏޭ… މިފަހަރު އޭނަ ބޭނުންވާ އެތި ހެދޭތީ ވަރަށް އެކްސައިޓް ވެފަ ހުރީ.”

“އާން، އަސްލު އަހަންނަށް ކުރިން އިނގުން ނަމަ… އޭރު ދެން އަހަރެން އެކަހަލަ ކަންތައް ތަކާ ނުވެސް ވިސްނަން ވިއްޔަ… އެހެންވީމަ އަޅައެއްވެސް ނުލެވޭނެނު.” އަބްޔާން އެހެން ބުނެފައި ފަނި ތަށީ ބޯލި އެވެ.

“ޖަންނަ ހޭލިތަ؟” ޒީނަތު، އާޒަތު ގާތު އަހާލި އެވެ.

“ނޫން، ދޮންތަ ދިޔަ ފަހުން އަދި ނުހޭލާ.”

“އަޅެ އެއްޗެއް ބޯލާ ނަމަ ރަގަޅުވާނޭ… ވަރަށް ގޮތްދޫ ނުކުރާ ކުއްޖެއް އެއީ.”

“މިތާ މިހިރީ ޒައީމާއްތަ ގެނައި ސޫޕް… ތުއްތަ ހޭލީމަ ދޭށޯ.”

“މަށަށް ދެވޭނެތަ… މިރޭވެސް އެންމެ ދެ ސަމްސާ ބަތްޕެން ފޮދު ބޯލީ އެވަރަށް ކިޔައިގެން.”

އެންމެންގެ ވާހަކަ އަޑުއަހަން އަބްޔާން އިނދެފައި ކުއްލިއަކަށް ތެދުވި އެވެ. އަދި ސޫޕު ތައްޓާ ސަމްސަލަކާ ހިފައިގެން ނިކުތެވެ.

“މިފަހަރު އެ ތަށި ހުސްކުރާނެ.” މޫސަ އިނދެފައި ބުންޏެވެ.

“އާން، އަބީއަށް އެކަންތައް ވާނީ.” ޒީނަތު ވެސް ބުނެލި އެވެ.

 

އަބްޔާން ސޫޕްތަށި ގެންގޮސް އެނދު ކައިރީ ހުރި ކަބަޑު މަތީ ބެހެއްޓި އެވެ. ޖަންނަތު އަދިވެސް އޮތީ ނިދާފަ އެވެ. އިރުކޮޅަކު ޖަންނަތުއަށް ބަލަން އިނދެލާފައި އަބްޔާން ޖަންނަތުއަށް ގޮވާލި އެވެ. ދެފަހަރަކު ގޮވާލި ތަނާހެން ޖަންނަތު ހޭލައިފި އެވެ.

“އަބީ!” އަޑެއް ނެތް ހިމަ އަޑަކަުން ގޮވާލަމުން ޖަންނަތުއަށް ކުއްލިއަކަށް ތެދުވެވުނެވެ. އަބްޔާން ފެނުމުން ޖަންނަތުއަށް ހީވީ ހުވަފެނެއް ހެނެވެ. ހައިރާން ވެފައި ބަލަން އިނެވެ. “މަ ހީކުރީ ހުވަފެނެއް ކަމަށް.” ޖަންނަތުގެ އަޑު ގޮސްފައިވާ ހިމަ އަޑުން ބުނެލި އެވެ.

“ހޫން، ވާހަކަ ދައްކާނެ ކަމެއްނެތް… ތި ކިޔާއެއްޗެއް މަށަކަށް ނޭގެ.” އަބްޔާން ސޫޕުތަށީގެ މަދި ނެގި އެވެ. “މި ބޯން ހިނގާ.” އަބްޔާން ޖަންނައަށް އޭގެން ސަމްސަލެއް ދިއްކޮށްލަމުން ބުނެލި އެވެ.

ޖަންނަތު އިޝާރާތުން ވަރަށް ކަރުގައި ރިއްސާކަމަށް ބުންޏެވެ. އަދި ނުބޮވޭނެ ކަމަށް ވެސް ބުންޏެވެ.

“ޖަންނާ… މީގެން ފައިވް ސަމްސާ ބޯލަބަލަ… ޕްލީސް.. އަހަރެން ބުނީމަ… އިނގެޔޭ ޖަންނަގެ ކަރުގަ ރިއްސާކަން… ޖަންނަ ވާހަކަ ދައްކާއިރު ވެސް އެކަން އިނގެޔޭ… އެކަމު އެއްޗެއް ނުކައި އޮންނަންޏާ އެހެން މީހުން ފިކުރު ބޮޑުވާނީ… އެހެން މީހުން ބަލިވީމަ ޖަންނަ ކީކޭ ކިޔަނީ؟ ހަމަ ދެރަވެގެން މިހެން ކިޔާނީ ނުކެއިމަ. އަދި ނުކައިމަ އެހާ ދެރަވެސް ވޭނު… ދެން ޖަންނަ ބަލިވީމަ ތި އުޅެނީ ކިހިނެއް؟” އަބްޔާން އެހެން ބުނަމުން އަނެއްކާވެސް ސަމްސާ ދިއްކޮށްލި އެވެ. ޖަންނަތު އެ ބޯލި އެވެ.

“އަން، މި އެއްކޮން ބޯލެވޭތޯ ބަލާބަލަ… އެއްޗިހި ދިރުވަން ފެށީމަ ވެސް ކަރަށް ފަސޭހަ ވެދާނެ.”

ޖަންނަތު އަމިއްލައަށް ސޫޕުތަށީގައި ހިފައިގެން މަޑުމަޑުން އިނދެގެން ބޯން ފެށި އެވެ.

“ޖަންނާ… އަހަރެން މިއުޅެނީ ސިންގަޕޯރ އަށް ދާން.” އަބްޔާން އިރުކޮޅަކު ޖަންނަތުއާއި ދިމާއަށް ބަލަން އިނދެފައި ބުނެލި އެވެ. ޖަންނަތު ކޮން އިރަކުހޭ ބުނެލީ އިޝާރާތުންނެވެ.

“އީދުގަ… އާލިޔަ އެކޮޅުގަ ބަހައްޓަން ދަނީ. މަންމައާ ބައްޕަޔާ ވެސް ދޭ. ފިފްޓީން ޑޭސް ޗުއްޓީ ވެސް ނަގައިފިން.” ޖަންނަތު އަބްޔާންއަށް ބަލަހައްޓައިގެން އިނެވެ.

“އަހަރެން މިސް ވާނެ ދޯ.” އަބްޔާން އަހާލި އެވެ. ޖަންނަތު ބޯ ޖަހާލި އެވެ.

“އަހަރުމެނަށް މެނޭޖަރެއް ލިބިއްޖެ. މިރޭ ޒައިދާން އާއި އެކު މިރަށަށް އަޔޯ އޭނަ… މާޒިދް ކިޔާ މީހެކޯ… މެނޭޖުމެންޓުން ޑިގްރީ ހަދާފަ ހުރި މީހެކޯ… އަދި މަށަކާ ވެސް ދިމައެއް ނުވެ. ޒައިދާން ބުނީ ޖަންނައަށް ވީކްއެއް ރެސްޓް ދީފަޔޯ ތިޔޮތީ… އެހެންވީމަ ޖަންނައަށް މާޒިދްއާ ދިމާވާނީ ވީކްއެއް ފަހުން… އޭރުން އަހަރެން ފުރަން ވެފަ އޮންނާނީ…” އަބްޔާން ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޖަންނަތު ވާހަކަ އަޑުއަހަން އިނދެގެން މަޑުމަޑުން ސޫޕު ބޮމުން ގެންދިޔަ އެވެ. އެހެން ކަމުން އެއްވާހަކަ އަށް ފަހު އަނެއްވާހަކަ އަބްޔާން ދައްކަމުން ދިޔަ އެވެ.

“ޖަންނާ، އަދި އީދު ތެރޭ ޖަންނަ ދޮންތަ މޭރީ ވެސް ކުރާނެ…” އެހެން ބުނުމުން ޖަންނަތު ދެލޯ ބޮޑުކޮށްލާފައި އަބްޔާން ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި ބަލައިލި އެވެ.

“އާން، ދެންމެ ޒީނަތު އައިސް ބުނީ މޫސަ މަންމަ ބޭނުންވަނީ އީދުގަ އެމީހުން ކައިވެނި ކުރާށޯ.” ޖަންނަތު އެހެންހޭ ބުނާފަދަ ގޮތަކަށް ބޯ ޖަހާލި އެވެ. “އެހާތާކު އަހަންނެއް ނުހުންނާނެ… އަނެއްކާ އަނެއްކޮޅުން އާޒަތުއަށް އޮސްޓްރޭލިޔާއިން އޮފަރ އެއް ލިބިއްޖެ. އޭނަ މެޑިސިން ކިޔަވަން.” ޖަންނަތު އަނެއްކާވެސް ލޯބޮޑުކޮށްލަމުން ގަބޫލު ނުކުރެވިފައި ބަލަން އިނެވެ. އާޔަތު ގޮވައިގެން އޭނަ ދާތާކަށް ދާން ބޭނުން ވަނީ… އެކަމަކު ޖަންނަ އެކަނި ބަހައްޓާފަ ނުދާން އެ ހުންނަނީ.” ޖަންނަތު ސޫޕްތަށި އަބްޔާން އަތަށް ދިނެވެ. އޭރު އޭގައި އިނީ ވަރަށް ކުޑަ އެތިފޮދެކެވެ. ޖަންނަތު ބޭނުންވީ ވާހަކަ ދައްކާށެވެ.

“ކީއްވެ….” އެިހިސާބަށް ބުނި ތަނުން ޖަންނަތުގެ ތުންފަތުގައި އަބްޔާން ޝަހާދަތް އިނގިލި ޖައްސާލި އެވެ.

“އަދި އަހަރެން ވާހަކަ ދައްކާ ނުނިމެޔޭ… ޖަންނަ ވާހަކަ ދައްކާނީ އަހަރެން ނިމުނީމަ.” އަބްޔާން އެހެން ބުނުމުން ޖަންނަތު ގެ ތުންފަތުގައި ޖައްސާއިގެން އިން އަބްޔާންގެ އަތުގައި ހިފާލަމުން ތިރިކޮށްލި އެވެ.

“ޖަންނާ… އާޒަތު އެއީ ޖަންނަ ފެމިލީގަ ހުރި ހަމަ އެކަނި ފިރިހެނަކީ… އޭނަ ޖަންނައާ ދޭތެރޭ ވަރަށް ވިސްނާ… ޖަންނަ އެކަނި ބަހައްޓާފަ ނުދާން މި ހުރިހާ ދުވަހު އެ މަޑުކުރީ… އަނެއްކާ މިހާރު ޒީނަތު މީހަކާ އިންނަނީ… މޫސަ މަންމަ ގައިމުވެސް މޫސަ ގެއިން ބޭރުގައި ދިރިއުޅޭކަށް ހުއްދައެއް ނުދޭނެ. އެހެންވީމަ ޒީނަތު އުޅެން ޖެހޭނީ އެގޭގަ. ދެން އާޒަތު އާ އާޔަތު ދިޔައިމަ ޖަންނަ އެކަނި މިގޭގަ ހުންނަން ޖެހޭނީ.”

ޖަންނަތި އެނދުކައިރީ އޮތް ކަބަޑު މަތިން ފޯނު ނެގި އެވެ. އަދި އޭގައި މެސެޖު ލިޔެފައި އަބްޔާންއަށް ދައްކާލި އެވެ.

“އަހަރެން އެކަނި އުޅުނަސް އެއީ މައްސަލައެއް ނޫނޭ… އަހަންނަށް އެކަނި އުޅެވޭނެޔޭ.” ޖަންނަ ލިޔެފަ އޮތް މެސެޖު ކިޔާފައި އަބްޔާން ހިނިތުން ވެލި އެވެ. އަދި ޖަންނަގެ އަތުގައި ހިފާލި އެވެ.

“ޖަންނަ ތި ބުނަނީ އެކަނި އުޅެވޭނެޔޭ… ތި ފޯނަށް މިހާރު ވެސް އަންނަ ފޯނުކޯލު ތަކޯ؟” ޖަންނަތު ފޯނުން މެސެޖު ލިަޔން ފެށި އެވެ. “ޖަންނައަށް ފިރިހެނުން ކުރާ އުނދަގޫ އިތުރު ވާނެ، އަނެއްކާ އަނެއްކޮޅުން…” އެހިސާބަށް ބުނިތަނާ ޖަންނަ ފޯނު ދައްކާލި އެވެ.

“އަބީ… މަށަށް މީހުން އުނދަގުލެއް ނުކުރޭ… އަބީއަށް ކިހިނެއްތަ އިނގެނީ މީހުން އުނދަގޫ ކުރާކަމެއް؟ އެހެން ނޫނަސް މަމީ އެކަހަލަ ކަންތަކާ ބިރުގަންނަ މީހެއްނޫން.” ޖަންނަ ލިޔަފަ އޮތެވެ.

“އޮފް ކޯސް ޖަންނާ… ޔޫ އާރ ވެރީ ބްރޭވް… އެކަމަކު ޖަންނަ އެކަނި ހުއްޓާ ވިދާ ގުގުރަން ފަށައިފިއްޔާޔޯ؟” އަބްޔާން އަހާލި އެވެ. ޖަންނަތުއަށް އެހިސާބުން ބުނާނެ އެއްޗެއް ނޭގުނެވެ. އިސްޖަހާލެވުނެވެ.

ތެދެކެވެ. ކިތަންމެ ބިރު ނުގަންނަ ކަމަށް އުޅުނަސް އެއީ ޖަންނަތުއަށް ބިރުން ސަލާމަތް ވެވޭނެ ކަމެއް ނޫނެވެ. ޖަންނަތުގެ މޫނު މިލައިގެން ދިޔަ އެވެ.

“ޖަންނާ، އަހަރުމެން ތިކަމަށް ހައްލެއް ހޯދައިފިން. އެކަމަކު އެއީ ޖަންނަ ގަބޫލިއްޔާ.” އަބްޔާން އެހެން ބުނުމުން ޖަންނަ ހިމަ އަޑުން ކޮން ކަމެއްހޭ ބުނެލި އެވެ.

“ޒައީމާއްތަ މެންގެއަށް ޖަންނަ ޝިފްޓް ވާންވީ. ޒައީމާއްތަ ކައިރީ ހުރީމަ ޖަންނައަށް ޕްރޮޓެކްޝަން ލިބިފަ އަދި އެކަހަލަ ދުވަސް ތަކުގައި ވެސް ކައިރީގަ ހުންނާނެ މީހަކު ލިބޭނެ.”

“އެކަމަކު ޒައީމާއްތައަށް އުނދަގޫ ވާނެ.” ޖަންނަތު ފޯނުގައި ލިޔެލި އެވެ.

“ނޫން، ޖަންނަ ގޮސްގެން މީހަކަށް އުނދަގުލެއް ނުވާނެ. ވިޔަސް ވާނީ ފަސޭހަ. ޒައީމާއްތަ މެންގޭގަ ޖަންނަ އުޅޭނީ އެގެއަށް ހަރަދު ކޮށްގެނޭ.” ޖަންނަތު ވިސްނާލަން އިނެވެ.

“އެކަމަކު އަދި ޒައީމާއްތަ ކައިރީ މިވާހަކައެއް ނުދައްކަން. ޖަންނަ ގަބޫލިއްޔާ ދައްކަން ކަމަށް.” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. “ދައްކަން ވީތަ؟”

ޖަންނަތު ބޯ ޖަހާލި އެވެ. އެވަގުތު ޒީނަތު އެތެރެއަށް ވަނެވެ.

“ކޮބާ ބޯލައިފިން؟” ޒީނަތު އައިސް ސޫޕު އެތި ބަލައިލި އެވެ. “އަބީ، އަހަރުން އުޅެ އުޅެ ނުވި ކަމެއް ތި ކުރީ.”

“މަ ހަމަ އޭނަ އަތަށް ސޫޕު ތަށި ދީފަ މިގޭގަ ހިގާ ހުރިހާ ވާހަކަތަކެއް މިކިޔައި ދިނީ. ނިމުން އިރު އެވެސް ހުސްވެއްޖެ ދޯ ޖަންނާ.” އަބްޔާންހިނިތުން ވެލަމުން ބުނެލި އެވެ.

“އެހެންތަ، އާން ދެންމެ އާޒަތު ކިޔައިދީފި އަހަރުމެނަށް ވެސް… ޖަންނާ، ޒައީމާއްތައާ ވާހަކަ ދައްކަން ވީތަ؟” ޒީނަތު އެހި އެވެ. “ޖަންނަ ޒައީމާއްތަ ކައިރީ ހުއްޓަސް ވިއްސާރަ ދުވަސް ތަކުގަ ދޮންތަ އަންނާނަމޭ ޖަންނަ ކައިރިއަށް.”  އަބްޔާން ޖަންނައަށް ބަލައިލަމުން ބުމަ އަރުވާލި އެވެ.

“ޖަންނާ، އެގެއަށް ދާނަން ދޯ؟” އަބްޔާން ޖަންނަގެ އަތުގައި ހިފާލަމުން އެހި އެވެ. ޖަންނަތު ޒީނަތުއަށް އެއްފަހަރު އަބްޔާންއަށް އެއްފަހަރު ބަލައިލާފައި ބޯ ޖަހާލި އެވެ.

“ދެޓްސް އިޓް. އެހެންވީމަ ގިނަ ގިނައިން އެއްޗިހި ބޮއެ ކައި ހަދައިގެން ރަގަޅުވޭ… ބައިވަރު ކަންތައް އެބަހުރި ކުރަން.” ޒީނަތު އުފާވެފައި ބުނެލި އެވެ.

“އެއީ ތެދެއް. އަވަހަށް ރަގަޅުވާން މަސައްކަތް ކުރޭ. ޒީނަތުގެ ބަސްއަހައިގެން ކައި ހަދާ.” އެހެންބުނެފައި އަބްޔާން ފޯނުން ގަޑި ބަލައިލި އެވެ.

“އެކެއް ޖަހަނީތަ؟” އަބްޔާން ހައިރާން ވެފައި އަހާލިއެވެ.

“އާން… ހެހެހެ ނޭގެ ދޯ ވަގުތު ދިޔަ ގޮތްވެސް.”

“އާން، އަސްލުވެސް.” އެހެން ބުނެފައި އަބްޔާން ތެދުވި އެވެ. “ޖަންނާ، ދަނީ އިނގޭ.” އެހެން ބުނެފައި ޒީނަތުއާއި ދިމާލަށް ހިނިތުން ވެލަމުން އެތަނުން ނިކުތެވެ.

“ޖަންނާ! އަބީ… އަބީ ހާދަ އެހެން ގޮތަކަށޭ މިހާރު އެ އުޅެނީ؟” ޒީނަތު އަބްޔާން ދިއުމުން ޖަންނަތުގެ އެނދުގައި އިށީންނަމުން ބުނެލި އެވެ. ޖަންނަތު އިނީ ޒީނަތު އިތުރަށް ވާހަކަ ދައްކާތޯ އެވެ. “ޖަންނައާ ދިމާއަށް ބަލާގޮތް… މަށަށް އެލޮލުން ލޯބި ފެންނަނީ.”

ޖަންނަތު ރަކިވެގެން އިސްޖަހާލިއެވެ. އަދިހިމަ އަޑުން ދެން ނޫނެކޭ ބުނެލި އެވެ. “ތީ ދޮންތައަށް ހީވާ ގޮތް.” ޖަންނަތު ކަރު ކެހިލާފައި އަޑު ރަގަޅު ކޮށްލަން މަސައްކަތް ކުރަމުން ބުނެލި އެވެ. ޒީނަތު ހިނިތުން ވެލަމުން ދެން ނިދާށޭ ކިޔާފައި އެތަނުން ނިކުތެވެ.

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

ހާދަހަވޭ ކުރާހިތް ސަމާސާ 33 ވަނަ ބައި

Next

maazy

Next
April 25, 2016

maazy

Previews
April 24, 2016

ހާދަހަވޭ ކުރާހިތް ސަމާސާ 33 ވަނަ ބައި

10 Comments

  1. noo says:
    April 24, 2016 at 10:47 pm

    Varah reethi mibaives aasi..keep it up

  2. Shaai says:
    April 24, 2016 at 11:05 pm

    Aishaa …. Shaai ah eba vadheveyne.

  3. yaayaa says:
    April 25, 2016 at 1:00 am

    Alhey stwry lwbikann

  4. Zaanaa says:
    April 25, 2016 at 8:04 am

    Zaanaa ves ulhe ulhe nuvadevunu khon ahcheh jahaigen tha vah nanee

  5. Maash says:
    April 25, 2016 at 9:15 am

    Ahahnnah vx eba vadhevey

  6. neee says:
    April 25, 2016 at 9:16 am

    v v v reethi mi part vx…….next part avhah up kohdheee

  7. Sama says:
    April 28, 2016 at 1:47 am

    Kon dhuwahaku next part update waany.
    Can’t wait to read. Warah salhi.

  8. zai says:
    April 28, 2016 at 10:59 am

    haadha lahey next part up kuraale.. thankoleh avahah up kohlevidhaane tha…

  9. hajj says:
    April 29, 2016 at 9:10 pm

    Wow varah reethi mi vaahaka kon irakun anehba up kohdeynee

  10. nnnnn says:
    May 1, 2016 at 8:16 pm

    Kobaa mi story ge anehba plx up kohdhy ba plx v kiyaa hiy vey

Comments are closed.

All Right Reserved!