
ޤުރުބާން ވުމީ މިހިތުގެ އުފާ 12 ވަނަ ބައި
“ޝޫޝް.” އަބްޔާން ޖަންނަތުގެ ކަންފަތް ދޮށުގައި އެހެން ބުނަމުން މަޑުމަޑުން ޖަންނަތުގެ އަނގަމަތީ އެޅި އަތް ނައްޓާލި އެވެ. ޖަންނަތުއަށް އަބްޔާންއާއި ދިމާއަށް ބަލަން ހުރެވުނީ އެވެ. އޭރު އަބްޔާންގެ ހޫނު ނޭވާ ޖަންނަތުގެ މޫނަށް އެޅެ އެވެ. ދެމީހުނަށް ވެސް ތިބީ އެހާ ބޮޑަށް ކައިރި ވެވިފަ އެވެ.
އަބްޔާން މަޑުމަޑުން ޖަންނަތުގެ ގައިން ދޫކޮށްލާ ދުރަށް ޖެހިލީ ގަސްތަކުތެރެއިން މޫސަ ނިކުމެގެން ޒީނަތު ކައިރިއަށް ދާން ފެށުމުންނެވެ. ނަމަވެސް ހިފިފައި އޮތް ޖަންނަތުގެ އަތަކުން އަބްޔާން ދުލެއް ނުކުރެ އެވެ. ދެމީހުން މޫސައާއި ދިމާއަށް ބަލަން ތިއްބެވެ.
މޫސަ ގޮސް އެއްކަކޫ ވެލިގަނޑުގައި ޖައްސާ ޒީނަތު ކައިރިއަށް ތިރިވެލި އެވެ. ކިޔާ އެއްޗެއް އަބްޔާން މެނަކަށް އަޑެއް ނީވެ އެވެ.
“އަޑެއްނީވޭނު… ކީކޭތަ އެ ކިޔަނީ؟” އަބްޔާން ނިކަން މަޑުން ބުނެލި އެވެ.
“ނޭގެ… ފިލާތިބެން ހެދިތަން މާދުރީނު.” ޖަންނަ ވެސް އެހާ މަޑުން ބުނެލި އެވެ.
“ނޮޓް މީ.” އަބްޔާން ބުނެލި އެވެ.
ނޫރު ދުރުގައި ހުރެގެން އިޝާރާތުން އަޑުނީވޭ ކަމަށް އަބްޔާންއަށް އަންގާލި އެވެ. އަބްޔާންވެސް އަޑުނީވޭ ވާހަކަ އިޝާރާތުން ބުންޏެވެ.
ޒީނަތު ކުއްލިއަކަށް ތެދުވިތަން ފެނުނެވެ. އެވަގުތު މޫސަ ޒީނަތުގެ އަތުގައި ހިފާ ކޮންމެސް ވާހަކައެއް ދައްކަމުން ދިޔަ އެވެ.
“އަނެއްކާ ގަބޫލު ނުވީތަ؟” އަބްޔާން ޖަންނަތުއަށް ބަލައިލަމުން އަހާލި އެވެ.
“ކިހިނެއް އިނގެނީ.” ޖަންނަތު ބުނެލި އެވެ.
ވާހަކަތަކެއް ދައްކާފައި އިރުކޮޅަކުން ފެނުނީ މޫސަ އާއި ޒީނަތު ކައިރިވެލާ ބައްދާލި ތަނެވެ.
“އެޓް ލާސްޓް އެކްސެޕްޓަޑް.” ޖަންނަތު ނޭވާއެއް ބޭރަށް ދޫކޮށްލަމުން ބުނެލި އެވެ.
“ކިސްއެއް ދޭކަށް ނުކެރުނެއްނު.”
“ދެން މޫސައަށް މިތާ އެންމެން ތިބިކަން އިނގިހުރެ އެކަހަލަ ކަމެއް ނުކުރާނެނު.”
“މަނަމަ ދިނީމުސް.” އަބްޔާން ޖަންނަތުއަށް ބަލައިލާފައި އެހެން ބުނެލާފައި ޖަންނަތު އަތުން ދޫކޮށްލަމުން އެތަނުން ނުކުތެވެ. އެވަގުތު އެހެން އެންމެން ވެސް އަތްޖަހަމުން ތިބި ތަނުން ނިކުންނަން ފެށި އެވެ. ޒީނަތު ލަދުން ދެކޮލުގައި ދެއަތް އަޅައިގެން އިސްޖަހައިގެން ހުއްޓެވެ.
“ކޮންގްރާ.” ޖަންނަތު އައިސް ޒީނަތު ގައިގައި ބައްދާލަމުން ބުނެލި އެވެ.
“ޖަންނަގެ ކަމެއްދޯ.” ޒީނަތު ބުނެލި އެވެ.
“ނޫނޭ، މަށަށް ވެސް އިނގުނީ ދޮންތަ މިތަނަށް ގެނައިފަހުން ވާނުވާ.” ޒީނަތު ކައިރީ ޖަންނަތު ބުނެލި އެވެ. އަދި ވީގޮތް ކިޔައިދިނެވެ. ޒީނަތު އާއި މޫސަ ހެވިފައި އެންމެނާ ސަލާން ކޮށްލި އެވެ.
“އުޅޭ އެކޮޅަށް ދާން. މިހާރު ސައިގަޑި އެއްނު.” ނޫރު ބުނެލި އެވެ.
“އާން، ދެން ދާންވީޔޭ. ދަތުރުގެ މިޝަން ކޮމްޕްލީޓްވީނު.” އަބްޔާން ވެސް އެހެން ބުނެފައި ހިނގައި ގަތެވެ.
ސައިބޮއެ ހަދައިގެން އެންމެން ތައްޔާރުވީ ފުރަން އުޅޭށެވެ. އޭރު ޒައީމާ އެއްޗިހިތައް ފޮށިގަނޑުތަކަށް އެޅުމުގައި އުޅެ އެވެ. ޖަންނަތުވެސް ޒައީމާއަށް އެހީވާން އުޅެ އެވެ. އަބްޔާންއާއި ނޫރު މުޅިތަން ސާފުކޮށްލި އެވެ.
“މީ އެންމެ ފޫހި ދަތުރު… ސަހާދެއް މިބުނީ.” ޒައީމާ ކޮނޑުގައި ދަބަސް އަޅުވަމުން ބުނެލިއެވެ. “މަދެން ކަލޭމެނާ އެއްކޮން ދަތުރެއް ނާންނާނަން.”
“އެއީ ކީއްވެ ޒައީމާއްތާ؟” ޒައީމާ ކައިރީ ހުރި ފިރުޝާ އަހާލި އެވެ. ޒައީމާ އަނގައިން ވެސް ނުބުނެ ހުއްޓެވެ.
“ދެން އަހަރުމެންވެސް ޒައީމާއްތައެއް ނުގެންނާނަން.” ނޫރު ހުރެފައި ބުނެލި އެވެ.
“އެއީ ތެދެއް… ދެން ފަހަރަކުން ގެންނާނީ ސިޔާމާއްތައާ ޒައީމާއްތައާ ދެކުދިން އެއްކޮން.” އަބްޔާން ހުރެފައި ބުނެލި އެވެ.
“އާން، ތިހެން ވިއްޔާ މަ އަންނާނަން. އަބީހާ ވިސްނޭ ކުއްޖެއް ނެތް މިތާކު.” ޒައީމާ ބުނެލި އެވެ.
އެންމެން ދޯންޏަށް އަރާ ހަމަޖެހިލި އެވެ. ޒައީމާގެ އުނގުގައި ޔަޒަން އޮށޯވެލި އެވެ. ހުރިހާ ފިރިހެންވެރިން ދިރުނބާކޯޅުގައި ސަކަރާތުގައި ތިއްބެވެ. އިރުކޮޅަކާ ހިނގަނޑު ޖަހާލާ އަޑު އިވެ އެވެ. ވެފައި ތިބި ވަރުބަލިން ދެންތިބި މީހުން މަޑުމަޑުން ރަށަށް ދެވެންދެން ތިއްބެވެ.
ދޯނި ލެފުމުން އެންމެން ފޭބި އެވެ. މޫސަ ދަމުން ޒީނަތުއަށް އިޝާރާތުން ފޯނު ކުރާނަން ކަމަށް ބުނެލި އެވެ. އެތަން ފެނިގެން ހެވިފައި ޖަންނަތު ޒީނަތުއާއި ދިމާކޮށްލި އެވެ. އެވަގުތު ޖަންނަތުއަށް ބަލަހައްޓައިގެން ހުރި އަބްޔާން ޖަންނަތުގެ ލޮލުގައި އަޅައި ގަތެވެ. “އަބީ ވެސް އެކަހަލަ މެސެޖެއް މަށަށް ދޭނެނަމަ.” ޖަންނަތު ހިތަށް އެރި އެވެ. ނަމަވެސް އަބްޔާން ހަމަ އެކަނި ހިނިތުން ވެލަމުން އަހްޔާންގެ ސައިކަލު ފަހަތައް އެރި އެވެ. އަދި ދަމުން ވެސް އެއްފަހަރު ފަހަތައް ބަލައިލި އެވެ.
ދަތުރުގެ ފަހުން މޫސައާއި ޒީނަތުގެ ގުޅުން އިތުރުވެގެން ދިޔަ އެވެ. ފިހާރާގައި ޒީނަތު އިންނަ ގަޑީގައި މޫސައަށް އެއްވެސް ތާކަށް ދެވޭކަމަކަށް ނުވެއެވެ. ހަމަ އެހެންމެ ކޮންމެ ރެޔަކު ސާރާއާއި މުޒައްފަރުގެ ބައްދަލުވުންތައް ކުރިއަށް ދިޔައީ ސާރާމެންގޭ ގޯތިތެރޭ ހުންނަ ދެޖޯލީގެ ޖޯލިފަތީގަ އެވެ.
ޖަންނަތުއާއި އަބްޔާންއަށް ވާގޮތަކީ އޮފީހުން ދެމީހުން ދިމާވުމުން ރަކި ހިނިތުން ވުމެއް ބަދަލުކޮށްލެވެނީ އެވެ. އެކަކު އަނެކަކުގެ ހިތުގައި އޮތް އެއްޗެއް އިނގޭކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެ އެވެ. ދެމީހުނަށް ވެސް ލޯބިވެވިގެން އުޅޭކަން ގަބޫލުކުރަން ބޭނުން ނުވަނީ އެވެ.
އަބްޔާންއާއި މުޒައްފަރުގެ ވަޒީފާ ނިމުމުން ކޮންމެ ދުވަހަކު ވެސް ފިރިހެން ގުރޫޕު މަހަށް ގޮސް، ނޫނީ ވަލަށްވަދެ ކުރުނބާ ބޮއެ މަޖާނަގަމުން އުޅެން ފެށި އެވެ. އަހްޔާން ފުރަން ކައރިވެފައި ވާތީ އަހްޔާންގެ ހިތް އުފާކޮށްލައިދޭން އެދުވަސްތައް އެގޮތުގައި ވޭތިވެގެން ދިޔަ އެވެ.
“އަހަރެން އެއްގޮތަކަށްވެސް ގަބޫލު ކަމެއްނޫން ތީކީ.” އާލިޔާ ކިޔަވާހިތްވާ އެތި ބުނުމުން ހިދާޔާ ހިތްހަމަ ނުޖެހިގެން ބުނެލި އެވެ.
އޭރު ސޯފާގައި ނަސީރުއާއި އަހްޔާންއާއި އަބްޔާން ވެސް ތިއްބެވެ. ހަމަ އެކަނި ނެތީ އާލިޔާ އެވެ.
“ހިދާޔާ، އެމަންޖެ ކުރާހިތްވާ ކަމަކަށް ދެކޮޅު ހަދަންވީ ކީއްކުރަން. އެމަންޖެ ޝައުގުވެރިވާ މަސައްކަތެއްގައި އުޅުނީމަނޫންތަ އުޅެވޭނީ.” ނަސީރު ބުންޏެވެ.
“މަންމާ… އޭނަ އެބުނަނީ އޭނަ އެހެން އެއްޗެއް ކިޔަވާ ހިތެއް ނުވެޔޭ. މަންމައެއް ނޫންތަ ބުނީ އޭނަ އުޅޭގޮތް ބަދަލުކުރަން ބާރުއަޅާ ދޭށޭ. ޔާންއާ އެއްކޮން އެކޮޅުގަ އެކޯސް ހަދަން ބަހައްޓަލަ ބަލަ ދުވަސް ކޮޅަކު. ފަހަރެއްގައި އެކޯސް ހަދާފައި އައިސް މިތާ އެމަސައްކަތް ކުރަން ވިސްނައިފިއްޔާ ކިހާ ރަގަޅު.” އަބްޔާން ހިދާޔާ ގާތު ބުނަމުން ދިޔަ އެވެ.
“އަބީ އެބުނީ ތެދެއް މަންމާ… މިހާރު އަބަދު ގޭން ބޭރުގައި އެއުޅޭ ގޮތްތައް ކެނޑި ހަރުދަނާ ވެދާނެ. އޭރުން މަންމަގެ ބޮލަށްވެސް ކިހާ ފަސޭހަވާނެ. އަބަދު އާލިޔާ ވީތަނެއް ނޭގިގެން މިހާރު ތި ހުންނަނީ ފިކުރު ބޮޑުވެފަ.” އަހްޔާން ވެސް ބުންޏެވެ.
“ތި ދައްކާ ވާހަކަތައްވެސް ގަބޫލު ކުރެވޭ. އެކަމަކު ވެސް މޭކަޕުކޮށް ކުލަޖެއްސުމަކީ މަށަށް ވަރަށް ހުތުރު ކަމެއް. އެކަމަކު ދެން ތިކަން ހުއްޓުވާކަށް މަ ނެތިން.” ހިދާޔާ އެންމެ ފަހުން ބުނެލި އެވެ.
“ބައްޕައަށް ފެންނަނީ އާލިޔާ ގެންދާއިރު އަބްޔާންވެސް ދާން. އެއީ އަހްޔާންގެ ސެމިސްޓަރ ފެށުނީމަ އާލިޔާގެ ކަންތައްތައް ހަމަޖައްސަން ވަރަށް އުނދަގޫވާނެ.” ނަސީރު ބުނެލި އެވެ.
“ބައްޕާ، އަޅުގަނޑު އެކަމު އެހާ ދާހިތެއް ނުވޭ.” އަބްޔާން ބުނެލި އެވެ.
“އަބީ، ބައްޕަ އެބުނުއްވީ ތެދެއް…. އަހަންނަކަށް އާލިޔާގެ ކޯސް ކަންތަކުގައެއް ނޫޅެވޭނެ.” އަހްޔާން ބުންޏެވެ.
“މިހާރު ރޯދަމަސް ވެސް ވަރަށް ކައިރި ވެއްޖެ. އަހަރެން ހިތަށް އަރަނީ ރޯދަ ނިންމާލާފަ އެންމެން އެއްކޮން ގޮސްލަން… ކީކޭ ހިދާޔާ ބުނަނީ؟” ނަސީރު އިނދެފައި ބުންޏެވެ.
“އާން ތީ ނިކަން ރަގަޅު ހިޔާލެއް.” ހިދާޔާ ބުނެލި އެވެ.
އަހްޔާން ފުރި ދުވަހު އަތިރިމައްޗަށް އެންމެން ދިޔަ އެވެ. އަހްޔާން ގޭމީހުނާއި ސަލާމް ކުރުމަށްފަހު ރައްޓެހިން ކައިރިއަށް އައިސް މަޑުކޮށްލި އެވެ.
“މިފަހަރު އެހާ ފަންއެއްނޫން އިނގޭ އަސްލު. މަ ދެން އަންނަ ފަހަރަށް ކަންތައްތައް ރާވައިގެން ތިބޭތި.” އަހްޔާން ބުނެލިއެވެ. އަދި ފަހަރަކު މީހަކާ ސަލާން ކުރަމުން ދިޔަ އެވެ.
“ޖަންނާ،” ޖަންނަތުއާއި ސަލާން ކޮށްލަމުން އަހްޔާން ގޮވާލި އެވެ. އަދި އެކުވެރި ގޮތަކަށް ހިނިތުން ވެލި އެވެ. “އަބީއަށް އައިސްފައި ވާ ބަދަލު ފާހަގަ ވޭތަ؟” އަހްޔާން ޖަންނަތު ކައިރީ އަހާލި އެވެ. ޖަންނަތު ބޯޖަހާލި އެވެ.
“ދެޓްސް ބިކޯސް އޮފް ޔޫ… އޮންލީ ޔޫ.” ޖަންނަތުއާއި ކައިރިވެލާފައި ނިކަން މަޑުން އަހްޔާން ބުނެލި އެވެ. ޖަންނަތު އަހްޔާންއަށް ބަލައިލި އެވެ. އަހްޔާން ލޯމަރާލަމުން އޭނައަށް ޔަގީން ކުރުމަށް އިށާރާތް ކޮށްލިއެވެ. އަދި އެހެން މީހުނާ ސަލާމް ކުރަމުން ހިތްހެޔޮ ކުރުމަށް ބުނަމުން ގޮސް ލޯންޗަށް އެރި އެވެ. އަބްޔާން އޭރު ހުރީ ނޫރުއާއި އެކު ލޯންޗަށް އަރައެވެ. އަހްޔާން ފުރުވަން އެއަރޕޯރޓަށް ދާށެވެ.
އަހްޔާން ފުރިތާ ދުވަސްތަކެއް ވެގެން ހިގައްޖެ އެވެ. ރޯދައަށް ތައްޔާރީތައް ވުމުގައި ގެތަކުގައި ކުލަލާ ކަންތައްތައް ފެށިއއްޖެ އެވެ. ޒީނަތު އާއި މޫސަގެ މަސައްކަތުން އެގޭ ބަދިގޭގައި ކުލަލާ ސިންކު ބަހައްޓާ ގޭސް އުނދުނެއްވެސް ގެނެސްފި އެވެ. މިހާރު އަތިރިއަށް ތެލިދޮންނަން ދާކަށް ޖަންނަތުއަކަށް ނުޖެހެ އެވެ. އެގޮތުގައި ދުވަސްތައް ވޭތިވެގެން ގޮސް ރޯދަމަސް ވެސް އަތުވެއްޖެ އެވެ.
މިފަހަރު ރޯދަމަހު އަބްޔާން ގަސްތުކުރީ އެންމެ ފުރިހަމަ ގޮތުގައި ރޯދަމަސް ދުއްވާލާށެވެ. އެގޮތުން ރޭ އަޅުކަމުގައި ގިނަވަގުތު އަބްޔާން ހޭދަކުރަމުން ދިޔަ އެވެ. ރޯދަމަހު އޮފީސް ލުއިކުރުމަށް ޒައިދާން ވަނީ މަސައްކަތް ކުރާ ވަގުތު ދެ އިރަށް ބަހާލާފަ އެވެ. އެއީ ހެދުނު ނުވައަކުން ބާރައަށެވެ. އަދި ރޭގަނޑު ތަރާވީސް ނިމިގެން ހުޅުވާފައި އެގާރަ ޖަހަންދެން މަސައްކަތް ކުރާ ގޮތަށެވެ.
އަބްޔާން އޮފީހަށް އައިސް އާދައިގެ މަތިން މަސައްކަތާއިގެން ކުރިއަށް ދާން ފެށި އެވެ. ޖަންނަތު އަދިވެސް އޮފީހަކަށް ނާދެއެވެ. މިހާރު އޭނަ އަންނަހާ އިރު ވެއްޖެ އެވެ. ޒައިދާން އައުމުގެ ކުރިން ތެޅެމުން ފޮޅެމުންވެސް އެތާ ތެރެއަށް ވަދެވޭތޯ އޭނާ ބަލާނެ އެވެ. އަބްޔާން ފާރުގައި އިން ގަޑިއަށް ބަލައިލި އެވެ. ޖަންނަތުގެ އިންތިޒާރުގައި މިނިޓު ގުނާލަ ގުނާލަ އަބްޔާން އިނެވެ.
ޒައިދާން އައިސް ވަންތަން ފެނުމުން އަބްޔާން ތެދުވި އެވެ. އަދި ޖަންނަތު ނާންނަ ވާހަކަ ޒައިދާން ގާތު އަބްޔާން ބުނެލި އެވެ.
އެދުވަހު ޖަންނަތު ބަލިވެގެން ނާންނާނެ ކަމަށް ޒައިދާން ބުނުމުން އަބްޔާންގެ މުޅި ދުވަސް ހަރާބުވި އެވެ. މަސައްކަތް ކުރާހިތް ކެނޑުނެވެ. އިރުކޮޅަކާ ޖަންނަތުގެ މޭޒާ ދިމާލަށް ބަލައިލެ ވެއެވެ.
“ޖަންނާ! އައި މިސް ޔޫ ސޯ މަޗް.” އަބްޔާން ގޮނޑީގައި ލެނގިލަމުން މަޑުމަޑުން ބުނެލަމުން ފޯނުނަގާ ވައިބަރ ހުޅުވާލި އެވެ. މީގެ ކުރިން ދުވަހަކުވެސް އަބްޔާން ޖަންނަތުއަށް ވައިބަރ އިން ވަކިންނެއް މެސެޖެއް ނުކުރެއެވެ. އެކުވެރިންގެ ގުރޫޕުން ޖަންނަތުއާއި ވެސް ވާހަކަ ދެއްކިފައި ހެރެދާނެ އެވެ.
އަބްޔާން މެސެޖެއް ލިޔެލި އެވެ.
“ހައު އާރ ޔޫ؟” އަބްޔާން މެސެޖު ފޮނުވައިގެން ބަލަހައްޓައިގެން އިނެވެ. އެތަކެއް އިރު ވީއިރުވެސް ޖަވާބެއް ނައެވެ. “ގެޓް ވެލް ސޫން!” އަނެއްކާވެސް އަބްޔާން އިސްޓިކާއަކާއި އެކު ފޮނުވާލި އެވެ. އަދިވެސް ޖަންނަތުގެ ހަބަރެއް ނުވެ އެވެ. އަބްޔާންގެ ކެތްތެރިކަން ކުޑަވާން ފެށި އެވެ. ގޮނޑިން ތެދުވެގެން ދެކޮޅަށް ހިގާލި އެވެ. އެއަށްފަހު އަނެއްކާވެސް ފޯނުނަގާ އާޔަތުއަށް ގުޅާލި އެވެ.
“އާޔާ؟ ކޮބާ ޖަންނަ؟” އާޔަތު ފޯނު ނެގުމާއި އެކު އަބްޔާން އަހާލި އެވެ.
“ދެންމެ ސިއްހީ މަރުކަޒަށް ގޮއްސަ ޑޮކްޓަރަށް ދައްކާފަ އެއައީ. ބޭސް ކައިގެން ނިދާލާނީޔޯ ކިޔާފަ ކޮޓަރިއަށް ވަނީ… ގޮވާލަން ވީތަ؟”
“ނޫނޭ، ބާއްވާ ރެސްޓް ކޮށްލަން.” އަބްޔާން ވިސްނާލަމުން ބުނެލި އެވެ. “ބާއި.”
އަބްޔާން އޮފީސް ނިމުމާއި އެކު އަވަހަށް މިސްރާބު ޖެހީ ފިޔާތޮށިގެއަ ށެވެ. އަބްޔާން އެގެއަށް ވަންއިރު މީހެއްގެ ހިލަމެއް ނުވެ އެވެ. އެކަކުވެސް ފެންނަން ނެތުމުން އަބްޔާން އައިސް ޖަންނަތު ކޮޓަރީގައި ޓަކިޖަހާލުމުން ހަބަރެއް ނުވިއެވެ.
“އަދިވެސް ނިދަނީ ކަންނޭގެ.” ހިތާހިތާ އަބްޔާން ބުނެލަމުން ދޮރު ހުޅުވާލި އެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އަބްޔާން އެކި ތަންތަން ހޯދަމުން އައިސް ބަދިގެއަށް ވަނެވެ. އޭރު ޖަންނަތު އުޅެނި ކަބަޑުގެ ތަނކޮޅެއް މަތީގައި ބަހައްޓާފައި ހުރި ކުޑަ ދަޅަކަށް އަތް ނުފޯރައިގެން އެ ނުނެގިގެނެވެ. ފައިގެ އިނގިލިތަކުގެ ކޮޅު ޖައްސައިގެން ކޮރައިގެން ވެސް އަތް ޖެހެން ހުންނަނީ އެންމެ ބައިސޫތު ހާ ތަނެވެ.
އަބްޔާން ބަލަން ހުރެފައި އައިސް ޖަންނަތު ފުރަގަހަތުގައި ހުރެ އެދަޅު ނެގި އެވެ. ޖަންނަތު އެއީ ކާކުތޯ ބަލައިލަން މޫނު އަނބުރާލި އެވެ. އޭރު ނުހަނު ކައިރީގައި އަބްޔާން ހުއްޓެވެ. އަބްޔާން ޖަންނަތުއަށް ބަލައިލުމުން އަބްޔާންގެ ހޫނު ނޭވާ ޖަންނަތުގެ މޫނަށް އެޅެމުން ދިޔަ އެވެ. ދެމީހުނަށް ތިބެވުނީ އެހާވެސް ކައިރީގަ އެވެ. އެއްކަލަ ނޭގޭ ޖަޒުބާތުގެ އޮއެވަރު ދިމީހުންގެ ވިންދާ ކުޅެން ފެށި އެވެ. ކުއްލިއަކަށް ޖަންނަތުއަށް އެޅުނު ކިބިއްސާއި އެކު އަބްޔާންގެ މޫނަށް ކުޅު ތިކިތައް ބުރައިގެން ދިޔައެވެ. ދެމީހުން ދުރަށް ޖެހިލި އެވެ. އަބްޔާން ލޯ މަރައިގެން ހުއްޓެވެ.
“ސޮރީ އަބީ ސޮރީ.” ކުރެހިފައި ވާ އަޑާކުން ޖަންނަތު ބުނަމުން ކާމޭޒު މަތީ ހުރި ކަރުދާސް ރުމާ އެތިން ރުމަލެއް ގެނެސް އަބްޔާންއަށް ދިއްކޮށްލި އެވެ. ޖަންނަތު ހުރީ ވަރަށް ލަދުގަނެފަ އެވެ.
“އަބީ ސޮރީ.” އަބްޔާން އެ ކަރުދާސް ރުމާލުން މޫނު ފޮހެލުމުން ޖަންނަތު އަނެއްކާ ވެސް ބުނެލި އެވެ.
“ރޯދަ ނުގެއްލުނީ ކިރިޔާނު.” އަބްޔާން ހިނިއަ އެވެ. އަދި ބާރަށް ހޭން ފެށި އެވެ. ޖަންނަތު ކައިރިއަށް ވެސް ހިނި އައެވެ.
“ބަލިވެ އުޅޭ މީހާ ކީއްކުރަންތަ ތި އުޅެނީ؟”
“މިއުޅެނީ އޯޓްސް ހަދަން ވެގެން. އާޒަތުއޭ އޯޓްސް ދަޅު އެހާ މަތީގަ ބަހައްޓާފަ އެހުރީ.”
“އޮފީހުގަ މިއަދު ވަރަށް ފޫހި… އައި މިސްޑް ޔޫ ސޯ މަޗް ޖަންނާ.” އަބްޔާން އިނދެފައި ބުނެލި އެވެ.
“އަސްލު މަ އޮފީހަށް ދާށޭ ހުރީ… އެކަމު އެގަޑީ ހުން އައިމަ އެހަށް މަޑުކޮށްލީ. އަނެއްކާ ދޮންތަ ވެސް މިހާރު ވަރަށް ކެއަރ ކުރޭ. ދޮންތަ އެއްގޮތަކަށް ވެސް މަ ދިޔަކަ ނުދިން. އަދި ރޯދައަށް ހުރިއަކަވެސް ނުދިން. މިއަދު ބަދިގޭ ހުރިހާ ކަމެއް ވެސް ކުރާނީ ދޮންތަޔޯ ބުނީ.” ޖަންނަތު އެހެން ބުނެފައި އަބްޔާން މޭޒުމަތީ ބޭންދި އޯޓްސް ދަޅު ހިފައިގެން އުނދުން ކައިރއަށް ދިޔަ އެވެ.
“އަބީ ގެއަށްވެސް ނުގޮސް ތިއައީ މަގޭ ހާލު ބަލަން؟” އުނދުން ކައިރީ ހުރެ ޖަންނަތު އަހާލި އެވެ.
“އާން، މިބުނީނު ޖަންނަ މިސްވި ވާހަކަ… މިރޭ އޮފީހަށް ދާނަންތަ؟ ކަމެއް ނުކުރިއަސް އެތާ އިނދެލަން.” އަބްޔާން އުނދުން ކައިރިއަށް އައިސް ބުނެލި އެވެ.
“ހެހެހެ… ކުރިމަތީ މަގޭ ފޮޓޯއެއް ބަހައްޓައިގެން އިންނަން ވީނު… އޭރުން ރަގަޅު ވާނެ.” ޖަންނަތު ސަމާސާ ރާގަކަށް ބުނެލި އެވެ. މިރޭ ކުޑަކޮންވެސް ރަގަޅިއްޔާ ދާނަން.”
“ޖަންނާ، ޖަންނަގެ އަޑު މިހާރު ހީވަނީ ހިންދީ ފިލްމު ކުޅޭ ރާނީ މުކަރްޖީގެ އަޑު ހެން.”
“އާޗާ ކިހާ ސަޅި ދޯ.”
“ހަހަހަހަ… އެކަމަކު ވަރަށް އުނދަގޫ އަޑުއަހަން.” އަބްޔާން ހިނިގަޑެއް ޖަހާލަމުން ބުނެލި އެވެ.
ޖަންނަތު ވެސް އޯޓްސް ސޫޕު ހަދާލައިގެން އައިސް މޭޒުކައިރީ އިށީނުމުން އަބްޔާން ވެސް އައިސް މޭޒުކައިރީ އިށީނެވެ. އެކަކުވެސް އަނގައިން ނުބުނެ އެވެ. ޖަންނަތު އެތިކޮޅު ކޮޅުން ސޫޕު ބޯތަން ބަލަހައްޓައިގެން އަބްޔާން އިނެވެ.
އެވަގުތު ބޭރުން ބާރު އަޑެއް އިވެން ފެށި އެވެ. ހީވަނީ ޑަބިޔާއެއްގައި ބާރަށް ތަޅާ ހެނެވެ.
“އެއީ ކޮން އަޑެއް؟” އަބްޔާން އަހާލަމުން ތެދުވި އެވެ. ޖަންނަތު ވެސް ތެދުވެ ބޭރު ދޮރުކައިރިއަށް ދުއްވައި ގަތެވެ. އަބްޔާން ވެސް ޖަންނަތު ފަހަތުން އައިސް ދޮރުކައިރީ ހުއްޓުނެވެ. އޭރު ސާރާ މެންގޭ ޖޯލީގައި އިނދެގެން ފަރުޒާނާ ބާރަށް ޑަބިޔަލެއްގައި ދަނޑިއަކުން ތަޅަނީ އެވެ. ހިސާބު ގަނޑު މީހުނާއި މަގު މަތިން ދިޔަ މީހުން ހިސާބަކަށް އެއްވެފައި އޮތެވެ.
“ޕިސް ޕިސް… ބޮޑުބެ ދައްތަ މޮޔަވެފަތަ؟” ޖަންނަތުއަށް މަޑުމަޑުން ބުނެލެ ވުނެވެ.
އަބްޔާން އަވަހަށް ފޯނުނަގާ މުޒައްފަރަށް ގުޅާލި އެވެ. އިރުކޮޅެއް ފަހުން މުޒައްފަރު ފޯނު ނެގި އެވެ.
“މުޒޭ، ނިކަން އަވަހަށް ސާރާ މެންގޭ ދޮށަށް އާދެބަލަ.” އަބްޔާން އެހެން ބުނަމުން ވެގެން އުޅޭގޮތް މުޒައްފަރުއަށް ކިޔައި ދިނެވެ.
“މުޒޭ ހާދަ ލަދެއް ގަންނާނެޔޭ ދޯ. މިޔޮއްފަދަ ރޯދަމަހު ފަރުޒާނާދައްތަ އުޅޭގޮތް.” އަބްޔާން ފޯނު ޖީބަށް ލަމުން ބޯކަހާލި އެވެ. “ކޮބައިތަ ސާރާ މެން؟ ދޮރުކައިރީ އެބަތިބިތަ؟” އަބްޔާން ހުރިތަނުން ސާރާ މެންގޭ ދޮރެއް ނުފެނެ އެވެ.
“ނެތް… އެގޭ ދޮރުމަތީ އެކަކު ވެސް ނެތް.” ޖަންނަތު ބުނެލި އެވެ. އެވަގުތު ޖަންނަތުމެންގެއާއި ސާރާ މެންގޭ އިންވެގެން ހުރި ފާރު މަތިން ބޯދިއްކޮށްލައިގެން ޒައީމާ އޮތެވެ.
“އޭ ޖަންނާ… އަހަރުމެން މިތިބީ ގެ ތަޅުލައިގެން. ގޭގަ ނެތް އެއްވެސް ފިރިހެނެއް. އަހަރުމެން ތިންމައިންނާ ޔަޒަންއާ މިތިބީ… ޒައިދާންއަށް ގުޅައިގެން މިތިބެނީ.”
“އެހެންތަ؟ ކޮބާ ސާރާ؟”
“މީނީ މިތާ ދޮރުބުޑުގަ. އަޑުއަހަން.”
އާޒަތު އައިސް ޖަންނަތު މެންކައިރީ އެވަގުތު މަޑުކޮށްލި އެވެ.
“ބޮޑުބެ ދައްތައަށް ކިހިނެއް ވެގެންތަ އެއުޅެނީ؟” އާޒަތު އެހެން ބުނެފައި ފަރުޒާނާ ކައިރިއަށް ދާން ފެށި އެވެ.
“އާޒަތު ދާނެކަމެއްނެތް.” ޖަންނަތު ބުންޏެވެ. ނަމަވެސް އާޒަތު ގޮސް ފަރުޒާނާއަތުން ޑަބިޔާގައި ތަޅާ ދަނޑިބުރި އަތުލަން އުޅުނެވެ.
“ކަލޭ އަދި ތީ ކާކުތަ މަ ކުރާ ކަންތައް ހުއްޓުވަން އަންނަން.” ފަރުޒާނާ އިނީ ނިކަން ރުޅިއައިސްފަ އެވެ. އާޒަތުގެ އަތުގެ މުލައްދަނޑީގައި ފަރުޒާނާ ޖެހުމުން ވީ ތަދުން އާޒަތު އަވަހަށް ދުރަށް ދިޔަ އެވެ.
“ހަމަ ބުނީމަވެސް ދިޔައީނު.” އާޒަތު އަތުގައި ފިރުމަމުން އައިމަ ޖަންނަތު ބުނެލި އެވެ.
އެވަގުތު އެތަނަށް މުޒައްފަރު އައެވެ. މުޒައްފަރު އައިސް ފަރުޒާނާ ހުއްޓުވަން މަސައްކަތް ކުރަން ފެށި އެވެ.
“މަންމާ، ދެން ތީ ކޮންކަމެއްތަ؟ ރަށު އެންމެން އެއްކުރަންތަ ބޭނުންވަނީ؟ މީރޯދަމަހޭ… ތިހެން އުޅޭކަށްނުވާނެ.”
“މިއަދު ކޮންމެވެސް އެއްގޮތަކަށް ކަލޭ ނިންމަން ޖެހޭނެ. އޭރުން މަ މިކަންތައް ހުއްޓާލާނީ.” ރުޅިއައިސްފައި އިން ފަރުޒާނާ ހަޅޭއް ލަވައި ގަތެވެ.
“މަންމާ، ގޭގަ ވެސް ވާހަކަ ދައްކައިގެން ގޮތެއް ނިންމުނީހެއްނު. މަންމަ ތި އުޅެނީ ކިހިނެއްތަ؟”
“މަ ބޭނުމެއް ނޫނޭ ގޭގަ ހުރެގެން ކަލޭ ކިޔާއެއްޗިހި އަޑުއަހާކަށް. މަބޭނުން ވަނީ މުޅި ރަށަށް ކަލޭ ނިންމާގޮތް އަޑުއިއްވަން.”
އެވަގުތު އެތަނަށް ޒައިދާންއާއި އަލިމަނިކު އައިސްފި އެވެ.
“ފަރުޒާނާ… ތިގޮތަށް ނޫޅެ ހިނގާ ގެއަށް ދާން.” އަލިމަނިކު ނިކަން ނުރުހުން ވެފައި ހުރެ ފަރުޒާނާ ކައިރިއަށް އައިސް ބުނެލި އެވެ.
“މިއަދު ކަލެއަކަށް ވެސް މަށެއް ނުހުއްޓުވޭނެ. ކޮންމެސް އެއްގޮތަކަށް މިހިރަފެންނަ މުޒައްފަރު ނިންމީމަ މަ މިތަނުން ތެދުވާނީ ވެސް.” ފަރުޒާނާ އަޑަށް ބާރުލާފައި ބުނެލި އެވެ. “ކަލޯ… އަހަރެން މި ބުނަނީ ކަލޭ ބޭނުމީ މިހިރަގޭ ސާރާހޭ ނޫނީ ކަލޭ ވިހޭ މައިމީހާހޭ…. ނިކަން ޖަވާބެއް ދީބަލަ.”
މުޒައްފަރު ބަލަހައްޓައިގެން ހުރީ އެވެ. އަލިމަނިކު ކައިރިއަށް އައިސްފައވާ ރުޅިގަނޑު ގަދަވި އެވެ.
“ފަރުޒާނާ… ކަލެއާ ހެދި އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ވެއްޖެ. އަހަރެންގެ ދަރިން ފަދަ އެތިބަ ކުދިންނަށް މިހާރު މޫނު ދައްކަން ވެސް އަހަރެން މިއުޅެނީ ނުކެރިގެން.”: އަލިމަނިކު ޖަންނަތުމެނާ ދިމާލަށް އިޝާރާތް ކޮށްލި އެވެ. “ކަލޭގެ ބަހަށް ހެއްލިގެން ކުރެވުނު ކަމަކުން އަހަރެން މުޅިން ބަނގުރޫޓު ވެއްޖެ. ކުޑަބޭބެގެ ދެދޯންޏާ ފިހާރަ އަހަރެން ހިންގަން ހަވާލުވީ އެކުދިން ބޮޑުވީމަ ދޭ ގޮތައްށޭ ކިޔައިފަ. އެކަމަކު ކަލޭގެ ބަހަށް އަހަރެންނަށް ހެއްލެވުނީ. އަހަރެން ކަލެއަކަށް ދުވަހަކު ވެސް މާފެއް ނުކުރާނަން. އެކުދިންނަށް ދެރަދީފަ މިއަދު އަހަރުމެނަށް މޮޅުތަކެއް ވެއްޖެތަ؟ އަހަރުމެން މިތިބީ ދަރަނިވެރި ވެފަ. ބިކަވެ ހާލުގަ ޖެހިފަ. ދެދޯނި އެޔޮތީ އެހިލާފަ މަރާމާތު ކުރާނެހާ ވެސް ފައިސާ ނެތިފަ. މީ ހުސް ކަލޭގެ ކަންތައް.” މުޒައްފަރުގެ ބައްޕަ އެހާގަދައަށް އޭނަ މަންމަ ދެކެ ރުޅިއައިސްފައި ހުއްޓައެއް މީގެކުރިންނެއް މުޒައްފަރު ނުދެކެ އެވެ. މުޒައްފަރުއަށް ހުރީ ހައިރާން ކަމެއް ލިބިފަ އެވެ.
އަލިމަނިކު ރުޅި އައިސްގެން ނިކަން ބާރަށް އައިސް ފަރުޒާނާ އަތުގައި ހިފަމުން ބުންޏެވެ. “މަށާއެއްކޮން މިވަގުތު ގެއަށް ނުގޮސްފި ނަމަ ކަލޭތީ މަގޭ އަންބެއްނޫން. މަމިބުނާ އެއްޗެއް އަޑު އިވޭތަ. ހަމަ މިހާރު މިވަގުތު މަށާއެއްކޮން ގެއަށް ހިގާ… އެހެންނޫނީ އަހަރެން ކަލޭ ވަރި ކުރާނަން.” އަބަދުވެސް މަޑުމައިތިރި މިޒާޖެއް ލިބިފައި ވާ އަލިމަނިކުގެ މިއަދު އެފެންނަނީ މީހަކު މީގެ ކުރިން ދުށް މިޒާޖެއް ނޫނެވެ. އެވަރަށް ޒީލައަރުވާލައިގެން ފަރުޒާނާ އުޅޭ އިރުވެސް އަލިމަނިކު މަޑުމަޑުން ހުންނަނީ އެވެ. މިއަދު އަލިމަކު ރުޅިއައުމުން ފަރުޒާނާއަށް ކުއްލި ސިހުމެއް އައި ކަހަލަ އެވެ. ރުޅިއައިސްފައި އިނެއްކަމަކު މިފަހަރު އަލިމަނިކު ބުނި ބަސް ގަބޫލުކޮށްގެން އެތަނުން ތެދުވި އެވެ.
އަލިމަނިކު ފަރުޒާނާ ގޮވައިގެން ދިޔަ ފަހުން ޖަންނަތު މެން ކައިރިން ލައިގެން އެރަށު އީސަބޭ އެއްޗިހި ތަކެއް ކިޔަމުން ދިޔަ އެވެ. އީސަބޭ އަކީ ފަރުޒާނާ އެންމެ ކުރިން އިނދެ ވަރިކުރި މީހެއްކަމަށް ރަށުތެރޭ އަޑު ފެތިރިފައި ވެއެވެ.
“އީސަބޭ؟ ކީކޭ ކިޔަމުން ތިދަނީ؟” އަބްޔާން އީސަބެއަށް ބުންޏެވެ. އީސަބެއަކީ ނިކަން ޒުވާން ކުދިންނާ ސަމާސާކޮށް އުޅޭ ސަމާސާ މިޒާޖެއްގެ މީހެކެވެ.
“މަ މިކިޔަނީ އަލިމަނިކުއަކީ ހާދަހާވާ ހިތްތިރި ކެތްގަދަ މީހެކޭ. އެއުޅޭ ފަރުޒާނާއާ އެއްކޮން އުޅެ އުޅެ އެހެރަ މުސްކުޅިވީ ވިއްޔަ. ގައިމު ކެތް ގަދަ ވީމަ އުޅެވޭނީ. މަށަށް އޭނައާ އެކު ހަމަސް ދުވަސް ވާންދެންވެސް ނޫޅެވުން.”
އީސަބޭ އެހެން ބުނެފައި ހިގައި ގަތެވެ. “އެއީ ފިސާރި އަންހެނެއް ސަހާދެއް.” އަދިވެސް އެތިވަރުތަކެއް ކިޔަމުން އީސަބޭ ހިގައްޖެ އެވެ.
“މުޒޭބެ މެންގޭ ދޮށަށް ދާން ވީނު؟ އޭނަ ވަރަށް ދެރަވެފަ ހުންނާނީ.” ޖަންނަތު އަބްޔާންއަށް ބުނެލި އެވެ. އޭރު ޒައިދާން ސާރާ މެންގެ ހުޅުވައިގެން އެގެއަށް ވަންނަނީ އެވެ. ޖަންނަތުވެސް އަވަހަށް އެގެއަށް ވަންނަން ދިޔަ އެވެ. އަބްޔާން ވެސް މުޒައްފަރުއަށް ވާނެގޮތަކާއި މެދު ވިސްނަމުން ގޭދޮށަށް ދިޔަ އެވެ.
“މިގޭތެރޭ ހުރެގެން ކަލޭ ކިޔާއެއްޗެއް ކިޔާބަލަ. ލަދުން ބޯހަލާކުވާވަރު ވެއްޖެ. މިޔޮއް ފަދަ ރޯދަމަހު ކޮން ވައްތަރަކަށް އުޅެންތަ ފަރުޒާނާ ތި އުޅެނީ.” ގެއަށް ވަދެވުމާއި އެކު އަލި މަނިކު ބުންޏެވެ.
“އަލިމަނިކަކަށް ނުވިސްނޭނެ، އެ ސާރާމެނަކީ އެއްޗެއް ލިބޭ ބައެއްނޫން… ސާރާއަށް ލިބޭ ކުޑަ މުސާރައިން ކިހިނެއް އެމީހުން އުޅޭނީ މިހާރު ވެސް އެގޭ ކަންތައްތައް އެ ބަލަހައްޓާނީ މިހިރަގޭ ޒައިދާން. މުޒައްފަރު އެގެއަށް ދިޔައިމަ އެމީހުން މީނަ ފެލައިގެން އުޅޭނީ.” ފަރުޒާނާ އަލިމަނިކުއާއި ދިމާލަށް ބުންޏެވެ.
“މުޒައްފަރުގެ ޒިންމާއެކޭ އެއީ އޭނަގެ އަނބިމީހާ ބެލުން… މުޒައްފަރުއަށް އިހަށް ދުވަހު އެ ވަޒީފާ ލިބުނީ… ސާރާ އަކީ ވެސް ކިޔަވައިގެން ހުރި ރަގަޅު ކުއްޖެއް… ދެމީހުން ލާރި ހޯދީމަ ގެ ހިންގޭނެ. ފަރުޒާނާއަށް ނުވިސްނިގެން ތި އުޅެނީ ކީއްވެތަ؟ އަހަރުމެންގެ ދަރިފުޅުގެ އުފާތަކަށް ހުރަސް އަޅަން ތި އުޅެނީ ކީއްވެތަ؟ މިހާރުވެސް އޭނަގެ ހިތުގައި ކިހާ ވަރަކަށް ޖެއްސިއްޖެތަ.”
“އަލިމަނިކަކަށް ނޭގޭނެ… އަހަރެން އެއްވެސް ގޮތަކަށް އެސާރާއާ އިންނާކަށް ގަބޫލެއްނޫން. ގަބޫލެއް ނުވެސް ވާނަން.” ފަރުޒާނާ ބުންޏެވެ.
“މަންމާ… އަހަރެން ސާރާ ނޫން މީހަކާ ނީންނާނަން.” މުޒައްފަރު ބުންޏެވެ.
“ކަލޭ އޭނަޔާ އިނދޭ! އެކަމަކު އިނުމަށްފަހު އަހަންނާ އޮންނަ ގުޅުމެއް ނޯންނާނެ… އަދި ކީއް މަށަށް މަންމަ ކިޔައިގެން ވެސް ނުވާނެ. ކަލެއަށް އިނގޭނެ އަހަރެން މީ، ބުނާ ބަހުގަ ހިފަހައްޓާ މީހެއްކަން.” ފަރުޒާނާ ޝަހާދަތް އިނގިލިން އިޝާރާތް ކޮށްލަމުން ބުނެލި އެވެ.
“އަހަރެން ވެސް މީ ތި މަންމަގެ ދަރިއެއް، އަހަރެންވެސް ބުނާ ބަހުގަ ހިފަހައްޓަން… އަހަރެން ސާރާއާ އިނދެފަ ހުއްޓާލާނީ.” މުޒައްފަރު ވެސް ރުޅިގަދަވެފައި ބުންޏެވެ.
“ކަލޭ މަގޭ ކުރިމަތިން ނުކުމޭ… ކަލޭތީ މަގޭ ދަރިއެއްނޫން.” ފަރުޒާނާ އަޑުގެ ނެތް ތަނަށް ހަޅޭއް ލަވައި ގަތެވެ. އަލިމަނިކު ފަރުޒާނާގެ ކޯތާ ފަތުގައި އެތިފަހަރެއް ޖަހައިފި އެވެ. ރުޅިއައިސް ފެންކަޅިވެފައި ހުރި މުޒައްފަރު ގެއިން މަގުމައްޗަށް ނުކުތެވެ.
މަގުމަތީ ޖޯލީގައި ބޮލުގައި ހިފަހައްޓާލައިގެން އަބްޔާން އިނީ މުޒައްފަރު ގެއިން ނިކުންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. މުޒައްފަރު ނިކުތުމުން އަބްޔާން ތެދުވި އެވެ.
“މުޒޭ!” އަބްޔާން މުޒައްފަރު ހުރިގޮތް ފެނުމުން ގޮވާލެވުނެވެ.
“އަބީ، އަހަރެން ބޭނުމީ ވީހާވެސް އަވަހަށް ކައިވެނި ކުރަން. ޕްލީސް އަބީ… ސާރާއާ ވީހާވެސް އަވަހަށް ކައިވެނި ކުރަން ބޭނުމީ.” މުޒައްފަރުއަށް ރޮވިއްޖެ އެވެ.
“އާން މުޒޭ… އަހަރެންގެ ފުރިހަމަ އެއްބާރުލުން ތިކަމުގަ ދޭނަން. ހިތްވަރު ކުރޭ.” އަބްޔާން މުޒައްފަރުގެ ބުރަކަށީ ފިރުމާލަމުން ބުނެލި އެވެ. “ހިންގާ މިސްކިތައް ދާން… ނަމާދުކޮށްލާ ދުޢާ ކޮށްލީމަ ހިތަށް ހަމަޖެހުން ލިބޭނެ. އަބްޔާން މުޒައްފަރުގެ ކޮނޑަށް އަތް ވައްޓާލަމުން މިސްކިތާ ދިމާލަށް ހިގައި ގަތެވެ.
އެރޭވެސް ޖަންނަތު އޮފީހަށް ނާދެ އެވެ. އަބްޔާން ފޫހިވެގެން ދެފަހަރަށް ޖަންނަތުއަށް ގުޅުމުން ވެސް ހަބަރެއް ނުވި އެވެ. އޮފީސް ނިމުމާއި އެކު އަބްޔާން އަވަހަށް މިސްރާބު ޖެހީ ޖަންނަތުމެންގެއާއި ދިމާއަށެވެ. އަބްޔާން އައިސް އެގެއަށް ވަން އިރު އާޔަތު ޓީވީ ބަލަން އިނެވެ.
“ކޮބާ ޖަންނަ؟” އަބްޔާން އައިސް އާޔަތު ކައިރީ އަހާލި އެވެ. އާޔަތު ޖަންނަތުގެ ކޮޓަރި ދައްކާލި އެވެ.
އަބްޔާން ގޮސް ޖަންނަތު ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ދީފައި ހަބަރެއް ނުވުމުން މަޑުމަޑުން ހުޅުވާލި އެވެ. އޭރު އެނދުމަތީ ހުރަހަށް ފައިކޮޅު އެލުވާލައިގެން ޖަންނަތު އޮތީ އޮށޯވެގެންނެވެ. ހީވަނީ ނިދާފައި އޮތް ހެނެވެ. އަބްޔާން މަޑުމަޑުން އައިސް އެނދެ ކައިރީ ހުރެފައި ޖަންނަތުގެ ފައިގައި ހިފާ އެއްކޮން އެނދުމައްޗަށް ލިޔެވެ. ޖަންނަތު އޮތީ ހަމަ ގަދައަށް ނިދާފަ އެވެ. އަބްޔާން ޖަންނަތުގެ ބޯދަށަށް ބާލީހެއް ލައްވާލުމަށް ފަހު އެނދުގެ ކައިރި ފަށުގައި އިށީނދެލައިގެން ޖަންނަތުގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ. އެތަކެއް އިރު ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެހެން އިނދެފައި ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލަމުން ޖަންނަތުގެ މަޑުމަޑު ކޮލުގައި ތުންފަތް ޖައްސާލުމާއި އެކު ތެދުވެއްޖެ އެވެ. އަދި އަވަހަށް އެކޮޓަރިން ނިކުމެގެން ހިގައްޖެ އެވެ.
ޖަންނަތުއަށް ހޭލެވުނީ ރީތިހުވަފެނެއް ފެނިގެން ހިނިއައިސްފައި އޮވެގެނެވެ. ޖަންނަތުއަށް ހީވީ ‘ސްލީޕިން ބިއުޓީ’ އަށް ނިދިން ހޭލެވުނު ހެނެވެ. ޖަންނަތު ކޮޓަރިއަށް ބަލައިލި އެވެ. މީހަކު ފެންނާކަށް ނެތެވެ. ކޮންމެސް މީހަކު އެކޮޓަރިއަށް ވަދެފައި ނުކުތް ކަމުގެ އިހުސާސް ޖަންނަތުއަށް ކުރެވުނެވެ. އަދި މަޑު މަޑުން ހިނިތުން ވެލަމުން އަމިއްލަ ކޮލުގައި އަތްޖައްސާލި އެވެ.
5 Comments!
Comments are closed.
nice story 🙂
varahves salhi.. waiting for the next part..
V rythi story eh.. Bt kyhvetha mi sitega ehaa lahun mi story up kurany.. plxx thankolheh avahah up kohdhybaaaa
Plz plz next ep upload koddyba…asi
Mehaaru keevetha me vaahaka up kuraa aneh site ah nuvadevenee