
ހާދަހަވޭ ކުރާހިތް ސަމާސާ 33 ވަނަ ބައި
ޒޭބާ ކައިރީ ފައުޒާން އަބަދު ހިބާގެ ހަބަރު ބެލުމަށް ބުނެއެވެ. އެގޭ ގެންގުޅޭ ކުދިންނަކަށް ވާނުވާއެއް ނޭގެއެވެ. އެހެންކަމުން ޒޭބާއަށް ވެސް އޮތީ ހަބަރެއް ނުލިބިފަ އެވެ.
* * * * * * * * * * * * * * * * * * * * * * * * * * * * *
ހަ މަސް ފަހެވެ. އަދިވެސް ފައުޒާންގެ ހާލަކީ އެއީ އެވެ. އަބަދު ހިބާ ބައްޕަމެންގޭ ދޮށުން ބުރުއެޅުމެވެ. ހިބާގެ ހަބަރެއްވޭތޯ އެތައް މަސައްކަތެއް ފައުޒާން ކުރެ އެވެ. ފައުޒާން އުޅޭ ގޮތުން ހަފީޒާވެސް ހުންނަނީ ނުހަނު ދެރަވެފަ އެވެ.
އެދުވަހު ހަވީރު ޒޭބާ ހިބާމެންގެއިން ނިކުތީ ފައުޒާންއަށް އާ ހަބަރެއް ހިފައިގެނެވެ. އެ ހަބަރު ލިބުމުން ފައުޒާން އުފަލުން މަރުވެދާނެ އެވެ. ޒޭބާ ހުރީ ކެތްމަދު ވެފަ އެވެ. ޒޭބާވެސް ހުންނަނީ ފައުޒާން އުޅޭގޮތުން ވަރަށް ދެރަވެފަ އެވެ.
ޒޭބާ ގެއަށް ވަންއިރު ނަދުވާ ސޯފާގައި އިށީދެގެން އަތުގެ އިނގިލި ތަކުގައި ކިއުޓެކްސް ޖައްސާލަ ޖައްސާލަ އިނެވެ. ޒޭބާއައިސް އަވަސް އަވަސް ކޮށްލައިގެން މައްޗަށް އަރަން ދިމާކޮށްލި އެވެ.
“ކީއްކުރަން މައްޗައް ތި ދަނީ؟” ނަދުވާ ޒޭބާ ދާންފެށުމުން އަހާލި އެވެ.
“ފިޒާމެން އަންނަން އުޅޭތީ ކުޑައްތަ އުޅެނީ ކޮޓަރިތައް ރީތިކޮށް ހަދަން ވެގެން އެހެންވެ އަހަރެން ކައިރީވެސް ބުނެފަ އޮތީ ފިޒާ ކޮޓަރީގެ ކަންތަކުގައި ހެލްޕްކޮށް ދެއްޗޭ އެހެންވެ މިދަނީ.” ޒޭބާ ބުންޏެވެ. އަދި ނަދުވާ އިތުރު އެއްޗެއް ބުނުމުގެ ކުރިން އަވަހަށް ސިޑިން އަރައިގެން މައްޗަށް ހިގައްޖެ އެވެ.
ޒޭބާ ގޮސް ހިބާ އުޅުނު ކޮޓަރިއަށް ވަނީ ފައުޒާން އެތާ ހުންނާނެކަން އެނގިހުރެ އެވެ. އޭރު ފައުޒާން ހުރީ އެކޮޓަރީގައި ކުލަލާށެވެ. އެއީ ފިޒާ އަންނަން ވާއިރަށް އެކޮޓަރި ފިޒާއަށް ތައްޔާރުކުރަން ވެގެންނެވެ.
“ޒާން،” ޒޭބާ އައިސް ފައުޒާން ފުރަގަހަތައް ހުއްޓިލަމުން ގޮވާލި އެވެ. ފައުޒާން ބަލައިލާފައިވެސް އަނެއްކާވެސް ފާރުގައި ރޯލަރު ހާކަން ފެށި އެވެ. “ވާހަކައެއް އެބައޮތް.” ފައުޒާންއަށް އެއީ ހިބާއާއި ބެހޭ ވާހަކައެއްކަން ވަގުތުން އެގިއްޖެ އެވެ. އެނޫން މަޢުލޫއަކަށް މިވީހާ ތަނަށް ޒޭބާއާއި ފައުޒާން ވާހަކަ ދައްކާފައެއް ނުވެ އެވެ. ފައުޒާން ޒޭބާއާއި ދިމާއަށް އެނބުރި ބަލަހައްޓައިގެން ހުއްޓެވެ.
“ޒާން،” ފައުޒާން ބަހެއް ނުބުނެ ހުރުމުން ޒޭބާ ވާހަކަ ދައްކަން ފެށި އެވެ. “މިވާހަކަ އަޑު އިވިއްޖެއްޔާ ޒާން އުފަލުން މޮޔަވެދާނެ.”
“ވާހަކަ ގިނަނުކޮށް އަވަހަށް ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ.” ފައުޒާން ޒޭބާއާއި މާ ގިނަ ވާހަކަ ދައްކާ ހަދާކަށް ބޭނުމެއް ނޫނެވެ.
“ޒާން، މިއަދު ޒާންއަށް ބައްޕަ ކިޔައިފި. ހިބާ އަށް ބޭބީ ގާރލްއެއް ލިބިއްޖެ.” ޒޭބާ ބުންޏެވެ.
“ވަޓް؟” ޒޭބާ ބުނިއެތިން ޒާން އަތުން ރޯލަރު ދޫނުވީ ކިރިޔާ އެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ. “އެހާ އަވަހަށް ހިބާ ވިހާނެތަ؟ އަދި ސެވަން މަންތް ވާނީ.” ފައުޒާން ރޯލަރު ފާރުގައި ލައްކޮށްލަމުން ހައިރާން ވެފައި ޒޭބާއާއި ދިމާލަށް ބަލަން ހުއްޓެވެ. އޭރު ހިތުގެ އަޑިން އުފާވެރިކަން ބަންޑުންދަނީ އެވެ. ބުނަން ނޭގޭ އެ އިހުސާސް ބަޔާން ކުރާނީ ވެސް ކިހިނެއް ހެއްޔެވެ.
“އާން، ސެވަން މަންތްސްގަ. ހިބާގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ބުނަމުން ޑޮކްޓަރގެ ލަފާގެ މަތިން ބޭބީ ނެގީ. ހިބާގެ ހާލު ވަރަށް ދަށޯ. ބޭބީ އެކަމަކު ރަގަޅޯ. ބޭބީ ކުޑަކަމުން އޮތީ އިންޓެންސިވް ކެއަރގަ ޔޯ. ހިބާގެ ލޭމަދުވެގެން އަނެއްކާވެސް ލޭ އަޅާށޯ އުޅެނީ.” ޒޭބާ ދައްކަމުން ދިޔަ ވާހަކައިން ފައުޒާންގެ މެޔަށް ތަދުވަމުން ދިޔަ އެވެ. އެއްކޮޅުން ނުހަނު އުފާވިއިރު އަނެއްކޮޅުން މިއޮތީ ކޮން ކަހަލަ ހަބަރެއް ހެއްޔެވެ. ފައުޒާންއަށް ކެތެއް ނުކުރެވުނެވެ. ލޮލުން ކަރުނަ ނިރާލީ ހިފެހެއްޓުމެއް ނެތި އެވެ. މިވަގުތު ފައުޒާން ބޭނުންވީ ހިބާ އެ ހާލުގައި އޮންނައިރު ހިބާ ކައިރީ ފައުޒާން ހުންނާށެވެ. ހިބާއަށް ހުރިހާ ހިދުމަތެއް ފައުޒާން ދޭން ބޭނުންވި އެވެ. ނަމަވެސް އެފުރުސަތުވެސް އެ ގެއްލުނީ އެވެ. ހިބާއަށް ފައުޒާން އެންމެ ބޭނުންވިއިރު ފައުޒާން އެހެރީ މާދުރުގަ އެވެ. އެކަމުގައި ފައުޒާންއަށް ކުރެވޭނީވެސް ކޮން ކަމެއް ހެއްޔެވެ. ބޮލުގެ އިސްތަށި ގަނޑުގައި އަތް އަޅާލަމުން އެނދުގައި ފައުޒާންއަށް އިށީދެވުނެވެ.
އެވަގުތު ހަފީޒާ އެތަނަށް އައެވެ. އެތަނުން ޒޭބާ ފެނުމުން ހަފީޒާ ހުރީ ހައިރާން ވެފަ އެވެ. އަދި ފައުޒާން އިންގޮތުން ކޮންމެސް ކަމެއް ވެއްޖެހެން ހަފީޒާއަށް ޔަގީން ވިއެވެ.
“ކިހިނެއްވީ؟” ހަފީޒާ ކަންބޮޑުވެފައި އަހާލި އެވެ. ހަފީޒާގެ އަޑު އިވުމުން ފައުޒާން ސިއްސައިގެން ގޮސް އަވަހަށް ތެދުވި އެވެ. ހިތްދަތިކަން އެތެރެއަށް ހިންދާލަން މަސައްކަތްކުރަމުން ގަދަކަމުން ފައުޒާން ހީލި އެވެ.
“މަންމާ، ހިބާއަށް ބޭބީއެއް ލިބިއްޖެ. ގާރލްއެއް،” ފައުޒާންގެ މޫނުމަތިން އުފާވެރިކަން ދައްކަމުން ހަފީޒާއާއި ދިމާއަށް ފައުޒާން ބުންޏެވެ. ހަފީޒާއަށް ފައުޒާންގެ ލޮލަށް ގިނަވެގެން އަންނަމުން ދިޔަ ކަރުނަތަށް ފެނުނެވެ. ނަމަވެސް ހަފީޒާވެސް ހިނިތުން ވެލައިގެން ހުއްޓެވެ. “ހިބާ މާބޮޑަށް ބަލިވާތީ ބޭބީ ނެގީޔޯ ސެވަން މަންތްސްގަ. ބޭބީ ރަގަޅޯ. ބަޓް ހިބާ…” ފައުޒާންއަށް ބުނެވުނީ އެހާ ވަރަށެވެ. ހަފީޒާއަށް ފުރަގަސްދެވުނެވެ. އަދި ރޮވެން ފެށި އެވެ. ބާރަށެވެ. ހަފީޒާ ފައުޒާން ކައިރިއަށް ޖެހިލި އެވެ. ހަފީޒާ ކަންތައް ބޮޑުވީ އަނެއްކާ މާބޮޑުކަމެއް ހިބާއަށް ދިމާވީ ކަމަށް ހީކޮށެވެ.
“ހިބާއަށް ކިހިނެއްތަ ވީ؟” ހަފީޒާ ހާސްވެފައި ފައުޒާން ބުރަކަށީ ފިރުމާލަމުން ބުންޏެވެ.
އޭރު ކޮޓަރި ދޮރުކައިރީ ނަދުވާ ހުރީ އެމީހުން ދައްކަމުންދާ ވާހަކަ އަޑުއަހާށެވެ. އެތާ ނަދުވާ ހުރިކަމެއް އެކަކަށްވެސް ނޭގެ އެވެ. ހިބާއަށް ދެރަގޮތެއް ވަންޏާ އަދިވެސް ނަދުވާގެ ހިތަށް އުފާވެރިކަން ވެރިވެގެން ދެއެވެ. ނަދުވާ ހުރީ ވަރަށް ކަނުލާ އެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ.
“މަންމާ… ޒާން…. ޒާން ބޭނުން ވަނީ…. ހިބާ…. ހިބާ… ކައިރިއަށް ދާން. ހިބާ ކައިރީ…. ހިބާ ކައިރީ ހުންނަން ޒާން…. ބޭނުންވަނީ.” ހަފީޒާއާއި ދިމާއަށް އެނބުރެމުން ވަރަށް އުނދަގުލުން ފައުޒާން ބުންޏެވެ. “ހިބާ… އެހާ ބަލިވެފަ އޮންނައިރު….ހިބާ… ހިބާވެސް ބޭނުންވާނެ ޒާން. އެކަމަކު… އެކަމަކު ކިހިނެއް؟ މަންމާ ކިހިނެއް ހަދާނީވެސް ދޯ!” ފައުޒާން ބުންޏެވެ. ހަފީޒާގެ ހިތް ކުދިކުދި ވި އެވެ. ބޮޑުވެފައިވާ ފިރިހެން ދަރިއެއް އެގޮތަށް ރޮމުން ކުރަމުން ދާ ޝަކުވާތައް ފުރިހަމަ ކޮށްދޭން ހަފީޒާ ބޭނުންވި އެވެ.
“ދަރިފުޅު ދާންވީނު ހިބާ ކައިރިއަށް. ސިންގަޕޫރަށް. މަންމަ ޓިކެޓް ނަގައިދޭނަން.” ހަފީޒާ ފައުޒާންގެ ބުރަކަށީ ފިރުމާލަމުން ބުންޏެވެ. އޭރު ހަފީޒާގެ ލޮލުންވެސް ވަނީ ކަރުނަ ނިރާލާފަ އެވެ.
“އަސްލުތަ؟” ފައުޒާންއަށް އަހައި ލެވުނެވެ. ހަފީޒާ ބޯ ޖަހާލަމުން ހިނިތުން ވެލި އެވެ. “އެކަމަކު ކިހިނެއް އެމީހުން ތިބި ތަނެއް ހޯދާނީ؟” ފައުޒާން ލޯ ފޮހެލަމުން ކަންބޮޑުވެފައި އަހާލި އެވެ.
ނަދުވާ ބޭރުގައި ހުރެ ވިސްނަމުން ދިޔަ އެވެ. ފައުޒާންއަށް ހިބާ ކައިރިއަށް ނުދެވޭނެ ގޮތެއް ރާވަމުން ދިޔަ އެވެ. ހަދާނެ ގޮތަކާއި މެދު ވިސްނަމުން ދަނިކޮން ޒޭބާ އެބުނި އެއްޗަކުން ނަދުވާ ހައިރާން ވި އެވެ.
“އެމީހުން ތިބިތަން ކޮންމެސް ގޮތަކުން ހޯދޭތޯ އަހަރެން ބަލާނަން.” ރޮވިފައި ހުރި ޒޭބާ ބުންޏެވެ. ފައުޒާން ޝުކުރުވެރި ނަޒަރަކުން ޒޭބާއަށް ބަލައިލި އެވެ. ޒޭބާއަށް ހިބާ އުޅޭ ތަނެއް ހޯދޭނީ ކިހިނެއް ހެއްޔެވެ. ނަދުވާ ހިތަށް އެރި އެވެ.
އެރޭ ޒޭބާ ނިދަން ކޮޓަރިއަށް ވަންއިރު އެނދުގައި ލެޕްޓޮޕް ހިފައިގެން ނަދުވާ އިނެވެ. ޒޭބާއާއި ނަދުވާ މިހާރު ނިދަނީ އެއްކޮޓަރީގަ އެވެ. ޒޭބާ ފެނުމުން ނަދުވާ ލެޕްޓޮޕް ލައްޕާލުމަށް ފަހު ޒޭބާއަށް ބަލަން އިނެވެ. ޒޭބާ އަމިއްލަކަމެއްގައި މަޝްއޫލުވެގެން އުޅެ އެވެ.
“ޒޭބާ،” ނަދުވާ އިނދެފައި ގޮވާލި އެވެ. ޒޭބާ ނަދުވާއަށް ބަލައިލާފައި ވެސް އޭނާގެ މަސައްކަތުގައި އޭނާ މަޝްޢޫލު ވެގެން އުޅެ އެވެ. “ޒޭބާއަށް ހިބާވީ ތަނެއް ހޯދޭނީ ކިހިނެއްތަ؟”
“ހިބާގެ ކަންތަކެއް މަށަކަށް ނޭގެ.” ރުންކުރު ގޮތަކަށް ޒޭބާ ބުންޏެވެ.
“މަށަށް އަޑު އިވުނޭ ޒޭބާޔާ ކުޑައްތަމެނާ މަތީގަ ދެއްކި ވާހަކަ. އަދި މަށަށް އޮޅުވާލާނަމޭ ހިތާތަ ތި އުޅެނީ؟ ކަލެއަށް އަދި ނޭގެނީ ދޯ މަމީ ކިހާ ވަރެއްގެ މީހެއްކަމެއް.” ނަދުވާ ކައިރިއަށް ރުޅިއަ އެވެ.
“މަށަށް އިންގޭ ތީ ކިހާވަރެއްގެ މީހެއްކަން. އެހެންވެ އަހަރެން ކަލޭކައިރީ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން.” ޒޭބާ ކުރަން ހުރި ކަންތައް ކޮށް ނިންމާލައިފައި އައިސް އޭނަ ނިދަން ގޮދަޑި ބިންމަތީ ފަތުރާލި އެވެ. އަދި ބެޑުޝީޓެއް އަޅާލުމަށް ފަހު ބާލީހެއް ވެސް ބާއްވާލި އެވެ.
“ޒޭބާ ތިހެން ނަދޫއާ ޖައްސާލައިގެނެއް މާގިނަ ދުވަހަކު މިގެއަކު ނޫޅެވޭނެ އިންގޭ. ކަލެއަށް ފެނުނެއްނު ހިބާ މިގެއިން ނެރުނު ގޮތް. ކަލޭވެސް އަދި މިގެއިން އަހަރެން ފޮނުވާލާނަން. ބަލަން ހުންނައްޗޭ.” ނަދުވާ އިނީ ވަރަށް ރުޅިއައިސްފަ އެވެ. ޒޭބާގެ ގަޔަށް އަރައި ގަނެދާނަމޭވެސް ނަދުވާ ހިތަށް އަރަމުން ދިޔަ އެވެ.
“ކަލެއަށް މިފަހަރު އެއްކަމެއް ވެސް ނުވާނެ. ހިބާއަށް އެހެން ހެދުނީ ހިބާ މަޑުން ހުރީތީވެ. މަމީ ކަލޭ ކުރާހާ ކަމަކަށް އެޅިހާ ބަތަކަށް ރިހަ ވެގެން މަޑުން ހުންނާނެ މީހެއްނޫން. ކަލޭ މިފަހަރު ތިހިން ހަމަ ކިޔަ ކިޔާ ހަމަ ހުންނަން ޖެހޭނީ. މަށަށް އެނގޭ ނަދުވާމެން ބައިގަ މަށަށް ނޫޅެވޭނެކަން. އެކަމަކު ކުޑައްތަމެން ބައިގަ މަށަށް ހުރެވޭނެ. އަޒްކާމެން ބައިގަ ވެސް ހުރެވިދާނެ. ކަލޭވެސް ވިސްނައިގެން އުޅެއްޗޭ. ކަލޭ ކިޔާހާ އެއްޗިހި މިހާރު ގަބޫލު ކުރާނެ އެކަކުވެސް މިގެއަކު ނެތް.” ޒޭބާ އެހެން ބުނެ ވަނީ ފާހާނާއަށެވެ. ނަދުވާ ކޮންމެ ކަމެއްވެސް ކޮށްފާނެކަން ޒޭބާއަށް އިނގެ އެވެ. ނަމަވެސް ނަދުވާ ކުރިމަތީ ނަދުވާއަށް ވުރެން ދެރަވާކަށް ޒޭބާ ބޭނުމެއް ނޫނެވެ. ޒޭބާ ފާހާނާއިން ނިކުތީ އެތައް އިރެއް ކޮށްފަ އެވެ. އޭރު ނަދުވާ އޮތީ ނިދާފަ އެވެ. ޒޭބާވެސް އައިސް އަވަހަށް ނިދީ އެވެ.
ޖެހިގެން އައި ދުވަހު ފައުޒާން ގެއަށް އައީ މާޔޫސް ވެފައިވާ މޫނަކާއި އެކު އެވެ. އައިސް ސޯފާގައި އިށީދެލައިގެން ވިސްނުމެއްގައި އިނެވެ. ހަފީޒާ ވެސް އެވަގުތު ޑިއުޓީ ނިންމާލާފައި ގެއަށް އައިސް ވަނެވެ. ފައުޒާން އިންގޮތް ފެނުމުން ރަގަޅު ދުވަހެއް ނޫންކަން އެނގިގެން ދިޔަ އެވެ.
“ޒާން، ކިހިނެއްވެފަ؟” ހަފީޒާ ފައުޒާން ކައިރީ އިށީންނަމުން އަހާލި އެވެ.
“މަންމާ، ޒާންއަށް ޗުއްޓީއެއް ނުލިބުނު. ސްކޫލްތަކުގެ ބޮޑު ބަންދު ވީމަ މިހާރު ވަރަށް ގިނަމީހުން ވަނީ ޗުއްޓީ ނަގާފަ. އެހެންވެ އެމީހުން އައިމަ ޒާންއަށް ޗުއްޓީ ލިބޭނީ.” މާޔޫސް ވެފައި އިން ފައުޒާން ބުންޏެވެ. އޭރު ނަދުވާ ކޮޓަރިން ނިކުމެ އެމީހުން ދައްކާ ވާހަކަ އަޑުއަހަން ހުއްޓެވެ. ނަދުވާގެ ތުންފަތަށް ވިހަ ހިނިތުން ވުމެއް ވެރިވެގެން ދިޔަ އެވެ. ފައުޒާންއަށް އެންމެ ފަހުން އެކަން ވާގޮތް ނުވީތާ އެވެ. ތަޤުދީރުވެސް މިފަހަރު ވީ ނަދުވާއާއި އެއްކޮޅަށެވެ. ނަދުވާ ހިތުގެ އަޑިން އުފާވެފައި ހުއްޓެވެ.
ހަފީޒާ ދެރަވެފައި ފައުޒާންއަށް ބަލަން އިނެވެ. ހެދޭނެ ގޮތެއް ދެން ނެތީ ހެއްޔެވެ. އިމަޖެންސީ ދިހަދުވަސް ނަގާ ވާހަކަ ބުނުމުން އެކަންވެސް ވާގޮތެއް ނުވިއެވެ. އެއީ އެވެސް ހަމަވެފައި ވާތީ އެވެ. ފައުޒާންއަށް ސިންގަޕޫރަށް ނުދެވުނުތާ ޒޭބާއަށް ވެސް ވަނީ ހިބާމެންގެ އެޑްރެސް ވެސް ނުލިބިފަ އެވެ. ފައުޒާން ދިޔަސް ހިބާމެން ހޯދޭނެ ގޮތެއްވެސް ނެތެވެ. އަދިވެސް ނަދުވާ ވިސްނަމުން ދަނީ ހިބާއާއި ފައުޒާންއާއި ދޭތެރެއަށް ވަންނާނެ ގޮތެއް ފެނޭތޯ އެވެ. އެންމެ ރަގަޅު ގޮތަކަށް ނަދުވާއަށް ފެނުނީ މިންހާޖް އާއި އެވާހަކަ ދައްކައިގެން ދެމީހުން ވެގެން ގޮތެއް ރޭވުމެވެ.
ދެދުވަހެއް ފަހުން ފިޒާ އައިސްފި އެވެ. ފިޒާއައުމުން އެގެއަށް ކުޑަ ހަލަބޮލި ކަމެއް އައެވެ. ޒޭބާއާއި ފިޒާއާއި ވަރަށް ރައްޓެހި ވިއެވެ. ރައްޓެހިކަން ގާތްވަމުން ގޮސް މިހާރު ދެމީހުން އެކަކު އަނެކަކާ ހުރިހާ ވާހަކައެއް ވެސް ހިއްސާ ކުރެ އެވެ. އެކަމާއި ނަދުވާ ހުންނަނީ ވަރަށް ރުޅި އައިސްފަ އެވެ. ނަމަވެސް އެގޭގައި ވީމާ ނަދުވާއަށް ހެދޭނެ ގޮތެއްނެތެވެ. ފިޒާއާއި ކުރިމަތިލާކަށް ނަދުވާއަކަށް ނުކެރެ އެވެ.
މަހެއްހާ ދުވަސް ފަހެވެ. ފައުޒާން ހުރީ ހިބާ ބައްޕަމެންގެ ފެންނަގޮތަށް ކަންމައްޗެއްގަ އެވެ. ފައުޒާން ހުރީ ރައްޓެއްސަކާއި ވާހަކަ ދައްކާށެވެ. އިރުކޮޅަކުން އެގޭ ދޮރުމައްޗަށް ޓެކްސީއެއް މަޑުކޮށްލި ތަން ފެނުނެވެ. އޭގެން ފޭބީ ޒެކް އެވެ. ފައުޒާން އަވަހަށް އެދިމާލަށް ހިގައި ގަތެވެ. ޒެކް ޑިކީއިން ފޮށްޓެއް ބޭލުމަށްފަހު ޑްރައިވަރަށް ލާރި ދައްކާލާފައި އެނބުރުނު އިރު ފައުޒާން ހުރީ އައިސް ޒެކްގެ ފަހަތުގަ އެވެ. ފައުޒާން ފެނުމުން ޒެކްގެ ހިތަށް ހިސާބެއްގެ ނުތަވަސް ކަމެއް އަ އެވެ. ފައުޒާން ހުރިގޮތުން ޒެކްވެސް ދެރަވި އެވެ. ނަމަވެސް މިއަދު ޒެކްއަށް މަޖުބޫރެވެ.
“ޒެކް. ޒާން ބޭނުން ޒެކްއާ ވާހަކަ ދައްކާލަން.” ފައުޒާން ލޯ ކުޑަކޮށްލަމުން ބުންޏެވެ.
“އަދި ހަމަ މިއައީ. ވާހަކަ ދެއްކިދާނެނު.” ޒެކް ބުންޏެވެ. “ވަރަށް ވަރުބަލިވެސް ވެފަ މިހިރީ.” ޒެކް އެހެން ބުނުމުން ފައުޒާންއަށް ހީވީ ޒެކް ފައުޒާންއަށް ހުރިހާ ކަމެއް ސިއްރުކުރުމަށް ބަހަނާ ދައްކަނީ ކަމަށެވެ.
“ޒެކްމެން ހީކުރަނީތަ ޒާންއާ ހިބާއާ ވަކިކުރެވި ދާނެކަމަށް. އެހެން ހީ ނުކުރައްޗޭ. ހިބާއަކީ ޒާންގެ އަނބިމީހާ. ތިހެން ފޮރުވައިގެން ހިބާއެއް ނުގެންގުޅެވޭނެ އިނގޭ. ޒާންއަށް އިނގޭ ހަދާނެ ގޮތް. ކޯޓުވެސް އެބަހުރި އަދި.” ފައުޒާން ކައިރިއަށް ރުޅިއަންނަގޮތް ވިއެވެ. ޒެކް ފައުޒާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ފައުޒާންގެ އިހުސާސްތައް ޒެކްއަށް އެނގެ އެވެ. ފައުޒާން ވާނެ ދެރަވެސް ޒެކްއަށް އިހުސާސް ކުރެވުނެވެ.
“ޒާން، މިރޭ މީޓް ކުރަން ހިނގާ. ޒާންއަށް ވަރަށް ގިނަ ވާހަކަ ކިޔައިދޭން ޒެކްވެސް ބޭނުމޭ. އެކަމަކު ޒެކް ވަރަށް ޓަޔަޑް. ރޭގަވެސް ހޭލާ ހުރީ އެހެންވެ ކުޑަ ރެސްޓެއް ނަގަން ޒެކް ބޭނުމީ.” ޒެކް ގެ މޫނުމަތިންވެސް ވަރުބަލިކަން ފެންނަން ހުއްޓެވެ.
“އެންމެ ރަގަޅު. ކިހާ އިރަކުން ހަމައަކަށް އެޅޭވަރުވާނީ؟” ފައުޒާން ޒެކް ބުނި އެތި ގަބޫލު ކުރިއަސް ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
“މިރޭ ގާތްގަޑަކަށް ނައިން ކަންހާއިރު ހިންގާ މީޓްވާން. ސީހައުސްއަށް ދާނީ ދޯ.” ޒެކް ފޮށީގައި ހިފާލަމުން ބުންޏެވެ. އަދި ދޮރުގައި އިން ތަންކޮޅަކަށް ކާޑު ދިއްކޮލުމުން ދޮރު ހުޅުވުނެވެ. “ޒާން، ޒެކްއަށް ގުޅާލައްޗޭ.” އެތެރެއަށް ވަންނަމުން ޒެކް ބުންޏެވެ. ފައުޒާން ބޯ ޖަހާލަމުން ހިގައިގަތެވެ.
ފައުޒާން ހުރީ އެރޭ ނުވައެއް ނުޖަހައިގެނެވެ. ހަމަ ނުވައެއް ޖެހުމާއި އެކު ޒެކްއަށް ގުޅަން ފައުޒާން ފޯނުނެގި އެވެ. ފައުޒާންއަށް ގުޅުމުގެ ކުރިން ޒެކް ފައުޒާންއަށް ގުޅައިފި އެވެ. މިދަނީ ކަމުގައި ބުނެ ފައުޒާން ފޯނު ކަނޑާލަމުން ގޮސް ނުކުމެ ސައިކަލަށް އަރާ ނައްޓާލި އެވެ.
ފައުޒާންއަށް ދެވުން އިރު ޒެކް އިނީ މޫދު ފެންނަ ދިމާލަކުން މޭޒެއް ކައިރީ އިށީދެލައިގެންނެވެ. ފައުޒާން އައިސް ޒެކް ކައިރީ އިށީނެވެ. ފައުޒާން އިނީ ކެތްމަދުވެފާކަން ޒެކްއަށް އިނގުނެވެ.
“ހައު އިޒް ހިބާ؟” ފައުޒާންއަށް އެންމެ ކުރިންވެސް އަހާލެވުނީ އެހެންނެވެ. އެވަގުތު ވައިޓަރު އޯޑަރުނަގަން އައެވެ. ދެމީހުންވެސް ދެކޮފީއަށް އޯޑަރު ދިނެވެ. ވެއިޓަރު ދިއުމުން ޒެކް ފައުޒާންއަށް ބަލަން އިނދެލާފައި ވާހަކަ ދައްކަން ފެށި އެވެ.
“ހިބާ މިހާރު ވަރަށް ބޮޑަށް ރަގަޅު.” ޒެކް ބުންޏެވެ. “ޒެކްމެން ހީކުރީ ހިބާ ދެން ނުފެންނާނެ ކަމަށް. ހިބާ ވަރަށް ސީރިއަސް ވި. ބޭބެ ވެސް އަދި މޫމިނާއްތަވެސް ތިބީ ހަމަ އެއްކޮން އުއްމީދު ކަޑާލައިގެން. ޒާން ގެންދަންވެސް ވާހަކަ ދެއްކިން ޒެކް. އެކަމަކު އަދި މަޑުކޮށްލުމަށް ބޭބެ ހަމަ ބުނާތީ. މިހާރު ހިބާ ވަރަށް ބޮޑަށް ރަގަޅު.” ޒެކް ބުންޏެވެ. އެވަރު ވެގެން ދިޔައިރުވެސް ފައުޒާންއަށް އެމީހުން ނޭންގީތީ ފައުޒާން އިނީ ވަރަށް ދެރަވެފަ އެވެ.
“ޒާން، މިކަމުގަ ޒެކްއަށް ކުރެވޭނެ ކަމެއް ނެތީ ހަމަ. ބޭބެއާއި ދެކޮޅަށް ތެދުވާކަށް ޒެކްއަކަށް ނުކެރޭނެ. ޒެކްގެ އުމުރުން ބާރަ އަހަރުން ފެށިގެން ޒެކްއަށް ހުރިހާކަމެއް ކޮށްދެމުން އައީ ބޭބެ. ޒެކްގެ މަންމަ ޒެކް ވިހާފަ މިދުނިޔެއިން ވަކިވުމުން ޒެކްގެ ބައްޕަ ޒެކް ބަލަމުން އައީ ބޭބެގެ ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން. ވީ ބޮޑު އެކްސިޑެންޓެއްގައި ބައްޕަ ނިޔާވީ ޒެކްއަށް ބާރައަހަރުގަ. ބޭބެއަށްވެސް އެ އެކްސިޑޭންޓްގައި އަނިޔާވި. އެކަމަކު ބޭބެ ސަލާމަތްވީ. ބޭބެ ޒެކްއަށް ކިޔަވައިދީ ހުރިހާކަމެއް ކޮށްދިނީ ދަރިއަކު ފަދައިން. ޒެކްގެ އެކައުންޓަށް ކޮންމެ މަހަކު މުސާރަ ޖަމާވޭ. ނަމަވެސް ބޭބެ ބުނަނީ އެ ބަހައްޓާށޯ ބޭބެ ނެތް ދުވަހަކުން ޒެކް ހަރަދު ކުރަން. މިހާރު ބޭބެ ކޮންމެ މަހަކު ޒެކްއަތަށް ކޭޝް ދެނީ. ޒެކް ހަރަދު ކުރާށޯ އޭގެން ކިޔާފަ. ހިބާއަށްވެސް ޒެކް ހަރަދުކުރަނީ އޭގެން. ބޭބެ ބުނެފަ އޮންނަނީ އެހެން. އެކަހަލަ މީހެއް ބޭބެއަކީ. ގޮތްދޫ ނުކުރިއަސް ދީލަތި މީހެއް ބޭބެއަކީ. ޒެކްއަށް ބޭބެއާއި ދެކޮޅު ހަދަން ނުކެރޭތީ ޒާންއާއި ހިބާ ގުޅުވަން މަސައްކަތްވެސް ނުކުރެވުނީ. ހަގީގަތުގަ ޒެކް ވަރަށް ދެރަވޭ. ހިބާވެސް އެއުޅެނީ ނުކައި ނުބޮއެ. ގަދަކަމުން ކާންދީ ހަދަން ޖެހެނީ. ހިބާ ބަލިވުމުން ޒެކް ބޭބެ ކައިރީ ވަރަކަށް ކީން ޒާން ގެންނަން. އެކަމަކު ބޭބެ ހަމަ ބޭބެގެ ގޮތުގަ ހުރީ. ޒާން ޒެކް ދެކެ ވަރަށް ރުޅިއައިސްފަ ދޯ ތިހުންނަނީ.” ޒެކް ވާހަކަ ނިންމާލުމުން ފައުޒާން ފެންކަޅިވެފައި އިނދެ ޒެކްއަށް ބަލައިލި އެވެ. އެވަގުތު އެމީހުން އޯޑަރުދިން ދެ ކޮފީ ހިފައިގެން ވެއިޓަރު އައިސް އެ މޭޒުމަތީ ބަހައްޓާފައި ހިގައްޖެ އެވެ.
“އެންމެ ކުޑަވެގެން ހިބާއަށް ގުޅޭނެ ގޮތެއް ހަދާދިން ނަމަ.” ފައުޒާން ހިންދިރުވާލަމުން ބުންޏެވެ. “ހިބާއާއި ބައްދަލުނުވާތާ ހިބާއަށް ގުޅެނީއެއްވެސް ނޫން. އަދި ހަބަރެއް ވެސް ވަނީއެއްނޫން.” ފައުޒާން ބުންޏެވެ. “ބޭބީ ކިހިނެއް؟” ފައުޒާން ބޭބީގެ ވާހަކަ އެހުމުން ޒެކް ހައިރާންވި އެވެ. ޒެކް ހީކުރީ ފައުޒާންއަށް ދަރިފުޅުގެ އެއްވެސް ވާހަކައެއް އަދި ނޭގޭނެ ކަމަށެވެ.
“ޒާންއަށް އިނގޭތަ؟” ޒެކްއަށް އަހާލެވުނެވެ. ޒާން ބޯ ޖަހާލި އެވެ.
“ބޭބީ މިހާރު ވަރަށް ބަރާބަރު. ވަރަށް ލޯބި. ޒާންއާ ވައްތަރުހެން ހީވަނީ. އެހާ ކުޑަވީމަ އަދި ނޭގޭނެނު.” ޒެކް ބުންޏެވެ. އަދި ޒެކްގެ ފޯނު ނަގާ އެކުޑަކުޑަ ހަދެއްފަދަ ލޯބި ދަރިފުޅުގެ ފޮޓޯތައް ފައުޒާންއަށް ދެއްކި އެވެ. އުފަންވި ދުވަހުން ފެށިގެން މިހާރާ ހަމައަށް ޒެކް ހުރީ ފޮޓޯ ނަގާފަ އެވެ. ފޮޓޯތަށް ފެނުމުން ފައުޒާން ވަރަށް އުފާވިއެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަތަކާއެކު ވެސް ތުންފަތަށް ހިނިތުން ވުމެއް ވެރިކޮށްގެން ފައުޒާން އިނެވެ. އެ ފޮޓޯތަކަށް ބަލަން ފައުޒާން އިންގޮތުން ޒެކް ދެރަވި އެވެ. ފައުޒާންގެ ފޯނަށް އެހުރިހާ ފޮޓޯއެއް ޒެކް ފޮނުވާލި އެވެ.
އެތަކެއް އިރު ފޮޓޯ ބަލަން ފައުޒާން އިނެވެ. ހަމަހިމޭން ކަން ވަނީ އެދޭތެރެއަށް ވެރިވެފަ އެވެ. ޒެކް އެގަޑީގައި ވިސްނަމުން އެދަނީ ކޯޗެއްކަމެއްވެސް ނޭގެ އެވެ.
“ޒާން،” ޒެކް ގެ އަޑުން ވެރިވެފައިވާ ހަމަހިމޭންކަން ފިލައިފި އެވެ. ފައުޒާން ވެސް އިސްއުފުލާލަމުން އަތުން ލޯ ފޮހެލި އެވެ. “ޒެކް އަކަށް ނުދެވޭނެ ހިބާއަށް ގުޅޭނެ ނަންބަރެއް. ހިބާ އަތަކު ފޯނެއް ނުވެސް އޮންނާނެ. އެކަމަކު ހަމަސް ފަހުން ހިބާ މިކޮޅަށް އަންނާނެ. އެގޮތަށް ބޭބެ ވާހަކަ ދައްކާފަ އޮތީ. މިކޮޅަށް އައިސްސަ އަނެއްކާ ވިސާ ހައްދައިގެން އެއްކޮން އޮސްޓްރޭލިޔާއަށް ބަދަލުކުރާ ވާހަކަ ދައްކާފަ އޮތީ. އެ ދުވަސް ކޮޅު ފައުޒާން ޖެހޭނީ ބޭބެޔާ ވާހަކަ ދައްކައިގެން ހިބާ ހާސިލް ކުރަން. ޒެކްއަށް ވީ ވަރަކުން ހެލްޕް ވާނަން.” ޒެކް ބުންޏެވެ. ފައުޒާން ޒެކްއަށް ބަލަން އިނެވެ. ޒެކް ބުނި އެއްޗަކާއި މެދު ފުންކޮން ވިސްނާލި އެވެ.
“ޒެކް އެކޮޅަށް ދަނީ ކޮން އިރަކު؟” ފައުޒާން އިނދެފައި އަހާލި އެވެ.
“ޒެކް އެކޮޅަށް ދެން ދާނީ މައިސޫރަށް ގޮއްސަ އައިސް. އަސްލު ޒެކް މި އައީ މައިސޫރަށް ދާން ވެގެން.” ޒެކް ބުންޏެވެ. ފައުޒާން ފުން ނަޒަރަކުން ޒެކްއަށް ބަލަހައްޓައިގެން އިނެވެ. ޒެކް ވެސް ފައުޒާންއަށް ބަލައިލާފައި ބޯޖަހާލި އެވެ.
“އާން، އަޒޫ ކައިރިއަށް ދާން ވެގެން.” ފައުޒާންގެ ހިތުގައި ވާ ސުވާލަށް ޒެކް ޖަވާބު ދިނެވެ. “އަޒޫއާ އަލުން ގުޅިގެން މިއުޅެނީ.”
“ތި ދެމީހުން އަސްލު ރުޅިވީ ކީއްވެތަ؟” ފައުޒާން ކޮފީ ކޯވަރެއް ބޯލަމުން ބުންޏެވެ.
“އަޒޫ ބޭނުންވެގެން. އަޒޫ އެރަށަށް ދިޔަތަނާ ކައިރީ އަބަދު ރީތިވެގެން އުޅޭނެ އެރަށު ކުއްޖެއް. އޭރު ޒެކްވެސް އުޅުނީ އެކޮލެޖުގަ. އޭރުވެސް ޒެކްއަކީ އަޒޫގެ ފްރެންޑެއް. ދެން ގުރޫޕެއް އޮންނާނީވެސް. ދެން އުގުރޫޕަށް ކިޔައިދޭނެ ކޮންމެ މީހަކުވެސް ހިތުގެ ހުރިހާ ކަންކަމެއް. އެގޮތުން އަޒޫވެސް އެކުއްޖާއާއި ހެދި އުޅުންވަރު ޒެކްއަށް ވެސް އިނގޭ. ދެން ފަހުން އެކުއްޖާ ރައްޓެހިވާން އެހީ. އަޒޫ ވަރަށް ބޭނުންވީ އެކަން ކުރަން. ޒެކް ކައިރީ ނުބުނެ ހުރީ އެކަމަކު އެ ގުރޫޕް ކުދިން ޒެކްއަށް ހުރިހާ ވާހަކައެއް ކިޔަދިނީމަ ޒެކް އަޒޫއާ ރުޅިވީ. ޒެކް ރުޅިވި ދުވަހު އަޒޫވެސް ޒެކް ކައިރީ އެވަހާކަ ދެއްކި. މެރީ ވެސް ކުރާނަމޭ ކިޔައިގެން އެކުއްޖާއާއި އެއްކޮން އުޅުނީ. އެކަމަކު އެތަންތާ ކުރަނީ އެރޭންޖް މެރެޖްނު. އެހެންވެ އެކުއްޖާއަށް ޖެހުނީ އެރަށު އެހެން ކުއްޖަކާ މެރީ ކުރަން. ދެން އަޒޫ ވެސް އެކުއްޖާއާއި ދުރުވީ. ޒެކް ހުރީ ދެވަނަ ފަހަރަށް އަޒޫއާއި ރައްޓެހިނުވާން ވެގެން. އެކަމަކު އަޒޫ ވަރަށް ދެރަވެފަ ހުރީ ކުރެވުނު ކަންތަކާއި މެދު. ދެވަނަ ފުރުސަތެއް އަބަދުވެސް ދޭން ޖެހޭނެނު ދޯ.” ޒެކް ވާހަކަ ނިންމާލި އެވެ. އަދި މޫދާ ދިމާއަށް ބަލަން އިނެވެ. ފައުޒާން ވެސް މޫދަށް ބަލައިލި އެވެ. ފައުޒާން އިނީ އަޒްމާއާއި ޒެކް އަލުން ގުޅުމުން ވަރަށް އުފާވެފަ އެވެ.
“އެހެން ވީމަ ދެން އަންނާނީ އަޒޫ އެއްކޮން ނިމުނީމަ ދޯ. ދެން އޮތީ ތިން މަހެއްނު.” ފައުޒާން އަހާލި އެވެ. ޒެކް ބޯ ޖަހާލި އެވެ.
“އާން، ދެން އައިސްސަ މެރީ ކުރާނީ.” ޒެކް ބުންޏެވެ. ފައުޒާން ހީލި އެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް ވާހަކަ ފެށީ ޒެކް އެވެ.
“ޒާން، ބޭބީއަށް ކިޔަން ނަމެއް ހޯދަން ވީނު. ބޭބެ ބުނެފަ އޮތީ ޒެކް ކައިރީ ރީތި ނަމެއް ހޯދަން. އެ ހައްޤު އަސްލު އޮންނަން ޖެހޭނީ ޒާން އަކަށްނު.” ޒެކް ބުންޏެވެ. ފައުޒާން ޒެކްއަށް ބަލައިލި އެވެ. އެއީ އަދި ފައުޒާން ވިސްނާފައި ނުވާ ކަމެކެވެ.
“ކޮން އަކުރަކުން ފެށޭ ނަމެއް ކިޔަން ހަމަޖައްސާފަ އޮތީ؟” ފައުޒާން އަހާލި އެވެ.
“އެހެން ވަކި އަކުރެއް ނެތް. މާނަ ރަގަޅު ރީތި ނަމެއް.” ޒެކް ބުންޏެވެ. ފައުޒާން ވިސްނުމަކަށް ގެއްލިގެން އިނެވެ. “ޒާންގެ ހިތުގައި އެބައޮތް ނަމެއް. އެކަމަކު އެނަމުގެ މާނަ ހޯދާލާފަ ބުނާނަން.”
“އާން، އަދި ތިހާ އަވަސް ނުކުރިއަސް މައްސަލައެއް ނެތޭ. ނަން ކިޔަން ހަމަ ޖެހިފަ އޮތީ ހިބާވެސް އެއްކޮން ރަގަޅުވީމަ.” ޒެކް ބުންޏެވެ. އެރޭ ސީހައުސް ބަންދު ކުރަންދެން ދެމީހުން އެތާގައި ވާހަކައިގައި ތިއްބެވެ.
“ނަދޫ، އައި ހޭވް އަ ޕްލޭން.” މިންހާޖް ހުރީ ނަދޫގެ އުނަގަނޑުގައި އަތް އަޅުވާލައިގެނެވެ. ދެމީހުން ސިޑިމަތީގައި ތިބީ ވާހަކަ ދައްކާށެވެ. “ހިބާގެ ބައްޕަ ޖަމާލްއަކީ ވަރަށް ނުފޫޒް ގަދަ ވަރަށް ހަރުކަށި މީހެއް. ނަދޫ ކުރަން ޖެހޭނެ ކަމަކީ ޖަމާލުގެ އަހަރެން އުޅޭ ރިސޯރޓުން ވަޒީފާ ހޯދަންވީ. އެއީ ޖަމާލް އެންމެ ގިނައިން އަންނަ ރިސޯރޓް. ޖަމާލްމެންގެ ފެމިލީއަށް ވަކިން ވަރަށް ރީތި ކުޑަ ކޮޓެޖެއް ހަދާލާފަ ހުންނާނެ އެ ރިސޯޓުގަ. އެ ކޮޓެޖުގެ ކޮންމެސް މަގާމަކަށް ނަދޫ ކުރިމަތި ލާންވީ. ވީހާވެސް ބޮޑަކަށް ޖަމާލްއާއި ކައިރީގައި އުޅެވޭ ގޮތެއް ހަދަންވީ. އޭރުން ވަރަށް ވާހަކަ ޖަމާލް ކައިރީ ދެއްކޭނެނު.” މިންހާޖް ނަދުވާއާއި އަދިވެސް ގާތް ވެލި އެވެ.
“އެ ޖަމާލްއަކީ ހަމަ ތިހާ މުއްސަނދި މީހެއްތަ؟” އަދިވެސް ނަދުވާ ގަބޫލު ކުރަން ބޭނުންނުވަނީ އެވެ. “އެމީހުންގެ ކިތަށް ރިސޯރޓް އޮވޭ؟”
“އެމީހުންގެ ދެ ރިސޯރޓް އޮވޭ. ފަސް ފިހާރަ މާލޭގައި ހުރޭ. އަދި ނުވިތާކަށް ރެސްޓޯރެންޓެއް ވެސް ހުރޭ. އަދި ބޮޑު ދެ ގެއާއި ހުސް ބިމެއްވެސް އޮވޭ. އެއީ ގަނެފައި އޮތް ހުސް ބިމެއް. އަދި ހަމަ އޮތްގޮތަށް އޮތީ. އެތާގައި ހަދަނީ ފަސްތަރީގެ ހޮޓަލެކޭ ބުނާއަޑު އިވޭ. ދެން މިއުޅޭ ޒެކް މެންގެ. އެއީވެސް ދެން ޖަމާލްގެ ގެޔެކޯ.” މިންހާޖް ނަދުވާއަށް ޖަމާލްގެ މުއްސަނދި ކަމުގެ ވާހަކަ ދެއްކި ވަރަކަށް ހިބާއާއި މެދު އޮތް ހަސަދަ ވެރިކަން އިތުރުވަމުން ދިޔަ އެވެ.
“އެހެންވީމަ މިޖޭ ކޮން އިރަކުން ތިކަމާ އުޅޭނީ؟” ނަދުވާ މިންހާޖްގެ ކަނދުރާގައި އަތް ބާއްވާލަމުން އަހާލި އެވެ.
“މިފަހަރު ރިސޯޓަށް ގޮސް އެންމެ ކުރިންވެސް ތިކަމާ އުޅޭނީ. މަގޭ ނަދޫ ބުނާ ކަންތައް އަހަރެން ކޮށްދޭނީ އަހަރެންގެ އަމިއްލަ ކަމެއް ކުރާގޮތަށް.” މިންހާޖް އެހެން ބުނެ ނަދުވާގެ ތުންފަތަށް ބޮސް ދިނެވެ. ނަދުވާއަށް ލޯމަރާލެވުނެވެ. ނަދުވާގެ ކަންދުރާގައި މިންހާޖް ބޮސްދޭން ފެށިއެވެ. ޖަޒުބާތުތަށް ހޫނުވާން ފެށި އެވެ. ނަދުވާ ބޭނުންވީ މިންހާޖް ގޮވައިގެން ނަދުވާމެން ގެއަށް ވަންނާށެވެ. ނަމަވެސް ހަފީޒާ ވަނީ ނަދުވާގެ ތަޅުދަނޑިވެސް އަތުލާފަ އެވެ. މިހާރު ސިޑިމަތިވެސް އޮންނަނީ ހޮޅިބުރިން އަލިކޮށްލާފަ އެވެ. ސިޑިމަތީ އެކަހަލަ ފާހިޝް ކަންތައްކުރަން ނަދުވާ މިހާރު ޖެހިލުން ވެއެވެ.
“މިޖޭ، މިޖޭގެ ކޮޓަރިއަށް ހިންގާބަލަ.” އެންމެ ފަހުން ނަދުވާ ބުންޏެވެ. ނަދުވާއަށް ކެތްވާވަރެއް ނޫނެވެ. ނަދުވާ އެރޭ ބޭނުންވަނީ މިންހާޖާއި އެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
ދެމީހުން ބޭރަށް ނުކުމެވުނީ ފައުޒާންގެ ކުރިމައްޗަށެވެ. ނަދުވާ އެގަޑީގައި ބޭރަށް ދާތީ ފައުޒާން ނަދުވާ ހުއްޓުވަން ޖެހޭނެ ކަމަށް ފައުޒާންއަށް ގަބޫލު ކުރެވުނެވެ. އެއީ ކޮންމެހެން ފައުޒާންގެ ހިތުގައި ނަދުވާއަށްޓަކައި އެއްޗެއް އޮވެގެނެއް ނޫނެވެ.
“ނަދުވާ! ކޮންތާކަށް؟” ފައުޒާން ހަރުކަށި ރާގަކަށް ބުންޏެވެ.
“ނަދޫ ކޮންމެ ތާކަށް ދިޔަސް ޒާންއަށް ކީއް؟” ނަދުވާ ރުންކުރު ގޮތަކަށް ބުނެލި އެވެ. އޭރު ނަދުވާއާއި މިންހާޖް ވަނީ އަތް ގުޅާލައިގެނެވެ.
“ޒާން މެންގޭގަ އުޅޭތީ ޒާންއަށް ބުނެވޭނެ. ޒާންމެން ފެމިލީއާ ނަދޫ ހަވަލުކޮށްފަ ހުރީމަ ވެސް ބުނެވޭނެ.” ފައުޒާން ރުޅިއައިސްފައި ހުރެ ބުންޏެވެ.
“ބުނަންތަ ވާހަކައެއް. އަހަންނަކީ ކުޑަކުއްޖެއް ނޫން. ކަލޭމެނަކަށް އަހަރެން ބަންދުކޮށްގެނެއް ނުގެންގުޅެވޭނެ. އަހަރެން ދާނެ ތަނަކަށް އަހަރެން ދާނަން. އަދި އަހަރެން އުޅޭނެ ގޮތަކަށް އަހަރެން އުޅޭނީވެސް.” އެހެން ބުނަމުން މިންހާޖްއާއި އެކު ގޮސް މިންހާޖްގެ ސައިކަލު ފަހަތަށް އަރައިގެން ހިގައްޖެ އެވެ. ފައުޒާން ނަދުވާ ދިޔަދިމާލަށް ބަލަހައްޓައިގެން ހުރީ ނަދުވާ ކައިރިން ސަލާމަތް ވެވުނުކަން ނަސީބޭ ހިތަށްއަރާފަ އެވެ.
މާ ގިނަ ދުވަހެއް ނުވެ ނަދީމާމެން ވެސް އަތުވެއްޖެ އެވެ. ނަވާ މިހާރު ވަރަށް ބޮޑަށް ރަގަޅު ވެއްޖެ އެވެ. ދޭތެރެ ދޭތެރެއިން އަދިވެސް ދާން ޖެހެ އެވެ. އެއީ ބޯން މެރޯ ޓެސްޓް ހެދުމަށެވެ. ނަދީމާމެން އައުމުން ނަދުވާ އެގެއަށް ބަދަލުވީ އެވެ. ނަމަވެސް ޒޭބާ ބަދަލެއް ނުވެއެވެ. ހަފީޒާ ކައިރީ ޒޭބާ އާދޭސްކުރީ އެގޭގައި ޒޭބާ ބަހައްޓައި ދިނުމަށް އެދި އެވެ. އެހެންކަމުން ނަދީމާއާއި ވާހަކަ ދެއްކީ ހުދު ހަފީޒާ އެވެ. މިހާރު ފައުޒާންއަށް ވެސް ވަރަށް ފަސޭހަ އެވެ. ނަދުވާ ނުފެންނާތީ އެވެ. ހަފީޒާ ވެސް ހުންނަނީ ހިތްހަމަ ޖެހިލާފަ އެވެ.
ތިން މަސް ފަހުން އަޒްމާވެސް މާލެ އައިސްފި އެވެ. ދެން އޮތީ ގެއަށް ހަލަބޮލިކަން އައިސްފަ އެވެ. ނަމަވެސް ފިޒާ ފުރައިގެން ދާން ޖެހިއްޖެ އެވެ. ފިޒާވެސް ފިޒާގެ ފަހު އަހަރު ފުރިހަމަ ކުރަން ފެށީއެވެ.
އަޒްމާއަށް ކަންތައްތައް އިނގުމުން އަޒްމާ ވަރަށް ދެރަވި އެވެ. އަޒްމާ އައީ ސައިކޮލޮޖީ ކިޔަވައިގެން ކަމުން ނަދުވާގެ ހާލަތުވެސް އަޒްމާއަށް ވަރަށް ރަގަޅަށް ވިސްނެ އެވެ. އެހެން ކަމުން ނަދުވާއާއި ދިމާއަށް އެއްޗެއް ނުބުންޏެއް ކަމަކު އަޒްމާއަށް އެވާހަކަ ނުދައްކާ މަޑަކުންވެސް ނުހުރެވެ އެވެ. އެހެންކަމުން އެގޭ އެންމެނަށް މިހާރު ހިބާއާއި ފައުޒާންގެ ކަންތައް އިނގެ އެވެ. ފައުޒާންއަށް ޓަކައި އެންމެންގެ ހިތުގައި ވަނީ ހަމުދަރުދީ އުފެދިފަ އެވެ.
އެއީ އަޒްމާއާއި ޒެކްއާއި ކައިވެނީގެ ހަފްލާ އޮތް ދުވަހެވެ. އެދުވަހު އަޒްކާއާއި މާޒްގެ ކައިވެނިވެސް ކުރެވުނެވެ. ހުރިހާ އާއިލާ އެއްގެ މީހުން އައިސް މުޅި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމް އެއްކޮން އޮތީ ފުރިފަ އެވެ. ފައުޒާން ވެސް ގޮނޑިއެއްގައި އިށީދެލައިގެން އިނެވެ. ފައްވާޒްގެ އާއިލާއާއި ފިޒާއަށް މި ހަފްލާގައި ބައިވެރިއެއް ނުވެވުނެވެ.
ދޮރުން ވަދެގެން އައިސް ޒެކްމެން ކައިރީ މަޑުކޮށްލި މީހަކު ފެނުމުން އެންމެންގެ ލޯތަށް އެދިމާލަށް އަމާޒު ވިއެވެ. އަދި ފައުޒާންއަށް ވެސް އިންތަނުން ތެދުވެވުން އިރު ޒެކް ވެސް ހުރީ ހައިރާން ވެފަ އެވެ.
17 Comments!
Comments are closed.
Aharen mihaaru thivaahaka ehkoh kiyaifin v rythi numun
Site buneba shaai
Good
Asluves tha alhe site bunedhyba plx
Site plx plx shaai
“dhivehi vaahaka”
Ebunaahen Dhen site bunanan v nu foninuve shaai
reethi v
Site is dhivehi vaahaka. Dhen go to library. U all can see the rest
Can u Plx upload the link…
Avahah upload kurey very very very nice story
THISITAKUN NUFENUNU
v gina vaahaka huri..bt mivaahaka ey Neii.. Link share kohla dheeba..
library ah gosfa loabeega bayah dhaa iru fennaane.. Aasi kudy ge namuga innaany mi vaahak
Alhey dhen avahah anehbai neredhyba
Mi vaahaka reethi kamun mi vaahaka ah abadhu inthizaaru kureveny.. pls avahah upload kohdhy aasi
alhe salhikandho ey hibaa kanneyge varah salhi avaskondeyplx